YouVersion Logo
Search Icon

މައްތާ 27

27
އީސާގެފާނު ޕިލާތުސްގެ ކުރިމައްޗަށް ގެންދެވުން
1ހެނދުނު އިރުއެރުމުން ބޮޑުއިމާމާއި ބަނީއިސްރާއީލުގެ ބޮޑުން އީސާގެފާނު އަވަހާރަކޮށްލެއްވުމަށް ނިންމިއެވެ. 2ދެން އެބައިމީހުން އެކަލޭގެފާނު ބެންނެވިއެވެ. އަދި އެކަލޭގެފާނު ރޯމުގެ ގަވަރުނަރު ޕިލާތުސްގެ ކައިރިއަށް ގެންދެވިއެވެ.
ޔުދާސް އަމިއްލައަށް މަރުވުން
3އީސާގެފާނުގެ ޢަދުއްވުންނާއި އެކަލޭގެފާނު ޙަވާލު ކުރި ޔުދާސްއަށް އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް އެބައިމީހުން ރާވަމުން ގެންދިޔަތަން ފެނުނެވެ. އެ ހިނދު އޭނާ ކުރި ކަންތަކާއިމެދު އޭނާ ނުހަނު ދެރަވިއެވެ. ވީމާ އޭނާއަށް އެބައިމީހުން ދިން ތިރީސް ރިހި ލާރި ހިފައިގެން ގޮސް ބޮޑުއިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުންގެ އަތަށް ދިނުމަށް ޓަކައި އޭނާ ގޮސް ބުންޏެވެ. 4”⁠މަޢުސޫމު ކުށެއްނެތް އިންސާނަކަށް މަރުގެ އަދަބު ދިނުމުގައި އަހަރެން ފާފަވެރި ވެއްޖައީމު.⁠“ އިމާމުން ޖަވާބުގައި ބުންޏެވެ. ”⁠ތިޔައީ އަހަރެމެންނަކާ ބެހޭކަމެއް ނޫން. އެކަމާމެދު ކަލޭ ކުރާނެ ކަމެއް ކަލޭ ކުރޭ؟⁠“ 5ދެން ޔުދާސް އެ ފައިސާތައް ބައިތުލް މަޤްދިސްގެ ތެރެއަށް އުކާލިއެވެ. އެއަށް ފަހު އޭނާ ގޮސް އަމިއްލައަށް ދަންޖެހި މަރުވިއެވެ.
6ބޮޑުއިމާމުން އެ ފައިސާ ފޮތިތައް ނެގުމަށް ފަހު ބުންޏެވެ. ”⁠އަހަރެމެންގެ ޤާނޫނު ބުނާ ގޮތުން މި ފައިސާ ބައިތުލް މަޤްދިސްގެ ޚަޒާނާގެ ތެރޭގައި ހިމަނައިގެން ނުވާނެ. ސަބަބަކީ މި ފައިސާއަކީ މީހެއްގެ މަރު ގަތުމަށް ދެވިފައިވާ ފައިސާއެއް.⁠“ 7އެހެންވެ އެބައިމީހުން އެ ފައިސާއިން މުށިން ތަކެތި ހަދާ މީހެއްގެ ބިން ގަތުމަށް ނިންމިއެވެ. އެއީ ޖެރޫސަލަމުގައި ނިޔާވާ ބިދޭސީން ވަޅުލުމަށް ޓަކައި ސަހަރާއެއް ހެދުމަށެވެ. 8މިހާރު ވެސް މީސްތަކުން އެތަނަށް ލޭގެ މައިދާން އޭ ނަމަކަށް ކިޔަނީ އެހެން ވެގެންނެވެ. 9އެގޮތުން ނަބީ އިރްމިޔާ ވިދާޅުވި ވިދާޅުވުން އެފަދައިން ހިނގަދިޔައެވެ: ”⁠އެބައިމީހުން ތިރީސް ރިހި ލާރި އަތުލި. އެއީ ބަނީއިސްރާއީލުން އެކަލޭގެފާނުގެ އަގު ކަމުގައި ދުށް އަދަދޭ.#ޒަކަރިއްޔާ 11‏:12‏-13 10އެބައިމީހުން އެފައިސާ ޚަރަދު ކުރާނީ މުށިން ތަކެތި ހަދާ މީހެއްގެ ބިމެއް ގަތުމަށޭ. އެއީ މާތްރަސްކަލާނގެ އަހަރެންނަށް އަމުރުކުރެއްވާފައި ފަދައިންނޭ.⁠“#އިރުމިޔާ 19‏:1‏-13؛ 32‏:6‏-9
ޕިލާތުސް އީސާގެފާނާއި ސުވާލު ކުރެއްވުން
11ގަވަރުނަރު ޕިލާތުސްގެ ކުރިމަތީގައި އީސާގެފާނު ހުންނެވިއެވެ. އަދި ޕިލާތުސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠ކަލެއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނުތަ؟⁠“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިބާ ތި ބުނީ ރަނގަޅަށް⁠“ 12ބޮޑުއިމާމުންނާއި ބޮޑުން އެކަލޭގެފާނާއިމެދު ތުހުމަތު ކުރައްވަމުން ގެންދެވި ހިނދުގައި ވެސް އެކަލޭގެފާނު ބަސްފުޅެއް ވިދާޅުނުވެ ހަނުހިމޭނުން ހުންނެވިއެވެ.
13ދެން ޕިލާތުސް އީސާގެފާނަށް ބުންޏެވެ. ”⁠ކަލެއާއި މެދު ތަފާތު ތުހުމަތުތައް ކުރާ ކަމުގެ އަޑު ކަލެއަށް ނީވޭތަ؟⁠“
14ނަމަވެސް އީސާގެފާނު ޕިލާތުސްގެ ސުވާލަށް ޖަވާބު ދެއްވުމުގެ ގޮތުން އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ހަނު ހިމޭނުން ހުންނެވުމުން އެކަމާއިމެދު ޕިލާތުސް ވަރަށް ބޮޑަށް ޙައިރާންވިއެވެ.
ބަރައްބާސް ނޫނީ އީސާގެފާނު ތަ؟
15ފަހަނަޅާ ދިއުމުގެ ޢީދުގެ މުނާސަބާގައި އާދަކާދައިގެ މަތިން ކުށްވެރިންގެ ތެރެއިން މީސްތަކުން އެދޭ މީހަކު ރޯމުގެ ގަވަރުނަރު މިނިވަންކޮށްދެއެވެ. 16އެދުވަސްވަރު ޖަލުގައި ހައްޔަރު ކުރެވިފައިވާ ނުބައިކަމަށް މަޝްހޫރު މީހެއް ކަމުގައިވާ ބަރައްބާސް ކިޔާ މީހަކު ހުއްޓެއެވެ. 17މީސްތަކުން އެއްވުމުން ޕިލާތުސް އެމީހުން ކުރެން އެހިއެވެ. ”⁠މި ދެމީހުންގެ ތެރެއިން މިނިވަން ކުރުމަށް ކަލޭމެން އެދެނީ އަލްމަސީޙުގެ ނަމުގައިވާ އީސާގެފާނުތަ؟ ނޫނީ ބަރައްބާސްތަ؟⁠“ 18ބޮޑުއިމާމުން އީސާގެފާނު އޭނާއާއި ޙަވާލު ކުރި ސަބަބަކީ އެބައިމީހުން އެކަލޭގެފާނާއި މެދު ޙަސަދަވެރި ވާތީ ކަން ޕިލާތުސްއަށް ރަނގަޅަށް އެނގެއެވެ.
19ޕިލާތުސް ނިޔާ އިއްވާ ގޮނޑީގައި އިށީނދެގެން އިން ހިނދު އޭނާގެ އަންހެނުން އޭނާއަށް ނޯޓެއް ފޮނުވިއެވެ. ”⁠އެ ކުށެއް ނެތް މަޢުސޫމް އިންސާނާ އާއި މެދު އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާ. އެ އިންސާނާގެ ސަބަބުން އަހަރެންނަށް ވަނީ ރޭގައި ބިރުވެރި ހުވަފެނެއް ފެނިފައި.⁠“
20ނަމަވެސް ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެއްވެފައި ތިބި މީސްތަކުންގެ ބޮލަށް އެރި ބަރައްބާސް މިނިވަންކޮށް އީސާގެފާނަށް މަރުގެ ޙުކުމް ކުރުމަށް ބުނުވިއެވެ. 21އެ މީސްތަކުންގެ ގާތުގައި ގަވަރުނަރު އިތުރަށް އެހިއެވެ. ”⁠މި ދެމީހުންގެ ތެރެއިން މިނިވަންކުރުމަށް ކަލޭމެން އެދެނީ ކާކު؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠ބަރައްބާސް!⁠“
22ޕިލާތުސް އެމީހުން ކުރެން އެހިއެވެ. ”⁠އަލްމަސީޙާއޭ ކިޔާ އީސާއަށް އަހަރެން ހަދަންވީ ކިހިނެއްތަ؟⁠“ އެބައިމީހުން ޖަވާބު ދިނެވެ. ”⁠އޭނާ ސަލީބަށް އަރުވާ!⁠“
23ނަމަވެސް ޕިލާތުސް ބުންޏެވެ. ”⁠އޭނާގެ ކުށަކީ ކޮބާ؟⁠“ އެމީހުން އެއަށްވުރެވެސް ބާރަށް އަޑުގެކޮޅަށް ގޮވަމުން ދިޔައެވެ. ”⁠އޭނާ ސަލީބަށް އަރުވާ!⁠“
24އަދި އެއްވެފައި ތިބި މީސްތަކުންގެ ރުޅިވެރިކަން މަރާމާރީއަށް ބަދަލުވަމުންދާތަން ޕިލާތުސްއަށް ފެނުނު ހިނދު މިކަމުގައި އޭނާއަށް އިތުރަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަން އެނގުނެވެ. ވީމާ އޭނާ ފެން އަޅާފައިވާ ބޮޑު ބޯތައްޓެއް ގެނެސް މީސްތަކުންގެ ކުރިމަތީގައި ބަހައްޓާފައި އޭނާގެ ދެ އަތް ދޮވެ، މިފަދައިން ބުންޏެވެ. ”⁠މި އިންސާނާގެ މަރާއިމެދު އަހަރެން ޒިންމާއެއް ނުވާނަން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކަލޭމެން.⁠“
25ދެން އެ ހުރިހާ އެންމެން އެއްއަޑަކުން ޖަވާބު ދިނެވެ. ”⁠އަހަރެމެންނާއި އަދި އަހަރެމެންގެ ދަރިން އޭނާގެ މަރުގެ ޒިންމާ އުފުލާނަން!⁠“ 26ދެން އެބައިމީހުންނަށް ޓަކައި ބަރައްބާސް މިނިވަން ކުރިއެވެ. އަދި އީސާގެފާނުގެ ހަށިކޮޅުގައި ހަންމުށި އެޅުމަށް ފަހު ސަލީބަށް އެރުވުމަށް ޓަކައި ރޯމަނުންގެ ސިފައިންނާއި ޙަވާލު ކުރިއެވެ.
ސިފައިން އީސާގެފާނަށް މަލާމާތް ކުރުން
27އެއަށް ފަހު ސިފައިން އައިސް ގަވަރުނަރު ޕިލާތުސްގެ ގަނޑުވަރުގެ ތެރެއަށް އީސާގެފާނު ގެންދިޔައެވެ. އަދި އެ ހުރިހާ އެންމެން އެކަލޭގެފާނު ވަށައިލިއެވެ. 28އެބައިމީހުން އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅު ބާލުއްވައި ރަތްކުލައިގެ ރިދާކޮޅެއް ލެއްވިއެވެ. 29އަދި ކަށިފަޅާފައި ހުރި އޮފިގަނޑަކުން ތާޖެއް ހަދައި އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުއްވައި ކަނައަތްޕުޅަށް ދިގު ދަނޑި ބުރިއެއް ދެއްވާފައި ބެހެއްޓެވިއެވެ. ދެން އެބައިމީހުން އެކަލޭގެފާނަށް މަލާމާތުގެ ގޮތުން ކުރުނީސްކޮށް ގޮވަމުން ގެންދިޔައެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނު! މަރުޙަބާ!⁠“ 30އަދި އެކަލޭގެފާނުގެ ހަށިކޮޅަށް އެބައިމީހުން ކުޅުޖަހައި އެކަލޭގެފާނުގެ އަތްޕުޅަށް ދީފައިވާ ދިގު ދަނޑިބުރި ދަމައިގަނެ އޭގެން އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތެޅިއެވެ. 31ދެން އެމީހުން އެކަލޭގެފާނަށް މަލާމާތްކޮށް ނިމުމުން އެކަލޭގެފާނުގެ ހަށިކޮޅުގައި އެބައިމީހުން ލެއްވި ރިދާކޮޅު ބާލުއްވައި އެކަލޭގެފާނުގެ އަމިއްލަ ރިދާކޮޅު އަނެއްކާވެސް ލެއްވިއެވެ. އެއަށް ފަހު ސަލީބަށް އެރުވުމަށް ޓަކައި އެކަލޭގެފާނު ގެންދެވުނެވެ.
ސަލީބަށް އެރުވުން
32އެކަލޭގެފާނު ސަލީބަށް އެރުވުމަށް ޓަކައި ގެންދެވުނު މަގުމަތީގައި ޒައިރީން ރަށުގެ ޝަމްއޫނުއޭ ކިޔާމީހަކާ ދިމާވިއެވެ. ދެން ސިފައިން އޭނާއަށް މަޖްބޫރުކޮށްގެން އީސާގެފާނުގެ ސަލީބު އޭނާ ލައްވާ އުފުލިއެވެ.
33އެމީހުން އީސާގެފާނު ”⁠ގޮލުގޮތާއޭ⁠“ ކިޔުނު ތަނަށް ގެންދެވިއެވެ. (އެތަނަށް ކިޔާ އެނަމުގެ މާނައަކީ ”⁠ބޮލުގެ ނާށިގަނޑުގެ މަޤާމު⁠“ މިއެވެ.) 34އަދި ވަރަށް ހިތި އެއްޗަކާއި މޭބިސްކަދުރު ދިޔަ އާއި އެއްކޮށްފައި އެކަލޭގެފާނަށް ބޯން ދެއްވަން އުޅުނެވެ. ނަމަވެސް އެކަލޭގެފާނު އޭގެ ރަހަ ބެއްލެވުމަށް ފަހު އެ ބުއިމަށް އިންކާރު ކުރެއްވިއެވެ.
35ދެން އެ ސިފައިން އެކަލޭގެފާނު ސަލީބަށް އެރުވުމަށް ފަހު އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތުލައި ހެދިއެވެ. 36އެއަށް ފަހު އެބައިމީހުން އިށީނދެ އެތަނުގައި އެކަލޭގެފާނަށް ބަލަން ތިއްބެވެ. 37ސަލީބުގައި އެކަލޭގެފާނުގެ އިސްތަށިފުޅާއި ދިމާލު މަތީގައި އެކަލޭގެފާނު ތުހުމަތު ކުރައްވައި ލިޔުމެއް ބެހެއްޓިފައިވިއެވެ. އެ ލިޔުމުގައި މި ޢިބާރާތް ވެއެވެ. ”⁠މިއީ އީސާ، ބަނީއިސްރާއީލުންގެ ރަސްގެފާނޭ.⁠“ 38ދެ ކުށްވެރިން ވެސް އީސާގެފާނާއި އެކުގައި ސަލީބަށް އެރުވުނެވެ. އެ ދެމީހުން ވަނީ އެކަލޭގެފާނުގެ ދެފަރާތުގައެވެ. 39އެތަނުންދާ މީހުން ބޯހޫރުވަމުން އީސާގެފާނާ ދިމާއަށް ހަޑިހުތުރު ބަސްތައް ބުނަމުން ދިޔައެވެ. 40”⁠އަޅެ! ބައިތުލް މަޤްދިސް ހަލާކު ކޮށްލުމަށް ފަހު ތިން ދުވަހުގެ ތެރޭގައި އަލުން ޢިމާރާތް ކުރާނަމޭ ބުނެ މިކަލޭގެ ދައުވާކުރި! ކަލެއަށް އެކަން ކުރެވޭނެތަ؟ ކަލެއަކީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ ކަލޭގެ ނަފްސު ސަލާމަތްކޮށް ސަލީބުން ފައިބައިގެން އައިސްބަލަ!⁠“
41ބޮޑު އިމާމުންނާއި ބޮޑުންނާއި ދީނުގެ ދަންނަބޭކަލުން ވެސް އީސާގެފާނަށް ފުރައްސާރަކޮށް މަލާމާތް ކުރިއެވެ. އެބައިމީހުން ބުންޏެވެ. 42”⁠އޭނާ އެހެންމީހުން ސަލާމަތް ކޮށްދިން. އެހެނަސް އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ސަލާމަތެއް ނުކުރެވުނު. އޭނާއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމުގައި ވަނީނަމަ، އޭނާ ސަލީބުން ތިރިއަށް ފައިބާނެއެއްނު! އެއަށް ފަހު އަހަރެމެން އެކަން ގަބޫލު ކުރާނަން. 43އޭނާ އިތުބާރު ކުރަނީ މާތްރަސްކަލާނގެ ކިބަފުޅަށް. އެހެންވެއްޖިއްޔާ މާތްރަސްކަލާނގެ، އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އޭނާ ސަލާމަތް ކޮށްދެއްވާނެއެއްނު. އޭނާ ބުނި. ތިމަންމީ މާތްރަސްކަލާނގެ ދަރިކަލުންނޭ.⁠“ 44މިފަދައިން އީސާގެފާނާއެކު ސަލީބަށް އެރުވުނު ދެވަގުން ވެސް އެކަލޭގެފާނަށް މަލާމާތް ކުރަމުން ދިޔައެވެ.
އީސާގެފާނު އަވަހާރަވުން
45މެންދުރު ވަގުތުން ފެށިގެން މުޅި ރަށަށް އަނދިރިކަން ފެތުރި ގޮސް ތިނެއް ޖެހުމާއި ހަމައަށް އެގޮތުގައި ވިއެވެ. 46ގާތްގަނޑަކަށް ތިނެއް ޖެހި ތަނާ އީސާގެފާނު ގަދަ އަޑުފުޅަކުން ވިދާޅުވިއެވެ. ”⁠އެލީ، އެލީ، ލަމާ ޝަބަޤްތަނީ؟⁠“ (މި ބަހުގެ މާނައަކީ، މިއަޅުގެ ރަސްކަލާކޮ! މިއަޅުގެ ރަސްކަލާކޮ! އިނބަރަސްކަލާނގެ މިއަޅާ ދޫކޮށްލެއްވީ ކީއްވެ؟)#ޒަބޫރު 22‏:1
47އެތަނުގައި ތިބި ބައެއް މީހުންނަށް މިއަޑު އިވުމުން އެބައިމީހުން ބުންޏެވެ. ”⁠އޭނާ ގޮވަމުން އެ ގެންދަނީ އިލްޔާސްގެފާނަށް.⁠“ 48އެ ހިނދު އެތަނުން މީހަކު ދުވެފައި ގޮސް ހުތް މޭބިސްކަދުރު ދިޔައިން އިސްޕަންޖުގަނޑެއް ތެތްމައިގެން ދަނޑިއެއްގެ ކުރީގައި ލައިގެން އައިސް އެކަލޭގެފާނަށް ބޯން ދޭން އުޅުނެވެ. 49ނަމަވެސް އެއްވެތިބި މީހުން ބުންޏެވެ. ”⁠އޭނާ އެކަނި ދޫކޮށްލާ. އިލްޔާސްގެފާނު ވަޑައިގަންނަވާ އޭނާ ސަލާމަތް ކޮށްދެއްވާތަން ބަލަން ތިބެބަލަ!⁠“
50އެއަށް ފަހު އީސާގެފާނު ދެވަނަ ފަހަރު ވަރަށް ބާރަށް ހަޅޭއްފުޅުލައްވައިގެންފައި ފުރާނަފުޅު ދޫކޮށްލެއްވިއެވެ.
51އެވަގުތު ބައިތުލް މަޤްދިސްގެ އެތެރޭގައި ވާ މުޤައްދަސް ފަރުދާ މަތިން ފެށިގެން ތިރިއަށް ވީދި ދެފަޅިވެގެން ދިޔައެވެ. އަދި އެތަނަށް ބިންހެލުމެއްއައިސް ގާތައް ފަޅައިގެން ދިޔައެވެ. 52މަހާނަތައް ހުޅުވި ޞާލިހުންގެ ފުރާނައެޅި އެބައިމީހުން ތެދުވިއެވެ. 53އަދި އީސާގެފާނު އަލުން ދިރިވަޑައިގެންނެވުމުން މިމީހުން ސަހަރާ ދޫކޮށް މުޤައްދަސް ސަހަރު ކަމުގައިވާ ޖެރޫސަލަމަށް ގޮސް އެތަނުގައި އެތައް ބަޔަކަށް އެމީހުން ފެނިފައިވެއެވެ.
54ބިންހެލުން ކުރިމަތިވުމުން ރޯމުގެ އޮފިސަރާއި އަދި އީސާގެފާނު ސަލީބަށް އެރުއްވުމުގައި އުޅުނު ސިފައިން ބިރުގަތެވެ. މިހުރިހާ ކަމެއް ހިނގައި ދިޔުމަށް ފަހު އެބައިމީހުން ބުންޏެވެ. ”⁠ތެދެއް. މިއީ މާތްރަސްކަލާނގެ ދަރިކަލުން.⁠“
55ވަރަށް ގިނަ އަންހެނުން އީސާގެފާނާއެކު އެކަލޭގެފާނަށް އެހީތެރި ވުމަށް ޓަކައި ގަލީލީއިން އައެވެ. އެބައިމީހުން މި ހިނގާދިޔަ ކަންތައްތައް ބަލަން ތަންކޮޅެއް ދުރުގައި ތިއްބެވެ. 56އޭގެ ތެރޭގައި މަރިޔަމް މަގްދަލޭނާ އާއި، ޔާމިޒު އާއި ޔޫސުފުގެ މަންމަ މަރިޔަމް އާއި، އަދި ޔޫޙަންނާ އާއި ޔާމިޒުގެ މަންމަވެސް ހިމެނެއެވެ.
އީސާގެފާނު ފަސްދާނު ލެއްވުން
57‏-58އެދުވަހުގެ އިރު އޮއްސުމާއި ގާތްވެފައި ވަނިކޮށް އީސާގެފާނަށް ތަބާވާ އަރިމާތެއާގެ ޔޫސުފު ނަމަކަށް ކިޔާ މުއްސަނދި މީހަކު އެކަލޭގެފާނުގެ ހަށިކޮޅު ދެއްވުމަށް އެދި ޕިލާތުސްގެ ކައިރިއަށް ދިޔައެވެ. އަދި އެކަލޭގެފާނުގެ ހަށިކޮޅު ދިނުމަށް ޕިލާތުސް އަމުރު ދިނެވެ. 59ޔޫސުފު އެކަލޭގެފާނުގެ ހަށިކޮޅު ސަލީބުން ބާލުއްވައި ސާފު ލިނެން ފޮތިގަނޑަކުން ނިވާ ކުރެއްވިއެވެ. 60އެއަށް ފަހު އޭނާ އީސާގެފާނުގެ ހަށިކޮޅު ފަރުބަދަ ކަނޑައިގެން ހަދާފައިވާ އޭނާގެ އަމިއްލަ އާ މަގުބަރާގެ ތެރޭގައި ވެޑުވިއެވެ. ދެން އޭނާ އެ މަގުބަރާގެ ދޮރުމަތީގައި ބޮޑު ހިލައެއް ބާއްވާފައި ހިނގައްޖެއެވެ. 61މަރިޔަމް މަގްދަލޭނާ އާއި އަދި އެހެން މަރިޔަމްއަކާއި މި ދެ އަންހެނުން އެތަން ބަލަން ކައިރީގައި ތިއްބެވެ.
މަހާނައިގައި ފޯރިމެރުން
62ޖެހިގެން އައި ދުވަހަކީ ސަބަތުގެ ދުވަހެވެ. ބޮޑު އިމާމުންނާއި ފަރީސީން ޕިލާތުސް އާއި ބައްދަލު ކުރިއެވެ. 63އަދި އެބައިމީހުން ޕިލާތުސްއަށް ބުންޏެވެ. ”⁠ސާހިބާ، އެ ދޮގުވެރިޔާ މީގެ ކުރިން މިފަދައިން ބުނި އަޑު އަޅުގަނޑުމެން އެހީން. ’⁠ތިން ދުވަސް ފަހުން ތިމަން އަލުން ދިރިގެން ތެދުވާނަމޭ.⁠‘ 64އެހެންވީމާ އޭނާގެ މަހާނަ ފަރުވާތެރިކަމާއެކު ތިން ދުވަސް ވަންދެއް ބެލެހެއްޓުމަށް ފާރަވެރިންނަށް އަމުރު ކޮށްދެއްވާ. އޭރުން އޭނާގެ އަސްޙާބީންނަށް އޭނާގެ ހަށިގަނޑު ވަގަކަށް ނުނެގޭނެ. އަދި އޭނާ އަލުން ދިރިގެން އަތުވެއްޖެ ކަމުގައި މީސްތަކުންގެ ކައިރީގައި ބުނެ އެމީހުން ހަދާނެ ދޮގު އެންމެ ފުރަތަމަ އޭނާ ހެދި ދޮގަށް ވުރެ މާ ނުބައިވާނެ.⁠“
65ޕިލާތުސް އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ރަނގަޅު. ކަލޭމެން ސިފައިންނާއި އެކުގައި ގޮސް އެ މަހާނަ ކަލޭމެންނަށް ފެންނަ އެންމެ ރަނގަޅަކަށް ރައްކާތެރިކުރޭ.⁠“ 66ދެން އެބައިމީހުން އެ މަހާނަ މަތީގައި ހިލައެއް ޖައްސައި ސީލުކޮށް ވަރަށް ރަނގަޅަށް ރައްކާތެރި ކުރުމަށް ފަހު އެ މަހާނަ ބެލެހެއްޓުމަށް ފާރަވެރިން ލިއެވެ.

Currently Selected:

މައްތާ 27: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in