YouVersion Logo
Search Icon

މައްތާ 26

26
އީސާގެފާނު އަވަހާރަ ކޮށްލެއްވުމަށް ރޭވުން
1އީސާގެފާނު މި ހުރިހާ ތަކެއްޗެއް އުނގަންނަވައި ދެއްވައި ނިންމަވާ ލެއްވުމަށް ފަހު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. 2”⁠މާދަމާ ނޫން އަނެއް ދުވަހަކީ ފަހަނަޅައި ދިއުމުގެ ޢީދު ދުވަސްކަން#26‏:2 ފަހަނަޅައި ދިއުމުގެ ޢީދަކީ މޫސާގެފާނުގެ ދުވަސްވަރު އިސްރާއީލީން މިޞްރުގައި އަޅުވެތިވެފައި ތިއްބާ އެއަޅުވެތިކަމުން އެމީހުން މާތްރަސްކަލާނގެ ސަލާމަތްކޮށް ދެއްވި ކަމުގެ މުނާސަބާ ފާހަގަކުރާ ޢީދެވެ. މާތްރަސްކަލާނގެ މަލާއިކަތާ އެރަށުތެރޭން ވަޑައިގެންނެވި އިރު ލެއިން ފާހަގަ ޖެހިފައި ހުރި ގެތައް ފަހަނަޅައި ވަޑައިގަތެވެ. ތިޔަބައިމީހުން ދަންނާނެ. އެދުވަހަކީ އިންސާނާގެ ދަރިކަލުން ސަލީބަށް އެރުވުމަށް ޓަކައި އެކަލޭގެފާނުގެ އަދުއްވުންގެ އަތްމައްޗަށް ދޫކޮށްލެވޭނޭ ދުވަސް.⁠“
3އެ ހިނދު ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށް އެއްތަންވިއެވެ. 4އަދި ސިއްރިއްޔާތުގައި އީސާގެފާނު ހައްޔަރުކޮށް އަވަހާރަ ކޮށްލެވޭނޭ ގޮތަކާއި މެދު ރޭވިއެވެ. 5ނަމަވެސް އެބައިމީހުން ބުންޏެވެ. ”⁠މި ޢީދުގެ ތެރޭގައި އަހަރެމެން އެކަންތައް ކޮށްގެން ނުވާނެ. ނޫންނަމަ މީހުން އަރައިގަނެ ހައިޖާނު ހައްދަފާނެ.⁠“
ބެތާނިޔާގައި އީސާގެފާނުގެ ޖަނާޒާއަށް ހުވަނދު ލެއްވުން
6އީސާގެފާނު ބެތާނިޔާގައި ސިމްޢާނުގެ ގޭގައި ފަރިއްކުޅުއްވަން އިންނެވިއެވެ. އޭނާއަކީ މީގެ ކުރިން ޖުޒާމު ބަލި ޖެހިފައިވީ މީހެކެވެ. 7އެ ހިނދު ވަރަށް އަގުބޮޑު ކުރިކީލަ އަތަރު ފުޅިއެއް ހިފައިގެން އަންހެނަކު އައިސް އީސާގެފާނު ފަރިއްކުޅުއްވަމުން ގެންދެވި ހިނދު އެކަލޭގެފާނުގެ އިސްތަށިފުޅަށް އަތަރު އޮއްސިއެވެ.
8އެ އަންހެނާގެ އަމަލުތައް އެކަލޭގެފާނުގެ އަސްޙާބީންނަށް ފެނި އެކަނބުލޭގެ ދެކެ ރުޅިއައިސް މިފަދައިން ޝަކުވާ ކުރިއެވެ. ”⁠އެފަދަ އަގުބޮޑު އަތަރެއް މިފަދައިން އިސްރާފު ކުރަނީ ކީއްވެ؟ 9އަހަރެމެންނަށް މި އަތަރުފުޅި ނުހަނު އަގުބޮޑުކޮށް ވިއްކާލެވިދާނެ. އަދި އެ ފައިސާ ފަގީރުންނަށް ދެވިދާނެ.⁠“
10އީސާގެފާނު އެމީހުންގެ ވިސްނުން ދެނެވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠މި އަންހެނާގެ އަމަލުތަކާއި މެދު ތިޔަބައިމީހުން ކަންތައް ބޮޑުވާންވީ ކީއްވެ؟ އަހަރެންނަށް ޓަކައި އެކަނބުލޭގެ އެ ކުރީ ނުހަނު ރަނގަޅު އަދި އެހާމެ ހެޔޮ ކަމެއް. 11ތިޔަބައިމީހުންނާއި އެކުގައި އަބަދުވެސް ފަޤީރުން ވާނެ. ނަމަވެސް ތިޔަބައިމީހުންނާއި އެކުގައި އަބަދަކު އަހަރެންނެއް ނުހުންނާނެ. 12އެ ކަނބުލޭގެ އަހަރެންގެ ހަށިގަނޑަށް މި އަތަރު އޮއްސައި ދެނީ އަހަރެންގެ ޖަނާޒާއަށް އަހަރެން ތައްޔާރު ކުރުމަށްޓަކާއި. 13އަހަރެން މިބުނަނީ ތެދެއް. ދުނިޔޭގެ ކޮންމެ ތަނެއްގައި ހެޔޮޚަބަރުފުޅުން ވަޢުޡު އިއްވެމުން ދާހިނދު އެކަނބުލޭގެ އެކުރި ކަންތައްތަކުގެ ހަނދާން އާ ކުރެވެމުން ދާނެ.⁠“
ޔުދާސް އީސާގެފާނަށް ޚިޔާނާތްތެރި ވުމަށް އެއްބަސްވުން
14‏-15އީސާގެފާނުގެ ބާރަ އަސްޙާބީންގެ ތެރެއިން ޔުދާސް އިސްކަރިޔޮތު ބޮޑު އިމާމުންގެ ކައިރިއަށް ގޮސް ބުންޏެވެ. ”⁠އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި އަހަރެން ތިޔަބައިމީހުންނަށް އެހީތެރިވެދީފިނަމަ ތިޔަބައިމީހުން އަހަރެންނަށް ކިހާވަރަކަށް ފައިސާ ދޭނަން؟⁠“ އެބައިމީހުން ޔުދާސް އިސްކަރިއޮތަށް ތިރީސް ރިހި ލާރި ދިނެވެ. 16އެއަށް ފަހު އީސާގެފާނަށް ޚިޔާނާތްތެރިވެ، އެކަލޭގެފާނު ހައްޔަރުކުރުވޭނެ ރަނގަޅު ފުރުސަތަކަށް އޭނާ ބަލަމުން ގެންދިޔައެވެ.
އީސާގެފާނު ފަހަނަޅައި ދިއުމުގެ ޢީދުގެ ޖާފަތުގައި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ފަރިއްކުޅުއްވުން
17ކަމީރުނުލާ ބޯރޮށީގެ ޢީދުގެ#26‏:17 އީސާގެފާނުގެ ޒަމާނުގައި ”⁠ފަހަނަޅައި ދިއުމުގެ ޢީދަށް⁠“ މި ނަން ވެސް ކިޔައެވެ. ފުރަތަމަ ދުވަހު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން އަޅުގަނޑުމެން ތައްޔާރު ކުރުމަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީ ކޮންތަނެއްގައި ތޯ؟⁠“
18އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ސަހަރުގެ ތެރެއަށް ވަދެގެން ދާހިނދު، ތިޔަބައިމީހުންނާއި މީހަކު ދިމާވާނެ. އެމީހާއަށް ބުނޭ. ’⁠އެދުރުކަލޭގެފާނު ވިދާޅުވިއޭ. އެކަލޭގެފާނުގެ ވަގުތު މިވަނީ އައިސްފައޭ. އަދި ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ތިމަންކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ތިބާގެ ގޭގައި ކާން ބޭނުމޭ.⁠‘⁠“ 19އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނު ވިދާޅުވި ފަދައިން އަމަލު ކުރިއެވެ. އަދި ފަހަނަޅައި ދިއުމުގެ ޢީދުގެ ފަރިއްކޮޅުގެ ކަންތައް އެގޭގައި އިންތިޒާމު ކުރިއެވެ.
20އިރުއޮއްސި ދިޔަ ހިނދު އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކުގައި މޭޒު ދޮށުގައި އިށީނދެ ވަޑައިގަތެވެ. 21އެބައިމީހުން ކާންފެށި ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ ތެރެއިން އެކަކު އަހަރެންނަށް ޚިޔާނާތްތެރިވާނެ.⁠“
22އެބޭކަލުން ނުހަނު ދެރަވެ އަދި ކޮންމެ ބޭކަލަކު ވެސް އީސާގެފާނަށް ދަންނަވަމުން ގެންދިޔައެވެ. ”⁠މާތްސާހިބާ، ހަމަ ޔަޤީނުން ވެސް އަޅުގަނޑަކީ ކަލޭގެފާނާއި ދެކޮޅުވެރި ވާނޭ މީހެއްމެ ނޫން.⁠“
23އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މި ހިނދު އަހަރެންނާއި އެކުގައި މި ކޭން ކެއުމަށް ބޯތަށީގެ ތެރެއަށް އަތްކޮއްޕި ތިޔަބައިމީހުންގެ ތެރެއިން މީހަކު އަހަރެންނަށް ޚިޔާނާތްތެރިވާނެ. 24މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވާ ފަދައިން އިންސާނާގެ ދަރިކަލުން އަވަހާރަވާނެ. ނަމަވެސް އަހަރެންނަށް ޚިޔާނާތްތެރި ވާނެ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! އެފަދަ މީހަކަށް އޭނާ ދުނިޔެއަށް އުފަން ނުވިނަމަ މާ ރަނގަޅުވީސް.⁠“
25އީސާގެފާނަށް ޚިޔާނާތްތެރިވާނެ ފަރާތް ކަމުގައިވާ ޔުދާސް ވެސް އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. އެއީ އަޅުގަނޑު ތޯ؟⁠“
އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ތިބާ ތިޔަ ބުނީ ރަނގަޅަށް.⁠“
މާތް ސާހިބާ އާއި އެއްބައިވަންތަ ވުމުގެ ފަރިއްކޮޅު
26އެބައިމީހުން ކާން ތިބި ހިނދު އީސާގެފާނު ބޯރޮއްޓެއް ނަންގަވައި، އެ ރޮއްޓަށް މާތްރަސްކަލާނގެ ބަރަކާތް ލެއްވުމަށް އެދި ދަންނަވައި އެ ރޮށި ފަޅިކޮށްލެއްވިއެވެ. އަދި އެކަލޭގެފާނު ނެންގެވި ބޯރޮށި އެތި ކޮޅުކޮޅަށް ބައިކުރައްވައި މިފަދައިން ވިދާޅުވެ އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވިއެވެ. ”⁠މި ރޮށިކޮޅު ނަގައި ކާލާ. މިއީ އަހަރެންގެ ހަށިގަނޑު.⁠“
27އެއަށް ފަހު އެކަލޭގެފާނު މޭބިސްކަދުރުގެ ދިޔަ ތައްޓެއް ނަންގަވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވައި މިފަދައިން ވިދާޅުވެ އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވިއެވެ. ”⁠ތިޔަ ބޭކަލުންގެ ތެރެއިން ކޮންމެ ބޭކަލަކު ވެސް މި ތަށިން ދިޔަ ފޮދެއް ބޯލާ. 28މިއީ، އަހަރެންގެ ލޭ. އެހެނީ މި ލެއަކީ އެ ލެއަކުން އެތައް ބަޔެއްގެ ފާފަ ޢަފޫކުރެވުމަށްޓަކައި އޮހޮރިގެން ދާނެ އަހަރެންގެ ލޭ. އަދި މީސްތަކުންނާއި މާތްރަސްކަލާނގެއާއި ދެމެދުގައި ގާއިމު ކުރެވޭނޭ އާ ޢަހުދުނާމާ. 29އަހަރެން ބުނަން. މި މޭބިސްކަދުރުގެ ދިޔަ އަހަރެންގެ ބައްޕާފުޅުގެ ރަސްކަންފުޅުގައި ތިޔަބައިމީހުންނާ އެކު ބުއިމުގެ ކުރިޔަކުން ދެނެއް ނުބޯނަން.⁠“
30ދެން އެބޭކަލުން ހަމްދާ ސަނާގެ ލަވައެއް ކިޔުމަށް ފަހު ޒައިތޫނި ފަރުބަދަ މައްޗަށް ދިޔައެވެ.
31އެވަގުތު އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠މި ރޭ ނިމުމުގެ ކުރިން އަހަރެންނާ ހެދި ތިޔަ އެންމެން ވިއްސިވިހާލިވެގެން ދާނެ. އެހެނީ މާތްވެގެންވާ ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ’⁠ތިމަންކަލާނގެ ހުއިހައްޕާމީހާ ޤަތުލު ކުރާނަމޭ. އަދި ކަންބަޅިތައް އެތަންމިތަނަށް ފަތުރާލާނަމޭ.⁠‘#ޒަކަރިއްޔާ 13‏:7
32ނަމަވެސް އަހަރެން މަރުވުމަށް ފަހު ދިރުއްވުމުން ތިޔަބައިމީހުންގެ ކުރިން ގަލީލީއަށް ގޮސް އެރަށުގައި ތިޔަބައިމީހުންނާއި ބައްދަލު ކުރާނަން.⁠“
33އެ ހިނދު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠އެންމެން ސާހިބާ ދޫކުރައްވައި ދިޔަކަމުގައި ވިޔަސް އަޅުގަނޑު ސާހިބާ ދޫކޮށް ނުދާން.⁠“
34އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. މިރޭ ފަތިހު ހާ ގޮވުމުގެ ކުރީން އަހަރެންނަކީ ތިބާ ދަންނަ ވެސް މީހެއް ނޫންކަމުގައި ތިން ފަހަރު ތިބާ ބުނާނެ.⁠“ 35ޕަތަރަސް ދެންނެވިއެވެ. ”⁠ނޫން މާތްސާހިބާ، ކަލޭގެފާނާއިއެކުގައި ނިމި ދިޔަ ކަމުގައި ވިއަސް އަޅުގަނޑު ކަލޭގެފާނު ނުދަންނަ ކަމުގައި ނުބުނާނަން!⁠“ އަދި އެހެނިހެން އަސްޙާބީން ވެސް އެ ގޮތަށް ބުނެ ހުވާ ކުރިއެވެ.
ގަތުސެމާނޭގައި އީސާގެފާނު ދުޢާ ކުރެއްވުން
36އެއަށް ފަހު އީސާގެފާނު އަސްޙާބީންނާއި އެކުގައި ގަތުސެމާނެއޭ ކިޔުނު ތަނަށް ވަޑައިގަތެވެ. އެތަނުގައި އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އަހަރެން މިތަނުގެ މައްޗަށް އަރާ ދުޢާ ކުރުމަށް ފަހު އެނބުރި އަންނަންދެން މިތަނުގައި އިށީނދޭ.⁠“ 37އެކަލޭގެފާނާއި އެކުގައި ޕަތަރަސްއާއި ޒަބަދީގެ ދެދަރިން ކަމުގައިވާ ޔަމީޒާއި އަދި ޔޫޙަންނާ ގެންދެވިއެވެ. އެކަލޭގެފާނު ހިތާމަ އާއި ހިތްދަތި ކަމުގައި ވިއެވެ. 38ދެން އެކަލޭގެފާނުގެ އަރިހުގައި ތިބި އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ހިތުގައިވާ ފުން ހިތާމަތައް އަހަރެން މަރުވުމެކޭ އެއްފަދަ ކުރުވާ. ތިޔަބައިމީހުން މިތަނުގައި އަހަންނާއެކު ހޭލާ ތިބޭ.⁠“
39އެކަލޭގެފާނު ތަންކޮޅެއް ދުރަށް ވަޑައިގަންނަވާ އެކަލޭގެފާނުގެ މޫނުފުޅު ބިންމަތީގައި ޖައްސަވާ ދުޢާ ކުރެއްވިއެވެ. ”⁠ބައްޕާފުޅާ! ބައްޕާފުޅު އެދިވޮޑިގެންވާ ކަމެއް ކަމުގައި ވަނީނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން ނަންގަވާ. ނަމަވެސް އަޅުގަނޑު އެދޭ ފަދަޔަކުން ނޫން. އެހެނަސް ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން.⁠“
40އެއަށް ފަހު އެކަލޭގެފާނު އެ ތިން އަސްޙާބީންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވި ހިނދު އެބޭކަލުންނަށް ވަނީ ނިދިފައެވެ. އަދި އެކަލޭގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް އެއްގަޑިއިރު ވެސް ހޭލާ ނުތިބެވޭ ތަ؟ 41ހޭލާ ތިބޭ! އަދި ވަސްވާސްތަކުގެ ތެރެއަށް ވެއްޓިގެންދިޔަ ނުދިނުމަށްޓަކައި ދުޢާކުރޭ. ތިޔަބައިމީހުންގެ ރޫޙު އެދެނީ ހެޔޮ އަމަލުތައް ކުރުމަށް. ނަމަވެސް ޖިސްމާނީ ގޮތުން ތިޔަބައިމީހުން ވަނީ ބަލިކަށިވެގެން.⁠“
42އީސާގެފާނު ދެވަނަ ފަހަރު ވެސް ވަޑައިގެން ދުޢާ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ބައްޕާފުޅާ! އިތުރު އެހެން ގޮތެއް މިކަމުގައި ނުވާނަމަ، އަޅުގަނޑު ވޭނުގައިވާން ޖެހޭނަމަ، އަޅުގަނޑު ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރާނަން.⁠“
43އެއަށް ފަހު އީސާގެފާނު އެނބުރި ވަޑައިގެންނެވީ އެކަލޭގެފާނުގެ އަސްޙާބީންގެ ކައިރިއަށެވެ. އަދި މިފަހަރު ވެސް އެބޭކަލުންނަށް ވަނީ ނިދިފައެވެ. އެބޭކަލުންގެ ލޯތައް ހުޅުވައިގެން ތިބުމަށް އެބޭކަލުންނަށް ކުޅަދާނަ ވެގެން ނުވިއެވެ. 44ދެން އީސާގެފާނު ތިންވަނަ ފަހަރަށް ދުޢާކުރެއްވުމަށް ވަޑައިގަތެވެ. އަދި ކުރީފަހަރުތަކުގައި ކުރެއްވި ދުޢާ އެކަލޭގެފާނު ތަކުރާރު ކުރެއްވިއެވެ.
45އެއަށް ފަހު އީސާގެފާނު އަސްޙާބީންގެ ކައިރިއަށް ވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠އަދިވެސް އަރާމުގައި ނިދަނީތަ؟ އިންސާނާގެ ދަރިކަލުން ފާފަވެރިންގެ އަތްމައްޗަށް ދޫކޮށްލެވޭނޭ ވަގުތު މިވަނީ ޖެހިފަ. 46ތެދުވެގެން ދަމާ ހިނގާ! އަހަރެންނަށް ޚިޔާނާތްތެރިވި ފަރާތް މިހާރު އެބަ އާދޭ.⁠“
އީސާގެފާނު ހައްޔަރު ކުރެއްވުން
47އީސާގެފާނު އެބޭކަލުންނާއި ވާހަކަ ދައްކަވަން ހުންނަވަނިކޮށް އެކަލޭގެފާނުގެ ބާރަ އަސްޙާބީންގެ ތެރޭގައި ހިމެނިގެންވާ ޔުދާސް އެކަލޭގެފާނަށް ޚިޔާނާތްތެރިވެ، އަދި ކަނޑިއާއި މުގުރުބުރި ފަދަ ތަކެތި ހިފައިގެން ތިބި ގިނަ ބަޔަކާއި އެކު އެތަނަށް އައެވެ. މިބައިމީހުން އެތަނަށް ފޮނުވީ ބޮޑުއިމާމުންނާއި މީސްތަކުންގެ މައްޗަށް ވެރިކަން ހިންގަމުން ދިޔަ ބަނީއިސްރާއީލުންގެ ބޮޑުންނެވެ. 48މި ޚިޔާނާތްތެރިޔާ، ޔުދާސް، އެމީހުންނަށް އަންގައިދީފައި ވަނީ މި އިޝާރާތުންނެވެ. ”⁠އަހަރެން ގޮސް ބޮސް ދޭނީ ތިޔަބައިމީހުން ބޭނުންވެފައިވާ މީހާއަށް. އޭނާ ހައްޔަރު ކުރޭ.⁠“ 49ޔުދާސް ސީދާ ހިނގާފައި އީސާގެފާނާއި ދިމާލަށް އައިސް ދެންނެވިއެވެ. ”⁠ސަލާމު! އެދުރުކަލޭގެފާނު!⁠“ އޭނާ މިފަދައިން ބުނެ އެކަލޭގެފާނަށް ބޮސް ދެއްވިއެވެ.
50އީސާގެފާނު ޔުދާސްއަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ރަޙުމަތްތެރިޔާ. ތިބާ ކުރަން އައި ކަންތަކާއިގެން ކުރިއަށްދޭ.⁠“ ދެން އެމީހުން އީސާގެފާނުގެ ހަށިކޮޅުގައި ހިފައި ދަމައިގަނެ އެކަލޭގެފާނު ހައްޔަރު ކުރެއްވިއެވެ.
51ކުއްލިއަކަށް އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ބޭކަލަކު ކަނޑި ދަމައިގަނެ އުއްތަމަ އިމާމުގެ ނޯކަރުންގެ ތެރެއިން މީހެއްގެ ކަންފަތް ކަނޑާލިއެވެ. 52ނަމަވެސް އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ތިޔަ ކަނޑި ދުރައްލާ! ކަނޑީގެ ބޭނުންކުރާ މީހުން ކަނޑިން ގަތުލުވާނެ. 53އަހަރެންގެ ބައްޕާފުޅަށް އަހަރެން އެދި ދަންނަވައިފިނަމަ މަލާއިކަތުންގެ ބާރަ ލަޝްކަރު އަހަރެންނަށް ދެއްވާނެކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވޭނެ. 54އެކަމަކު އެގޮތަށް ކަންތައް ހިނގައިފިނަމަ ބާވައިލެއްވި ފަތްފުށްތަކުގައި ލިޔެވިފައިވާ ބަސްފުޅުތައް ފުރިހަމަ ވާނީ ކިހިނެއް؟ އެބަސްފުޅުތައް ފުރިހަމަވާން ޖެހޭނެ.⁠“
55އެއަށް ފަހު އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟ ބައިތުލް މަޤްދިސްގެތެރޭގައި އަހަރެން ވީހިނދު ތިޔަބައިމީހުން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ އެތަނުގައި ކޮންމެ ދުވަހަކު އަހަރެން އުނގަންނައިދެމުން ގެންދިޔައީމު. 56ނަމަވެސް މިކަންތައްތައް ފުރިހަމަވެ، ހިނގައި މިދިޔައީ ބާވައިލެއްވި ފަތްފުށްތަކުގައި ނަބީބޭކަލުން ބަޔާން ކުރައްވާފައިވާ ފަދައިން.⁠“ އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނު ދޫކޮށްލެއްވުމަށް ފަހު ދުވެ ފިލިއެވެ.
އީސާގެފާނު އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށް ގެންދެވުން
57އެއަށް ފަހު އީސާގެފާނު ހައްޔަރުކުރި މީހުން އެކަލޭގެފާނު ގެންދެވީ އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށެވެ. ދީނުގެ ދަންނަބޭކަލުންނާއި އަދި ބަނީއިސްރާއީލުގެ ބޮޑުން އެ ގަނޑުވަރަށް އެއްވެ ތިއްބެވެ. 58ޕަތަރަސް ދުރުދުރުން އީސާގެފާނުގެ ފަސްފަހަތުން ދިޔައެވެ. އަދި އުއްތަމަ އިމާމުގެ ގަނޑުވަރުގެ ގޯތި ތެރެއަށް ވަނެވެ. އޭނާ އެގަނޑުވަރުގެ ތެރެއަށް ވަދެ ފާރަވެރިންގެ ތެރޭގައި އިށީނެވެ. އަދި އީސާގެފާނާއި މެދު ކަންތައްތައް ހިނގައިދާ ގޮތް ބަލަން އެތަނުގައި އިނެވެ.
59އެތަނުގެ އެތެރޭގައި ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ދީނީ ކޯޓުގެ އެންމެހައި ވެރިން ބޭނުންވީ އީސާގެފާނު އަވަހާރަކޮށްލެއްވުމަށެވެ. ވީމާ އެކަލޭގޭފާނާއި ބެހޭގޮތުން ދޮގު ތުހުމަތު ކުރާނޭ ބަޔަކަށް އެބައިމީހުން ބަލަމުން ގެންދިޔައެވެ. 60އެތައް ބަޔަކު އެކަލޭގެފާނާއި ދެކޮޅަށް ދޮގު ދައުވާ ކުރުމަށް ހިތުލައިގެން އައި ކަމުގައި ވިޔަސް އެމީހުންނަށް އެކަން ކުރާނޭ އެކަކު ވެސް ނުލިބުނެވެ. އެންމެފަހުން ދެމީހަކު އައިސް ބުންޏެވެ. 61”⁠މި މީހާ ބުނީ ’⁠ބައިތުލް މަޤްދިސް ތަޅާލައި ބިމާ ހަމަކޮށްލުމަށް ފަހު ތިން ދުވަސް ތެރޭގައި ތިމަންނަ ބިނާކޮށްފާނަމޭ.⁠‘⁠“
62ދެން އުއްތަމަ އިމާމު ތެދުވެ އީސާގެފާނުގެ އަރިހުން އެއްސެވިއެވެ. ”⁠ކަލެއާއި ދެކޮޅަށް އެބައިމީހުން އުފުލަމުން ދާ ތުހުމަތާއިމެދު ކަލޭ ދޭނޭ ޖަވާބެއް ނެތްތަ؟⁠“ 63ނަމަވެސް އީސާގެފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަނެއްކާވެސް އުއްތަމަ އިމާމު އީސާގެފާނަށް ބުންޏެވެ. ”⁠ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެ ބާރުފުޅުން އަހަރެން ކަލެއަށް އަމުރުކުރަން: ކަލެއަކީ އަލްމަސީޙު، މާތްރަސްކަލާނގެ ދަރިކަލުން ކަމުގައިވާނަމަ އެކަން އަހަރެމެންނަށް ބުނެދީ!⁠“
64އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިބާ ތިޔަބުނީ ހަމަ ރަނގަޅަށް! އަދި އަހަރެން ތިޔަ ހުރިހާ އެންމެންނަށް ބުނަން. މިއަށް ފަހު އިންސާނާގެ ދަރިކަލުން ކުޅަދުންވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެގެން އިންނަ ތަން ތިޔަބައިމީހުންނަށް ފެންނާނެ. އަދި ވިލާގަނޑެއްގެ ތެރެއިން އުޑުން އެނބުރި އަންނަތަން ވެސް ފެންނާނެ.⁠“
65އުއްތަމަ އިމާމު އޭނާގެ އަމިއްލަ ރިދާ އިރައިލުމަށް ފަހު ބުންޏެވެ. ”⁠އޭނާ ބުނަމުން އެ ދަނީ ކުފުރުގެ ބަސްތައް! މިކަމުގައި އިތުރު ހެއްކެއް އަހަރެމެން ބޭނުމެއް ނުވޭ. އޭނާ ބުނި އެއްޗެއްގެ އަޑު ތިޔަބައިމީހުންނަށް ވެސް އިވިއްޖެއެއްނު. 66ތިޔަބައިމީހުންގެ ނިންމުމަކީ ކޮބާ؟⁠“
އެމީހުން ބުންޏެވެ. ”⁠އޭނާއަށް މަރުގެ ޙުކުމް ކުރަން ޖެހޭނެ.⁠“
67އެއާއެކު އީސާގެފާނުގެ މޫނުފުޅަށް އެމީހުން ކުޅު ޖެހިއެވެ. އަދި ގޮށްމުށުން އެކަލޭގެފާނުގެ ހަށިކޮޅުގައި ތެޅިއެވެ. އަދި އަނެއްބަޔަކު އެކަލޭގެފާނުގެ ކަންކަށިފުޅުގައި ތެޅިއެވެ. 68ބައެއްމީހުން އެކަލޭގެފާނަށް އަނިޔާކުރަމުން ގޮވަމުން ގެންދިޔައެވެ.#26‏:68 ބައެއްމީހުން އެކަލޭގެފާނަށް އަނިޔާކުރަމުން ގޮވަމުން ގެންދިޔައެވެ. އޭރު އެމީހުން ވަނީ އީސާގެފާނު ކަނުބަނދެފައެވެ. ”⁠ކަލެއަށް ހީވަނީ އަލްމަސީޙަކީ ކަލޭ ކަމަށްތަ! ކަލެއަކީ އަލްމަސީޙު ކަމާއި ނަބީބޭކަލެއްކަން އަހަރެމެންނަށް ސާބިތު ކޮށްދީބަލަ! ކަލޭގެ ގައިގައި ޖެހި މީހެއް އަހަރެމެންނަށް ނިކަން ބުނެދީބަލަ!⁠“
ޕަތަރަސް އީސާގެފާނު ނުދަންނަކަމަށް ބުނުން
69އެ ހިނދު އެ ގޯތިތެރޭގައި ޕަތަރަސް އިށީނދެގެން އިންދާ ނޯކަރު އަންހެން ކުއްޖަކު އޭނާގެ ކައިރިއަށް އައިސް މިހެން ބުންޏެވެ. ”⁠ކަލެއަކީ ވެސް އެ ގަލީލީގެ އީސާގެފާނާއި އެކުގައިވާ މީހެއް.⁠“
70ނަމަވެސް އެތަނުގައި ތިބި ހުރިހާ އެންމެންގެ ކުރިމަތީގައި ޕަތަރަސް ބުންޏެވެ. ”⁠ކަލޭ ތިޔަ ދައްކާ ވާހަކައެއް އަހަރެންނަކަށް ނޭނގޭ.⁠“
71އެއަށް ފަހު ޕަތަރަސް މައިދޮރާށި ކައިރީގައި ހުއްޓާ ނޯކަރު އަންހެންކުއްޖަކަށް އޭނާ ފާހަގަ ކުރެވިގެން އައިސް އެތަނުގައި ތިބި މީހުންގެ ކައިރީގައި ބުންޏެވެ. ”⁠މި މީހާ އަކީ ނާޒަރަތުގެ އީސާގެފާނާއި އެކު އުޅުނު މީހެއް.⁠“
72މިފަހަރު ވެސް ޕަތަރަސް އެކަމަށް އިންކާރު ކުރިއެވެ. އޭނާ ހުވައިކޮށް ބުންޏެވެ. ”⁠އަހަރެން ހުވައިކޮށްފައި ބުނަން ތިޔަބުނާ އީސާގެފާނެއް އަހަރެން ނުދަންނަން!⁠“
73އޭގެ ކުޑަހިނދުކޮޅެއްގެ ފަހުން އެތަނުގައި ތިބި މީހުންގެ ތެރެއިން މީހަކު އޭނާގެ ކައިރިއަށް އައިސް ބުންޏެވެ. ”⁠ކަލެއަކީ ހަމަ ޔަޤީނުން ވެސް އެމީހުންގެ ތެރެއިން ހިމެނޭ މީހެއް. އެހެނީ ކަލޭ ވާހަކަ ދައްކަނީ ގަލީލީ މީހުންގެ ބަހުރުވައިން.⁠“
74ޕަތަރަސް ބުންޏެވެ. ”⁠އަހަރެން ހުވާ ކޮށްފައި ބުނަން މިއީ ޙައްޤު ތެދު! އަހަރެންނަކީ އޭނާ އާއި އެކުގައިވި މީހެއް ކަމުގައިވާނަމަ މާތްރަސްކަލާނގެ އަހަރެންނަށް ކޯފާ ލައްވާފާށި! ތިޔަބުނާ މީހަކު އަހަރެން ނުދަންނަން!⁠“ އެ ހިނދު ކުއްލިއަކަށް ހާލެއްގެ ގޮވާލުމުގެ އަޑު އިވިގެން ދިޔައެވެ. 75ކުއްލިއަކަށް އީސާގެފާނު މިފަދައިން ވިދާޅުވި ބަސްފުޅު ޕަތަރަސް ހަނދާންވިއެވެ. ”⁠ހާ ގޮވުމުގެ ކުރީން އަހަރެންނަކީ ދަންނަ ވެސް މީހެއް ނޫންކަމުގައި ތިން ފަހަރު ތިބާ ބުނާނެ.⁠“ ޕަތަރަސް އެތަނުން ބޭރަށް ގޮސް ނުހަނު އަސަރާއިއެކު ކަރުނަ އަޅާ ރުއިއެވެ.

Currently Selected:

މައްތާ 26: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in