YouVersion Logo
Search Icon

މައްތާ 20

20
މޭބިސްކަދުރު ދަނޑުގެ މަސައްކަތްތެރިންގެ މާނަފުން ވާހަކަފުޅު
1”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ މި ބިންވެރިޔާގެ މިސާލު ފަދައިން. މިމީހާ ހެނދުނު ހެނދުނާ ނިކުމެ އޭނާގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުވުމަށް ޓަކައި މަސައްކަތްތެރިން ހޯދުމަށް ދިޔަ. 2ބިމުގެ ވެރިޔާ އެ މަސައްކަތްތެރިންނަށް ދުވަހުގެ އުޖޫރައަށް ދީނާރެއް#20‏:2 ދީނާރަކީ ދުވަހު އުޖޫރައަށް ދޭ މުސާރައެވެ. ދިނުމަށް އެއްބަސްވި. އެއަށް ފަހު އޭނާގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުމަށް މަސައްކަތްތެރިން ފޮނުވި. 3ގާތްގަނޑަކަށް ނުވައެއް ޖެހި އިރު އޭނާ މާރުކޭޓުގެ ސަރަހައްދަށް ދިޔަ. އަދި އެތަނުގައި އެއްވެސް މަސައްކަތެއް ނުކޮށް ކޮއްޅަށް ތިބި މީހުންތަކެއް އޭނާއަށް ފެނުނު. 4އޭނާ އެމީހުންގެ ކައިރިއަށް ގޮސް ބުނި. ’⁠އަހަރެންގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތްކުރުމަށް ތިޔަބައިމީހުން ގޮސްފިކަމުގައި ވާނަމަ މަސައްކަތާއި އެކަށީގެންވާ އުޖޫރަ އަހަރެން ދޭނަމޭ.⁠‘ 5އެހެންކަމުން އެބައިމީހުން އޭނާގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުމަށް ދިޔަ. ބިމުގެ ވެރިޔާ ބާރަޖެހި އިރު ދެން ތިނެއްޖެހި އިރު އަނެއްކާވެސް މާރުކޭޓަށް ދިޔަ. އަދި ކުރީފަހަރު ކަންތައް ކުރި ގޮތަށް މިފަހަރު ވެސް ކަންތައްކުރި. 6އެއަށް ފަހު ފަހެއް ޖެހި އިރު އަނެއްކާވެސް އޭނާ މާރުކޭޓަށް ދިޔަ. އަދި މިފަހަރު ވެސް އެއްވެސް ކަމެއް ނުކޮށް ބަޔަކު މީހުން ކޮއްޅަށް ތިބި ތަން އޭނާ ދުށް. އެމީހުންގެ ކައިރިން އޭނާ އެހި. ’⁠އެއްވެސް ކަމެއް ނުކޮށް ދުވާލު ހަތަރުދަމު ތިޔަ ތާނގައި ކޮއްޅަށް ތިޔަ ތިބީ ކީއްވެހޭ.⁠‘ 7އެބައިމީހުން އޭނާއަށް ޖަވާބު ދިން. ’⁠އެއްވެސް މީހަކު އަހަރެމެންނަށް މަސައްކަތެއް ނުދޭ.⁠‘ އެ ބިމުގެ ވެރިޔާ ބުނި. ’⁠ކަލޭމެން ވެސް އަހަރެންގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުމަށް ދޭ.⁠‘
8ދުވަސް ނިމުމުން، މަސައްކަތްތެރިންގެ ތެރެއިން އިސްކޮށްހުރި މީހާއަށް މޭބިސްކަދުރު ދަނޑުގެ ވެރިޔާ ބުނި. ’⁠މަސައްކަތްކުރި އެންމެންނަށް ގޮވާ. އަދި އެމީހުންނަށް އުޖޫރަވެސް ދީ. ފަށާނީ އެންމެފަހުން އައި މީހާއިން ފެށިގެން އަދި ނިންމާނީ އެންމެ ފުރަތަމަ އައި މީހާއަށް.⁠‘
9ފަހެއްޖެހި ވަގުތު މަސައްކަތް ކުރުމަށް އައި މީހުން އެމީހުންގެ އުޖޫރަ ލިބިގަތުމަށް އައި. އަދި އެއިން ކޮންމެ މީހަކަށް އުޖޫރައިގެ ގޮތުގައި އެއް ދީނާރު ދިން. 10އެއަށް ފަހު އެންމެ ފުރަތަމަ މަސައްކަތްކުރަން އައި މީހުން އެބައިމީހުންގެ އުޖޫރަ ނެގުމަށް އައި. އަދި އެންމެފަހުން މަސައްކަތް ކުރުމަށް އައި މީހުންނަށް ވުރެން އިތުރަށް އެބައިމީހުންނަށް އުޖޫރަ ލިބޭނޭ ކަމުގައި އެބައިމީހުން ހީކުރި. ނަމަވެސް އެއިން ކޮންމެ މީހަކަށް ވެސް އުޖޫރައިގެ ގޮތުގައި ލިބުނީ ހަމަ އެއް ދީނާރު. 11އެމީހުންނަށް ދީނާރު ލިބުމުން ބިމުގެ ވެރިޔާގެ ކައިރިއަށް ގޮސް އެބައިމީހުން ޝަކުވާކުރި. 12އެމީހުން ބުނި. ’⁠އެންމެފަހުން މަސައްކަތް ކުރުމަށް އައި މީހުންނަށް މަސައްކަތް ކުރެވުނީ އެންމެ ގަޑިއެއްގެ އިރޭ. ނަމަވެސް ދުވާލު ހަތަރު ދަމު އަވީގައި މަސައްކަތް ކުރި މީހުންނާއި އެއްވަރަށް އެބައިމީހުންނަށް ވެސް އުޖޫރަ ލިބުނު.⁠‘ 13ދެން މޭބިސްކަދުރު ދަނޑުގެ ވެރިޔާ މަސައްކަތްތެރިންގެ ތެރެއިން މީހަކަށް ޖަވާބު ދިން. ’⁠ރަޙުމަތްތެރިޔާ. އަހަރެން ތިޔަބައިމީހުންނަށް މަކަރެއް ނުހަދާން. އަހަރެން ތިޔަބައިމީހުންނަށް އަގު އަދާ ކުރީ އަހަރެމެން އެއްބަސްވި ގޮތުގެ މަތިން. 14ވީމާ ތިޔަބައިމީހުންގެ ފައިސާ ނަގައިގެން ދޭ. އެންމެފަހުން މަސައްކަތްކުރި މީހުންނަށް ވެސް އަހަރެން ބޭނުންވީ ތިޔަބައިމީހުންނާއި އެއްވަރަކަށް އުޖޫރަ ދިނުމަށް. 15އަހަރެންގެ ފައިސާއިން އަހަރެން ބޭނުން ގޮތަކަށް އަމަލު ކުރެވޭނޭ. އެބައިމީހުންނަށްޓަކާ އަހަރެން ދީލަތި ވީތީ ތިޔަބައިމީހުން ޙަސަދަވެރި ވީތަ؟⁠‘
16މިހާރު އެންމެ ދަށް މީހުން ތިބޭނީ އެންމެ މަތީގައި، އަދި އެންމެ މަތީ މީހުން ތިބޭނީ އެންމެ ދަށުގައި.⁠“
އީސާގެފާނު އެކަލޭގެފާނު އަވަހާރަވުމާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވުން
17އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވި މަގުމަތީގައި އެކަލޭގެފާނުގެ ބާރަ އަސްޙާބީން މީސްތަކުންނާއި ދުރަށްގެންދައްވައި އެ އަސްޙާބީންނަށް ވިދާޅުވިއެވެ. 18”⁠އަހަރެމެން މިދަނީ ޖެރޫސަލަމަށް. އެތަނުގައި އިންސާނާގެ ދަރިކަލުން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި ޙަވާލުކުރެވޭނެ. އަދި އެބައިމީހުން އޭނާ މަރާލުމަށް ޙުކުމް ކުރާނެ. 19އެއަށް ފަހު ބަނީއިސްރާއީލުން ނޫން ދަރިކޮޅުގެ މީސްތަކުންނާއި އޭނާ ޙަވާލު ކުރެވާނެ. އަދި އެބައިމީހުން އޭނާއަށް މަލާމާތާއި ފުރައްސާރަކޮށް ހަދާނެ. އަދި އެބައިމީހުން އޭނާގެ ގައިގައި ހަންމުށިން ތެޅުމަށް ފަހު ސަލީބަށް އަރުވާނެ. އެކަމަކު އޭނާ އަވަހާރަ ވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަލުން ދިރިގެން ތެދުވާނެ.⁠“
މައެއްގެ އެދުން
20އެއަށް ފަހު ޔާމީޒު އާއި ޔޫޙަންނާގެ މަންމަ އެ ދެބެއިންނާއި އެކުގައި އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަނބުލޭގެ ކުރުނީސްކޮށް ކަމަކަށް އެދި އާދޭސް ދެންނެވިއެވެ. 21އީސާގެފާނު އެކަނބުލޭގެ ކައިރީގައި އެއްސެވިއެވެ. ”⁠ކަނބުލޭގެ ބޭނުންވަނީ ކޮންކަމެއް؟⁠“ އެކަނބުލޭގެ އީސާގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑު މިއެދި ދަންނަވާ ކަމަކީ ކަލޭގެފާނުގެ ރަސްކަންފުޅު ގާއިމުވާ ހިނދު އަޅުގަނޑުގެ އެއްދަރިފުޅު ކަލޭގެފާނުގެ ކަނާތްޕުޅު ފަރާތުގައި އަދި އަނެއް ދަރިފުޅު ވާތްޕުޅު ފަރާތުގައި ބައިންދަވައި ދެއްވުން.⁠“
22ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ތިޔަ އެދޭކަމަކީ ކިހާވަރެއްގެ ކަމެއްކަން ތިޔަބައިމީހުންނަށް ވެސް އެނގިގެންނުވޭ. އަހަރެން ބޮއި އުޅޭ ވޭންދެނިވި ތަށިން ތިޔަބައިމީހުންނަށް ބޮވޭނެތަ؟⁠“ ޔާމީޒު އާއި ޔޫޙަންނާ ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ. އަޅުގަނޑުމެންނަށް ބޮވޭނެ.⁠“
23އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ޔަޤީންކަމާއެކު އަހަރެންގެ ތަށިން ބޮއިފާނެ! ނަމަވެސް އަހަރެންގެ ކަނާތް ފަރާތުގައްޔާއި އަދި ވާތް ފަރާތުގައި އިށީނދެ ތިބޭނޭ ފަރާތެއް ޚިޔާރު ކުރުމުގެ ޙައްޤު އަހަރެންނަށް ލިބިގެން ނުވޭ. އެ މަޤާމު މިލްކުވެގެން ވަނީ އަހަރެންގެ ބައްޕާފުޅު ތައްޔާރު ކުރައްވާ ފަރާތްތަކަށް.⁠“
24އަނެއް ދިހަ އަސްޙާބީންނަށް މިވާހަކަ އަޑު އިވުމުން އެ ދެބެއިން ދެކެ ވަރަށް ނުރުހުނުއެވެ.
25އެހެންވެ އީސާގެފާނު އެ އެންމެ ބޭކަލުން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް ވެސް އެނގޭނެ ފަދައިން ދުނިޔޭގެ ޤައުމުތަކުގައި މީސްތަކުންގެ ވެރިކަމަށް އަރާ މީހުން އެމީސްތަކުންގެ މައްޗަށް ގަދަބާރު ހިންގާނެ. އަދި އެމީހުންގެ އިސް ވެރިން ހިތުހުރިހާ ގޮތެއް އެމީސްތަކުންނާ މެދު ހަދާނެ. 26ނަމަވެސް ތިޔަބައިމީހުންގެ ތެރޭގައި އަމަލުތައް ހުންނަން ޖެހޭނޭ ގޮތަކީ އެއީ ކަމުގައި ވެގެން ނުވާނެ. ތިޔަބައިމީހުންގެ ތެރޭގައި މަތިވެރިކަމަށް އެދޭ މީހާ ވާންޖެހޭނީ އަނެކުންގެ ޚާދިމަކަށް. 27އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ އިސް މީހަކަށް ވުމަށް އެދޭ މީހާ ވާންޖެހޭނީ އަނެކުންގެ އަޅަކަށް. 28އެހެނީ އިންސާނާގެ ދަރިކަލުން ވެސް އައީ މީސްތަކުންގެ ޚިދުމަތް ލިބިގަތުމަކަށް ނޫން. އޭނާ އައީ މީސްތަކުންނަށް ޚިދުމަތް ކޮށް އަދި އޭނާގެ ފުރާނަވެސް މީސްތަކުން ދިންނަވާނެ ކައްފާރާ އެއްގެ ގޮތުގައި ދިނުމަށް.⁠“
އީސާގެފާނު ލޯފަން ދެމީހަކަށް ފެނުން ދެއްވުން
29އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖެރިކޯއިން ފުރި ހިނދު ގިނަ ޢަދަދެއްގެ ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުން އައެވެ. 30މަގުގެ އެއްފަރާތުގައި އިށީނދެ ތިބި ލޯފަން ދެމީހުންނަށް އީސާގެފާނު އެމަގުން އަންނަ އަޑުއިވުނެވެ. އެ ހިނދު އެމީހުން ހަޅޭލަވަމުން ގެންދިޔައެވެ. ”⁠އޭ މާތްސާހިބާ! ދާއޫދުގެފާނުގެ ދަރިކަލުންނޭ! އަޅުގަނޑުމެންގެ މައްޗަށް ރަޙުމްކުރައްވާ!⁠“
31އެތަނުގައި ތިބި މީސްތަކުން އެ ދެމީހުންނަށް އެއްޗެހި ގޮވައި އަނގަމަޑުން ލައިގެން ތިބުމަށް އެންގިއެވެ. އެކަމަކު އެބައިމީހުންގެ އަޑު އިހުނަށް ވުރެން ގަދަވިއެވެ. އަދި ގޮވަމުން ގެންދިޔައެވެ. ”⁠މާތްސާހިބާ، ދާއޫދުގެފާނުގެ ދަރިކަލުންނޭ! އަޅުގަނޑުމެންގެ މައްޗަށް ރަޙުމް ކުރައްވާ!⁠“
32އީސާގެފާނު ހުއްޓިވަޑައިގެންނެވިއެވެ. އަދި ލޯފަން ދެ މީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަބައިމީހުންނަށް ކޮށްދޭންވީ ކޮންކަމެއް؟⁠“
33އެބައިމީހުން ޖަވާބު ދެއްވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުމެންނަށް ފެނުން ދެއްވާ.⁠“
34ދެން އީސާގެފާނު އެމީހުންގެ މައްޗަށް ހަމްދަރުދީވެ ވަޑައިގެން އެކަލޭގެފާނު އެބައިމީހުންގެ ލޮލުގައި އަތްޕުޅު ބީއްސަވާލެއްވިއެވެ. އެ ހިނދު އެމީހުންގެ ލޮލަށް އަލިވެއްޖެއެވެ. ދެން އެ ދެމީހުން އީސާގެފާނުގެ ފަހަތްޕުޅުން އެކަލޭގެފާނާއި އެކު ދިޔައެވެ.

Currently Selected:

މައްތާ 20: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in