މައްތާ 19
19
ކައިވެންޏާ ވަރިޔާ ބެހޭ
1މި ހުރިހައި ތަކެއްޗެއް އުނގަންނަވައި ދެއްވުމަށް ފަހު އީސާގެފާނު ގަލީލީ ސަރަހައްދުން ޖުދެއާ ސަރަހައްދަށް ވަޑައިގެން އުރުދުން ކޯރުގެ އަނެއްފަރާތަށް ވަޑައިގެންނެވިއެވެ. 2އެ ހިނދު އެތަނުގައި ގިނަ ޢަދަދެއްގެ ބަޔަކު އެކަލޭގެފާނުގެ އަރިހުގައި ވިއެވެ. އަދި އެބައިމީހުންގެ ތެރޭގައިވާ ގިނަ ބައެއްގެ ބަލި އެކަލޭގެފާނު ރަނގަޅު ކޮށްދެއްވިއެވެ.
3އީސާގެފާނު މަޅިއެއްގައި ޖެއްސުމުގެ އެދުމުގައި ބައެއް ފަރީސީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”ފިރިމީހާ އޭނާ ބޭނުން އެއްވެސް ސަބަބަކާ ހުރެ އަނބިމީހާ ވަރިކުރުމަށް ހުއްދަ އޮވޭތޯ؟“
4އެމީހުންނަށް އެކަލޭގެފާނު ޖަވާބު ދިނެވެ. ”މި ކާއިނާތު ފުރަތަމަ އުފެއްދެވި ހިނދު މާތްރަސްކަލާނގެ އިންސާނުންގެ ގޮތުގައި ފިރިހެނަކާއި އަންހެނަކު އުފެއްދެވި#ފެށުން 1:27 ކަން ބާވައިލެއްވި ފަތްފުށްތަކުގައި ބަޔާން ކުރައްވާފައިވާކަން ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުން ވާނީ ކިޔާފައި. 5އަދި އެކަލާނގެ ވަޙީ ކުރައްވާފައިވޭ. ’ފިރިހެނާ އޭނާގެ މައިންބަފައިން ދޫކޮށް ގޮސް އަންހެނާއާއެކު އެއް ހަށިގަނޑެއްގެ ގޮތުގައި ގުޅި އެކަތިގަނޑެއްގެ ގޮތުގައި ވާންޖެހޭނޭ.‘#ފެށުން 2:24 6ވީމާ އެއީ ދެ ހަށިގަނޑެއް ނޫން. ނަމަވެސް އެއް ހަށިގަނޑެއް. އެހެނީ މާތްރަސްކަލާނގެ އެ ދެ މީހުން އެކަކު ކަމުގައި ލެއްވި، އެއްވެސް މީހަކު އެ ދެމަފިރިން ވަކި ކޮށްގެން ނުވާނެ.“
7އޭގެ ޖަވާބުގައި ފަރީސީން ދެންނެވިއެވެ. ”ވަރީގެ ސެޓްފިކެޓެއް އަނބިމީހާއަށް ދިނުމަށް ފަހު، ވަރިކުރެވިދާނެ ކަމުގައި ތައުރާތުގައި މޫސާގެފާނު އަމުރު ކުރައްވާ އަންގަވާފައި ވަނީ ކީއްވެގެންތޯ؟“
8އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މޫސާގެފާނު ތިޔަބައިމީހުންނަށް އަނބިމީހާ ވަރިކުރުމުގެ ހުއްދަ ދެއްވީ ތިޔަބައިމީހުންގެ ހުންނަ ހިތް ހަރުކަމާހެދި. އެކަމަކު އެންމެފުރަތަމައިން ވަރިކުރުން ހުއްދަ ކުރެވިގެންނުވޭ. 9ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އެމީހާގެ އަނބިމީހާ ވަރިކުރުމަށް ފަހު އަދި އެހެން އަންހެނަކާއި ކައިވެނި ކުރިނަމަ އެއީ ކުށެއް. ހަމައެހެންމެ އެމީހަކަށް އެ ޒިނޭއަށް އަރައިގަނެވެނީ ކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަން. ހަމައެކަނި ފިރިހެނާއަށް އޭނާގެ އަނބިމީހާ ވަރިކުރެވޭނީ އޭނާގެ އަނބިމީހާ އެހެން ފިރިހެނަކާއި ޖިންސީ ގުޅުން ހިންގައިފި ކަމުގައިވާނަމަ.“
10އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”ފިރިހެނާއަށް އޭނާގެ އަނބިމީހާ ވަރިކުރެވޭނޭ ހަމައެކަނި ސަބަބަކީ އެއީ ކަމުގައި ވާނަމަ އެންމެ ރަނގަޅު ގޮތަކީ މީހަކާއި ކައިވެނި ނުކުރުން.“
11އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ތި ބުނާގޮތަށް ހުރިހާ އެންމެންނަކަށް ކަންތަކެއް ނުކުރެއްވޭނެ. ނަމަވެސް އެގޮތަށް ކަންތައް ކުރެއްވޭނޭ ބައެއްމީހުން މާތްރަސްކަލާނގެ ލެއްވެވި. 12ބައެއް ފިރިހެނުން ކައިވެނި ނުކޮށް ތިބުމުގައި ތަފާތު ސަބަބުތަކެއްވޭ. ބައެއް މީހުން އުފަންވުމުގައި ނުކުޅެދުންތެރިކަން ހުރޭ. އަދި ހޯޖާ ކޮށްފައިވާ ބަޔަކު ވެސް އުޅޭ. ނަމަވެސް ބައެއް މީހުން އެބައިމީހުންގެ ޖިންސީ އެދުންތަކުން އެއްކިބާވެތިބެ މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި ޚިދުމަތް ކުރުމުގައި ދެމިތިބޭ. މިފަދައިން އަމަލު ކުރުމުގެ ގާބިލުކަން ހުރި މީހަކުނަމަ މިގޮތުގައި ދެމި ތިބޭ.“
އީސާގެފާނު ތުއްތު ކުދިންނަށް ބަރަކާތްލެއްވުން
13ބައެއްމީހުން އެމީހުންގެ ތުއްތު ކުދިން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެއީ އެކުދިންގެ ގައިގައި އެކަލޭގެފާނު އަތްޕުޅު ބީއްސަވާލައްވާ އެކުދިންގެ މައްޗަށް ދުޢާ ކުރެއްވުމަށް ޓަކައެވެ. އީސާގެފާނުގެ އަސްޙާބީން އެބައިމީހުންނަށް އެ ގޮތަށް ކަންތައްތައް ނުކުރުމަށް އެންގިއެވެ. 14ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”ތުއްތު ކުދިން އަހަރެންގެ ކައިރިއަށް އަޔަދީ. އެކުދިން އަހަރެންގެ ކައިރިއަށް އައުން މަނާނުކުރޭ. އެހެނީ މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިގެން ވަނީ ކުދިން ފަދައިންވާ މީހުންނަށް.“ 15ދެން އެ ކުދިންގެ ގައިގައި އީސާގެފާނު އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލެއްވުމަށް ފަހު އެތަނުން ވަޑައިގެންނެވިއެވެ.
މުއްސަނދި ޒުވާނާގެ ސުވާލު
16އެ ހިނދު މީހަކު އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު! ނިމުންނުވާ ޙަޔާތެއް ލިބިގަތުމަށް ޓަކައި އަޅުގަނޑު ކުރަންވީ ހެޔޮކަމަކީ ކޮބައިތޯ؟“
17އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އަހަރެންގެ ކައިރީގައި ތިބާ ހެޔޮވެގެން ވަނީ ކޮންކަމެއްހެއްޔޭ ތިޔައެހީ ކީއްވެ؟ ހެޔޮ ކަންވަނީ ހަމައެކަނި އެންމެ ފަރާތެއްގެ ކިބަފުޅުގައި. ނިމުމެއް ނުވާ ޙަޔާތެއް ލިބުމަށް ތިބާ އެދޭނަމަ މާތްރަސްކަލާނގެ ބާވައިލެއްވި އަމުރުފުޅުތަކަށް ކިޔަމަންތެރިވޭ.“
18އެމީހާ ދެންނެވިއެވެ. ”އެއީ ކޮން އަމުރުފުޅުތަކެއްތޯ؟“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”މީހުން ނުމަރާތި. ޒިނޭ ނުކުރާތި. ވައްކަން ނުކުރާތި. ދޮގުހެކި ނުދޭތި. 19މައިންބަފައިންނަށް ގަދަރު ކުރާތި.#ނެރުއްވުން 20:12-16 އަދި ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ތިބާގެ އަވަށްޓެރިޔާ ދެކެ ލޯބިވާތި.#ލާވީން 19:18“
20އެ ޒުވާނާ ދެންނެވިއެވެ. ”އަޅުގަނޑު ތިޔަ ހުރިހާ ކަމަކަށް ކިޔަމަންތެރިކަން މަތީގައިވަން. އޭގެ އިތުރުން އަޅުގަނޑު ކުރަންވީ ކޮންކަމެއްތޯ؟“
21އީސާގެފާނު ވިދާޅުވިއެވެ. ”ތިބާ ފުރިހަމަ މީހަކަށް ވާން އެދޭނަމަ ގޮސް ތިބާގެ މިލްކުގައިވާ އެންމެހާ ތަކެތި ވިއްކާލާ. އަދި އެފައިސާ ފަގީރުންނަށް ހޭދަކުރޭ. މިފަދައިން ތިބާ އަމަލުކޮށްފިނަމަ، ތިބާއަށް ސުވަރުގޭގައި ޚަޒާނާއެއްވާނެ. އެއަށް ފަހު އަހަރެންނާއި އެކުގައި އާދޭ.“
22އެ ޒުވާން ފިރިހެނާއަށް މިބަސްތައް އަޑު އިވުނު ހިނދު ނުހަނު ދެރަވިއެވެ. އަދި ހިތްދަތިކަމާއެކު އެތަނުން ދިޔައެވެ. ސަބަބަކީ އޭނާއަކީ ވަރަށް ބޮޑު މުއްސަންޖެކެވެ.
23އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. މުއްސަނދީންނަށް މާތްރަސްކަލާނގެ ރަސްކަންފުޅު ތެރެއަށް ވަނުމަކީ ނުހަނު އުނދަގޫ ކަމެއް! 24މުއްސަންޖަކަށް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ތެރެއަށް ވަނުމަށް ވުރެން ޖަމަލަކަށް ތިނޯހެއްގެ ފަގައިގެ ތެރެއިން ދިއުން ވެސް މާފަސޭހަ.“
25އީސާގެފާނުގެ އަސްޙާބީންނަށް މިވާހަކަ އަޑުއިވުމުން އެބޭކަލުން ވަރަށް ޙައިރާންވެތިބެ ދެންނެވިއެވެ. ”އެހެންވީއިރު ދެން ސަލާމަތްވާނީ ކާކުތޯ؟“
26އީސާގެފާނު އެބޭކަލުންނަށް ބައްލަވަން ހުންނަވާފައި ވިދާޅުވިއެވެ. ”އެއީ އިންސާނުންނަށް ކުޅެދިގެންވާ ފަދަ ކަމެއް ނޫން. ނަމަވެސް މާތްރަސްކަލާނގެއަށް ކޮންމެކަމެއް ވެސް ކުޅަދުންވަންތަ.“
27ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”ނިކަން ބައްލަވާ. އަޅުގަނޑުމެން ކަލޭގެފާނާއި އެކުގައި ވުމަށް ޓަކައި އަޅުގަނޑުމެންގެ އަތުގައި ވާނަމަ ވީހައި ތަކެއްޗެއް ދޫކޮށްލީން. ވީމާ އަޅުގަނޑުމެންނަށް ލިބެން އޮތީ ކޮން އެއްޗެއްތޯ؟“
28އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. އަންނަން އޮތް އާ ޒަމާނުގައި އިންސާނާގެ ދަރިކަލުން އަންނަ ހިނދު، އިންސާނާގެ ދަރިކަލުން މަތިވެރިވެގެންވާ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާ ހިނދު އަހަރެންގެ އަސްޙާބީންކަމުގައި ތިޔަބައިމީހުން ބަނީއިސްރާއީލުންގެ ބާރަ ގަބީލާގެ މައްޗަށް އިންސާފު ގާއިމުކުރުމަށް ޓަކައި ބާރަ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާނެ. 29ހަމައެހެންމެ ތިޔަބައިމީހުންގެ ތެރެއިން އަހަންނަށްޓަކައި އެއްވެސް މީހަކު އަމިއްލަ ގެދޮރު ނުވަތަ އަޚުން ނުވަތަ އުޚުތުން ނުވަތަ ބައްޕަ ނުވަތަ މަންމަ ނުވަތަ ދަރިން ނުވަތަ ދަނޑުފަނގުތައް ދޫކޮށްލަން ޖެހިއްޖެ ނަމަ، އެމީހަކު ދޫކޮށްދިޔަ ތަކެއްޗަށް ވުރެން ސަތޭކަ ގުނަ އިތުރަށް ލިބިދެއްވާނެ. އަދި އެމީހަކަށް ނިމުންނުވާ ޙަޔާތެއް ވެސް ލިބިދޭނެ. 30މިހާރު އެންމެ މަތިވެރި މީހުންގެ ތެރެއިން ގިނަ މީހުން އެންމެ ދަށް މީހުން ކަމުގައި ވާނެ. އަދި މިހާރު އެންމެ ދަށް މީހުންގެ ތެރެއިން ގިނަ މީހުން އެންމެ މަތިވެރި މީހުން ކަމުގައި ވާނެ.“
Currently Selected:
މައްތާ 19: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.