YouVersion Logo
Search Icon

މައްތާ 18

18
އެންމެ މަތިވެރި މީހަކީ ކާކު؟
1އެ ހިނދު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގައި އެންމެ މަތިވެރިވެގެން ވަނީ ކާކުތޯ؟⁠“
2އީސާގެފާނު ކުޑަ ކުއްޖަކަށް ގޮވާގެންނެވުމަށް ފަހު، އެކުއްޖާ އެމީހުންގެ ތެރޭގައި ބެހެއްޓިއެވެ. 3އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުން ބަދަލުވެ މިފަދައިން ކުޑަ ކުއްޖަކަށްވޭ. އެހެން ނޫނީ ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅަކަށް ނުވަދެވޭނެ. 4މާތްރަސްކަލާނގެ ރަސްކަންފުޅުގައި އެންމެ މަތިވެރި މީހަކީ ކުޑަކުދިން ފަދައިން އެމީހާގެ އަމިއްލަ ނަފްސާއި މެދު ބާރެއް ނެތް މީހަކު ކަމުގައި ދެކޭ މީހާ.
5އަދި އަހަރެންގެ ނަމުގައި މިފަދަ ކުޑަކުދިން ބަލައިގެންފި ކޮންމެ މީހަކީ އަހަރެން ވެސް ބަލައިގަތް މީހެއްކަމުގައި ވާނެ.
6އެކަމަކު އެއްވެސް މީހަކު އަހަރެންނަށް އީމާންވާ މިފަދަ ކުއްޖަކު ލައްވާ ފާފަކުރުވައިފިނަމަ އެމީހެއްގެ ކަރުގައި އުޑިއެއް ބަނދެގެން ފުންކަނޑަށް ގަންބާލުންވެސް އެމީހަކަށް މާރަނގަޅުވާނެ. 7ފާފައިގެ ވަސްވާސްތަކުގެ ސަބަބުން ދުނިޔޭގެ މައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! ފާފައާ ދިމާއަށް މީހުން ދާނެކަމީ ޝައްކެއް ވެސް ހުރި ކަމެއް ނޫން. އެކަމަކު މީހަކު ލައްވާ ފާފަ ކުރުވާ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ!
8ތިބާގެ އަތް ނުވަތަ ފައި ފާފަކުރުވާ ކަމުގައިވާނަމަ އެ ގުނަވަނެއް ކަނޑައި އެއްލާލާ. އެއީ ތިބާގެ ދެ އަތާއި ދެ ފައި ހުރެ އަބަދަށް ޓަކައިވާ އަލިފާނުގެ ތެރެއަށް އެއްލާލެވުމަށް ވުރެން ތިބާގެ ޖިސްމުން ބައެއް އުނިވެގެންވާ ޙާލުގައި އަބަދަށް ޓަކައި ދިރިހުރުން މާއެދެވޭ. 9ތިބާގެ ލޯ ފާފަކުރުވާ ކަމުގައިވާނަމަ، އެ ލޮލެއް ނަގައި އެއްލައިލާ. އެއީ ދެ ލޮލާއި އެކުގައި ތިބާ ނަރަކައިގެ އަލިފާނުގެ ތެރެއަށް ދިއުމަށް ވުރެން އެއް ލޮލާއިގެން އަބަދަށް ޓަކައި ދިރިހުރުން މާއެދެވޭތީ.⁠“
ގެއްލުނު ކަންބަޅި
10‏-11”⁠ސަމާލުވެ އަޑުއަހާ! މިއިން ކުޑަކުއްޖަކަށް ނިކަމެތިކޮށް ނުހިތާތި. މިކުދިންގެ މަލާއިކަތުން އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ހުރިހާ އިރެއްގައިވެސް ތިބޭނެ.#18‏:10‏-11 އިންޖީލުގެ ބައެއް ފޮތްތަކުގައި އެގާރަވަނަ އާޔަތުގައި ލިޔެވިފައި ވަނީ: އިންސާނާގެ ދަރިކަލުން އައީ މަގުފުރެދިގެންވާ މީސްތަކުން ސަލާމަތް ކޮށްދެއްވުމަށެވެ.
12މީހެއްގެ އަތުގައި ސަތޭކަ ކަންބަޅި ވި. އަދި އޭގެ ތެރެއިން އެއް ކަންބަޅި ގެއްލުނު. އޭނާގެ އަނެއް ނުވަދިހަ ނުވަ ކަންބަޅި ފަރުބަދައިގެ ކައިރީގައި ބައިތިއްބުމަށް ފަހު އޭނާ ގެއްލުނު ކަންބަޅި ހޯދަން ދާނެ. 13އަހަރެން މިބުނަނީ ތެދެއް. ގެއްލިފައިނުވާ ނުވަދިހަ ނުވަ ކަންބަޅިއަށް ވުރެ ގެއްލިފައިވާ ކަންބަޅި ފެނުމުން އޭނާ ވާ އުފާ މާ ބޮޑު ވާނެ. 14މިގޮތުގެ މަތީން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު ވެސް މީހުންގެ ތެރެއިން އެންމެ ކުއްޖަކު ވެސް ގެއްލިގެން ދިއުމަކަށް އެދިވޮޑިއެއް ނުގަންނަވާނެ.⁠“
ތިމާއާއި މެދު އަނެކާ ފާފަވެރި ވެއްޖެނަމަ
15”⁠ތިބާގެ އަޚާ ތިބާއާއި ދެކޮޅަށް ކުށެއް ކޮށްފިނަމަ، އޭނާ އެކަހެރިކޮށް އޭނާއަށް އެކަން ވިސްނައިދީ. އޭނާ ތިބާގެ ބަސް އަޑު އަހައިފިނަމަ، ތިބާ އޭނާއަށް އެ އެހީތެރިވެދިނީ ޙަޤީޤީ އަޚުވަންތަކަމާއި އަދި އުޚުއްވަތްތެރިކަމާއި އެކުގައި. 16ނަމަވެސް އޭނާ ތިބާގެ ބަސް އަޑު އެހުމަށް އިންކާރު ކޮށްފިނަމަ، ތިބާ އެހެން ދެ މީހުން ނުވަތަ ތިން މީހުންނާއި އެކުގައި އޭނާގެ ކައިރިއަށް ދޭ. ’⁠ކޮންމެ މައްސަލައެއްގައި ވެސް ދެ މީހުން ނޫނީ ތިން މީހުންގެ ހެކިވުން ހޯދާ.⁠‘#ދަތުރުނާމާ 19‏:15 17އޭނާ އެބައިމީހުންގެ ވާހަކަ އަޑު އެހުމަށް ދެކޮޅު ހަދައިފިނަމަ، އެ މައްސަލަ އަހަރެންގެ ޖަމާޢަތުގެ ކުރިމައްޗަށް ހުށަހަޅާ. އަދި އެ ޖަމާޢަތުގެ އަޑު އެހުމަށް އޭނާ އިންކާރު ކޮށްފިނަމަ، މާތްރަސްކަލާނގެ ގަބޫލު ނުކުރާ މީހުންނާއި، އަދި ޓެކްސް ނަގާ މީހުންނާއި މެދު އަމަލު ކުރާ ފަދައިން އޭނާ އާއި މެދު ވެސް އަމަލުކުރޭ.
18އަހަރެން މިބުނަނީ ތެދެއް. ދުނިޔޭގެ މި ބިމުގައި ތިޔަބައިމީހުން ހުއްދަ ކުރި ކަމެއް މާތްރަސްކަލާނގެ ވެސް ހުއްދަ ކުރައްވާނެ. އަދި ދުނިޔޭގެ މި ބިމުގައި ތިޔަބައިމީހުން ހުއްދައެއް ނުކުރި ކަމެއް މާތްރަސްކަލާނގެ ވެސް ހުއްދައެއް ނުކުރައްވާނެމެ.
19ހަމައެހެންމެ މިދުނިޔޭގެ ބިމުގައި ކަމަކަށް އެދި ތިޔަބައިމީހުންގެ ތެރެއިން ދެމީހަކު އެކުގައި ތިބެ ދުޢާ ދަންނަވައިފިނަމަ، އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު ތިޔަބައިމީހުންނަށް އެކަމެއް ހިންމަވައި ދެއްވާނެ.
20އެހެނީ އަހަރެންގެ ނަމުގައި ދެމީހަކު ނުވަތަ ތިން މީހަކު އެއްތަން ވެއްޖެނަމަ، އެބަޔަކާއި އެކުގައި އެއްތަނެއްގައި އަހަރެން ވާނަން.⁠“
މަޢާފް ނުކުރި ޚާދިމު
21އެ ވަގުތު ޕަތަރަސް އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑުގެ އަޚާ އަޅުގަނޑާމެދު ފާފަވެރިވެއްޖެނަމަ، އެ އަޚާއަށް އަޅުގަނޑު މަޢާފް ކުރަންވީ ކިތައް ފަހަރުތޯ؟ އަޅުގަނޑު ހަތްފަހަރު ވެސް މަޢާފު ކުރަންވީ ތޯ؟⁠“
22އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަބައިމީހުންނަށް ބުނަން. ހަތްފަހަރަށް ވުރެން ގިނައިން ވެސް އެ އަޚާއަށް ތިޔަބައިމީހުން މަޢާފް ކުރަން ޖެހޭނެ. ހަތްދިހަ ގުނަ ހަތް ފަހަރު ވެސް ތިޔަބައިމީހުން އޭނާއަށް މަޢާފްދީ.
23މާތްރަސްކަލާނގެ ރަސްކަންފުޅުގެ މިސާލު ކުރެވެނީ ރަސްކަލަކު އޭނާގެ ޚާދިމުން އޭނާއަށް ދަރާފައިވާ ފައިސާ އެ ޚާދިމުންގެ އަތުން ހޯދުމުގައި ކަންތައް ކުރެއްވި ފަދައިން. 24އެ ރަސްގެފާނު އޭނާގެ ޚާދިމުންގެ ކިބައިން އެ ފައިސާ ހޯދުމަށް ނިންމި ހިނދު އެ ޚާދިމުންގެ ތެރެއިން އެ ރަސްގެފާނަށް އެތައް މިލިއަނުން ދަރާފައިވާ ޚާދިމަކު އެ ރަސްގެފާނުގެ އަރިހަށް ގެނެވުނު. 25ނަމަވެސް އެ ޚާދިމުގެ ކިބައިގައި އޭނާ ރަސްގެފާނަށް ދަރާފައިވާ ދަރަނި އަދާކުރެވޭފަދަ ތަނަވަސްކަމެއް ނެތް. ވީމާ ރަސްގެފާނު އަމުރު ކުރެއްވީ އޭނާއާއި އޭނާގެ އަނބިމީހާއާއި ދަރިންނާއި އަދި އޭނާގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެއްޗެއް ވެސް ވިއްކާލުމަށް. އެއަށް ފަހު އެފައިސާއިން އޭނާ ރަސްގެފާނަށް ދަރާފައިވާ ދަރަނި އަދާކުރުމަށް.
26ނަމަވެސް އެ ޚާދިމު ރަސްގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓި އާދޭސް ދަންނަވަން ފެށި. ’⁠އަޅުގަނޑަށް ޓަކައި ކެތްތެރިވެ ވަޑައިގަންނަވާ. އަދި އަޅުގަނޑު ސާހިބާއަށް ދަރާފައިވާ އެންމެހާ ދަރަނި އަޅުގަނޑު އަދާކުރާން.⁠‘ 27ދެން ރަސްގެފާނު އޭނާއާމެދު ހަމްދަރުދީވެ އެ ދަރަނި ކަނޑާލައި އޭނާ ދޫކޮށްލެވި.
28އެއަށް ފަހުން، އެ ޚާދިމަށް ސަތޭކަ ރިހި ލާރި ދޭންއޮތް އެހެން ޚާދިމަކާއި ދިމާވި. އަދި އެ ޚާދިމުގެ ކަރުގައި ހިފާފައި އޭނާ ބުނި. ’⁠ކަލޭ އަހަރެންނަށް ދަރާފައިވާ ދަރަނި ހަމަ މިހާރު އަދާކުރޭ!⁠‘
29މި ޚާދިމު އޭނާގެ ފައިމައްޗަށް ވެއްޓި އާދޭސް ކުރަންފެށި. ’⁠އަހަރެންނާއި މެދު ކެތްތެރިވޭ، އަދި އަހަރެން ތިބާއަށް ދަރާފައިވާ ދަރަނި އަދާކޮށްދޭނަން!⁠‘
30ނަމަވެސް ފުރަތަމަ ޚާދިމު ކެތްތެރި ވުމަށް އިންކާރު ކުރި. އަދި އޭނާއަށް މި ޚާދިމު ދައްކަންޖެހޭ ފައިސާ ދައްކައި ނިމަންދެން އެ ޚާދިމު ޖަލުގައި ހައްޔަރުކުރުވި. 31އެހެނިހެން ޚާދިމުންނަށް މި ހިނގާދިޔަ ޙާދިސާ ފެނި ނުހަނު ދެރަވި. އެހެންކަމުން އެބައިމީހުން ގޮސް އެރަސްގެފާނަށް ހިނގާދިޔަ ޙާދިސާގެ ޚަބަރުދިން.
32އެއަށް ފަހު އެރަސްގެފާނު އެ ޚާދިމުއަށް އަންގައިގެން ގެނެސް އޭނާއަށް ބުނި. ’⁠ނުބައި ނުލަފާ ނޯކަރުކަލޭގެ! ކަލޭ ދަރާފައިވާ ދަރަނީގެ މަތިން ހަނދާން ނައްތާލުމަށް ކަލޭ އަހަރެންގެ ކުރިމަތީގައި ރޮއި އާދޭސް ކުރީމުނޫންހޭ. ކަލޭ އަހަރެންނަށް އަދާ ކުރަންޖެހޭ އެއްވެސް ފައިސާއެއް ނުވާނެ ކަމުގައި އަހަރެން ބުނީމު. 33އަހަރެން ކަލެއާއި މެދު ރަޙުމް ކުރި ފަދައިން އަނެއް ޚާދިމު އާއި މެދު ކަލޭ ވެސް ރަޙުމް ކުރަން ނުޖެހޭނެތަ؟⁠‘ 34އެރަސްގެފާނު މިކަމާއި ވަރަށް ބޮޑަށް ރުޅިއައިސް ޚާދިމު ކަލޭގެ އޭނާއަށް ދަރާފައިވާ ދަރަނި އަދާކުރަންދެން އޭނާއަށް އަނިޔާދިނުމަށް ޖަލުގައި ހައްޔަރު ކުރި.
35ތިޔަބައިމީހުން ހިތުގެ އަޑިން ތިޔަބައިމީހުންގެ އަޚުންނާއި އުޚުތުންނަށް މަޢާފު ކުރޭ. އެހެނީ އެ ރަސްގެފާނު އެ އަމަލު ކުރެއްވި ފަދައިން އުޑުގައި ވޮޑިގެންވާ ބާއްޕާފުޅު ވެސް ތިޔަބައިމީހުންނާއި މެދު އަމަލުފުޅު ކުރައްވާނެ.⁠“

Currently Selected:

މައްތާ 18: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in