YouVersion Logo
Search Icon

މައްތާ 17

17
އީސާގެފާނުގެ މަތިވެރިކަން ފައުޅުވެވަޑައިގަތުން
1އޭގެ ހަ ދުވަސް ފަހުން އީސާގެފާނު ޕަތަރަސް އާއި ޔާމިޒު އާއި ޔާމިޒުގެ ކޮއްކޮ ޔޫޙަންނާ ގޮވައިގެން ވަރަށް އުސް ފަރުބަދައެއްގެ މައްޗަށް ވަޑައިގެންނެވިއެވެ. އެތަނުގައި ތިއްބެވީ އެބޭކަލުން އެކަންޏެވެ. 2ދެން އެ ހިނދު އަސްޙާބީންގެ ކުރިފުޅުމަތީގައި އީސާގެފާނުގެ ސިފަފުޅު ބަދަލުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ މޫނުފުޅު އިރުފަދައިން އުޖާލާކަމާއިއެކު ބަބުޅަމުން ދިޔައެވެ. އަދި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ނޫރެއްފަދައިން އަލިވެގެންދިޔައެވެ. 3ކުއްލިއަކަށް މޫސާގެފާނާއި އިލްޔާސްގެފާނު އެބައިމީހުންގެ ކުރިމައްޗަށް ފައުޅުވެވަޑައިގެން އީސާގެފާނާއި ވާހަކަފުޅު ދައްކަވަމުން ގެންދެވިއެވެ.
4އެ ހިނދު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑުމެންނަށް މިވަގުތު މިތަނުގައި ތިބެވުނުކަން ވަރަށް ރަނގަޅު! ކަލޭގެފާނު އެދިވަޑައިގަންނަވަނީނަމަ، ތިން ހިޔާ އަޅުގަނޑު ހަދައިދީފާނަން. އެއީ ކަލޭގެފާނަށް ހިޔަލެއް، މޫސާގެފާނަށް ހިޔަލެއް އަދި އިލްޔާސްގެފާނަށް ހިޔަލެއް.⁠“
5ޕަތަރަސް ވާހަކަ ދައްކަމުން ގެންދިޔަ ހިނދު ކުއްލިއަކަށް އަލިކަންގަދަ ވިލާގަނޑަކުން އެ ބޭކަލުން ފަރުދާ ކުރެއްވިގެން ދިޔައެވެ. އަދި އެ ވިލާގަނޑުގެ ތެރެއިން މިފަދައިން އަޑެއް އިވުނެވެ. ”⁠މިއީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ އަދި ތިމަންކަލާނގެ ރުހިވޮޑިގަންނަވާ ދަރިކަލުން. އެކަލޭގެފާނުގެ އަޑު އައްސަވާ!⁠“
6އީސާގެފާނުގެ އަސްޙާބީންނަށް މި އަޑު އިވުނު ހިނދު އެބޭކަލުން ބިރުގަނެގެން ބަންޑުން ބިންމައްޗަށް ވެއްޓުނެވެ. 7ނަމަވެސް އީސާގެފާނު އެބޭކަލުންގެ ކައިރިއަށް ވަޑައިގެން އެބޭކަލުންގެ ހަށިގަނޑުގައި އަތްޕުޅު ބީއްސަވާލައްވާފައި ވިދާޅުވިއެވެ. ”⁠ތެދުވޭ. ބިރުނުގަނޭ.⁠“ 8އެބޭކަލުން ލޯ ހުޅުވައި ބަލައިލި ހިނދު އެތަނުގައި ވަނީ އީސާގެފާނު އެކަންޏެވެ.
9އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރުބަދަ މަތިން ތިރިއަށް ފައިބަވަޑައިގެންނެވި ހިނދު އީސާގެފާނު އެބޭކަލުންނަށް އަމުރު ކުރައްވައި ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުން މަރުވުމަށް ފަހު އަލުން ދިރިގެން ތެދުވަންދެން ތިޔަބައިމީހުންނަށް ފެނިދިޔަ ކަންތައްތަކުގެ ވާހަކަ އެއްވެސް މީހަކަށް އަންގައިގެން ނުވާނެ.⁠“
10އެ އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ދީނުގެ ދަންނަބޭކަލުން އިލްޔާސްގެފާނު ފުރަތަމަ ވަޑައިގަންނަވާނެކަމަށް އެ ވިދާޅުވަނީ ކީއްވެތޯ؟⁠“
11އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އިލްޔާސްގެފާނު ވަޑައިގަންނަވާނޭ ކަމުގައި އެބައިމީހުން އެބުނަނީ ރަނގަޅަށް. އެހެނީ އެކަލޭގެފާނު ވަޑައިގެން އެންމެހާ ކަންތައްތައް އަނބުރާ ހަމައަކަށް އަޅުއްވާނެތެވެ. 12އަހަރެން ބުނަންތަ؟ އިލްޔާސްގެފާނު ވަޑައިގަންނަވައިފި. އެކަމަކު އެކަލޭގެފާނަކީ ކާކުކަމެއް އެމީހުންނަކަށް ނޭނގުނު. އެމީހުން އެކަލޭގެފާނާއި މެދު އަމަލުކުރީ އެމީހުން ހިތަށްއެރި ގޮތަކަށް. އިންސާނާގެ ދަރިކަލުންނާއި މެދު ވެސް ކަންތައްތައް ކުރެވިގެންދާނީ ހަމަ އެފަދައިން. ހަމަ އެމީހުން އިންސާނާގެ ދަރިކަލުންނަށް އުނދަގޫތަކާއި ވޭން ތަހައްމަލު ކުރަން ޖައްސާނެ.⁠“ 13ދެން އެކަލޭގެފާނު އެވިދާޅުވީ ޔަޙުޔާގެފާނުގެ ވާހަކަފުޅު ކަން އެކަލޭގެފާނުގެ އަސްޙާބީންނަށް އެނގުނެވެ.
އީސާގެފާނު ޖިންނި އަވަލާފައިވާ ކުއްޖަކު ފަސޭހަކުރެއްވުން
14‏-15އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން އެއްވެފައި ތިބި މީސްތަކުންގެ ތެރެއަށް ވަޑައިގެންނެވި ހިނދު ފިރިހެނަކު އައިސް އީސާގެފާނުގެ ކުރިފުޅުމަތީ ކަކޫމައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑުގެ ފިރިހެން ދަރިފުޅުގެ މައްޗަށް ރަޙުމް ކުރައްވާ! އެ ދަރިފުޅަށް ވަނީ ވެއްޓޭބަލި ޖެހިފަ. އޭނާގެ ހާލު ވަރަށްވެސް ދެރަ. އަދި ވަރަށް ގިނަ ފަހަރު މަތިން އޭނާ އަލިފާނާއި އަދި ފެނުގެ ތެރެއަށް ވެސް ވެއްޓޭ. 16އަޅުގަނޑު ކަލޭގެފާނުގެ އަސްޙާބީންނަށް ވެސް އޭނާ ދައްކައިފިން. ނަމަވެސް އެބޭކަލުންނަށް އޭނާގެ ބަލި ރަނގަޅުކޮށެއް ނުދެވުނު.⁠“
17އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! ކަލޭމެން ދިރިއުޅެމުން ގެންދަނީ ނުހަނު ނުބައި ގޮތަށް. ކަލޭމެންގެ ކައިރީގައި ކެތްކޮށްގެން އަހަރެން ހުންނާނީ ކިހާ ދުވަހެއް ވަންދެން؟ އެ ފިރިހެން ކުއްޖާ މިތަނަށް ގެނޭ.⁠“ 18ދެން އީސާގެފާނު އެ ފިރިހެން ކުއްޖާގެ ހަށިގަނޑުގެ ތެރޭގައިވާ ޖިންނިއަށް އަމުރު ކުރެއްވިއެވެ. އެ ހިނދު އެ ޖިންނި އެ ކުއްޖާގެ ހަށިގަނޑުގެ ތެރެއިން ބޭރަށް ނުކުތެވެ. އަދި އެ ފިރިހެން ކުއްޖާ އެވަގުތުން ފެށިގެން ރަނގަޅުވިއެވެ.
19މިއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން އެކަނިވީ ވަގުތު އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެން އަމުރުކުރުމުން އެ ކުއްޖާގެ ހަށިގަނޑުން ޖިންނި ބޭރުކޮށްނުލެވުނީ ކީއްވެގެންތޯ؟⁠“
20‏-21އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގެ ކުޑަކަމުން. އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ އީމާންތެރިކަން ރެވި އޮށެއްހާ ބޮޑު ކަމުގައި ވިނަމަވެސް މި ފަރުބަދައަށް ’⁠ތިޔަ ހުރި ތަނުން ލުހިގެން ދާށޭ⁠‘ ތިޔަބައިމީހުން ބުނިކަމުގައިވާނަމަ، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެމެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންނަށް ނުކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ.⁠“#17‏:20‏-21 އިންޖީލުގެ ބައެއް ފޮތްތަކުގައި އެކާވީސްވަނަ އާޔަތުގައި ލިޔެވިފައި ވަނީ ”⁠މި ވައްތަރުގެ ޖިންނިއެއް އަވަލާފައިވާ މީހެއްގެ ހަށިގަނޑުން ރޯދަ ހިފައިގެން ދުޢާ ނުކުރަނީސް އެ ޖިންނި ބޭރު ނުކުރެވޭނެ.⁠“
އީސާގެފާނު އެކަލޭގެފާނުގެ އަވަހާރަވުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވުން
22އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ގަލީލީގައި ވީހިނދު އެކަލޭގެފާނު އަސްޙާބީންނަށް އެއްދުވަހަކު ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުން މީސްތަކުންގެ އަތްމައްޗަށް ދޫކޮށްލެވޭނެ. 23އެމީހުން އޭނާ މަރާލާނެ. އަދި އޭގެ ތިންވަނަ ދުވަހު އޭނާ އަލުން ދިރިގެން ތެދުވާނެ.⁠“ މިބަސްފުޅުގެ އަޑުއަހާ އެކަލޭގެފާނުގެ އަސްޙާބީންގެ ހިތްތައް ވަނީ ހިތާމައިން ފުރިފައެވެ.
ބައިތުލް މަޤްދިސްއަށްޓަކައި ޓެކްސް ނެގުން
24އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ކަޕަރުނައުމްއަށް ވަޑައިގެންނެވި ހިނދު ބައިތުލް މަޤްދިސްއަށް ދައްކާ ފައިސާ ބަލަހައްޓާ މީހުން ޕަތަރަސްގެ ކައިރިއަށް އައިސް ސުވާލު ކުރިއެވެ. ”⁠ތިޔަބައިމީހުންގެ އެދުރުކަލޭގެފާނު ބައިތުލް މަޤްދިސްއަށް ޓެކްސް ނުދައްކަވާނެތަ؟⁠“
25ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”⁠ކީއްވެ ނުދައްކަވަންވީ؟⁠“ ޕަތަރަސް ގެއަށް ވަދެގެން ދިޔަ ހިނދު ފުރަތަމަ އީސާގެފާނު އޭނާއަށް ބުންޏެވެ. ”⁠ޝަމްއޫނު ޕަތަރަސް، ތިބާއަށް ފެންނަ ގޮތަކީ ކޮބާ؟ ދުނިޔަވީ ރަސްރަސްކަލުން ޓެކްސް ނަގާނީ ކޮންބައެއްގެ އަތުން ތަ؟ ރަސްގެފާނުގެ ދަރިންގެ އަތުންތަ ނޫނީ އެހެނިހެން މީހުންގެ އަތުންތަ؟⁠“
26ޕަތަރަސް ޖަވާބު ދިނެވެ. ”⁠ޓެކްސް ނަގާނީ އެހެނިހެން މީހުންގެ އަތުން.⁠“ އީސާގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”⁠އެހެންވީއިރު، ރަސްރަސްކަލުންގެ ދަރިން ޓެކްސް ދައްކާކަށް ނުޖެހޭނެ.#17‏:26 ”⁠ބައިތުލް މަޤްދިސް⁠“ އަށް އީސާގެފާނު މުޚާޠަބު ކުރައްވަމުން ގެންދެވީ ”⁠އަހަރެންގެ މަތިވެރި ބައްޕާފުޅުގެ ގެކޮޅު⁠“ މިފަދައިންނެވެ. ވެރިކަން ކުރާ ފަރާތްތަކުން އެމީހުންގެ ދަރިންގެ ކިބައިން ޓެކްސްއެއް ނުނަގައެވެ. އެ އުސޫލުން އީސާގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުން ކަމުގައި ވުމުން އެކަލޭގެފާނުގެ ބައްޕާފުޅުގެ ގެކޮޅަށް އެކަލޭގެފާނު ޓެކްސް ދައްކާކަށް ނުޖެހެއެވެ. 27ނަމަވެސް ޓެކްސް ނަގާ މީހުންނަށް އަހަރެމެން އުނދަގޫ ކޮށްގެންނުވާނެ. ވީމާ ތިބާ ދޮއްޓެއް ހިފައިގެން ގޮސް މޫދަށް އެއްލާ. ފުރަތަމަ ހިފޭ މަހުގެ އަނގަ ހުޅުވާއިރު އޭގައި ބޮޑު ރިހިފައިސާ ފޮއްޗެއް އޮންނާނެ. އަދި އެ ފޮތި ނަގައިގެން ޓެކްސް ނަގާ މީހާއަށް އަހަރެންނާއި ތިބާގެ ނަމުގައި ދީ.⁠“

Currently Selected:

މައްތާ 17: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in