ލޫކާސް 16

16
ވެރިމީހާގެ މުދަލުން އިސްރާފު ކުރި މުވައްޒަފު
1އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ވަރަށް ބޮޑު މުއްސަންޖަކު ވި. އޭނާގެ މެނޭޖަރު އޭނާގެ އެއްޗިހި އިސްރާފުކުރާ ކަމަށް ތުހުމަތު ކުރެވުނު. 2ދެން އޭނާ އެ މެނޭޖަރު ގެނެސް ބުނި. ’⁠ކަލެއާއި ބެހޭގޮތުން އަހަރެންނަށް މިއިވެނީ ކޮން ޚަބަރުތަކެއް ހޭ؟ ކަލޭ ވިޔަފާރީގެ ކަންތައް ހިންގި ގޮތުގެ މައުލޫމާތުގެ ބަޔާނެއް ލިޔާށޭ. އަދި އެއަށް ފަހު ކަލޭ ތިޔަވަނީ އަހަރެންގެ މެނޭޖަރެއްގެ ވަޒީފާއިން ވަކިކޮށްފައޭ.⁠‘
3މި މެނޭޖަރު ހިތާ ހިތާ ބުނި. ’⁠އަހަރެން ހަދާނީ ކިހިނެއްބާއޭ؟ މަގޭ ވެރިމީހާ މަ މި ވަޒީފާއިން ވަކިކުރަނީއޭ. އަހަރެންނަކީ ބިންކޮނެވޭ ވަރުގެ ހަށިގަނޑުގައި ބާރު ހުރި މީހެއް ނޫނޭ. އަދި އަހަރެން ސަލާންޖަހަން ލަދުގަނޭ. 4އާނއެކޭ. ހަދާނެ ގޮތެއް އެނގިއްޖެއޭ. އޭރުން އަހަރެންގެ ވަޒީފާ ގެއްލުނަސް މިތާގެ މީހުން އަހަރެންނަށް ތާއީދުކޮށް އެމީހުންގެ ގޭގެއަށް އަހަންނަށް ދަޢުވަތު ދޭނެއޭ.⁠‘
5ދެން އޭނާ އޭނާގެ ވެރިމީހާއަށް ދަރާފައިވާ ހުރިހާ މީހުން ފަހަރަކު މީހަކު ގެ މަތިން އޭނާގެ ކައިރިއަށް ގެނައި. މީނާ އޭގެތެރެއިން ފުރަތަމަ މީހާ ކުރެން ސުވާލު ކުރި. ’⁠ކަލޭ އަހަރެންގެ ވެރިމީހާއަށް ދަރައި އޮތީ ކިހާވަރެއް ހޭ؟⁠‘ 6އެމީހާ ބުނި. ’⁠ތިން ހާސް ލީޓަރު ޒައިތޫނި ތެލޭ.⁠‘
މެނޭޖަރު މީހާ ބުނި. ’⁠މިތާ އިށީނދެ ކަލޭގެ ބިލު ނަގާ ތިޔަ ތިން ހާސް ލީޓަރު އެއްހާސް ފަސް ސަތޭކަ ލީޓަރަށް ބަދަލުކޮށްލާށޭ.⁠‘
7ދެން އޭނާ ދެވަނަ މީހާ ކުރެން ސުވާލު ކުރި. ’⁠ކަލޭ ދަރާ އޮތީ ކިހާވަރަކަށް ހޭ؟⁠‘
އެމީހާ ބުނި. ’⁠އެއްހާސް ބަސްތާ ގޮދަނަށޭ.⁠‘ އެމެނޭޖަރު ބުނި. ’⁠ކަލޭގެ ބިލު ނަގާ ތިޔަ އެއްހާސް ބަސްތާ އަށްސަތޭކަ ބަސްތާއަށް ބަދަލުކޮށްލާށޭ.⁠‘
8މި މުއްސަނދި މީހާ އޭނާގެ މި މަކަރުވެރި މެނޭޖަރަށް ސާބަސް ދިން. އެއީ އޭނާ އެ ކަންތައް ކުރިލެއް ހުޝިޔާރު ކަމުން. އެއީ މާތްރަސްކަލާނގެ ދެއްވި ތެދު އަލިމަގުގައި ވާ މީހުންނަށް ވުރެ އެކަލާނގެއަށް އީމާން ނުވާ މީހުން އެކަކު އަނެކަކާއި މެދު ކަންތައް ކުރާއިރު މާ ހުޝިޔާރުވާނެ.
9އަހަރެން ބުނަންތަ؟ ކަލޭމެން އެހެން މީހުންގެ ފައިދާއަށްޓަކައި އަދި ރައްޓެހިންނަށްޓަކައި ދުނިޔެވީ މުދަލުގެ ބޭނުން ކުރޭ. އޭރުން ކަލޭމެންގެ ދީލަތިކަމުގެ ސަބަބުން ސުވަރުގޭގައި ކަލޭމެންނަށް ދެމިހުރި މަންޒިލެއް ލިބޭނެ.
10ކުރާ ކުޑަ ކަންތައްތަކުގައި ތެދުވެރި ވާ މީހަކު ބޮޑެތި ކަންތައްތަކުގައި ވެސް ތެދުވެރި ވާނެ. އެކަމަކު ކުރާ ކުޑަކަންތައްތަކުގައި މަކަރު ހަދާ މީހަކު އޭނާ ކުރާ ބޮޑެތި ކަންތައްތަކުގައި ވެސް މަކަރު ވެރިވާނެ. 11ކަލޭމެން ދުނިޔެވީ މުދަލުގެ މައްޗަށް ތެދުވެރި ނުވާ ނަމަ ޙަޤީޤީ މުދާ ކަމުގައިވާ ސުވަރުގޭގެ މުދާ ކަލޭމެންގެ އަތް މައްޗަށް ދޫކޮށްލުމަށް އިތުބާރު ކުރެވޭނީ ކިހިނެއް؟ 12އަދި ކަލޭ އެހެން މީހެއްގެ މުދަލުގެ މައްޗަށް ޚިޔާނާތްތެރި ވާނަމަ ކަލޭގެ އަމިއްލަ މުދާ ކަލޭގެ މައްޗަށް ދޫކޮށް ލެވޭނީ ކިހިނެއް؟
13އެއްވެސް ނޯކަރަކަށް ދެ ވެރިއެއްގެ ކައިރިއަކު އެއްފަހަރަކާ މަސައްކަތެއް ނުކުރެވޭނެ. އެއީ އޭނާ އެކަކުގެ މައްޗަށް ލޯބިވާނެ. އަދި އަނެކަކުގެ މައްޗަށް ނުރުހޭނެ. ނޫނީ އެކަކަށްޓަކައި އޭނާ ޖާނުދޭނެ. އަދި އަނެކަކު ގެ މައްޗަށް ނަފްރަތު ކުރާނެ. އެއްވެސް މީހަކަށް މާތްރަސްކަލާނގެ ކިބަފުޅަށާއި ފައިސާއަށް އެއްފަހަރަކާ ޚިދުމަތެއް ނުކޮށްދެވޭނެ.⁠“
14 ފަރީސީނުގެ އެންމެން ވެސް ފައިސާއަށް ވަރަށް ލޯބި ކުރެއެވެ. އެހެން ކަމުން އެމީހުންނަށް އީސާގެފާނުގެ މި ބަސްފުޅުތަކުގެ އަޑުއިވުމުން އެކަލޭގެފާނަށް މަލާމާތް ކުރިއެވެ. 15ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔައީ މީހުންގެ ކުރިމަތީގައި ކަލޭމެންގެ ހުރިހާ އަމަލުތަކަކީ ވެސް ރަނގަޅު އަމަލުތަކެއް ކަމުގައި ހަދާ ބަޔެއް. ނަމަވެސް މާތްރަސްކަލާނގެ ކަލޭމެންގެ ހިތްތައް ދެކެ ދެނެ ވޮޑިގެން ވޭ. އިންސާނުންގެ ކުރިމަތީގައި މަތީ އަގުހުންނަ ކަންތައްތަކަކީ މާތްރަސްކަލާނގެ ކުރިފުޅުމަތީ ތާކުންތާކު ނުޖެހޭ ހުތުރު ކަންތައްތައް.⁠“
މާތްރަސްކަލާނގެ ބަސްފުޅު ދުވަހަކު ވެސް އުވިގެނެއް ނުދާނެ
16”⁠މޫސާގެފާނު އެންގެވި ދީނީ ގަވާއިދުތަކާ އަދި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް ފޮނުއްވުނު މާތްރަސްކަލާނގެ ބަސްފުޅުތައް ފާޅުކުރެވުނީ ޔަޙުޔާގެފާނާއި ޖެހެންދެން. ޔަޙުޔާގެފާނަށް ފަހު މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅު އެ ވަޙީ ކުރެއްވިފައި ވީ ފަދައިން ފެތުރެމުން ދޭ. އެތައް ބަޔަކު ވެސް އެކަލާނގެ ރަސްކަންފުޅާއި ބެހޭ މިޚަބަރުތައް ޖޯޝާ އެކު ކަނުލާ ފަރުވާތެރިވެ އަޑުއަހަމުން އެބަގެންދޭ. 17އަދި އުޑާއި ބިން ނެތިގެން ދިޔަޔަސް މާތްރަސްކަލާނގެ އެންގެވި މާތްރަސްކަލާނގެ ބަސްފުޅުތަކުގައި ލިޔެވިފައިވާ އެންމެ ނުކުތާއެއްގެ މިންވަރު ވެސް އުވިގެންނެއް ނުދާނެ.
18އެއްވެސް މީހަކު އެމީހެއްގެ އަނބިމީހާ ވަރިކޮށްފައި އެހެން އަންހެނަކާއި އިނދެފި ނަމަ އެ ކުރެވެނީ ޒިނޭ. އަދި ވަރިވެފައިވާ އަންހެނަކާއި އިންނަ ފިރިހެނަކަށް ވެސް އެ ކުރެވެނީ ޒިނޭ.⁠“
މުއްސަނދި މީހާއާއި ލާޒަރު
19އީސާގެފާނު ވިދާޅުވިއެވެ. ”⁠އެއްފަހަރަކު ވަރަށް ބޮޑު މުއްސަންޖަކު އުޅުނު. އޭނާ އަބަދުވެސް އެންމެ އަގުބޮޑު މޮޅު އަންނައުނު ލާ މޮޅު ކެއުން ކައިގެން އަރާމުގައި އުޅުނު. 20‏-21މި މުއްސަނދި މީހާގެ ދޮރާށި ކައިރީގައި ކޮންމެދުވަހަކު ވަރަށް ފަޤީރަކު ގެނެސް ބޭއްވިފައި އޮވޭ. މި ފަގީރު މީހާގެނަމަކީ ލާޒަރު. އޭނާ އެތާ އޮންނަނީ އެއީ މި މުއްސަނދި މީހާ ކާއިރު މޭޒުމަތިން އޮހޭ ބާކީ ކާއެތިކޮޅު ލިބޭނެ ކަމުގެ އުންމީދުގަ. މި ލާޒަރުގެ މުޅި ހަށިގަނޑު ވަނީ ފާރުތަކުން ފުރިފަ. ކުއްތާތައް އައިސް އޭނާގެ ފާރުތަކުގައި ދޫކާތާ ހަދާ.
22އެއްދުވަހަކު މިލާޒަރު މަރުވެއްޖެ. ދެން މަލާއިކަތުން އޭނާގެ ފުރާނަ ސުވަރުގެއަށް އިބްރާހީމްގެފާނުގެ އަރިހަށް ގެންދެވި. މި މުއްސަނދި މީހާ ވެސް މަރުވި. އަދި އޭނާގެ ހަށިގަނޑު ވަޅުލެވުނު. 23މި މުއްސަނދި މީހާ ނަރަކައިގައި ވަރަށް ވޭން ލިބިގެންވާ ހާލުގައި ވި. އޭނާ ވަށައިގެން ހޯދާ ބެލިއިރު ވަރަށް ދުރުން އޭނާއަށް އިބްރާހީމްގެފާނު ފެނުނު. އަދި އެކަލޭގެފާނުގެ އަރިހުގައި ލާޒަރު ވެސް ވަނިކޮށް ދުށް. 24އެމީހާ ގޮވި. ’⁠އިބްރާހީމްގެފާނުއޭ. އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާށޭ. އަޅުގަނޑު މި އަލިފާނުގެ ތެރޭގައި މި ވަނީ ވަރަށް ވޭނުގައޭ. ލާޒަރުގެ އިނގިއްޔެއް ފެން އެއްޗަކަށް ލައްވާފާ އަޅުގަނޑުގެ އަނގަޔަށް ފިނި ކޮށްލައި ދިނުމަށް މިތަނަށް ފޮނުވާ ދެއްވާށޭ.⁠‘
25އިބްރާހީމްގެފާނު ވިދާޅުވި. ’⁠ދަރިފުޅާއޭ. ހަނދާން ވޭހޭ؟ ކަލޭ ދުނިޔޭގައި އުޅުނުއިރު ކަލެއަށް ރަނގަޅު ގޮތްތައް ދިމާވިއޭ. އަދި ލާޒަރުއަށް ވަރަށް ދެރަ ނުބައި ގޮތްތައް ދިމާވިއޭ. މިހާރު މިތާނގައި އޭނާއަށް ވަނީ ހަމަޖެހުން ލިބިފައޭ. އަދި ކަލޭ ތިޔަވަނީ ވޭނުގައޭ. 26އެހެން ނޫނަސް ކަލެއާއި އަހަރެމެންނާއި ދޭތެރޭ ބޮޑު ފުން ވަޅުގަނޑެއް އެބައޮތޭ. އެހެންވެ މިފަރާތުން އެކަކަށް ވެސް ތިޔަ ފަރާތަކަށް ނުދެވޭނެއޭ. އަދި ތިޔަފަރާތުން އެކަކަށް ވެސް މިފަރާތަކަށް ވެސް ނާދެވޭނެއޭ.⁠‘
27ދެން މި މުއްސަނދި މީހާ ބުނި. ’⁠ނަމަވެސް އަޅުގަނޑުގެ މިއާދޭސް ގަބޫލު ކުރައްވާށޭ. ލާޒަރު އަޅުގަނޑުގެ ބައްޕަގެ ގެއަށް ފޮނުއްވާ ދެއްވާށޭ. 28އެގޭގައި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ފަސް ފިރިހެނުން ތިބޭނެއޭ. އަޅުގަނޑު އުޅުނު ގޮތަށް ނޫޅޭން ލާޒަރު އެމީހުންނަށް އިންޒާރު ކޮށްފިނަމަ އެމީހުންނަށް މި ވޭނާއި އަނިޔާ ލިބޭ ތަނަށް އަންނާކަށް ނުޖެހޭނެއޭ.⁠‘
29ނަމަވެސް އިބްރާހީމްގެފާނު އޭނާއަށް ވިދާޅުވި. ’⁠އެމީހުން އަތުގައި މޫސާގެފާނާއި އަދި ނަބީބޭކަލުން ލިޔުއްވި ފޮތްތައް ވެއޭ. އެފޮތްތަކުގައި ލިޔެވިފައިވާ ނަސޭޙަތްތައް އަހައި އެމީހުންނަށް އެއަށް އީމާންވެވި ދާނެއޭ.⁠‘
30މި މުއްސަނދި މީހާ ބުނި. ’⁠ނޫނެކޭ. އިބްރާހީމްގެފާނުއޭ. އެމީހުންގެ ކައިރިއަށް މަރުވެފައިވާ މީހުންގެ ތެރެއިން މީހަކު ހިނގައްޖެ ނަމަ އެބައިމީހުން އެމީހަކު ބުނާ އެއްޗެއްގެ އަޑު އަހާ ގަބޫލުކޮށް އެބައިމީހުންގެ ހިތާއި އުޅުން ބަދަލުކުރާނެއޭ.⁠‘
31ދެން އިބްރާހީމްގެފާނު ވިދާޅުވިއޭ. ’⁠އެމީހުން މޫސާގެފާނާއި އަދި ނަބީބޭކަލުން ވިދާޅުވި ބަސްފުޅުތަކުގެ އަޑުނާހާ އުޅޭ ނަމަ މަރުވެފައިވާ މީހަކު އަލުން ދިރިގެން ދިޔަސް އެމީހުންގެ ހިތާއި އުޅުމެއް ބަދަލެއް ނުކުރާނެއޭ.⁠‘⁠“

Àwon tá yàn lọ́wọ́lọ́wọ́ báyìí:

ލޫކާސް 16: ކމ

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀

Àwọn fídíò fún ލޫކާސް 16