ލޫކާސް 14
14
އީސާގެފާނު ދީނުގެ ދަންނަބޭކަލެއްގެ ގޭގައި
1 ސަބަތުގެ ދުވަހެއްގައި އީސާގެފާނު ފަރީސީނުގެ ތެރެއިން މަތީ މީހެއްގެ ގެއަށް ކެއުމަށް ވަޑައިގެންނެވިއެވެ. އެމީހުން އެދުވަހު އެކަލޭގެފާނުގެ ކޮންމެ ހަރަކާތްފުޅެއް ވަރަށް ފަރުވާތެރި ކަމާއިއެކު ބަލަން ތިއްބެވެ. 2އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ދުޅަބަލި ޖެހިފައިވާ މީހަކު އިނެވެ. 3އީސާގެފާނު ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ކުރެން ސުވާލު ކުރެއްވިއެވެ. ”ސަބަތުގެ ދުވަހުގައި މީހެއްގެ ބަލި ފަސޭހަ ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ތަ؟“ 4ނަމަވެސް އެމީހުން މި ސުވާލަކަށް އެއްވެސް ޖަވާބެއް ނުދިނެވެ. ދެން އެކަލޭގެފާނު މި ބަލި މީހާ ގެންނަވާ އެމީހާގެ ބަލި ފަސޭހަ ކުރައްވާ ފޮނުވާލެއްވިއެވެ.
5ދެން އެކަލޭގެފާނު އަނެއްކާވެސް އެމީހުންނާއި ސުވާލު ކުރެއްވިއެވެ. ”ކަލޭމެންގެ ދަރިއަކު ނުވަތަ ކަލޭމެން ގެންގުޅޭ ގެރިއެއް ސަބަތުގެ ދުވަހެއްގައި ވަޅަކަށް ވެއްޓިއްޖެ ނަމަ ކަލޭމެން އެ ކުއްޖާ ނުވަތަ އެގެރި ވަގުތުން ވަޅުން ނުނަގާނަން ތަ؟“ 6އެތާނގައި ތިބި މީހުންނަށް އީސާގެފާނުގެ މި ސުވާލުފުޅުތަކަށް ދޭނޭ ޖަވާބެއް ނޭނގުނެވެ.
7އެގެއަށް އައި މެހުމާނުން މަތީ މީހުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިތަކުގައި އިށީނުމަށް މަސައްކަތް ކުރާ ތަން ފެނިވަޑައިގެން އީސާގެފާނު މި މާނަފުން ވާހަކަ ވިދާޅުވިއެވެ. 8”މީހަކު ކަލޭމެންގެ ތެރެއިން މީހަކަށް ކައިވެނީގެ ހަފުލާއަކަށް ދަޢުވަތު ދީފިނަމަ އެތަނަށް ގޮސް އެތާނގައިވާ މުހިންމު މީހުން އިށީނުމަށް ވާ ގޮނޑިތަކުގައި ނީށީންނާތި. އެއީ ކަލެއަށް ވުރެ މާ މަތީ ޚާއްސަ މީހަކަށް ވެސް އެހަފުލާއަށް ދަޢުވަތު ދެވިފައި ވެދާނެ. 9އެހެން ކަމަށް ވެއްޖެނަމަ ކަލޭމެންނަށް ދަޢުވަތު ދިން މީހާ އައިސް ބުނާނެ. ’ތިޔަ ގޮނޑި މީނާއަށް ދީ.‘ ދެން ކަލޭ ޖެހޭނީ ލަދުން ތެދުވެގެން ގޮސް އެތާ ހުރި އެންމެ ދެރަ ގޮނޑީގައި އިށީންނަން. 10ނަމަވެސް ކަލެއަށް ކައިވެނީގެ ހަފުލާއަކަށް ދަޢުވަތު ލިބިއްޖެނަމަ ގޮސް އެތާނގައި ހުރި އެންމެ ދެރަ ގޮނޑީގައި އިށީނދޭ. އޭރުން ކަލެއަށް ދަޢުވަތު ދިން މީހާ އައިސް ބުނާނެ. ’ރަޙުމަތްތެރިޔާއޭ. ތިޔަ ތަނުން ތެދުވެގެން އައިސް ތިޔަށް ވުރެ ރަނގަޅު ތަނެއްގައި އިށީންނާށޭ.‘ ދެން އެތަނަށް އައިސް ތިބި ހުރިހާ މެހުމާނުންނެއްގެ ކުރިމަތީ ކަލެއަށް އިޙުތިރާމު ލިބޭނެ. 11އެއީ ހިތުގައި އަމިއްލަ ނަފްސުގެ މައްޗަށް ކިބުރުވެރިކަން ވާ ކޮންމެ މީހަކު ދަށްކުރެވޭނެ. އަދި ހިތުގައި ކިބުރުވެރިކަން ނުވާ ކޮންމެ މީހަކު މަތި ކުރެއްވޭނެ.“
12ދެން އީސާގެފާނަށް ދަޢުވަތު ދިން މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ކަލޭ ޚާއްސަ ބޮޑު ކެއުމެއް ދެނީ ކަމުގައި ވީ ނަމަވެސް ހަމައެކަނި ކަލޭގެ ރަޙުމަތްތެރިން ނުވަތަ އެއްބަނޑު ތިމާގެ މީހުން ނުވަތަ ކަލޭގެ މުއްސަނދި އަވަށްޓެރިންނަށް އެކަނި ދަޢުވަތު ނުދޭތި. އެ ގޮތަށް ކަލޭ ކަންތައް ކުރީމާ އޭގެ ބަދަލުގައި އެމީހުން ވެސް ކަލެއަށް ދަޢުވަތު ދޭނެ. 13ކަލޭ ބޮޑުކެއުމެއް ތައްޔާރުކުރަނީ ނަމަ ފަގީރުންނަށާއި ނުހިނގޭ މީހުންނަށާއި ވާބަލި ޖެހިފައިވާ މީހުންނަށާ ލޯއަނދިރި މީހުންނަށް ދަޢުވަތު ދީ. 14އޭރުން ކަލެއަށް ރަޙުމަތް ލައްވާނެ. އެއީ އެމީހުންނަށް އޭގެ އަގު ދޭން ނުލިބުނު ކަމުގައި ވިޔަސް ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ ކިބަފުޅުން ބަރަކާތާއި އެކަލާނގެ ރުހިވޮޑިގަތުން ކަލެއަށް ލިބޭނެ.“
ވަރަށް ޚާއްސަ ބޮޑު ކެއުމެއް
15އެކަލޭގެފާނާއި އެކު މޭޒު ކައިރީ އިން މީހަކު މިއަޑު އަހާފައި އީސާގެފާނަށް ދެންނެވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅުގެ ޙަޟްރަތުގައި ވާ ބޮޑުކެއުމުގައި ހިމެނޭނެ މީހުންނަށް ބަރަކާތް ހުރި!“
16އީސާގެފާނު ވިދާޅުވިއެވެ. ”އެއްދުވަހަކު މީހަކު ބޮޑުކެއުމެއް ތައްޔާރުކޮށް އެތައްބަޔަކަށް ދަޢުވަތު ދިން. 17ދެން ކާގަޑި ޖެހުމުން އޭނާ އޭނާގެ ނޯކަރު ދަޢުވަތު ދެވިފައި ވީ މެހުމާނުންގެ ކައިރިއަށް ފޮނުވާފައި ބުނި. ’އަވަހަށް އަންނާށޭ. ހުރިހާ އެއްޗެއް ވެސް މި ވަނީ ތައްޔާރަށޭ.‘
18ނަމަވެސް މި އެންމެން ވެސް އެކިކަހަލަ އުޒުރުތައް ދައްކަން ފެށި. ފުރަތަމަ މީހާ ބުނި. ’އަހަރެން ހަމަ ދެންމެއަކު ގޮވާން އިންދުމަށްޓަކައި ބިމެއް ގަނެފީމޭ. އެހެން ވީމާ އަހަރެން އެބިން ބަލަން ދާން އެބަ ޖެހެއޭ. އަހަރެންގެ ސަލާން ގަބޫލުކުރާށޭ.‘
19އަނެއް މީހާ ބުނި. ’އަހަރެން ހަމަ ދެންމެ ގޮންގަނޑުގެރީގެ ދިހަ ގެރި ގަންފީމޭ. އެހެންވެ އަހަރެން މިހާރު މިދަނީ އެއެއްޗިހި ރަނގަޅުތޯ ބަލާށޭ. އަހަރެންގެ ސަލާން ގަބޫލު ކުރާށޭ.‘
20އަނެއް މީހަކު ބުނި. ’އަހަރެން ހަމަ ދެންމެ މީހަކާއި އިނދެފީމޭ. އެހެންވެ މި ވަގުތު އާދެވޭކަށް ނެތޭ.‘
21އޭނާގެ ނޯކަރު މީހާ އައިސް މި ވާހަކަތައް ބުނުމުން ވެރިމީހާ މިކަމާއި ވަރަށް ބޮޑަށް ރުޅި އައި. ދެން އޭނާގެ ނޯކަރުންނަށް ބުނި. ’އަވަހަށް ދާށޭ. މަގު މައްޗަށާއި ރަށުގެ ކުދި ގޯޅިތަކަށް ގޮސް ފަޤީރުންނާއި، ކޮރު މީހުންނާއި، ލޯއަނދިރި މީހުންނާ، ވާ މީހުންނާއި ގެންނާށޭ.‘
22އޭނާގެ ނޯކަރު މީހާ އެފަދައިން ކަންކުރުމަށް ފަހު އައިސް ބުނި. ’ސާހިބާއޭ، މަނިކުފާނު ތި ބުނުއްވި ފަދައިން އަޅުގަނޑު ކަންތައް ކޮށްފީމޭ. ނަމަވެސް އަދިވެސް އެތަނެއް ނުފުރެއޭ.‘
23ދެން ވެރިމީހާ ބުނި. ’ޖެހިގެން އޮތް ރަށަށް ގޮސް އެރަށުން ވެސް މީހުން ގެންނާށޭ. އޭރުން އަހަރެންގެ ގެ ފުރޭނެއޭ. 24އަހަރެން ބުނަން. ދަޢުވަތު ދެވުނު އެކަކަށް ވެސް އަހަރެންގެ ކެއުމުގެ ރަހައެއް ނުލިބޭނޭ.‘“
އީސާގެފާނުގެ އަސްޙާބީއަކަށް ވުމުގެ އަގު
25އެތައްބައިވަރު މީހުންނެއް އީސާގެފާނާއި އެކު ދަތުރު ކުރަމުން އައެވެ. އެކަލޭގެފާނު އެމީހުންނާއި ދިމާއަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. 26”އަހަރެންގެ ކައިރިއަށް އަތުވެއްޖެ ކޮންމެ މީހަކުމެ އެމީހެއްގެ ބައްޕަ އާއި މަންމައަށާއި އަނބިމީހާއަށާއި ދަރިންނަށާއި ބޭބެއިންނާއި ދައްތައިންނަށާއި އަދި ކީއްކުރަން އެމީހެއްގެ އަމިއްލަ ފުރާނައަށް ލޯބިވާވަރަށް ވުރެ ވެސް ބޮޑަށް އަހަރެން ދެކެ ލޯބިނުވަނީ ނަމަ އެމީހަކަށް އަހަރެން އެންގި މަގުން ހިނގާ އަހަރެންގެ އަސްޙާބީއަކަށް ނުވެވޭނެ. 27އަހަރެންގެ ބަސްތައް އަޑުއަހާ އެއަށް އީމާންވާ މީހުންނަކީ އެކަމުގެ ސަބަބުން އެމީހުންނަށް މަރުގެ އަދަބު ލިބި އަދި އަހަރެން ފަދައިން ސަލީބެއްގައި އޮވެ މަރުވާން ޖެހުނު ކަމުގައި ވިޔަސް އެކަމަށް ތައްޔާރުގައި ވާންޖެހޭނެ ބައެއް. އެފަދައިން ނުވާ މީހަކަށް އަހަރެންގެ އަސްޙާބީ އަސްޙާބީންނަކަށް ނުވެވޭނެ.
28މިސާލަކަށް ކަލޭމެންގެ ތެރެއިން މީހަކު ބޮޑު އިމާރާތެއް ބިނާކުރަން ބޭނުން ވެއްޖިއްޔާ އެމީހަކު ފުރަތަމަ ރަނގަޅަށް ބަލާނީ އެކަން ކުރާ ވަރަށް އެމީހާގެ އަތުގައި ފައިސާ ހުރިތޯ އެއް ނު؟ 29އެއީ އޭނާ އެ ބޮޑު ޢިމާރާތް ބިނާ ކުރުމަށްޓަކައި ބިންގާ އަޅާ ހެދުމަށް ފަހު އެ ޢިމާރާތް ނުނިންމައިފި ނަމަ އެ ޢިމާރާތް ފެންނަ ކޮންމެ މީހަކުމެ އޭނާއަށް މަލާމަތް ކުރާނެތީ. 30އެމީހުން ބުނާނެ އެއްނު. ’މީނާ މިތަން ހަދަން ފަށައިފައި ނުވެސް ނިންމުނު.‘
31ދިހަ ހާސް ސިފައިން ވާ ރަސްކަލަކު އޭނާ އާއި އިދިކޮޅަށް ވިހި ހާސް ސިފައިން ގޮވައިގެން ހަނގުރާމައަށް އަންނަ ރަސްގެފާނު ބަލިކުރެވިދާނޭ ތޯ ފުރަތަމަ ނުވިސްނާ ފިޔަވަޅެއް އަޅާނެ ތަ؟ 32އޭނާއަށް އެކަން ނުވާނެކަން އެނގުމުން އޭނާ އާއި ހަނގުރާމަ ކުރުމަށް އަންނަ ރަސްގެފާނު އެރަށާއި އެތައް ދުރުމިނެއްގައި ވަނިކޮށް ވަފުދެއް ފޮނުވާ ސުލްޙަ ވުމަށް އެދޭނެއެއް ނު؟ 33ވީމާ ކަލޭމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަހަރެންގެ އަސްޙާބީއަކަށް ވުމުގެ ކުރިން އެކަމުގެ އަގު ވަޒަން ކުރަން ޖެހޭނެ. އެކަމުގެ އަގަކީ ކަލޭމެންގެ ހުރިހާ އެއްޗެއް. މިފަދައިން ކަން ނުކުރާ މީހަކަށް އަހަރެންގެ އަސްޙާބީއަކަށް ނުވެވޭނެ.
34ލޮނަކީ ރަނގަޅު އެއްޗެއް. ނަމަވެސް ލޮނުން ލޮނު ރަހަ ކެނޑިގެން ހިނގައްޖެ ނަމަ އެ ލޮނު އަނެއްކާ ލޮނަށް ހެދޭނެތަ؟ 35އެ ލޮނަކީ ބިންގަނޑަށް ވެސް އަދި ގަސްކާނާއަށް ވެސް ކަމުދާ އެއްޗަކަށް ނުވާނެ. އެ ޖެހޭނީ އުކާލަން. ކަންފަތް ހުރި މީހަކު މިބުނި ބަސްތަކުގެ އަޑުއަހާ.“
Àwon tá yàn lọ́wọ́lọ́wọ́ báyìí:
ލޫކާސް 14: ކމ
Ìsàmì-sí
Pín
Daako
Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀
© (Active), Wycliffe Bible Translators, Inc. All rights reserved.