ލޫކާސް 13
13
ތައުބާނުވާ އެންމެން ވެސް ނެތިގެންދާނެ
1އެތާނގައި ތިބި ބަޔަކު އީސާގެފާނަށް ދެންނެވިއެވެ. ގަލީލީގެ ބަޔަކު ބައިތުލް މަޤްދިސްގައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނެއް ކުރުމުގައި އުޅެނިކޮށް ޕިލާތުސްގެ އެންގުމަށް އެމީހުން އެތާނގައި ގަތުލުކުރެވުނެވެ. އެކަމުގެ ސަބަބުން އެމީހުންގެ ލެޔާއި އެމީހުން ޤުރުބާން ކުރި ޖަނަވާރުތަކުގެ ލެޔާއި އެއްވިއެވެ. 2އީސާގެފާނު އެމީހުން ކުރެ ސުވާލު ކުރެއްވިއެވެ. ”ކަލޭމެން ދެކެނީ މިމީހުންނަށް މި ގޮތަށް އަނިޔާ ލިބުނީ އެއީ މިމީހުންނަކީ ގަލީލީގެ އެހެން މީހުންނަށް ވުރެ ބޮޑެތި ފާފަވެރިން ކަމުގައި ވާތީ ކަމަށް ތަ؟ 3އަހަރެން ބުނަން ތަ؟ އެހެންނެއް ނޫން. ކަލޭމެން ވެސް ތައުބާ ނުވާ ކަމުގައި ވަނީނަމަ އެމީހުންނެކޭ އެއްފަދައިން ނެތި ހިނގައިދާނެ. 4ސިލުވާމުގެ ބުރުޒު ވެއްޓިގެން މަރުވި އަށާރަ މީހުންނަކީ ވެސް ޖެރޫސަލަމުގެ އެހެން މީހުންނަށް ވުރެ ނުބައި ބަޔަކު ކަމުގައި ކަލޭމެން ދެކެންތަ؟ 5ނޫން. އަހަރެން ބުނަން ތަ؟ ކަލޭމެން ވެސް ތައުބާ ނުވަނީ ނަމަ އެމީހުންނެކޭ އެއްފަދައިން ނެތިވެދާނެ.“
6ދެން އީސާގެފާނު މި މާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ. ”މީހަކު ވައްތީނި ގަހެއް އޭނާގެ ދަނޑެއްގައި އިންދި. އެއްދުވަހަކު އޭނާ އެގަހުގައި މޭވާއެއް ވޭތޯ ބެލުމަށް ދިޔަ. ނަމަވެސް އެގަހުގައި އެންމެ މޭވާއެއް ވެސް ނެތް. 7ދެން އޭނާ އޭނާގެ ދަނޑު ބަލަހައްޓާ މީހާއަށް ބުނި. ’އަހަރެން މި ވައްތީނި ގަހުން މޭވާއެއް ލިބޭތޯ އަންނަތާ މިހާރު މި ވީ ތިން އަހަރޭ. އެކަމަކު ދުވަހަކު ވެސް މިގަހަކުން މޭވާއެއް އަދި ނުލިބެއޭ. މިގަސް ކަނޑާލާށޭ. މިގަސް މިތާ ހުރުމުން ބިންގަނޑުން ލިބެންވާ ފައިދާ އެގަހަށް ދިއުން ފިޔަވާ އެހެން ކަމެއް އެބަ ވޭހޭ؟‘
8އެދަނޑު ބަލަހައްޓާ މީހާ ބުނި. ’ވެރިމީހާއޭ. އެއްއަހަރު އިތުރަށް އަދި މިގަސް ކަނޑާނުލާ ބަހައްޓާ ދެއްވާށޭ. އޭރުން އަޅުގަނޑު އެގަސް ވަށައިގެން ކޮނެ ގަހު ކާނާ އަޅާނަމޭ. 9އޭރުން ފަހަރެއްގައި އޭގައި މޭވާ އަޅައިފާނޭ. މޭވާ ނާޅައިފި ނަމަ ދެން އެގަސް ކަނޑުއްވާ ލައްވާށޭ.‘“
އީސާގެފާނު ބަލި އަންހެނަކު ހެޔޮކުރެއްވުން
10ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމުގެ ޚާއްސަ ދުވަސް ކަމުގައިވާ ސަބަތުގެ ދުވަހެއްގައި އެބައިމީހުން އަޅުކަން ކުރުމަށް އެއްވެ ތިބި ދީނީ މަރުކަޒެއްގެ ތެރޭގައި އީސާގެފާނު މީސްތަކުންނަށް ކިޔަވައި ދެއްވުމަށް އިންނެވިއެވެ. 11ޖިންނީންގެ ސަބަބުން ހަށިގަނޑު ލެނބި ކޮއްޅުން ނުހުރެވޭ ވަރުގެ ބަލި ހާލު ޖެހިފައިވާ އަންހެނަކު އެތާނގައި ވިއެވެ. މިމީހާއަކީ މިބަލި ހާލުގައި ވާތާ އަށާރަ އަހަރުވެފައިވީ މީހަކު ކަމުގައި ވިއެވެ. 12އީސާގެފާނަށް އޭނާ ފެނިވަޑައިގަތް ހިނދު އޭނާއަށް އެކަލޭގެފާނުގެ އަރިހަށް އައުމަށް ގޮވައިލެއްވިއެވެ. އަދި އެ އަންހެންމީހާ އަށް ވިދާޅުވިއެވެ. ”ދައްތާ، ދައްތަ ތިޔަވަނީ މިންޖު ކުރެވިފަ.“ 13އެކަލޭގެފާނުގެ ދެ އަތްޕުޅުން އޭނާގެ ގައިގައި އަތްލެއްވިއެވެ. ހަމަ އެހިނދުން އޭނާގެ ހަށިގަނޑު ސީދާވެއްޖެއެވެ. އަދި އެ އަންހެންމީހާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރިއެވެ.
14މިދީނީ މަރުކަޒުގެ މުދިމު މިކަންތައްތައް ދެކެ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ ސަބަތުގެ ދުވަހެއްގައި އީސާގެފާނު މީހެއްގެ ބަލި ފަސޭހަ ކުރެއްވީތީއެވެ. އޭނާ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”ހަފްތާއަކު މަސައްކަތް ކުރުމަށް ހަ ދުވަސް ވޭ. ވީމާ ބަލިން ހެޔޮވުމަށް އެއިން ދުވަހެއްގެ ތެރެއިން ދުވަހެއްގައި އާދޭ. ސަބަތުގެ ދުވަހުގައި ނަޔަކަސް ވެދާނެ.“
15މާތްސާހިބާ ވިދާޅުވިއެވެ. ”ކަލޭމެންނަކީ މުނާފިޤުންގެ ބައެއް! ކަލޭމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އޭނާގެ ގެރި ނޫނީ ހިމާރު ފެން ބޮވައިގަންފި ނަމަ ސަބަތުގެ ދުވަހުގައި ވިޔަސް އެ އެތި މޮހައިލައި އެއަށް ފެން ދިނުމަށްޓަކައި ނުގެންދާނަން ތަ؟ 16މިކަނބުލޭގެއީ ވެސް އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހެއް. އޭނާ ޝައިތާނާގެ ބާރުގެ ދަށުގައި ވީތާ އަށާރަ އަހަރުގެ ދިގު މުއްދަތެއް ވޭތުވެއްޖެ. ވީއިރު ސަބަތުގެ ދުވަހުގައި ވިޔަސް ހަމަޔަޤީނުން ވެސް އޭނާ އެކަމުން މިންޖުކޮށް މިނިވަން ކުރުމަކީ ނުބައިކަމެއް ތަ؟“
17އެތާނގައި ތިބި މީސްތަކުންގެ ތެރެއިން އީސާގެފާނާއި ދެކޮޅުހެދި މީސްތަކުން އެކަލޭގެފާނުގެ މިބަސްފުޅުގެ ސަބަބުން އަމިއްލަ ނަފްސުގެ މައްޗަށް ލަދުގަތެވެ. ނަމަވެސް އެހެން ހުރިހާ މީސްތަކުން އެކަލޭގެފާނު ކުރައްވަމުން މިގެންދަވާ ހައިރާން ކުރުވަނިވި ކަންތަކުގެ ސަބަބުން ވަރަށް ބޮޑަށް އުފާވިއެވެ.
ކުޑަ އޮށަކާއި ކަމީރުކޮޅެއް
18އީސާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅު ގާއިމު ކުރައްވާއިރު ކަންތައްތައް ވާނެ ގޮތް ކަލޭމެންނަށް ބުނެދިނުމަށް އަހަރެން ބޭނުން ކުރާނީ ކޮންފަދަ މިސާލެއް؟ 19މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅު ގާއިމު ކުރައްވާއިރު ކަންތައްތައް ވާނީ މީހަކު އެމީހާގެ ދަނޑުގައި އިންދި ކުޑަކުޑަ އޮށަކާއި މެދު ކަންތައްތައް ވާފަދަ ގޮތަކަށް. އެއޮށަކީ އޮށްތަކުގެ ތެރޭ ހިމެނޭ އެންމެކުޑަ އޮށް ނަމަވެސް އެއޮށުން ގަސް ފަޅާ އެގަސް ހެދި ވަރަށް ބޮޑަށް ފެތުރޭ. ދޫނިތައް އެ އެއްޗެތީގެ ހާލި އެގަހުގެ ގޮފިތަކުގައި ހަދާ.“
20އަދި ވެސް އީސާގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅު ގާއިމު ކުރައްވާއިރު ކަންތައްތައް ވާނެ ގޮތުގެ އެހެން މިސާލެއް ބުނަން ތަ؟ 21އެދުވަހުން ކަންތައް ވާނެ ގޮތުގެ މިސާލަކީ އަންހެނަކު މޮޑުނު ބޮޑު ސިންގާ ފުށްގަނޑަކަށް ލީ ކުޑަ ކަމީރުކޮޅަކާ #13:21 ކަމީރުކޮޅަކާ ކަމީރަކީ އާންމުކޮށް ޔީސްޓް އޭ ކިޔާ ބާވަތެކެވެ. މިއީ ޕާނާއި ފާރޮށި ފިހާ އިރު ފުށްގަނޑު ފުއްޕުމަށް ބޭނުން ކުރާ މާއްދާއެކެވެ. އެއްފަދަ ގޮތަކަށް. ކުޑަ އިރުކޮޅަކަށް ފަހު މުޅި ފުށްގަނޑަށް އެކަމީރުކޮޅުގެ އަސަރުކުރާނެ.“
ދިންނެވުމުގެ މަގު ކިތަންމެ ހާ ވެސް ހަނި
22ދެން އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެން މަގުމަތީގައި ވީ ރަށްރަށާއި އަވަށްއަވަށުގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ. 23މީހަކު އެކަލޭގެފާނު ކުރެން ސުވާލު ކުރެއްވިއެވެ. ”މާތްސާހިބާ. ދިންނެވުން ލިބޭނީ ވަރަށް މަދު މީހަކަށް ތޯ؟“
އީސާގެފާނު ވިދާޅުވިއެވެ. 24”ސުވަރުގެއަށް ވަނުމަށް ވާ ދޮރު ވަރަށް ހަނި. އެ ހަނި ދޮރުން ވަދެވޭތޯ ބެލުމަށް ވީހާ ވެސް މަސައްކަތެއް ކުރޭ. އެއީ އެތައް ބަޔަކު ވެސް އެހަނިދޮރުން ވަންނަން އުޅޭނެ، ނަމަވެސް ނުވަދެވޭނެ. 25ގޭގެ ވެރިޔާ ދޮރު ލެއްޕުމުން ކަލޭމެން ތިބެން ޖެހޭނީ ބޭރުގަ. އޭރުން ކަލޭމެން ދޮރުގައި ޓަކިދީ ގޮވާނެ. ’ވެރިމީހާއޭ. އަޅުގަނޑުމެން ވަންނަން ދޮރުހުޅުވާ ދެއްވާށޭ.‘
ނަމަވެސް އޭނާ ޖަވާބުދޭނެ. ’އަހަރެންނަކަށް ކަލޭމެން ތިޔައީ ކޮންތާނކުން އައި ކޮންބައެއް ކަމެއް ނޭނގެއޭ.‘
26ދެން ކަލޭމެން ބުނާނެ. ’އަޅުގަނޑުމެން ކަލޭގެފާނާއި އެކު ކައި ބޮއި ހެދީމެއް ނޫންތޯއޭ؟ ކަލޭގެފާނު އަޅުގަނޑުމެންގެ ރަށުގެ މަގުތަކުގައި ކިޔަވާ ވެސް ދެއްވީމެއް ނޫންތޯއޭ؟‘
27އޭނާ ޖަވާބުގައި ބުނާނެ. ’އަހަރެންނަކަށް ކަލޭމެން ތިޔައީ ކޮންތާނކުން އައި ކޮންބަޔަކު ކަމެއް ވެސް ނޭނގެއޭ. އޭ ނުބައި ވެގެންވާ ކަންތައްތައް ކުރާ މީހުންނޭ. އަހަރެންގެ ކައިރިން ދުރަށް ދާށޭ.‘
28އެތަނުގައި ހިތާމަ އާއި ރުއިމާ ކުކުރުން ވާނެ. އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާއި އަދި ހުރިހާ ނަބީންނެއް ވެސް މާތްރަސްކަލާނގެ ޙަޟްރަތުގައި ވާތަން ކަލޭމެންނަށް ފެންނާނެ. ނަމަވެސް ކަލޭމެން އެތަނުން ބޭރު ކުރެވޭނެ. 29މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މީސްތަކުން އައިސް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ޙަޟްރަތުގައިވާ ބޮޑު ކެއުމުގައި އެމީހުންނަށްޓަކައި ޚާއްސަ ކުރެވިފައިވާ މަޤާމުތަކުގައި އިށީންނާނެ. 30ހަމަކަށަވަރުން މިހާރު އެންމެ މަތިވެރި މީހުންގެ ތެރެއިން ގިނަ މީހުން އެންމެ ދަށް މީހުން ކަމުގައި ވާނެ. އަދި މިހާރު އެންމެ ދަށް މީހުންގެ ތެރެއިން ގިނަ މީހުން އެންމެ މަތިވެރި މީހުން ކަމުގައި ވާނެ.“
އީސާގެފާނު ޖެރޫސަލަމާއި މެދު ހިތާމަ ކުރެއްވި
31އެވަގުތު ފަރީސީނުގެ ބަޔަކު އައިސް އީސާގެފާނަށް ދެންނެވިއެވެ. ”މިތަން ދޫކޮށް ކޮންމެވެސް އެހެން ތާކަށް ދޭ. ހެރޮދު އުޅެނީ ކަލޭ މަރާލަން ގަސްތުކޮށްގެން.“
32އެކަލޭގެފާނު ޖަވާބުދެއްވިއެވެ. ”އެ ހީލަތްތެރިޔާ ކައިރީ ބުނޭ. މިއަދާއި މާދަމާ އަހަރެން ޖިންނީގެ ބާރުގެ ދަށުވެފައިވާ މީހުން އެޖިންނީންގެ ފަރާތުން ސަލާމަތްކޮށް ބަލި މީހުންގެ ބަލިތައް ފަސޭހަކޮށްދީ ހަދާނަން. އަދި ތިންވަނައަށް ވާ ދުވަހު އަހަރެން ކަންތައް ކުރުމަށް ނިންމާފައިވާ ފަދައިން ކަންތައްކޮށް ނިންމާނަން. 33ކޮންމެ ގޮތެއް ވިޔަސް މިއަދާއި މާދަމާ އަދި އަނެއް ދުވަހު އަހަރެން މިދާ މަގުގައި ކުރިއަށް ދާނަން. އެއީ ހަމަ ޔަޤީނުން ވެސް އެއްވެސް ރަސޫލަކު ޖެރޫސަލަމް ނޫން އެހެން ތާކު މަރާލެވިގެން ނުވާނެ.
34އޭ ޖެރޫސަލަމުގެ އަހުލުވެރިންނޭ! ކަލޭމެންނީ ކަލޭމެންގެ ކައިރިއަށް ފޮނުއްވޭ ނަބީބޭކަލުން މަރާ ކަލޭމެންގެ ކައިރިއަށް ފޮނުއްވޭ މީހުންގެ ގައިގައި އޮށްގަލުންތަޅާ މީހުން. ކުކުޅެއް ޅަ ފިޔޮއްތައް އޭގެ ފިޔަގަނޑު ދަށަށްލާ ރައްކާކުރާ ފަދައިން އަހަރެން ކިތައްފަހަރު މަތިން ކަލޭމެން އެއްކޮށް ގާތް ކުރަން އުޅެފީމު؟ ނަމަވެސް ކަލޭމެން އެގޮތެއް ގަބޫލެއް ނުކުރޭ. 35ދެކިބަލަ. ކަލޭމެންގެ ގެ ތިޔަވަނީ ފަޅުވެފަ. އަހަރެން ބުނަން ތަ؟ ’މަތިވެރި ރަސްކަލާނގެ ނަންފުޅުގައި އަންނަ މީހާއަށް ބަރަކާތް ހުއްޓޭ.‘ މިފަދައިން ކަލޭމެން ނުބުނަނީސް ދެން އަހަރެން ކަލޭމެންނަކަށް ނުފެންނާނެ.“
Àwon tá yàn lọ́wọ́lọ́wọ́ báyìí:
ލޫކާސް 13: ކމ
Ìsàmì-sí
Pín
Daako
Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀
© (Active), Wycliffe Bible Translators, Inc. All rights reserved.