ފެށުން 32
32
ޢީސޫ އާއި ބައްދަލުކުރުމަށް ޔަޢުޤޫބުގެފާނު ތައްޔާރުވެ ވަޑައިގަތުން
1ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އާއިލާ އާއިގެން ރަށަށް އެނބުރި ވަޑައިގަތުމަށް މަގުގައި ދަތުރުކުރައްވާ ކުރިއަށް ވަޑައިގަންނަވުން ގެންދެވި ހިނދު މާތްކަލާނގެ މަލާއިކަތުންގެ ޖަމާޢަތެއް ވަޑައިގެން އެކަލޭގެފާނާއި ބައްދަލު ކުރެއްވިއެވެ. 2ޔަޢުޤޫބުގެފާނަށް އެމަލާއިކަތުން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް މިފަދައިން ވިދާޅުވެވުނެވެ. ”މިއީ މާތްކަލާނގެ މައިދާން!“ އެގޮތުން އެތަނަށް މަޙަނާއިމް#32:2 ޢިބްރާނީ ބަހުން މިބަސް ”މަޙަނާއިމް“ މާނަކުރަނީ ”ފޭލިގެ ޖަހާ ދެ ކޭމްޕަށެވެ.“ އޭ ވިދާޅުވެ އެކަލޭގެފާނު ނަންދެއްވިއެވެ.
3ޔަޢުޤޫބުގެފާނު އެތަނުގައި ހުންނަވައި އެކަލޭގެފާނުގެ ބޭބެ ޢީސޫގެ ގާތަށް ޚަބަރާއިގެން ބަޔަކު ފޮނުއްވިއެވެ. އަދި އެ ދުވަސްތަކުގައި ޢީސޫ ދިރިއުޅެމުން ގެންދިޔައީ ސަޢީރުގެ ބިން ނުވަތަ އަދޫމް ގައެވެ. 4ޔަޢުޤޫބުގެފާނު އެމީހުންނަށް މިފަދައިން ޚަބަރު ދެއްވުމަށް އެދިވަޑައިގަތެވެ. ”މި ޚަބަރު އަހަރެންގެ ސާހިބު ޢީސޫއަށް ދީ: ’ތިބާގެ ޚާދިމު ޔަޢުޤޫބުގެ ފަރާތުން ނިކަމެތި ކަމާއެކުގައި ތަހުނިޔާ ފޮނުވަމޭ! މިއަދާއި ޖެހެންދެން ވެސް އަހަރެން ދިރިއުޅެމުން ގެންދިޔައީ ބޮޑުބޭބެ ލަބާންގެ ކައިރީގައޭ. 5އަދި މިއަދު ގޮންގަނޑުގެރި އާއި، ހިމާރާއި، ކަންބަޅިއާއި، ބަކަރީގެ އިތުރުން އަންހެނުންނާއި ފިރިހެނުންގެ ގިނަގުނަ އަޅުން އަހަރެންނަށް މިލްކުވެގެންވެޔޭ. މިޚަބަރު އަހަރެންގެ ސާހިބާއަށް މިފޮނުވަނީ އަހަރެންނަށް އިޚުލާސްތެރިކޮށް ހިތާނޭ ކަމުގެ އުންމީދުގައޭ.‘“
6މި ޚަބަރާއިގެން ޢީސޫގެ ގާތަށް ދިޔަ މީހުން އެނބުރި ޔަޢުޤޫބުގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”އަހަރެމެން ކަލޭގެފާނުގެ ބޭބެ އާއި ބައްދަލު ކުރީމު. އަދި ކަލޭގެފާނުގެ ބޭބެ ހަތަރު ސަތޭކަ މީހުން ގޮވައިގެން ކަލޭގެފާނާއި ބައްދަލުކުރެއްވުމަށް މިތަނަށް އެބަ އާދޭ.“ 7މިޚަބަރު ޔަޢުޤޫބުގެފާނަށް އިވިވަޑައިގެންނެވި ހިނދު އެކަލޭގެފާނު ކަންބޮޑުވެ ބިރުފުޅުގެންވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި ތިބި މީސްތަކުންނާއި ތިބިހާ ކަންބަޅިތަކާއި، ބަކަރިތަކާއި، ނަޢަމްސޫތްފިތަކާއި އަދި ދެން ވެސް ހުރި ހުރިހާތަކެއްޗެއް ދެބަޔަށް ބައްސަވާލައްވައިފިއެވެ. 8އެކަލޭގެފާނުގެ ހިތްޕުޅަށް މިފަދައިން އަރާވަޑައިގަތެވެ. ”ޢީސޫ އައިސް މިއިން އެއް ގާފިލާއަށް ޙަމަލަދިން ކަމުގައިވިއަސް އަނެއް ގާފިލާއަށް ސަލާމަތްވެގެން ދެވިދާނެ.“
9ދެން ޔަޢުޤޫބުގެފާނު މާތްކަލާނގެއަށް މިފަދައިން ދުޢާ ދެންނެވިއެވެ. ”އިނބަރަސްކަލާނގެއީ އަޅާގެ ކާފައާއި އަދި އަޅާގެ ބައްޕަގެ ވެސް ވެރި ރަސްކަލާނގެ މާތްކަލާނގެ! މާތްރަސްކަލާކޮ! އިނބަރަސްކަލާނގެ އަޅުގެ ރަށަށާއި އަޅާގެ ގާތްތިމާގެ މީހުންގެ ގާތަށް އެނބުރި ދިއުމަށް ވަޙީކުރެއްވީ އިނބަ ރަސްކަލާނގެ. އަދި އިނބަރަސްކަލާނގެ އަޅާގެ މައްޗަށް އޯގާތެރިވެ ވޮޑިގަންނަވާނޭކަމުގެ ވަޢުދުވެވޮޑިގެންނެވީމު. 10އިނބަރަސްކަލާނގެ އޯގާތެރިކަމާއި ނިމުމެއް ނުވާ ލޯތްބަކީ އަޅާއަށް ޙައްޤު ކަންތައްތަކެއް ނޫންމެ. އަޅާ މިދަތުރަށް ގެއިން ނުކުތް ހިނދު ހިނގަން ގެންގުޅުނު އަސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަޅާގެ މިލްކުގައި ނުވޭމެ. ނަމަވެސް އަދު އަޅާ އައިސް މިހުރީ މި ބޮޑު ދެ ޖަމާޢަތާއެކުގައި! 11މާތްރަސްކަލާކޮ! އަޅާގެ ބޭބެ، ޢީސޫގެ ކިބައިން އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވާނދޭވެ. އެކަލޭގެފާނު އައިސް އަޅާއަށް ޙަމަލާދީ އަޅާއާ އެކުގައި އަޅުގެ އަނބިންނާއި ދަރިން ގަތުލުކޮށްފާނޭ ކަމުގެ މައްޗަށް އަޅާ ބިރުވެތިވަމު. 12އަޅާއާ މެދު އޯގާތެރިވެވޮޑިގަންނަވާ އަދި އަޅާގެ ދަރިފަސްކޮޅު ބިމުގެ ވެލި ފަދައިން ގުނައި އަދަދު ނުކުރެވޭފަދަ މިންވަރަށް އިތުރު ކޮށްދެއްވާނެ ކަމުގެ ވަޢުދު ބަސްފުޅު އިނބަރަސްކަލާނގެ އަޅާއަށް ވަޙީކުރެއްވީމު.“
13-15އެރޭ ޔަޢުޤޫބުގެފާނު އެތަނުގައި ހޭދަ ކުރެއްވުމަށް ފަހު، އެކަލޭގެފާނުގެ ޖަނަވާރުތަކުގެ ތެރެއިން ދުއިސައްތަ ބަކަރިއާއި ވިހި ގިތެލާއި، ދުއިސައްތަ އަންހެން ކަންބަޅިއާއި، ވިހި ފިރިހެން ކަންބަޅިއާއި ތިރީސް އަންހެން ޖަމަލު އެތަކެތީގެ ދަރިންނާއި އެކުގައްޔާއި، ސާޅީސް އަންހެން ގެރިއާއި ދިހަ ފިރިހެން ގެރީގެ އިތުރުން ވިހި އަންހެން ހިމާރާއި ދިހަ ފިރިހެން ހިމާރު ޢީސޫއަށް ހަދިޔާގެ ގޮތުގައި ޔަޢުޤޫބުގެފާނު ތައްޔާރު ކުރެއްވިއެވެ. 16ޔަޢުޤޫބުގެފާނު މި ޖަނަވާރު އައިންތައް ބައިބަޔަށް ބައިކުރައްވައި ކޮންމެ ބައެއް ބެލެހެއްޓުމަށްޓަކައި އެކަލޭގެފާނުގެ ޚާދިމުންނާއި ޙަވާލުކުރައްވައި ވިދާޅުވިއެވެ. ”އަހަރެންނަށް ވުރެން ކުރިން މިތަކެތި ގޮވައިގެންދޭ. ކޮންމެ ޖަނަވާރު އައިނެއް ގޮވައިގެން ދާއިރު ވަކިވަކިން އައިންތައް ގެންދޭ. އަދި ޖަނަވާރު އައިންތައް ގެންދާއިރު ކޮންމެވެސް މިންވަރެއްގެ ދުރުމިނެއް ދެ އައިން ދޭތެރޭގައި ބަހައްޓާ.“
17އެއަށް ފަހު ޖަނަވާރު އައިނުގެ ފުރަތަމަ އައިން ބަލަހައްޓަންހުރި ޚާދިމަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިބާއާ ޢީސޫ ބައްދަލުވާ ހިނދު އެކަލޭގެފާނު ތިބާގެ ގާތުން ތިބާއަކީ ކާކުގެ ޚާދިމެއްތޯ ސުވާލުކުރާނެ. ތިބާ ދަނީ ކޮންތާކަށްތޯ އާއި އަދި ތިބާގެ ކުރިމަތީގައިވާ ޖަނަވާރުތަކުގެ މިލްކުވެރިޔަކީ ކާކުތޯ ބަލަން އޭނާ ބޭނުންވާނެ. 18އެ ހިނދު ތިބާ އޭނާއަށް މިފަދައިން ބުނޭ. ’މިތަކެތި މިލްކު ވެގެން ވަނީ ޢީސޫގެ ޚާދިމު ޔަޢުޤޫބަށޭ. އޭނާ މިމަގުން ހިނގާފައި އެބަ އާދެޔޭ. މިތަކެއްޗަކީ އޭނާގެ ސާހިބު، ޢީސޫއަށް އޭނާ ފޮނުވި ހަދިޔާއޭ.‘“ 19އެކަލޭގެފާނު ޖަނަވާރު އައިންތައް ބަލަހައްޓަން ތިބި އެންމެހާ ޚާދިމުންނަށް އިހު ބުނި ފަދައިން އިރުޝާދު ދެއްވައި މިފަދައިން ވިދާޅުވިއެވެ. ”ތިޔަ ހުރިހާ އެންމެން ޢީސޫއާއި ބައްދަލުވާ ހިނދު އަހަރެން އިހު ބުނެދިން ފަދައިން ޢީސޫއަށް ބުނޭ. 20އަދި ޔަޤީން ކަމާއެކު މިހެން ވެސް ބުނަންވާނެ. ’ޢީސޫގެ ޚާދިމު، ޔަޢުޤޫބު މިތަކެތީގެ ފަސްފަހަތުން އެބަ އާދެޔޭ.‘“ ޔަޢުޤޫބުގެފާނުގެ ހިތްޕުޅަށް މިފަދައިން ވެސް އަރާވަޑައިގެންނެވިއެވެ. ”މި ހަދިޔާތަކުން ޢީސޫގެ މައްޗަށް އަހަރެންނަށް ކާމިޔާބު ލިބިދޭނެ. އަދި އަހަރެންނާއި އޭނާ ބައްދަލުވާ ހިނދު ފަހަރެއްގައި އަހަރެންނާމެދު ރުހި މަޢާފު ދީފާނެމެ.“ 21އެގޮތުން އެކަލޭގެފާނަށް ވުރެން ކުރީގައި އެ ހަދިޔާތައް ފޮނުއްވިއެވެ. އަދި ޔަޢުޤޫބުގެފާނު އެތަނުގައި އެރޭ މަޑުކުރެއްވިއެވެ.
ޔަޢުޤޫބުގެފާނުގެ ނަންފުޅު އިސްރާއީލުގެ ނަމަށް ބަދަލުކުރެއްވުން
22-23އެރޭ ޔަޢުޤޫބުގެފާނު ތެދުވެވަޑައިގަންނަވައި އެކަލޭގެފާނުގެ ދެއަނބިކަނބަލުންނާއި، އެކަލޭގެފާނުގެ ދެ ޖާރިޔާއިންނާއި އަދި އެގާރަ ދަރިކަލުންގެ އިތުރުން އެކަލޭގެފާނުގެ މިލްކުގައި ވީ އެންމެހާ މުދަލާއިގެން ރައްކާތެރިކަމާއި އެކުގައި ޔައްބޫޤު ކޯރު ހުރަސް ކުރެއްވިއެވެ. 24ނަމަވެސް ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މީސްތަކުންގެ ބިއްދޮށުގައި އެކަލޭގެފާނުގެ އާއިލާ އާއި އެކަހެރިވެވަޑައިގެން ހުންނެވިއެވެ.
އެތަނުގެ ފުރަގަހުގައި އެކަލޭގެފާނު ގިނިކަންޏާ ހުންނަވަނިކޮށް ކުއްލިއަކަށް މީހަކު އައިސް އެކަލޭގެފާނުގެ ހަށިކޮޅުގައި ބެއްދިއެވެ. އަދި ފަތިސް ވެއްޖައުމަށް ދާންދެން އެމީހާ ޔަޢުޤޫބުގެފާނާއި ބަނޑުމުސާރައަށް ބައްދަމުން ދިޔައެވެ. 25އެމީހާއަށް ޔަޢުޤޫބުގެފާނުގެ މައްޗަށް ގަދަ ނުވެވޭނޭހެން ހީވުމުން އެކަލޭގެފާނުގެ އުކުޅުވަޅުގައި އަތްޖައްސައި، އެކަލޭގެފާނުގެ އުކުޅުވަޅުގެ ހުޅު ނައްޓުވައިފިއެވެ. 26އެ ހިނދު އެމީހާ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”އަހަރެން ދިޔަ ދެއްވާ! މިހާރު އިރުއަރަން ކައިރިވެއްޖެ.“
ނަމަވެސް ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”އަހަރެންގެ މައްޗަށް ބަރަކާތްލައި ނުދޭހާ ހިނދަކު އަހަރެން ތިބާ ދިޔަކަ ނުދޭނަން.“ 27އެމީހާ ޔަޢުޤޫބުގެފާނުގެ އަރިހުން އެއްސެވިއެވެ. ”ތިބާގެ ނަމަކީ ކޮބާ؟“ ޔަޢުޤޫބުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”ޔަޢުޤޫބު.“ 28އެއަށް ފަހު އެމީހާ ބުންޏެވެ. ”މީގެ ފަހުން ތިބާގެ ނަމަކީ ޔަޢުޤޫބެއް ނޫން. ތިބާގެ ނަމަކީ އިސްރާއީލު. ސަބަބަކީ ތިބާ އިންސާނުންނަށާއި އަދި މާތްކަލާނގެއަށް ދޫނުކޮށް ތަޅާފޮޅައިގެން#32:28 ޢިބްރާނީ ބަހުން ”އިސްރާއީލު“ މިބަހުގެ މާނައެއްކަމަށް ބެލެވެނީ ”މާތްރަސްކަލާނގެ އާއިއެކު ބަނޑުމުސާރައަށް ބެއްދުން“ އެވެ. ތިބާ މޮޅުވުން.“
29ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”މިހާރު ތިބާގެ ނަން އަހަރެންނަށް ބުނެދޭންވާނެ.“
އެމީހާ ބުންޏެވެ. ”އަހަރެންގެ ނަމަކީ ކޮބައިތޯ ތިބާ ތިޔަ އަހަނީ ކީއްވެ؟“ މިހެން ބުނުމަށް ފަހު ޔަޢުޤޫބުގެފާނުގެ މައްޗަށް އެމީހާ އެތަނުގައި ބަރަކާތް ލެއްވިއެވެ.
30އެހެންވެ ޔަޢުޤޫބުގެފާނު އެތަނަށް ފަނޫއީލްގެ ނަމުން ނަންދެއްވައި މިފަދައިން ވިދާޅުވިއެވެ. ”މިކަމުގެ ސަބަބަކީ އަހަރެންނަށް މާތްކަލާނގެ އެކަލާނގެ މޫނުފުޅު ހުރަހެއްނެތި ދައްކަވައި އަދި އަހަރެން މަރުން ދިންނަވައި ދެއްވުން.“#32:30 ޢިބްރާނީ ބަހުން ”ފަނޫއީލް“ މި ބަހުގެ މާނައަކީ ”މާތްރަސްކަލާނގެ މޫނުފުޅު“ އެވެ. 31އިރު އަރަމުން ދިޔަ ހިނދު ޔަޢުޤޫބުގެފާނު ފަނޫއީލު ދޫކުރައްވައި ވަޑައިގަންނަވަނީއެވެ. ނަމަވެސް އެކަލޭގެފާނުގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާގެ ވޭނުން ހިންގެވެނީ ކޮރު ޖައްސަވަމުންނެވެ. 32މިސަބަބަށްޓަކައި މިކަމުގެ ހަނދާނެއްގެ ގޮތުން މިއަދާއި ހަމައަށް ވެސް އިސްރާއީލު ބާގައިގެ މީހުން އެއްވެސް ޖަނަވާރެއްގެ އުކުޅުވަޅުގެ ހުޅުގައިވާ މަހެއް ނުކައެވެ.
ที่ได้เลือกล่าสุด:
ފެށުން 32: ކމ
เน้นข้อความ
แบ่งปัน
คัดลอก
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fth.png&w=128&q=75)
ต้องการเน้นข้อความที่บันทึกไว้ตลอดทั้งอุปกรณ์ของคุณหรือไม่? ลงทะเบียน หรือลงชื่อเข้าใช้
© (Active), Wycliffe Bible Translators, Inc. All rights reserved.