ފެށުން 31

31
ޔަޢުޤޫބުގެފާނު ލަބާނަށް ފިއްލަވައިގެން ވަޑައިގަތުން
1އެއްދުވަހަކު ލަބާންގެ ފިރިހެން ދަރިން މިފަދައިން ވާހަކަ ދެއްކި އަޑު ޔަޢުޤޫބުގެފާނަށް އިވިވަޑައިގެންނެވިއެވެ. ”⁠އަހަރެމެންގެ ބައްޕަގެ މިލްކުގައި ވީ ހުރިހާ މުދަލެއް ޔަޢުޤޫބު ނަގައިފި. އެފަދަ މުއްސަނދި ކަމެއް އޭނާއަށް ލިބިފައި އެވަނީ އަހަރެމެންގެ ބައްޕަގެ މުދަލުން!⁠“ 2އަދި ކުރީގައި އޮތްފަދަ ގާތް ގުޅުމެއް މިފަހަކަށް އައިސް ލަބާން އެކަލޭގެފާނާއިމެދުގައި ނުބާއްވާ ކަން ޔައުޤޫބުގެފާނަށް ފާހަގަ ކުރެވުނުމެއެވެ.
3އެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ޔަޢުޤޫބުގެފާނަށް މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ތިބާގެ ކާބަފައިންނާއި ގާތްތިމާގެ މީހުންގެ ރަށަށް އެނބުރި ދޭ. ތިމަންކަލާނގެ ތިބާއާ އެކުގައި ވޮޑިގެން ވާހުށީމު.⁠“
4އެހެންވެ ރާޙީލް އާއި ލައިއަތުއަށް ޔަޢުޤޫބުގެފާނު ކަންބަޅި ބަކަރިތައް ހުއިހެއްޕެވުމަށް ހުންނެވި މައިދާނަށް އައިސް އެކަލޭގެފާނާއި ބައްދަލު ކުރުމަށް އެންގެވިއެވެ. 5އެ ދެކަނބުލޭގެއިން އެކަލޭގެފާނުގެ އަރިހަށް އައުމުން އެ ދެކަނބުލޭގެއަށް މިފަދައިން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ދެކަނބުލޭގެ ބައްޕަ މީގެކުރީގައި އަހަރެންނާއި މެދުގައި ބޭއްވި ފަދަ ގާތް ގުޅުމެއް މި ފަހަކަށް އައިސް ނުބާއްވާކަން ފާހަގަ ކުރެވޭ. ނަމަވެސް އަހަރެންގެ ބައްޕާފުޅުގެ ކަލާނގެ މާތްކަލާނގެ، އަހަރެންނާ އެކުގައި ވޮޑިގެންވޭ. 6ތިޔަ ދެކަނބުލޭގެ ބައްޕައަށް އަހަރެންގެ ހުރިހާ ހަކަތައަކުން އަހަރެން މަސައްކަތް ކޮށްދިންކަން ތިޔަ ދެކަނބުލޭގެއިން ދަންނާނެ. 7އެހެނަސް އޭނާ އަހަރެންނަށް މަކަރުހަދައި އަހަރެންގެ އުޖޫރައަށް ދިހަފަހަރު ބަދަލު ގެނައި. ނަމަވެސް އޭނާގެ ފަރާތުން އެއްވެސް ގެއްލުމެއް އަހަރެންނަށް ލިބުމަށް މާތްކަލާނގެ އެދިވޮޑިގެންނެއް ނުވޭ. 8ތިޔަ ދެކަނބުލޭގެ ބައްޕަގެ އަތުގައި ހުރި ލައްޖެހިފައި ހުރި ހުރިހާ ކަންބަޅިއަކާ ބަކަރިއެއް އެއީ އަހަރެންގެ އުޖޫރަ ކަމުގައި ބުނި ހިނދުން ފެށިގެން އެތަކެތި ވިހޭނަމަ ވިހޭ ކޮންމެ އެއްޗެއްގެ ހަށިގަނޑުގައި ލައް ހުރި. އަދި އެންމެހާ ކަންބަޅިތަކުގެ ތެރެއިން ރޮނގު ދިގަށް ހުރި ކަންބަޅި އެއް ވާނަމަ އެއީ ވެސް އަހަރެންގެ އުޖޫރަ ކަމުގައި އޭނާ ބުނި ހިނދުން ފެށިގެން އެ ކަންބަޅިތައް ވިހޭ ކޮންމެ ޅަ ކަންބަޅިއެއްގެ ހަށިގަނޑުގައި ދިގަށް ރޮނގު ހުރި. 9ތިޔަ ދެކަނބަލުންގެ ބައްޕަގެ އަތުގައި ހުރި ކަންބަޅި ބަކަރިތައް މި ގޮތުގެ މަތިން މާތްކަލާނގެ އަހަރެންނަށް ދެއްވައި އަދި އަހަރެންނަށް މުއްސަނދިކަން ދެއްވި. 10ކަންބަޅިތައް ޖިމާޢުވަމުން ދިޔަ ދުވަސްވަރު އަހަރެންނަށް ހުވަފެނެއް ފެނުނު. އަހަރެންނަށް ހުވަފެނުގައި ފެނުނީ ގިތެޔޮ (ބަކަރީގެ ފިރިހެން ޖިންސު) އެތަކެތީގެ ތެރެއިން ޖިމާޢުވި ހުރިހާ ގިތެލެއްގެ ހަށިގަނޑުގައި ލައް ނޫނީ ނިޝާނެއް ނުވަތަ ރޮނގު ދެމިގެންވާތީ. 11އެއަށް ފަހު އަހަރެންގެ އެ ހުވަފެނުގައި މާތްކަލާނގެ މަލާއިކަތާ ވަޑައިގެން ’⁠ޔަޢުޤޫބޭ!⁠‘ ވިދާޅުވި ހިނދު އަހަރެން ރައްދުގައި މިފަދައިން ދެންނެވިން. ’⁠އާދެ، އަޅާ އަޑުހަމޭ!⁠‘ 12އެ ހިނދު އެމަލާއިކަތާ މިފަދައިން ވިދާޅުވި. ’⁠ކަލޭގެފާނު ނިކަން ދެކިބަލާށޭ، ޖިމާޢުވަމުން ދިޔަ އެންމެހާ ގިތެޔޮތަކުގެ ތެރެއިން ޖިމާޢުވީ ހަމައެކަނި ރޮނގު ދެމި ތަކެއްޗާއި ލައްޖެހިފައިވީ ތަކެއްޗާއި އަދި ނިޝާނެއް ހުރި ތަކެއްޗޭ. މިފަދައިން އެކަންވުމަށް ތިމަންކަލާނގެ މެދުވެރި ކުރުވި ސަބަބަކީ ތިބާއާއި މެދު ލަބާން ކަންތައް ކުރަމުން ދާ ގޮތް ތިމަންކަލާނގެ ދެކެވޮޑިގަންނަވާތީއޭ. 13ތިމަންކަލާނގެއީ އެތަނެއްގައި ތިބާ ނިދަން ބޯއަޅައިގެން އޮތް ހިލަ ތިމަންކަލާނގެ ކިބަފުޅަށް ހުށަހަޅައި އަދި އެ ހިލަ ހަނދާނީ ތަނބެއްގެ ގޮތުގައި އެތަނުގައި ޖަހައި ޒައިތޫނި ތެޔޮ އަޅައި ތިމަންކަލާނގެ އާއިމެދު ވަޢުދުވި ތަން ކަމުގައިވާ ބައިތުއީލްގައި ތިބާއާ އެކުގައި ވީ ކަލާނގެއޭ. ތިބާ މިތަން ދޫކޮށް އުފަންވި ރަށަށް އެނބުރި ދިއުމަށް ތިމަންކަލާނގެ މިހާރު އެދިވޮޑިގަންނަވަމޭ.⁠‘⁠“
14ލައިއަތުއާއި ރާޙީލް ޖަވާބުގައި ދެންނެވިއެވެ. ”⁠ތިޔަގޮތާ އަހަރެމެން ރުހެމު. އަހަރެމެންގެ ބައްޕަގެ ތަރިކައިން އަހަރެމެންނަށް ލިބިދޭނޭ އެއްވެސް އެއްޗެއް ނުވޭމެ. 15އަހަރެމެންނާއިމެދު ބައްޕަ އަމަލުކުރަނީ ދުރުހިލޭ މީހުންނާއިމެދު އަމަލުކުރާ ފަދައިން. ބައްޕަ، އަހަރެމެން ކަލޭގެފާނަށް ވިއްކާލެއްވި. އަދި އަހަރެމެންނަށް ލިބިދޭންޖެހޭ ކައިވެނީގެ ރަނަށް ލިބުނުހާ ފައިސާ ބައްޕަ ބޭނުންކުރީ ބައްޕަގެ އަމިއްލަ ބޭނުމަށް. 16މާތްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ކަލޭގެފާނު އަމަލު ކުރައްވާ. އަހަރެމެންގެ ބައްޕަގެ މުދައުވެރިކަމުން ނަންގަވައި އެކަލާނގެ ކަލޭގެފާނަށް ދެއްވި ތަނަވަސްކަމަކީ އަހަރެމެންނާއި އަހަރެމެންގެ ދަރިންގެ ޙައްޤެއް. މާތްކަލާނގެ ކަލޭގެފާނާމެދު އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރައްވާ.⁠“
17‏-18އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ ރަށް ކަމުގައިވާ ކަންޢާނުއަށް އެނބުރި ވަޑައިގަތުމަށް ތައްޔާރުވެވަޑައިގަތެވެ. އަދި އަނބިންނާއި އެންމެހާ ދަރިން ޖަމަލުތަކުގެ މައްޗަށް އަރުވައި، މެސޮޕޮޓޭމިއާއިން އެކަލޭގެފާނަށް ލިބިފައިވާ އެންމެހާ ކަންބަޅި ބަކަރިތަކާއި އަދި އެނޫން ވެސް ތަކެތި އެކަލޭގެފާނުގެ ކުރީގައި ބަހައްޓަވައިގެން ކުރިއަށް ދެވޭ ގޮތުގެ މަތިން ޔަޢުޤޫބުގެފާނު ދަތުރަށް ފެއްޓެވިއެވެ. 19އެވަގުތު ލަބާން ވީ އޭނާގެ ކަންބަޅިތަކުގެ ކެހެރި ބޭލުމަށްޓަކައި ސަހަރުން ބޭރުގައެވެ. އަދި ލަބާން ގޭގައި ނެތް ވަގުތު ބެލުމަށް ފަހު ރާޙީލް އެކަނބުލޭގެ ބައްޕަ ލަބާން، ގޭގައި އަޅުކަން ކުރަން ބަހައްޓަފައިހުރި ބުދުތަކުގެ ތެރެއިން ބުދުތަކެއް އެކަނބުލޭގެއާއި އެކުގައި ގެންދިއުމަށް ވަގަށް ނަގައިފިއެވެ. 20އަދި އެބައިމީހުން މަކަރުވެރިގޮތުގައި ސިއްރިއްޔާތުން ދަތުރަށް ތައްޔާރުވެ ލަބާންއަށް އެނގުމަކާ ނުލައި ފުރައިގެން ދިޔައެވެ. 21ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މިލްކުގައިވާ އެންމެހާ ތަކެއްޗާއިގެން ކުއްލިއަކަށް ދަތުރަށް ފެއްޓެވިއެވެ. އަދި ފުރާތު ކޯރު ހުރަސްކުރައްވައި ޖިލްޢާދުގެ ފަރުބަދަތަކާ ދިމާއަށް ދަތުރު ކުރައްވައި ކުރިއަށް ވަޑައިގެންނެވިއެވެ.
ލަބާން ޔަޢުޤޫބުގެފާނު ހޯދުން
22ޔަޢުޤޫބުގެފާނު ފިއްލަވާ ވަޑައިގެންނެވިކަން މީހެއްގެފަރާތުން ލަބާންއަށް އެނގުނީ އޭގެ ތިން ދުވަސް ފަހުންނެވެ. 23އެހެންވީމާ، ލަބާން އޭނާގެ ގާތްތިމާގެ މީހުން އެއްކޮށް އެ ހޫނުކަން މަތީގައި ޔަޢުޤޫބުގެފާނު އަތުލައިގަތުމަށް ތައްޔާރުވެ ދަތުރަށް ފެށިއެވެ. އަދި އޭގެ ހަތްދުވަސް ފަހުން ޖިލްޢާދުގެ ފަރުބަދަތަކުގެ ތެރޭގައި ޔަޢުޤޫބުގެފާނު ވަނިކޮށް އެބައިމީހުންނަށް އެކަލޭގެފާނު ހުންނެވި ތަނަށް ދެވުނެވެ. 24ނަމަވެސް އެރޭ ލަބާންއަށް ހުވަފެނުގައި މާތްކަލާނގެ މިފަދައިން ވަޙީކުރައްވައި އިންޒާރު ދެއްވިއެވެ. ”⁠ޔަޢުޤޫބާ ކަލޭ މުޚާތަބު ކުރާއިރު ސަމާލުވޭ! އެއްވެސް ގޮތަކުން ޔަޢުޤޫބަށް އަނިޔާވެރިނުވާތި.⁠“
25ޔަޢުޤޫބުގެފާނު ފޭލިގެ ޖެއްސެވީ ޖިލްޢާދުގެ ފަރުބަދަތަކުގެ މަތީގައެވެ. އަދި ލަބާން ވެސް ޖިލްޢާދުގެ ފަރުބަދަތަކާއި ކައިރީގައި އޭނާގެ ގާތްތިމާގެ މީހުންނާއެކު ފޭލިގެ ޖެހިއެވެ. 26ލަބާން ޔަޢުޤޫބުގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”⁠ތިބާ އަހަރެންނަށް މަކަރު ތިޔަހެދީ ކީއްވެ؟ އަދި ހަނގުރާމައިގައި އަސީރު ކުރެވޭ އަންހެނުން ފަދައިން އަހަރެންގެ އަންހެންދަރިން އަސީރު ކޮށްގެން ތިޔަ ގެންދަނީ ކީއްވެ؟ 27އަހަރެންނަށް ޚަބަރު ނުކޮށް ތިބާ ފިލައިގެން ތިޔަ އައީ ކީއްވެ؟ ތިބާ އަހަރެންގެ ގާތު ދިއުމަށް އެދުނުނަމަ، ތިބާގެ މަގުގައި ކުރިއަށް ދިއުމަށް އަހަރެން އެދޭނީ އޫދާއި ތާރައިގެ މިޔުޒިކުން ލަވަކިޔައި އުފާފާޅުކުރުމާއެކު. 28އަހަރެންގެ ކާފަދަރިންނާއި އަންހެން ދަރިންނަށް ވަދާޢުގެ ބޮސްދިނުމުގެ ފުރުސަތު ވެސް އަހަރެންނަށް ތިބާ ނުދިނީމު. ޙަޤީޤަތުގައި ތިޔަކުރީ ވަރަށް ތާކުންތާކު ނުޖެހޭ މޮޔަ ކަމެއް. 29އަހަރެންނަށް ފަސޭހަކަމާއެކު ތިބާގެ މައްޗަށް އަނިޔާވެރި ވެވިދާނެ. ނަމަވެސް ތިބާގެ ބަފައިކަލުން އަޅުކަންކުރައްވާ ކަލާނގެ، މާތްކަލާނގެ އަހަރެންނަށް އިންޒާރު ކުރެއްވީ ތިބާއަށް އެއްވެސް ގޮތަކުން އަނިޔާވެރި ނުވުމަށާއި ވަޢުދެއް ކުރުވައި ބިރުދައްކައި ނުހެދުމަށް. 30ތިބާގެ ބަފައިކަލުންގެ އަރިހަށް ރަށަށް ދިއުމުގެ ޝައުގުވެރިކަން ތިބާގެ ހިތުގައިވާ މިންވަރު އަހަރެން ދަންނަމު. ނަމަވެސް ތިބާ އަހަރެންގެ ކަލާނގެތައް ވަގަން ނެގީ ކީއްވެ؟⁠“
31ޔަޢުޤޫބުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން ތިބާއަށް ސިއްރިއްޔާތުގައި ފިލައިގެން ދާންޖެހުނު ސަބަބަކީ ތިބާގެ އަންހެންދަރިން އަހަރެންނާއި އެކުގައި ދިޔުމަށް ތިބާ އިންކާރު ކޮށްފާނޭ ކަމުގެ ބިރު އަހަރެންނަށް ހީވުމުން. 32ނަމަވެސް މިތަނުގައި ވީ ހުރިހާ އެންމެންގެ ތެރެއިން އެއްވެސް ފަރާތެއްގެ އަތުން ތިބާގެ ގޭގައި ބެހެއްޓިފައިހުރި ތިބާގެ ކަލާނގެ ތައް ފެނިއްޖެނަމަ އެމީހަކަށް މަރުގެ ޙުކުމް ޙައްޤުވާނެ! މިކަމުގައި މިތަނުގައި މިތިބަ އަހަރެމެންގެ ގާތްތިމާގެ ފަރާތްތައް ހެކިކުރަމު. އެންމެހާ ތަކެތި ބަލާ. އަދި ތިބާއަށް މިލްކުވެގެންވާ މުދަލެއްވާނަމަ އެ މުދަލެއް ތިބާ ގެންދޭ.⁠“ މި ހިނދު ރާޙީލް ލަބާންގެ ކަލާނގެތައް ވަގަށް ނެގިކަން ޔަޢުޤޫބުގެފާނަށް އެނގިވަޑައިގެންނެއް ނުވެއެވެ.
33އެއަށް ފަހު ޔަޢުޤޫބުގެފާނު ޖައްސަވާފައިވާ ފޭލިގެތަކުގެ ތެރެއިން ތަފާތު ފޭލިގެތައް ލަބާން ބަލައި ހޯދަންފެށިއެވެ. އެގޮތުން އެންމެ ފުރަތަމައަށް އޭނާ ބަލައި ހޯދީ ޔަޢުޤޫބުގެފާނު ހުންނެވި ފޭލިގެކޮޅެވެ. އެއަށް ފަހު ލައިއަތު އާއި ޔަޢުޤޫބުގެފާނުގެ ޖާރިޔާއިން ތިބި ފޭލިގެ ހޯދިއެވެ. ނަމަވެސް މިއިން އެއްވެސް ފޭލިގެ އަކުން ލަބާންއަށް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ. އެންމެފަހުން ރާޙީލްގެ ފޭލިގެ ބަލައިހޯދުމަށް އޭނާ އެ ފޭލިގެއަށް ދިޔައެވެ. 34ރާޙީލްގެ ފޭލިގެއަށް ލަބާން އައުމުގެ ކުރިން އެތަކެތި ނަގައި އެތާ އޮތް ޖަމަލުއަސްދާނު ގޮނޑިއެއް ދަށުގައި ކޮތަޅަކަށްލައި ފޮރުވުމަށް ފަހު އޭގެ މައްޗަށް އަރައި ރާޙީލް އިށީނދެ އިނެވެ. ލަބާން މުޅި އެ ފޭލިގެތެރެ ބަލައި ހޯދުމުން ވެސް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ. 35އެ ހިނދު ރާޙީލް އެކަނބުލޭގެ ބައްޕަ ލަބާންއަށް ބުންޏެވެ. ”⁠އަހަރެން މިވަނީ ބައްޕަގެ ކުރިމަތީގައި ކޮޅަށް ހުރެވޭފަދަ ޙާލަތެއްގަ އެނޫން. މިކަމާ ބައްޕަ އަހަރެންދެކެ ރުޅި ނާންނާތި. މި ދުވަސްވަރަކީ އަހަރެންގެ ޙައިޟުގެ ދުވަސްވަރު.⁠“ އެގޮތުގެ މަތިން ލަބާން އެ ހުރިހާ ފޭލިގެތަކެއް ބަލައި ހޯދިއެވެ. ނަމަވެސް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ.
36ލަބާންގެ މި ޢަމަލުތަކާ މެދު ޔަޢުޤޫބުގެފާނު ކޯފާވެ ވަޑައިގަންނަވާ މިފަދައިން ޝަކުވާކުރެއްވިއެވެ. ”⁠އަހަރެން ޖަރީމާއެއް ނޫނީ ތިބާއާއި މެދު އަހަރެން ފާފަވެރި ޢަމަލެއް ހިންގިންތަ؟ މުޖުރިމަކު ހޯދަން އަންނަފަދައިން އަހަރެންގެ ފަސްފަހަތުން ތިޔަ އައީ ކީއްވެ؟ 37އަހަރެންގެ މިލްކުގައި ވާނަމަ ވާހައި ތަކެއްޗެއް ތިބާ ހޯދައިފި. އެ ތަކެތީގެ ތެރެއިން ތިބާގެ އެއްޗެއް ފެނުނުތަ؟ ތިބާގެ އެއްޗެއް އަހަރެންގެ މުދަލުގެ ތެރޭގައިވާނަމަ މިތާނގައި ތިބި އަހަރެމެން ދެމީހުންގެ ގާތް ތިމާގެ މީހުންގެ ކުރިމަތީގައި ނެރެ ހާމަ ކޮށްދީ. އޭރުން އަހަރެމެން ދެމީހުންގެ ތެރެއިން ތެދުހަދަނީ ކާކުތޯ އެމީހުން ނިންމާނެ.
38އަހަރެން ތިބާއަށް ޚިދުމަތް ކޮށްދިން މިދިޔަ ވިހި އަހަރު ދުވަހުގައި ތިބާގެ ކަންބަޅިބަކަރިތަކާ މެދު ފަރުވާތެރިވެ އެދެވޭ ގޮތުގައި އެތަކެތި ބަލަހައްޓައިދީފައި ވާނެ. އެއެއްޗެހި ސިއްޙަތު ރަނގަޅު ދަރިންތައް ވިހޭ. އަދި އަހަރެންގެ ކާނާއަށް އެތަކެތީގެ ތެރެއިން ޅަކަންބަޅިއެއް ކަތިލައި އޭގެ މަސް ބޭނުންކޮށްފައެއް ވެސް ނުވާނެ. 39ތިބާގެ ޖަނަވާރަކަށް ވަލުޖަނަވާރެއް ޙަމަލާދީ މަރާލެވުނު ކޮންމެ ފަހަރަކު އެ މަރުވި ޖަނަވާރެއް ތިބާއަށް ދައްކާފައެއް ނުވާނެ. ނަމަވެސް އެކަމުގެ ގެއްލުން އަހަރެން ތިބާއަށް ފޫބައްދާދީފައިވާނެ. ދުވާލުގައި ނޫނީ އަދި ރޭގަނޑުގައި ވިޔަސް ތިބާގެ ޖަނަވާރުތަކުގެ ތެރެއިން ޖަނަވާރެއް މީހަކު ވަގަށްނެގި ކަމުގައި ވިޔަސް އޭގެ ފުރިހަމަ އަގު އަހަރެންގެ އަތުން ތިބާ އަތުލީމު. 40ދުވާލުގެ ގަދަ ހޫނާއި ރޭގަނޑުގެ ފިނީގައި ނިދިން މަޙުރޫމުވެ ހުރެ އެތަކެއް ވޭން އަހަރެން އުފުލީމު. 41މިފަދަ އަޅުވެތި ގޮތެއްގައި ވިހިއަހަރު ތިބާއަށް ޚިދުމަތް ކޮށްދީފީމު. ތިބާގެ ދެ އަންހެން ދަރިން ޙާސިލުކުރުމުގައި އޭގެތެރެއިން ސާދައަހަރު ހޭދަކޮށް އަދި އޭގެ އިތުރުން ތިބާގެ އަތުން މި ކަންބަޅިބަކަރިތައް ލިބިގަތުމަށްޓަކައި ހަ އަހަރު ދުވަސް ހޭދަކުރީމު. އަދި މި މުއްދަތުގައި ތިބާ އަހަރެންގެ އުޖޫރައަށް ދިހަ ފަހަރު ބަދަލު ގެނައި! 42ނަމަވެސް އަހަރެންގެ ކާފަ އިބްރާހީމްގެފާނާއި އަހަރެންގެ ބައްޕަ އިސްޙާޤުގެފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ އަހަންނާއެކުގައި ނުވާނަމަ ތިބާ އަހަރެން ފޮނުވާލާނީ ހުސްއަތާ. ނަމަވެސް މާތްކަލާނގެ އަހަރެން ކުރި ބުރަ މަސައްކަތާއި ތިބާގެ އަނިޔާވެރިކަން ބައްލަވާވޮޑިގެންނެވި. ތިބާއަށް ރޭ ފެނުނު ހުވަފެނުގައި އެކަލާނގެ ތިބާގެ ނުބައިކަން އަންގަވައިދެއްވީ އެހެންވެ.⁠“
ޔަޢުޤޫބުގެފާނާއި ލަބާންގެ އެއްބަސްވުން
43ލަބާން ޔަޢުޤޫބުގެފާނަށް ޖަވާބުދިނެވެ. ”⁠ލައިއަތު އާއި ރާޙީލް އަކީ އަހަރެންގެ ދެ އަންހެންދަރިން. އަދި އެ ދެ ކަނބުލޭގެއަށް ލިބިފައިވާ ދަރިންނަކީ އަހަރެންގެ ކާފަދަރިން. އަދި މި އެންމެހާ ކަންބަޅި ބަކަރިތަކަކީ ވެސް އަހަރެންގެ ތަކެތި. ޙަޤީޤަތަކީ މިތަނުގައި ތިބާއަށް ފެންނަފަށުގައިވާ އެންމެހާ ތަކެއްޗަކީ އަހަރެންގެ ތަކެތިކަން. ނަމަވެސް އަހަރެންގެ ދެ އަންހެން ދަރިންނާއި އަދި އަހަރެންގެ ކާފަދަރިން ހުއްޓުވުމަށްޓަކައި އަހަރެންނަށް ކުރެވޭނޭ އެއްވެސް ކަމެއްނެތް. 44ވީމާ، ތިބާ އާއި އަހަރެންނާއި ދެމެދުގައި ސުލްޙައިގެ މުޢާހަދާއަކަށް އައުން އަހަރެން އެދެމު. އަދި މި މުޢާހަދާގެ ޝަރުތުތައް މާތްކަލާނގެ ހެކިވަނިވި ގޮތުން ދެފަރާތުން ކުރުމަށް އެއްބަސްވަމު.⁠“
45އެގޮތުން ޔަޢުޤޫބުގެފާނު ހިލައެއް ގެންނަވައި އެތަނުގައި އެ ހިލަ ތަނބެއްހެން ކޮޅަށް ޖެއްސެވިއެވެ. 46އަދި އެ އެހިލައިގެ ބުޑަށް އިތުރަށް ހިލަ އެޅުމަށް އެތަނުގައި ތިބި އެކަލޭގެފާނުގެ ގާތްތިމާގެ މީހުންނަށް އެންގެވިއެވެ. އެއަށް ފަހު ލަބާން އާއި ޔަޢުޤޫބުގެފާނު އެ ހިލައިގެ ކައިރީގައި ތިބެ ކައިބޮއި ހެދިއެވެ. 47އަދި ލަބާން އޭނާގެ ބަސްކަމުގައިވާ އަރަމައިކް ބަހުން އެތަނަށް ”⁠ޔަޖަރް ސަހްދޫޘާ⁠“ ގެ ނަމުން ނަންދިނެވެ. އަދި ޔަޢުޤޫބުގެފާނުގެ ބަސްފުޅު ކަމުގައިވާ ޢިބްރާނީ ބަހުން އެތަނަށް ”⁠ޖަލްޢީދު⁠“ ގެ ނަމުން ނަން ދެއްވިއެވެ.#31‏:47 އަރަމައިކް ބަހުން ”⁠ޖެގަރު ސަހާދުއްތާ⁠“ ގެ މާނައަކީ ”⁠އަހަރެމެންނަށް ހަނދާންކޮށްދޭ ހިލަފުނި⁠“ އެވެ. އަދި ޢިބްރާނީ ބަހުން ”⁠ޖަލްޢީދު⁠“ ގެ މާނައަކީ ވެސް ”⁠އަހަރެމެންނަށް ހަނދާންކޮށްދޭ ހިލަފުނި⁠“ މެއެވެ.
48އެއަށް ފަހު ލަބާން ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެމެން މިއަދު އެއްބަސްވި ސުލްޙައިގެ މުޢާހަދާގެ މަތިން މި ހިލަފުނި އަހަރެމެންނަށް ހަނދާންކޮށްދޭނެ⁠“ މިތަނަށް ޖަލްޢީދު ގެނަމުން ނަންދެވުނީ މިހެންވެއެވެ. 49އަދި ލަބާން މިފަދައިން ބުނިވެސް މެއެވެ. ”⁠މި ހިލަފުނި މާނަކޮށްދެނީ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ވަކިވެގެން ދިޔަކަމުގައިވިއަސް މި ސުލްޙައިގެ މުޢާހަދާއަށް މާތްރަސްކަލާނގެ ބައްލަވާ ވޮޑިގެންވާނެކަން.⁠“ މިތަނަށް ”⁠މިޞްފާތު⁠“ އޭ ވެސް ކިޔައެވެ.#31‏:49 ”⁠މިޒްޕާހު⁠“ގެ މާނައަކީ ”⁠ބަލަހައްޓައިދޭ ބުރުޒު⁠“ އެވެ 50ލަބާންގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ”⁠ތިބާ އަހަރެންގެ ދެ އަންހެން ދަރިންނަށް އިހާނެތިކޮށް ހިތައި އެހެން އަންހެނަކާއި ކައިވެނި ކުރިޔަސް އަހަރެންނަކަށް ނޭނގޭނެ. ނަމަވެސް ހަނދާންކުރާތި، އަހަރެމެން ދެމީހުންނާއިމެދު ހެކިވަނިވި ގޮތުގައި މާތްކަލާނގެ ބައްލަވާވޮޑިގެންވާނެ! 51‏-52މި ހިލަތަކާއި އަދި މި ހިލަ ތަނބަށް ބަލާ. މި ތަނބަކާއި ގާފުނި އަހަރެމެންނަށް ހަނދާންކޮށްދެނީ މި އިން ހުރަސްކޮށް ގޮސް އެކަކު އަނެކަކަށް އަނިޔާވެރި ނުވުމަށް. 53އަހަރެންގެ ބައްޕަ ނާޙޫރުގެ ކަލާނގެ އަދި ތިބާގެ ކާފަ އިބްރާހީމްގެފާނުގެ ކަލާނގެ މާތްކަލާނގެ އަހަރެމެން ދެމީހުންގެ މެދުގައި އިންސާފު ކުރައްވާނެ.⁠“
އެހެންވެ، ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެ ފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ ނަންފުޅުގައި ޢަހުދުކަށަވަރު ކުރެއްވިއެވެ. 54އެއަށް ފަހު ޔަޢުޤޫބުގެފާނު އެތަނުގައި ވީ ފަރުބަދައިގެ މަތީގައި މާތްރަސްކަލާނގެ ކިބަފުޅަށް ޖަނަވާރެއް ކަތިލައްވައި ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވިއެވެ. އަދި އެތަނުގައި ވީ އެކަލޭގެފާނުގެ ގާތްތިމާގެ ފަރާތްތަކާއި އެނޫން ވެސް މީހުންނަށް މި ޚާއްސަ ޤުރުބާނުގެ ޖާފަތަށް ދަޢުވަތު ދެއްވިއެވެ. އަދި އެ ހުރިހާ އެންމެން ކައިބޮއި ހެދުމަށް ފަހު އެ ފަރުބަދަ މަތީގައި ރޭ ކުރިއެވެ. 55ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ލަބާން އޭނާގެ ދެ އަންހެން ދަރިންނާއި އަދި ކާފަ ދަރިންނަށް ބޮސްދީ ވަދާޢުގެ ސަލާމްކުރުމަށް ފަހު އޭނާގެ ސަހަރަށް ދިއުމަށް ފުރައިފިއެވެ.

ที่ได้เลือกล่าสุด:

ފެށުން 31: ކމ

เน้นข้อความ

แบ่งปัน

คัดลอก

None

ต้องการเน้นข้อความที่บันทึกไว้ตลอดทั้งอุปกรณ์ของคุณหรือไม่? ลงทะเบียน หรือลงชื่อเข้าใช้

วิดีโอสำหรับ ފެށުން 31