Logotipo da YouVersion
Ícone de Pesquisa

މަންދޫބުންގެ މަސައްކަތް 8

8
އީސާގެފާނަށް އީމާންވެ ތިބި މީހުންގެ ޖަމްޢިއްޔާ ބައިބައިވެ އެމީހުންނަށް އަނިޔާލިބުނު
1ހިލައިންތަޅާ އިސްތިފާނު މަރާލުމަށް ޝާއުލް އެއްބަސްވިއެވެ. އެދުވަހު ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް މީހުންގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ލިބެން ފެށިއެވެ. އެހެން ކަމުން އީސާގެފާނުގެ މަންދޫބުން ފިޔަވާ އެކަލޭގެފާނަށް އީމާންވެގެން ތިބި އެންމެ ހާ މީސްތަކުން ޖުދެއާ އާއި ސަމީރިއްޔާ އަށް ދިޔައެވެ. 2މާތްސާހިބަށް އީމާންވެގެން ތިބި ބަޔަކު އިސްތިފާނު ކަފުންކޮށް ވަޅުލިއެވެ. އަދި އޭނާގެ މަރުގެ މައްޗަށް ހިތާމަ ކޮށް ރޮއެހެދިއެވެ. 3ނަމަވެސް ޝާއުލް އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުން ނައްތާލުމަށް މަސައްކަތް ކުރިއެވެ. އޭނާ އެމީހުންގެ ގޭގެއަށް ގޮސް އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ގަދަ ބާރުދައްކާ އެމީހުން ޖަލަށް ލިއެވެ.
އީސާގެފާނުގެ ބަސްފުޅު ސަމީރިއްޔާގެ މީހުން ގަބޫލު ކުރި
4ނަމަވެސް އެކިތަންތަނަށް ބެހިބެހިގެން ދިޔަ އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުން އެކަލޭގެފާނާއި ބެހޭ ޚަބަރުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގަމުން ދިޔައެވެ. 5އޭގެ ތެރެއިން އެކަކީ ފިލިޕު އެވެ. އޭނާ ދިޔައީ ސަމީރިއްޔާއަށެވެ. އެ ރަށުގައި އޭނާ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް އަންގައިދިނެވެ. 6އޭނާގެ ބަސްތަކުގެ ފުރިހަމަ ކަމުން ފަރުވާތެރިކަމާއިއެކު އެ ބަސްތަކުގެ އަޑު އެހުމަށާ އަދި އޭނާގެ ކިބައިން ފެންނަމުން ދިޔަ މުޢުޖިޒާތްތައް ދުށުމަށް މީސްތަކުން އެއްވިއެވެ. 7އެމީހުންގެ ތެރޭގައި ނުބައި ރޫޙުތަކުގެ ބާރުގެދަށުވެފައި ވީ އެތައް ބަޔަކު ވިއެވެ. ފިލިޕު އެހުރިހާ އެންމެން އެ ނުބައި ރޫޙުތަކުގެ ދަށުން ސަލާމަތްކޮށް އެ ނުބައި ރޫޙުތައް ފޮނުވާލިއެވެ. އެ ރޫޙުތައް އަޑުގައި ނެއްތަނަށް ރޮއެ ހަޅޭއްލަވަމުން އެމީހުން ދޫކޮށް ދިޔައެވެ. އޭގެ އިތުރުން އެތާނގައި ތިބި ވާބަލި ޖެހިފައިވީ މީހުންނާއި ކޮރު މީހުން ވެސް ފިލިޕު ރަނގަޅު ކުރިއެވެ. 8މިހުރިހާ ކަމެއްގެ ސަބަބުން އެ ރަށުގެ އެންމެން ހިތްހަމަ ޖެހި އުފާވެރިވިއެވެ.
ސައިމަންއޭ ކިޔުނު ފަންޑިތަވެރިއެއް
9ނަމަވެސް އެ ރަށުގައި އުޅުނު ސައިމަންއޭ ނަމަކަށް ކިޔުނު މީހަކު ވިއެވެ. މީނާ ވަނީ އޭނާގެ ފަންޑިތައިގެ ބާރުދައްކައިގެން މުޅި ސަމީރިއްޔާގެ އެންމެން ހައިރާން ކުރުވާފައެވެ. އޭނާ އަކީ މޮޅު މަތިވެރި ބާރެއް ލިބިގެންވާ މީހަކު ކަމުގައި އޭނާ ދަޢުވާ ކުރެއެވެ. 10އެ ރަށުގެ މުއްސަދިންނާ ފަޤީރުން ވެސް އޭނާގެ ބަސްތައް އަޑު އަހައެވެ. އަދި އޭނާ އަކީ މާތްރަސްކަލާނގެ ފޮނުއްވި މަތިވެރި މީހާ ”⁠އެކަލާނގެ ބާރުފުޅު⁠“ ކަމުގައި ބުނެއެވެ. 11ކޮންމެއަކަސް މި ސައިމަން އޭނާގެ ފަންޑިތައިގެ ބާރުދައްކައިގެން އެ ރަށުގެ މީހުން އަޖައިބުކޮށް ހައިރާން ކުރުވާ ތާ އެތައް ދުވަހެކެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު އޭނާއަށް އީމާންވިއެވެ. 12ނަމަވެސް ފިލިޕު އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ގޮތުންނާ އަދި އީސާ އަލްމަސީޙާ ބެހޭ ގޮތުން އަންގައިދިނުމުން އެ ރަށުގެ އެތައް ފިރިހެނުންނާއި އަންހެނުންނެއް ފިލިޕުގެ ބަސް ގަބޫލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ. 13މި ސައިމަން ވެސް އީސާގެފާނު ގަބޫލުކޮށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ. އަދި އޭނާ އަބަދުވެސް އުޅުނީ ފިލިޕު އާއި ވަރަށް ގާތްކޮށް އޭނާއާއި އެކުގައެވެ. އެއީ ފިލިޕުގެ ކިބައިން ފެންނަމުން ދިޔަ މުޢުޖިޒާތްތަކުގެ ސަބަބުން އޭނާ ހައިރާން ވީތީއެވެ.
14ޖެރޫސަލަމުގައި ވީ އީސާގެފާނުގެ މަންދޫބުންނަށް ސަމީރިއްޔާގެ އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅު ގަބޫލު ކުރި ޚަބަރު ލިބުމުން އެމީހުންގެ ކައިރިއަށް ޕަތަރަސްއާއި ޔޫޙަންނާ ފޮނުވިއެވެ. 15ޕަތަރަސްއާއި ޔޫޙަންނާ ސަމީރިއްޔާއަށް އައިސް ފުރަތަމަ ވެސް ދުޢާ ކުރީ އެ ރަށުގައިވާ އީމާންވި އެންމެ ހާ މީސްތަކުންނަށް މާތްރޫޙުފުޅު ލިބުމަށް އެދިއެވެ. 16މި އެންމެން ވެސް ވަނީ މަތިވެރި ސާހިބު އީސާގެފާނުގެ ނަންފުޅުގައި ތައުބާގެ ހިނެވުމުން ހިނެވިފައެވެ. ނަމަވެސް އަދި އޭރަކު އެމީހުންނަކަށް މާތްރޫޙުފުޅެއް ނުދެއްވައެވެ. 17ދެން މި ދެ މަންދޫބުން މީސްތަކުންގެ މައްޗަށް ދުޢާ ކޮށް އެމީހުންގެ ގައިގައި އަތްލުމުން އެމީހުންނަށް މާތްރޫޙުފުޅު ލިބެމުން ދިޔައެވެ.
18މަންދޫބުން މީސްތަކުންގެ ގައިގައި އަތްލުމުން އެމީހުންނަށް މާތްރޫޙުފުޅު ލިބެމުން ދާ ތަން ސައިމަންއަށް ފެނުނެވެ. ދެން އޭނާ ވެސް އެ ބާރު ލިބިގަތުމަށް ބޭނުންވެ އީސާގެފާނުގެ މަންދޫބުންގެ އަތަށް ލާރި ދީފައި އޭނާ ބުންޏެވެ. 19”⁠މަށަށް ވެސް ތިޔަ ބާރު ދީ. އޭރުން މަ ވެސް އަތްލާ މީހަކަށް މާތްރޫޙުފުޅު ލިބޭނެ.⁠“
20ޕަތަރަސް އޭނާއަށް ބުންޏެވެ. ”⁠ކަލެއާއި ކަލޭގެ ފައިސާ އާއި ދާނީ ނަރަކައަށް. އެއީ ކަލޭ ތިޔަ ހީކުރީ މާތްރަސްކަލާނގެ ދެއްވާ ހަދިޔާފުޅު ފައިސާ ދީފަ ގަތުމަށް. 21އަހަރެމެންނާއި އެކު މި ކަންތައް ކުރުމަށް ބައިވެރިވުމަކަށް ކަލެއަކަށް އެއްވެސް ޖާގައެއް ނެތް. އަދި ކަލޭގެ ހިތުގެ މަގުސަދާއި ނިޔަތް ރަނގަޅު ނޫންކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވޭ. 22ތިޔަ ފަދަ ނުބައި ޚިޔާލުތަކުން ދުރުވޭ. އަދި މަޢާފަށް އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރޭ. ފަހަރެއްގައި އެކަލާނގެ ކަލޭގެ ތިޔަ ފަދަ ނުބައި ޚިޔާލުތަކަށް މަޢާފު ކޮށްފާނެ ކަން ނޭނގެ. 23ކަލޭގެ ހިތް ތިޔަ ވަނީ ހަސަދައިން ފުރިފަ. އަދި ކަލޭ ތިޔަ ވަނީ ފާފައިގެ ބާރުގެ ދަށުގައި ބަނދެވިފަ.⁠“
24ސައިމަން ބުންޏެވެ. ”⁠ތިޔަ ބުނި ފަދަ ދެރަ ނުބައިކަންތައް އަހަރެންނާ ދޭތެރޭ ނުވުމަށް އެދި ތިޔައިގެ ދެމީހުން އަހަރެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކޮށް ދީ.⁠“
25ޕަތަރަސްއާއި ޔޫޙަންނާ އީސާގެފާނު ކުރެއްވި ކަންތައްތަކާއި އެކަލޭގެފާނާއި ބެހޭ ހެޔޮޚަބަރުފުޅު އެ ރަށުގެ މީހުންނަށް ކިޔާ ދިނުމަށް ފަހު އެނބުރި ޖެރޫސަލަމަށް ދިއުމަށް ދަތުރު ފެށިއެވެ. އެމީހުން ދަތުރުކޮށް ދިޔަ މަގުމަތީގައި ވީ ސަމީރިއްޔާގެ ވަރަށް ގިނަ ރަށްތަކުގައި ވެސް އެމީހުން އެ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ.
ފިލިޕު އާއި ބައްދަލުވި އިތިއޯޕިޔާގެ މީހާ
26ފިލިޕުއަށް މާތްރަސްކަލާނގެ މަލާއިކަތަކު މެދުވެރިކޮށް އެންގެވީ ޖެރޫސަލަމުން ޣައްޒާއަށް ދެވެން އޮންނަ ހަނަފަސް ބިމުގެ މަގުން ދެކުނަށް ދިއުމަށެވެ. 27ދެން ފިލިޕު ދަތުރަށް ފެށިއެވެ. އޭނާ ދަތުރުކޮށް ދިޔަމަގުމަތީ އިތިޔޯޕިޔާގެ މީހަކާ ދިމާވިއެވެ. މީނާއަކި އިތިޔޯޕިޔާގެ ރާނީ ކަންދާޒުގެ ޚަޒާނާ ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ވަޒީރެވެ. މީނާއަކީ ހޯޖާއެކެވެ. އެކަމަނާގެ ހުރިހާ ފައިސާއެއް ވަނީ މީނާގެ ބެލެހެއްޓުމުގެ ދަށުގައެވެ. މީނާ ޖެރޫސަލަމަށް އައީ ބައިތުލް މަޤްދިސްގައި އަޅުކަން ކުރުމަށްޓަކައެވެ. 28މީނާ ރަށަށް އެނބުރި ދިއުމަށްޓަކައި އޭނާގެ އަސްގާޑިޔަލުގައި އެހެން ލާފައި ދިޔައެވެ. އެވަގުތު އޭނާ އިނީ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތްކޮޅު ކިޔާށެވެ.
29މާތްރޫޙުފުޅު ފިލިޕުއަށް އެންގެވީ ހިނގާފައި ގޮސް އެ އަސްގާޑިޔަލާއި ހަމަކޮށް އެއާއި ކައިރީގައި ވުމަށެވެ.
30ފިލިޕު ދުވެފަ ގޮސް އެ އަސްގާޑިޔަލާ އަރާ ހަމަ ކުރި އިރު އޭނާ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތްކޮޅުން ކިޔަމުން ދާ އަޑު އިވުނެވެ. ފިލިޕު އޭނާ ކުރެން ސުވާލު ކުރިއެވެ. ”⁠މަނިކުފާނު ތިޔަ ކިޔުއްވަމުން ގެންދަވާ އެއްޗެއްގެ ފުރިހަމަ މާނަ މަނިކުފާނަށް ސާފުކޮށް އެނގޭތޯ؟⁠“
31އޭނާ ބުންޏެވެ. ”⁠އަހަރެންނަށް މީގެ މާނަ ފުރިހަމައަށް ކިޔާ ނުދެނީސް އަހަންނަށް މި ރަނގަޅަށް އެނގި ވިސްނޭނީ ކިހިނެއް ތަ؟⁠“ ދެން އޭނާ ފިލިޕުގެ ކިބައިން އެދުނީ އޭނާގެ އަސްގާޑިޔަލަށް އަރާ އޭނާ ކައިރި އިށީނުމަށެވެ. 32އެ ފޮތުން އޭނާ ކިޔަމުން ދިޔައީ މި އާޔަތް ތަކެވެ.
”⁠އެކަލޭގެފާނު ކަތިލަން ގެންދެވުނު ކަންބަޅި ބަކަރިއެއް ފަދައިން ގެންދެވުނެވެ. ކަންބަޅި ބަކަރިއެއްގެ ކެހެރިތައް ބާލާއިރު އޭތި މަޑު މަޑުން އޮންނަ ފަދައިން އެކަލޭގެފާނު އެއްވެސް ބަހެއްނުބުނެ މަޑުން ހުންނެވިއެވެ.
33އެކަލޭގެފާނު ނިކަމެތިކޮށް ދެރަކޮށްލެވުނެވެ. އަދި އެކަލޭގެފާނާއި ދޭތެރޭ ކަންތައް ކުރެވުނީ ނުޙައްޤުންނެވެ. އެކަލޭގެފާނުގެ ދަރިކޮޅާއި ބެހޭ ގޮތުން ވާހަކަ ދެއްކޭނީ ކާކަށް ހެއްޔެވެ. އެކަލޭގެފާނުގެ ދުނިޔެވީ ޙަޔާތް ދިރިއުޅުން ވަނީ އެކަލޭގެފާނުގެ އަތުން އަތުލާ ގަނެވިފައެވެ.⁠“
34އޭނާ ފިލިޕު ކުރެން ސުވާލު ކުރިއެވެ. ”⁠އަހަންނަށް ބުނެދީބަލަ. ނަބީ ޔަޝަޔާޙުގެފާނު މި އާޔަތްތަކުގައި އެބަޔާން ކުރެއްވީ ކޮން ބޭކަލެއްގެ ވާހަކަތަކެއް ތަ؟ އެއީ ނަބީ ޔަޝަޔާޙުގެފާނުގެ ވާހަކަ ތަ ނުވަތަ އެހެން ކޮންމެސް ބޭކަލަކާ ބެހޭ ވާހަކަތަކެއް ތަ؟⁠“ 35ދެން ފިލިޕު ހަމަ އޭނާ އެކީ އާޔަތްތަކުން ފަށައިގެން އަދި ވެސް އެހެން އާޔަތްތައް ވެސް ކިޔާދީ އޭނާ އަށް އެބޭކަލަކީ އީސާގެފާނު ކަން ހާމަކޮށްދީ އަދި އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އަދި އެކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދިނެވެ.
36‏-37ދެން އެމީހުން އެމަގުން ދަތުރުކޮށް ކުރިއަށް ދިޔައިރު އެތާނގައިވާ ފެންގަނޑެއް ފެނުނެވެ. އެވަގުތު މި އިތިޔޯޕިޔާގެ ވަޒީރު ފިލިޕުއަށް ބުންޏެވެ. ”⁠ނިކަން ދެކިބަލާ. މިތާނގައި މި ވަނީ ފެންގަނޑެއް. ވީއިރު އަހަރެން ތައުބާގެ ހިނެވުމުން ހިނައި ނުގަންނަންވީ ކީއްވެ؟⁠“ 38ދެން އޭނާ އެ އަސްގާޑިޔާ މަޑު ކުރުމަށް އެންގެވިއެވެ. ދެން ފިލިޕު އާއި އޭނާ އެ ފެންގަނޑުގެ ތެރެއަށް އެރުނެވެ. އަދި ފިލިޕު މި އިތިޔޯޕިޔާގެ ވަޒީރު ތައުބާގެ ހިނެވުމުން ހިނެވިއެވެ.
39އެމީހުން އެފެންގަނޑުން އެރި ހިނދު މާތްރޫޙުފުޅު ކުއްލިއަކަށް ފިލިޕު ގެންދެވިއެވެ. އަދި މި ވަޒީރާއި ފިލިޕު އާއި އޭގެ ފަހުން ދުވަހަކު ވެސް ބައްދަލެއްނުވެއެވެ. ނަމަވެސް އޭނާ ރަށަށް ދިއުމަށް ދަތުރުކޮށް ދިޔައީ ވަރަށް އުފާވެ ހިތްހަމަޖެހުމާއި އެކުގައެވެ. 40އެ ހިނދު ފިލިޕު ވީ އަޒޯތުސް އޭ ކިޔުނު ރަށެއްގައެވެ. އޭނާ އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ދަތުރުކޮށް އެއް ރަށުން އަނެއް ރަށަށް ދިޔައެވެ. މި ގޮތުގެ މަތިން ދަތުރު ކުރަމުން ގޮސް އޭނާ ކައިސަރިޔާ އާއި ހަމައަށް ދިޔައެވެ.

Destaque

Compartilhar

Copiar

None

Quer salvar seus destaques em todos os seus dispositivos? Cadastre-se ou faça o login

Vídeos para މަންދޫބުންގެ މަސައްކަތް 8