Logotipo da YouVersion
Ícone de Pesquisa

މަންދޫބުންގެ މަސައްކަތް 16

16
ތިމޮތީ ޕައުލް އާއި ސިލާހު އާއި އެކުގައި
1ޕައުލް އާއި ސިލާހު ދަތުރުކޮށް ދެރުބޭ އާއި ލިސްތުރާއަށް ދިޔައެވެ. އެ ރަށުގައި ތިމޮތީ އޭކިޔުނު އީސާގެފާނަށް އީމާންވެގެންވީ މީހަކު ވިއެވެ. އޭނާގެ މަންމައަކީ ވެސް އީސާގެފާނަށް އީމާންވެގެންވީ މީހެކެވެ. އޭނާގެ މަންމަ އަކީ ބަނީއިސްރާއީލު މީހެކެވެ. އެހެން ނަމަވެސް އޭނާގެ ބައްޕައަކީ ގުރީކު މީހެކެވެ. 2ލިސްތުރާ އާއި އިކޯނިޔުމްގެ އީސާގެފާނަށް އީމާންވެގެންވީ އެންމެން ވެސް މި ތިމޮތީ އާއި ބޭހޭ ގޮތުން ވަރަށް ރަނގަޅު ވާހަކަތައް ދައްކައެވެ. 3ޕައުލް ތިމޮތީ އޭނާއާއި އެކު އޭނާގެ ދަތުރުގައި ބައިވެރިކުރުމަށް ބޭނުންވިއެވެ. ނަމަވެސް އެހިސާބުގެ އެންމެންނަށް ވެސް އެނގޭ ގޮތުގައި ތިމޮތީގެ ބައްޕައަކީ ގުރީކު މީހެކެވެ. އެހެންވެ އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ހިތްހަމަ ޖެއްސުމުގެ ގޮތުން ޕައުލް ތިމޮތީ ގާތު އެދުނި އޭނާއާއި އެކު އެދަތުރުގައި ދިއުމުގެ ކުރިން ތިމޮތީ ޚިތާނު ކުރުމަށެވެ. 4އެމީހުން އެހިސާބުގެ ރަށްތަކުގެ ތެރޭގައި ދަތުރުކޮށް ގޮސް އެތަންތާގައިވާ އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް ޖެރޫސަލަމުގައި އީސާގެފާނުގެ މަންދޫބުންނާ ޖަމާޢަތުގެ ބޮޑުން އެއްބަސްވި ހުރިހާ ގަވާއިދުތަކެއް އަންގައިދީ ކިޔާދެމުން ދިޔައެވެ. 5މި ކަމުގެ ސަބަބުން އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތްތަކުގެ އެންމެންގެ އީމާންކަން ވަރުގަދަވެ އަދި އެބައިމީހުންގެ އަދަދު ގިނަވަމުން ދިޔައެވެ.
ތުރުއަސްގައި ޕައުލްއަށް ފެނުނު ހުވަފެން
6ޕައުލް އާއި އޭނާގެ އެކުވެރިން ފަރީޖިޔާއާއި ގަލާތިޔާގެ ސަރަހައްދުގެ ތެރެއިން ދަތުރުކޮށް ދިޔައެވެ. އެއީ މާތްރޫޙުފުޅު އެމީހުންނަށް އޭޝިޔާގެ ހިސާބުތަކުގައި ދިންނެވުމުގެ ޚަބަރުފުޅު ދިނުމަށް ހުއްދަ ނުދެއްވުމުންނެވެ. 7އެމީހުންނަށް މީސިޔާއާއި ހަމައަށް އާދެވުމުން އެމީހުން ބިޒީނިޔާއަށް ދިއުމަށް ގަސްތު ކުރިއެވެ. ނަމަވެސް މާތް ސާހިބާ އީސާގެފާނުގެ މާތްރޫޙުފުޅު އެމީހުން އެ ރަށަށް ދިއުމަކަށް ހުއްދައެއް ނުދެއްވިއެވެ. 8ދެން އެމީހުން މީސިޔާގެ ތެރެއިން ދަތުރުކޮށް ގޮސް ތުރުއަސްއަށް ދިޔައެވެ. 9އެ ރަށަށް އާދެވުނު ރޭ ޕައުލްއަށް ހުވަފެނެއް ފަދަ ގޮތެއްގައި ފެނުނީ މެސެޑޯނިޔާގެ މީހަކު އައިސް އާދޭހާއިއެކު މިފަދައިން އެދި ބުނިތަނެވެ. ”⁠މެސެޑޯނިޔާއަށް އައިސް އަހަރެމެންނަށް އެހީވޭ.⁠“ 10ހަމަ ޕައުލްއަށް މި ފަދައިން ފެނުމާއިއެކު އަހަރެމެން މެސެޑޯނިޔާގެ ސަރަހައްދަށް ދިއުމަށް ތައްޔާރު ވީމެވެ. އެއީ އަހަރެމެން ގަސްތު ކުރި ގޮތުގައި މާތްރަސްކަލާނގެ އެދިވޮޑިގެން ވަނީ ހެޔޮޚަބަރުފުޅު ދިނުމަށް އަހަރެމެން އެ ރަށަށް ދިއުމަށެވެ.#16‏:10 މިއާޔަތުން ހާމަވެ އެނގޭ ގޮތުގައި މިފޮތް ލިޔުނު ލޫކާސް ވެސް އޭރު ވަނީ އެމީހުންނާއި އެކުގައެވެ. ލޫކާސް އަކީ އިންޖީލުގައިވާ ”⁠ލޫކާސް⁠“ ފޮތްކޮޅު ވެސް ލިޔުއްވި މީހާއެވެ. 11އަހަރެމެން އޮޑިއެއްގައި ދަތުރުކޮށް ސީދާ ދިޔައީ ސަމޮތުރާޒީ އަށެވެ. ސަމޮތުރާޒީއަށް ދެވުނު ދުވަހު އަނެއް ދުވަހު ދަތުރުކޮށް ދިޔައީ ނެއާޕޮލިސް އަށެވެ. 12އެ ރަށުން އެއްގަމު މަގުގައި ދަތުރުކޮށް އަހަރެމެން ދިޔައީ ފިލިއްޕީއަށެވެ. އެއީ މެސެޑޯނިޔާގެ ފުރަތަމަ ރަށެވެ. މި ރަށް ވަނީ ރޯމުގެ ސަރުކާރުގެ ދަށުގައެވެ. އަހަރެމެން ދުވަސްކޮޅަކު އެ ރަށުގައި މަޑު ކުރީމެވެ.
ލިދިޔާގެ ހިތްބަދަލުވެ ދިންނެވުން ލިބުން
13ޖެހިގެން އައި ސަބަތުގެ ދުވަހު އަހަރެމެން އެ ރަށުގެ ބޮޑު ދޮރާށިން ނުކުމެގެން ކޯރުގެ އައްސޭރިއަށް ދިޔައީމެވެ. އެއީ އެ ރަށުގައި އުޅޭ ބަނީއިސްރާއީލު މީހުން ދުޢާ ކުރުމަށް އަންނާނެ ތަނަކީ އެތަން ހެން އަހަރެމެންނަށް ހީވާތީއެވެ. އަހަރެމެން އެތާ އިށީނދެ އެތަނަށް އެއްވެފައިވާ އަންހެނުންގެ ބަޔަކާ ވާހަކަ ދެއްކީމެވެ. 14އަހަރެމެން ދެއްކި ވާހަކަ އަޑު އެހި އަންހެނުންގެ ތެރެއިން އެކަކީ އަގުބޮޑު ފޮތީގެ ވިޔަފާރި ކުރާ ލީދިޔާއޭ ނަމަކަށް ކިޔުނު ތިޔާތިރާގެ މީހެކެވެ. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އުޅުނު މީހެކެވެ. އެދުވަހު މާތްރަސްކަލާނގެ ޕައުލް ދައްކަމުން ދިޔަ ވާހަކަތައް އެހުމަށް އޭނާގެ ހިތް ތައްޔާރު ކުރެއްވިއެވެ. 15ލީދިޔާ އާއި އޭނާގެ ގޭގެ އެންމެން ތައުބާގެ ހިނެވުމުން ހިނެވުނު ދުވަހު އަހަރެމެންނަށް އޭނާގެ ގެއަށް އައުމަށް ދައުވަތު ދީ ލީދިޔާ މި ފަދައިން ބުންޏެވެ. ”⁠އަހަރެން މިއީ ތެދު ގޮތުގައި އީސާގެފާނަށް އީމާންވެގެންވާ މީހަކު ކަމުގައި ކަލޭމެން ގަބޫލު ކުރަނީ ނަމަ ކަލޭމެން އަހަރެންގެ ގޭގައި ތިބޭ.⁠“ އަދި އޭނާ ކުރުނުކޮށް އެދެމުން ގެންދިއުމުން އެންމެފަހުން އަހަރެމެން އެއްބަސްވެ އެގެއަށް ދިޔައީ އެވެ.
ފިލިއްޕީގެ ޖަލުގައި
16އެއްދުވަހަކު އަހަރެމެން އާދަވެގެން ދުޢާ ކުރުމަށް ދާ ކޯރުގެ އައްސޭރިއަށް ދަނިކޮށް ނުބައި ރޫޙެއްގެ ބާރުގެ ދަށުވެފައި ވާ ޒުވާން އަންހެންކުއްޖަކާ ދިމާވިއެވެ. މިއަންހެން ކުއްޖާއަކީ އަޅުއަންހެން ކުއްޖެކެވެ. އަދި މި ކުއްޖާ ފާލުބަލައިގެން އޭނާގެ ވެރިންނަށް އެތައް ބައިވަރު ފައިސާއެއް ވެސް ހޯދާދެއެވެ. 17މި ކުއްޖާ ޕައުލް އާއި އަހަރެމެންގެ ފަހަތުން މި ފަދައިން ގޮވާ ހަޅޭއްލަވަމުން އައެވެ. ”⁠މިމީހުންނަކީ އެންމެ މަތިވެރިރަސްކަލާނގެ ޚާދިމުން. އެމީހުން މީސްތަކުންނަށް އެ ބުނެދެނީ ދިންނެވޭނެ ގޮތުގެ ވާހަކަތައް.⁠“
18މި ކުއްޖާ ކޮންމެ ދުވަހަކު އަހަރެމެންގެ ފަހަތުން މިހެން ގޮވަމުން ގޮސް ހެދިއެވެ. އެންމެ ފަހުން އެއް ދުވަހު ޕައުލް ކުޅަދާނަނުވެގެން އެ ކުއްޖާއާ ދިމާލަށް އެނބުރިފަ އެ ނުބައިރޫޙަށް ބުންޏެވެ. ”⁠ތިކުއްޖާގެ ގައިން ހަމަ މިހާރު ނުކުތުމަށް އީސާ އަލްމަސީޙުގެ ނަންފުޅުގައި އަހަރެން ކަލެއަށް އަމުރުކުރަން.⁠“ ހަމައެވަގުތު އެ ނުބައި ރޫޙު އެކުއްޖާގެ ހަށިގަނޑުގެ ތެރެއިން ނުކުމެއްޖެއެވެ.
19މި އަޅު އަންހެންކުއްޖާ ގެންގުޅުނު މީހުން މި ތަން ފެނުމުން ދެން އިތުރަށް އެކުއްޖާގެ ކިބައިން ފައިސާ ނުހޯދޭނެކަން އެނގުމުން އައި ރުޅިން ޕައުލް އާއި ސިލާހު ހިފަހައްޓާ ހައްޔަރުކޮށްގެން އެރަށުގެ ވެރިންނަށް ދެއްކުމަށް ބޮޑު ބާޒާރަށް ގެންދިޔައެވެ. 20އެމީހުން އެތާނގައިވާ ރޯމު ސަރުކާރުގެ އުއްތަމަ ފަނޑިޔާރުންނަށް ބުންޏެވެ. ”⁠މިމީހުންނަކީ ބަނީއިސްރާއީލު މީހުން. މިމީހުން އައިސް އަހަރެމެންގެ ރަށުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަނީ. 21އަހަރެމެން ފަދަ ރޯމުގެ ސަރުކާރުގެ ދަށުގައިވާ މީހުން ކުރުން ހުއްދަ ނޫން ކަންތައްތައް ކުރުމަށް މިމީހުން މީހުންނަށް ކިޔާދީ ދަސްކޮށް ދެމުން އެބަ ގެންދޭ.⁠“
22އެތަނަށް އެއްވެފައިވާ މީސްތަކުން ވެސް ޕައުލް އާއި ސިލާހު ކުށްވެރިކުރުމުގައި ބައިވެރިވިއެވެ. ދެން މި އުއްތަމަ ފަނޑިޔާރުން ޕައުލް އާއި ސިލާހު ލައިގެން ތިބި ފޭރާންތައް ވީދާލާ އެމީހުން ގައިގައި އެއްތެލުން ތެޅުމަށް އެންގިއެވެ. 23ޕައުލް އާއި ސިލާހު ގައިގައި އެތައް ތެޅުމެއް ތެޅުމަށް ފަހު އެމީހުން ޖަލަށް ލާ އެ ޖަލުބަލަހައްޓާ މީހާއަށް ޖަލު ރަނގަޅަށް ތަޅުލުމަށް އެންގިއެވެ. 24ދެން އެ ޖަލު ބަލަހައްޓާ މީހާ އެމީހުން ގެންގޮސް އެ ޖަލުގެ އެންމެ އެތެރެގޮޅިއަށް ލާ އަނދަގޮނޑި ޖެހިއެވެ.
25މެންދަމު ޕައުލް އާއި ސިލާހު ދުޢާ ކޮށް ހަމްދާ ސަނާގެ ލަވަތައް ކިޔަމުން ދިޔައެވެ. ޖަލުގައި ވާ އެހެން މީހުން އަޑު އަހަން ތިއްބެވެ. 26ދެން ކުއްލިއަކަށް ވަރަށް ގަދަ ބިންހެލުމެއް އަޔެވެ. އަދި ޖަލުގެ ހުރިހާ ދޮރެއް ހުޅުވިގެން ދިޔައެވެ. އަދި ޖަލުގައި ވީ އެންމެންގެ ހިލިހިލާތައް ނެއްޓިގެން ދިޔައެވެ.
27މި ޖަލު ބަލަހައްޓާ މީހާ ހޭލައިގެން އައިސް ބެލިއިރު ޖަލުގެ ހުރިހާ ދޮރެއް ހުޅުވިފަ ވާތަންފެނުމުން އޭނާ ހީކުރީ ޖަލުގައިވާ އެންމެން ފިލައިގެން ދިޔައީ ކަމުގައެވެ. އެހެން ހީކޮށް އޭނާ އަމިއްލެއަށް މަރުވާން ގަސްތުކޮށް އޭނާގެ ކަނޑި ނެގިއެވެ. 28ނަމަވެސް އެވަގުތު ޕައުލް ހަޅޭއްލަވައިގަތެވެ. ”⁠ކަލޭގެ ހަށިގަނޑަށް އަނިޔާއެއް ނުދީ. އަހަރެމެން އެންމެން މި ތިބީ މިތާ. އެކަކު ވެސް މިތާކުން ނުދޭ.⁠“ 29ދެން ޖަލުބަލަހައްޓާ މީހާ ބައްތިއެއް ދިއްލައިގެން ގެންނަން އެންގިއެވެ. އެބައްތި ގެނައުމުން އޭނާ ޖަލުތެރެއަށް ވަދެގެން ދިޔަގޮތަށް ގޮސް ތުރުތުރު އަޅަމުން ޕައުލް އާއި ސިލާހުގެ ފައިދަށަށް ތިރިވިއެވެ. 30ދެން އޭނާ އެމީހުން ޖަލުން ބޭރަށް ނެރެފަ އެމީހުންނަށް ބުންޏެވެ. ”⁠އަޅުގަނޑު ދިންނެވުން ލިބިގަތުމަށް ކުރަންވީ ކަމެއް ތިޔަ ސާހިބުން ވިދާޅުވެ ދެއްވާ؟⁠“
31”⁠މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވޭ. އޭރުން ކަލެއަށް ދިންނެވުން ލިބޭނެ. އަދި ކަލޭގެ އާއިލާގެ އެންމެންނާ ކަލޭގެ ގޭގައިވާ އެންމެން ވެސް މިހެން ކަން ކުރުމުން އެމީހުންނާ ދޭތެރޭ ވެސް ހަމަ އެފަދައިން ކަންތައް ވާނެ.⁠“
32ދެން ޕައުލް އާއި ސިލާހު އޭނާއަށާ އޭނާގެ ގޭގެ އެންމެންނަށް މާތްސާހިބާ އާއި ބެހޭ ގޮތުން އަންގައިދިނެވެ. 33ހަމަ އެވަގުތު ޖަލުބަލަހައްޓާ މީހާ ޕައުލް އާއި ސިލާހު ގޮވައިގެން ގޮސް އެމީހުންގެ ގައިގައި ވާ ޒަޚަމްތައް ސާފުކޮށް ބޭސްއަޅާދިނެވެ. އަދި އޭނާއާއި އޭނާގެ ގޭގެ އެންމެން އެއްފަހަރާ ތައުބާގެ ހިނެވުމުން ހިނައިގަތެވެ. 34ދެން ޖަލުބަލަހައްޓާ މީހާ ޕައުލް އާއި ސިލާހު އޭނާގެ ގެއަށް ގެންގޮސް އެމީހުންނަށް ކާނެ އެއްޗެއް ދިނެވެ. އީސާގެފާނަށް އީމާންވެ އެކަލޭގެފާނު ގަބޫލު ކުރުމުގެ ސަބަބުން އޭނާ އާއި އޭނާގެ ގޭގެ އެންމެން ވަނީ އުފަލުން ފުރިފައެވެ.
35އަނެއްދުވަހުގެ ހެނދުނު ރޯމު ސަރުކާރުގެ ފަނޑިޔާރުން ސިފައިންގެ އޮފިސަރުން ފޮނުވާ ޖަލުބަލަހައްޓާ މީހާއަށް ބުންޏެވެ. ”⁠އެ ދެމީހުން މިނިވަންކޮށް ދޫކޮށްލާ.⁠“ 36ދެން ޖަލު ބަލަހައްޓާ މީހާ ޕައުލް އަށް ބުންޏެވެ. ”⁠ކަލޭމެން ދޫކޮށްލުމަށް ރޯމު ސަރުކާރުގެ ފަނޑިޔާރުން އަންގައިފި. ވީމާ މިހާރު ކަލޭމެން ތިއީ މިނިވަނުން. އުފާވެރިކަމާއި އެކު ހިތްހަމަޖެހިގެން ދޭ.⁠“ 37ނަމަވެސް ޕައުލް އެ ސިފައިންނަށް ބުންޏެވެ. ”⁠އަހަރެމެންނަކީ ރޯމުސަރުކާރުގެ ރައްޔިތުން. ނަމަވެސް ރޯމުސަރުކާރުގެ އުއްތަމަ ފަނޑިޔާރުން އަހަރެމެންނާއި މެދު އެއްވެސް ޝަރީޢަތެއް ނުކޮށް އަހަރެމެންގެ ގައިގައި އެންމެންގެ ކުރިމަތީގައި ހަންމުށި އެޅި. އަދި އަހަރެމެން ޖަލަށް ލި. މިހާރު އެމީހުން އެބުނަނީ މިއިން އެއްވެސް ކަމެއް ނުވާ ހެން އަހަރެމެން މަޑުމަޑުން ޖަލުން ނުކުމެގެންދާށޭ ތަ؟ އެއްގޮތަކަށް ވެސް އެހެނެއް ނުވެވޭނެ. އަހަރެމެން ޖަލުން ނެރެން ޖެހޭނީ ރޯމުގެ ސަރުކާރުގެ ފަނޑިޔާރުން އައިސް.⁠“ 38މި ސިފައިން ގޮސް ރޯމު ސަރުކާރުގެ އުއްތަމަ ފަނޑިޔާރުން ގާތު މި ވާހަކަތައް ބުނުމުން އެމީހުންނަށް ޕައުލް އާއި ސިލާހު އަކީ ރޯމުގެ ރައްޔިތުންކަން އެނގުމުން ވަރަށް ބިރުގަތެވެ. 39ދެން އެމީހުން ޕައުލް އާއި ސިލާހުގެ ކައިރިއަށް އައިސް މި ވީ ކަންތައްތަކަށް އެމީހުންގެ ކިބައިން މަޢާފަށް އެދުނެވެ. އަދި އެމީހުން ޖަލުން ނެރެ އެމީހުންގެ ކިބައިން އެރަށުން ދިއުމަށް އެދުނެވެ.
40ޕައުލް އާއި ސިލާހު ޖަލުން ނުކުމެގެން ދިޔައީ ލީދިޔާގެ ގެއަށެވެ. އެގޭގައި އީސާގެފާނަށް އީމާންވެގެން ތިބި މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަދެއްކުމަށް ފަހު އެމީހުން އެ ރަށުން ފުރިއެވެ.

Destaque

Compartilhar

Copiar

None

Quer salvar seus destaques em todos os seus dispositivos? Cadastre-se ou faça o login

Vídeos para މަންދޫބުންގެ މަސައްކަތް 16