މަންދޫބުންގެ މަސައްކަތް 13
13
ބަރުނައްބާސް އާއި ޝާއުލް ހޮވުން އަދި އެމީހުން ފޮނުވުން
1އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންގެ ތެރޭގައި ނަބީއިންނާއި އެދުރުބޭކަލުން ހިމެނުނެވެ. މި ބޭކަލުންނަކީ ބަރުނައްބާސް އާއި، ސިމިޔާނު އާއި (މީނާގެ ނަމަކަށް ކަޅު މީހާއޭ ވެސް ކިޔުނެވެ.) އަދި ގަލީލީގެ ވެރިއަކަށް ހުންނެވި ހެރޮދުގެ ގޭގައި ބޮޑުވި މަނައޭނު އާއި ޒައިރީނުގެ ރައްވެއްސެއް ކަމުގައިވާ ލޫސިޔުސް އާއި، އަދި ޝާއުލް އެވެ. 2މިމީހުން މާތްރަސްކަލާނގެ ކިބައަށް ހަމްދާ ސަނާކިޔާ ރޯދަހިފާ ހަދަމުން ގެންދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހަކު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެމީހުންނަށް އެންގެވިއެވެ. ”ތިމަންކަލާނގެއަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން ބަރުނައްބާސް އާއި ޝާއުލް އެއްކިބާކޮށް ހޮވާ. އެއީ ތިމަންކަލާނގެ އެމީހުން ކުރުމަށް ކަނޑައަޅާ ޚާއްސަކޮށްފައިވާ ކަންތައްތައް ކުރުމަށްޓަކައި.“ 3ދެން މި ބައިމީހުން އިތުރަށް ވެސް ދުވަސްކޮޅަކު ރޯދަހިފާ ދުޢާ ކުރުމަށް ފަހު ބަރުނައްބާސް އާއި ޝާއުލްއަށް ހިތްހެޔޮކަންދީ އެމީހުންގެ ބޮލުގައި އަތްލާ އެމީހުންނަށް ރަޙުމަތްލެއްވުމަށް އެދި ދުޢާ ކުރުމަށް ފަހު އެމީހުންގެ މަގުގައި ކުރިއަށް ފޮނުވިއެވެ.
4ބަރުނައްބާސް އާއި ޝާއުލް މާތްރޫޙުފުޅު އެމީހުން ފޮނުއްވި މަގުގައި ކުރިއަށް ދިޔައެވެ. އެ ގޮތުން އެންމެ ފުރަތަމަ އެމީހުން ދިޔައީ ސެލޫސިޔާއޭ ކިޔުނު ބަނދަރުމަތީގެ ރަށަށެވެ. އެ ރަށުން އެމީހުން އޮޑިއެއްގައި ދަތުރުކޮށް ދިޔައީ ސައިޕުރަސް އަށެވެ. 5އެ ރަށުގެ ސަލާމިސްއޭ ކިޔުނު އަވަށުގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުތަކުގައި ބަރުނައްބާސް އާއި ޝާއުލް މާތްރަސްކަލާނގެ ބަސްފުޅުތައް ކިޔާދީ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޔޫޙަންނާ މަރުކުސް ވެސް އެމީހުންނާއި އެކު އެމީހުންގެ އެހީތެރިއެއްގެ ގޮތުގައި މި މަސައްކަތުގައި އުޅުނެވެ. 6މި ބައިމީހުން އެ ރަށުގެ ތެރޭގައި ދަތުރުކުރަމުން ގޮސް ޕާފޮސް އާއި ހަމައަށް ދިޔައެވެ. އެ އަވަށުގައި އުޅުނު ބަނީއިސްރާއީލު މީހެއް ކަމުގައި ވީ ބަރުޔޭޝު އޭ ކިޔާ މީހަކާއި އެމީހުންނާއި ދިމާވިއެވެ. މީނާއަކީ ފަންޑިތަވެރިއެކެވެ. އަދި އޭނާ އުޅުނީ ނަބީބޭކަލަކު ކަމުގައި ވެސް ހެދިގެންނެވެ. 7މީނާ އެ ރަށުގެ ގަވަރުނަރު ކަމުގައި ހުރި ސާރިޖު ޕައުލުސް ގެ ގާތުގައި އޭނާއަށް ޚިދުމަތް ކުރުމުގައި އުޅުނެވެ. ސާރިޖު ޕައުލުސް އަކީ ވިސްނުންތެރި މީހެކެވެ. މީނާ ބަރުނައްބާސް އާއި ޝާއުލްގެ ކިބައިން އޭނާގެ ގާތަށް އައުމަށް އެދުނެވެ. އެއީ އޭނާ ވެސް ބޭނުންވީ އެމީހުން އެ ކިޔާދެމުން ދާ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އެހުމަށެވެ. 8ނަމަވެސް އެލިމާހު މި ކަމާއި ދެކޮޅުހެދިއެވެ. (އެލިމާހު މިއީ ގުރީކު ބަހުން ބަރުޔޭޝުގެ ނަމެވެ. މި ބަހުގެ މާނައަކީ ފަންޑިތަވެރިޔާއެވެ.) ގަވަރުނަރު މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އީސާގެފާނު ގަބޫލު ކުރުމުން ދުރު ކުރުވުމަށް މި ބަރުޔޭޝު ގަދައަޅާ މަސައްކަތް ކުރިއެވެ.
9ނަމަވެސް ޝާއުލް#13:9 ޝާއުލް އަކީ ޕައުލްގެ ޢިބްރާނީ ނަމެވެ. ޝާއުލްއަކީ ބަނީއިސްރާއީލު މީހެއް ނަމަވެސް އޭނާއަކީ ރޯމުގެ ރައްޔިތެކެވެ. ޕައުލްއަކީ އޭނާއަށް ލެޓިން ބަހުން ކިޔޭ ނަމެވެ.، ނުވަތަ އޭނާގެ އަނެއް ނަމުން ނިސްބަތް ކުރާނަމަ ޕައުލް، މާތްރޫޙުފުޅުގެ ބާރުގެ ދަށުގައިވާ ހާލުގައި ސީދާ އެ ފަންޑިތަވެރިޔާގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.
10”އޭ ޝައިތާނާގެ ދަރިޔާ. ކަލޭ ތިޔަ ވަނީ ނުބައި އުކުޅުތަކުންނާއި ނުބައިވެގެންވާ ކަންތައްތަކުން ފުރިފަ. ކަލޭ ތިޔައީ ހުރިހާ ރަނގަޅު ކަމަކާއި އިދިކޮޅު އެކަންތައްތަކުގެ ދުޝްމިނެއް. ކަލޭ ދުވަހަކު ވެސް މާތްރަސްކަލާނގެ ތެދުފުޅުތައް ދޮގުތަކަށް އަނބުރާ މީސްތަކުންނަށް އޮޅުވާލުން ހުއްޓައެއް ނުލާނަންތަ؟ 11މާތްރަސްކަލާނގެ ކޯފާފުޅު ކަލޭގެ މައްޗަށް ލެއްވިއްޖެ. ދުވަސްކޮޅަކަށް ކަލޭގެ ލޮލުގެ އަލިކަން މުޅިން ގެއްލޭނެ. އެންމެ ކުޑަ ވެގެން އިރުގެ އަލިކަން ވެސް ކަލެއަކަށް ނުފެންނާނެ.“ ހަމައެވަގުތު އެލީމާހުގެ ލޮލަށް އަނދިރި ވެއްޖެއެވެ. އޭނާ އަތުގައި ހިފައިގެން ގެންގޮސްދޭނެ މީހަކު ވޭ ތޯ ބަލަން ވަށަވަށައިގެން އޭނާ އަތް އުކަން ފެށިއެވެ. 12ގަވަރުނަރަށް މި ކަންތައްތައް ފެނިގެން ދިއުމުން އޭނާ މާތްރަސްކަލާނގެ ބަސްފުޅުތައް ގަބޫލުކޮށް އީސާގެފާނަށް އީމާންވިއެވެ. އަދި މާތްރަސްކަލާނގެ ބަސްފުޅުތަކާއި މެދު އެނގި ދަސްވި ކަންތަކުގެ ސަބަބުން އޭނާ ވަރަށް ހައިރާންވިއެވެ.
ޕިސީދިޔާ ސަރަހައްދުގެ އަންތީޔޮކު
13ޕައުލް އާއި އޭނާގެ ބައިވެރިން އޮޑިއެއްގައި ޕާފޮސް އިން ދަތުރުކޮށް ޕަންފީލިޔާގެ ރަށެއް ކަމުގައި ވާ ޕެރުގާއަށް ދިޔައެވެ. އެ ރަށުގައި ޔޫޙަންނާ މަރުކުސް ބަރުނައްބާސް އާއި ޕައުލް ދޫކޮށް ޖެރޫސަލަމަށް އެނބުރި ދިޔައެވެ. 14ބަރުނައްބާސް އާއި ޕައުލް އެމީހުންގެ ދަތުރުގައި ކުރިއަށް ދިޔައެވެ. އެ ގޮތުން އެމީހުން ޕެރުގާއިން އެއްގަމު މަގުން ދަތުރުކޮށް ޕިސީދިޔާގެ ރަށެއް ކަމުގައިވާ އަންތީޔޮކުއަށް ދިޔައެވެ. ސަބަތުގެ ދުވަހުގައި އެމީހުން އެރަށުގައިވާ ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ދީނީ މަރުކަޒަށް ގޮސް އެތަނުގައި އިށީނެވެ.
15ތައުރާތުގައިވާ މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ގަވާއިދުތަކާ ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ މީސްތަކުންނަށް އެންގެވި ބަސްފުޅުތައް ކިޔަވާ ނިމުމުން އެ ދީނީ މަރުކަޒުގެ ބޮޑުން މީހަކު ފޮނުވާ ބަރުނައްބާސް އާއި ޕައުލް އަށް ބުންޏެވެ. ”އަޚުންނޭ، މިތާނގައި މިވާ މީސްތަކުންނަށް ހިތްވަރު ލިބޭނެ ފަދަ އެމީހުންގެ އީމާން ކަން އިތުރު ވުމަށް ހިތްވަރު ލިބޭނެ ފަދަ ޚަބަރެއް، ބަހެއްވާނަމަ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދައްކާ ބުނެދީ.“ 16ދެން ޕައުލް ތެދުވެ އެމީހުންނަށް އަޑު މަޑު ކުރުމަށް އިޝާރާތް ކުރުމަށް ފަހު ވާހަކަދައްކަން ފެށިއެވެ. ”ބަނީއިސްރާއީލުގެ އެންމެހާ މީހުންނާ އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ އެންމެހައި މީސްތަކުންނޭ އަޑުއަހާ. 17ބަނީއިސްރާއީލުގެ ވެރި ކަލާނގެ އަހަރެމެންގެ ކާބަފައިންނަށް ރަޙުމަތްލައްވާ މިޞްރުގައި އެމީހުންގެ އަދަދު ގިނަ ކުރެއްވި. އަދި އެކަލާނގެ މަތިވެރި ބާރުފުޅުން އެމީހުން އެ ޤައުމުން އަނބުރައިގެންދެވި.#13:17 ބައެއް ލަފުޒުތަކުގެ މާނައިގައިވާ މޫސާގެފާނު މިބަސް ބަލާ.
18އެކަލާނގެ އެމީހުން ކުރި ހުރިހާ ކަމަކަށް ސާޅީސް އަހަރުވަންދެން ހަނަފަސް ބިމުގެ ތެރޭގައި ކެތްތެރިވެ ވޮޑިގެންވި. 19މާތްރަސްކަލާނގެ ކަންޢާނު ކަރައިގެ ހަތް ޤައުމު ނެތިކުރައްވާ އެ ޤައުމުގެ ބިންތައް އެކަލާނގެ މީސްތަކުން ކަމުގައި ވީ ބަނީއިސްރާއީލު މީހުންނަށް ދެއްވި. މިހުރިހާ ކަމެއްވެދިޔައީ ގާތްގަނޑަކަށް ހަތަރުސަތޭކަ ފަންސާސް ވަރަކަށް އަހަރުގެ ތެރޭގަ. 20އެއަށް ފަހު އައީ ފަނޑިޔާރުން ވެރިކަން ކުރި ދުވަސްވަރު. ފަނޑިޔާރުންގެ ވެރިކަން ނަބީ ޞަމޫއީލްގެފާނުގެ ޒަމާނާއި ހަމައަށް ދެމި އޮތް. 21ދެން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެދި ދެންނެވުމުން މާތްރަސްކަލާނގެ އެމީހުންނަށް ކީޝްގެ ދަރި ޝާއުލް ރަސްކަލެއްގެ ގޮތުގައި ދެއްވި. ޝާއުލް އަކީ ބިންޔާމީން ގަބީލާގެ މީހެއް. އޭނާ ސާޅީސް އަހަރުވަންދެން ރަސްކަން ކުރެއްވި.
22މާތްރަސްކަލާނގެ ޝާއުލް ރަސްކަމުން ބާލުއްވާ ދެން ބަނީއިސްރާއީލުގެ ރަސްކަން ދެއްވީ ދާއޫދުގެފާނަށް. ދާއޫދުގެފާނާއި މެދު މާތްރަސްކަލާނގެ މި ފަދައިން ވަޙީކުރެއްވި. ’ޔައްސާގެ ދަރި ދާއޫދުއަކީ ތިމަންކަލާނގެ އެމީހަކާއި މެދު ހިތްހަމަޖެހިވޮޑިގެންވާ މީހެކޭ. އަދި މިއީ ތިމަންކަލާނގެ ކުރުމަށް އަންގަވާ ހުރިހާ ކަމެއް އެ އެންގެވި ގޮތަށް ކުރާނެ ވެސް މީހެކޭ.‘ 23މާތްރަސްކަލާނގެ އެންމެ ކުރީސުރެ ވެސް ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން ދާއޫދުގެފާނުގެ ދަރިކޮޅުން މީސްތަކުން ދިންނެވުމަށް ބަނީއިސްރާއީލު މީހުންގެ ގާތަށް ބޭކަލަކު ފޮނުއްވި. މީސްތަކުން ދިންނެވުމަށް މާތްރަސްކަލާނގެ ފޮނުއްވި މިބޭކަލަކީ އީސާގެފާނު. 24އީސާގެފާނު ބަނީއިސްރާއީލު މީސްތަކުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު އަންގަވާ ދެއްވަން ފެށުމުގެ ކުރިން ޔަޙުޔާގެފާނު ވަޑައިގެން ބަނީއިސްރާއީލު މީސްތަކުންނަށް ފާފަކުރުމުން ދުރުވެ، މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި، ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވި. 25ޔަޙުޔާގެފާނު މިގޮތުން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު ނިމުމާއި ކައިރިވެފައި ވަނިކޮށް އެކަލޭގެފާނު މީސްތަކުންނާއި މި ސުވާލު ކުރެއްވި. ’ކަލޭމެން ހީކުރާ ގޮތުގައި ތިމަންކަލޭގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ކަނޑައަޅުއްވާ ފޮނުއްވުމަށް ހަމަޖެހިފައިވީ ފަރާތް ކަމުގައި ވާ އަލްމަސީޙު ހޭ؟ ނޫނެކޭ. ތިމަންކަލޭގެފާނަކީ އަލްމަސީޙުއެއްނޫނޭ. އެކަލޭގެފާނު އެބަ ވަޑައިގަންނަވާއޭ. ތިމަންކަލޭގެފާނީ އެކަލޭގެފާނުގެ ފައިންޕުޅުގެ ދަށުގައިވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫނޭ.‘ 26އިބްރާހީމްގެފާނުގެ ދަރިކޮޅުގެ އެންމެ ހާ އަޚުންނޭ، އަޑުއަހާ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށްޓަކައި މި ތަނަށް އެއްވެތިބި ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންނޭ، ސަމާލުވޭ. މާތްރަސްކަލާނގެ ދެއްވާފައި މިވާ ދިންނެވޭނެ މަގު މިއީ އަހަރެމެންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ ދިންނެވުމެއް. 27ޖެރޫސަލަމުގެ މީހުންނާއި އަދި އެމީހުންގެ ވެރިންނަކަށް އީސާގެފާނަކީ ކޮން ބޭކަލެއް ކަމެއް ނުވިސްނުނު. އަދި ރަސޫލުންނާއި ނަބީން މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވާފައިވާ ބަސްފުޅުތައް ލިޔެވިގެންވީ ފޮތުން ކޮންމެ ސަބަތުގެ ދުވަހެއްގައި އެމީހުން ކިޔަވާ އާޔަތްތަކެއް ވެސް އެމީހުންނަކަށް ނުވިސްނޭ. ނަމަވެސް ހަމަ އެ ބަސްފުޅުތަކުގައި ލިޔެވިގެންވީ ފަދައިން އެމީހުން އެކަލޭގެފާނު ކުށްވެރިކުރި. އަދި އެ ގޮތުން އެ ބަސްފުޅުތަކުގައި ވީ ފަދައިން ހުރިހާކަމެއް ފުރިހަމަވެ ދިޔަ. 28އެމީހުންނަށް އެކަލޭގެފާނު ކުށްވެރިކުރެވޭނެ އެއްވެސް ސަބަބެއް ނުފެނުނު ނަމަވެސް އެމީހުން ޕިލާތުސްގެ ކިބައިން އެދުނީ އީސާގެފާނަށް މަރުގެ އަދަބު ދިނުމަށް.
29އީސާގެފާނާއި މެދު ކަންތައްތައް ވާނެކަމަށް މާތްރަސްކަލާނގެ އެތައް ޒަމާނެއް ކުރިން އެންގެވި ބަސްފުޅުތަކުގައި އެ ލިޔެވިގެންވީ ފަދައިން ހުރިހާ ކަމެއްވެދިޔަ. އަދި އެމީހުން އެކަލޭގެފާނު ގެ މަރުވެފައިވީ ހަށިގަނޑު ސަލީބުން ތިރިކޮށް ގަބުރުސްތާނުގައިވާ ހޮހަޅައަށް ގެންދިޔަ. 30ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. 31އަދި އެކަލޭގެފާނު އަލުން ދިރިވަޑައިގެން އެކަލޭގެފާނާއި އެކު ގަލީލީއިން ޖެރޫސަލަމަށް އައި މީހުންނަށް އެތައް ދުވަހެއްވަންދެން ފެނި ހާމަވަމުން ދިޔަ. މިމީހުން މިހާރު އީސާގެފާނާއި ބެހޭ ގޮތުން ހެކިދީ އެކަލޭގެފާނާއި ބެހޭ ހެޔޮޚަބަރުފުޅުތައް ބަނީއިސްރާއީލު މީހުންނަށް އަންގައިދެމުން އެބަދޭ. 32-33އަޅުގަނޑާއި ބަރުނައްބާސް މިއަދު މި ތަނަށް މި އައީ ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ދިނުމަށް. އެއީ މާތްރަސްކަލާނގެ އަޅުގަނޑުމެންގެ ކާބަފައިންނަށް ކުރެއްވި ވަޢުދު ފުޅު ފުރިހަމަ ކުރައްވާ އެ ކާބަފައިންގެ ދަރިކޮޅުގެ މީހުންނަށް ދައްކަވައިފި. މާތްރަސްކަލާނގެ އެ ވަޢުދުފުޅު ފުރިހަމަ ކުރެއްވުމުގެ ގޮތުން އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި. އެއީ ޒަބޫރުގެ ދެވަނަ ބާބުގައި ލިޔެވިގެންވީ ފަދައިން، ލިޔެވިގެންވޭ. ’ކަލޭގެފާނު ތިޔައީ ތިމަންކަލާނގެ ދަރިކަލުންނޭ. އެއީ މިއަދު ތިމަންކަލާނގެ ކަލޭގެފާނުގެ ބައްޕަ ކަމުގައި ވެއްޖެއޭ.‘#13:32-33 މި އާޔަތުން މާތްރަސްކަލާނގެ މާނަކުރައްވާ އަންގަވަނީ އަލްމަސީޙު ކަމުގައިވާ އީސާގެފާނީ ރަސްކަލަކު ކަމުގައި އެކަލާނގެ ލައްވައިފި ކަމެވެ. 34މާތްރަސްކަލާނގެ އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި. އަދި ދެން ދުވަހަކު ވެސް އެކަލޭގެފާނު މަރުވެގެން ނެތިގެންނެއް ނުދާނެ. އެއީ ހަމަ މާތްރަސްކަލާނގެ ވަޙީކުރެއްވި މި ބަސްފުޅުތަކާއި އެއް ފަދައިން. ’ތިމަންކަލާނގެ ދާއޫދުގެފާނަށް ވަޢުދުފުޅު ވީ ބަރަކާތްތެރި ރަޙުމަތްފުޅު ކަލޭމެންނަށް ވެސް ދެއްވާނަމޭ.‘ 35އަދި ޒަބޫރުގެ އެހެން އާޔަތެއްގައި މާތްރަސްކަލާނގެ މި ފަދައިން ވެސް ވަޙީކުރައްވާ އަންގަވާފައިވޭ. ’މާތްރަސްކަލާނގެ އެކަލާނގެ މާތް ކުރެއްވި މީހާގެ ހަށިގަނޑު ކުނިވެ ނެތިގެން ދިއުމަކަށް ދޫކޮށެއް ނުލާނޭ.‘ 36މި އާޔަތްތަކުގައި މި ވަނީ މާތްރަސްކަލާނގެ ދާއޫދުގެފާނާއި މެދު އެންގެވި ބަސްފުޅުތަކެއް ނޫން. އެއީ ދާއޫދުގެފާނު މި ދުނިޔޭގައި އުޅުއްވާ އެކަލޭގެފާނަށް މާތްރަސްކަލާނގެ އެންގެވި ފަދައިން ކަންތައްތައް ކުރެއްވުމަށް ފަހު އަވަހާރަވި. އަދި އެކަލޭގެފާނުގެ ހަށިކޮޅު ވަޅުލެވުނު. އަދި އެ ހަށިކޮޅު ކުނިވެ ނެތިގެން ދިޔަ. 37ނަމަވެސް މާތްރަސްކަލާނގެ މަރުވުމަށް ފަހު އަލުން ދިރުއްވި މީހާގެ ހަށިގަނޑު އެ ފަދައިން ނެތިގެންނެއް ނުދޭ.
38އެކުވެރިންނޭ އަޅުގަނޑު ތިޔަ އެންމެ ހާ އަޚުންނަށް ދޭން އެދޭ ޚަބަރަކީ އީސާގެފާނު މެދުވެރިކޮށް ތިޔަ އެންމެ ހާ މީސްތަކުންގެ ފާފަ ފޮއްސެވޭނެ ކަމުގެ ޚަބަރު. 39މޫސާގެފާނު މެދުވެރިކޮށް ދެއްވުނު ޤާނޫނުތަކާ ގަވާއިދުތަކުގެ ސަބަބަކުން ތިޔަބައިމީހުންގެ ފާފައެއް ނުފޮއްސެވޭނެ. ނަމަވެސް އީސާގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކު ފާފައިން މިންޖުވެ މިނިވަން ވެ އެމީހެއްގެ ފާފަތައް ފޮހެވިގެން ދާނެ. 40ނަބީބޭކަލުން މެދުވެރިކޮށް އެންގުނު ފަދައިން ކަލޭމެންނާއި ދޭތެރޭ ކަންތައް ވެގެން ނުދޭތޯ ސަމާލުވެ ތިބޭ. އެބޭކަލުން ލިޔުއްވި.
41’އޭ މާތްރަސްކަލާނގެ ކިބަފުޅަށް މަލާމާތް ކުރާ މީހުންނޭ، ދެކޭށޭ. އަޖައިބުވެ ހައިރާންވުމަށް ފަހު މަރުވެގެންދާށޭ. މި އަދު ތިމަންކަލާނގެ މި ކުރާ ކަންތަކަކީ ކަލޭމެންނަށް ގަބޫލު ކުރެވޭނެ ވަރުގެ ކަމެއް ނޫނޭ. މީހަކު މި ކަންތަކުގެ ވާހަކަ ކަލޭމެންނަށް ކިޔާދިނަސް ކަލޭމެންނަކަށް މި ކަމެއް ގަބޫލެއް ނުކުރެވޭނެއޭ.‘“
42ޕައުލް އާއި ބަރުނައްބާސް އެ ދީނީ މަރުކަޒުން ދިއުމުގެ ކުރިން އެތާނގައި ތިބި މީސްތަކުން ޖެހިގެން އަންނަ ސަބަތުގެ ދުވަހުގައި ވެސް އެތަނަށް އައިސް މި ކަންތައްތަކާ ބެހޭ ގޮތުން އެމީހުންނަށް އިތުރަށް އަންގައިދީ ބުނެދިނުމަށް އެދުނެވެ. 43މި ދީނީ މަރުކަޒުގައި ވީ ބަނީއިސްރާއީލު މީހުންގެ ތެރެއިން އެތައް ބަޔަކާ އަދި އެތާނގައި ތިބި ތެދުހިތުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ އާ ބަނީއިސްރާއީލު މީހުންގެ ތެރެއިން އެތައް ބަޔަކު ޕައުލް އާއި ބަރުނައްބާސްގެ ފަހަތުން އެދުވަހު ދިޔައެވެ. ޕައުލް އާއި ބަރުނައްބާސް އެމީހުންގެ ކިބައިން އެދުނީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތްފުޅު ގަބޫލުކޮށް ލިބިގަނެ އަދި އެކަލާނގެ ކިބަފުޅަށް ގާއިމުކަމާއި އެކު އީމާންވެ ތިބުމަށެވެ.
44ޖެހިގެން އައި ސަބަތުގެ ދުވަހުގައި މުޅިރަށުގެ އެންމެން ހެން މާތްރަސްކަލާނގެ ދެއްވި ޚަބަރުގެ އަޑު އެހުމަށް ދީނީ މަރުކަޒަށް އައެވެ. 45ބަނީއިސްރާއީލުގެ ވެރިންނަށް މި ތަނަށް އެއްވެފައިވާ މީހުންގަނޑު ފެނުމުން ވަރަށް ހަސަދަވެރިވިއެވެ. އަދި ޕައުލް ދެރަކޮށް ދަށްކޮށްލުމަށް ވާހަކަދެއްކިއެވެ. އަދި އޭނާ ބުނި ކޮންމެ ބަހަކާއި އިދިކޮޅު ހަދާ ވާހަކަދެއްކިއެވެ. 46ނަމަވެސް ޕައުލް އާއި ބަރުނައްބާސް ވަރަށް ކެރިތިބެގެން ވާހަކަދެއްކިއެވެ. އެމީހުން ބުންޏެވެ. ”މާތްރަސްކަލާނގެ ދެއްވި މި ދެންނެވުމުގެ ޚަބަރު ފުރަތަމަ ބަނީއިސްރާއީލު މީހުންނަށް ދިނުން އެއީ އެކަލާނގެ އެދިވޮޑިގެންވީ ގޮތް. ނަމަވެސް ކަލޭމެން ތިޔަ ދެކުނީ ކަލޭމެންނަކީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެކަށީގެންވާ ބަޔެއް ނޫން ކަމުގަ. އަދި ކަލޭމެން އެ ދިންނެވުމުގެ ޚަބަރުފުޅު ބޭނުންނުކޮށް އެއްލާލި. އެހެން ކަމުން އަހަރެމެން މި ދިންނެވުމުގެ ޙަބަރައިގެން މި ދަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް. 47އެއީ މާތްރަސްކަލާނގެ އަހަރެމެންނަށް ވަނީ މި އަމުރުފުޅު ކުރައްވާފަ. އެއީ ’ތިމަންކަލާނގެ ކަލޭމެން ތިޔައީ ދުނިޔޭގެ އެހެން ޤައުމުތަކުގެ މީހުންގެ މައްޗަށް ވާ އައްޔެއް ކަމުގައި ލެއްވީމޭ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގެ މީސްތަކުންނަށް ދިންނެވުމުގެ މަގު ކަލޭމެން ދައްކާށޭ.‘“
48އެތާނގައި ތިބި ބަނީއިސްރާއީލު މީހުން ނޫން އެންމެން މި ބަސްތަކުގެ އަޑުއަހާ ވަރަށް އުފާކުރިއެވެ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ގޮތުން އެމީހުންނަށް މި ލިބުނު ޚަބަރުފުޅާއި މެދު ޙަމްދު ކުރިއެވެ. ދެން އެތާނގައި ތިބި މީހުންގެ ތެރެއިން ނިމުންނުވާ ޙަޔާތް ލިބުމަށް ކަނޑައެޅިފައިވީ އެންމެން އީސާގެފާނަށް އީމާންވިއެވެ 49މާތްރަސްކަލާނގެ އާއި ބެހޭ މި ޚަބަރުފުޅުތައް މުޅި އެ ހިސާބުގަނޑުގައި ފެތުރެމުން ދިޔައެވެ.
50ނަމަވެސް ބަނީއިސްރާއީލުގެ ވެރިން އެ ރަށުގެ ބާރާއި ނުފޫޒު ހިނގާ ބައެއް ފިރިހެނުންނާއި އަދި ދީންވެރި ކަމަށް މަޝްހޫރު މީހުން އިޙުތިރާމު ކުރާ ބައެއް އަންހެނުންގެ ގާތަށް ގޮސް އެމީހުން ޕައުލް އާއި ބަރުނައްބާސް އާއި ދެކޮޅުވެރި ވާނެ ފަދައިން ވާހަކަދައްކާ ދެކޮޅު ކުރުވިއެވެ. އަދި އެ ގޮތުން އެމީހުން ޕައުލް އަށާއި ބަރުނައްބާސް އަށް އުނދަގޫތައް ދޭން ފެށިއެވެ. އެމީހުން ޕައުލް އާއި ބަރުނައްބާސް އެ ސަރަހައްދު ން ވެސް ބޭރު ކުރިއެވެ. 51ޕައުލް އާއި ބަރުނައްބާސް އެމީހުންނާއި ދެކޮޅު ހެދި ކަމުގެ އިންޒާރެއްގެ ގޮތުން އެމީހުންގެ ފައިގައި އެ ރަށުގެ ވެލިން ހޭކުނު ހިރަފުސް ފޮޅާލާފައި އެ ރަށުން ފުރައިގެން އިކޯނިޔުމްއަށް ދިޔައެވެ. 52އީސާގެފާނަށް އީމާންވީ މީސްތަކުން ވަނީ ވަރަށް އުފާވެރި ކަމުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުގެދަށުގައެވެ.
Atualmente Selecionado:
މަންދޫބުންގެ މަސައްކަތް 13: ކމ
Destaque
Compartilhar
Copiar

Quer salvar seus destaques em todos os seus dispositivos? Cadastre-se ou faça o login
© (Active), Wycliffe Bible Translators, Inc. All rights reserved.