މައްތާ 8
8
އީސާގެފާނު ޖުޒާމުބަލި ޖެހިފައިވާ މީހަކު ރަނގަޅު ކުރެއްވުން
1އީސާގެފާނު ފަރުބަދަ މަތިން ތިރިއަށް ފައިބައި ވަޑައިގެންނެވި ހިނދު، އެކަލޭގެފާނުގެ އަރިހަށް ގިނަ ޢަދަދެއްގެ ބަޔަކު އައިސް ތިއްބެވެ. 2ކުއްލިއަކަށް ޖުޒާމުބަލި#8:2 ޖުޒާމުބަލި ގްރީކް ބަހުން ”ލެޕްރޯސް“ އަކީ ޖުޒާމުބައްޔާއި އަދި އެހެން ހަމުގެ ބަލިތަކަށް ވެސް ބޭނުންކުރާ ބަހެކެވެ. ޖެހިފައިވާ މީހަކު އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރިފުޅު މަތީގައި ކަކޫމައްޗަށް ތިރިވެ ދެންނެވިއެވެ. ”މާތްސާހިބާ. ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެވިދާނެ.“
3އީސާގެފާނު އެކަލޭގެފާނުގެ އަތްޕުޅު ދިއްކުރައްވައި އެމީހާގެ ގައިގައި ބީއްސަވައި ވިދާޅުވިއެވެ. ”އަހަރެން އެދެން. ސާފުވެ ތާހިރުވޭ!“ ކުއްލިއަކަށް އެމީހާއަށް ޖެހިފައިވާ ޖުޒާމު ބަލި ފަސޭހަވެއްޖެއެވެ. 4ދެން އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”މިވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެކަމަކު ތިބާގެ ހަށިގަނޑު އިމާމަކަށް ދެއްކުމަށްދޭ. އަދި މިފަދަ ބަލިތައް ޖެހިފައިވާ މީހުން ފަސޭހަ ވުމުން ތައުރާތުގައި މޫސާގެފާނު އިރުޝާދު ދެއްވާފައިވާ ފަދައިން ޤުރުބާންތައް ހުށަހަޅާ.#ލާވީން 14:1-32 އެއީ ހުރިހާ އެންމެންނަށް ތިޔަބަލިން ތިބާ ރަނގަޅުވެއްޖެކަން އަންގައި ދިނުމަށް ޓަކާ.“
ރޯމު ސިފައިންގެ އޮފިސަރެއްގެ އީމާންކަން
5އީސާގެފާނު ކަޕަރުނައުމްއަށް ވަޑައިގެންނެވިހިނދު ރޯމު ސިފައިންގެ އޮފިސަރެއް#8:5 ރޯމު ސިފައިންގެ އޮފިސަރެއް ރޯމުގެ މީހުންނަކީ އޭރު އިސްރާއީލުގެ ވަތަނުގެ ދުޝްމިނުންނެވެ. އެކަލޭގެފާނުގެ އަރިހަށް އައިސް އެހީތެރިކަމަށް އެދި ދެންނެވިއެވެ. 6އަދި އެ އޮފިސަރު ދެންނެވިއެވެ. ”މާތްސާހިބާ. އަޅުގަނޑުގެ ނޯކަރު ވަނީ ބަލިވެ ގޭގައި. އޭނާއަށް އޭނާގެ ހަށިގަނޑުން ހަރަކާތެއް ވެސް ނުކުރެވެ. އަދި އޭނާ ވަނީ ނުހަނު ވޭނުގައި.“
7އީސާގެފާނު އެ އޮފިސަރަށް ވިދާޅުވިއެވެ. ”އަހަރެން ގޮސް އޭނާގެ ބަލި ފަސޭހަކޮށް ދޭނަން.“
8އެކަމަކު އެ އޮފިސަރު ދެންނެވިއެވެ. ”މާތްސާހިބާ. އަޅުގަނޑުގެ ގެއަށް ސާހިބާ ވަޑައިގަތުމަށް އަޅުގަނޑަކީ އެކަށީގެންވާ މީހަކީމެއް ނޫން. ހަމައެކަނި ސާހިބާ އަމުރުފުޅު ކުރައްވައިފިއްޔާ އަޅުގަނޑުގެ ނޯކަރު ބަލިން ރަނގަޅުވާނެ. 9އެހެނީ އަޅުގަނޑަކީ ވެސް އަޅުގަނޑުގެ މައްޗަށް ތިބި އޮފިސަރުންގެ ދަށުގައި ހުރި މީހަކީން. ހަމައެހެންމެ އަޅުގަނޑުގެ އަމުރުވެރިކަމުގެ ދަށުގައި ފަހުލަވާނުން އެބަތިބި. އޭގެތެރެއިން ފަހުލާނަކަށް އަޅުގަނޑު ދާން އެންގުމުން އޭނާ ދޭ. އަދި ފަހުލަވާނަކަށް އަޅުގަނޑު އަންނަން އެންގުމުން އެ ފަހުލަވާނަކު އާދޭ. އަޅުގަނޑުގެ ނޯކަރަށް ކަމެއް ކުރުމަށް އަމުރު ކުރުމުން އެ ނޯކަރު އެކަމެއް ކުރޭ.“
10މިވާހަކަތައް އީސާގެފާނު އަޑުއައްސަވައި އެކަލޭގެފާނު ޙައިރާންވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ތިބި މީސްތަކުންނާއި ދިމާލަށް އެނބުރި ވަޑައިގަންނަވާ ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް މިވަރުގެ އީމާންކަން ހުރި މީހަކު އަހަރެން ނުދެކެން! 11ގިނަ ބަޔަކު އިރުމަތީ ފަރާތުންނާއި ހުޅަނގުފަރާތުން އައިސް އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، އަދި ޔަޢުޤޫބުގެފާނާއި އެކުގައި އިށީނދެ ތިބެ މާތްރަސްކަލާނގެ ރަސްކަންފުޅުގައި ޖާފަތުން ކާނެ. 12އެކަމަކު މާތްރަސްކަލާނގެ ރަސްކަންފުޅު ތައްޔާރު ކުރެވިގެން ވަނީ ގިނަ ބަނީއިސްރާއީލުންނަށް ކަމުގައި ވިޔަސް، އެ ރަސްކަންފުޅުން އެބައިމީހުން ބޭރުކުރެވި، އަދި އެތަނެއްގައި މީސްތަކުން ލިބޭ ވޭނުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާ ފަދަ އަނދިރި ކަމުގެ ތެރެއަށް އެބައިމީހުން އެއްލައިލެވޭނެ.“
13އެއަށް ފަހު އީސާގެފާނު އެ އޮފިސަރަށް ވިދާޅުވިއެވެ. ”ތިބާ އެނބުރި ގެއަށްދޭ. ތިބާގެ އީމާންތެރިކަމުގެ ސަބަބުން ތިބާގެ ނޯކަރުގެ ބަލި ރަނގަޅުވާނެ.“ ހަމަ އެހިނދު، އެ އޮފިސަރުގެ ނޯކަރުގެ ބަލި ފަސޭހަވިއެވެ.
އީސާގެފާނު އެތައްބައެއްގެ ބަލި ފަސޭހަކޮށްދެއްވުން
14ޕަތަރަސްގެ ގެއަށް އީސާގެފާނު ވަޑައިގެންނެވި ހިނދު ޕަތަރަސްގެ މައިދައިތަ ހުން އައިސް ބަލިވެ އެނދުމަތީ އޮށޯވެ އޮތްތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. 15އީސާގެފާނު އެކަނބުލޭގެ އަތުގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލެއްވިއެވެ. އެ ހިނދު އެ ކަނބުލޭގެ ގައިން ހުންފިލައި ދިޔައެވެ. އަދި އެ ކަނބުލޭގެ ތެދުވެ އެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރު ކޮށްދެއްވިއެވެ.
16އިރުއޮއްސުމާއި ކައިރިވެފައިވީ ހިނދު މީސްތަކުން ޖިންނި އަވަލާފައި ތިބި އެތައް ބަޔަކު އީސާގެފާނުގެ އަރިހަށް ގެނައެވެ. އީސާގެފާނު ވިދާޅުވި އެންމެ ބަސްފުޅަކުން ޖިންނިތައް ފައްސާލައްވައި އެމީހުން ރަނގަޅު ކޮށްދެއްވިއެވެ. އަދި އެތަނުގައި ވީ އެހެން ބަލިމީހުންގެ ބަލިތައް ވެސް އެކަލޭގެފާނު ފަސޭހަ ކޮށްދެއްވި އެވެ. 17މިކަން މިހެން ހިނގީ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތުގައި ލިޔެވިފައިވާ ކަންތައް އެފަދައިން ހިނގަދިއުމަށެވެ. ލިޔެވިގެން ވެއެވެ:
”އަހަރެމެންގެ ވޭންތައް އެކަލޭގެފާނު އުފުއްލަވައެވެ.
އަދި އެކަލޭގެފާނު އަހަރެމެންގެ ބަލިތައް ގެންދަވައެވެ.“#އިޝަޢުޔާ 53:4
މީސްތަކުން އީސާގެފާނުގެ އަރިހުގައި ދިއުމަށް އެދިގެންވުން
18އީސާގެފާނަށް އެކަލޭގެފާނުގެ ވަށައިގެން ތިބި މީސްތަކުންގެ ގިނަކަން ފާހަގަ ކުރެއްވުނު ހިނދު، ކަނޑު ހުރަސްކޮށް އެ ކަނޑުގެ އަނެއްފަރާތަށް ދިއުމަށް އެކަލޭގެފާނުގެ އަސްޙާބީންނަށް އަމުރު ކުރެއްވި އެވެ. 19އެ ހިނދު ދީނުގެ ދަންނަބޭކަލަކު އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު. ކަލޭގެފާނު ވަޑައިގަންނަވާ ކޮންމެ ތަނަކަށް ކަލޭގެފާނުގެ ފަހަތްޕުޅުން އަޅުގަނޑު ދާނަން.“
20އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ހިޔަޅުތައް އުޅޭނެ ހޮހަޅަތައް ހުރޭ. އުދުހޭ ދޫނިތަކަށް ހާލިތައް ހުރޭ. އެކަމަކު އިންސާނާގެ ދަރިކަލުން ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.“
21އީސާގެފާނަށް ތަބާވެގެންވާ އެހެން މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ. ފުރަތަމައިން އަޅުގަނޑު ގޮސް އަޅުގަނޑުގެ ބައްޕަ ވަޅުލާފައި އަންނަން ދެން މަޑުކޮށްލައްވާ.“
22އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންނާއި އެކުގައި އާދޭ. އަދި މަރުވެފައިވާ މީހުން، އެމީހުންގެ ތެރެއިން މަރުވާ އެހެން މީހުން ވަޅުލިޔަދީ!“
އީސާގެފާނު ގަދަކޮޅިގަނޑެއް މަޑުކުރެއްވުން
23އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ދޯނީގައި ފުރާވަޑައިގެންނެވި ހިނދު 24ކުއްލިއަކަށް ގަދަ ކޮޅިގަނޑަކާއި ޖެހި ވައި ބާރުވެ ރާޅު ބިޔަވި އެވެ. އަދި ކަނޑު ގަދަވެ ރާޅުތައް ދޯންޏަށް އަރައިފިއެވެ. ނަމަވެސް އީސާގެފާނު އޮންނެވީ އަވަހާރަފުޅު ލައްޕަވާފައެވެ. 25އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އަވަހާރަފުޅުން ހޭލައްވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ، އަޅުގަނޑުމެން ސަލާމަތް ކޮށްދެއްވާ! އަޅުގަނޑުމެން ގެނބި މި މަރުވަނީ!“
26އީސާގެފާނު ވިދާޅުވިއެވެ. ”އޭ އީމާންތެރިކަން ކުޑަ މީހުންނޭ! ކީއްވެ ތިޔަބައިމީހުން ބިރުން ތިޔަ އުޅެނީ؟“ ދެން އެކަލޭގެފާނު ތެދުވެ ވަޑައިގެން ވަޔަށާއި ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވިއެވެ. އެ ހިނދު ވައި މަޑުވެ ރާޅުތައް ހިނދުނެވެ.
27ދޯނީގައި ތިބި މީހުން އިންތިހާއަށް ޙައިރާންވެ އެބައިމީހުންނަށް ބުނެވުނެވެ. ”މިއީ ކޮންފަދަ އިންސާނެއް ބާ؟! އެކަލޭގެފާނުގެ އަމުރަށް ވަޔާއި ރާޅުތައް ވެސް ކިޔަމަންތެރިވޭ!“
ޖިންނި އަވަލާފައި ތިބި ދެ މީހުންގެ ބަލި އީސާގެފާނު ރަނގަޅުކޮށްދެއްވުން
28ކަނޑުގެ އަނެއްފަރާތުގައި އޮތް ގަދާރަ ސަރަހައްދަށް އީސާގެފާނު ވަޑައިގެންނެވިއެވެ. އަދި ކަނޑުގެ އައްސޭރި ފަށުގައި އެކަލޭގެފާނު ވީހިނދު ގަބުރުސްތާނުގެ ތެރެއިން އައި ދެމީހަކާއި އެކަލޭގެފާނާއި ބައްދަލުވިއެވެ. މިބައިމީހުންނަކީ ޖިންނި އަވަލާފައި ތިބި ބައެކެވެ. މި މީހުންގެ ނުރައްކާތެރިކަން ބޮޑުކަމުން މީސްތަކުން އެމަގުން ދަތުރު ކުރުމަށް ނުހަނު ބިރުވެތިވެއެވެ. 29ކުއްލިއަކަށް އެބައިމީހުން ހަޅޭލަވަން ފެށިއެވެ. ”އޭ މާތްރަސްކަލާނގެ ދަރިކަލުން، އަޅުގަނޑުމެންގެ ކިބައިން ކަލޭގެފާނު އެދިވަޑައިގަންނަވަނި ކޮންކަމެއް؟ މާތްކަލާނގެ ކަނޑައަޅުއްވާފައިވާ ވަގުތު ޖެހުމުގެ ކުރިން ކަލޭގެފާނު މިތަނަށް ތިޔަ ވަޑައިގަތީ އަޅުގަނޑުމެންނަށް ޢުޤޫބާތް ދެއްވުމަށްތޯ؟“
30އެމީހުން ތިބި ތަނާއި މާ ދުރުނޫން ހިސާބެއްގައި ކާންދިނުމަށް ޓަކައި ގެނެވިފައިވީ އޫރު ބައިގަނޑެއް އެތާނގައި ވިއެވެ. 31ވީމާ އެ ޖިންނިތައް އީސާގެފާނަށް އާދޭސް ދެންނެވިއެވެ. ”އަޅުގަނޑުމެން ފައްސާލާ ކަމުގައިވާނަމަ އެ އޫރުތަކުގެ ތެރެއަށް އަޅުގަނޑުމެން ފޮނުވައިދެއްވާ!“
32އެ ޖިންނިތަކަށް އީސާގެފާނު އަމުރު ކުރެއްވިއެވެ. ”ދޭ!“ ދެން އެ ޖިންނިތައް އެމީހުންގެ ހަށިގަނޑުން ނުކުމެގެން ގޮސް އެ އޫރު ބައިގަނޑުގެ ތެރެއަށް ވަނެވެ. އެ ހިނދު އެ އޫރު ބައިގަނޑު އުސްކޮށް އޮތް ފަސްގަނޑުގެ މަތީން ތިރިއަށް ދުވަމުންގޮސް ކަނޑަށް ވެއްޓި ގެނބި މަރުވިއެވެ. 33އެ އޫރު ބަލަހައްޓަން ތިބި މީހުންނަށް މިތަން ފެނި ދުވެފައި ސަހަރުގެ ތެރެއަށް ގޮސް ހިނގާދިޔަ ޙާދިސާ ކިޔައިދިނެވެ. އަދި ޚާއްސަކޮށް ޖިންނި އަވަލާފައި ތިބި ދެމީހުންނާއި ބެހޭ ގޮތުން ކިޔައިދިނެވެ. 34އެ ސަހަރުގެ ހުރިހާ އެންމެން އީސާގެފާނާއި ބައްދަލު ކުރުމަށް އައެވެ. އެމީހުންނަށް އެކަލޭގެފާނު ފެނުނު ހިނދު، އެމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގެންނެވުމަށް އެދި އެމީހުން އެކަލޭގެފާނަށް އާދޭސް ދެންނެވިއެވެ.
Currently Selected:
މައްތާ 8: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.