މައްތާ 7
7
އަނެކުންނާއިމެދު ފައިސަލާ ނުކުރޭ
1”އެހެން މީހުންގެ ކުށްތަކަށް ފައިސަލާ ނުކުރޭ. އެހެންނޫނީ ތިޔަބައިމީހުންގެ ކުށްތަކަށް ވެސް ފައިސަލާ ކުރައްވާނެ. 2މާތް ރަސްކަލާނގެ ތިޔަބައިމީހުންގެ ކަންކަމާއި މެދު ފައިސަލާ ކުރައްވާނީ ތިޔަބައިމީހުން އަނެކުންގެ ކަންކަމާއި މެދު ފައިސަލާ ކުރާ ގޮތަށް. އަދި މާތްރަސްކަލާނގެ ތިޔަބައިމީހުންނާއި މެދު މިނާލައްވާނީ ތިޔަބައިމީހުން އަނެކުންގެ ކަންކަމާއި މެދު މިނި ނާޅިއަކުން.
3ތިބާގެ އަޚާގެ ލޮލުގައި އޮންނަ ކުނޑިކޮޅެއް ފެނިގެން އެއާމެދު ކަންބޮޑުވާ އިރު ތިބާގެ އަމިއްލަ ލޮލުގައި އޮންނަ ބޮޑު ލަކުޑިބުރިއާ މެދު އަޅާނުލަނީ ކީއްވެ؟ 4ތިބާގެ ލޮލުގައި ލަކުޑިބުރިއެއް އޮންނަ އިރު ތިބާގެ އަޚާގެ ލޮލުގައި އޮންނަ ކުނޑިކޮޅު ނަގައިދިނުމަށް ތިބާ ތިޔަ ބުނާނީ ކިހިނަކުން؟ 5އޭ ދެފުށްދެގޮތް މީހާ! އެންމެ ފުރަތަމަ ތިބާގެ ލޮލުގައި ތި އޮންނަ ލަކުޑިބުރި ނަގާ. އޭރުން ތިބާގެ އަޚާގެ ލޮލުގައި އޮންނަ ކުނޑިކޮޅު ނެގުމަށް ތިބާއަށް ސާފުކޮށް ފެންނާނެ.
6ޤުދުސީވެގެންވާ ތަކެތި ކުއްތާތަކަށް ނުދީ. އެއީ އެ ކުއްތާތައް މީހުންނާ ކުރިމަތިލާ ހަމަލާދޭ. އަދި ތިޔަބައިމީހުންގެ އަތުގައިވާ މުތްތައް އޫރުތަކުގެ ކުރިމައްޗަށް ނުއުކާ. އެއީ އެ އޫރުތައް އެ މުތްތަކަށް ފައިން އަރާ މުގުރާ ލާނެ.“#7:6 މި އާޔަތުގައި ”ކުއްތާ“ އާއި ”އޫރު“ މިބަސްތައް ބޭނުން ކުރެވިފައި ވަނީ ރޫޙާނީ ގޮތުން ތާހިރު ނޫން ފަރާތްތަކަށެވެ. އެހެނީ އެފަދަމީހުން މާތްރަސްކަލާނގެ ދެއްވި ޚަބަރުފުޅާއިމެދު ދެކޮޅުވެރިވެ އަންދާސާ ކުރުމެއްނުވެއެވެ. ހަމައެހެންމެ ”މުތް“ އާއި ”ޤުދުސީ ވެގެންވާ ތަކެތި“ މިބަސްތައް ބޭނުން ކުރެވިފައި އެވަނީ މާތްރަސްކަލާނގެ ޚަބަރުފުޅާއި މެދެވެ.
ބޭނުންތަކަށް އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދަންނަވާ
7”އެދި ދަންނަވާ! އޭރުން މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވާނެ. ހޯދަމުން ގެންދޭ! އޭރުން ދައްކަވާނެ. ޓަކިދެމުން ގެންދޭ! އޭރުން ތިޔަބައިމީހުންނަށްޓަކާ ދޮރު ހުޅުއްވާނެ. 8އެހެނީ އެދިދަންނަވާ ހުރިހާ އެންމެންނަށް ދެއްވާނެ. ހޯދާ ހުރިހާ އެންމެންނަށް ދައްކަވާނެ. އަދި ޓަކިދޭ ހުރިހާ އެންމެންނަށްޓަކާ ދޮރު ހުޅުއްވާނެ.
9ތިޔަބައިމީހުންގެ ދަރިން ރޮއްޓަކަށް އެދޭ ނަމަ، އޭގެބަދަލުގައި އެ ކުދިންނަށް ތިޔަބައިމީހުން ހިލައެއް ދޭނެތަ؟ 10ނޫނީ ތިޔަބައިމީހުންގެ ދަރިން މަހަކަށް އެދޭނަމަ، އެ ކުދިންނަށް ތިޔަބައިމީހުން ހަރުފައެއް ދޭނެތަ؟ 11ތިޔަބައިމީހުންނީ ނުބައި ބަޔަކު ކަމުގައި ވިޔަސް ތިޔަބައިމީހުންގެ ދަރިންނަށް ރަނގަޅު ހަދިޔާ ދޭން ދަނޭ. ވީއިރު ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ޙަޟްރަތުން އެދޭ މީހުންނަށް ރަނގަޅު ތަކެތި ކިހާ މިންވަރަކަށް ދެއްވާނެ!“
އެންމެ މުހިންމު ގަވާއިދު
12”ތިޔަބައިމީހުން އެހެން މީހުންނާ މެދު ކަންތައް ކުރަން ވާނީ އެހެން މީހުން ތިޔަބައިމީހުންނާއި މެދު ކަންތައް ކުރަން ތިޔަބައިމީހުން އެދޭ ފަދަ ގޮތެއްގައި. ތައުރާތުއާއި ނަބީބޭކަލުންގެ އެހެނިހެން ލިޔުއްވުންތަކުގެ އަސާސަކީ މިއީ.“
ސުވަރުގެއަށް ދިއުމުގެ މަގަކީ އުނދަގޫ މަގެއް
13”ހަނި ދޮރާށިން ވަދޭ! އެހެނީ ފުޅާ ދޮރާށިން ވަދެގެން ނަރަކައަށް ދާ މަގުން ދިއުމަށް ވަރަށް ފަސޭހަ. އަދި ގިނަ މީހުން ވަންނަނީ އެފަދަ ދޮރާށިން. 14ހަނި ދޮރާށިން ވަދެގެން ދާން ކިތަންމެ ހަންޏަކަސް، އުނދަގުލަކަސް ޙަޔާތާ ދިމާއަށް ދެވޭނީ އެ ދޮރާށިން. އެހެންނަމަވެސް އެދޮރާށި ހޯދާނީ މަދު ބަޔަކު.“
ދޮގު އެދުރުންނާއިމެދު ތިޔަބައިމީހުން ސަމާލުވެތިބޭ.
15”ދޮގު ނަބިއްޔުންނާއި މެދު ސަމާލުވޭ! އެފަދަ މީހުން ތިޔަބައިމީހުންގެ ކައިރިއަށް އަންނާނީ ކަންބަޅިއެއް ފަދައިން މަޑުމައިތިރި ކަމާއެކު. އެކަމަކު އެފަދަ މީހުންނީ ނުރައްކާތެރި ވަލު ހިޔަޅުތަކެއް ފަދަ ބައެއް. 16އެފަދަ މީހުންގެ އަމަލުތަކުން އެމީހުންނީ ކޮންފަދަ ބައެއްކަން ތިޔަބައިމީހުންނަށް އެނގޭނެ. ކަށިގަސްތަކަކުން މޭބިސްކަދުރެއް އަދި ވައްތީނިއެއް ނުބިނދެވޭނެ. 17ރަނގަޅު ގަހެއްގައި އަޅާނީ ރަނގަޅު މޭވާ. ނުބައި ގަހެއްގައި އަޅާނީ ނުބައި މޭވާ. 18ރަނގަޅު ގަހަކުން ނުބައި މޭވާއެއް ނާޅާނެ. އަދި ނުބައި ގަހަކުން ރަނގަޅު މޭވާއެއް ވެސް ނާޅާނެ. 19ރަނގަޅު މޭވާ ނާޅާ ކޮންމެ ގަހެއް ނަމަ ޖެހޭނީ ކަނޑާލައި އަލިފާނުގެ ތެރެއަށް އެއްލާލަން. 20ހަމައެފަދައިން، ދޮގު ނަބީންނަކީ ކޮބައިކަން އެމީހުންގެ އަމަލުތަކުން ތިޔަބައިމީހުންނަށް އެނގޭނެ.“
ޤިޔާމަތާއި ބެހޭގޮތުން އިންޒާރު ދެއްވުން
21”މީސްތަކުންގެ ތެރެއިން އަހަރެންނަށް ’މާތްސާހިބާ‘ ގެ ނަމުން މުޚާތަބުކުރާ ކޮންމެ ފަރާތަކަށް ސުވަރުގެއަކަށް ނުވަދެވޭނެ. ހަމައެކަނި ސުވަރުގެއަށް ވަދެވޭނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން އަމަލުތައް ކުރާ މީހަކަށް. 22ޤިޔާމަތް ދުވަހުގައި ގިނަބަޔަކު އަހަރެން ގާތު ބުނާނެ، ’މާތްސާހިބާ، މާތްސާހިބާ، ކަލޭގެފާނުގެ ނަންފުޅުގައި ތިމަންމެން ޣައިބު ބަސްތައް ނީއްވަންތޯއޭ، އަދި ކަލޭގެފާނުގެ ނަންފުޅުގައި ތިމަންމެން މީހުންގެ ހަށިގަނޑުން ޖިންނިތައް ބޭރު ނުކުރަންތޯއޭ، އަދި ކަލޭގެފާނުގެ ނަންފުޅުގައި ގިނަގުނަ މުޢުޖިޒާތްތައް ތިމަންމެން ނުދައްކަމުތޯ އޭ.‘ 23އެހިނދު އެބައިމީހުންނަށް އަހަރެން ބުނާނަން. ’އަހަރެންގެ ކައިރިން ދުރަށް ދާށޭ. ކަލޭމެންނީ ނުބައި އަމަލުތަކުގެ ވެރިންނޭ. އަހަރެން ކަލޭމެންނެއް ނުދަންނަމޭ.‘“
ދެވައްތަރެއްގެ ބަޔަކު
24”އަހަރެންގެ ބަސްތައް އަޑުއަހައި އެއަށް އަމަލުކޮށް އުޅޭ މީހަކީ ހިލަތަކުގެ މަތީގައި ގެ ބިނާ ކުރިފަދަ ބުއްދިވެރިއެއް. 25ނުހަނު ބޮޑަށް ވާރޭ ވެހި ފެންބޮޑުވެ ވައިގަދަވެ އެ ގެއަށް އެކަމުގެ އަސަރު ކުރާނެ. ނަމަވެސް އެ ގެއެއް ނުވެއްޓޭނެ. ސަބަބަކީ އެ ގެ ބިނާކޮށްފައި ވަނީ ހިލައިގެ މަތީގައި ކަމުގައިވާތި. 26އަހަރެންގެ ބަސްތައް އަޑުއިވި އެއަށް އަމަލު ނުކުރާ މީހާ އަކީ މަޑު ފަސްގަނޑުގެ މަތީގައި ގެ ބިނާކުރި މީހެއް ފަދަ މޮޔައެއް. 27ގަދައަށް ވާރޭވެހި، ފެންބޮޑުވެ، އަދި ވައިގަދަވެ އެ ގެއަށް އެކަމުގެ އަސަރު ފޯރުމުން އެގެ ވެއްޓި ފުނޑުފުނޑުވެގެން ހިނގައިދާނެ.“
28އީސާގެފާނު މިބަސްފުޅުތައް ވިދާޅުވެ ނިމުމުން އެއްވެފައި ތިބި މީހުން އެކަލޭގެފާނުގެ އުނގަންނަވައި ދެއްވުމާއި މެދު ހައިރާންވިއެވެ. 29އެހެނީ އެކަލޭގެފާނު އުނގަންނަވައި ދެއްވީ އެމީހުންގެ ދީނުގެ ދަންނަބޭކަލުންގެ ގޮތުގައެއް ނޫނެވެ. އެއާ ޚިލާފަށް އެކަލޭގެފާނު އުނގަންނަވައި ދެއްވީ އާރާއިބާރު ލިބިވަޑައިގެންފައިވާ ބޭކަލެއްގެ ގޮތުގައެވެ.
Currently Selected:
މައްތާ 7: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.