މައްތާ 28
28
އީސާގެފާނު އަލުން ދިރިވަޑައިގެންނެވުން
1ސަބަތުގެ ދުވަހަށް ފަހު ޖެހިގެން އައި ދުވަހަކީ ހަފްތާގެ ފުރަތަމަ ދުވަސް ކަމުގައިވާ އާދީއްތަ ދުވަހެވެ. އާދީއްތަ ދުވަހަށް އަލިވިލެމުން ދިޔަ ހިނދު މަރިޔަމް މަގްދަލޭނާ އާއި އަދި މަރިޔަމް ކިޔާ އެހެން އަންހެނަކާއި ދެމީހުން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައިވާ ހޮހަޅައިގައިވާ މަހާނަ ކައިރިއަށް ދިޔައެވެ. 2ކުއްލިއަކަށް ވަރަށް ވަރުގަދަ ބިންހެލުމެއް އައެވެ. މާތްރަސްކަލާނގެ މަލާއިކަތަކު އުޑުން ބިމަށް ވަޑައިގެން ހޮހަޅައިގެ ކައިރިއަށް ވަޑައިގަތެވެ. އަދި ހޮހަޅައިގެ ވަންނަ ދޮރުމަތީގައިވާ ހިލަ ފުރޮޅާލެއްވުމަށް ފަހު އެ ހިލައިގެ މަތީގައި އެ މަލާއިކަތާ އިށީނދެވަޑައިގެން އިންނެވިއެވެ. 3އެ ހިނދު ވިދުވަރެއް ފަދައިން އެ މަލާއިކަތާ ވިދާ ބަބުޅަމުން ދިޔައެވެ. އަދި އެ މަލާއިކަތާގެ ފޭރާންކޮޅު ކަފަކޮޅެއްހާ ހުދެވެ. 4އެ ފާރަވެރިން ބިރުން ގޮސް އެބައިމީހުން މަރުވެފައިވާ ފަދައިން ހޭނެތިއްޖެއެވެ.
5މަލާއިކަތާ އެ އަންހެނުންނަށް ވިދާޅުވިއެވެ. ”ބިރުނުގަނޭ! ތިޔަ ކަނބަލުން ހޯއްދަވަމުން ތިޔަ ގެންދަނީ ސަލީބަށް އެރުވުނު އީސާގެފާނު ކަން އަހަރެންނަށް އެނގޭ. 6އެކަލޭގެފާނެއް މިތަނަކު ނެތް. އެކަލޭގެފާނު ވިދާޅުވި ފަދައިން އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފި. އެކަލޭގެފާނުގެ ހަށިކޮޅު ވެޑުވުނުތަނަށް ގޮސް ބަލަން އާދޭ. 7އަދި އަވަހަށް ގޮސް އެކަލޭގެފާނުގެ އަސްޙާބީންނަށް މި ޚަބަރުފުޅު ދީ. ’އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފިއޭ. ތިޔަބައިމީހުންނަށް ވުރެން ކުރިން އެކަލޭގެފާނު ގަލީލީއަށް ވަޑައިގަންނަވާނެ އޭ. އަދި ތިޔަބައިމީހުންނަށް އެކަލޭގެފާނު އެތަނުން ފެނިވަޑައިގަންނަވާނެ އޭ.‘“ ދެން މަލާއިކަތާ ވިދާޅުވިއެވެ. ”މިއީ ތިޔަބައިމީހުން ގާތު އަހަރެން ބުނިކަން ކަން ހަނދާންކުރާތި.“
8އެ އަންހެނުން އަވަހަށް އެ ޒިޔާރަތް ދޫކޮށް ދިޔައެވެ. އެބައިމީހުން ތިބީ ވަރަށް ބިރުންނެވެ. އެހެނަސް އެބައިމީހުން ނުހަނު އުފާ ވެސް ވިއެވެ. އެ ބައިމީހުން ދުވެ ގޮސް އީސާގެފާނުގެ އަސްޙާބީންނަށް ހިނގައި ދިޔަ މި ޙާދިސާތަކުގެ ވާހަކައިން ޚަބަރު ދިނުމަށް ނިންމިއެވެ. 9ކުއްލިއަކަށް އީސާގެފާނު އެބައިމީހުންނާއި ބައްދަލު ކުރައްވައި ވިދާޅުވިއެވެ. ”އައްސަލާމް ޢަލައިކުމް.“ އެ އަންހެނުން އެކަލޭގެފާނުގެ އަރިހަށް ދިޔައެވެ. އަދި އެކަލޭގެފާނުގެ ފައިތިލަފުޅުގައި ހިފަހައްޓައިގެން ތިބެ އެކަލޭގެފާނަށް އަޅުކަން ކުރިއެވެ. 10އެއަށް ފަހު އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ބިރު ނުގަނޭ! ގޮސް އަހަރެންގެ އަސްޙާބީންގެ ކައިރީގައި ގަލީލީއަށް ދިއުމަށް ބުނޭ. އަދި އެތަނުގައި އެބައިމީހުންނަށް އަހަރެން ފެންނާނެ.“
ޢަޝްކަރީ ފާރަވެރިން ދީނުގެ ވެރިންނަށް ޚަބަރު ދިނުން
11އެ އަންހެނުން މި ޚަބަރު އީސާގެފާނުގެ އަސްޙާބީންނަށް ދިނުމަށް ދިޔަ ހިނދު އެ ޒިޔާރަތް ބެލެހެއްޓުމަށް ޓަކައި ތިބި ބައެއް ސިފައިންގެ ފާރަވެރިން ސަހަރުގެ ތެރެއަށް ގޮސް ހިނގާ ދިޔަ ޙާދިސާގެ ޚަބަރު ބޮޑު އިމާމުންނަށް ދިނެވެ. 12ދެން ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެއްތަންވެ މަޝްވަރާކުރުމަށް ފަހު، އެބައިމީހުން ގިނަ ޢަދަދެއްގެ ފައިސާ އެ ފާރަވެރިންނަށް ދިނެވެ. 13އަދި އެބައިމީހުން އެ ފާރަވެރިންނަށް ބުންޏެވެ. ”ރޭގަނޑު ކަލޭމެންނަށް ނިދިފައި ތިބި ވަގުތެއްގައި އީސާގެފާނުގެ އަސްޙާބީން އައިސް އެކަލޭގެފާނުގެ ހަށިކޮޅު ނަގައިގެން ގޮސްފި އޭ ކަލޭމެން މީސްތަކުންނަށް ބުނޭ. 14މި ޚަބަރު ގަވަރުނަރާއި ހަމައަށް ގޮސްފި ނަމަ އަހަރެމެން އޭނާ ހިތްހަމަޖައްސައި ކަލޭމެންނަށް ކުރިމަތިވެދާނޭ މުސީބާތްތަކުން ކަލޭމެން ސަލާމަތްކޮށްދޭނަން.“ 15ވީމާ އެސިފައިން އެ ފައިސާ ނެގުމަށް ފަހު އެބައިމީހުން އެދުނު ފަދައިން މީސްތަކުންނަށް ބުނެދިނެވެ. އަދި ބަނީއިސްރާއީލުންގެ ތެރެއިން ދުރު ހިސާބުތަކަށް އެ ޚަބަރު ފެތުރި ގެންދިޔައެވެ. ހަމައެހެންމެ އެބައިމީހުންގެ ތެރޭގައި އެކަކު އަނެކަކަށް އެ ވާހަކަ މިއަދާ ހަމައަށް ވެސް ދައްކައެވެ.
އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ކުރެއްވި އެންމެފަހު އަމުރުފުޅު
16އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީންނަށް ދިއުމަށް ވިދާޅުވި ގަލީލީގައިވާ ފަރުބަދައަށް އެކަލޭގެފާނުގެ އަސްޙާބީން ދިޔައެވެ. 17އީސާގެފާނު އެތަނުގައި ހުންނަވަނިކޮށް އެބައިމީހުންނަށް ފެނުނެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް އަޅުކަން ކުރިއެވެ. އެކަމަކު ބައެއް އަސްޙާބީންނަށް އެއީ އީސާގެފާނު ކަމާ މެދު ޝައްކު ކުރެވުނެވެ. 18އީސާގެފާނު އެބޭކަލުންނާއި ހަމައަށް ވަޑައިގެން ވިދާޅުވިއެވެ. ”އުޑާއި ބިމުގައިވާހާ އަމުރުވެރިކަން އަހަރެންނަށް ވަނީ ދެއްވާފަ. 19-20އެހެންވީމާ އެންމެހާ ޤައުމުތަކަށް ގޮސް އަހަރެންގެ އަސްޙާބީން އުފައްދާ. މަތިވެރި ބައްޕާފުޅާއި ދަރިކަލުންނާއި އަދި މާތްރޫޙުފުޅުގެ ނަންފުޅުމަތީ އެމީހުން ތައުބާގެ ހިނެވުމުން ހިނަވާ. ހަމައެހެންމެ އަހަރެން ތިޔަބައިމީހުންނަށް ކިޔަމަންތެރިވުމަށް އަމުރުކުރި އެންމެހާ ކަންތައްތައް އެބައިމީހުންނަށް އުނގަންނައިދީ. އަދި އަހަރެން ބުނަން. ދުނިޔެ ނިމިގެން ދިއުމަށް ދާންދެން ތިޔަބައިމީހުންނާއި އެކުގައި ދާއިމަށް އަހަރެން ވާނަން.“
Currently Selected:
މައްތާ 28: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.