YouVersion Logo
Search Icon

މަރުކުސް 1

1
ޔަޙުޔާގެފާނުގެ ގޮވާލެއްވުން
1މިއީ މާތްރަސްކަލާނގެ ދަރިކަލުން، އީސާ އަލްމަސީޙާ ބެހޭ ހެޔޮޚަބަރުފުޅެވެ. 2މި ހެޔޮޚަބަރުފުޅު ފެށިގެން އައީ ނަބީ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ ބާވައިލެއްވި ވަޙީފުޅާ އެއްގޮތްވާ ފަދައިންނެވެ. #1‏:2 ޔަޝަޔާޙުގެފާނު މެދުވެރި ކުރައްވައި މާތްރަސްކަލާނގެ މި ބަސްފުޅު ފައުޅު ކުރައްވާފައި ވަނީ ޔަޙުޔާގެފާނު އުފަންވެ ވަޑައިގެންނެވުމުގެ 700 އަހަރަކު ކުރީންނެވެ. އެކަލޭގެފާނުގެ ފޮތްކޮޅުގައި ލިޔެވިގެން ވަނީ:
”⁠ކަލޭގެފާނު ވަޑައިގަތުމުގެ ކުރިން ކަލޭގެފާނަށްޓަކާ މަގެއް ތައްޔާރުކުރުމަށް ތިމަން ކަލާނގެ އެބައިމީހުންގެ ގާތަށް ނަބީ ބޭކަލަކު ފޮނުއްވާނަމު. 3މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑުގެ ތެރެއިން ނަބީބޭކަލަކު ގޮވާލައްވަމުން ދާނެ. ’⁠މާތްރަސްކަލާނގެއަށްޓަކާ ތައްޔާރުވެ، އެކަލާނގެއަށްޓަކާ ސީދާ މަގެއް ތައްޔާރު ކުރޭ.⁠‘⁠“#އިޝަޢުޔާ 40‏:3
4އެގޮތުން ޔަޙުޔާގެފާނު އެކަހެރި ހިސާބެއްގައި ހުންނަވައިގެން މީސްތަކުން ތައުބާގެ ހިނެވުމުން ފާފަ ފުއްސަވާނެ ފަދައިން ހިނަވައިދެއްވައި އެކަންތައް އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ. 5ޖުދެއާކަރައިގެ ސަރަހައްދުންނާއި ޖެރޫސަލަމުން އެތައްބައިވަރު މީހުންނެއް ޔަޙުޔާގެފާނުގެ އަރިހަށް އައެވެ. އަދި އެބައިމީހުންގެ ފާފަތަކަށް އެއްބަސްވުމުން އެކަލޭގެފާނު އެބައިމީހުން އުރުދުން ކޯރުގައި ތައުބާގެ ހިނެވުމުން ހިނަވައިދެއްވިއެވެ.
6ޔަޙުޔާގެފާނު ތުރުކުރައްވައިގެން ހުންނެވި ޖަމަލުކެހެރިން ހައްދަވާފައިވާ ހެދުންކޮޅަކާ އެކު އުނަގަނޑުގެ ވަށައިގެން ހަމުގެ ކަމަރެއް އަޅާފައި އޮތެވެ. އެކަލޭގެފާނު ފަރިއްކުޅުއްވަމުން ގެންދެވީ ގޮއްފުޅަނތްގާއި ރޯ މާމުއިއެވެ. 7މީސްތަކުންނަށް އެކަލޭގެފާނު ގޮވާލައްވަމުން ގެންދެވިއެވެ. ”⁠އަހަރެންނަށް ފަހު ވަޑައިގަންނަވާ ބޭކަލަކީ އަހަރެންނަށް ވުރެން މާ މަތިވެރި ބޭކަލެއް. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅު ދަށަށް ގުދުވެ ފައިވާންފުޅު މޮހެދެއްވާ އަޅެއްގެ ގޮތުގައި ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. 8އަހަރެން ތިޔަބައިމީހުން ތައުބާގެ ހިނެވުމުން ހިނަވަމުން މި ގެންދަނީ ފެނުން. ނަމަވެސް އެކަލޭގެފާނު ތިޔަބައިމީހުން ހިނަވާނީ މާތްރޫޙުފުޅުން.⁠“
އީސާގެފާނު ޔަޙުޔާގެފާނު ލައްވައި ހިނަވައިގެންނެވުން
9މިއަށް ފަހު، ގަލީލީގެ ނާޒަރަތުން އީސާގެފާނު ޔަޙުޔާގެފާނުގެ އަރިހަށް ވަޑައިގަންނަވާ އަދި އުރުދުން ކޯރުގައި ޔަޙުޔާގެފާނުގެ އަރިހުން ތައުބާގެ ހިނެވުމުން ހިނައިވަޑައިގެންނެވިއެވެ. 10އެކަލޭގެފާނު ފެންގަނޑުތެރެއިން މައްޗަށް އަރާ ވަޑައިގެންނެވި ހިނދު އުޑު ހުޅުވިގެން ދިޔައެވެ. އަދި ހުދު ކޮތަރެއް ފަދައިން މާތްރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ފައިބާ ވަޑައިގެންނެވިތަން ޔަޙުޔާގެފާނަށް ފެނިވަޑައިގަތެވެ.#ޔޫޙަންނާ 1‏:32‏-34
11އެ ހިނދު އުޑުން ވަޙީގެ ބަސްފުޅު އިވިގެންދިޔައެވެ. ”⁠ކަލޭގެފާނީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ރުހިވޮޑިގަތުން ވޭ.⁠“
އީސާގެފާނަށް ޝައިތާނާގެ ވަސްވާސް ކުރިމަތިވުން
12އެ ހިނދު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނު ސަހަރާގެ ތެރެއަށް ގެންދެވިއެވެ. 13އެތަނުގައި އެކަލޭގެފާނު ސާޅީސް ދުވަސް ވޭތު ކުރެއްވިއެވެ. މި ދުވަސްތަކުގައި އެކަލޭގެފާނު ލައްވާ ފާފައެއް ކުރެއްވުމަށް ޝައިތާނާ ވަސްވާސް ދިނެވެ. ވަލު ޖަނަވާރުތައް މި ސަހަރާގައި ވިއެވެ. އެހެނަސް މަލާއިކަތުން ވަޑައިގެން އެކަލޭގެފާނަށް އެހީތެރިވެދެއްވިއެވެ.
މަސްވެރިންގެ ހަތަރު މީހަކު ހޮއްވެވުން
14ޔަޙުޔާގެފާނު ޖަލުގައި ހައްޔަރު ކުރެއްވުމަށް ފަހު އީސާގެފާނު މާތްރަސްކަލާނގެ ހެޔޮޚަބަރުފުޅު ގަލީލީގައި އަންގަވައި ދެއްވަމުން ގެންދެވިއެވެ. 15އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އެންމެ އެކަށީގެންވާ ވަގުތު މިވަނީ އައިސްފަ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅު އައުން ވަނީ ކައިރީގަ! ތައުބާވޭ! ހެޔޮޚަބަރުފުޅަށް އީމާންވޭ!⁠“
16އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށުގައި އޮތްގޮތަށް ހިންގަވާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް މަސްވެރިންގެ ދެމީހަކު ފެނިވަޑައިގަތެވެ. އެއީ ޝަމްއޫނު އާއި އޭނާގެ ކޮއްކޮ އަންދުރާއި އެވެ. އޭރު އެދެމީހުން ތިބީ މަސްހިފުމަށްޓަކައި ދާ އެއްލައިގެންނެވެ. 17އީސާގެފާނު އެ ދެ މީހުންނަށް ވިދާޅުވިއެވެ. ”⁠އަހަންނާއިއެކުގައި އާދޭ، އަދި މަސް ހިފުމުގެ ބަދަލުގައި ތިޔަބައިމީހުންނަށް އިންސާނުން ހިފާނެ ގޮތް ދަސްކޮށްދޭނަން.⁠“ 18ދެން އެ ދެބެއިން ވަގުތުން ގެންގުޅުނު ދާތައް ދޫކޮށްލާފައި އެކަލޭގެފާނާއި އެކުގައި ކުރިޔަށް ދިޔައެވެ.
19ކުޑަތަންކޮޅެއް ކުރިއަށް ވަޑައިގެންނެވި ތަނާހެން އެކަލޭގެފާނަށް އިތުރު ދެބެއިން ފެނިވަޑައިގަތެވެ. އެއީ ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އެވެ. އެމީހުން ތިބީ އެބައިމީހުންގެ ދޯނީގައި ދާތައް މަރާމާތު ކުރުމަށެވެ. 20އީސާގެފާނަށް އެދެބެއިން ފެނިވަޑައިގަތުމާއެކު އެ ދެބެއިންނަށް އެކަލޭގެފާނު ގޮވާލެއްވިއެވެ. އެމީހުން ވަގުތުން އެމީހުންގެ ބައްޕަ ޒަބަދީ އާއި މަހަށް ދިއުމަށް ގެނެވިފައި ތިބި ފަޅުވެރިން މަސްދޯނީގައި ދޫކޮށްލާފައި އީސާގެފާނާއި އެކުގައި ދިޔައެވެ.
ނުބައި ރޫޙެއް (ޖިންނި) އަވަލާފައިވީ މީހަކު
21އެއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ވަޑައިގެންނެވީ ކަޕަރުނައުމްއަށެވެ، އަދި ޖެހިގެން އައި ސަބަތުގެ ދުވަހުގައި އީސާގެފާނު ދީނީ މަރުކަޒަށް އުނގަންނައި ދެއްވުމަށް ވަޑައިގެންނެވިއެވެ. 22އެކަލޭގެފާނު އުނގަންނަވައިދެއްވި ގޮތާ މެދު މީސްތަކުން ޙައިރާންވިއެވެ. އެކަލޭގެފާނު އުނގަންނަވައި ދެއްވީ ދީނީ ދަންނަބޭކަލުންގެ ގޮތުގައި ނޫނެވެ. އެއާ ޚިލާފަށް އެކަލޭގެފާނު އުނގަންނަވައި ދެއްވީ އާރާއިބާރު ލިބިވަޑައިގެންފައިވާ ބޭކަލެއްގެ ގޮތުގައެވެ.
23ކުއްލިއަކަށް ނުބައި ރޫޙެއް އަވަލާފައިވީ ފިރިހެނަކު ދީނީ މަރުކަޒުގެ ތެރެއަށް އައިސް ހަޅޭލަވަން ފެށިއެވެ. 24”⁠އޭ. ނާޒަރަތުގެ އީސާ، ކަލޭގެފާނު ތިޔަ އުޅުއްވަނީ އަހަރެމެންނަށް ކީއްކުރައްވަން؟ ކަލޭގެފާނު މިތަނަށް ތިޔަ ވަޑައިގަތީ އަހަރެމެން ނެތިކޮށްލައްވަންތަ؟ އަހަރެންނަށް ކަލޭގެފާނަކީ ކޮން ބޭކަލެއްކަން އެނގޭ. ކަލޭގެފާނީ މާތްރަސްކަލާނގެ މަތިވެރިކުރައްވައި ޚާއްސަ ކުރެއްވި ފަރާތް!⁠“
25އީސާގެފާނު އެ ނުބައި ރޫޙަށް އަމުރު ކުރެއްވިއެވެ. ”⁠އަނގަ މަޑުކޮށް އޭނާގެ ހަށިގަނޑުން ނުކުމޭ!⁠“
26އެވަގުތު ނުބައި ރޫޙުގެ ސަބަބުން އެ ފިރިހެނާ އިދިފުށަށް ދަމަންފެށިއެވެ. އަދި ބާރު އަޑުފަށްގަނޑަކާއެކު އެ ފިރިހެނާ ދޫކޮށް ހިނގައްޖެއެވެ. 27އެތަނުގައި ތިބި އެންމެހާ މީސްތަކުން މިކަމާއި ޙައިރާންވެ އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”⁠މިއީ ކޮންފަދަ ކަމެއް؟ މިއީ ބާރުވެރިކަމެއް ލިބިހުރެ އުނގަންނައިދޭ އާ އުނގަންނައި ދިނުމެއްތަ؟ މި ކަލޭގެފާނަށް ނުބައި ރޫޙުތަކަށް އަމުރު ކުރުމުގެ ބާރު ލިބިގެންވޭ، އަދި އެތަކެތި މި ކަލޭގެފާނަށް ކިޔަމަންތެރިވޭ!⁠“
28އަދި އިސާހިތަކު އީސާގެފާނާއި ބެހޭ ޚަބަރު އަވަސް ކަމާއެކު ގަލީލީގެ ސަރަހައްދުގައި ފެތުރެމުން ދިޔައެވެ.
އެތައްބައިވަރު ބައެއްގެ ބަލި ހެޔޮކޮށްދެއްވުން
29އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން، ދީނީ މަރުކަޒުން ނުކުންނެވުމަށް ފަހު ޝަމްއޫނު އާއި އަންދުރާއިގެ ގެއަށް ސީދާ ވަޑައިގަތެވެ. އެކަލޭގެފާނުގެ އަރިހުގައި ޔާމިޒާއި ޔޫޙަންނާ ވެސް ގެންދެވިއެވެ. 30އޭރު ޝަމްއޫނުގެ މައިދައިތައަށް ހުންޖެހި ބަލި އެނދުގައި އޮތެވެ. އީސާގެފާނު އެގެއަށް ވަޑައިގަތުމާއެކު ޝަމްއޫނު އެކަލޭގެފާނަށް މައިދައިތަގެ ބަލި ޚަބަރު ދެއްވިއެވެ. 31ޝަމްޢޫނުގެ މައިދައިތަ ކައިރިއަށް އެކަލޭގެފާނު ވަޑައިގަންނަވައި އެކަނބުލޭގެ އަތުގައި ހިއްޕަވާ ކޮޅަށް ތެދުކުރުމަށް އެހީތެރިވެ ވަޑައިގަތެވެ. އެ ހިނދު އެކަނބުލޭގެ ހުންފިލައި ރަނގަޅުވިއެވެ. އަދި އެކަނބުލޭގެ ތެދުވެ އެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރު ކޮށްދެއްވިއެވެ.
32އިރުއޮއްސެނިކޮށް އީސާގެފާނުގެ އަރިހަށް ތަފާތު ބަލި ޖެހިފައިވީ މީހުންނާއި ޖިންނި މޮޔަވެފައިވީ މީހުން މީސްތަކުން ގެނައެވެ. 33އެކަލޭގެފާނު ހުންނަވާ ގެކޮޅު ކުރިމައްޗަށް އަވަށުގެ އެންމެން އެއްވިއެވެ. 34ތަފާތު ބަލި ޖެހިފައިވީ މީސްތަކުންގެ ބަލި ހެޔޮ ކުރައްވާ ޖިންނި މޮޔަވެފައިވީ މީހުން އެކަމުން ރަނގަޅު ކޮށްދެއްވިއެވެ. އެ ޖިންނިތަކަށް ވާހަކަ ދެއްކުމުގެ ހުއްދައެއް ލިބިގެން ނުވިއެވެ. ސަބަބަކީ އެ ތަކެއްޗަށް އެކަލޭގެފާނު އެނގިގެންވުމެވެ.
އީސާގެފާނު ގަލީލީގައި އުގަންނަވައި ދެއްވުން
35ޖެހިގެން އައި ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި އިރު އެރުމުގެ ކުރިން އީސާގެފާނު ތެދުވެ ވަޑައިގެން އެ ގެއިން ނުކުންނެވިއެވެ. އެ ކަލޭގެފާނު ވަޑައިގެންނެވީ އަވަށާއި ދުރުގައިވާ އެކަހެރި ހިސާބަކަށް ދުޢާ ކުރެއްވުމަށެވެ. 36އެއަށް ފަހު ޝަމްއޫނު އާއި އޭނާގެ ބައެއް އެކުވެރިން އެކަލޭގެފާނު ހޯއްދަވަމުން ގެންދެވިއެވެ. 37އަދި އެބައިމީހުންނަށް އެކަލޭގެފާނު ފެނިވަޑައިގަތުމުން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އެންމެހާ މީސްތަކުން ކަލޭގެފާނު އެބަ ހޯއްދަވާ.⁠“
38އެހެނަސް އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އަހަރެމެން މިތާނގެ ވަށައިގެންވާ އަވަށްތަކަށް ދާންޖެހޭ. އަހަރެން އެ އަވަށްތަކުގައި ވެސް ވަޢުޡު އިއްވައިދޭންޖެހޭ. އެއީ އަހަރެން އައި ސަބަބު ކަމަށް ވާތީ.⁠“
39އެގޮތުން އެކަލޭގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި ވަޢުޡު އިއްވައި ދެއްވާ ޖިންނީގެ އުނދަގޫ ކުރިމަތިވެފައިވީ މީސްތަކުން ރަނގަޅު ކުރައްވަމުން ގެންދެވިއެވެ.
އީސާގެފާނު މީހެއްގެ ބަލި ހެޔޮކޮށްދެއްވުން
40ޖުޒާމުބަލި ޖެހިފައިވާ ފިރިހެނަކު އީސާގެފާނުގެ އަރިހަށް އައިސް ކަކޫމައްޗަށް ތިރިވެ އާދޭސް ދެންނެވިއެވެ. ”⁠ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެވިދާނެ.⁠“
41މި މީހާ އާއިމެދު އެކަލޭގެފާނު ހަމްދަރުދީވެ ވަޑައިގެން އީސާގެފާނުގެ އެކަލޭގެފާނުގެ އަތްޕުޅު ދިއްކުރައްވައި އެމީހާގެ ގައިގައި ބީއްސަވައި ވިދާޅުވިއެވެ. ”⁠އަހަރެން އެދެން. ސާފުވެ ތާހިރުވޭ!⁠“ 42އެ ހިނދު އެމީހާގެ ބަލި ފަސޭހަވެ އަދި އޭނާ ތާހިރުވެގެން ވިއެވެ. 43‏-44ދެން އީސާގެފާނު އެމީހާއަށް ގަދައަށް އިންޒާރު ކުރައްވާ ފޮނުއްވާ ލައްވަމުން ވިދާޅުވިއެވެ. ”⁠އަޑުއަހާ، މި ވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެހެނަސް ސީދާ ގޮސް ތިބާ އިމްތިޙާނު ކުރުމަށްޓަކާ އިމާމަކަށް ހަށިގަނޑު ދައްކާ. އެއަށް ފަހު ތިބާގެ ބަލިން ރަނގަޅުވެ ތާހިރުވެއްޖެކަން މީސްތަކުންނަށް ސާބިތުކޮށްދިނުމުގެ ގޮތުން މޫސާގެފާނު އަމުރުކުރެއްވި ޤުރުބާންތައް ކުރޭ.⁠“#ލާވީން 14‏:1‏-32
45ނަމަވެސް އެ ފިރިހެނާ ދިޔަ ގޮތަށް މި ޚަބަރު ހުރިހާ ހިސާބެއްގައި ފެތުރިއެވެ. މިހެން ވުމުގެ ސަބަބުން މީސްތަކުން އެކަލޭގެފާނުގެ ގާތަށް އަންނަ ވަރު ގިނަކަމުން އީސާގެފާނަށް ފާޅުގައި އަވަށްތަކަށް ވެދެވަޑައިގެންނެވޭ ވަރެއް ވެސް ނުވިއެވެ. އެހެންވެ އެކަލޭގެފާނަށް އުޅުއްވަން ޖެހިވަޑައިގަތީ އެކަހެރި ހިސާބުތަކުގައެވެ. އެވަރުން ވެސް މީހުން އެކި ހިސާބުތަކުން އެކަލޭގެފާނުގެ އަރިހަށް އަންނަމުން ދިޔައެވެ.

Currently Selected:

މަރުކުސް 1: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in