ޔޫޙަންނާ 6
6
އީސާގެފާނު ފަސްހާސް މީހުންނަށް ކާންދެއްވުން
1ދެން މިއަށް ފަހު އީސާގެފާނު ދަތުރުކުރައްވައި ވަޑައިގެންނެވީ ގަލީލީކަނޑު، ނުވަތަ ތިބޭރިޔަސް ކަނޑުގެ އަނެއްފަރާތަށެވެ. 2ވަރަށްގިނަ ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެއީ އެކަލޭގެފާނު ތަފާތު ބަލިތައް ޖެހިފައިވާ މީހުން ރަނގަޅުކުރައްވާ ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެމީހުންނަށް ފެނިފައިވީތީއެވެ.
3އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު އެތާނގައި ހުރި ކުޑަ ފަރުބަދައެއްގެ މައްޗަށް އަރާވަޑައިގެން އިށީނދެވަޑައިގަތެވެ. 4އޭރު ފަހަނަޅައި ދިއުމުގެ ޢީދު ވަނީ ވަރަށް ކައިރިވެފައެވެ. 5އެކަލޭގެފާނު އިންނެވި ތަނަށް މީސްތަކުންގެ ބޮޑު ބައިގަނޑެއް އަންނަތަން ފެނުމުން އީސާގެފާނު ފިލިޕުއަށް ވިދާޅުވިއެވެ. ”މިއެންމެންނަށް ކާންދޭ ވަރަށް ކާތަކެތި ގަންނަށް ލިބޭނީ ކޮންތާނކުން؟“ 6އީސާގެފާނު ފިލިޕު އާއި މި ސުވާލު ކުރެއްވީ އޭނާ ބުނާ އެއްޗެއް ބެއްލެވުމަށެވެ. އެއީ އީސާގެފާނު ވަނީ އޭރު ވެސް ކަންތައް ކުރައްވާނެ ގޮތް ނިންމަވާފައެވެ. 7ފިލިޕު ދެންނެވިއެވެ. ”މި އެންމެންގެ ތެރެއިން ކޮންމެ މީހަކަށް އެންމެ ސުވާއެއް ވާ ވަރަށް ކާއެއްޗެހި ގަންނަހާ ލާރި ހޯދަން ވެސް މީހަކު އަށްމަސް ދުވަހު މަސައްކަތް ކުރަން ޖެހޭނެ.“ 8އީސާގެފާނުގެ އެހެން އަސްޙާބީއަކު ކަމުގައިވާ އަންދުރާއި، ޝަމްއޫނު ޕަތަރަސްގެ ކޮއްކޮ، ބުންޏެވެ. 9”ބާރަލީ ފުށުގެ ބޯ ފަސް ރޮއްޓާއި ކުޑަ ދެ މަސް މިތާނ ހުރި ފިރިހެން ކުއްޖެއްގެ އަތުގައި އެބައޮތް. އެކަމަކު އެއިން މި އެންމެންނަށް ކާންދޭނީ ކިހިނެއް؟“ 10އީސާގެފާނު ވިދާޅުވިއެވެ. ”އެންމެން ގާތު މިތާނ އިށީންނާށޭ ބުނޭ.“ އެތާނގެ ބިންމަތީގައި ވިނަ ހެދި ފެތުރިފައި ވިއެވެ. ދެން ހުރިހާ އެންމެން އިށީނދެއްޖެވެ. އެޖަމާޢަތުގައި ވީ ހަމައެކަނި ފިރިހެނުންގެ އަދަދު ވެސް ފަސްހާސް ކަމުގައި ވިއެވެ.
11ދެން އީސާގެފާނު އެފަސް ރޮށި ނަންގަވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ދުޢާ ކުރައްވައި އެ އެތާނގައި ތިބި އެންމެންނަށް އެ ބައްސަވާ ލެއްވިއެވެ. އަދި މަސްތައް ނަންގަވައި ހަމަ އެފަދައިން ކަންތައް ކުރެއްވިއެވެ. ދެން އެ އެންމެން ކާނެވަރަކަށް ކައިފި އެވެ. 12އެންމެން ބަނޑުފުރެންދެން ކައި ނިމުމުން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް އެންގެވިއެވެ. ”ބާކީވެފައިވާ ހުރިހާ އެއްޗެއް އެއްކުރޭ. އެއްވެސް އެއްޗެއް އިސްރާފުކުރާނެ ކަމެއް ނެތް.“ 13ދެން އެކަލޭގެފާނުގެ އަސްޙާބީން ބާކީވެފައި ހުރި އެއްޗެހި ވަށިގަނޑުތަކަށް އެޅިއެވެ. ބާރަލީ ފުށުގެ ފަސް ރޮށިން ބާކީވި އެއްޗެހިން ބާރަ ވަށިގަނޑު ފުރުނެވެ. 14އެތާނގައި ތިބި މީސްތަކުންނަށް އީސާގެފާނު މި ދެއްކެވި މުޢުޖިޒާތް ފެނުމުން އެމީހުން ބުންޏެވެ. ”ހަމަ ކަށަވަރުން ވެސް މިއީ ދުނިޔެއަށް ފޮނުއްވާނެ ރަސޫލާ ކަން ޔަޤީން.“
15އެކަލޭގެފާނު ގަދަކަމުން އެމީހުންގެ ރަސްގެފާނު ކަމުގައި ހަދާނެ ކަން އީސާގެފާނަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު އެތަނުން ވަޑައިގަތެވެ. އަދި ގިނިކަންޏާ ފަރުބަދަތަކު ތެރެއަށް އެނބުރި ވަޑައިގެންނެވިއެވެ.
އީސާގެފާނު ފެންމަތީ ހިނގައިވަޑައިގަތް
16އެދުވަހު ހަވީރު އީސާގެފާނުގެ އަސްޙާބީން ގަލީލީ ކަނޑުގެ ކައިރިއަށް ދިޔައެވެ. 17އެދުވަހުގެ އިރުއޮއްސި އަނދިރި ވީއިރު ވެސް އީސާގެފާނު އެމީހުންގެ ގާތަކަށް ވަޑައެއް ނުގަންނަވައެވެ. ދެން އެކަލޭގެފާނުގެ އަސްޙާބީން ދޯންޏަކަށް އަރައިގެން ކަނޑު ހުރަސްކޮށް ކަޕަރުނައުމްއަށް ދިއުމަށް ދަތުރު ފެށިއެވެ. 18އޭރު ވައި ބާރުވުމުގެ ސަބަބުން ރާޅުތައް ބޮޑެތިވެ ކަނޑުގަދަ ވެއްޖެއެވެ. 19އެމީހުން ފަލި ޖަހާފައި ތިން ހަތަރު ވަރަކަށް މޭލަށް ގޮސްފައި ވަނިކޮށް ފެން މަތީގައި ހިންގަވާފައި އީސާގެފާނު އެމީހުންނާ ދިމާއަށް ވަޑައިގަންނަވަނިކޮށް އެމީހުންނަށް ފެނުނެވެ. އެމީހުން އެތަން ދެކެ ވަރަށް ބިރުގަތެވެ. 20އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ބިރުނުގަނޭ! މިއީ އަހަރެން.“ 21ދެން އެމީހުން އުފަލާއިއެކު އެކަލޭގެފާނު ދޯންޏަށް އެރުވިއެވެ. ހަމައެވަގުތު އެމީހުން ދާން ދިޔަ ރަށުގެ ގޮނޑުދޮށަށް ދޯނި ލެފިއްޖެއެވެ.
ދިރިހުރުންދޭ ކާނާއަކީ އީސާގެފާނު
22ކަނޑުގެ އެ ފަރާތު އައްސޭރީގައި#6:22 އެ އައްސޭރިއަކީ ކުރީ ދުވަހު އީސާގެފާނު ހުންނެވި ރަށުގެ އައްސޭރިފަށެވެ. އެކަލޭގެފާނު ކަނޑުގައި ހިންގަވައި އަސްޙާބީން ދަތުރު ކުރި ދޯންޏަށް އަރާ ވަޑައިގެންނެވުމުގެ ކުރީގައި ހުންނެވީ އެ އައްސޭރީގައެވެ. ތިބި މީހުން އޭގެ އަނެއް ދުވަހު ބެލި އިރު، ކުރީދުވަހު އެތަނުގައި އޮތް ހަމަ އެކަނި ދޯނީގައި އަސްޙާބީން ފުރައިގެން ދިޔައީ އީސާގެފާނު ނުލައި ކަމާއި، އެކަލޭގެފާނު އެމީހުންނާއެކު ފުރާ ވަޑައިނުގަންނަވާ ކަން އެނގުނެވެ. 23އެދުވަހު ތިބޭރިޔަސްއިން އައި ގިނަ އަދަދެއްގެ ދޯނިތަކެއް އީސާގެފާނު ބަރަކާތަށް އެދި ދުޢާކުރައްވައި މީސްތަކުންނަށް ކާންދެއްވި ތަނުގެ އައްސޭރީގެ ކައިރިފަށަށް ލެފިއެވެ. 24އެތަނުގައި އީސާގެފާނު ވެސް އަދި އަސްޙާބީއަކު ވެސް ނެތްކަން އެނގުމުން އެމީހުން ދޯނިތަކަށް އަރައި އެކަލޭގެފާނު ފެނޭތޯ ކަޕަރުނައުމަށް#6:24 ކަޕަރުނައުމަކީ ކުރީދުވަހު އީސާގެފާނު ހުންނެވި ރަށުގެ ކުރިމަތީ އޮތް ކަނޑުގެ އަނެއް ފަރާތުގައި އޮންނަ ރަށެކެވެ. ދާން ފުރައިފިއެވެ. 25އެމީހުންނަށް އެކަލޭގެފާނު ކަނޑުގެ އަނެއްފަރާތު އައްސޭރީގައި ހުންނެވިތަން ފެނުމުން އެމީހުން ދަންނަވައިފިއެވެ. ”އެދުރުކަލޭގެފާނު! މިތަނަށް ކަލޭގެފާނު ވަޑައިގަތީ ކޮން އިރަކުތޯ؟“
26އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ތެދަށް ބުނަން، ކަލޭމެން އަހަރެން ތިޔަ ހޯދަނީ އަހަރެން ދެއްކި މުޢުޖިޒާތުގެ މާނަ އެނގި ވިސްނިގެންނެއް ނޫން. ކަލޭމެން އަހަރެން ތިޔަ ހޯދަނީ ކަލޭމެން ކާނެވަރަކަށް ކާންލިބުމުގެ ސަބަބުން. 27ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.“
28ދެން އެމީހުން އީސާގެފާނު ކުރެން ސުވާލު ކުރިއެވެ. ”އަހަރެމެން ކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގެންވާ ކަންތަކަކީ ކޮބައިތޯ؟“
29އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ ކަލޭމެންގެ ކިބައިން ކުރުމަށް އެދިވޮޑިގަންނަވާ ކަމަކީ އެކަލާނގެ ފޮނުއްވި ޚާއްސަ ފަރާތަށް އީމާންވުން.“
30މިހެން އީސާގެފާނު ވިދާޅުވުމުން އެމީހުން ބުންޏެވެ. ”ކަލޭގެފާނު ދެން ދައްކަވާނީ ކޮން މުޢުޖިޒާތެއްތޯ؟ އޭރަކުން ކަލޭގެފާނު ތިއީ މާތްރަސްކަލާނގެ ފޮނުއްވި ޚާއްސަ ފަރާތްކަން އަޅުގަނޑުމެން ގަބޫލު ކޮށްފާނަން. 31އަޅުގަނޑުމެންގެ ކާބަފައިން ހަނަފަސް ސަހަރާގެ ތެރޭގައި މަންނާ ކައިހެދި. އެއީ ހަމަ ލިޔެވިގެންވީ ފަދައިން. ލިޔެވިގެން ވަނީ، ’އެމީހުންނަށް މާތްރަސްކަލާނގެ ސުވަރުގެއިން ކާނާ ފޮނުއްވެވިއޭ‘ މިހެން.“#6:31 މަންނާއަކީ މޫސާގެފާނުގެ ދުވަސްވަރު ބަނީއިސްރާއީލުގެ މީހުންނަށް ސަހަރާގެ ތެރޭގައި ވީ ހިނދު 40 އަހަރުވަންދެން ކޮންމެދުވަހަކު ހެދުނު ސުވަރުގެއިން ފޮނުއްވުނު ކާނާއެކެވެ. (ޒަބޫރު 78:24 އަދި ނެރުއްވުން 16:4-15)
32އީސާގެފާނު ވިދާޅުވިއެވެ. ”ބުނަންތަ؟ މޫސާގެފާނު މީސްތަކުންނަށް ދެއްވި ސުވަރުގޭގެ ކާނާއަކީ އެކަލޭގެފާނު އަމިއްލަފުޅަށް ދެއްވި އެއްޗެއް ނޫން. އަސްލު ސުވަރުގޭގެ ކާނާ ކަލޭމެންނަށް ދެއްވަނީ އަހަރެންގެ ބައްޕާފުޅު. 33އެހެނީ ބައްޕާފުޅު ދެއްވާ ކާނާއަކީ ސުވަރުގެއިން މި ދުނިޔެއަށް ވަޑައިގަންނަވައި، މި ދުނިޔޭގެ މީސްތަކުންނަށް ދިރިހުރުން ދެއްވާނެ، ޚާއްސަ ފަރާތް.“
34އެމީހުން ބުންޏެވެ. ”ސާހިބާ! އެހެންވިއްޔާ އެކާނާ އަބަދުވެސް އަޅުގަނޑުމެންނަށް ދެއްވާ.“
35ދެން އީސާގެފާނު ވިދާޅުވިއެވެ. ”ދިރުންދޭ ކާނާއަކީ އަހަރެން. އަހަރެންގެ ގާތަށް އަތުވެއްޖެ އެއްވެސް މީހަކު ބަނޑުހައެއް ނުވާނެ. އަދި އަހަރެން ގަބޫލުކޮށް އީމާންވި މީހަކު ދުވަހަކު ވެސް ފެންބޮވައެއް ނުގަންނާނެ. 36އެކަމަކު އަހަރެން ކުރިން ވެސް ބުނިހެން ކަލޭމެންނަށް އަހަރެން ފެނިއްޖެ. ނަމަވެސް ކަލޭމެން އަދިވެސް ގަބޫލެއް ނުކުރޭ. 37އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ދެއްވާ އެންމެން އަހަރެންގެ ގާތަށް އަންނާނެ. އަހަރެންގެ ގާތަށް އައި އެއްވެސް މީހަކު އަހަރެން އަނބުރާ ފޮނުވައެއް ނުލާނަން. 38އެއީ އަހަރެން ސުވަރުގެއިން އައިސް މިހިރީ އަހަރެންގެ އަމިއްލަ އެދުމަށް ކަންތައް ކުރާކަށް ނޫން. ނަމަވެސް އަހަރެން ފޮނުއްވި ފަރާތުގެ އެދުމާއި އެއްގޮތަށް ކަންތައް ކުރަން. 39އަހަރެން ފޮނުއްވި ފަރާތުގެ އެދުމަކީ އެފަރާތުން އަހަރެންނަށް ދެއްވި އެއްވެސް މީހަކު ގެއްލިގެން ދިޔަ ނުދިނުން. އަދި އެންމެ ފަހު ދުވަހު އަހަރެން އެ އެންމެން ވެސް އަލުން ދިރުއްވުން. 40އަހަރެންގެ ބައްޕާފުޅުގެ އެދިވޮޑިގަތުމަކީ ދަރިކަލުން ދެކެ، ގަބޫލުކޮށް އީމާންވީ ކޮންމެ މީހަކަށް ނިމުންނުވާ ޙަޔާތް ދެއްވުން. އަދި އެންމެ ފަހު ދުވަހު އަހަރެން އެމީހުން އަލުން ދިރުއްވާނަން.“
41ބަނީއިސްރާއީލު މީހުން އީސާގެފާނާއި މެދު ޝަކުވާ ކުރަން ފެށިއެވެ. އެއީ ”ތިމަންކަލޭގެފާނަކީ ސުވަރުގޭން ފޮނުއްވި ކާނާ“ އޭ އެކަލޭގެފާނު ވިދާޅުވީތީއެވެ. 42އެމީހުން ބުންޏެވެ. ”އެހެން ވާނީ ކިހިނެއް؟ މިއީ ޔޫސުފުގެ ދަރި އީސާ. އޭނާގެ މަންމައާއި ބައްޕަވެސް އަހަރެމެން ދަންނަން. ވީއިރު ’ތިމަންނަ މިއީ ސުވަރުގެއިން އައި މީހެކޭ‘ އޭނާއަށް ބުނެވޭނީ ކިހިނެއް؟“
43ނަމަވެސް އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އެކަކު އަނެކަކަށް ޝަކުވާ ކުރުން ހުއްޓާލާ! 44އަހަރެން ފޮނުއްވެވީ ބައްޕާފުޅު. އަހަރެންގެ ގާތަށް އާދެވޭނީ ބައްޕާފުޅު އަހަރެންގެ ގާތަށް ގެނެސްދެއްވި މީހަކަށް. އަދި އެންމެ ފަހުދުވަހު އަހަރެން އެމީހަކު އަލުން ދިރުއްވާނަން. 45ނަބީބޭކަލުންގެ ފަތްފުށްތަކުގައި މިފަދައިން ލިޔެވިގެންވޭ. ’އެމީހުންނަށް ދަސްކޮށް ދެއްވާނީ މާތްރަސްކަލާނގެ.‘ ބައްޕާފުޅުގެ ބަސްފުޅު އަޑުއަހައި ދަސްކޮށްފި ކޮންމެ މީހަކު އަހަރެންގެ ގާތަށް އަންނާނެ. 46މާތްރަސްކަލާނގެ ޙަޟްރަތުން އައި ޚާއްސަ މީހާއަށް ފިޔަވާ އެހެން އެއްވެސް މީހަކަށް ބައްޕާފުޅު ފެނިފައެއް ނުވޭ. ބައްޕާފުޅު ފެނިފައި ވަނީ ހަމައެކަނި އެމީހާއަށް.
47އަހަރެން ޔަޤީން ކަމާއި އެކު ކަލޭމެންނަށް ބުނަން. އަހަރެން ގަބޫލުކޮށް އީމާންވެއްޖެ ކޮންމެ މީހަކީ މިހާރު ވެސް ނިމުންނުވާ ޙަޔާތް ލިބިފައިވާ މީހެއް. 48ދިރިހުރުމުގެ ކާނާ އަކީ އަހަރެން. 49ކަލޭމެންގެ ކާބަފައިން ހަނަފަސް ސަހަރާގެ ތެރޭގައި ވީހިނދު މަންނާ ކައި އުޅުނު. އެކަމަކު އެ އެންމެން ވެސް މިހާރު ވަނީ މަރުވެފައި. 50ނަމަވެސް ސުވަރުގެއިން މި ފޮނުއްވޭ ކާނާ ކައިފި ނަމަ އެ މީހަކު މަރުވެ ނެތިގެން ނުދާނެ. އަދި އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ. 51އަހަރެން މީ ސުވަރުގޭން ފޮނުވުނު ދިރިހުރުންދޭ ކާނާ. މިކާނާ ކައިފި މީހަކަށް ދާއިމީ ދިރިހުރުން ލިބޭނެ. އަހަރެން މިދޭ ކާނާއަކީ އަހަރެންގެ ހަށިގަނޑު. އަހަރެން މި ހަށިގަނޑު ހުށަހަޅަނީ ދުނިޔޭގެ މީހުންނަށް ދިރިހުރުން ދިނުމަށްޓަކައި.“
52މިބަސްތަކުގެ ސަބަބުން އެއްވެ ތިބި މީހުންގެ ރުޅި ގަދަވެގެން ޒުވާބު ކުރަން ފެށިއެވެ. އެމީހުން ބުންޏެވެ. ”މި މީހާއަށް އޭނާގެ ހަށިގަނޑު އަހަރެމެންނަށް ކާންދެވޭނީ ކިހިނެއް؟“
53ދެން އަނެއްކާވެސް އީސާގެފާނު ވިދާޅުވިއެވެ. ”ހަމަ ތެދެއް، ކަލޭމެން އިންސާނާގެ ދަރިކަލުންގެ ހަށިގަނޑު ކާން ޖެހޭނެ. އަދި އޭނާގެ ލޭ ވެސް ބޯންޖެހޭނެ. އެ ގޮތަށް ކަންތައް ނުކޮށްފިނަމަ ކަލޭމެންނަކަށް ޙަޤީޤީ ޙަޔާތެއް ނުލިބޭނެ. 54އަދި އަހަރެންގެ ހަށިގަނޑު ކައި އަހަރެންގެ ލޭ ބޯ މީހަކަށް ޔަޤީނުން ވެސް ނިމުންނުވާ ޙަޔާތް ލިބިއްޖެ. އަދި އެންމެ ފަހު ދުވަހު އަހަރެން އެމީހަކު އަލުން ދިރުއްވާނަން. 55އެއީ މަގޭ ހަށިގަނޑަކީ އަސްލު ކާނާ. އަދި މަގޭ ލެޔަކީ އަސްލު ބުއިން. 56މަގޭ ހަށިގަނޑު ކައި މަގޭ ލޭ ބޯ ކޮންމެ މީހަކުގެ ކިބައިގައި އަހަރެން ވާނަން. އަދި އެމީހަކު އަހަރެންގެ ކިބައިގައި ވާނެ. 57އަހަރެން ދިރި މިހިރީ އަހަރެން ފޮނުއްވި ދިރި ވޮޑިގެންވާ ބައްޕާފުޅުގެ ބާރުފުޅުން. ހަމަ އެފަދައިން އަހަރެންގެ ހަށިގަނޑު ކައިފި ކޮންމެ މީހަކު ވެސް އަހަރެންގެ ސަބަބުން ދިރިހުންނާނެ. 58ސުވަރުގެއިން ފޮނުއްވާ އަސްލު ކާނާއަކީ އަހަރެން. މި ކާނާއަކީ ކަލޭމެންގެ ކާބަފައިން ކޭ މަންނާ ފަދަ ކާނާއެއް ނޫން. އެކާނާ ކޭ މީހުން ފަހުން މަރުވެ ދިޔައީ. އެކަމަކު އަހަރެން މިދޭ ކާނާ ކައިފި މީހަކު ދާއިމަށް ދިރިދެމި ހުންނާނެ.“
59އެކަލޭގެފާނު މި ބަސްތައް ވިދާޅުވީ ކަޕަރުނައުމްގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުގައި ކިޔަވާވިދާޅުވެ ދެއްވަމުންނެވެ.
ނިމުމެއް ނުވާ ދިރުންދޭ ބަސްފުޅު
60އީސާގެފާނުގެ ގިނަ އަސްޙާބީން މިބަސްތަކުގެ އަޑުއަހާފައި ބުންޏެވެ. ”މިއަކީ ޤަބޫލުކުރެވޭ ކަހަލަ ވާހަކައެއް ނޫން. ކާކަށް މިވާހަކަ ބަލައިގަނެވޭނީ؟“
61އީސާގެފާނަށް އެކަލޭގެފާނުގެ އަސްޙާބީން ޝަކުވާ ކުރާކަން އެނގިވަޑައިގެންވިއެވެ. އެހެންކަމުން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މި ބަސްތަކުގެ ސަބަބުން ކަލޭމެން ހިތްހަމަ ނުޖެހުނީތަ؟ 62އިންސާނާގެ ދަރިކަލުން ހުރިތަނުގައި ހުރެފައި އުޑަށް އުފުއްލެވޭތަން ފެނިއްޖެނަމަ ކަލޭމެން ބުނާކީކޭތަ؟ 63ހަށިގަނޑަކަށް އެއްކަމެއް ވެސް ހާސިލެއް ނުކުރެވޭނެ. އިންސާނާއަށް ދިރުން ގެނެސްދެނީ ރޫޙުފުޅު. އަހަރެން މިބުނެދީ އިންސާނާއަށް ދިރުން ލިބިދެވޭ ރޫޙުފުޅުގެ ވާހަކަ. 64އެކަމަކު ކަލޭމެންގެ ތެރެއިން ބައެއް މީހުން އަހަރެން ގަބޫލު ނުކުރާކަން އަހަރެންނަށް އެނގޭ.“ އެއީ އީސާގެފާނަށް ފުރަތަމައިނުން ވެސް އެކަލޭގެފާނު ގަބޫލު ނުކުރާނީ ކާކުކަމާއި އަދި އެކަލޭގެފާނަށް ޚިޔާނާތްތެރި ވާނީ ކާކުކަން އެނގިވަޑައިގެންވިއެވެ. 65އަދި އީސާގެފާނު ވިދާޅުވިއެވެ. ”ކުރިން ވެސް އަހަރެން ބުނި ފަދައިން، ބައްޕާފުޅު ގެނެސްދެއްވި މީހަކު ފިޔަވާ އެހެން އެއްވެސް މީހަކަށް އަހަރެންގެ ގާތަކަށް ނާދެވޭނެ.“
66އެހެންވެ އެކަލޭގެފާނުގެ އެތައް އަސްޙާބީންނެއް އެކަލޭގެފާނާއި ވަކިވެ އެކަލޭގެފާނު ދޫކޮށްލާފައި ދިޔައެވެ. 67ދެން އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެން ވެސް އަހަރެން ދޫކޮށްލާފަ ދާން ބޭނުމީތަ؟“
68މީގެ ޖަވާބުގައި ޝަމްއޫނު ޕަތަރަސް ދެންނެވިއެވެ. ”ސާހިބާ އަޅުގަނޑުމެން ދާންވީ ކާކުގެ ގާތަށް؟ ނިމުންނުވާ ޙަޔާތުގެ ބަސްފުޅު ވަނީ ކަލޭގެފާނު އަތްޕުޅުމަތީގައި. 69އަޅުގަނޑުމެން މިތިބީ ތިޔަ ބަސްފުޅުތައް ގަބޫލުކޮށްގެން. އަދި ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ފޮނުއްވި މާތް އަލްމަސީޙު ކަން ވެސް މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ.“
70އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ކަލޭމެން ބާރަ މީހުން ހޮވީ ހަމަ އަހަރެންނެއް ނޫންތަ؟ އެކަމަކު ކަލޭމެންގެ ތެރެއިން އެކަކީ ޝައިތާނެއް.“ 71އެކަލޭގެފާނު މިހެން ވިދާޅުވީ ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސްއަށް މުޚާތަބު ކުރައްވައެވެ. އެއީ ފަހުން އޭނާ އެކަލޭގެފާނަށް ޚިޔާނާތްތެރި ވާނެކަން އެކަލޭގެފާނު ދެނެވަޑައިގެން ވާތީއެވެ.
© (Active), Wycliffe Bible Translators, Inc. All rights reserved.