ލޫކާސް 22

22
ޔުދާސް ޚިޔާނާތްތެރިވުން
1ކަމީރު ނުލާ ރޮށި ފިހޭ ޢީދު ކަމުގައިވާ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަނީ ކައިރިވެފައެވެ. 2ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނު ނެތިކޮށްލެވޭނެ ގޮތަކާއި ދޭތެރޭ ވިސްނާ ރާވަމުން ގެންދިޔައެވެ. އެއީ އީސާގެފާނުގެ މައްޗަށް އީމާންވާ މީސްތަކުންގެ އަދަދު ގިނަވެދާނެތީ އެމީހުން ގަންނަ ބިރުގެ ސަބަބުންނެވެ. 3ދެން ބާރަ އަސްޙާބީންގެ ތެރެއިން އެކަކު ކަމުގައި ހިމެނޭ ޔުދާސް އިސްކަރިޔޮތުގެ ހިތަށް އިބިލީސް ވަސްވާސް ދީ އޭނާގެ މައްޗަށް ވެރިވިއެވެ. 4ދެން ޔުދާސް ބޮޑު އިމާމުންނާއި ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިންގެ ކައިރިއަށް ގޮސް އީސާގެފާނު ހައްޔަރުކުރެވޭނެ ރަނގަޅު ގޮތަކާއި މެދު މަޝްވަރާ ކުރިއެވެ. 5އެމީހުން މި ކަމާއި ވަރަށް ބޮޑަށް އުފާކޮށް އޭނާއަށް ފައިސާ ދިނުމަށް އެއްބަސް ވެއްޖެއެވެ. 6އޭނާ މިގޮތާއި އެއްބަސް ވިއެވެ. އަދި އެނބުރި ގޮސް އީސާގެފާނު އެމީހުންނާއި ހަވާލު ކުރުމަށްޓަކައި މީހުން މަދު ވަގުތަކަށް ބަލަބަލާ ހުއްޓެވެ.
އެންމެފަހު ކެއުން
7މިއަށް ފަހު މީސްތަކުން ފަހަނަޅައި ދިއުމުގެ ޢީދަށް ތައްޔާރު ކުރަން ފަށާ ދުވަސް އައިސް ޖެހިއްޖެއެވެ. މި ޢީދުގައި ކޮންމެ އާއިލާއެއް ބައިތުލް މަޤްދިސްއަށް ގޮސް ޅަ ކަންބަޅިއެއް މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރަން ޖެހެއެވެ. 8އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ޕަތަރަސް އާއި ޔޫޙަންނާއަށް ވިދާޅުވި އެވެ. ”⁠މި ޢީދުގެ ޚާއްސަ ކެއުން ތައްޔާރު ކުރުމަށްޓަކައި ދޭ.⁠“
9އެމީހުން ބުންޏެވެ. ”⁠އަޅުގަނޑުމެން ޢީދުގެ ކެއުން ތައްޔާރު ކުރުމަށް ކަލޭގެފާނު އެދި ވަޑައިގަންނަވަނީ ކޮންތާނކު ތޯ؟⁠“
10އީސާގެފާނު ވިދާޅުވިއެވެ. ”⁠ޖެރޫސަލަމުގެ ރަށު ތެރެއަށް އަރައިގެންދާ މަގުމަތީ ފެން ރުނބައެއް ހިފައިގެންދާ ފިރިހެނަކު ކަލޭމެންނާއި ބައްދަލު ވާނެ. އޭނާއާއި އެކު އޭނާ ދާ ގެއަކަށް ދޭ. 11ދެން އެގޭގެ ވެރި މީހާއަށް ބުނޭ. ’⁠އެދުރުމީހާ ބުންޏޭ: މި ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން އަހަރެންނާއި އަހަރެންގެ އަސްޙާބީން ކެއުމަށްޓަކައި ހަމަ ޖައްސައިފައިވާ ކޮޓަރި ކޮބައިހޭ؟⁠‘ 12އޭނާ އެގޭގެ މަތީ ބުރީގައި ވާ ބޮޑު ކޮޓަރިއެއް ކަލޭމެންނަށް ދައްކާނެ. އެކޮޓަރީގައި ބޭނުންވާ ހުރިހާ އެއްޗެއް ހުންނާނެ. ދެން އެތާނގައި ކެއުން ތައްޔާރު ކުރޭ.⁠“
13ޕަތަރަސް އާއި ޔޫޙަންނާ އެރަށަށް އަރައިގެން ދިޔަ މަގުމަތީ އީސާގެފާނު ވިދާޅުވި މަގުން ހުރިހާ ކަމެއް ހިނގާދިޔައެވެ. ދެން އެބައިމީހުން އެތާނގައި ޢީދުގެ ކެއުން ތައްޔާރު ކުރިއެވެ.
14ރޭގަނޑުގެ ކެއުމުގެ ވަގުތު އީސާގެފާނާއި އެކަލޭގެފާނުގެ ބާރަ އަސްޙާބީން އެގެއަށް ވަޑައިގަތް މޭޒު ދޮށުގައި ފަރިއްކުޅުއްވުމަށް އިށީނދެ ވަޑައިގަތެވެ. 15އެބައިމީހުން ކެއުމުގެ ތެރޭގައި ވަނިކޮށް، އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެންނަށް އަނިޔާ އާއި ވޭން ލިބުމުގެ ކުރިން ކަލޭމެންނާއި އެކު މިޢީދުގެ ކެއުން ކެއުމަށް އަހަރެން ވަރަށް ބޮޑަށް ބޭނުން ވީމު. 16އަހަރެން ކަލޭމެންނަށް ޔަޤީންކަމާއިއެކު ބުނަން. މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން މުޅިން ދިންނަވާ އަދި އަހަރެން އަލްމަސީޙު ފަދައިން މުޅި މި ދުނިޔޭގެ މައްޗަށް ވެރިކަން ކުރާ ދުވަހު އަހަރެން މިޢީދުގެ ކެއުން ކެއުމުން މިޢީދުގެ އަސްލު މާނަ ފުރިހަމަވެ ނިމޭނެ. އަދި މިފަދައިން ކަންތައްތައް ވުމުގެ ފަހުން ނޫނީ އަހަރެން މިޢީދުގެ ކެއުން އަލަކުން ނުކާނަން.⁠“
17ދެން އީސާގެފާނު މޭބިސްކަދުރުދިޔަ ތައްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވާ އެތަށި އަސްޙާބީންނަށް ދެއްވަމުން ވިދާޅުވިއެވެ. ”⁠ކަލޭމެން ކޮންމެ މީހަކު މިތަށިން ފޮދުވަރެއް ބޯލާ. 18އަހަރެން ކަލޭމެންނަށް ޔަޤީން ކޮށް ބުނަން. މާތްރަސްކަލާނގެ ރަސްކަންފުޅު މި ދުނިޔޭގައި ގާއިމު ވުމުގެ ފަހުން ނޫނީ އަހަރެން މިބުއިން އަލަކުން ނުބޯނަން.⁠“
19ދެން އީސާގެފާނު ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވައި އެބޯރޮށި ބައި ކޮށްލައްވައި އެމީހުންގެ މެދުގައި ބަހާ ލައްވަމުން ވިދާޅުވިއެވެ. ”⁠ތި ރޮށިކޮޅު ކާލާ. ތިޔައީ ކަލޭމެންނަށްޓަކައި ދެވިފައިވާ އަހަރެންގެ ހަށިގަނޑު. އަހަރެންގެ ހަނދާނުގައި މިގޮތުގެ މަތިން ކަން ކުރޭ.⁠“
20ކެއުމުން ނިމުމަށް ފަހު އީސާގެފާނު އަނެއްކާ ވެސް މޭބިސްކަދުރުގެ ދިޔަ ތައްޓެއް ނަންގަވާ ވިދާޅުވިއެވެ. ”⁠މިއީ އެލޭ ކަލޭމެންނަށްޓަކައި އޮހޮރުވިފައިވާ އަހަރެންގެ ލޭ. މިލޭ އޮހޮރުވިފައި ވަނީ މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނާއި އެކު ކުރެއްވި އާ ޢަހުދުނާމާ ގާއިމު ކުރުމަށްޓަކާ. 21ނަމަވެސް އަހަރެންނަށް ޚިޔާނާތްތެރި ވާނޭ މީހާގެ އަތް ވެސް އަހަރެންގެ އަތާއި އެކު ހަމަ މި މޭޒުމަތީގައި އެބަވޭ. 22މާތްރަސްކަލާނގެ ނިންމަވާފައިވާ ނިންމެވުމާއި އެއްފަދައިން އިންސާނާގެ ދަރިކަލުން ކުރިއަށް ދާނެ. ނަމަވެސް އޭނާއަށް ޚިޔާނާތްތެރި ވާނޭ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެ.⁠“
23ދެން އަސްޙާބީންގެ ތެރޭ މިކަމާމެދު ބަހުސް އުފެދި އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އަހަރެމެންގެ ތެރެއިން މިފަދަ ކަމެއް ކޮށްފާނެ ފަދަ މީހަކީ ކާކުބާ؟⁠“
ދުނިޔޭގެ ރަސްރަސްކަލުން ފަދައިން ނުވޭ
24އަދި އެމީހުންގެ ތެރެއިން އެންމެ މަތީ މަޤާމެއް ވާނީ ކާކަށް ކަމާއިމެދު ވެސް އެމީހުންގެ މެދުގައި ޒުވާބު އުފެދިއްޖެއެވެ. 25އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މި ދުނިޔޭގެ ރަސްރަސްކަލުން އެމީހުންގެ ރައްޔިތުންގެ މައްޗަށް ހަރުކަށިކަމާއި އެކު ވެރިކަން ކުރޭ. އަދި އެފަދަ ރަސްރަސްކަލުން ބުނަނީ އެ ގޮތަށް ކަންތައް ކުރަނީ އެމީހުންގެ ރައްޔިތުންނަށް ރަނގަޅަކަށް ކަމަށް. 26ނަމަވެސް ކަލޭމެން އެފަދައިން ކަންނުކުރޭ. އޭގެބަދަލުގައި ކަލޭމެންގެ ތެރެއިން އެންމެ މަތީ މީހާ ވާންޖެހޭނީ އެންމެ ދަށް މީހާ ފަދައިން. އަދި ވެރިކަން ކުރާ މީހާ ވާންޖެހޭނީ ޚާދިމަކު ފަދައިން. 27މަތިވެރި ވާނީ މޭޒުދޮށުގައި ކާން އިންނަ މީހާ ތަ؟ ނުވަތަ ކާން ހަދާ ދޭން އުޅޭ މީހާ ތަ؟ މަތިވެރި ވާނީ ކާން އިންނަ މީހާއެއް ނޫން ތަ؟ ނަމަވެސް އަހަރެން ފެށުނީއްސުރެ ވެސް މި ވަނީ ކަލޭމެންގެ ނޯކަރަކަށް ވުމަށް ތައްޔާރުގަ. 28ކަލޭމެންނަކީ އަހަރެންނަށް އުނދަގޫތަކާއި ކުރިމަތިވީ ހިނދު އަހަރެންނާއި އެކު ވީ މީހުން. 29އަހަރެންގެ ބައްޕަ އަހަރެންނާއި ރަސްކަން ހަވާލުކުރެއްވި ފަދައިން އަހަރެން ވެސް ކަލޭމެންނަށް އަހަރެންގެ ރަސްކަމުގައި ބައިވެރިވުމުގެ ޙައްޤު ދޭނަން. 30އެއީ އޭރުން ކަލޭމެން އަހަރެންގެ ރަސްކަމުގައި އަހަރެންނާއި އެއްމޭޒެއްގެ މަތީ ކައި ބޮއި އުޅުމަށް. އަދި ތަޚުތުތަކުގައި އިށީނދެ ބަނީއިސްރާއީލުގެ ބާރަ ދަރިކޮޅުގެ މައްޗަށް ހިސާބު ބެލުމަށް.⁠“
ޕަތަރަސް އީސާގެފާނު ދަންނަ ކަމުގައި ބުނުމަށް ބިރުގަންނާނެ
31”⁠ޝަމްއޫނު، ޝަމްއޫނު. އިބިލީސް ކަލޭމެން ގޮދަންތަކެއް ފަދައިން ފުރާނާލުމަށް އެދެފި. 32ނަމަވެސް އަހަރެން ކަލެއަށްޓަކައި ދުޢާކޮށްފީން. އެއީ ކަލޭގެ އީމާންކަން ނެތިގެން ނުދިއުމަށް އެދި. ކަލޭ ތައުބާވެ އަލުން އަހަރެންގެ ކިބައަށް އެނބުރުމަށް ފަހު ކަލޭގެ އެހެން އަޚުންނަށް އީމާންކަން މަތީ ދެމިތިބުމަށް ހިތްވަރު ދީ.⁠“
33ދެން ޝަމްއޫނު ޖަވާބުގައި ބުންޏެވެ. ”⁠މާތްސާހިބާ. އަޅުގަނޑު ކަލޭގެފާނުގެ އަރިހުގައި ޖަލަށް އަދި ކީއްކުރަން މަރުވުމަށް ވެސް މިހިރީ ތައްޔާރަށް.⁠“
34އީސާގެފާނު ވިދާޅުވިއެވެ. ”⁠ޕަތަރަސް. އަހަރެން ވާހަކައެއް ބުނަން ތަ؟ މި ރޭގެ ފަތިހު ހާ ގޮވުމުގެ ކުރިން ކަލޭ ތިން ފަހަރު މަތިން އަހަރެން މިއީ ނުވެސް ދަންނަ މީހަކު ކަމުގައި ބުނާނެ.⁠“
35ދެން އީސާގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ފައިސާއެއް، ދަބަހެއް، އަދި ފައިވާނަކާ ނުލާ އަހަރެން ކަލޭމެން ފޮނުވި ފަހަރު ކަލޭމެންނަށް އެއްވެސް އެއްޗަކަށް ދަތިވި ތަ؟⁠“
އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠ނޫން. އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ދައްޗެއް ނުވޭ.⁠“
36ދެން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އެހެންނަމަވެސް މިހާރު ކަލޭމެން އަތުގައި ދަބަހެއް ވާނަމަ އެ ގެންދޭ. ފޮއްޓެއް ވިޔަސް އެވެސް ގެންދޭ. އަދި ކަލޭމެންގެ އަތުގައި ކަނޑިއެއް ނެތް ނަމަ ކަލޭމެންގެ ކޮނޑުގައި ވާ ސާލު ވިއްކާލާފައި ކަނޑިއެއް ވެސް ގަނޭ. 37އިހުޒަމާނުގެ ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ލިޔެވިގެން މިފަދައިން ވޭ: ’⁠އެމީހުން އޭނާ ހިމަނާނީ ފާފަވެރިންގެ ތެރޭގައޭ.⁠‘ އަހަރެން ބުނަން ތަ؟ ލިޔެވިގެން ވީފަދައިން އަހަރެންނާއި މެދު މިކަންތައްތައް ވެ ނިމެން ޖެހޭނެ. ހަމަކަށަވަރުން. އަހަރެންނާއިމެދު ލިޔެވިގެންވީ ފަދައިން މިހާރު ހުރިހާ ކަމެއް ވެސް ވެ މިނިމެނީ.⁠“
38އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. ބައްލަވާ. މިއޮތީ ދެކަނޑި.⁠“
އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އިތުރަށް ތި ކަނޑީގެ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން.⁠“
އީސާގެފާނު ޒައިތޫނި ފަރުބަދަ މަތީގައި ދުޢާ ކުރެއްވުން
39އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކުމެ އާދަވެގެން ކަންތައް ކުރައްވާ ފަދައިން އެފަހަރު ވެސް އެކަލޭގެފާނު ޒައިތޫނި ފަރުބަދައަށް ރޭގެ ވަގުތު ހޭދަ ކުރެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން ވެސް އެކަލޭގެފާނުގެ އަރިހުގައި ދިޔައެވެ. 40އެތަނަށް ދެވުމުން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ވަސްވާހާއި ފާފައިން ދުރުހެލިވުމަށް ދުޢާކުރޭ.⁠“
41ދެން އެކަލޭގެފާނު އެމީހުންނާއި ތަންކޮޅެއް ދުރަށް ވަޑައިގެން ކަކޫފުޅު މައްޗަށް ތިރިވެ ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ. 42”⁠ބައްޕާ! ބައްޕަ އިރާދަކުރައްވާ ކަމަކަށްވަނީ ނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން އަތުލާ. ނަމަވެސް އަޅުގަނޑު އެދެނީ ބައްޕަ ބޭނުން ގޮތް. އަޅުގަނޑު ބޭނުންގޮތެއް ނޫން.⁠“ 43އެކަލޭގެފާނުގެ އަރިހަށް އެވަގުތު މަލާއިކަތަކު ވަޑައިގެން އެކަލޭގެފާނަށް ހިތްވަރު ދެއްވިއެވެ. 44ދެން ފުން ހިތާމަ ލިބިގެންވާ ހާލުގައި އެކަލޭގެފާނު ތެދުހިތުން ދުޢާ ކުރެއްވިއެވެ. އެވަގުތު އެކަލޭގެފާނުގެ ހަށިކޮޅުން އޮހެމުން ދިޔަ ދާފޮދު ލޭ ތިކިތަކެއް ފަދައިން ބިންމައްޗަށް އޮހެމުން ދިޔައެވެ.
45އެކަލޭގެފާނު ދުޢާފުޅުން ނިމިވަޑައިގެން އަސްޙާބީންގެ ކައިރިއަށް ވަޑައިގެންނެވި އިރު އެމީހުންނަށް ތިބީ ނިދިފަ. އެއީ އެމީހުންނަށް ލިބިފައިވާ ހިތާމައިގެ ބޮޑުކަމުން ވީ ވަރުބަލިން. 46އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ނިދަނީ ކީއްވެ؟ ތެދުވޭ. ކަލޭމެން ވަސްވާހާއި ފާފައިގެ ތެރެއަށް ނުވެއްޓޭތޯ ދުޢާކުރޭ.⁠“
އީސާގެފާނު ހައްޔަރު ކުރުން
47އީސާގެފާނު އެމީހުންނާއި ވާހަކަދައްކަވަމުން ގެންދަވަނިކޮށް އެތައް ބައެއްގެ ބޮޑު ބައިގަނޑެއް އެތަނަށް އައެވެ. އެމީހުންނަށް މަގުދައްކަން ހުރީ އީސާގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންގެ ތެރެއިން އެކަކު ކަމުގައި ވީ ޔުދާސް އެވެ. އޭނާ އީސާގެފާނާއި ސަލާމް ކުރުމުގެ ގޮތުން އެކަލޭގެފާނުގެ ކޮލުގައި ބޮސްދިނުމަށް އެކަލޭގެފާނާއި ކައިރިވިއެވެ. 48އެވަގުތު އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ޔުދާސް. އިންސާނާގެ ދަރިކަލުންނަށް ކަލޭ ސަލާމެއްގެ ގޮތުގައި ތިޔަ ބޮސްދެނީ އޭނާއަށް ޚިޔާނާތްތެރި ވުމަށް ތަ؟⁠“
49އީސާގެފާނުގެ އަސްޙާބީންނަށް ވާން މިއުޅެނީ ކީއްކަން އެނގުމުން އެމީހުން އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުމެންގެ ކަނޑިތަކުން އެމީހުންނާ ހަމަލާދެން ތަ؟⁠“ 50އެހެން ބުނުމާއެކު އަސްޙާބީންގެ ތެރެއިން އެކަކު އުއްތަމަ އިމާމުގެ ނޯކަރުންގެ ތެރެއިން މީހަކަށް ކަނޑިން ދިން ހަމަލާގައި އޭނާގެ ކަނާއަތު ކަންފަތް ކަނޑާލިއެވެ.
51އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ މިހާރު ތިކަންތައް ހުއްޓާލާ.⁠“ ދެން އީސާގެފާނު އެމީހާގެ ކަންފަތުގައި އަތްޕުޅު ބީއްސަވާ އޭނާގެ ކަންފަތް ރަނގަޅު ކުރެއްވިއެވެ.
52ދެން އެކަލޭގެފާނު ހައްޔަރު ކުރުމަށް އައި ބޮޑު އިމާމުންނަށާ، ބައިތުލް މަޤްދިސް ބަލަހައްޓާ ގާޑުންގެ އޮފިސަރުންނަށާ، ބަނީއިސްރާއީލުގެ ބޮޑުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަރެން ހައްޔަރުކުރަން ލަޓިބުރިތަކާ ކަނޑިތައް ހިފައިގެން ތިއައީ އަހަރެން މިއީ ނުބައި ކުށްވެރިއަކަށް ވުމުން ތަ؟ 53މިއޮތް ހުރިހާ ދުވަހު ކަލޭމެންގެ ކުރިމަތީ ބައިތުލް މަޤްދިސްގައި އަހަރެން ވީމު. އޭރު ކަލޭމެން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ މިއީ ކަލޭމެންގެ ގަޑި. މިއީ އަނދިރިކަން ވެރިކަން ކުރާ ވަގުތު.⁠“
ޕަތަރަސް އީސާގެފާނުގެ ރަޙުމަތްތެރިއަކަށް ވުމަށް ބިރުގަތް
54ދެން އެމީހުން އެކަލޭގެފާނު ހައްޔަރު ކޮށްގެން އުއްތަމަ އިމާމުގެ ގެއަށް ގެންދިޔައެވެ. ޕަތަރަސް ތަންކޮޅެއް ދުރުގައި ހުރެގެން އީސާގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. 55ދެން އެތަނުގައި ތިބި މީހުން އެތާގެ މެދުގޯތި ތެރޭގައި އަލިފާންގަނޑެއް ރޯކޮށް އެތާ އިށީނުމުން އޭނާ ވެސް އެމީހުންނާއި އެކު އެތާނގައި އިށީނދެއްޖެއެވެ. 56ނޯކަރު އަންހެންކުއްޖަކަށް އަލިފާންގަނޑުގެ އަލިން ޕަތަރަސްގެ މޫނު ފެނުމުން އޭނާގެ މޫނަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިފައި ބުންޏެވެ. ”⁠މިއީ ވެސް އޭނާ އާއި އެކު އުޅޭ މީހެއް.⁠“
57ނަމަވެސް ޕަތަރަސް އެކަމާ ދެކޮޅުހެދިއެވެ. އޭނާ ބުންޏެވެ. ”⁠އޭ އަންހެނާ، އަހަންނެއް އޭނާއެއް ނުދަންނަން.⁠“
58ތަންކޮޅެއް ފަހުން އެހެންމީހަކަށް ޕަތަރަސް ފެނިފައި ބުންޏެވެ. ”⁠ކަލޭ ވެސް ތިޔައީ އެމީހުންގެ މީހެއް.⁠“
ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”⁠އޭ ފިރިހެނާ. އަހަރެން މިއީ އެމީހުންގެ މީހެއް ނޫން.⁠“
59މީގެ އެއްގަޑިއެއްހާ އިރު ފަހުން އެހެންމީހަކު ޕަތަރަސް ފެނިގެން ބުންޏެވެ. ”⁠ހަމަ ޔަޤީނުން ވެސް މިމީހާ މިއީ އޭނާ އާއި އެކު އުޅުނު މީހެއް. މީނާއަކީ ވެސް މިއީ ގަލީލީގެ މީހެއް.⁠“
60ޕަތަރަސް އެމީހާއަށް ބުންޏެވެ. ”⁠އޭ ފިރިހެނާ. ކަލޭ ތިޔަކިޔަނީ ކީކޭ ކަމެއް މަށަކަށް ނޭނގެ.⁠“ ޕަތަރަސް މިހެން ބުނެ ހަމަ ނިމުނު ތަނާ ފަތިހުގެ ހާ ގޮވިއެވެ. 61މާތްސާހިބާ އެނބުރި ޕަތަރަސްއާއި ދިމާއަށް ބައްލަވާ ހަތަރުކަޅި ހަމަކުރެއްވިއެވެ. ދެން ޕަތަރަސް އެކަލޭގެފާނު ވިދާޅުވި ބަސްފުޅުގެ މަތިން ހަނދާން ވިއެވެ. ”⁠މިރޭގެ ފަތިހުގެ ހާ ނުގޮވަނީސް ކަލޭ ތިން ފަހަރު މަތިން އަހަރެން މިއީ ދަންނަ މީހެއް ވެސް ނޫން ކަމުގައި ބުނާނެއޭ.⁠“ 62ދެން އޭނާ އެތަނުން ނުކުމެ ބޭރަށް ގޮސް ހިތާމަ އާއި އެކު ކަރުނައަޅާ ރުޔެވެ.
އީސާގެފާނަށް މީހުން މަލާމާތްކުރި
63އީސާގެފާނު ބެލެހެއްޓުމަށް ހަވާލުވެގެން ތިބި މީހުން އެކަލޭގެފާނަށް މަލާމާތް ކޮށް އަނިޔާކުރަން ފެށިއެވެ. 64އެމީހުން އެކަލޭގެފާނު ކަނުބަނދެފައި ބުންޏެވެ. ”⁠ނިކަން ބުނެބަލަ، ދެންމެ ކަލޭ ގައިގައި އެޖެހީ ކާކު؟⁠“ 65އަދި މިނޫނަސް އެތައް ނުބައި އެއްޗަކާއި މަލާމާތުގެ ބަސްތައް އެމީހުން އެކަލޭގެފާނަށް ގޮވިއެވެ.
އީސާގެފާނު ބަނީއިސްރާއީލު ދީނީކޯޓުގެ ކުރިމައްޗަށް ގެންދެވުނު
66ހެނދުނު އިރުއެރުމުން އީސާގެފާނު ބަނީއިސްރާއީލު ދީނީކޯޓުގެ ކުރިމައްޗަށް ގެންދެވުނެވެ. އެތާނގައި ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން ވިއެވެ. 67އެމީހުން ބުންޏެވެ. ”⁠ކަލޭ ތިޔައީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައި ވާނަމަ އަހަރެމެން ކުރިމަތީ ބުނެބަލަ.⁠“
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން ބުންޏަސް ކަލޭމެން ގަބޫލެއް ނުކުރާނެ. 68އަހަރެން ކަލޭމެން ކުރެން އަހައިފިނަމަ ކަލޭމެން ޖަވާބެއް ނުދޭނެ. 69ނަމަވެސް މިހާރުން ފެށިގެން އިންސާނާގެ ދަރިކަލުން އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އިށީނދެ ވަޑައިގެން ވާނެ.⁠“
70ދެން އެއެންމެން ސުވާލު ކުރިއެވެ. ”⁠ދެން އެހެންވިއްޔާ ކަލޭ ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން ތަ؟⁠“
އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އަހަރެން މިއީ މާތްރަސްކަލާނގެ ދަރިކަލުން. ކަލޭމެން ތިޔަބުނީ ތެދެއް.⁠“
71ދެން އެމީހުން ބުންޏެވެ. ”⁠އަހަރެމެންނަށް ދެން މިއަށް ވުރެ އިތުރު ހެއްކެއްގެ ބޭނުމެއް އެބައޮތް ތަ؟ އޭނާގެ އަމިއްލަ އަނގައިން އެހެން ބުނާ އަޑު އަހަރެމެންނަށް އިވިޖެ އެއްނު.⁠“

Àwon tá yàn lọ́wọ́lọ́wọ́ báyìí:

ލޫކާސް 22: ކމ

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀

Àwọn fídíò fún ލޫކާސް 22