ޔޫޙަންނާ 9

9
އީސާގެފާނު އުފަންވީއިރު ވެސް ލޯ އަނދިރި މީހެއްގެ ލޯ އަލިކޮށްދެއްވި
1އީސާގެފާނު މަގުމަތިން ހިންގަވައި ވަޑައިގަންނަވަނިކޮށް އުފަންވީއްސުރެން ލޮލަށް ނުފެންނަ މީހަކު ފެނިވަޑައިގަތެވެ. 2އެމީހާ ފެނިވަޑައިގަތުމުން އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠އެދުރުކަލޭގެފާނު! މިމީހާއަކީ އުފަންވީ އިރު ވެސް ލޯ އަނދިރި މީހެއް. މި މީހާ އުފަންވީ އިރު ލޮލަށް ނުފެންނަނީ ކާކު ކުރި ފާފައެއްގެ ސަބަބުންތޯ؟ އެއީ އޭނާ ކުރި ފާފައަކާހެދިތޯ؟ ނޫނީ އޭނާގެ މައިންބަފައިން ކުރި ފާފައެއްގެ ސަބަބުންތޯ؟⁠“
3އީސާގެފާނު ވިދާޅުވިއެވެ. ”⁠އެއަކީ އޭނާ ނުވަތަ އޭނާގެ މައިންބަފައިން ކުރި ފާފައެއްގެ ސަބަބަކުން ވެސް ނޫން. އެއީ މާތްރަސްކަލާނގެ ކުޅަދުން ވަންތަކަން މީސްތަކުންނަށް ދެއްކެވުމަށްޓަކާ. 4ދުވާލު ވަގުތު އެކަމެއް ކުރަން އެފަރާތަކުން އަހަރެން ފޮނުއްވި ކަންތައް އަހަރެމެން ކޮށް ނިންމަން ޖެހޭނެ. ރޭގަނޑުއެބަ އާދޭ. އޭރަކުން އެކަކަށް ވެސް އެކަންތަކެއް ނުކުރެވޭނެ. 5އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު އަހަރެން މީ ދުނިޔޭގެ އަލިކަން.⁠“
6ދެން އީސާގެފާނު ބިންމައްޗަށް ކުޅުފޮދެއް ޖައްސަވައި އެ ކުޅުފޮދު ވެއްޔާ އެއްކުރައްވައި އެމީހާގެ ލޮލުގައި އުނގުޅުއްވިއެވެ. 7އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”⁠ސިލުވާމު (މިބަހުގެ މާނައަކީ ފޮނުވި) އޭކިޔުނު ވެވަށް ގޮސް އެވެވުން ލޯ ދޮވެލާ.⁠“ އެމީހާ އެވެވަށް ގޮސް ލޯ ދޮވެގެން އައި އިރު އޭނާގެ ލޮލަށް ވަނީ އަލިވެފައެވެ.
8މިމީހާގެ ގޭދޮށު މީހުންނާއި އަދި ލޯ އަނދިރި ސަލާންޖަހާ މީހެއްގެ ގޮތުގައި އޭނާ ފެނިފައިވާ މީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިހިރަ ދަނީ އެ ލޯ އަނދިރި ސަލާންޖަހާ މީހާއެއް ނޫންތަ؟⁠“
9އެއްބަޔަކު ބުންޏެވެ. ”⁠އެއީ ހަމަ އެމީހާއޭ.⁠“ އަދި އަނެއްބަޔަކު ”⁠އެއީ އެމީހާއެއް ނޫނޭ، އެމީހާއާ ވައްތަރު އެހެން މީހެކޭ.⁠“ ބުންޏެވެ. ނަމަވެސް އެމީހާ ބުނަމުން ދިޔައެވެ. ”⁠އަހަރެން މިއީ ހަމަ އެމީހާ.⁠“
10ދެން އެމީހުން އަހައި ސުވާލުކުރިއެވެ. ”⁠ކަލޭގެ ލޯ ރަނގަޅުވެ ފެންނަ ގޮތްވީ ކިހިނެއް؟⁠“
11އޭނާ ބުންޏެވެ. ”⁠އީސާއޭ ނަމަކަށް ކިޔުނު މީހަކު އަހަރެންގެ ލޮލުގައި ކިލާކޮޅެއް އުނގުޅާފަ ސިލުވާމުއަށް ގޮސް ދޮވެލުމަށް ބުނުމުން އަހަރެން އެވެވަށް ގޮސް ލޯ ދޮވެގެން އައި އިރު އަހަރެންގެ ލޮލަށް ވަނީ އަލިވެފަ.⁠“
12ދެން އެމީހުން ބުންޏެވެ. ”⁠ތިޔަ ބުނާ މީހާ ކޮބައިތަ؟⁠“ އޭގެ ޖަވާބުގައި އޭނާ ބުންޏެވެ. ”⁠އޭނާ ވީތަނެއް މަށަކަށް ނޭނގެ.⁠“
ފަރީސީން ލޯ އަނދިރި މީހާގެ ލޯ ފަސޭހަ ވީ ގޮތް ހޯދާބެލި
13ދެން މީހުން މިމީހާ ގޮވައިގެން ފަރީސީނުގެ ގާތަށް ހިނގައްޖެއެވެ. 14އީސާގެފާނު ކިސަޑުކޮޅު އެއްކުރެއްވައި އެމީހާގެ ލޯ ފަސޭހަކޮށްދެއްވި ދުވަސްވީ ސަބަތުގެ ދުވަހަކަށެވެ.
15ދެން ފަރީސީން އެމީހާއާއި ސުވާލު ކުރިއެވެ. ”⁠ކަލޭގެ ލޮލަށް އަލިވީ ކިހިނެއްތަ؟⁠“
އެމީހާ ބުންޏެވެ. ”⁠އެމީހާ ލޮލުގައި މަށިކޮޅެއް ހާކައިލި. ދެން އަހަރެން ގޮސް ލޯ ދޮވެލިއިރު އަހަރެންގެ ލޮލަށް ހުރީ އަލިވެފަ.⁠“
16އެތާނގައި ތިބި ބައެއް ފަރީސީން ބުންޏެވެ. ”⁠މި އީސާ އަކީ މާތްރަސްކަލާނގެ ފޮނުއްވި މީހެއް ނަމަ އޭނާ ސަބަތުގެ ދުވަހަށް ކަމޭހިތީހެއް ނު؟⁠“ ނަމަވެސް އޭގެ ތެރޭން އަނެއްބަޔަކު ބުންޏެވެ. ”⁠އެކަމަކު ފާފަވެރި ދޮގުވެރިއަކަށް މިފަދަ މަތިވެރި މުޢުޖިޒާތްތަކެއް ނުދެއްކޭނެ.⁠“ މިހެން ކަމުން އެމީހުންގެ ދެމެދުގައި މިކަމާދޭތެރޭ ދެބަސްވުން އުފެދުނެވެ.
17ދެން އެމީހުން ލޮލުގެ އަލިކަން ލިބުނު މި މީހާއާއި އިތުރަށް ސުވާލު ކުރިއެވެ. ”⁠އޭނާ ފަސޭހަކޮށް އަލިކޮށް ދިނީ ކަލޭގެ ލޯ. ވީއިރު ކަލޭ އޭނާއާ ދޭތެރޭ ބުނަނީ ކީކޭތަ؟⁠“
އެމީހާ ޖަވާބުގައި ބުންޏެވެ. ”⁠އަޅުގަނޑު ބުނާނީ އެމީހާ އެއީ ހަމަ ރަސޫލުބޭކަލެކޭ.⁠“
18ނަމަވެސް ބަނީއިސްރާއީލު މީހުންގެ ވެރިން މި މީހާއަކީ އުފަންވީއްސުރެން ލޯ އަނދިރި މީހެއް ކަމަކަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރިއެވެ. އެހެން ކަމުން އެމީހުން އޭނާގެ މައިންބަފައިން ބަލާ ފޮނުވިއެވެ. 19އެމީހުން އޭނާގެ މައިންބަފައިންނާއި ސުވާލު ކުރިއެވެ. ”⁠މިއީ ވިހޭއްސުރެ ލޯ އަނދިރި ކަމަށް ބުނާ ކަލޭމެންގެ ދަރިތަ؟ މިހާރު އޭނާގެ ލޮލަށް އެފެންނަނީ ކިހިނެއް؟⁠“
20އެމީހާގެ މައިންބަފައިން ބުންޏެވެ. ”⁠އަޅުގަނޑުމެންނަށް ޔަޤީން ވެސް އެނގޭ ކަމަކީ މިއީ އަޅުގަނޑުމެންގެ ފިރިހެން ދަރިފުޅުކަން. އަދި ވިހޭއްސުރެ އޭނާގެ ލޮލަށް ނުފެންނަކަން. 21އެކަމަކު މިހާރު އޭނާގެ ލޮލަށް އެ ފެންނަނީ ކިހިނެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. އަދި އޭނާގެ ލޮލަށް ފެންނަ ގޮތް ހަދާދިނީ ކާކުކަމެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގެ. އޭނާއަކީ ތަސައްރަފުފުދި ބޮޑުވެފައިހުރި މީހެއް. ވީމާ ތިޔަބޭފުޅުން އޭނާ ކުރެން ސުވާލުކޮށް އޮޅުންފިލުއްވަ ބައްލަވަ.⁠“ 22އެމީހުން މިހެން ބުނީ ބަނީއިސްރާއީލުގެ ވެރިން ދެކެ ބިރުންނެވެ. އެއީ އީސާގެފާނަކީ އަލްމަސީޙު ކަމުގައި ބުނާ ކޮންމެ މީހަކުމެ ދީނީ މަރުކަޒުތަކުން ވަކިކޮށް ބޭރުކޮށްލާނެ ކަމުގައި އެމީހުން ވަނީ އަންގާފައެވެ. 23”⁠އޭނާ އެހެރީ ތަސައްރަފު ފުދިފަ އޭ، އޭނާ ކުރެން ތި ކަމާ ސުވާލު ކުރާށޭ⁠“ މިހެން އޭނާގެ މައިންބަފައިން ބުނީ އެހެން ވެގެންނެވެ.
24އެހެންވެ ލޮލަށް އަލިކަން ލިބުނު މީހާ އަށް ފަރީސީން އެންގިއެވެ. ”⁠ކަލޭ މާތްރަސްކަލާނގެ ކިބަފުޅަށް ހުވާކޮށް ތެދުބުނޭ. ތިޔަ ބުނާ އީސާއަކީ ދޮގުވެރި ފާފަވެރިއެއް ކަން އަހަރެމެންނަށް އެނގޭ.⁠“
25ދެން އޭނާ ޖަވާބުގައި ބުންޏެވެ. ”⁠އެ މީހާއަކީ ފާފަވެރިއެއް ކަމެއް ނުވަތަ ނޫންކަމެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑަށް އެނގޭ ކަމަކީ ކުރީގައި އަޅުގަނޑަކީ ލޯ އަނދިރި މީހެއް ކަން. ނަމަވެސް މިހާރު އަޅުގަނޑުގެ ލޮލަށް މި ވަނީ އަލިވެފަ ކަން.⁠“
26އެމީހުން ސުވާލު ކުރިއެވެ. ”⁠އޭނާ ކަލެއަށް ކުރީ ކީއް؟ އޭނާ ކަލޭގެ ލޯ އަލިކުރަން ހެދީ ކިހިނެއް؟⁠“
27އޭނާ ޖަވާބުގައި ބުންޏެވެ. ”⁠މިހާރު އެއްފަހަރު އަޅުގަނޑު އެކަންތައް ވީ ގޮތް ތަފްސީލުކޮށް ކިޔާދީފިން. ތިޔަބޭފުޅުން އަޅުގަނޑުގެ ވާހަކަތައް ގަބޫލެއް ނުކުރެއްވި. އަނެއްފަހަރު ވެސް އެވާހަކަތައް އަޅުގަނޑު ލައްވާ ބުނުވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟ އަނެއްކާ ތިބޭފުޅުން ވެސް އޭނާއާ ތަބާވާން ބޭނުންފުޅު ވަނީތޯ؟⁠“
28ދެން އެމީހުން އޭނާއާ ދިމާއަށް އެއްޗިހި ކިޔައިގެންފައި ބުންޏެވެ. ”⁠އޭނާ އަށް ތަބާވެގެން ތިހިރީ ކަލޭ. އަހަރެމެންނަކީ މޫސާގެފާނަށް ތަބާވެގެން ތިބި މީހުން. 29މޫސާގެފާނަށް މާތްރަސްކަލާނގެ ކަންތައްތައް އަންގަވައި ބަސްފުޅުތައް ވަޙީ ކުރެއްވިކަން އަހަރެމެންނަށް އެނގޭ. އެކަމަކު މި ކަލޭގެ މިއީ ކޮންތާނކުން އައި ކާކު ކަމެއް ވެސް އަހަރެމެންނަކަށް ނޭނގެ.⁠“
30އެމީހާ ޖަވާބުގައި ބުންޏެވެ. ”⁠ތިޔަހެން ވިއްޔާ ތިޔައީ ވަރަށް އަޖައިބުވާ ވަރުގެ ކަމެއް. މި މީހަކީ ކޮންތާނކުން އައި ކާކުކަމެއް ވެސް ތިޔަބޭފުޅުންނަކަށް ނޭނގޭ. އެކަމަކު އެ މީހާ އަޅުގަނޑުގެ ލޮލަށް އަލިކޮށް ދީފި. 31އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ މާތްރަސްކަލާނގެ ފާފަވެރިންގެ ދުޢާ އިޖާބަ ނުކުރައްވާ ކަން. މާތްރަސްކަލާނގެ އައްސަވާވޮޑިގެންވަނީ އެކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އެކަލާނގެ ކިބަފުޅަށް ކިޔަމަންވާ މީހުންގެ ދުޢާކަން. 32ވިހޭއްސުރެން ވެސް ލޮލަށް ނުފެންނަ މީހަކަށް ލޮލުގެ އަލިކަން މީހަކު ދިން ވާހަކައެއް ދުނިޔެ ހެއްދެވީއްސުރެ މީހަކު ބުނި އަޑު ދުވަހަކަވެސް ނާހަން. 33މި ކަލޭގެފާނަކީ މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއް ނޫން ނަމަ އެފަދަ ކަންތަކެއް ނުކުރެވުނީސް.⁠“
34ފަރީސީން އެމީހާއަށް ބުންޏެވެ. ”⁠ކަލެއަކީ އުފަންވީ އިރު ވެސް ފާފައިން ފުރިފައި ހުރި މީހެއް. ކަލޭ ތިޔަ އުޅެނީ އަހަރެމެންނަށް ވެސް ކިޔަވައިދޭންތަ؟⁠“ މިހެން ބުނެ އެމީހާ އެ މަރުކަޒުން ނެރެ ބޭރުކޮށްލައިފިއެވެ.
ރޫޙާނީ ލޮލަށް އަނދިރިވެ ނުފެނުން
35އީސާގެފާނަށް މިމީހާ ދީނީ މަރުކަޒުން ނެރެ ބޭރުކޮށްލިކަމުގެ ވާހަކަ އިވިވަޑައިގަތުމުން އެމީހާ ހޯއްދަވައި ވިދާޅުވިއެވެ. ”⁠ކަލޭ އިންސާނާގެ ދަރިކަލުން ގަބޫލުކޮށް އީމާންވަނީތަ؟⁠“
36އެމީހާ ބުންޏެވެ. ”⁠ސާހިބާ! އިންސާނާގެ ދަރިކަލުންނަކީ ކާކުތޯ؟ ނިކަން އަޅުގަނޑުގާތު ވިދާޅުވެ ބައްލަވާ! އެއީ ކާކުކަން އެނގުނީމާ ނޫންތޯ އެމީހަކަށް އީމާން ވާން ވެސް އަޅުގަނޑަށް އެނގޭނީ.⁠“
37އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލެއަށް ވަނީ އޭނާ ފެނިފައި. ކަލޭ ތިޔަ ވާހަކަދައްކަނީ އޭނާއާ. އިންސާނާގެ ދަރިކަލުންނަކީ މިއީ.⁠“
38އެމީހާ ދެންނެވިއެވެ. ”⁠މާތް ސާހިބާ! އަޅުގަނޑު މިހިރީ އީމާންވެގެން.⁠“ މިހެން ބުނެފައި އޭނާ އީސާގެފާނު ފައިންޕުޅު މައްޗަށް ސަޖިދައަށް ތިރިވެއްޖެއެވެ.
39އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ދުނިޔެއަށް މިއައީ ކަންތައްތައް ފައިސަލާ ކުރެވޭނެ ގޮތް ހެދުމަށް. އަނދިރިމީހުންގެ ލޯ އަލިކޮށް ދިނުމަށާއި ފެންނަކަމަށް ހީކުރާ މީހުންގެ ލޮލަށް ކަންތައް ފެނުނަސް ނުފެންނަކަން ދައްކައި ދިނުމަށް.⁠“
40އީސާގެފާނު މިހެން ވިދާޅުވިއިރު އެކަލޭގެފާނާއި ކައިރީގައި ތިބި ބައެއް ފަރީސީންނަށް މި އަޑު އިވިގެން ބުންޏެވެ. ”⁠އެހެންވިއްޔާ ތިޔަ ބުނަނީ އަހަރެމެންނަކީ ވެސް ލޯ އަނދިރި މީހުންނޭ ތަ؟⁠“
41އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން އަސްލުގައި ވެސް އަނދިރި ނަމަ ކަލޭމެން ކުށްވެރިއެއް ނުވީސް. އެކަމަކު ކަލޭމެން ތިބުނަނީ ކަލޭމެންނަށް ފެނެޔޭ. އެހެންވީ އިރު ކަލޭމެން ތިޔަ ތިބީ ކުށްވެރިވެފަ.⁠“

Àwon tá yàn lọ́wọ́lọ́wọ́ báyìí:

ޔޫޙަންނާ 9: ކމ

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀

Àwọn fídíò fún ޔޫޙަންނާ 9