ފެށުން 16
16
ހާޖަރު އާއި އިސްމާޢީލް
1-2އަބްރާމްގެ އަނބި ސާރާއީއަށް ދަރިއަކު ލިބުން ވަނީ ނުކުޅެދިފައެވެ. އޭރު ސާރާއީގެ އަޅު އަންހެނުންގެ ތެރޭގައި ހާޖަރުއޭ ކިޔުނު މިޞްރުގެ އަޅުއަންހެނަކު ވިއެވެ. ސާރާއީ އަބްރާމްއަށް ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އަހަރެންނަށް ދަރިއަކު ނުދެއްވި. ވީއިރު އަހަރެންގެ އަޅު އަންހެން ކުއްޖާ އާއިއެކު ރޭކުރައްވާ. އޭރުން އޭނާގެ ފުށުން އަހަންނަށް ދަރިއަކު ލިބިދާނެ.“ އަބްރާމް އާއި ސާރާއީ މިކަމަށް އެއްބަސްވެ ވަޑައިގަތެވެ. 3ސާރާއީ، އަބްރާމްއަށް އެކަލޭގެފާނުގެ އަނތްބެއްގެ ގޮތުގައި ގެންގުޅުއްވުމަށް ހާޖަރު ދެއްވިއެވެ. މިކަން މި ގޮތަށް ހިނގީ އަބްރާމް ކަންޢާނު ސަރަހައްދުގައި ދިރިއުޅެމުން ގެންދާތާ ދިހަ އަހަރު ދުވަސް ވެފައި ވަނިކޮށެވެ. 4ދެން އަބްރާމް ހާޖަރު އާއިއެކު ރޭކުރެއްވިއެވެ. ހާޖަރުއަށް އޭނާ ބަލިވެ އިންކަން ގައިމުވުމުން އެކަމާ ބޮޑާވެ، ސާރާއީއަށް ނަފްރަތު ކުރަން ފަށައިފިއެވެ.
5މި ގޮތަށް ދިމާވުމުން ސާރާއީ އަބްރާމްއަށް ވިދާޅުވިއެވެ. ”މި ހުރިހާ ކަމެއްގެ ކުށްވެރިއަކީ ކަލޭގެފާނު. އަހަރެންގެ އަޅު އަންހެން މީހާ އަހަރެން ކަލޭގެފާނަށް ދިނީމު. އެކަމަކު އޭނާ ބަލިވެއިންކަން ގައިމުވުމުން އަހަރެންނާއި މެދު ނަފްރަތު ކުރަން ފަށައިފި. އަހަންނާއި މެދު ކަލޭގެފާނަށް ތިޔަ ކަންތައް ކުރެއްވެނީ ކިހާ އިހާނެތިކޮށް. މިކަމާއި މެދު މާތްރަސްކަލާނގެ ކުރިފުޅުމަތީ ކަލޭގެފާނު ޒިންމާ އުފުއްލަވަން ޖެހޭނެ.“
6އަބްރާމް ޖަވާބުގައި ވިދާޅުވިއެވެ. ”އެންމެ ރަނގަޅު. އޭނާއަކީ ތިބާގެ އަޅު އަންހެނެއް. އޭނާ ވަނީ ތިބާގެ ބާރުގެ ދަށުގައި. ތިބާ ބޭނުންގޮތަކަށް އޭނާއާއި މެދު އަމަލު ކުރުމުގެ އިޚުތިޔާރު ތިބާއަށް ލިބިގެންވޭ.“ އޭގެފަހުން ސާރާއީ ހާޖަރާއި މެދު ވަރަށް އަނިޔާވެރިވިއެވެ. ދެން އެންމެފަހުން ހާޖަރު އެގެއިން ނުކުމެ ފިލައިފި އެވެ.
7-8ޝޫރަށް ދާ މަގުމަތީގައިވާ ސަހަރާގެ ތެރޭ، ފެންއާރެއްގެ ކައިރީ ހާޖަރު ހުއްޓާ މާތްރަސްކަލާނގެ މަލާއިކަތާ އޭނާ އާއި ބައްދަލު ކުރެއްވިއެވެ. އެ މަލާއިކަތާ ހާޖަރަށް ވިދާޅުވިއެވެ. ”ސާރާއީގެ އަޅު އަންހެނާ. ތިޔަ އަންނަނީ ކޮންތާކުންތަ؟ ތިޔަ ދަނީ ކޮންތާކަށްތަ؟“ ހާޖަރު ޖަވާބުގައި ދެންނެވިއެވެ. ”އަޅާ މި ދުވަނީ އަޅުގެ ސާހިބާ ސާރާއީ އާއި ދުރަށް ދިޔުމަށް.“
9 މާތްރަސްކަލާނގެ މަލާއިކަތާ ވިދާޅުވިއެވެ. ”އޭނާގެ ގާތަށް ދޭ. އަދި އޭނާގެ އަޅެއްގެ ގޮތުގައި ދެމިހުރޭ.“ 10އެއަށް ފަހު މަލާއިކަތާ ވިދާޅުވިއެވެ. ”އެއް ވެސް އިންސާނަކަށް ގުނާ އަދަދު ނުކުރެވޭ ފަދަ ދަރިފަސްކޮޅެއް މާތްރަސްކަލާނގެ ތިބާއަށް ދެއްވާނެ.#16:10 މިތާގައި ޢިބްރާނީ ބަހުން ލިޔެވިފައި ވަނީ ”އެއް ވެސް އިންސާނަކަށް ގުނާ އަދަދު ނުކުރެވޭ ފަދަ ދަރިފަސްކޮޅެއް އަހަރެން ތިބާއަށް ދެއްވާނަން.“ މިފަދައިން އިންނެވެ. 11-12ތިބާ މިހާރު ތިޔަ އިނީ ފިރިހެން ދަރިއަކަށް ބަލިވެ، އެ ދަރިފުޅުގެ ނަމަކަށް އިސްމާޢީލް އޭ ކިޔައި ނަންދީ. އެހެނީ މާތްރަސްކަލާނގެ ތިބާގެ ހިތްދަތިވެގެން ރުއި ރުއިމުގެ އަޑު އައްސަވައިފި.#16:11-12 ޢިބްރާނީ ބަހުން އިސްމާޢީލް މި ނަމުގެ މާނައަކީ މާތްކަލާނގެ އަޑު އެއްސެވިއެވެ. ތިބާއަށް ތިޔަ ލިބޭ ފިރިހެން ދަރިއަކީ ވަރުގަދަ ހިމާރެއް ފަދަ ކުއްޖެއް. އަދި އޭނާ އެންމެންނާއި ދެކޮޅުވެރިވާނެ. ހަމައެހެންމެ، އެމީހުން ވެސް އޭނާއާ ދެކޮޅުވެރިވާނެ. އޭނާގެ ދިރިއުޅުން ބިނާވާނީ އޭނާގެ އާއިލާއާއި ވަކިން.“
13އެހެންވެ އެބަސްފުޅު ވަޙީކުރެއްވި ކަލާނގެ ނަންފުޅުން ހާޖަރު ގޮވާލެއްވިއެވެ. ”އިނބަރަސްކަލާގެއަކީ ބައްލަވާ ވޮޑިގެންވާ ކަލާނގެ.“ ދެން އޭނާ ހިތާހިތާ ވިދާޅުވިއެވެ. ”އަޅުގެ މައްޗަށް ބައްލަވާ ވޮޑިގަންނަވާ ކަލާނގެ އަސްލުގައި ވެސް އަޅަށް ފެނިއްޖެ.“ 14އެތާ ހުރި ވަޅަށް، ބިއުރުލަޙައިރުއީ ކިޔައި ނަންދެވުނީ އެހެންވެއެވެ. #16:14 ބިއުރުލަޙައިރުއީގެ މާނައަކީ ބައްލަވާ ވޮޑިގެންވާ ކަލާނގެ ވަޅުކޮޅެވެ.މިވަޅު ހުންނަނީ ޤާދަޝް އާއި ބާރަދުއާ ދެމެދުގައެވެ.
15-16އަބްރާމްގެ އުމުރުފުޅުން އަށްޑިހަ ހަ އަހަރުގައި ހާޖަރު ފިރިހެން ދަރިއަކު ވިހައިފިއެވެ. އެ ދަރިފުޅުއަށް އިސްމާޢީލްގެ ނަމުން ނަންދެވުނެވެ.
Seçili Olanlar:
ފެށުން 16: ކމ
Vurgu
Paylaş
Kopyala
Önemli anlarınızın tüm cihazlarınıza kaydedilmesini mi istiyorsunuz? Kayıt olun ya da giriş yapın
© (Active), Wycliffe Bible Translators, Inc. All rights reserved.