Logotipo da YouVersion
Ícone de Pesquisa

މަންދޫބުންގެ މަސައްކަތް 11

11
ޖެރޫސަލަމުގެ އީސާގެފާނަށް އީމާންވެ ތިބި މީހުންގެ ޖަމާޢަތަށް ޕަތަރަސް ދިން ރިޕޯޓު
1އީސާގެފާނުގެ މަންދޫބުންނަށާ އަދި ޖުދެއާކަރައިގެ އީސާގެފާނު ގަބޫލުކޮށްގެން ތިބި މީހުންނަށް ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ ބަޔަކު ވެސް އީސާގެފާނަށް އީމާންވެއްޖެ ކަމުގެ ޚަބަރު ލިބުނެވެ. 2ނަމަވެސް ޕަތަރަސް އެނބުރި ޖެރޫސަލަމަށް އައުމުން އީސާގެފާނަށް އީމާންވެގެން ތިބި ބަނީއިސްރާއީލު މީހުންގެ ތެރެއިން ޚިތާނު ކުރުން އެއީ ފަރުލެއް ކަމުގައި ދެކޭ މީހުންގެ ތެރެއިން ބަޔަކު ޕަތަރަސްއަށް ފާޑުކިޔާ ބުންޏެވެ. 3”⁠ކަލޭ ތިޔަ އައީ ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންގެ ގޭގައި ހުރެފަ. އަދި އެމީހުންނާއި އެކު އެއްސުފުރާ މަތީ ކައި ވެސްފަ.⁠“ 4ދެން ޕަތަރަސް ވީ ހުރިހާ ކަމެއް އެމީހުންނަށް ސާފުކޮށް ކިޔާދީ ބަޔާންކޮށްދިނެވެ.
5އޭނާ ބުންޏެވެ. ”⁠އެއްދުވަހަކު އަހަރެން ޖައްފާގައި ދުޢާ ކުރުމަށް އިންދާ ހުވަފެނެއް ފަދަ ގޮތަކަށް އަހަރެން މި ކަންތައް ދުށިން. އަހަންނަށް ފެނުނީ އުޑުން ބޮޑު ސަތަރިއެއް ފަދަ އެއްޗެއް އޭގެ ހަތަރު ކަނުގައި ހިފިފައިވާ ފަދައިން ތިރިވަނިކޮށް. އެ ސަތަރިގަނޑު އަހަރެންނާއި ވަރަށް ކައިރިއަށް އައި. 6އަހަރެން އެ ސަތަރިގަނޑުގެ ތެރެއަށް ބަލާލިއިރު އަހަރެންނަށް ފެނުނީ ބަނީއިސްރާއީލު މީހުންނަށް ކެއުމަށް ހަރާން ވެފައިވާ ތަފާތު ޖަނަވާރުތައް. އޭގެ ތެރޭގައި ވަލު ޖަނަވާރާއި، ބޮނޑުގެ ބާވަތްތަކާ، އަދި ދޫނި ސޫފާސޫފީގެ ބާވަތްތައް ވެސް ވި. 7ދެން އަހަންނަށް އިވުނުނީ އުޑުން މި ފަދައިން ބުނެވުނު އަޑު. ’⁠ޕަތަރަސްއޭ. ތެދުވާށޭ. ތިޔަތަކެތި ކަތިލައިގެން ކާށޭ.⁠‘ 8ނަމަވެސް އަހަރެން ބުނީން. ’⁠ނޫނެކޭ މާތްސާހިބާއޭ. އަޅުގަނޑު ދުވަހަކު ވެސް ނުތާހިރު ހަރާން ކާއެއްޗިއްސެއް ނުކަމޭ.⁠‘ 9ދެން އަނެއްކާ އުޑުން މި ފަދައިން ބުނެވުނު އަޑު އަހަރެން އެހީން. ’⁠މާތްރަސްކަލާނގެ މި ތަކެތި މި ހަލާލް އެއްޗެތި ކަމުގައި ލައްވައިފިއޭ. ވީއިރު މި ތަކެއްޗަށް ހަރާން އެއްޗިއްސޭ ނުބުނާށޭ.⁠‘ 10ތިން ފަހަރު މަތިން މި ފަދައިން ކަންތައް ވި. ދެން ކުއްލިއަކަށް އެ ސަތަރިގަނޑު އުޑަށް ގެންދެވުނު. 11ހަމަ އެވަގުތު ކައިސަރިޔާ އިން އަހަރެން ބަލާ އައި ތިން މީހުން އެގޭގެ ކުރިމައްޗަށް އައި. 12މާތްރޫޙުފުޅު އަހަރެންނަށް އެންގެވީ ބިރު ނުގަނެ އެމީހުންނާއި އެކު ދިއުމަށް. ދެން އަހަރެންނާއިއެކު މިތާ މިތިބަ އީސާގެފާނަށް އީމާންވެގެންވާ މި ހަ މީހުންނާއި އެކު ކައިސަރިޔާއަށް ގޮސް ކޮރުނޭލިޔުސްގެ ގެއަށް އަހަރެމެން ދިޔައީން. 13ކޮރުނޭލިޔުސް އަހަރެމެން ކާރީ ބުނި. މާތްރަސްކަލާނގެ އެގެއަށް މަލާއިކަތަކު ފޮނުއްވާ އޭނާއަށް އެންގެވީ ޖައްފާއަށް ބަޔަކު ފޮނުވާ ޝަމްއޫނު ޕަތަރަސް އެ ރަށަށް ގެނައުމަށް ކަމުގަ. 14އެއީ އަހަރެން ބުނާނެ ބަސްތަކުގެ އަޑު އެހުމުން އޭނާ އާއި އޭނާގެ ގޭގެ އެންމެން ދިންނެވޭނެތީ ކަމުގައި އެމަލާއިކަތާ ވިދާޅުވި.
15ދެން އަހަރެން އީސާގެފާނާއި ބެހޭ ގޮތުން އެމީހުންނާއި ވާހަކަދައްކަން ހަމަފެށުމާއި އެކު އަހަރެމެންގެ މައްޗަށް މާތްރޫޙުފުޅު ކުރިން ހަމަ ވެރިވި ފަދައިން އެމީހުން އެންމެންގެ މައްޗަށް ވެސް މާތްރޫޙުފުޅު ވެރިވި. 16އެވަގުތު މާތްސާހިބާ މިހެން ވިދާޅުވި ބަސްފުޅުގެ މަތިން އަހަރެން ހަނދާން ވި. އެކަލޭގެފާނު ވިދާޅުވި. ’⁠ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން ހިނެވީ ފެނުންނޭ. ނަމަވެސް ކަލޭމެން ތައުބާގެ ހިނެވުމަށް ހިނެވޭނީ މާތްރޫޙުފުޅުންނޭ.⁠‘ 17އަހަރެމެން ވެސް މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލު ކުރުމުން މާތްރަސްކަލާނގެ ހަމަ އަހަރެމެންނަށް ވެސް ދެއްވި ހަދިޔާ އެމީހުންނަށް ވެސް ދެއްވި. ވީއިރު އެކަމާއި ދެކޮޅަށް އަހަރެން ބުނާނީ ކީކޭ؟⁠“ 18ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް ޕަތަރަސްގެ މި ވާހަކަތަކުގެ އަޑު އިވުމުން އޭނާއާއި ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް މިފަދައިން ހަމްދާއި ޝުކުރު ކޮށް ސަނާކިޔެވެ. ”⁠ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އެކަލާނގެ ކިބަފުޅަށް އެނބުރުމުގެ ފުރުސަތު މާތްރަސްކަލާނގެ ދެއްވައިފި. އަދި އެމީހުންނަށް ނިމުންނުވާ ދިރިހުރުން އެކަލާނގެ ދެއްވައިފި.⁠“
އަންތީޔޮކުގެ ޖަމާޢަތް
19އިސްތިފާނު މަރާލި މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި އެހެން މީހުންނަށް ވެސް ވަރަށް ގިނަ އުނދަގޫތަކާ އަނިޔާތައް ދިނެވެ. އެކަމުގެ ސަބަބުން އީސާގެފާނަށް އީމާންވެގެން ތިބި ވަރަށް ގިނަ ބަޔަކު ވަކި ވަކި ވެ ވިއްސިވިހަވާލި ވެގެން ދިޔައެވެ. މީގެ ތެރެއިން ބައެއްމީހުން ފެނީސިޔާއާއި ސައިޕުރަސް އާއި އަންތީޔޮކުގައި ދަތުރުކޮށް އީސާގެފާނާއި ބެހޭ ޚަބަރުފުޅުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ. ނަމަވެސް މިމީހުން މި ކަންތައްތައް އަންގައިދީ ވާހަކަދައްކާ އުޅުނީ ހަމައެކަނި ބަނީއިސްރާއީލު މީހުންނާއެވެ. 20ދެން ސައިޕުރަސް އާއި ޒައިރީނުން އަންތީޔޮކުއަށް ދިޔަ އީސާގެފާނަށް އީމާންވެގެންވީ މީހުން އެ ރަށުގައި ވީ ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް މާތް ސާހިބާ އީސާގެފާނާއި ބެހޭ ހެޔޮޚަބަރުފުޅު އަންގައިދީ އެކަލޭގެފާނުގެ ބަސްފުޅުތައް ކިޔާދީ ހެދިއެވެ. 21މާތްސާހިބާ އެކަލޭގެފާނުގެ މީސްތަކުންނަށް މި ކަމުގައި އެހީތެރިވެ ދެއްވިއެވެ. އަދި ވަރަށް ގިނަ ބަޔަކު ގަބޫލުކޮށް މާތްސާހިބާއަށް އީމާންވިއެވެ. 22ޖެރޫސަލަމުގެ އީސާގެފާނު ގަބޫލު ކުރާ ޖަމާޢަތުގެ މީހުންނަށް މިޚަބަރު ލިބުމުން އެމީހުން ބަރުނައްބާސް އަންތީޔޮކުއަށް ފޮނުވިއެވެ.
23ބަރުނައްބާސް އަށް މާތްރަސްކަލާނގެ އެމީހުންނަށް ނިޢުމަތް ދެއްވާފައިވާ މިންވަރު ފެނުމުން އެކަމާ ނުހަނު އުފާވިއެވެ. އަދި އޭނާ އެމީހުންގެ ކިބައިން އެދުނީ އަބަދުވެސް ހިތުގެ އަޑިން އީސާގެފާނަށް އީމާންވެ އެ ގޮތުގައި ހަރުދަނާވެ ދެމި ތިބުމަށޭ. 24ބަރުނައްބާސް އަކީ ރަނގަޅު މީހެކެވެ. އޭނާ ވަނީ މާތްރޫޙުފުޅުގެ ފުރިހަމަ ބާރުގެދަށުގައެވެ. އަދި އޭނާގެ އީމާންކަން ވެސް ވަރުގަދައެވެ. ބަރުނައްބާސް އެ ރަށަށް ދިއުމަށް ފަހު ވެސް އިތުރު އެތައް ބަޔަކު އީސާގެފާނަށް އީމާންވިއެވެ. 25ދެން މިއަށް ފަހު ބަރުނައްބާސް ދިޔައީ ޝާއުލް ހޯދުމަށްޓަކައި ތަރުސުސްއަށެވެ.#11‏:25 އޭރު ޝާއުލް ތަރުސުސްގައި ދިރިއުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. 26ބަރުނައްބާސް ޝާއުލް ގޮވައިގެން އެނބުރި އަންތީޔޮކުއަށް އައެވެ. އެދެމީހުން އެ ރަށުގައި އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ މީހުން ކާރީ އެމީހުންނަށް ކިޔަވާދިނުމަށް އެއްއަހަރު މަޑު ކުރިއެވެ. ފުރަތަމަ ފަހަރަށް އީސާގެފާނު ގަބޫލުކޮށް އީމާންވެ އެކަލޭގެފާނުގެ ބަސްތަކާއި އެއް ފަދައިން އަމަލު ކުރާ މީހުންނަށް މަސީޙީންނޭ ކިޔުނީ އެ ރަށުގައެވެ. 27އެދުވަސްވަރު މާތްރަސްކަލާނގެ އެންގެވި ވަޙީގެ ބަސްފުޅެއް ހާމަކޮށް އެންގެވުމަށް ޖެރޫސަލަމުން ނަބީންގެ ބަޔަކު އަންތީޔޮކުއަށް އައެވެ. 28އޭގެ ތެރެއިން އެކަކު ކަމުގައި ވީ އަގާބުސް އޭ ނަމަކަށް ކިޔުނު މީހަކު ތެދުވެ މާތްރޫޙުފުޅުގެ ބާރުގެ ދަށުން އެންމެންނާ މުޚާޠަބުކޮށް ބުންޏެވެ: ”⁠މުޅި ދުނިޔެއަށް ވަރަށް ބޮޑު ތަދެއް އެބަ ކުރިމަތިވެއެވެ.⁠“ (މި ތަދު ކުރިމަތިވީ ކުލާއުދިއުސް ގެ ރަސްކަމުގެ ދުވަސްވަރުއެވެ.) 29ދެން އީސާގެފާނަށް އީމާންވެގެން ތިބި އެންމެން ގަސްތު ކުރީ އެމީހުންނަށް ވެގެންވީ އެންމެ ގިނަ އަދަދެއްގެ އެހީ ޖުދެއާކަރައިގައިވާ އީސާގެފާނު ގަބޫލު ކުރާ ޖަމާޢަތުގެ މީހުންނަށް ފޮނުވުމަށެވެ. 30ދެން މިމީހުން މިހުރިހާ އެއްޗެއް ބަރުނައްބާސް އާއި ޝާއުލްގެ ހަވާލުގައި ޖެރޫސަލަމުގެ އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތުގެ ބޮޑުންނާއި ހަވާލު ކުރުމަށް ފޮނުވިއެވެ.

Destaque

Compartilhar

Copiar

None

Quer salvar seus destaques em todos os seus dispositivos? Cadastre-se ou faça o login

Vídeos para މަންދޫބުންގެ މަސައްކަތް 11