ޔޫޙަންނާ 11

11
ލާޒަރުގެ މަރު
1‏-2ބެތާނިޔާގައި އުޅުނު ލާޒަރުއޭ ކިއުނު މީހަކު ވަރަށްބޮޑަށް ބަލިވިއެވެ. އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ ދެ ދައްތަ ކަމުގައިވާ މަރިޔަމް އާއި މަރުތާ އާއި އެކުގައެވެ. މި މަރިޔަމް އަކީ ފަހުން މާތްސާހިބާ އީސާގެފާނުގެ ފައިތިލަފުޅު މައްޗަށް އަގުބޮޑު އަތަރު އަޅައި އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިންޕުޅު ފޮހެދިން މަރިޔަމް އެވެ. ބަލިމީހާ އަކީ އެމީހުންގެ ފިރިހެންކޮއްކޮ ލާޒަރު އެވެ. 3އެހެން ކަމުން މަރުތާ އާއި މަރިޔަމް މީހަކު ފޮނުވައި އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! ކަލޭގެފާނު ލޯބިފުޅުވާ ލާޒަރު ވަނީ ވަރަށް ބޮޑަށް ބަލިވެ ހާލެއް ނެތިފަ.⁠“
4އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ބަލީގެ ނަތީޖާއަކީ ލާޒަރުގެ މަރުވުމެއް ނޫން. އެކަން އެފަދައިން އެވަނީ އެކަމުން މާތްރަސްކަލާނގެ ނަންފުޅަށް ޖަލާލުވަންތަކަން ލިބި، މާތްރަސްކަލާނގެ ދަރިކަލުންނަށް ވެސް އެކަމުގެ ސަބަބުން ޖަލާލަތު ލިބިގެން ދިއުމަށް.⁠“
5އީސާގެފާނު މަރުތާއާއި މަރިޔަމްއާއި ލާޒަރު ދެކެ ވަރަށް ބޮޑަށް ލޯބިފުޅުވެއެވެ. 6އެހެންވެ މިޚަބަރު ލިބިވަޑައިގަތީމަ ވެސް އެމީހުންގެ ގާތަށް ވަޑައިނުގެން އީސާގެފާނު ދެ ދުވަހަކު މަޑުކުރެއްވިއެވެ.
7ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެނބުރި ޖުދެއާއަށް ދަމާ ހިނގާ.⁠“
8އެކަލޭގެފާނުގެ އަސްޙާބީން މިކަމާ އިންކާރު ކުރުމުގެ ގޮތުން ބުންޏެވެ. ”⁠އެދުރުކަލޭގެފާނު. އެރަށުގައި ބަނީއިސްރާއީލުގެ ވެރިން ކަލޭގެފާނު ހިލައިންތަޅާ އަވަހާރަކޮށްލަން އުޅުނީ މީގެ ހަމަ ދެތިން ދުވަސް ކުރިން ނޫންތޯ. ވީއިރު ކަލޭގެފާނު އެރަށަށް ވަޑައިގަންނަވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟⁠“
9އީސާގެފާނު ވިދާޅުވިއެވެ. ”⁠ކޮންމެ ދުވަހަކުމެ ބާރަ ގަޑިއިރު އިރުގެ އަލިކަން ހުރެއެއް ނޫންތަ؟ އިރުގެ އަލިކަން ހުއްޓާ މީހުންނަށް ސަލާމަތް ކަމާއިއެކު ދަތުރު ކުރެވިދާނެ. އެއީ ދުނިޔޭގެ އަލިކަން އެމީހުންނާއި އެކު ވާނެތީ. 10ނަމަވެސް ރޭގަނޑުގެ އަނދިރިކަމުގައި ހިނގައި ދަތުރުކޮށް ދާ މީހަކު އެއްޗެއްގައި އަޅައިގެންފައި ވެއްޓިދާނެ. އެއީ އެމީހަކާއި އެކު އަލިކަން ނުވާތީ.⁠“
11މިއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެމެންގެ ރައްޓެހި ލާޒަރުއަށް ވަނީ ނިދިފައި. އަހަރެން މިދަނީ އޭނާއަށް ގޮވާ ހޭލައްވަން.⁠“
12އީސާގެފާނުގެ އަސްޙާބީން ދެންނެވިއެވެ. ”⁠ސާހިބާ! ލާޒަރު ރަނގަޅަށް ނިދީ ކަމުގައިވާނަމަ އެވާނީ އޭނާގެ ބަލި ރަނގަޅުވަމުން ދަނީ ކަމުގައި.⁠“ 13އީސާގެފާނު ލާޒަރުއަށް ވަނީ ނިދިފައޭ ވިދާޅުވި ބަސްފުޅުގެ މާނައަކީ އޭނާ ވަނީ މަރުވެފައޭ އެވެ. ނަމަވެސް އެކަލޭގެފާނުގެ އަސްޙާބީން ހީކުރީ އީސާގެފާނު އެބަސްފުޅުން މާނަކުރެއްވީ ލާޒަރު ވަނީ އާދައިގެ ގޮތެއްގައި ނިދިފައި ކަމަށެވެ.
14އެހެންކަމުން އީސާގެފާނު އެމީހުންނަށް އޮޅުން ފިލާނެހެން ވިދާޅުވިއެވެ. ”⁠ލާޒަރު މަރުވެއްޖެ! 15އަހަރެން އެތާނގައި އޭނާގެ ކައިރީގައި ނުވިކަން އެއީ ކަލޭމެންނަށް ރަނގަޅަކަށް ވީކަމެއް. އެކަމާ އަހަރެން އުފާކުރަން. އެއީ މިކަމުގެ ސަބަބުން ވެސް ކަލޭމެންގެ އީމާންކަން އިތުރު ވާނެތީ. ލާޒަރުގެ ގާތަށް ދަމާހިނގާ.⁠“
16ދެން ތޯމާސް، ނުވަތަ ދީދިމޫހު#11‏:16 ގުރީކު ބަހުން ދީދިމުސް މިބަހުގެ މާނައަކީ އެއްމާބަނޑު ދެކުދިންނެވެ. އެހެން އަސްޙާބީންނަށް ބުންޏެވެ. ”⁠އެކަލޭގެފާނުގެ އަރިހުގައި ދަމާހިނގާ. އޭރުން އެކަލޭގެފާނާއި އެކު އަހަރެމެން ވެސް މަރުވެދާނެ އެންނު.⁠“
ލާޒަރުގެ ދެ ދައްތަގެ ހިތާމަ އީސާގެފާނު އިހުސާސް ކުރެއްވި
17އީސާގެފާނު ބެތާނިޔާއަށް ވަޑައިގަތްއިރު ލާޒަރު މަރުވެ ގަބުރުސްތާނަށް ގެންދެވުނުތާ ހަތަރު ދުވަސް ވެއްޖެއެވެ. 18ބެތާނިޔާ ވަނީ ޖެރޫސަލަމާ ގާތްގަނޑަކަށް ދެ މޭލު ދުރުގައެވެ. 19އެތައް ބައިވަރު ބަނީއިސްރާއީލު މީހުންނެއް މަރުތާ އާއި މަރިޔަމްއަށް އެމީހުންގެ ކޮއްކޮ މަރުވެދިއުމުން ލިބުނު ހިތާމައިގައި ހިތްވަރު ދިނުމަށް ބެތާނިޔާއަށް އައެވެ.
20މަރުތާއަށް އީސާގެފާނު އެރަށަށް ވަޑައިގެންނެވި ޚަބަރު ލިބުމުން އެކަލޭގެފާނު ބަލާ ދިޔައެވެ. ނަމަވެސް މަރިޔަމް ނުގޮސް ގޭގައި މަޑުކުރިއެވެ. 21މަރުތާ ދެންނެވިއެވެ. ”⁠މާތްސާހިބާ! ކަލޭގެފާނު މިތަނުގައި އަޅުގަނޑުމެންގެ ކާރީގައި ހުރިނަމަ އަޅުގަނޑުގެ ކޮއްކޮ މަރެއް ނުވީސް. 22އެކަމަކު މިހާރު ވެސް ކަލޭގެފާނު އެދިވަޑައިގެންވާ ކޮންމެ ކަމެއް މާތްރަސްކަލާނގެ ހިންމަވައި ދެއްވަވާނެ ކަން އަޅުގަނޑަށް ޔަޤީން.⁠“
23އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެ ކޮއްކޮ އަލުން ދިރިގެން އަންނާނެ.⁠“
24މަރުތާ ދެންނެވިއެވެ. ”⁠އަޅުގަނޑަށް ވެސް އެނގޭ ޤިޔާމަތް ދުވަހުން އެހެން ވެސް މީހުންނާއެކު އޭނާ ވެސް އަލުން ދިރުއްވާނެކަން.⁠“
25އީސާގެފާނު ވިދާޅުވިއެވެ. ”⁠މީހުންނަށް އަލުން ދިރުން ދޭނީ އަހަރެން. އަދި މީހުންނަށް ނިމުންނުވާ ދިރިހުރުން ދެނީ ވެސް ހަމަ އަހަރެން. އަހަރެން ގަބޫލުކޮށް އީމާންވާ މީހުން މަރުވިޔަސް ދިރިތިބޭނެ. 26އަހަރެން ގަބޫލުކޮށް އަހަރެންނަށް އީމާންވުންމަތީ ދިރިއުޅެމުން ދާ އެކަކު ވެސް މަރުވެ ނެތިގެންނެއް ނުދާނެ. މަރުތާ އެކަން ގަބޫލު ކުރަންތަ؟⁠“
27މަރުތާ ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ މާތްސާހިބާ! ތިޔައީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ދުނިޔެއަށް ފޮނުއްވި ފަރާތް. އަލްމަސީޙަކީ ވެސް މާތްރަސްކަލާނގެ ދަރިކަލުންނަކީ ވެސް ހަމަ ކަލޭގެފާނު. އެކަން އަޅުގަނޑު ގަބޫލުކުރަން.⁠“
28މަރުތާ މިހެން ބުނުމަށް ފަހު އެނބުރި ގޮސް އޭނާގެ ކޮއްކޮ މަރިޔަމް ގާތު އެކަހެރިކޮށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު ވަޑައިގެންފި. އެކަލޭގެފާނު ކަލޭ ދުށުމަށް އެދިވަޑައިގަންނަވާ.⁠“ 29މަރިޔަމްއަށް މިޚަބަރު ލިބުމުން އަވަހަށް ތެދުވެގެން އީސާގެފާނާއި ބައްދަލުކުރުމަށް ދިޔައެވެ.
30އީސާގެފާނު އޭރު ވެސް ހުންނެވީ ރަށްބޭރުގައި އެކަލޭގެފާނު މަރުތާއާއި ބައްދަލުވެ ވަޑައިގަތް ތަނުގައެވެ.
31ލާޒަރު މަރުވުމުގެ ސަބަބުން އެގެއަށް އެއްވެފައިވާ މީހުންނަށް މަރިޔަމް ކުއްލިއަކަށް ތެދުވެގެން ދާތަން ފެނުމުން ހީކުރެވުނީ އޭނާ އެދަނީ ލާޒަރުގެ މަހާނަދޮށަށް ރޯން ކަމުގައެވެ. އެހެންކަމުން އެމީހުން ވެސް އޭނާގެ ފަހަތުން ދިޔައެވެ. 32މަރިޔަމް ދިޔަ ގޮތަށް ދިޔައީ އީސާގެފާނު ހުންނެވި ތަނަށެވެ. އޭނާއަށް އެކަލޭގެފާނު ފެނުމާއި އެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓި ރޮއިގެންފައި ދެންނެވިއެވެ. ”⁠މާތް ސާހިބާ! ކަލޭގެފާނު މިތާ އަޅުގަނޑުމެންގެ ކާރީގައި ހުންނެވިނަމަ އަޅުގަނޑުގެ ކޮއްކޮ މަރެއް ނުވީސް.⁠“
33އީސާގެފާނަށް މަރިޔަމް އާއި އޭނާއާއިއެކު އައި އެންމެން ރޯ ތަން ފެނުމުން ވަރަށް ދެރަފުޅުވެ އެކަލޭގެފާނުގެ ހިތްޕުޅަށް ވެސް ބޮޑަށް އަސަރު ކުރިއެވެ. 34ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އޭނާގެ ގަބުރު ކަލޭމެން ލީ ކޮންތާނކަށް.⁠“ އެމީހުން ދެންނެވިއެވެ. ”⁠ސާހިބާ، އަޅުގަނޑުމެންނާއި އެކު ވަޑައިގަންނަވާ އަޅުގަނޑުމެން އެތަން ދައްކާނަން.⁠“ 35ދެން އީސާގެފާނު ކީރިތި ކުރެއްވިއެވެ.
36އެތާނގައި ތިބި މީހުންގެ ތެރޭން ބަޔަކު ބުންޏެވެ. ”⁠އެކަލޭގެފާނު ލާޒަރު ދެކެ ލޯބިފުޅުވާ ވަރު ނިކަން ދެކިބަލަ.⁠“ 37ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠އޭނާ ލޯއަނދިރި މީހާގެ ލޮލުގެ އަލިކަން އަނބުރާ ގެނެސްދިން. ވީއިރު އޭނާ ލާޒަރު މަރުވިޔަ ނުދީ ނުބެހެއްޓީ ކީއްވެ؟⁠“
އީސާގެފާނު ލާޒަރު މަރުވެފައި ވަނިކޮށް އަލުން ދިރުއްވި
38އީސާގެފާނުގެ ހިތްޕުޅަށް އަނެއްކާވެސް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. ދެން އެކަލޭގެފާނު ލާޒަރުގެ މަހާނަދޮށަށް ވަޑައިގެންނެވިއެވެ. އެ މަހާނަ ވަނީ ފަރުބަދައެއްގެ އަރިމަތީގައިވާ ހޮހަޅައެއްގައެވެ. އެހޮހަޅައިގެ އަނގަމަތީގައި ވަރަށް ބޮޑު ހިލައެއް ޖެއްސިފައި ވިއެވެ. 39ދެން އީސާގެފާނު މީސްތަކުންނަށް އެ ހިލަ ފުރޮޅާލުމަށް އެންގެވިއެވެ.
ނަމަވެސް މަރުވެފައިވާ މީހާގެ ދައްތަ، މަރުތާ ދެންނެވިއެވެ. ”⁠މާތްސާހިބާ، ލާޒަރު މަރުވިތާ މިހާރު ހަތަރު ދުވަސް ވެއްޖެ. އެހެންވީމާ މިހާރު އެތާނގައި ދުވާނީ ކުނިވަސް.⁠“
40އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭގާތު ނުބުނަންތަ؟ ކަލޭ ވެސް އީމާންވެ ގަބޫލުކޮށްފިއްޔާ ކަލެއަށް ވެސް މާތްރަސްކަލާނގެ ޖަލާލުވަންތަކަން ފެންނާނެޔޭ.⁠“
41ދެން އެމީހުން އެތަނުގައި ޖައްސާފައިވީ ހިލަ އެއްފަރާތަކަށް ފުރޮޅާލިއެވެ. އެވަގުތު އީސާގެފާނު މައްޗަށް ބައްލަވާފައި މިފަދައިން ވިދާޅުވިއެވެ. ”⁠ބައްޕާފުޅު އަޅުގަނަޑުގެ ދުޢާ އެއްސެވީތީ ހަމްދާ ޝުކުރު ކުރަން. 42ބައްޕާފުޅު އަޅުގަނޑުގެ އަޑު އަބަދުވެސް އައްސަވާކަން އަޅުގަނޑަށް އެނގޭ. ނަމަވެސް އަޅުގަނޑު މިހެން އެންމެންނަށް އިވޭ ވަރަށް މިދަންނަވަނީ މިތަނަށް އެއްވެފައި މިތިބި މީހުންނަށް، އެކަމުން އެމީހުންގެ ހިތަށް އީމާންކަން ވަނުމުގެ މަގު ފަހި ކޮށް ދިނުމަށް.⁠“
43އީސާގެފާނު ދުޢާކުރައްވައި ނިމިވަޑައިގެން ގޮވާލެއްވިއެވެ. ”⁠ލާޒަރު ނުކުމޭ!⁠“ 44ދެން މަރުވެފައިއޮތް ލާޒަރު އެ ހޮހަޅައިން ނުކުތެވެ. އޭނާ ވަނީ ކަފުނުން ބަނދެވިފައެވެ. އަދި އޭނާގެ މޫނުގައި ބަނދެވިފައިހުރި ކަފުނުން މޫނު ވަނީ ފޮރުވިފައެވެ. އީސާގެފާނު އެތާނގައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠އޭނާގެ ގައިގައި އެހެރަ ކަފުންތައް މޮހެލާ.⁠“
އީސާގެފާނު އަވަހާރަ ކޮށްލުމަށް ރޭވުނު
45މަރިޔަމްއާއި އެކު އެތަނަށް އައި މީސްތަކުންގެ ތެރެއިން އެތައް ބަޔަކަށް މި ކަންތައްތައް ފެނި އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ. 46ނަމަވެސް އަނެއްބައިމީހުން ފަރީސީނުގެ ގާތަށް ގޮސް އީސާގެފާނު ކުރެއްވި ހުރިހާކަމެއް ކިޔާދިނެވެ. 47ދެން ބޮޑުއިމާމުންނާއި ފަރީސީން ބަނީއިސްރާއީލުގެ ބޮޑުންގެ ދީނީކޯޓުގެ ބައްދަލުވުމަކަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠އަހަރެމެން ކުރަންވީ ކީއް؟ މިމީހާ އެތައް މުޢުޖިޒާތްތަކެއް ދައްކަމުން އެބަދޭ. 48އަހަރެމެން މިމީހާ ނުހުއްޓުވައިފި ނަމަ އިސާހިތަކު ހުރިހާ އެންމެން އޭނާ ގަބޫލުކޮށް އީމާންވެދާނެ. އޭރުން ރޯމުގެ ސަރުކާރު އަހަރެމެންގެ ބައިތުލް މަޤްދިސްއާ އަދި އަހަރެމެންގެ ޤައުމު ވެސް ނެތިކޮށްލާނެ.⁠“#11‏:48 އެދުވަސްވަރު މީހުން ހީކޮށްތިބީ މަސީޙާ އަކީ ރަސްކަލެއް ކަމަށެވެ. އެހެންކަމުން ރޯމުގެ ރަސްކަން ނޫން ރަސްކަމެއް އަތުވެއްޖެނަމަ ރޯމުގެ ލަޝްކަރު އެމީހުންނަށް ހަމަލަ ދީފާނެތީ އެމީހުން ތިބީ ބިރުގެންފައެވެ.
49ދެން އޭގެތެރެއިން އެއަހަރުގެ އުއްތަމަ އިމާމު ކަމުގައިވާ ކައިފާސް ބުންޏެވެ. ”⁠ކަލޭމެން ތިޔަ ދައްކަނީ ކޮންފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް؟ 50މުޅި ޤައުމު ނެތިގެންދާންވީ ކީއްވެ؟ އެންމެން މަރުވެ ދިއުމުގެ ބަދަލުގަ އެކަކު މަރުވުން މާ ރަނގަޅުވާނެ ކަމެއް ކަލޭމެންނަކަށް ނުވިސްނޭތަ؟⁠“
51އޭނާ މި ބުނިއްޔަކީ އޭނާގެ އަމިއްލަ ބަސްތަކެއް ނޫނެވެ. އެ ދުވަސްވަރު އެންމެ މަތީ އިމާމަކަށް ހުރި މީހެއްގެ ގޮތުން އޭނާ އެބުނީ ޣައިބުގައި އެކަންތައް ވާން އޮތް ގޮތުގެ ވާހަކައެވެ. އޭނާ ބުނެފައި ވަނީ އީސާގެފާނުގެ ޤައުމަށްޓަކައި އަވަހާރަވެ ވަޑައިގަންނަވާނެކަމަށެވެ. 52އަދި އެކަލޭގެފާނު އަވަހާރަވެ ވަޑައިގަންނަވާނީ އެކަލޭގެފާނުގެ ޤައުމަށްޓަކައި އެކަނި ނޫން ކަމާއި ދުނިޔޭގެ އެތަން މިތަނަށް ވިއްސިވިހާލި ވެފައިވާ މާތްރަސްކަލާނގެ ދަރިންތައް އެކަތިގަނޑަކަށް ހައްދަވައި އެމީހުންގެ މެދުގައި ގުޅުން ގާއިމުކޮށް ދެއްވުމަށްޓަކައި ވެސް މެއެވެ.
53އެހެންވެ އެދުވަހުން ފެށިގެން ބަނީއިސްރާއީލުގެ ވެރިން އީސާގެފާނު އަވަހާރަކޮށްލުމުގެ ރޭވުންތައް ރާވަން ފަށައިފިއެވެ. 54އެހެންކަމުން އީސާގެފާނު އާންމު ތަންތަނަށް ދިއުން ހުއްޓާލައްވައި ޖެރޫސަލަމުން ވަޑައިގެންނެވިއެވެ. އެކަލޭގެފާނު މީހުން ނޫޅޭ ހަނަފަސް ސަހަރާގެ ކައިރީ ހިސާބެއްގެ ރަށެއް ކަމުގައިވާ އެފުރައީމަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު އެތާނގައި މަޑުކުރެއްވިއެވެ.
55މިހާރު ވަނީ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަރަށް ކައިރިވެފައެވެ. ވީމާ ޖެރޫސަލަމުން ބޭރު ސަރަހައްދުތަކުގެ މީހުން ވަނީ ޖެރޫސަލަމަށް އެއްވެފައެވެ. އެމީހުން އެޢީދު އައުމުގެ ދުވަސްކޮޅެއް ކުރިން އެރަށަށް އަންނަމުން ދަނީ އެޢީދަށް ތައްޔާރު ވުމުގެގޮތުން ސާފުތޯހިރު ވުމަށްޓަކައި ކުރަންވާ ކަންތައްތައް ކުރުމަށެވެ. 56އެމީހުން އީސާގެފާނު ފެނޭތޯ ހޯދައި ބައިތުލް މަޤްދިސްގެ ތެރޭގައި މިވާހަކަ ދައްކަމުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠ކަލޭމެންނަށް ހީވަނީ ކިހިނެއް؟ އޭނާ ފަހަނަޅައި ދިއުމުގެ ޢީދަށް ޖެރޫސަލަމަށް އަންނާނެތަ؟⁠“ 57ބޮޑުއިމާމުންނާއި ފަރީސީން އެންމެންނަށް ވެސް އަންގާފައި ވަނީ އީސާގެފާނު ފެނުނު ކޮންމެ މީހަކުމެ އަވަހަށް އެކަން އެމީހުންނަށް އެންގުމަށެވެ. އެއީ އެމީހުން ގަސްތުކުރީ އެކަލޭގެފާނު ފެނުމާއި އެކު ހައްޔަރުކުރުމަށެވެ.

Marker

Del

Kopier

None

Vil du ha høydepunktene lagret på alle enhetene dine? Registrer deg eller logg på