ފެށުން 2

2
1މިގޮތުގެ މަތިން އުޑާއި ބިމުގައިވާހައި ތަކެއްޗެއް މާތްކަލާނގެ އުފައްދަވައި ނިންމެވިއެވެ. 2ހަތްވަނަ ދުވަސް އައިއިރު މާތްކަލާނގެ އެކަލާނގެ ކުރެއްވި މަސައްކަތްޕުޅު ވަނީ މުޅީން ނިންމަވާލައްވާފައެވެ. 3އެކަލާނގެ ހަތްވަނަ ދުވަހަށް ރަޙުމަތްލައްވައި އެދުވަހަކީ މާތްދުވަހެއް ކަމުގައި ލެއްވިއެވެ. ސަބަބަކީ އެދުވަހަކީ އެކަލާނގެ އުފެއްދެވި އެންމެހާ އުފެއްދެވުންތައް ފުރިހަމަ ކުރައްވައި ނިންމަވާލެއްވުން ފާހަގަކުރައްވާ ދުވަސް ކަމުގައި ވީމައެވެ.
އާދަމްގެފާނާއި ޙައްވާގެފާނު
4‏-5މިއީ އުޑުތަކާއި ދުނިޔެ އުފެއްދެވި ގޮތުގެ ވާހަކައެވެ. މަތިވެރި ރަސްކަލާނގެ، އެކަލާނގެ ދުނިޔެއާއި އުޑުތައް އުފެއްދެވިއިރު ގޮވާން އަޅާ ގަސްތަކެއް ހުރި ދަނޑެއް، ނުވަތަ ދަނޑެއްގައި ހައްދާ ކަހަލަ ގަސްތަކެއް ވެސް އަދި ދުނިޔޭގެ ތަނަކު ނުވެއެވެ. މަތިވެރިރަސްކަލާނގެ އޭރަކު ދުނިޔެއަށް ވިއްސާރައެއް ވެސް ނުފޮނުއްވައެވެ. އަދި ދުނިޔޭގެ ބިމަކު ދަނޑެއް އެއްޗެއް ހައްދާނެ އިންސާނަކު ވެސް ނުމެނެތް މެއެވެ. 6ނަމަވެސް ބިމުން ފެންއާރުތައް އުފެދިގެން އައެވެ. މިފެނުން މުޅި ދުނިޔޭގެ ބިމަށް ފެން ލިބުނެވެ.
7މަތިވެރިރަސްކަލާނގެ ބިމުގެ ހިރަފުހުން އިންސާނާ އުފެއްދެވިއެވެ. އަދި އެ އިންސާނާގެ ނޭފަތުގެ ތެރެއަށް ދިރުމުގެ ނޭވާފުޅެއް ލެއްވިއެވެ. އެވަގުތު އިންސާނާއަށް ދިރުން ލިބުނެވެ. 8މަތިވެރިރަސްކަލާނގެ އިރުމަތީގައި ޢަދަނޭ ކިޔާ ރަށެއްގައި ބަގީޗާއެއް ހެއްދެވިއެވެ. އަދި އެކަލާނގެ ހެއްދެވި އިންސާނާ އެބަގީޗާގެ ތެރޭގައި ލެއްވިއެވެ. 9މަތިވެރިރަސްކަލާނގެ އެބަގީޗާގެ ބިމުން އެތައް އެތައް ވައްތަރެއްގެ ގަސްގަހާގެއްސެއް ފެޅުއްވިއެވެ. ބަލަން ރީތި ކެއުމަށް ކަމުދާ ރަހަމީރު މޭވާ އަޅާ ގަސްތަކެވެ. ދާއިމީ ޙަޔާތުގެ ގަހާއި އަދި ހެވާއި ނުބައި ވަކިކުރުމުގެ އިލްމު ލިބިދޭ ގަސް ވެސް ވަނީ އެބަގީޗާގެ މެދުގައެވެ.
10އެބަގީޗާއަށް ފެން ލިބޭ ފެންއާރެއް ޢަދަނުގެ ތެރެއިން އުތުރިއަރައި އޮއިދެމެމުން ދިޔައެވެ. އެފެންއާރު ޢަދަނުގެ ބޭރަށް ގޮސް ބައިބައިވެ ހަތަރު ކޯރަކަށް ބެހުނެވެ. 11ފުރަތަމަ ކޯރުގެ ނަމަކީ ފީޝޫންއެވެ. އެކޯރު ދެމެމުން ދިޔައީ ޙަވީލާއޭ ކިޔުނު ސަރަހައްދުގެ އެއްކޮޅުން އަނެއްކޮޅަށެވެ. އެސަރަހައްދުން ރަން ވެސް ލިބެއެވެ. 12އެއީ ސާފު ރަނެވެ. އަދި އެ ސަރަހައްދުގައިވާ ގަސްތަކުން ލިބޭ ކިރަކީ ތަދު ބާވަތެއްގެ މީރުވަސްދުވާ ހުވަނދެކެވެ. ސުލައިމާނު މުތީއޭ ކިޔާ ޖަވާހިރު ވެސް އެބިމުގައި ވެއެވެ.
13އެތަނުގައިވާ ފެން އާރުން އުފެދުނު ދެވަނަ ކޯރުގެ ނަމަކީ ޖީޙޫން އެވެ. އެކޯރު ދެމިފައިވީ ކޫޝް ސަރަހައްދުގެ އެއްކޮޅުން އަނެއްކޮޅަށެވެ. 14މިއާރުން އުފެދުނު ތިންވަނަ ކޯރުގެ ނަމަކީ ދިޖްލަތެވެ. މި ކޯރު ދެމިފައިވީ އައްޝޫރުއޭ ކިޔުނު ސަރަހައްދުގެ އިރުމަތީގައެވެ. މިއާރުން އުފެދުނު ހަތަރު ވަނަ ކޯރުގެ ނަމަކީ ފުރާތު ކޯރެވެ.#2‏:14 މި ދެ ކޯރު މިހާރު ވަނީ އިރާގުގެ ސަރަހައްދުގައެވެ.
15މަތިވެރިރަސްކަލާނގެ، އެކަލާނގެ އުފެއްދެވި އިންސާނާ ޢަދަނަށް ގެންދަވައި އެބަގީޗާގައި ލެއްވިއެވެ. އަދި އެތަނުގައި ގަސްތައް ހައްދާ ބެލެހެއްޓުމާ ހަވާލު ކުރެއްވިއެވެ. 16އެއަށް ފަހު މަތިވެރިރަސްކަލާނގެ އިންސާނާއަށް އަމުރު ކުރެއްވިއެވެ. ”⁠މިބަގީޗާގައިވާ ހުރިހާގަހެއްގައި އަޅާތަކެތި ކެއުމުގެ ހުއްދަ ތިބާއަށް ދީފިން. 17ނަމަވެސް ހެވާއި ނުބައި ވަކިކުރުމުގެ ޙިކުމަތް އެކުލެވިގެންވާ ގަހުގެ މޭވާ ކައިގެން ނުވާނެ! އެއީ އެގަހުގެ މޭވާ ތިބާ ކައިފިނަމަ ހަމަ ޔަޤީނުން ވެސް ތިބާ މަރުވާނެ!⁠“
18މަތިވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ފިރިހެނާ އެކަނިވެރި ވުމަކީ ރަނގަޅު ކަމެއް ނޫން. އޭނާ އާއި އެކަށޭނަ ބައިވެރިއަކު ތިމަންކަލާނގެ އުފައްދަވާނަން.⁠“
19މި ހިނދު މަތިވެރިރަސްކަލާނގެ ވަނީ މިބިމުން ދުނިޔޭގައި ލެއްވިހާ ބާވަތެއްގެ ޖަނަވާރުތަކާއި ދޫނި ސޫފާސޫތްޕެއް އުފައްދަވާފައެވެ. މިހުރިހާ ޖަނަވާރުތަކާއި ދޫނިސޫފާސޫތްޕެއް އިންސާނާގެ ގާތަށް އެކަލާނގެ ޖަމާކުރެއްވިއެވެ. އެއީ އިންސާނާ ލައްވައި އެ އެއްޗެއްސަށް ނަންދިނުމަށެވެ. މިއިން ކޮންމެ އެއްޗަކަށް އިންސާނާ ދިން ނަމަކީ އެ އެއްޗެތީގެ ނަންކަމުގައި ވިއެވެ. 20މިގޮތުގެމަތިން އިންސާނާ ދުނިޔޭގައި ވާހާ ޖަނަވާރަކަށާއި ދޫނިސޫފާސޫތްޕަކަށް ނަންދިނެވެ. ނަމަވެސް އެހުރިހާ އެއްޗެއްގެ ތެރެއަކުން ވެސް އިންސާނާއާއި ގުޅޭނެކަހަލަ އެކުވެރި ބައިވެރިޔަކު ނުލިބުނެވެ.
21ދެން މަތިވެރިރަސްކަލާނގެ އިންސާނާ ފުން ނިންޖަކުން ނިންދަވާލެއްވިއެވެ. އަދި އޭނާ ނިދީގެ ތެރޭގައި ވަނިކޮށް އޭނާގެ އަރިކަށިން ކަށިގަނޑެއް ނެންގެވުމަށް ފަހު އެތަނަށް މަސް ލައްވައި ބައްދަވާލެއްވިއެވެ. 22ދެން އެކަށިގަނޑުން މަތިވެރިރަސްކަލާނގެ އަންހެނަކު އުފެއްދެވުމަށް ފަހު އޭނާ ފިރިހެނާގެ ކައިރިއަށް ގެންދެވިއެވެ.
23އިންސާނާ ބުންޏެވެ: ”⁠މިއީ އަހަރެންގެ ކައްޓާއި އަހަރެންގެ މަސް އެކުލެވިގެން އުފައްދަވާފައިވާ މީހެއް. މީނާގެ ނަމަކަށް އަހަރެން ކިޔާނީ ’⁠އަންހެނާ⁠‘. އެހެނީ އޭނާ ހެއްދެވިފައި އެވަނީ، ފިރިހެނާގެ ހަށިގަނޑުގެ ބަޔަކުން.⁠“
24ފިރިހެނާ އޭނާގެ މައިންބަފައިން ދޫކޮށް ގޮސް އަންހެނާއާއެކު އެއް ހަށިގަނޑެއްގެ ގޮތުގައި ގުޅި އެކަތިގަނޑެއްގެ ގޮތުގައި އުޅެނީ މިހެންވެއެވެ.#2‏:24 މީގެ މާނައަކީ މައިންބަފައިން އެއްކޮށް ދޫކޮށްލުމެއް ނޫނެވެ. އެއީ އެންމެ އިސް ގުޅުމެއް ބާއްވަން ޖެހޭނީ އަނބިމީހާއާއެކުގައި ކަމަށެވެ.
25މި ހިނދު ފިރިހެނާ އާއި އަންހެނާ ވަނީ އޮރިޔާން ޙާލުގައި ޢައުރަ ކަޝްފު ވެގެންނެވެ. އެހެނަސް އެދެމީހުންކުރެ އެކަކަށް ވެސް އެކަމާ މެދަކު ލަދުވެތި ވުމުގެ އިޙުސާސެއް ކުރެވިފައެއް ނުވެއެވެ.

선택된 구절:

ފެށުން 2: ކމ

하이라이트

공유

복사

None

모든 기기에 하이라이트를 저장하고 싶으신가요? 회원가입 혹은 로그인하세요