ޔޫޙަންނާ 7
7
އީސާގެފާނާއި އެކަލޭގެފާނުގެ އެއްބަނޑު ކޮއްކޮއިން
1މިއަށް ފަހު އީސާގެފާނު ގަލީލީ ސަރަހައްދުގައި އެއް ރަށުން އަނެއް ރަށަށް ހިންގަވާފައި ދަތުރު ކުރައްވަމުން ވަޑައިގެންނެވިއެވެ. ބަނީ އިސްރާއީލުންގެ ވެރިން އޭރު ބޭނުންވެފައި ތިބީ އެކަލޭގެފާނު އަވަހާރަކޮށްލުމަށެވެ. އެހެންކަމުން އެކަލޭގެފާނު ބޭނުންފުޅުވީ މި ވަގުތު ޖުދެއާ ތެރޭން ދަތުރު ނުކުރެއްވުމަށެވެ. 2އޭރު ބަނީއިސްރާއީލު މީހުންގެ ހިޔާވަހި ހަދާ ޢީދު ވަނީ ވަރަށް ކައިރިވެފައެވެ. 3އެހެންވެ އީސާގެފާނުގެ ކޮއްކޮއިން އެކަލޭގެފާނާ ދިމާއަށް މިހެން ބުންޏެވެ. ”ކަލޭ ދާންވީނު ޖުދެއާކަރަޔަށް؟ އޭރުން ކަލޭ ގަބޫލުކޮށް އީމާންވާ ބަޔަކަށް ކަލޭ ތިޔަ ދައްކާ މުޢުޖިޒާތްތައް ފެންނާނެއެއްނު. 4ކަލޭ ތިހާ މަޝްހޫރު ވާން ބޭނުމިއްޔާ ތިޔަ ގޮތަށް ފޮރުވިގެން ހުރެގެން މަޝްހޫރު ވާނީ ކިހިނެއް؟ ތިޔަހާ މޮޅެތި ކަންތައްތައް ކުރެވޭ ކަމަށްވަންޏާ ނިކަން އެކަންތައް ދުނިޔެއަށް ދައްކާލަބަލަ!“
5އޭރަކު ޚުދު އީސާގެފާނުގެ އެއްބަނޑު ކޮއްކޮމެން ވެސް އެކަލޭގެފާނަކަށް އީމާނެއް ނުވެއެވެ.#7:5 އީސާގެފާނުގެ ކޮއްކޮމެން އެކަލޭގެފާނަށް އީމާންވީ އެކަލޭގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިދުނިޔެއަށް ވަޑައިގަތުމަށް ފަހުއެވެ.
6އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”އަހަރެން ދާންވީ ވަގުތު އަދިއެއް ނުޖެހޭ. ކަލޭމެން ބޭނުން އިރަކު ކަލޭމެންނަށް ކަންތައް ކުރެވިދާނެ. 7ދުނިޔޭގެ#7:7 ދުނިޔޭގެ މީސްތަކުންކަމަށް މިތަނުގައި މި އިޝާރާތް ކުރެވިފައި ވަނީ މާތްރަސްކަލާނގެ އެންގެވި އެންގެވުންތައް ނޭނގޭ ނުވަތަ އެނގި ތިބެމެ އެކަމަށް ފުރަގަސް ދީގެން ތިބި މީހުންނަށެވެ. އެ ފަދަ މީހުން އުޅެމުން ދަނީ އީސާގެފާނު އެންގެވި އެންގެވުމާ ޚިލާފަށް ޝައިތާނާ ދައްކާ މަގުންނެވެ. އެހެނީ އެފަދަ މީހުންގެ މައްޗަށް ބާރު ހިންގަނީ ޝައިތާނާ އެވެ. މީސްތަކުންނަކަށް ކަލޭމެން ދެކެ ނަފުރަތެއް ނުވެވޭނެ. ނަމަވެސް އެމީހުން އަހަރެން ދެކެ ރުޅިއައިސް އަހަރެންނަށް ނަފްރަތުކުރޭ. އެއީ އެމީހުން ކުރާ ނުބައިކަންތައް އެމީހުންނަށް ދައްކައި ހާމަކޮށްދޭތީ. 8އެހެންވީމާ ކަލޭމެން ތިޔަ ޢީދު ފާހަގަ ކުރަން ދޭ. އަހަރެން ތިޔަ ޢީދު ފާހަގަ ކުރަން ދާންވީ ވަގުތެއް އަދި ނުޖެހޭ.“ 9މިހެން ވިދާޅުވެ އީސާގެފާނު އެމީހުންނާއި އެކު ވަޑައިނުގަންނަވާ ގަލީލީގައި މަޑުކުރެއްވީއެވެ.
އީސާގެފާނު އެކަލޭގެފާނުގެ ބަސްފުޅު ހާމަކޮށް އެންގެވި
10އީސާގެފާނު އެހެން ވިދާޅުވި ނަމަވެސް އެކަލޭގެފާނުގެ ކޮއްކޮމެން ޢީދު ފާހަގަ ކުރުމަށްޓަކައި ދިޔަ ފަހުން އެކަލޭގެފާނު ވެސް ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. ނަމަވެސް އީސާގެފާނު ވަޑައިގެންނެވީ އެންމެންނަށް ނޭނގޭނެ ފަދަ އެކަހެރި ގޮތަކަށެވެ. 11ޢީދު ފާހަގަ ކުރެވެމުން ދިޔަ އިރު ބަނީއިސްރާއީލުގެ ވެރިން އީސާގެފާނު ފެނޭތޯ ބަލައި ހޯދިއެވެ. އަދި އެމީހުން އެކަކު އަނެކަކު ކުރެން އެކަލޭގެފާނު ކޮބައިތޯ އަހާ ސުވާލުކުރަމުން ދިޔައެވެ. 12އެތަނަށް އެއްވެފައިތިބި މީސްތަކުންގެ މެދުގައި އީސާގެފާނާއި ބޭހޭގޮތުން ތަފާތު ވާހަކަތައް ސިއްރު ސިއްރުން ދެކެވެމުން ދިޔައެވެ. އެއްބަޔަކު ބުންޏެވެ. ”އެކަލޭގެފާނަކީ ވަރަށް ރަނގަޅު މާތް ބޭކަލެއް.“ އަދި އަނެއްބަޔަކު ބުންޏެވެ. ”ކޮންތާނކު، އޭނާއަކީ މީހުން މަގުފުރައްދަން އުޅޭ މީހެއް.“ 13ނަމަވެސް އެއްވެސް މީހަކަށް ފާޅުގައި އީސާގެފާނާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރެއެވެ. އެއީ މީސްތަކުން ބަނީއިސްރާއީލުގެ ވެރިން ދެކެ ގަންނަ ބިރުގެ ސަބަބުންނެވެ.
14ދެން ޢީދު ފާހަގަ ކުރުމުގެ ކަންތައްތައް މެދަކާ ހަމަޔަށް ގޮސްފައި ވަނިކޮށް އީސާގެފާނު ބައިތުލް މަޤްދިސްއަށް ވަޑައިގެން އެތާނގައި މީސްތަކުންނަށް ކިޔަވާދެއްވަން ފެއްޓެވިއެވެ. 15ބަނީއިސްރާއީލުގެ ވެރިންނަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އެމީހުން ބުންޏެވެ. ”މީނާއަށް މިހުރިހާ ކަމެއް އެނގެނީ ކިހިނެއް؟! މީނާއަކީ އަހަރެމެން ކިޔެވި ފަދައިން ދީން ކިޔަވާފައި ހުރި މީހެއް ވެސް ނޫން.“
16އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން މި ކިޔަވާދެނީ އަހަރެންގެ އަމިއްލަ ކިޔަވާދިނުންތަކެއް ނޫން. މިއީ އަހަރެން ފޮނުއްވި މަތިވެރި ކަލާނގެ އެންގެވި ކަންތައް. 17މާތްރަސްކަލާނގެ އަންގަވާގޮތަށް ކަންތައް ކުރަން އެދޭ މީހަކަށް އަހަރެން މި ބުނެދޭ ތަކެއްޗަކީ މާތްރަސްކަލާނގެ އެންގެވުންތައްކަން ހާމަވެގެންދާނެ. އަދި މިއީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫންކަން ވެސް އެނގިގެންދާނެ. 18އަމިއްލައަށް ތާރީފު ލިބިގަތުމަށް ވާހަކަ ދައްކާ މީހަކު އެކަންތައް އެކުރަނީ އޭނާގެ އަމިއްލަ ނަން ކުރިއަރުވައި މޮޅުކަން ހޯދައިގަތުމަށް. އެކަމަކު އެމީހާ އެވާހަކަ ދައްކަނީ އޭނާ ފޮނުވި ފަރާތަށް މޮޅުކަން ހޯދައިދީ އެފަރާތަށް ރީތި ނަން ލިއްބައި ދިނުމަށް ކަމަށް ވާނަމަ އެމީހަކީ ތެދުވެރިއެއް. އެފަދަ މީހަކީ ދޮގުވެރިޔަކަށް ނުވާނެ. 19މާތްރަސްކަލާނގެ އެންގެވި އަމުރުފުޅުތައް މޫސާގެފާނު ކަލޭމެންނަށް އެންގެވި. ނަމަވެސް ކަލޭމެންގެ ތެރޭން އެކަކު ވެސް އެ އަމުރުފުޅުތަކަކަށް ކިޔަމަނެއް ނުވޭ. އަދި ކޮބާ! ކަލޭމެން ތިޔަ އުޅެނީ އަހަރެން މަރާލަން.“
20އެތާނގައި ތިބި މީސްތަކުން ބުންޏެވެ. ”ކަލޭ ތިހިރީ ޖިންނި މޮޔަވެފައިތަ؟ ކަލޭ މަރާލަން އުޅެނީ ކާކުތަ؟“
21އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ސަބަތުގެ ދުވަހެއްގައި ބަލި މީހެއްގެ ބަލި ރަނގަޅު ކުރީތީ ކަލޭމެން ތިބީ ހައިރާންވެފައި. 22އެކަމަކު ކަލޭމެން ވެސް ސަބަތުގެ ދުވަހަކު ކުއްޖަކު ޚިތާނު ކުރަން ވެއްޖިއްޔާ އެބަ ކުރޭ.#7:22 ތައުރާތުގައި އަންގަވާފައި ވަނީ ބަނީއިސްރާއީލުގެ މީހުންގެ ދަރިން އަށް ދުވަސް ފުރޭ ދުވަހު ޚިތާނު ކުރަންވާނެ ކަމަށެވެ. އަދި ޚިތާނު ކުރުމަކީ މޫސާގެފާނުގެ ވެސް ކުރިން އަހަރެމެންގެ ކާބަފައިންގެ ކިބައިން އަހަރެމެންގެ ތެރެއަށް އައިސްފައިވާ ކަމެއް. 23ނަމަވެސް ކުއްޖަކު ޚިތާނު ކުރަންޖެހޭ ދުވަސް އެއީ ސަބަތުގެ ދުވަހެއްކަމުގައި ވިޔަސް މޫސާގެފާނު އެންގެވި މަގުން ކަންތައް ކުރުމަށްޓަކައި ކަލޭމެން އެކުއްޖަކު އެބަ ޚިތާނު ކުރޭ. ވީއިރު އަހަރެން މީހެއްގެ މުޅި ހަށިގަނޑު ސަބަތުގެ ދުވަހެއްގައި ރަނގަޅު ކުރީތީ އެކަމާ އަހަރެން ތިޔަ ކުށްވެރިކުރަނީ ކީއްވެ؟ 24ބޭރުފުށަށް ބާލާފަ ކަންތަކަށް ފާޑު ނުކިޔާ! ކަމުގެ ދޮގުތެދު ބަލާފަ ފާޑުކިޔާ.“
25އެތާނގައި ތިބި ޖެރޫސަލަމުގައި އުޅޭ މީހުން އެކަކު އަނެކަކަށް ބުންޏެވެ. ”އެމީހުން މަރާލަން އެ އުޅެނީ މި މީހާދޯ؟ 26އެކަމަކު ނިކަން ބަލާލަ. އޭނާ އެ ކިޔަވައިދެނީ އެންމެންނަށް ފެންނަ ފަދައިން ހާމަކަން މަތީގަ. ނަމަވެސް އެއްވެސް މީހަކު އޭނާ ހުއްޓުވާކަށް މަސައްކަތެއް ނުކުރޭ. ފަހަރެއްގައި އަހަރެމެންގެ ވެރިން އޭނާއަކީ ޙަޤީޤަތުގައި ވެސް އަލްމަސީޙު ކަމުގައި ގަބޫލު ކުރީ ކަމަށް ވެސް ވެދާނެ އެއްނު. 27އެކަމަކު އެހެން ވާނީ ކިހިނެއް؟ މި މީހާއަކީ ކޮންތާނކުން އައި މީހެއްކަން އަހަރެމެން އެންމެންނަށް ވެސް ރަނގަޅަށް އެނގޭ. ނަމަވެސް އަލްމަސީޙު ވަޑައިގަންނަވާއިރު އެކަލޭގެފާނު ވަޑައިގަންނަވާނީ ކޮންތާނކުން ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ.“
28އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ފާޅުގައި އެންމެންނަށް އިވޭނެ ފަދައިން ވިދާޅުވިއެވެ. ”އާނ! ކަލޭމެންނަށް އަހަރެންނަކީ ކާކުކަން އެނގޭ. އަދި އަހަރެން އައީ ކޮންތާނކުންކަން ވެސް އެނގޭ. އެކަމަކު އަހަރެން އައީ އަހަރެން އަމިއްލައަށް އިސްނަގައިގެނެއް ނޫން. އަހަރެން ފޮނުވުނީ ތެދުވެރި ފަރާތަކުން. ކަލޭމެންނަކަށް އެފަރާތެއް ނޭނގޭ. 29އެކަމަކު އަހަރެންނަށް އެފަރާތަކީ ކޮބައިކަން އެނގޭ. އެހެނީ އަހަރެން އައީ އެފަރާތުން. އަހަރެން ފޮނުވުނީ އެފަރާތުން.“ 30އީސާގެފާނު މިހެން ވިދާޅުވުމާއި އެކު އެތާނގައި ތިބި މީސްތަކުން އެކަލޭގެފާނު ހިފައި ހައްޔަރުކުރުމަށް އުޅެގަތެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގައިކޮޅަކު އަތެއް ނުލެވުނެވެ. އެއީ އަދި އެކަމުގެ ވަގުތު ނުޖެހޭތީއެވެ.
އީސާގެފާނު ހައްޔަރު ކުރުމަށް ސިފައިން ފޮނުވުނު
31މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް އެތައް ބަޔަކު އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ. އެމީހުން ބުންޏެވެ. ”އަލްމަސީޙު ވަޑައިގަތަސް މިކަލޭގެފާނު މިދެއްކެވި ވަރަށް ވުރެން ވަކިން ބޮޑު މުޢުޖިޒާތްތަކެއް ދެއްކި ދާނެބާ؟!“
32ދެން މީސްތަކުންގެ މެދުގައި ސިއްރިއްޔާތުގައި މިފަދަ ވާހަކަތައް ދެކެވޭކަން ފަރީސީންނަށް އެނގުމުން އެމީހުން ބޮޑު އިމާމުންނާއި އެއްބައިވެ ބައިތުލް މަޤްދިސްގެ ސިފައިން އީސާގެފާނު ހައްޔަރު ކުރުމަށް ފޮނުވިއެވެ. 33އެހެންވެ އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ކަލޭމެންގެ ގާތު ހުންނާނީ ކުޑަދުވަސްކޮޅަކު. އެއަށް ފަހު އަހަރެން ފޮނުއްވި ފަރާތަށް އަހަރެން އެނބުރި ދާނީ. 34ކަލޭމެން އަހަރެން ހޯދާނެ. ވިޔަސް ކަލޭމެންނަކަށް އަހަރެންނެއް ނުފެންނާނެ. އަދި އަހަރެން މިދާތާނކަށް ކަލޭމެންނަކަށް ނުވެސް ދެވޭނެ.“
35މިބަސްތަކުގެ އަޑުއަހާފައި ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”މީނާ އަހަރެމެންނަށް ނުފެންނަ ކޮންތާނކަށްތަ ދާން އެއުޅެނީ؟ ފަހަރެއްގައި އޭނާ ބޭރު ކަރައިގައި އުޅޭ އަހަރެމެންގެ މީހުންގެ ގާތަށް ވެސް ހިނގައިދާނެ. ގޮސް އެރަށްރަށުގެ މީހުންނަށް ކިޔަވައި ވެސް ދީފާނެ. 36އޭނާ އެބުނަނީ ’ކަލޭމެން ކިތަންމެ ވަރަކަށް ހޯދިޔަސް ތިމަން ނުފެންނާނެޔޭ‘ އަދި ’ތިމަން މި ދާން އުޅޭތަނަކަށް ކަލޭމެންނަކަށް ނުދެވޭނެޔޭ‘ އެއީ ކީކޭތަ އޭނާ އެބުނަނީ؟“
ދިރުން ލިބިދޭ ފެން
37އެ ޢީދުގެ އެންމެ ފަހު އަދި އެންމެ މުހިންމު ދުވަހު އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައި އިންނަވާފައި އެންމެންގެ މެދަށް ކޮޅަށް ތެދުވެ ވަޑައިގެން ވަރަށް ބާރަށް ވިދާޅުވިއެވެ. ”ފެން ބޮވައިގެންފައިވާ މީހަކު ވާނަމަ އެމީހަކު އަހަރެންގެ ގާތަށް އައިސް ފެން ބޮއެ! 38އަހަރެންނަށް އީމާންވާ ކޮންމެ މީހެއްގެ ހިތުގައި ވެސް، މާތްރަސްކަލާނގެ ވަޙީ ބަސްފުޅުގައި ލިޔެވިގެންވާ ފަދައިން، ދިރުން ލިބޭ ފެން އާރުތައް ވެސް އުތުރި އަރާނެ.“ 39އީސާގެފާނު އުތުރި އަރަމުން ދާ ދިރުން ލިބޭ ފެން އާރެކޭ ވިދާޅުވެ އެ އިޝާރާތް ކުރެއްވީ މާތްރަސްކަލާނގެ މާތްރޫޙުފުޅަށެވެ. ނަމަވެސް އޭރު އެއްވެސް މީހަކަށް އަދި މާތްރޫޙުފުޅެއް ނުދެއްވެއެވެ. އޭރު އަދި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުގެ މަޤާމު ފުޅަށް އިސްވެ ވަޑައެއް ނުގަންނަވައެވެ.
މީސްތަކުން ބައިބައިވުން
40އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނުގެ މި ބަސްފުޅުތައް އިވުމުން ބުންޏެވެ. ”ހަމަކަށަވަރުން ވެސް ޚާއްސަކުރައްވައި ފޮނުއްވޭނެ ރަސޫލާ ދުނިޔެއަށް ވަޑައިގެންފި.“
41އަދި އަނެއްބަޔަކު ބުންޏެވެ. ”އެކަލޭގެފާނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙު.“
އެހެންނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”އަލްމަސީޙު ވަޑައިގަންނަވާނީ ގަލީލީއަކުންނެއް ނޫން. 42ބާވައިލެއްވިގެންވާ ފޮތްތަކުގައި ސާފުކޮށް ލިޔެވިގެން ވަނީ އަލްމަސީޙު ވަޑައިގަންނަވާނީ ދާއޫދުގެފާނުގެ ދަރިކޮޅުން ކަމުގައި. އަދި އެކަލޭގެފާނު އުފަންވާނީ ވެސް ދާއޫދުގެފާނު އުޅުއްވި ރަށް ކަމުގައިވާ ބައިތުލަޙަމުގަ ކަމަށް.“#7:42 އީސާގެފާނަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހެއް ކަމާއި އަދި އެކަލޭގެފާނު އުފަންވި ދާއުދުގެފާނުގެ އަމިއްލަ ރަށް ބައިތުލަޙަމުގައި ކަމެއް އެމީހުންނަކަށް ނޭނގެއެވެ. (ލޫކާސް 2:4-7 ބަލާ)
43މިހެންވެ އެކިމީހުން އެކިގޮތަށް އީސާގެފާނާއި ބެހޭގޮތުން އެކިގޮތްގޮތަށް ވާހަކަ ދައްކައިގެން ވެސް ކޮޅެއްގައި ނުޖެހުނެވެ. 44އޭގެތެރެއިން ބައެއް މީހުން އެކަލޭގެފާނު ހައްޔަރު ކުރުމަށް އުޅުނެވެ. ނަމަވެސް އޭގެތެރެއިން އެކަކު ވެސް އެކަމެއް ނުކުރިއެވެ.
ބަނީއިސްރާއީލުގެ ވެރިން އީސާގެފާނަށް އީމާނެއް ނުވޭ
45އީސާގެފާނު ހައްޔަރުކުރުމަށް ފޮނުވި ބައިތުލް މަޤްދިސްގެ ސިފައިން އެކަލޭގެފާނާ ނުލާ އެނބުރި ފަރީސީންނާއި ބޮޑު އިމާމުންގެ ގާތަށް ދިއުމުން އެމީހުން ސުވާލު ކުރިއެވެ. ”ކަލޭމެން އޭނާ ނުގެނައީ ކީއްވެ؟“
46ސިފައިންގެ މީހުން ޖަވާބުގައި ބުންޏެވެ. ”އެކަލޭގެފާނުގެ ބަސްފުޅުތަކަކީ މީގެ ކުރިން ދުވަހަކު ވެސް މީހަކު ބުނެފައި ނުވާ ފަދަ މަތިވެރި ބަސްފުޅުތަކެއް.“
47ފަރީސީން ބުންޏެވެ. ”އޭނާ ކަލޭމެން ވެސް މަގުފުރައްދާލައިފިތާ ދޯ؟ 48އެއްވެސް ފަރީސީޔަކު ނުވަތަ ބަނީއިސްރާއީލުގެ ވެރިންގެ ތެރެއިން މީހަކު އޭނާ ގަބޫލު ކޮށް އީމާންވެއްޖެތަ؟ 49ނުވެއެއްނު! ތިޔަ މީހުންތަކަކީ މާތްރަސްކަލާނގެ ބާވައިލެއްވި ޤާނޫނުތައް ނޭނގޭ ޖާހިލުން. އެމީހުންނަށް ވަނީ ލަޢުނަތް ލެއްވިގެން.“
50އެކަމަކު ނިކޮދޭމު އަކީ އެމީހުންގެ ޖަމާޢަތުގެ ތެރޭގައި ހިމެނޭ މީހެކެވެ. މިމީހާ އަކީ މީގެ ކުރީގައި ވެސް އީސާގެފާނާ ބައްދަލު ކޮށްފައިވާ މީހެކެވެ. އޭނާ ބުންޏެވެ. 51”އަހަރެމެންގެ ޤާނޫނުގައިވާ ގޮތުގެ މަތިން މީހަކު ދައްކަނީ ކޮންވާހަކައެއްތޯ އަދި ކުރީ ކީއްތޯ އެމީހާ ކުރެން އަހާ އޮޅުން ނުފިލުވައި މީހަކު ކުށްވެރި ކުރުމަކީ ހުއްދަ ކަމެއް ނޫނެއް ނޫންތަ؟“
52އެމީހުން ބުންޏެވެ. ”ކަލެއަކީ ވެސް ގަލީލީގެ މީހެއް ނޫންތަ؟ ކަލޭ ފަތްފުށްތައް ހާވައި ނިކަން ބަލާބަލަ. ދުވަހަކު ވެސް އެއްވެސް ނަބީ ބޭކަލަކު ގަލީލީއަކުން އައިސްފައެއް ނުވާނެ.“
ޒިނޭގެ މަސްއަލައިގައި ހައްޔަރު ކުރެވުނު އަންހެނެއް
53ދެން މިމީހުން މިތަނުން އެނބުރި އެމީހެއްގެ ގެއަށް އެމީހަކު ހިނގައްޖެއެވެ.
Επιλέχθηκαν προς το παρόν:
ޔޫޙަންނާ 7: ކމ
Επισημάνσεις
Κοινοποίηση
Αντιγραφή
Θέλετε να αποθηκεύονται οι επισημάνσεις σας σε όλες τις συσκευές σας; Εγγραφείτε ή συνδεθείτε
© (Active), Wycliffe Bible Translators, Inc. All rights reserved.