ހަރުބަސްތައް 31
31
ލަމޫއީލްގެ މަންމަ ދަސްކޮށްދިން ކަންތައް
1މައްސާގެ ރަސްގެފާނުގެ މަންމާފުޅު ދަސްކޮށް ދެއްވި ކަމަށް ލަމޫއީލް ވިދާޅުވެފައިވާ އިލާހީ ބަސްފުޅުތަކެއް ވެއެވެ.
2”އޭ ދަރިފުޅާއެވެ. އަހަރެންގެ ރަހިމުގެ ދަރިފުޅާއެވެ. އަހަރެންގެ ދުޢާތަކުގެ ދަރިފުޅާއެވެ. 3ރަސްކަލުން ފަނާކޮށްލާ ފާހިޝް އަންހެނަކަށްޓަކައި ކަލޯގެ ހަކަތަ ހުސްކޮށް ނުލާށެވެ.
4އޭ ލަމޫއީލް އެވެ. ރަސްކަލުން ރާފޮދު ހިއްޕަވާކަށް ނުވާނެއެވެ. ވެރިން ބަނގުރަލަށް އެދުންވެރި ވެގެން ނުވާނެއެވެ. 5އެމީހުން ރާބުއިމުން ޤާނޫނު ހަނދާނެއް ނުހުރެއެވެ. މުހުތާދަށް ބޭނުންވެފައިވާ މީހާއާމެދު އިންސާފުން ކަންތަކެއް ނުކުރެވެއެވެ. 6ރަލަކީ މަރުވާ މީހާއަށް ދޭން ހުންނަ އެއްޗެކެވެ. ބަނގުރަލަކީ ހިތްދަތިވެ ހާސްވާ މީހާއަށް ހުންނަ އެއްޗެކެވެ. 7އެއީ އެމީހުންގެ ފަގީރުކަމާއި ޖެހިފައިވާ ހާލުގެ މަތިން ހަނދާން ނެތުނަ ދިނުމަށެވެ.
8އަމިއްލައަށް ބަސް ބުނަން ކުޅަދާނަކަން ނެތް މީހުންގެ މަތިން ބަސް ބުނެދޭށެވެ. އެހީތެރިކަމެއް ނެތް މީހުންގެ ޙައްޤުތައް ރައްކާތެރި ކޮށްދޭށެވެ. 9އާނއެކެވެ. ފަގީރު މީހާގެ ކޮޅަށް ވަކާލާތު ކޮށްދޭށެވެ. އެމީހުންނަށް އިންސާފު ހޯދާ ދޭށެވެ.“
ރަނގަޅު އަނތްބަކަށް ކުރެވޭ ތާރީފު
10ތެދުވެރި ކެރޭ އަންހެނަކު ލިބުނީ ކާކަށް ހެއްޔެވެ؟ އެއަންހެނާ އަކީ ރަންމުތަކަށް ވުރެން އަގުހުރި އެއްޗެކެވެ. 11އޭނާގެ ފިރިމީހާ އޭނާއަށް އިތުބާރު ކުރާނެއެވެ. އޭނާގެ ދިރިއުޅުން ތަނަވަސް ކޮށްދޭނެއެވެ. 12އެ އަންހެނާގެ ކިބައިން ލިބޭނީ ހެޔޮކަމެވެ. ގެއްލުމެއް ނުލިބޭނެއެވެ. އެ އަންހެނާގެ މުޅި އުމުރު މިފަދައިން ކަން ކުރާނެއެވެ.
13އޭނާ އަވަދިނެތި އުއިވަށައި ފޮތިވިޔެ ހަދާނެއެވެ. 14އޭނާއަކީ ދުރުން ކާބޯތަކެތި ގެންނަ ނަވެއް ފަދައެވެ. 15ފަތިހު ތެދުވެ ގޯތި އެންމެންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރާނެއެވެ. އަދި ޚާދިމާއިންނަށް ދުވަހުގެ މަސައްކަތް ދައްކާނެއެވެ. 16ދަނޑުފަނގުތައް ބަލައި ބިން ގަންނާނެއެވެ. އޭނާ އެއްކޮށްފައި ހުންނަ ފައިސާއިން ގަސް އިންދައި ދަނޑު ހައްދާނެއެވެ.
17އޭނާއަކީ ގައިގައި ވަރު ހުރި ގަދަފަދަ ބުރަ މަސައްކަތް ކުރާ އަންހެނެކެވެ. 18އޭނާ ވިޔަފާރިކޮށް އެއިން ފައިދާ ހޯދާނެއެވެ. ރޭގަނޑުގެ ގިނަ އިރު އޭނާގެ ގޭގެ ބައްތި ދިއްލިފައި ހުންނާނެއެވެ. 19އޭނާ ރޮދި އެޅުމުގައި އަވަދިނެތި އުޅޭނެއެވެ. އިނގިލިތަކުން ހުއްޓާނުލާ އުއި ވަށާނެއެވެ. 20އޭނާ ފަގީރުންނަށް އެހީވާނެއެވެ. ބޭނުން ޖެހޭ މީހުންނަށް ދީލަތި ވާނެއެވެ.
21ފިނިމޫސުން އަތުވެދާނެތީ އޭނާ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އޭނާ ގޭ އެންމެންނަށް ކެހެރި ފޭރާން ތައްޔާރުކޮށްފައި ހުންނާނެއެވެ. 22އޭނާ އެނދުތަންމަތި ތައްޔާރު ކުރާނެއެވެ. ލާނީ ރީތި ފަށުވި ލިބާހެވެ.#31:22 ޢިބްރާނީ ބަހުން ލިޔެ އުޅެނީ (ލިނަން) މޮޅު ފޮތީގެ ލިބާހެވެ. ބޭރުން އަޅާނީ ދަނބުކުލައިގެ ފޭރާމެކެވެ.
23އޭނާގެ ފިރިމީހާއަކީ ރަށުގެ ބޮޑުންގެ މީހެކެވެ. އޭނާ އިށީނދެ އިންނާނީ އިއްޒަތްތެރިންގެ ޖަމާޢަތުގައެވެ.
24އެއަންހެނާ މޮޅު ފޮތި ވިޔެ ކަމަރާއި ފައްޓާއާއި ހެދުން ތައްޔާރުކޮށް ވިއްކާނެއެވެ.
25އޭނާގެ ކިބައިގައި ހުންނާނީ އަބުރާއި އިއްޒަތުގެ ސިފަތަކެވެ. މުސްތަގުބަލާމެދު ބިރެއްނެތި އޭނާ ހޭނެއެވެ. 26އޭނާ ބުނާ ބަސްތަކުގައި ބުއްދި އެކުލެވޭނެއެވެ. އޯގާވެރި އިރުޝާދު ދޭނެއެވެ. 27ގޭގައި އުޅޭ ހުރިހާ އެންމެން އޭނާ ބަލަހައްޓާނެއެވެ. ކަންނެއްކަމެއް އޭނާއެއް ނުދެކޭނެއެވެ.
28އޭނާގެ ދަރިން އޭނާއަށް ބަރަކާތަށް އެދޭނެއެވެ. ފިރިމީހާ އޭނާއަށް މިހެން ތާރީފު ކުރާނެއެވެ. 29”ވަރަށް ގިނަ ރަނގަޅު އަންހެނުން ދުނިޔޭގައި އުޅެއެވެ. އެކަމަކު އެވަރުގެ އަންހެނަކު ނުފެންނާނެއެވެ.“
30ޗާލުކަމަކީ ހެއްލުމެކެވެ. ރިވެތިކަމަކީ ވަގުތީ އެއްޗެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވާ އަންހެނާއަށް ހުރިހާ ތާރީފެއް ޙައްޤެވެ. 31އޭނާ ކުރި ބުރަ މަސައްކަތަށް އިނާމު ދޭށެވެ. އެންމެންގެ ކުރިމައްޗަށް ގެންގޮސް ބަހައްޓައި އޭނާއަށް ތާރީފު ކުރާށެވެ.
Currently Selected:
ހަރުބަސްތައް 31: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.