YouVersion Logo
Search Icon

މަރުކުސް 6

6
ނާޒަރަތުގައި އީސާގެފާނު އުނގަންނަވައި ދެއްވުން
1އެ ސަރަހައްދު ދޫކުރައްވާ އީސާގެފާނު އަސްޙާބީންނާއެކު އެކަލޭގެފާނުގެ އަމިއްލަ ރަށް ކަމުގައިވާ ނާޒަރަތަށް ވަޑައިގަތެވެ. 2އަދި ސަބަތުގެ ދުވަހެއްގައި ދީނީ މަރުކަޒަށް ވަޑައިގެން މާތްރަސްކަލާނގެ ވަޙީ ބަސްފުޅުތައް މިފަދައިން ވިދާޅުވެ އުގަންނަވައި ދެއްވިއެވެ. އަދި އެކަލޭގެފާނުގެ މިބަސްފުޅު އަޑުއެހި އެތައްބަޔަކު ޙައިރާންވެ ބުނެވުނެވެ. ”⁠މިހުރިހާ ތަކެއްޗެއް އޭނާއަށް އެނގުނީ ކޮންތާނކުން؟ ކޮން ޙިކުމަތެއް އޭނާއަށް ދެއްވައިގެންތަ އެއުޅެނީ؟ ކިހިނެއް އޭނާ މުޢުޖިޒާތްތައް ދައްކާނީ؟ 3މިއީ މަރިޔަމްގެ ދަރި އެ ވަޑާންކުރާ މީހާއެއް ނޫންތަ؟ އަދި މިއީ ޔާމިޒާ، ޔޫސުފާ، ޔަހޫޛާ އާ ސިމްޢާންގެ ބޭބެއެއް ނޫންތަ؟ މީނާގެ އަންހެން ކޮއްކޮމެން ދިރިއުޅެނީ މިރަށުގައެއް ނޫންތަ؟⁠“ އަދި އެމީހުން އެކަލޭގެފާނާމެދު ހިތްހަމަ ނުޖެހި އެކަހެރި ކޮށްލެއްވިއެވެ.
4އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ނަބީބޭކަލުންނަށް އެބޭކަލުންގެ އަމިއްލަ ވަޒަނާއި އާއިލާ އާއި ގާތްތިމާގެ މީހުންގެ ފަރާތުން ގަދަރެއް ނޯވޭ. އެހެން ހުރިހާ ތަނެއްގައި ވެސް އެބޭކަލުންނަށް ޤަދަރު ލިބިގެންވޭ.⁠“
5‏-6މިމީހުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އީސާގެފާނު އިންތިހާއަށް ޙައިރާންވެ ވަޑައިގަތެވެ. އެކަލޭގެފާނަށް އެބައިމީހުންގެ މެދުގައި މުޢުޖިޒާތެއް ދެއްކެވުމަށް ކުޅެދިގެން ނުވިއެވެ. އެހެނަސް ބައެއް ބަލިމީހުންގެ ގައިގައި އަތްޕުޅު ބީއްސަވާ ލައްވާ އެމީހުންގެ ބަލި ހެޔޮ ކޮށްދެއްވިއެވެ.#6‏:5‏-6 މި އާޔަތުގައި މުޢުޖިޒާތެއް ދެއްކެވުމަށް އީސާގެފާނު ކުޅެދިގެން ނުވާ ހާމަކޮށްފައިކަމުގައި އެވަނީ އެބައިމީހުންގެ އީމާންތެރިކަން ނެތުމުންނެވެ. އަދި މުޢުޖިޒާތަކީ ޙާލަތްތަކަކާއި ގުޅިގެން މާތްރަސްކަލާނގެ މީސްތަކުންނަށް ދައްކަވާ އެކަލާނގެ މަތިވެރި ކަމެކެވެ. ފަހަރެއްގައި ވެސް އީސާގެފާނަށް އެފަދަ ބާރެއް ލިބިފައި ނުވުމުގެ ސަބަބަކުން ނޫނެވެ.
މީސްތަކުންނަށް އުނގަންނަވައި ދެއްވުމަށްޓަކައި ބާރަ އަސްޙާބީން ފޮނުއްވުން
އެއަށް ފަހު އީސާގެފާނު އެސަރަހައްދުގެ ވަށައިގެންވީ ރަށްތަކުގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ. 7‏-8އަދި އެކަލޭގެފާނުގެ ބާރަ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި ކޮންމެ ޓީމެއްގައި ދެ އަސްޙާބީއަކު ހިމެނޭ ގޮތަށް ފޮނުވުމަށް ހަމަޖެއްސެވިއެވެ. އަދި މި ބާރަ އަސްޙާބީންނަށް ޖިންނީންގެ އުނދަގުލުން މީސްތަކުން ރަނގަޅު ކުރުމުގެ ބާރާއި ހުއްދަ ދެއްވައި އަމުރުކުރެއްވިއެވެ. ”⁠ހިނގާއިރު މަގުމަތީގައި ބޭނުންކުރާ ތިޔަބައިމީހުންގެ އަސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް ދަތުރަށްޓަކާ ނުގެންދާތި. ކާނޭ ތަކެއްޗާއި، އަތްދަބަހާއި، ފައިސާ ވިޔަސްމެ. 9ފައިވާނަށް އަރާ. ނަމަވެސް ލައިގެންހުރި ހެދުން ފިޔަވައި އިތުރު ހެދުމެއް ނުގެންދާތި.⁠“ 10އިތުރަށް އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ފުރަތަމަ ތިޔަބައިމީހުންނަށް މަރުޙަބާކިޔައި މެހުމާންދާރީ އަދާކުރި ގެއެއްގައި ފުރަންވަންދެން ތިބޭ. 11ތިޔަބައިމީހުން އަރާ ރަށަކުން މީސްތަކުން މަރުޙަބާ ނުކިޔައިފިނަމަ ނޫނީ ތިޔަބައިމީހުންނަށް ސަމާލު ކަމެއް ނުދީފިނަމަ، އެރަށަކުން ފުރައިގެންދަމުން ތިޔަބައިމީހުންގެ ފައިން އެރަށުގެ ހިރަފުސް ފޮހެލާފައިދޭ. އެއީ އެބައިމީހުންނަށް އިންޒާރަކަށްޓަކައި!⁠“
12އެގޮތުން މި ބާރަ އަސްޙާބީން ގޮސް މީސްތަކުންނަށް ފާފައިން އެއްކިބާވެ ތައުބާ ވުމަށް ގޮވާލައްވަމުން ގެންދެވިއެވެ. 13އަދި ޖިންނީގެ އުނދަގޫ ކުރިމަތިވެފައިވީ މީސްތަކުން ރަނގަޅު ކޮށްދެއްވައި، ބަލި ޙާލަތުގައި ވީ އެތައް ބައެއްގެ ބޮލަށް ތެޔޮ އަޅައި ބަލި ފަސޭހަ ކޮށްދެއްވިއެވެ. #6‏:13 އެދުވަސްވަރު ބަލިމީހުންގެ ބޮލަށް ތެޔޮ އެޅުމުން ދައްކައިދެނީ އެމީހުންގެ ބަލިތަކަށް މާތްކަލާނގެ ރަޙުމަތްފުޅުން ދެއްވާ ޝިފާއެއް ކަމުގައެވެ.
ޔަޙުޔާގެފާނުގެ އަވަހާރަވުން
14މީސްތަކުންގެ މެދުގައި އީސާގެފާނުގެ މަޝްހޫރުކަން ހުރިހާ ސަރަހައްދެއްގައި ފެތުރިގެން ދިޔައެވެ. އަދި ހެރޮދު ރަސްގެފާނަށް މި ޚަބަރު ލިބުނެވެ. އީސާގެފާނާއިމެދު އެއްބަޔަކު ބުނަމުން ދިޔައީ މިފަދައިންނެވެ. ”⁠އެއީ ޔަޙުޔާގެފާނެއް ނޫންތަ؟ އެކަލޭގެފާނު އަލުން ދިރިވަޑައިގެންނެވީ ނޫންތަ؟ އެހެންވެއެއް ނޫންތަ އެކަލޭގެފާނަށް މުޢުޖިޒާތްތަކެއް ދެއްކުމުގެ ކުޅަދާނަކަން ލިބިފައި ވަނީ؟⁠“ 15އަނެއް ބަޔަކު ދުށް ގޮތުގައި އީސާގެފާނަކީ އިލްޔާސްގެފާނެވެ. ނޫނީ އިހު ޒަމާނުގައި އުޅުއްވި ނަބީބޭކަލެއްފަދަ ބޭކަލެއް ކަމުގައެވެ.
16މި ޚަބަރު ހެރޮދު ރަސްގެފާނަށް ލިބުމާއެކު ބުންޏެވެ. ”⁠އޭނާ އަކީ ޔަޙުޔާގެފާނޭ! އޭނާގެ ބޮލާއި ކަނދުރާ ވަކިކޮށްލީ އަހަރެން، އެކަމަކު އޭނާ އަލުން ދިރިގެން އައީ އޭ!⁠“
މިކަން ހިނގައިދިޔައީ މިފަދައިންނެވެ. 17‏-18ހެރޮދު އޭނާގެ އަމުރަށް ޔަޙުޔާގެފާނު ހައްޔަރުކުރައްވާ ޖަލުގައި ބެހެއްޓިއެވެ. މި ގޮތަށް ހެރޮދު އަމަލުކުރި ސަބަބަކީ ހެރޮދު ކައިވެނި ކުރި އަންހެނާ، ހެރޯދިޔާސްއަކީ އޭނާގެ ކޮއްކޮ ފިލިޕުގެ އަނބިމީހާ ކަމުގައި ވުމާއި ޔަޙުޔާގެފާނު ހެރޮދަށް ކުރުނުކުރައްވާ ވިދާޅުވުމުންނެވެ. ”⁠ތިބާގެ ކޮއްކޮގެ އަންހެނުންނާއި އިނުމަކީ ތިބާއަށް ހުއްދަވެގެންވާ ކަމެއް ނޫން!⁠“
19މިހެން ވުމުން ހެރޯދިޔާސްގެ (ހެރޮދުގެ އަނބިމީހާގެ) ހިތުގައި ޔަޙުޔާގެފާނުގެ މައްޗަށް ހަސަދަލައި ބަދަލުހިފުމުގެ ގޮތުން އަވަހާރަ ކޮށްލެއްވުމަށް ބޭނުންވިއެވެ. ނަމަވެސް ހެރޮދުގެ ސަބަބުން މިކަން ނުވެފައި އޮތީއެވެ. 20ޔަޙުޔާގެފާނު ދެކެ ހެރޮދު ބިރުގަނެއެވެ. ސަބަބަކީ ޔަޙުޔާގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލެއްކަން އޭނާއަށް އެނގޭތީއެވެ. ދެން އޭނާ އެކަލޭގެފާނަށް ރައްކާތެރިކަން ދިނެވެ. އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހާ ކޮންމެފަހަރަކު އޭނާގެ ހިތަށް ނުހަނު އުނދަގޫވެއެވެ. ނަމަވެސް އޭނާ އެކަލޭގެފާނުގެ ބަސްތައް އަޑުއަހަން ބޭނުންވިއެވެ.
21އެންމެފަހުން ޔަޙުޔާގެފާނު އަވަހާރަކޮށްލެއްވުމަށް ހެރޮދިއާސްއަށް ފުރުސަތު ލިބިގެން ދިޔައެވެ. އެއީ ހެރޮދުގެ އުފަންދުވަހެވެ. ދުވަހު މުނާސަބަތުގައި ސަރުކާރުގެ ވެރިންނަށާއި ޢަޝްކަރީ ބޮޑުންނަށާއި އަދި ގަލީލީގެ ކަމުވޮށިވެގެންވާ ފަރާތްތަކަށް އޭނާ ޖާފަތެއް ދިނެވެ. 22ހެރޮދާއި އަދި ޙާޟިރުވެތިބި މެހުމާނުން އުފާ ކޮށްދިނުމަށްޓަކައި ހެރޯދިޔާސްގެ އަންހެންދަރިފުޅު އެ ދަރުބާރުގައި ނަށައި އެމީހުންގެ ހިތްއުފާކޮށްދިނެވެ. އެހެންވީމާ، ހެރޮދު ރަސްގެފާނު އެ އަންހެންކުއްޖާއަށް ބުންޏެވެ. ”⁠ކޮންއެއްޗެއް ދަރިފުޅު ބޭނުމީ؟ ދަރިފުޅު އެދޭ ކޮންމެ އެއްޗެއް އަހަރެން ދޭނަން.⁠“ 23އެތައް ހުވަޔަކާއެކު އޭނާ ދަރިފުޅަށް ބުންޏެވެ. ”⁠ދަރިފުޅު އެދޭ ކޮންމެ އެއްޗެއް ބައްޕަ ދޭނަން، މި ރަސްކަމުގެ ދެބައިކުޅަ އެއްބަޔަށް އެދުނަސް ދޭނަން!⁠“
24އެގޮތުން ހެރޮދިއާސްގެ އަންހެން ދަރިފުޅު އޭނާގެ މަންމަ ކައިރިއަށް ގޮސް ބުންޏެވެ. ”⁠އަހަރެން އެދެންވީ ކޮންކަމަކު؟⁠“
”⁠ޔަޙުޔާގެފާނުގެ ބޯފުޅު⁠“ މަންމަ ޖަވާބު ދިނެވެ.
25އަންހެން ކުއްޖާ އަވަސްކަމާއެކު އައިސް ރަސްގެފާނަށް އެދުނެވެ. ”⁠މިހިނދުން ހިނދަށް އަހަރެން އެދެނީ ޔަޙުޔާގެފާނުގެ ބޯ ތަބަކަކަށް ލައިގެން މިތަނަށް ގެނެސް ދިނުން!⁠“
26މި ނިންމުމާމެދު ހެރޮދު ރަސްގެފާނު ވަރަށް ދެރަވިއެވެ. ނަމަވެސް އޭނާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ސަބަބަކީ ހެރޮދު ރަސްގެފާނު އެތައް ހުވައެއް ކުރީ އެންމެހާ މެހުމާނުންގެ ކުރިމަތީގައި ކަމަށް ވުމެވެ. 27އެގޮތުން އޭނާގެ ފާރަވެރިންގެ ތެރެއިން މީހަކަށް ޔަޙުޔާގެފާނުގެ ބޯފުޅު ގެނައުމަށް އަމުރުކުރުމަށް ފަހު ފޮނުވިއެވެ. އަދި ފާރަވެރިޔާ ގޮސް ޖަލައްވަދެ ޔަޙުޔާގެފާނު ބޯފުޅު ކަނޑާލިއެވެ. 28އަދި ތަބަކަށް ލައިގެން ގެނެސް އެ އަންހެންކުއްޖާއަށް ދިނެވެ. ދެން އެ އަންހެންކުއްޖާ އެ ތަބައް ހިފައިގެން ގޮސް އޭނާގެ މަންމައަށް ދިނެވެ. 29ޔަޙުޔާގެފާނުގެ އަސްޙާބީންނަށް މި ޚަބަރު ލިބުމާއެކުގައި ގޮސް ޔަޙުޔާގެފާނުގެ ހަށިކޮޅު ގެންދަވާ ފަސްދާނުލެއްވިއެވެ.
އީސާގެފާނު ފަސްހާސް މީހުންނަށް ކާންދެއްވުން
30ބާރަ މަންދޫބުން އެބޭކަލުން ފޮނުއްވި މަސައްކަތް ނިންމެވުމަށް ފަހު އެނބުރިއައިސް އީސާގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި އެބައިމީހުން ކަންތައް ކުރި ގޮތާއި އުނގަންނައިދިން ގޮތުގެ ޚަބަރުން ދެންނެވިއެވެ. 31އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންގެ އަރިހަށް އެތައް ބަޔަކު އައިސް ގޮސް ވުމުގެ ސަބަބުން އެބޭކަލުންނަށް ކާނޭ ފުރުސަތު ލިބިވަޑައިގެން ނުވިއެވެ. މިހެންވުމުން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މިތަން ދޫކޮށް ހިނދު ކޮޅަކަށް ނަމަވެސް ތިޔަބައިމީހުންނަށް އަރާމު ކޮށްލެވޭފަދަ އެކަހެރި ތަނަކަށް ދަމާ ހިނގާ.⁠“ 32އެއާއެކު މީސްތަކުންނާއި އެކަހެރިވެ ވަޑައިގަތުމަށްޓަކައި އެބޭކަލުން ދޯންޏެއްގައި ފުރާވަޑައިގަތެވެ.
33މީސްތަކުންނަށް އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފުރާވަޑައިގެންނެވިތަން ފެނުމާއެކު އެބޭކަލުން އެ ސަރަހައްދަށް ވަޑައިގަތުގެ ކުރިން އެމީހުން އެކިއެކި އަވަށްތަކުން ފައިމަގުގައި ދުވަމުން ގޮސް އެކަލޭގެފާނާއި ބައްދަލު ކުރެއްވުމަށްޓަކައި އެމީހުން އެ އައްސޭރީގައި ޖަމާވެގެން ތިއްބެވެ. 34އީސާގެފާނު ދޯނިން ފައިބައި ވަޑައިގެންނެވި ހިނދު އެއްވެފައިވާ ގިނަ މީސްތަކުން ފެނިވަޑައިގަންނަވާ އެ މީހުންނާއިމެދުގައި ހަމްދަރުދީވެ ވަޑައިގެންނެވިއެވެ. ސަބަބަކީ އެބައިމީހުން ވަނީ ހުއިހައްޕައިދޭނޭ މީހަކުނެތް ކަންބަޅިތަކެއް ފަދައިންނެވެ.#6‏:34 މި މިސާލު އަންގައިދެނީ ރޫޙާނީ ގޮތުން ބަލިކަށިވެ ނިކަމެތި ވެފައިވާތީއެވެ. އެހެންވީމާ، އެކަލޭގެފާނު އެބައިމީހުންނަށް އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ. 35އަދި އިރުއޮއްސުމާއި ކައިރިވެފައި ވަނިކޮށް އަސްޙާބީން އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ”⁠މިއީ މީހުން އުޅޭ ސަރަހައްދެއް ވެސް ނޫން. އަދި މިހާރު މާލަސްވެއްޖެ. 36މީސްތަކުން ފޮނުވާލައްވާ، އޭރުން އެބައިމީހުންނަށް މިތާ ކައިރީގައިވާ އަވަށްތަކުން ނޫނީ މި ސަރަހައްދުގެ ދަނޑުތަކުން ކާނޭ އެއްޗެއް ގަނެވިދާނެ.⁠“
37އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން، އެމީހުންނަށް ކާނޭ ކޮންމެވެސް އެއްޗެއް ދީ!⁠“ އެބޭކަލުން ދެންނެވިއެވެ. ”⁠ކަލޭގެފާނު ތިޔަ އެދިލައްވަނީ އެބައިމީހުންގެ ކެއުމަށް ރޮއްޓާއި އެހެނިހެން ތަކެތި ގަތުމަށް އަޅުގަނޑުމެން ގޮސް ދުއިސައްތަ ރިހި ލާރި ޚަރަދު ކުރެއްވުމަށްތޯ؟⁠“#6‏:37 ދުއިސައްތަ ރިހި ލާރި އަކީ އެ ޒަމާނުގައި މީހަކު އަށްމަސްދުވަހު މަސައްކަތް ކުރުމުން ލިބޭ މުސާރައެވެ.
38އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންގެ އަތުގައި ވަނީ ކިތައް ބޯރޮށިތޯ ގޮސް ބަލާބަލަ؟⁠“ އެބޭކަލުން ބަލައި ހެދުމަށް ފަހު އެކަލޭގެފާނުގެ އަރިއަހުގައި ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ އަތުގައި އޮތީ ހަމައެކަނި ދެ މަހާއި ބޯރޮށީގެ ފަސްރޮށި.⁠“
39އެއަށް ފަހު، އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މީސްތަކުން ފެހިވިނަގަނޑުމަތީ އިށީނުމަށް އެންގުމަށް ވިދާޅުވިއެވެ. 40އެހެންވެ އެމީހުން ބައިގަނޑެއްގައި ފަންސާސް ނޫނީ ސަތޭކަ މީހުން ތިބޭ ގޮތަށް ބަހާލައި އިށީނދެއްޖެވެ. 41އެއަށް ފަހު އެކަލޭގެފާނު ފަސް ބޯރޮއްޓާއި ދެ މަސް ނަންގަވާ އުޑާއި ދިމާއަށް ބައްލަވާލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވުމަށް ފަހު ފަސް ރޮށި އެތައް ބަޔަކަށް ފަޅި ކުރައްވައި އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާންދެއްވިއެވެ. އެ ދެ މަސް ވެސް ނަންގަވާ އެތައް ބަޔަކަށް ބައި ކުރައްވާ އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާންދެއްވިއެވެ. 42މީސްތަކުން ބަނޑުބޮޑުވާންދެން އެ ތަކެތިން ކެއެވެ. 43އެއަށް ފަހު މީސްތަކުންނަށް ނުކެވި ބާކީހުރި ތަކެތި ނެގިއިރު އެކަލޭގެފާނު އަސްޙާބީންނަށް ބާރަ ވަށިގަނޑުގެ ތަކެތި ނެގުނެވެ. 44އެ ފަސް ބޯރޮއްޓާއި ދެ މަހުން އެކަލޭގެފާނު ފަސްހާސް ފިރިހެނުންނަށް ކާންދެއްވިއެވެ.
އީސާގެފާނު ފެންމަތީގައި ހިންގަވާވަޑައިގެންނެވި
45ވަގުތުން އީސާގެފާނު އަސްޙާބީންނަށް ދޯންޏަށް އަރައިގެން ކަނޑުގެ އަނެއްފަރާތުގައި ވާ ރަށެއް ކަމުގައިވާ ބެތުސައިދާ އަށް ދިއުމަށް ބާރުއެޅުއްވިއެވެ. މީސްތަކުން ފޮނުވާލުމަށްޓަކައި އެކަލޭގެފާނު އެތަނުގައި ހުންނެވީއެވެ. 46މީސްތަކުންނާ ވަދާޢު ކުރެއްވުމަށް ފަހު ދުޢާ ކުރެއްވުމަށްޓަކައި އެކަލޭގެފާނު ގިނިކަންޏާ ފަރުބަދައަށް އަރާވަޑައިގެންނެވިއެވެ. 47އެދުވަހު އިރުއޮއްސެމުން ދިޔަ ވަގުތު ދޯނި ވަނީ ކަނޑުގެ މެދާ ހަމައަށް ދަތުރުކޮށްފައެވެ. އެ ހިނދު އީސާގެފާނު ގިނިކަންޏާ އެއްގަމުގައި ހުންނެވިއެވެ. 48‏-49ވައިގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ސަލާމަތް ވުމަށްޓަކައި އެކަލޭގެފާނުގެ އަސްޙާބީން މަރުފަލިޖަހަމުން ދިޔަ ތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މިކަން ހިނގީ ފަތިސްދަމާއި ގާތްވެފައިވާ ވަގުތެއްގައެވެ. އެ ހިނދު އެކަލޭގެފާނު ފެންމަތީގައި ހިންގަވަމުން އަސްޙާބީން ފަސްދެއްވާ ވަޑައިގެންނެވިހިނދު އެބޭކަލުންނަށް އެކަލޭގެފާނު ފެންމަތީގައި ހިންގަވާވަޑައިގަންނަވަނިކޮށް ފެނުމުން އެއީ ފުރޭތައެއް ކަމުގައި ހީކޮށް ބިރުން ހަޅޭލަވަމުން ގެންދިޔައެވެ. 50މިފަދަ ގޮތަކަށް އެކަލޭގެފާނު ފެނިގެން ވުމުން އެންމެހައި އަސްޙާބީން ތިބީ ވަރަށް ބިރުންނެވެ. އެ ހިނދު އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ހިތްވަރު ބަހައްޓާ! ބިރުނުގަނޭ، މިއީ އަހަރެން!⁠“ 51ދެން އަސްޙާބީން އެކަލޭގެފާނު ދޯންޏަށް ނެންގެވިއެވެ. އަދި ހަމަ އެ ހިނދު ވައިމަޑުވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން މިކަމާއިމެދު އިންތިހާއަށް ހައިރާންވިއެވެ. 52އެހެނީ އެކަލޭގެފާނު ފަސްހާސް މީހުންނަށް ކާންދެއްވި މުޢުޖިޒާތުގެ ޙަޤީޤީ މާނަ އެބޭކަލުންނަށް ވިސްނިގެން ނުވިއެވެ. ސަބަބަކީ އެބައިމީހުންގެ ވިސްނުމުގެ ކޮށިކަމާއި އީމާންތެރިކަން ފުރިހަމަ ނުވުމެވެ.
ޖެނެސަރަތުގައި އީސާގެފާނު މީސްތަކުންގެ ބަލި ހެޔޮކޮށްދެއްވުން
53އެބޭކަލުން ކަނޑު ހުރަސްކުރައްވާ އެ ސަރަހައްދުގެ ރަށެއް ކަމުގައިވާ ޖެނެސަރަތުއަށް ދޯނި ލެފުމަށް ފަހު އެ ރަށުގެ ގޮނޑުދޮށުގައި ދޯނި އެޅިއެވެ. 54އެއަށް ފަހު ދޯނިން އެބޭކަލުން ފައިބާވަޑައިގަތެވެ. އެ ހިނދު އެތަނުގައި ތިބި މީސްތަކުންނަށް އީސާގެފާނަކީ ކޮންބޭކަލެއްކަން އެނގުނެވެ. 55އެހެންވެ މީސްތަކުން ދުވެފައި ގޮސް މުޅި ސަރަހައްދުގައި އެކަލޭގެފާނުގެ ވާހަކައިން ޚަބަރު ދިނެވެ. އެއާއެކު މީސްތަކުން ގޮސް އަށިގަނޑުތަކަށް ބަލިމީހުންތައް ލައިގެން އެކަލޭގެފާނު ހުންނެވިހާ ތަނެއް ހޯދަހޯދައިގެން އެކަލޭގެފާނުގެ އަރިހަށް ގެނައެވެ. 56ހަމައެހެންމެ އީސާގެފާނު ވަޑައިގެންނެވި ކޮންމެ ތަނެއްގައާއި ކޮންމެ އަވަށެއްގައާއި އަދި ކޮންމެ ރަށަކުން ބަލިމީހުންތައް މައިދާންތަކަށާއި މަގުތަކަށް ނެރެ ބައިތިއްބައެވެ. އަދި ބަލި މީހުންތައް އެކަލޭގެފާނުގެ ރިދާކޮޅުގެ ކައިރިފަށުގައި ކިރިޔާ އަތްލެވޭނެ ގޮތް މެދުވެރިކޮށް ދިނުން އެދި ވެސް އާދޭސް ދަންނަވަމުން ގެންދިޔައެވެ. މިގޮތުން އެކަލޭގެފާނުގެ ރިދާކޮޅުގައި އަތްލެވުނު ކޮންމެ މީހެއްގެ ބަލި ހެޔޮވެގެން ދިޔައެވެ.

Currently Selected:

މަރުކުސް 6: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in