މަރުކުސް 5
5
އީސާގެފާނު ޖިންނި އަވަލާފައިވީ މީހަކު ރަނގަޅު ކުރެއްވުން
1އެއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ގަލީލީ ކަނޑުގެ އަނެއް ފަރާތުގައި އޮތް ގެރާސާގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ. 2-3އީސާގެފާނު ދޯނިން ފައިބައި ވަޑައިގެންނެވި ތަނާހެން އެތަނުގައި ހުރި ގަބުރުސްތާނުގެ ތެރެއިން ނުކުމެގެން އައި މީހަކާ އެކަލޭގެފާނާއި ދިމާވިއެވެ. މި މީހާއަށް ޖިންނި އަވަލައިފައި ވުމުން ދިރިއުޅެމުން ގެންދަނީ މަހާނަތަކުގެ ތެރޭގައެވެ. ބިޑިއަޅުވައި ހިލިހިލާ ޖަހައިގެން ވެސް މީސްތަކުންނަށް އޭނާ ހިފެހެއްޓިފައި ނުވެއެވެ. 4އެތައް ފަހަރަކު އޭނާގެ ފައިގަ އާއި އަތުގައި ބިޑިއަޅުވައި ހިލިހިލާ ޖެހިފައި ވެއެވެ. އެހެނަސް އެހުރިހާ ފަހަރަކު ވެސް އޭނާގެ ހަތަރެސްފައިގައި ޖެހިފައިވާ ދަގަނޑު ބޮޅުތަކުގެ ބިޑިއާއި ހިލިހިލާ އޭނާ ހަލާކު ކޮށްލައެވެ. މީސްތަކުންނަށް މި މީހާ ހިފަހައްޓައިގެން ނުގެންގުޅެވެނީ މިމީހާއަށް ކުރިމަތިވާ ބާރަކުންނެވެ. 5ދުވާލާއި ރޭގަނޑު އޭނާ އުޅެމުން ދަނީ ފަޅު މަހާނަތަކުގެ ތެރޭގައާއި ފަރުބަދަތަކުގެ ކައިރީގައި ހަޅޭލަވާ އަދި އަމިއްލަ ހަށިގަނޑު ހިލައިން ކަނޑައި އަނިޔާ ދިނުމުގައެވެ.
6މި މީހާއަށް އީސާގެފާނު ފެނުނު ހިނދު އޭނާ ވަނީ އެކަލޭގެފާނާއި ކުޑަ ތަންކޮޅެއް ދުރުގައެވެ. އެހެންވެ، ދުވެފައި އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓިނެވެ. 7އަދި ހަރުއަޑުން ގޮވަމުން ގެންދިޔައެވެ. ”މަތިވެރި ރަސްކަލާނގެ ދަރިކަލުން، އީސާގެފާނު! އަޅުގެ ކިބައިން ކަލޭގެފާނު އެދިލައްވަނީ ކޮންކަމެއް؟ ކަލާކޮށްޓަކާ ބުނަން، އަޅާއަށް އަނިޔާ ނުކުރައްވާތި!“ 8މި މީހާ އެކަލޭގެފާނަށް މިފަދައިން ދެންނެވި ސަބަބަކީ އީސާގެފާނު މިފަދައިން ވިދާޅުވުމުންނެވެ. ”ނުބައިވެގެންވީ ރޫޙާ، އޭނާގެ ހަށިގަނޑުން ނުކުމޭ!“
9އެއަށް ފަހު އީސާގެފާނު އެމީހާއަށް ސުވާލު ކުރެއްވިއެވެ. ”ކަލޭގެ ނަމަކީ ކޮބާ!“
އޭނާ (އެ ނުބައި ރޫޙު) ޖަވާބުދިނެވެ. ”ލަޝްކަރު، ސަބަބަކީ މި ފިރިހެނާގެ ހަށިގަނޑު ތެރޭގައި އެތައް ބައިވަރު އަހަރެމެންގެ މީހުން ހިމެނިގެންވޭ!“ 10އަދި މި ސަރަހައްދުން ބޭރަށް ޖިންނިތައް ފޮނުވާ ނުލެއްވުމަށް އެދި ތަކުރާރުކޮށް އޭނާ އެކަލޭގެފާނަށް އާދޭސް ކުރަމުން ގެންދިޔައެވެ.
11އެ ހިނދު އެތާ ކައިރީގައި ވީ ފަރުބަދައިގެ ކައިރިފަށުގައި ކާންދިނުމަށްޓަކައި ގެނެވިފައިވީ އޫރު ބޮޑު އައިނެއް ވިއެވެ. 12އެހެންވެ، މި ޖިންނިތައް އީސާގެފާނަށް އާދޭސްކޮށް ބުނަމުން ދިޔައެވެ. ”އަހަރެމެން އެ އޫރުތަކުގެ ތެރެއަށް ފޮނުއްވާ، އަދި އެ ތަކެތީގެ ތެރެއަށް އަހަރެމެން ވަނުމަށް ހުއްދަ ދެއްވާ.“ 13އީސާގެފާނު އެ ޖިންނިތަކަށް ހުއްދަ ދެއްވުމުން އެ ފިރިހެނާގެ ހަށިގަނޑުގެ ތެރެއިން ނުކުމެ ދުވެ ގޮސް އެ އޫރުތަކުގެ ތެރެއަށް ވަދެގެންފިއެވެ. އެ ހިނދު އެ އޫރު އައިނުގައި ވީ ދެހާހެއްހާ އޫރު ކުއްލިއަކަށް އުސްބިމުގެ މަތިން ދުވެފައި ގޮސް ތިރީގައި އޮތް ކަނޑުގެ ތެރެއަށް ފުންމާލައިފިއެވެ. އަދި ހުރިހާ އޫރެއް ގެނބި މަރުވިއެވެ.
14އޫރުތައް ބަލަހައްޓާ މީހުންނަށް މިތަންފެނި ދުވެފައިގޮސް ރަށުތެރެއަށް އަރައި އަދި އެހިސާބުގެ އަވަށްތަކަށް މިޚަބަރު ދީފިއެވެ. އެއާއެކު މި ވަނީ ކޮންކަމެއްތޯ ބެލުމަށް މީސްތަކުން އެތަނަށް އެއްވިއެވެ. 15އަދި އެބައިމީހުންނަށް އީސާގެފާނު ހުންނެވި ހިސާބަށް އާދެވުނު އިރު ޖިންނިތަކުގެ ޝިކާރައަކަށްވެ މޮޔަވެފައިވީ މީހާ އޭނާގެ ޢައުރަ ނިވާކޮށްގެން، ސަލާމަތް ބުއްދީގައި ހެޔޮޙާލުގައި، އެތަނުގައި އިންތައް ފެނި އެބައިމީހުން ބިރުގަތެވެ. 16މި ހިނގާދިޔަ ކަންތައްތައް ލޮލުންދުށް މީހުން ޖިންނި މޮޔަވެފައިވީ މީހާ އާއިމެދުގައި ކަންތައްވީ ގޮތާއި އަދި އޫރުތަކަށް ދިމާވި ގޮތް މީސްތަކުންނަށް ކިޔައި ދިނެވެ.
17އެއަށް ފަހު މީސްތަކުން އީސާގެފާނަށް އާދޭސްކޮށް އެބައިމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގަތުމަށް ދެންނެވިއެވެ. 18އީސާގެފާނު އެތަނުން ވަޑައިގެން ދޯންޏަށް އަރާ ވަޑައިގެންނެވި ހިނދު ޖިންނިއަވަލީ މީހާ އެކަލޭގެފާނާއެކު އޭނާ ވެސް ގެންދިއުމަށް އެދި އާދޭސް ކުރަމުން ދިޔައެވެ.
19އެހެނަސް އީސާގެފާނުގެ އަރިހުގައި އެމީހާ ގެންދިއުމަށް އެކަލޭގެފާނު އިންކާރު ކުރައްވާ އޭގެ ބަދަލުގައި އެމީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިބާގެ ގާތް ތިމާގެ މީހުންގެ ކައިރިއަށް ގެއަށްދޭ، އަދި މާތްރަސްކަލާނގެ ލެއްވި ރަޙުމަތްފުޅުގެ ވާހަކައާއި ކޮށްދެއްވިހާ ކަންތަކުގެ ވާހަކަ ކިޔައިދީ.“
20އެހެންވީމާ، ކައިރި ސަރަހައްދެއް ކަމުގައިވާ ދިހަ އަވަށުގެ ނަމުން ނަންދެވިފައިވީ ދެކާޕޮލިސްއޭ ކިޔުނު ސަރަހައްދަށް މިމީހާ ދިޔައެވެ. އަދި އެ ސަރަހައްދުގައި މި މީހާއާއި މެދު އީސާގެފާނު ކަންތައް ކޮށްދެއްވި ގޮތުގެ ވާހަކައިން ޚަބަރު ދިނެވެ. މި ޙާދިސާގެ ވާހަކަ އެހި ކޮންމެ މީހަކަށް ޙައިރާންކަން ލިބުނެވެ.
އަންހެނެއްގެ ބަލި ހެޔޮކޮށް ދެއްވައި އަދި މަރުވެފައިވީ ކުޑަ އަންހެންކުއްޖަކު ދިރުއްވުން
21އީސާގެފާނު ދޯނީގައި އަނބުރާ ކަނޑު ހުރަސް ކުރައްވައި އަނެއް ފަރާތަށް ވަޑައިގެންނެވިއެވެ. އަދި ދޯނިން ފައިބައި ވަޑައިގަންނަވާ ކަނޑުގެ އައްސޭރިފަށުގައި ހުންނެވި ހިނދު އެކަލޭގެފާނުގެ ވަށައިގެން ގިނަ ޢަދަދެއްގެ ބަޔަކު ވިއެވެ. 22-23އެ ހިނދު ޖައިރުސްއޭ ކިޔުނު ދީނީ މަރުކަޒުގެ ވެރިއަކު އެތަނަށް އައެވެ. އޭނާއަށް އީސާގެފާނު ފެނުމާއެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އަދަބުވެރިކަމާއެކު އެކަލޭގެފާނަށް އާދޭސް ދެންނެވިއެވެ. ”އަޅުގަނޑުގެ އަންހެންދަރިފުޅު ވަނީ މަރުގެ ތުންފަތްމަތީގަ. އާދޭސްކޮށް ދަންނަވަން. އަޅުގަނޑާއެކުގައި ހިންގަވާ. އަދި ކަލޭގެފާނުގެ އަތްޕުޅު އޭނާގެ ގައިގައި ބީއްސަވާލެއްވުމުން އެކަނބުލޮގެ ބަލި ފަސޭހަވެ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!“
24ދެން އީސާގެފާނު އޭނާއާއިއެކުގައި ކުރިއަށް ވަޑައިގެންނެވިއެވެ. އަދި އެއްވެފައިވާ މީސްތަކުންގެ ގިނަކަމާއެކު އެކަލޭގެފާނުގެ ފަހަތްޕުޅުން އެމީހުން އައުމުގެ ސަބަބުން މުޅިތަނުގައި މީހުންތައް ފުރިބާރުވެ ކުރިއަށް ވަޑައިގަތުން ވަނީ ދަތިފުޅުވެފައެވެ.
25އޭރު އެ މީހުންތަކުގެ ތެރޭގައި މެދުނުކެނޑި ލޭފައިބަމުން ދާތާ ބާރަ އަހަރު ވެފައިވާ އަންހެނަކު ވިއެވެ. 26އެތައް ބޭސްވެރިންނެއް މި ކަނބުލޭގެއަށް ފަރުވާ ކުރިމެއެވެ. އަދި މިކަނބުލޭގެ އަތުގައި ވީހާ ތަކެއްޗެއް މި ބައްޔަށް ފަރުވާ ކުރުމުގައި ހޭދަކޮށްފައިވެއެވެ. ނަމަވެސް ބޭސްވެރިންގެ އެހީތެރިކަމުން މި ކަނބުލޭގެއަށް ދިމާވެފައިވާ ބަލި ފަސޭހަވުމުގެ ބަދަލުގައި އެ ބޭސްވެރިންގެ ފުށުން މި ކަނބުލޭގެއަށް އިތުރު ވޭން ލިބި އިހުނަށް ވުރެން ބަލި ޙާލަތު ބޮޑުވެގެން ވިއެވެ. 27-28މިކަނބުލޭގެއަށް އީސާގެފާނުގެ ޚަބަރު ލިބިފައިވުމުން، އެކަލޭގެފާނުގެ ފަހަތްޕުޅުން އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން އައެވެ. ”އެކަލޭގެފާނު ހަށިކޮޅުގައިވާ ހެދުންކޮޅުގައި ކިރިޔާ އަހަރެންގެ އަތް ބީހިލެވުނަސް، އަހަރެންގެ މި ބަލި ފަސޭހަވެދާނެ.“
29އެކަލޭގެފާނުގެ ހެދުންކޮޅުގައި މި ކަނބުލޭގެ އަތްލި ހިނދު އޭނާގެ ލޭ ފޭބުން ވަގުތުން ހުއްޓިއްޖެއެވެ. އަދި އޭނާގެ މުސީބާތަކަށް ވެފައިވާ ބަލިން ފަސޭހަވިކަމުގެ އިޙުސާސް ކުރެވުނެވެ. 30ކުއްލިއަކަށް އީސާގެފާނުގެ ހަށިކޮޅުން ބާރު ދޫވެގެން ދިޔަކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. އެއާއެކު އެކަލޭގެފާނު ފަސްއެނބުރި އެއްވެފައިވާ މީސްތަކުންނަށް ބައްލަވާލައްވާ ވިދާޅުވިއެވެ. ”އަހަރެންގެ ހެދުމުގައި އަތްލީ ކާކު؟“
31އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީން ޖަވާބުދެއްވިއެވެ. ”ބައްލަވާ. ކިހާ މީހުންނެއްތޯ މިތަނުގެވަށައިގެން މިވަނީ. ކާކުތޯ އަތްލީ ތިޔަ ވިދާޅުވެލެއްވީ ކީއްވެތޯ؟“
32ނަމަވެސް އެކަން ކުރީ ކާކުތޯ ބެލުމުގެ ގޮތުން އީސާގެފާނު ވަށައިގެންވީ މީސްތަކުންނާ ދިމާލަށް ބައްލަވަމުން ގެންދެވިއެވެ. 33މި އަންހެނާއަށް އޭނާއަށް މިދިމާވި ކަންތައް އެނގި، ބިރުން ފިތްކަނޑައިގެންދާ ޙާލުގައި އެކަލޭގެފާނުގެ އަރިހަށްއައިސް، ފައިންޕުޅު މައްޗަށް ވެއްޓި ކަން ހިނގިގޮތް ތެދުބަހުން ދެންނެވިއެވެ. 34އީސާގެފާނު މި ކަނބުލޭގެއަށް ވިދާޅުވިއެވެ. ”ކަނބުލޭގެ ބަލި ފަސޭހަވެފައި ތިޔަވަނީ ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން. ސުލްޙަވެރި ކަމާއެކުގައިދޭ. އަދި އެ އުނދަގުލުން ތިޔަ ވަނީ މިނިވަންކުރެވިގެން.“
35އީސާގެފާނު މިފަދައިން ވިދާޅުވި ތަނާހެން ޖައިރުސްގެ ގެއިން ޚަބަރާއިގެން ބަޔަކު އައެވެ. އަދި ޖައިރުސްއަށް އެމީހުންގެ ތެރެއިން މީހަކު ބުންޏެވެ. ”މަނިކުފާނުގެ އަންހެން ދަރިފުޅު ނިޔާވެއްޖެ. އިތުރަށް އެދުރުކަލޭގެފާނަށް އުނދަގޫ ކުރުމުގެ ބޭނުމެއްނެތް.“
36އެމީހުންގެ މި ވާހަކަތަކަށް އީސާގެފާނު ސަމާލުކަމެއް ނުދެއްވާ ޖައިރުސްއަށް ވިދާޅުވިއެވެ. ”ބިރު ނުގަނޭ، ހަމައެކަނި އީމާންތެރިކަމުގައި ސާބިތުވޭ.“ 37ދެން އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި ޔާމިޒުގެ އިތުރުން ޔާމިޒުގެ ކޮއްކޮ ޔޫޙަންނާ ފިޔަވައި އިތުރު މީހުން ނުދިޔުމަށް އެދިވަޑައިގަތެވެ. 38އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނަށް ޖައިރުސްގެ ގެއަށް ދެވުނު ހިނދު، މި ހިތާމައިގައި މީސްތަކުން އަޑުން އަޑުނަގާ ރޮއިހޭރެމުން ކޮޅުކޮޅު މައްޗަށް ދުވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. 39އަދި އެކަލޭގެފާނު ގޭތެރެއަށް ވެދެވަޑައިގެން މީސްތަކުންނަށް ވިދާޅުވިއެވެ. ”މި އެންމެން ކަރުނައަޅާ ރޮމުން މިގެންދަނީ ކީއްވެ؟ މި ކުއްޖާ މިވަނީ މަރުވެފައެއް ނޫން. ނިދިފައި.“
40އެތަނުގައި ތިބި މީސްތަކުން އެކަލޭގެފާނަށް މަލާމަތްކޮށް ހީނ ހެދިއެވެ. އެއަށް ފަހު އެމީހުން ބޭރަށް ދިއުމަށް އީސާގެފާނު އަމުރު ކުރައްވައި އެތަނުން ފޮނުވާލެއްވިއެވެ. އަދި އެ ކުއްޖާގެ މައިންބަފައިންނާއި އެކަލޭގެފާނުގެ ތިން އަސްޙާބީންނާއެކު އެ ކުއްޖާ ބޭއްވިފައިވާ ކޮޓަރި ތެރެއަށް ވެދެވަޑައިގަތެވެ. 41އެކަލޭގެފާނު އެ އަންހެންކުއްޖާގެ އަތުގައި ހިއްޕެވުމަށް ފަހު އެކުއްޖާއަށް ވިދާޅުވިއެވެ. ”ތަލީތާ ކޮއުމް“#5:41 މިއީ އަރަމައިކް ބަސްތަކެކެވެ. އަދި މި ބަހުރުވައަކީ އީސާގެފާނު މި ދުނިޔޭގައި އުޅުއްވި ދުވަސްވަރުގައި ފަލަސްތީނުގައި ތިބި މީހުން ވާހަކަ ދައްކައި އުޅުނު ބަހުރުވައެކެވެ. މާނައީ ”ކުޑަ ކަނބުލޯ، ތެދުވުމަށް އަހަރެން އަމުރުކުރަން!“
42ހަމައެ ހިނދު އެ ކުއްޖާ ތެދުވެ ހިނގަންފެށިއެވެ. އޭރު އެ ކުއްޖާގެ އުމުރުން ބާރަ އަހަރެވެ. މި ގޮތަށް މިކަން ދިމާވުމުން އެންމެން ޙައިރާންވެ އަންތަރީސްވިއެވެ. 43އެހެނަސް އީސާގެފާނު އެކަލޭގެފާނާއިއެކު އެތަނުގައި ތިބި މީހުންނަށް މިވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުބުނުމަށް އިންޒާރު ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. ”އެ ކަނބުލޮއަށް ކޮންމެވެސް ކާއެއްޗެއް ދީ.“
Currently Selected:
މަރުކުސް 5: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.