މަރުކުސް 2
2
އީސާގެފާނު ވާގިނެތިފައިވީ މީހެއްގެ ބަލި ހެޔޮ ކޮށްދެއްވުން
1އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އީސާގެފާނު ކަޕަރުނައުމް އަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ރަށަށް ވަޑައިގެންނެވި ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. 2ނަތީޖާއެއްގެ ގޮތުން އެތައް ބައިވަރު މީހުންނެއް އެ ގޭދޮށަށް އެއްވުމުން މުޅިތަން ފުރިބާރުވެފައިވިއެވެ. އެންމެ ކުޑަމިނުން މައިދޮރުގެ ކުރިމަތީގައި އެއްވެސް ޖާގައެއް ނެތެވެ. އީސާގެފާނު އެއްވެފައިވާ މީސްތަކުންނަށް ވަޢުޡު އިއްވަވައި މާތްކަލާނގެ ބަސްފުޅު މިފަދައިން ވިދާޅުވެ ދެއްވަމުން ގެންދެވިއެވެ. 3އެވަގުތު ވާބަލި ޖެހިފައިވާ ފިރިހެނަކު އަށިގަނޑަކަށް ލައިގެން ހަތަރު މީހަކު އީސާގެފާނުގެ އަރިހަށް އައެވެ. 4ނަމަވެސް މީސްތަކުން ތޮއްޖެހިފައި ވުމުގެ ސަބަބުން އެ ހަތަރުމީހުންނަށް ވާބަލިޖެހިފައިވީ އެފިރިހެނާ އެކަލޭގެފާނުގެ އަރިހަށް ނުގެންދެވުނެވެ. އެހެންވީމާ އީސާގެފާނު ހުންނެވި ދިމާލަށް ސީދާވާގޮތަށް ފުރާޅުމަތީގައި ބާގަނޑެއް ހަދައިގެން އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް އަށިގަނޑެއްގެ މަތީގައި އެމީހާ ތިރިކުރިއެވެ. 5މިބައިމީހުންގެ އީމާންތެރިކަން ފެނިވަޑައިގެން ވާގިނެތިފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ. ”މަގޭ ދަރިފުޅާ، ތިބާގެ ފާފަތައް ފޮހެވިއްޖެ.“
6އެތަނުގައި އިށީނދެ ތިބި ދީނުގެ ބައެއް ދަންނަބޭކަލުންގެ ހިތަށް އެރިއެވެ. 7”ކުފުރުގެ ބަސްތައް ބުނެ މި ގޮތަށް ގޮންޖަހަން މީ ކާކު؟ ހަމައެކަނި ފާފަފުއްސެވޭނެ ފަރާތަކީ މާތްރަސްކަލާނގެ!“
8އީސާގެފާނަށް އެބައިމީހުންގެ ހިތަށް އެރި އެއްޗެހި ވަގުތުން އެނގިވަޑައިގަނެ އެމީހުންނާއި ދިމާލަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”މިކަމާމެދު ތިޔަހެން ވިސްނަނީ ކީއްވެ؟ 9ވާބަލި ޖެހިފައިވާ މި ފިރިހެނާ އާއި ދިމާލަށް ބުނަން ފަސޭހައީ މި ދެގޮތުންކުރެ ކޮން ގޮތެއް، ’ތިބާގެ ފާފަތައް ފޮހެވިއްޖޭ‘ ނޫނީ ’ތެދުވެ، އަށިގަނޑު ހިފައިގެން ގެއަށްދާށޭތަ؟‘ 10މި ދުނިޔޭގައި އިންސާނާގެ ދަރިކަލުންނަށް މީސްތަކުންގެ ފާފަތައް ފުއްސެވުމުގެ އިޚްތިޔާރު ލިބިދީފައިވާކަން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ސާބިތުކޮށްދޭނަން.“ މިހެން ވިދާޅުވެ އެވާބަލި ޖެހިފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ. 11”ތެދުވޭ. ތިބާގެ އަށިގަނޑު ހިފައިގެން ގެއަށް ދޭ!“
12ހަމަ ވަގުތުން އެންމެންގެ ކުރިމަތީގައި މިމީހާ ތެދުވެ އޭނާގެ އަށިގަނޑު ހިފައިގެން ހިނގައްޖެއެވެ. މިކަމާމެދު އެ މީސްތަކުން އިންތިހާއަށް ޙައިރާންވެ، މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދާއި ސަނާ ކިޔައި ބުނެވުނެވެ. ”މިފަދަ ޙައިރާން ކުރުވަނިވި ކަމެއް އަހަރެމެން ނުދެކެން!“
ލާވީ މައްތާ (ޓެކްސް ނަގާ މީހާ) ހޮއްވެވުން
13އަނެއްކާވެސް ގަލީލީ ކަނޑުގެ އައްސޭރިފަށަށް އީސާގެފާނު ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހަށް ގިނަ ޢަދަދެއްގެ މީހުން އައެވެ. އަދި އެމީހުންނަށް އެކަލޭގެފާނު އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ. 14އެ ކަނޑުގެ އައްސޭރިފަށުގައި އޮތްގޮތަށް އެކަލޭގެފާނު ހިންގަވަމުން ގެންދެވި ހިނދު އަލްފައިއަސްގެ ފިރިހެންދަރި، ލާވީ އޭނާ ޓެކްސް ނަގަން އިންނަ ކޮށިގަނޑުގައި އިންދާ އެކަލޭގެފާނަށް ފެނިވަޑައި ގެންނެވިއެވެ. އަދި އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެންނާ އެކު އާދޭ!“ އެ ހިނދު ލާވީ ތެދުވެ އެކަލޭގެފާނާއި އެކުގައި ދިޔައެވެ.
15އީސާގެފާނާއި އަސްޙާބީން ލާވީގެ ގެއަށް ވަޑައިގެން ފަރީއްކުޅުއްވިއެވެ. އެ ފަރީއްކޮޅުގައި ގިނަ ޢަދަދެއްގެ ޓެކްސް ނަގާ މީހުންނާއި އެހެނިހެން ފާފަވެރިން އެބޭކަލުންނާ އެކުގައި ބައިވެރިވިއެވެ. އަދި އޭގެ ގިނަބަޔަކު އީސާގެފާނަށް ތަބާ ވެސް ވިއެވެ. 16ޓެކްސް ނަގާ މީހުންނާއި އަދި މި ފާފަވެރިންނާއި އެކުގައި އީސާގެފާނު ފަރީއްކުޅުވަމުން ގެންދަވާތަން ފެނިގެން ފަރީސީ މަޒުހަބުގެ ދަންނަ ބޭކަލުން އެކަލޭގެފާނުގެ އަސްޙާބީންނަށް ބުންޏެވެ. ”މިފަދަ މީހުންނާއެކު އޭނާ އެއްސުފުރާ މަތީ ކައިބޮއި އެ ހަދަނީ ކީއްވެ؟“
17އީސާގެފާނަށް މިއަޑު އިވި ވަޑައިގެން އެމީހުންނަށް ޖަވާބު ދެއްވިއެވެ. ”ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ މީހުންނަކަށް ޙަކީމަކު ބޭނުމެއްނުވޭ. ނަމަވެސް ޙަކީމަކު ބޭނުން ވާނީ ބަލިމީހުންނަށް. އަހަރެން މި އައީ ޞާލިޙުންނަށް ގޮވާލުމަކަށް ނޫން. އެހެނަސް ފާފަވެރިންނަށް ގޮވާލުމަށް.“
ރޯދައާއި ބެހޭގޮތުން މީސްތަކުން އީސާގެފާނާއި ސުވާލުކުރެއްވުން
18ޔަޙުޔާގެފާނަށް ތަބާވެގެންވީ މީހުންނާއި ފަރީސީ މަޒުހަބު މީހުން ރޯދަހިފައި އުޅުނެވެ. މީހުން އީސާގެފާނު ކުރެން އެއްސެވެ. ”ބައެއް މުނާސަބަތުތަކުގައި ޔަޙުޔާގެފާނަށް ތަބާވެގެންވީ މީހުންނާއި ފަރީސީން ވެސް ރޯދަ ހިފާ. އެކަމަކު ކަލޭގެފާނުގެ އަސްޙާބީން ރޯދަ ނުހިފަނީ ކީއްވެ؟“
19އީސާގެފާނު ޖަވާބުދެއްވިއެވެ. ”ކައިވެނީގެ ވަލީމަތެއްގައި ވީ މެހުމާނުން ސުފުރާ ނުކޮށް ދާނެ ކަމުގައި ހީކުރަމުތަ؟ ހަމަ ޔަޤީން ވެސް ނުދާނެ! އަލަތު ކައިވެނި ވާ ފިރިހެނާ އޭނާގެ މެހުމާނުންނާއި އެކުގައި ވީހިނދު އެމީހުން ނުކައިނުތިބޭނެ.
20އަލަތު ކައިވެނި ވާ ފިރިހެނާ އެމީހުންނާއި ދުރަށް ގެންދެވޭނެ ދުވަސް އައުމުން އެމީހުން ނުކައި ރޯދަ ހިފާނެ. 21އެއްވެސް މީހަކު އާ ފޮތިކޮޅެއް ނުދޮވެ ބާ ހެދުމެއްގައި ހުންނަ ބާގަނޑަކު ނާޅާނެ. އެހެން ހަދައިފިނަމަ އާ ފޮތިކޮޅު ކުރުގެޅި ބާ ހެދުމުގައި މަރާމާތު ކުރިތަން އިތުރަށް ހަލާކުވާނޭތީވެ. 22އަދި ހަމައެފަދައިން އެކަކު ވެސް ރޯ މޭބިސްކަދުރުގެ ދިޔަ ބާ ހަމަކަށް ނާޅާނެ. އޭރުން އެ ރޯ ދިޔަ ހުތްވުމުން އުފެދޭ ވައިގެ ސަބަބުން އެ ބާ ހަން ފަޅައިގެން ގޮސް މޭބިސްކަދުރުގެ ދިޔަ ފައިބައިގެން ދާނެ. އޭގެ ބަދަލުގައި ރޯ މޭބިސްކަދުރުގެ ދިޔަ އަޅަންވާނީ އާ ހަމަކަށް.“
ސަބަތުގެ ދުވަހުގެ ސާހިބަކީ އީސާގެފާނު
23 ސަބަތުގެ ދުވަހެއްގައި އީސާގެފާނު ގޮވާން ދަނޑެއްގެ ތެރެއިން ހިންގަވާ ވަޑައިގެންނެވިއެވެ. އަސްޙާބީން ވެސް އެކަލޭގެފާނާއި އެކުގައި ވިއެވެ. އަދި އަސްޙާބީން އެ ގޮވާން ދަނޑުން ގޮވާން ބިނދެގެން ކަމުން ދިޔައެވެ. 24އެހެންވެ، ފަރީސީނުގެ ބަޔަކު އެކަލޭގެފާނަށް ސުވާލު ކުރިއެވެ. ”ނިކަންދެކެބަލަ، ސަބަތުގެ ދުވަހެއްގައި ކުރުން މަނާ ކަންތައް ކަލޭގެ އަސްޙާބީން ކުރަނީ ކީއްވެ!“
25އީސާގެފާނު އެމީހުންނަށް ޖަވާބުދެއްވިއެވެ. ”ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެގެން ކުރެއްވި ކަންތަކުގެ ވާހަކަ ނުކިޔަންތަ؟ 26އަބިޔާތަރުގެ އުއްތަމަ އިމާމު ކަމުގެ ދުވަސްވަރުގައި ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެ ވަޑައިގެންވީ ހިނދު އެކަލޭގެފާނު މާތްރަސްކަލާނގެ މުޤައްދަސް ފޭލިގެކޮޅަށް ވަދެވަޑައިގެންނެވި. އަދި މާތްރަސްކަލާނގެއަށް ހުށަހެޅުމަށްޓަކައި ވާ ބޯރޮށި ދާއޫދުގެފާނު ނަންގަވާ އެކަލޭގެފާނުގެ އެކުވެރިންނަށް ދެއްވައި އެ ހުރިހާ ބޭކަލުން އެ ރޮށިން ފަރީއްކުޅުއްވި. އެހެނަސް އަހަރެމެންގެ ޤާނޫނު ބުނާ ގޮތުން މި ބޯރޮށި ކެވޭނީ ހަމައެކަނި އިމާމުންނަށް.“#1 ޞަމޫއީލް 21:1-6
27އަދި އީސާގެފާނު މިފަދައިން ވާހަކަފުޅު ފުރިހަމަ ކުރެއްވިއެވެ. ”ސަބަތު ވަނީ އިންސާނުންނަށްޓަކައި. އިންސާނުން ވަނީ ސަބަތަށްޓަކައެއް ނޫން. 28އެހެންވީމާ، އިންސާނާގެ ދަރިކަލުންނަކީ ސަބަތުގެ ވެސް ވެރިސާހިބާ.“
Currently Selected:
މަރުކުސް 2: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.