YouVersion Logo
Search Icon

މައްތާ 9

9
އީސާގެފާނު ވާބަލި ޖެހިފައިވާ މީހެއްގެ ބަލި ހެޔޮކޮށްދެއްވުން
1އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ދޯންޏަށް އަރާވަޑައިގެން ކަނޑު ހުރަސްކުރެއްވުމަށް ފަހު، އެކަލޭގޭފާނު ދިރިއުޅުއްވާ އަވަށަށް ވަޑައިގަތެވެ. 2އެ ވަގުތު ބަޔަކު މީހުން ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެބައިމީހުންގެ އީމާންތެރިކަން އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ބަލި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ. ހިތްވަރުކުރޭ! ތިބާގެ ފާފަތައް ފޮހެވިއްޖެ!⁠“
3އެ ހިނދު އެތަނުގައި ތިބި ބައެއް ދީނުގެ ދަންނަބޭކަލުން އެބައިމީހުން އެކަކު އަނެކަކަށް ބުނަމުން ގެންދިޔައެވެ. ”⁠މި މިހާ ކުފުރުވެއްޖެ! އޭނާ ވާހަކަ ދައްކަމުން އެ ގެންދަނީ ކަލާނގެ ކަމަށް ދެކިގެނެއް ނޫންތަ؟⁠“
4އީސާގެފާނު އެބައިމީހުންގެ ވިސްނުން ހުރިގޮތް ދެނެވަޑައިގަންނަވާ އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަފަދަ ނުބައި ގޮތަކަށް ވިސްނަނީ ކީއްވެ؟ 5’⁠ތިބާގެ ފާފަތައް ފޮހެވިއްޖެއޭ⁠‘ ނުވަތަ ’⁠ތެދުވެ ހިނގާފައި ދާށޭ⁠‘ މީގެ ތެރެއިން އޭނާއާއި ދިމާލަށް ބުނަން ފަސޭހައީ ކީކޭ؟ 6އިންސާނާގެ ދަރިކަލުންނަށް މިދުނިޔޭގައި މީސްތަކުންގެ ފާފަތައް ޢަފޫކޮށްދެއްވުމުގެ އިޚްތިޔާރު ލިބިގެންވާކަން އަހަރެން ތިޔަބައިމީހުންނަށް ސާބިތުކޮށްދޭނަން.⁠“ ދެން އެވާބަލި ޖެހިފައިވާ މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތެދުވޭ. ތިބާގެ އަށިގަނޑު ހިފައިގެން ގެއަށް ދޭ!⁠“ 7އެހިނދު އެ މީހާ ތެދުވެގެން ގެއަށް ދިޔައެވެ. 8މީސްތަކުންނަށް މިތަން ފެނި އެބައިމީހުން ނުހަނު އަޖައިބުވިއެވެ. އަދި އިންސާނަކަށް މިފަދަ މަތިވެރި ބާރެއް ދެއްވި ކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އެ ހުރިހާ އެންމެން ޙަމްދު ކުރިއެވެ.
އީސާގެފާނުގެ އަސްޙާބީއަކަށް މައްތާ ހޮއްވެވުން
9އެތަން ދޫކުރައްވައި އީސާގެފާނު ވަޑައިގެންނެވި މަގުމަތީގައި ޓެކްސް ނަގާ މީހެއް ކަމުގައިވާ މައްތާ އާއި އެކަލޭގެފާނާއި ދިމާވިއެވެ. އެ ހިނދު މައްތާ އިނީ އޭނާ ޓެކްސް ނެގުމަށް ހަދާފައިވާ އޮފީހުގައެވެ. މައްތާއަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކު އާދޭ.⁠“ އޭނާ ތެދުވެ އެކަލޭގެފާނާއި އެކުގައި ދިޔައެވެ.
10އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރިއްކުޅުއްވުމަށް ޓަކައި މައްތާގެ ގޭގައި ތިއްބެވިއެވެ. އެ ހިނދު އެގޭގައި ގިނަ އަދަދެއްގެ ޓެކްސް ނަގާ މީހުންނާއި އަދި ފާފަވެރި އެތައް ބަޔަކު އައިސް އެކަލޭގެފާނާއި އަދި އަސްޙާބީންނާއި އެކުގައި ކައި ހެދިއެވެ. 11ފަރީސީންނަށް މިތަން ފެނި އީސާގެފާނުގެ އަސްޙާބީންގެ ކައިރިން އެހިއެވެ. ”⁠ކަލޭމެންގެ އެދުރުކަލޭގެ ޓެކްސް ނަގާ މީހުންނާއި އަދި އެހެނިހެން ފާފަވެރިންނާއި އެކުގައި ކައި އެހަދަނީ ކީއްވެ؟⁠“
12އީސާގެފާނަށް އެ އަޑު އިވިވަޑައިގެން އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ މީހުންނަކަށް ޙަކީމަކު ބޭނުމެއްނުވޭ. ނަމަވެސް ޙަކީމަކު ބޭނުންވާނީ ބަލިމީހުންނަށް. 13ތިޔަބައިމީހުން ގޮސް މި އާޔަތުގެ މާނަ އޮޅުންފިލުވަބަލަ. ’⁠ތިމަންކަލާނގެ އެދިވޮޑިގަންނަވަނީ ޖަނަވާރުގެ ޤުރުބާނަކަށް ވުރެން އަނެކުންނަށް ތިޔަބައިމީހުން އޯގާތެރިވުމަށޭ.⁠‘#ހޫޝަޢު 6‏:6
އަހަރެން މި އައީ ޞާލިޙުންނަށް ގޮވާލުމަކަށް ނޫން. އަހަރެން މި އައީ ފާފަވެރިންނަށް ގޮވާލުމަށް.⁠“
ރޯދަޔާ މެދު ވިދާޅުވި ބަސްފުޅު
14އެއްދުވަހަކު ޔަޙުޔާގެފާނުގެ އަސްޙާބީން އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންނާއި އަދި ފަރީސީން ވެސް ރޯދަ ހިފަން. އެކަމަކު ކަލޭގެފާނުގެ އަސްޙާބީން ރޯދަ ނުހިފަނީ ކީއްވެ؟⁠“
15އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ކައިވެނި ވާ ފިރިހެނާ މެހުމާނުންނާއި އެކުގައި ހުންނަ ހިނދު އެބައިމީހުން ދެރައެއް ނުވާނެ. އެކަމަކު ކައިވެނި ވާ ފިރިހެނާ އެބައިމީހުންގެ ކައިރިން ދުރަށް ދިއުމުގެ ވަގުތު ޖެހުމުން އެބައިމީހުން ދެރަވެ ނުކާނެ.
16އެއްވެސް މީހަކު އާ ފޮތި ނުދޮވެ ބާ ހެދުމެއްގައި ވީ ބާގަނޑަކު ނާޅާނެ. އެފަދައިން އަމަލު ކޮށްފިނަމަ، އާ ފޮތިކޮޅު ކުޑަވެ ބާ ހެދުމުގައި ވީ ލޯވަޅު އިތުރަށް ހަލާކުވާނޭ. 17އެފަދައިން އެކަކު ވެސް ރޯ މޭބިސްކަދުރުގެ ދިޔަ ބާ ހަމަކަށް ނާޅާނެ.#9‏:17 އެޒަމާނުގައި މީހުން ފެނާއި އަދިވެސް އެހެން ދިޔާ ބުއިންތައް އެޅުމަށްޓަކާ ގެންގުޅުނީ ބަކަރީގެ ހަމުން ހަދާފައިވާ ތަރުމޯޒެއް ފަދަ އެއްޗެކެވެ. އޭރުން އެ ރޯ ދިޔަ ހުތްވުމުން އުފެދޭ ވައިގެ ސަބަބުން އެ ބާ ހަން ފަޅައިގެން ގޮސް މޭބިސްކަދުރުގެ ދިޔަ ފައިބައިގެން ދާނެ. ރޯ މޭބިސްކަދުރުގެ ދިޔަ އަޅަންވާނީ އާ ހަމަކަށް. އޭރުން މޭބިސްކަދުރުގެ ދިޔައާއި އަދި ހަން ވެސް ރަނގަޅު ޙާލަތުގައި ވާނެ.⁠“
އަންހެން ކުއްޖެއްގެ ފުރާނަ އަޅުއްވައި، އަންހެނެއްގެ ބަލި ހެޔޮ ކޮށްދެއްވުން
18އީސާގެފާނު މިފަދައިން ވާހަކަ ދައްކަވަނިކޮށް ދީނީ މަރުކަޒުގެ ވެރިޔަކު އެކަލޭގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ އަންހެން ދަރިފުޅު ހަމަ ދެންމެ ނިޔާވެއްޖެ. ނަމަވެސް ކަލޭގެފާނު ވަޑައިގެން އޭނާގެ ގައިގާ ކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލައްވައިފިނަމަ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!⁠“ 19ދެން އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ތެދުވެ ދީނީ މަރުކަޒުގެ ވެރިޔާ އާއި އެކުގައި ވަޑައިގަތެވެ.
20އެބޭކަލުން ހިންގަވާ ވަޑައިގަންނަވަމުން ގެންދެވި ހިނދު، މެދުނުކެނޑި ލޭފައިބަމުން ދާތާ ބާރަ އަހަރު ވެފައިވާ އަންހެނަކު އީސާގެފާނުގެ ފަހަތްޕުޅުން އައިސް އެކަލޭގެފާނުގެ ހެދުންކޮޅުގެ އަރިމަތީގައި އަތްލިއެވެ. 21އެއީ އޭނާގެ ހިތަށް މިހެން އަރައިގެންނެވެ. ”⁠އެކަލޭގެފާނުގެ ހެދުންކޮޅުގައި އަހަރެންނަށް އަތްލެވިއްޖެއްޔާ، އަހަރެންގެ މި ބަލި ފަސޭހަވެދާނެ.⁠“
22އީސާގެފާނު ފަސްއެނބުރި ބައްލަވާލައްވައި އެ އަންހެނާއަށް ވިދާޅުވިއެވެ. ”⁠ދަރިފުޅާ، ހިތްވަރުކުރޭ! ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން ކަނބުލޭގެ ބަލި މިހާރު ތިޔަވަނީ ފަސޭހަވެފައި!⁠“ އެހިނދު އެ އަންހެނާގެ ބަލި ފަސޭހަ ވެއްޖެއެވެ.
23ދެން އީސާގެފާނު ދީނީ މަރުކަޒުގެ ވެރިޔާގެ ގެއަށް ވަޑައިގެންނެވި ހިނދު އެ ގެއަށް އެއްވެފައި ތިބި މީސްތަކުންގެ ރުއިމުގެ އަޑުއިވި ޖަނާޒާގެ މިޔުޒިކު ކުޅެވެމުން ދާ ތަން އެކަލޭގެފާނު ދެކިވަޑައިގެންނެވިއެވެ. 24އެ ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ހުރިހާ އެންމެން ބޭރަށް ނުކުމޭ! އެ އަންހެންކުއްޖާ އެ ވަނީ މަރުވެފައެއް ނޫން. އޭނާ އެވަނީ ނިދާފައި!⁠“ އެމީހުން އީސާގެފާނާއި ދިމާލަށް ބަލައި ހޭންފެށިއެވެ. 25އެމީހުން ބޭރަށް ނުކުތުމާއި އެކުގައި، އީސާގެފާނު އެ އަންހެން ކުއްޖާ އޮތްތަނަށް ވަދެވަޑައިގަތެވެ. އަދި އެ އަންހެން ކުއްޖާގެ އަތުގައި ހިއްޕެވުމުން އެކުއްޖާ ދިރިގެން ތެދުވިއެވެ. 26 26މި ޚަބަރު އެސަރަހައްދުގެ ވަށައިގެންވާ ހުރިހާ ހިސާބުތަކަށް ފެތުރިގެން ދިޔައެވެ.
ކަނު ދެ މީހަކު ފަސޭހަ ކުރެއްވުން
27އީސާގެފާނު އެ ސަރަހައްދު އޮތްގޮތަށް ވަޑައިގަންނަވަމުން ގެންދެވި ހިނދު، ލޯފަން ދެމީހުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އެ ދެމީހުން އާދޭސް ކުރަމުން މިހެން ގޮވަމުން ދިޔައެވެ. ”⁠އޭ ދާއޫދު‏ގެފާނުގެ ދަރިކަލުން!#9‏:27 އޭ ދާއޫދު‏ގެފާނުގެ ދަރިކަލުން ”⁠ދާއޫދު‏ގެފާނުގެ ދަރިކަލުން⁠“ މިއީ އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ހޮއްވަވާފައިވާ އިސްރާއީލުގެ އަލްމަސީޙު ނުވަތަ އިސްރާއީލުގެ ރަސްކަލަކަން ވާތީ ދެއްވާފައިވާ ޚާއްސަ ލަގަބެކެވެ. އަޅުގަނޑުމެންގެ މައްޗަށް ރަޙުމް ކުރައްވާ.⁠“ 28އީސާގެފާނު ގެއެއްގެ ތެރެއަށް ވަދެ ވަޑައިގެންނެވި ހިނދު އެ ލޯފަން ދެމީހުން ވެސް އެކަލޭގެފާނުގެ އަރިހަށް އައެވެ. އަދި އެ ދެމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނަށް ތިޔަބައިމީހުންގެ ބަލި ހެޔޮ ކޮށްދެވިދާނެ ކަމުގައި ތިޔަބައިމީހުން ގަބޫލު ކުރަންތަ؟⁠“ އެ ދެމީހުން އެކަލޭގެފާނަށް ޖަވާބު ދެއްވިއެވެ. ”⁠އާދެ، މާތްސާހިބާ.⁠“ 29އީސާގެފާނު އެކަލޭގެފާނުގެ އަތްޕުޅު އެ ދެމީހުންގެ ލޮލުގައި ބީއްސަވާލައްވައި ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންގެ އީމާންތެރިކަން އޮތް ގޮތެއްގެ މަތިން ތިޔަބައިމީހުންނާމެދު ކަންތައް ވެދާހުށި!⁠“ 30އެވަގުތު އެމީހުންގެ ލޯތައް ހުޅުވި ލޮލަށް ފެންނަން ފެށިއެވެ. އީސާގެފާނު އެބައިމީހުންނަށް އިންޒާރު ކުރެއްވިއެވެ. ”⁠އެއްވެސް މީހެއްގެ ކައިރީގައި މި ހިނގާ ދިޔަ ކަންތައްތަކުގެ ވާހަކަ ބުނެގެން ނުވާނެ.⁠“ 31ނަމަވެސް އެބައިމީހުން އެތަނުން ގޮސް އީސާގެފާނު މި ކޮށްދެއްވި ކަންތަކުގެ ޚަބަރު މުޅި އެ ސަރަހައްދުގެ ތެރެއަށް ފަތުރައިލިއެވެ.
މަންމަނަކު ފަސޭހަކުރެއްވުން
32މި ދެ މީހުން އެތަނުން ދިޔުމަށް ފަހު، ބަޔަކުމީހުން އީސާގެފާނުގެ އަރިހަށް އިތުރު މީހަކު ގެނައެވެ. ޖިންނި އަވާލާފައި ވުމުގެ ސަބަބުން މި މީހާއަށް ވާހަކައެއް ނުދެއްކެއެވެ. 33ޖިންނިއަށް އެމީހާގެ ހަށިގަނޑުގެ ތެރެއިން ނުކުމެ ދިއުމަށް އީސާގެފާނު އަމުރު ކުރެއްވިއެވެ. އަދި އެ ހިނދު އެމީހާއަށް ވާހަކަ ދެކެވެން ފެށިއެވެ. އެތާ ތިބި އެންމެން ހައިރާންވެފައި ބުންޏެވެ. ”⁠މިފަދަ ކަމެއް މީގެ ކުރިން ބަނީއިސްރާއީލުންގެ ތެރެއިން ފެނިފައިނުވޭ.⁠“
34ނަމަވެސް ފަރީސީން ބުންޏެވެ. ”⁠އޭނާއަށް ޖިންނިތަކުގެ މައްޗަށް ބާރު ހިންގުން ޖިންނިތަކުގެ ވެރިޔާ ވަނީ ދީފަ.⁠“
ގޮވާން ކަނޑާނެ މީހުން ވަރަށް މަދު
35އީސާގެފާނު އެ ސަރަހައްދުގައި ހުރި ސަހަރުތަކަށާއި އަވަށްތަކަށް ދަތުރު ކުރެއްވިއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅުން ދީނީ މަރުކަޒުތަކުގައި ވަޢުޡު ވިދާޅުވެ، އުންގަންނަވައި ދެއްވަމުން ގެންދެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ. 36އެކަލޭގެފާނުގެ އަރިހަށް އައިސްތިބި ގިނަ މީސްތަކުން ފެނިވަޑައިގެން އެކަލޭގެފާނު އެމީހުންނާމެދު ހަމްދަރުދީވެ ވަޑައިގެންނެވިއެވެ. ސަބަބަކީ އެބައި މީހުން ވަނީ ހުއިހައްޕާ ދޭނޭ މީހަކު ނެތި، އެތަން މިތަނަށް ފެތުރި، ހާސްވެ އުންމީދު ގެއްލިފައިވާ ކަންބަޅިތަކެއް ފަދައިން ވެފައެވެ. 37އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ގިނަ ޢަދަދަކަށް ގޮވާން އެބަހުރި. ނަމަވެސް އެތަކެތި އެއްތަން ކުރުމަށް ޓަކައި ވަނީ ވަރަށް މަދު ބަޔަކު. 38ވީމާ ގޮވާންތަކުގެ ވެރިފަރާތް، ސާހިބުވަންތަ ކަލާނގެ ކިބަފުޅަށް އެކަލާނގެ ގޮވާން ދަނޑަށް މަސައްކަތްތެރިން ފޮނުއްވައި ދެއްވުމަށް އެދި ދަންނަވާ.⁠“

Currently Selected:

މައްތާ 9: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in