YouVersion Logo
Search Icon

މައްތާ 4

4
އީސާގެފާނަށް ވަސްވާސްތަކާއި ކުރިމަތި ކުރެއްވުން
1އެއަށް ފަހު މާތްރޫޙުފުޅު އީސާގެފާނަށް ސަހަރާގެ ތެރެއަށް ވަޑައިގަތުމަށް މަގުދެއްކެވީ އިބިލީސް އީސާގެފާނަށް ވަސްވާސްތައް ދިނުމަށެވެ. 2އީސާގެފާނު ސާޅީސް ދުވަހާއި ސާޅީސް ރޭ އެއްވެސް އެއްޗެއް ފަރީއްކުޅުވުމެއް ނެތި ރޯދައަށް ހުންނެވިއެވެ. އެހިނދު އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ބަނޑުހައިގެންފައެވެ. 3ދެން އިބިލީސް އައިސް އީސާގެފާނަށް ވަސްވާސް ދިނުމުގެ ގޮތުން ބުންޏެވެ. ”⁠ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ، މި ހިލަތަކަށް ރޮއްޓަށް ބަދަލުވާށޭ އަމުރު ކުރައްވާ.⁠“
4އީސާގެފާނު ވިދާޅުވިއެވެ. ”⁠މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠އިންސާނާ ދިރިހުރުމަށް ޓަކައި ހަމައެކަނި ބޭނުންވަނީ ކާއެއްޗިއްސެއް ނޫން. ނަމަވެސް ބޭނުންވާނީ މާތްރަސްކަލާނގެ ވަޙީކުރެއްވި ކޮންމެ ބަސްފުޅެއް.⁠‘⁠“#ދަތުރުނާމާ 8‏:3
5ދެން އިބިލީސް އެކަލޭގެފާނު މުޤައްދަސް ސަހަރު ކަމުގައިވާ ޖެރޫސަލަމަށް ގެންދަވައި ބައިތުލް މަޤްދިސްގެ އެންމެ އުސް ތަނަށް އެކަލޭގެފާނު އުފުއްލެވިއެވެ. 6އިބިލީސް އެކަލޭގެފާނަށް ބުންޏެވެ. ”⁠ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ، މިތަނުން ފުންމާލައްވާ. އެއީ މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠އެކަލާނގެ މަލާއިކަތުންނަށް ކަލޭގެފާނާ މެދު އަންގަވާނެޔޭ⁠‘ އަދި ’⁠އެމަލާއިކަތުން ކަލޭގެފާނު ހިލަތަކުގެ މައްޗަށް ވެއްޓުނަ ނުދެއްވާ އެބޭކަލުންގެ އަތްޕުޅުތަކުގެ މައްޗަށް އުފުއްލައްވާނެއޭ.⁠‘⁠“#ޒަބޫރު 91‏:11‏-12
7އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ވެސް ބަޔާންވެގެންވޭ. ’⁠ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެ އަޖުމަ ބަލަން ނޫޅޭށޭ.⁠‘⁠“#ދަތުރުނާމާ 6‏:16
8އެއަށް ފަހު އިބިލީސް އެކަލޭގެފާނު ވަރަށް އުސް ފަރުބަދައެއްގެ މައްޗަށް ގެންދެވިއެވެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތަކުގެ ވެރިކަމާއި، ތަނަވަސްކަމާއި، ރީތިކަމާއި އަދި މަތިވެރިކަން ކުއްލި މަންޒަރެއްގެ ސިފައިގައި ދެއްކުމަށް ފަހު 9އިބިލީސް ބުންޏެވެ. ”⁠ކަލޭގެފާނު އަހަރެންނަށް ސަޖިދަކޮށް އަދި އަޅުކަންކޮށްފިނަމަ މި ހުރިހާ ޤައުމުތަކުގެ ވެރިކަން ކަލޭގެފާނަށް އަހަރެން ދޭނަން.⁠“
10އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”⁠އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.⁠‘⁠“#ދަތުރުނާމާ 6‏:13
11ދެން އިބިލީސް އެކަލޭގެފާނު ދޫކޮށް ހިނގައްޖެއެވެ. އަދި މަލާއިކަތުން ވަޑައިގެން އެކަލޭގެފާނަށް އެހީތެރިވެދެއްވިއެވެ.
އީސާގެފާނު އެކަލޭގެފާނުގެ މަސައްކަތްޕުޅުގައި ކުރިއަށް ވަޑައިގެންނެވުން
12ޔަޙުޔާގެފާނު ޖަލުގައި ހައްޔަރު ކުރެވުނު ޚަބަރު އީސާގެފާނަށް ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު ގަލީލީއަށް އެނބުރިވަޑައިގެންނެވިއެވެ. 13އަދި ނާޒަރަތަށް ވަޑައިގެންނެވުމުގެ ބަދަލުގައި ކަޕަރުނައުމް އަވަށަށް ވަޑައިގެން ދިރިއުޅުއްވަމުން ގެންދެވިއެވެ. އެއީ ޒަބޫލޫން އާއި ނަފްތާލީ ސަރަހައްދުގެ ތެރެއިން ގަލީލީ ކަނޑުގެ އައްސޭރި ފަށުގައިވާ އަވަށެކެވެ.#4‏:13 ތައުރާތު ބާވައިލެއްވި ޒަމާނުގައި ނަފްތާލީ އާއި ޒަބޫލޫން އަކީ ގަލީލީ ކަނޑުގެ ސަރަހައްދުގައި ހުރި ބަނީއިސްރާއީލުގެ ދެ ގަބީލާއެވެ. އަދި އީސާގެފާނުގެ ދުވަސްވަރު އެ ދެ ސަރަހައްދުގައި ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ ގިނަ ބަޔަކު ދިރިއުޅެމުން ގެންދިޔައެވެ. 14މިހެން މިކަންތައް ވުމުން ނަބީ ޔަޝަޔާޙުގެފާނު މާތްރަސްކަލާނގެ އެންގެވި މިބަސްފުޅުތައް އެފަދައިން ހިނގަދިޔައެވެ:
15ޣައިރު ބަނީއިސްރާއީލު މީހުން ވެސް އުޅޭ ގަލީލީގެ ބިން ކަމަށްވާ ނަފްތާލީއާއި ޒަބޫލޫންއާއި،
އެތަނުގެ ކަނޑާއި ދިމާލަށްދާ މަގާއި،
އަދި އުރުދުން ކޯރާއި އެއަށްވުރެ ދުރުގައިވާ ހިސާބުތަކާއި،
16އެތަނުގައި އަނދިރީގައި ދިރިއުޅެމުންދާ މީހުންނަށް
ގަދަފަދަ އަލިކަމެއް ފެނިއްޖެއޭ!
މަރުގެ ހިޔަނީގެ ތެރޭގައި ތިބި މީހުންގެ މައްޗަށް
އަލިނޫރު ދިއްލިއްޖެއޭ!#އިޝަޢުޔާ 9‏:1‏-2
17އެހާތަނުން އީސާގެފާނު ރިސާލަތު އިއްވަވަން ފެއްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތައުބާވޭ! އެހެނީ މާތްރަސްކަލާނގެ ރަސްކަންފުޅު އައުން ވަނީ ކައިރީގަ!⁠“
މަސްވެރިންގެ ހަތަރު މީހަކު އީސާގެފާނު އަސްޙާބީން ކަމުގައި ޚިޔާރު ކުރެއްވުން
18އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށުގައި ހިންގަވާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ޝަމްއޫނު ޕަތަރަސްއާއި އޭނާގެ ކޮއްކޮ އަންދުރާއި މި ދެބެއިން ފެނިވަޑައިގަތެވެ. އެ ދެބެއިންނީ މަސްވެރިންނެވެ. އޭރު އެދެބެއިން ތިބީ މަސްހިފުމަށްޓަކައި ދާ އެއްލައިގެންނެވެ. 19އީސާގެފާނު އެ ދެބެއިންނަށް ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ. މަސް ހިފުމުގެ ބަދަލުގައި ތިޔަބައިމީހުންނަށް އިންސާނުން ހިފާނެ ގޮތް ދަސްކޮށްދޭނަން.⁠“ 20ދެން އެ ދެބެއިން ވަގުތުން ގެންގުޅުނު ދާތައް ދޫކޮށްލާފައި އެކަލޭގެފާނާއި އެކުގައި ކުރިޔަށް ދިޔައެވެ.
21ކުޑަ ތަންކޮޅަކަށް ކުރިއަށް ދިޔަ ހިނދު އެކަލޭގެފާނަށް އިތުރު ދެބެއިން ފެނިވަޑައިގެންނެވިއެވެ. އެއީ ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އެވެ. އެ ދެބެއިން ތިބީ އެމީހުންގެ ބައްޕަ ޒަބަދީ އާއި އެކުގައި ދޯނީގައެވެ. އޭރު އެބައިމީހުން މަސްހިފަން ގެންގުޅުނު ދާތައް މަރާމާތު ކުރަނީ އެވެ. އީސާގެފާނު އެ ދެބެއިންނަށް އެކަލޭގެފާނާއި އެކުގައި އައުމަށް އެދިވަޑައިގަތެވެ. 22އިސާހިތަކު އެ ދެބެއިންގެ ބައްޕައާއި އަދި މަސްދޯނި ދޫކޮށްލާފައި އީސާގެފާނާއި އެކުގައި ދިޔައެވެ.
އީސާގެފާނު ހެޔޮޚަބަރުފުޅު އިއްވަވައި ބަލިތައް ފަސޭހަކުރެއްވުން
23އީސާގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އުނގަންނަވައި ދެއްވަމުންނާއި ވަޢުޡު އިއްވަމުން ވަޑައިގެންނެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ. 24މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.
25ގަލީލީ އާއި ދެކާޕޮލިސް އާއި ޖެރޫސަލަމް އާއި ޖުދެއާ ކަރައިންނާއި އަދި އުރުދުން ކޯރުގެ އިރުމަތިފަރާތުގެ ސަރަހައްދުގައިވާ ރަށްތަކުގެ މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.

Currently Selected:

މައްތާ 4: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in