YouVersion Logo
Search Icon

މައްތާ 24

24
ބައިތުލް މަޤްދިސް ހަލާކުވާނެ
1އީސާގެފާނު ބައިތުލް މަޤްދިސްއާއި ދުރަށް ވަޑައިގަންނަވަން ފެއްޓެވުމުން އެކަލޭގެފާނުގެ އަސްޙާބީން އައިސް ބައިތުލް މަޤްދިސްގައިވާ ޢިމާރާތްތަކަށް އިޝާރާތްކޮށް އެކަލޭގެފާނަށް ދެއްކެވިއެވެ. 2އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް މި ޢިމާރާތްތައް ފެނެއެއް ނޫން؟ އަހަރެން މިބުނަނީ ތެދެއް. މި ޢިމާރާތްތައް ފުނޑުފުނޑުވެ ބިންމައްޗަށް ވެއްޓޭނެ! މި ޢިމާރާތްތަކުގައިވާ ހިލަތަކުގެ ތެރެއިން އެއް ހިލަބުރި އަނެއް ހިލަބުރި މަތީގައި ނެތި މިހުރިހާ ޢިމާރާތްތައް ބިމާ ހަމަވާނެ.⁠“
3އެއަށް ފަހު އީސާގެފާނު ޒައިތޫނި ފަރުބަދަ މަތީގައި އިށީނދެ ވަޑައިގެން އިންނެވި ހިނދު އަސްޙާބީން އެކަހެރިވެ އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠ތިޔަ ވިދާޅުވި ކަންތައްތައް ހިނގައިދާނީ ކޮންއިރަކުތޯ؟ އަދި ކަލޭގެފާނު އެނބުރި ވަޑައިގަންނަވާ ހިނދުގައްޔާއި ދުނިޔެ ޤިޔާމަތް ވުމުގައި ފެނިގެންދާނެ އަލާމާތްތައް އަޅުގަނޑުމެންނަށް ބުނެދީފާނަންތޯ؟⁠“
4އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ސަމާލުވެ ތިބޭތި! އެއްވެސް މީހެއްގެ ކެހިވެރިކަމުގެ ދަށުގައި ނުވާތި. 5ގިނަ ބަޔަކު އައިސް އެބައިމީހުންނަކީ ’⁠އަލްމަސީޙު⁠‘ ކަމުގައި ބުނެ އެތައްބަޔަކު މަގުފުރައްދާނެ. 6ހަނގުރާމައިގެ އަޑުފަށްގަނޑާއި އަދި ހަނގުރާމައިގެ ޚަބަރުތައް ތިޔަބައިމީހުންނަށް އަޑުއިވޭނެ. ނަމަވެސް އެކަންތަކާމެދު ކަންބޮޑުނުވޭ. އެއީ ކުރީކޮޅުގައި ހިނގަން ޖެހޭނެ ކަންތައްތައް. އެކަމަކު އެއީ ފަހުގެ ނިމުމުގެ ވަގުތު އައިސް ޖެހުމެއް ނޫން. 7އެއްގައުމު އަނެއް ޤައުމާއި ހަނގުރާމަކުރާނެ. އެއް ރަސްކަން އަނެއް ރަސްކަމާއި ހަނގުރާމަ ކުރާނެ. ތަދުމަޑުކަމާއި ކުރިމަތިވާނެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުންތައް ކުރިމަތިވާނެ. 8މި ހުރިހާ ކަންތައްތަކަކީ އަންހެނެއްގެ ވިހެއުމުގެ ފުރަތަމަ ވޭންވަރުތައް ފަދައިން ހިނގައިދާ ކަންތައްތައް.
9އެ ހިނދު މީސްތަކުން ތިޔަބައިމީހުން ހައްޔަރުކޮށް އަނިޔާދޭނެ. އަދި ތިޔަބައިމީހުން މަރާވެސްލާނެ. ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުން އެންމެހާ ޤައުމުތަކުގެ މީސްތަކުން ތިޔަބައިމީހުންދެކެ ނަފްރަތު ކުރާނެ. 10އެ ހިނދު ގިނަބަޔަކު އީމާންތެރިކަން ދޫކޮށްލައި އެކަކު އަނެކަކަށް ޚިޔާނާތްތެރިވެ އަދި އެކަކު އަނެކަކަށް ނަފްރަތުކުރާނެ. 11އެ ހިނދު ދޮގު ނަބީން އައިސް ގިނަބަޔަކަށް އޮޅުވައިލާނެ. 12ނުބައިކަން ފެތުރުމުގެ ސަބަބުން މީސްތަކުންގެ ގިނަބަޔަކު އެކަކު އަނެކަކާ މެދު އޮންނަ ލޯތްބާއި ކުލުނު ފަނޑުވެގެން ދާނެ. 13ނަމަވެސް އީމާންތެރިކަމުގައި ފަހުވަގުތާ ހަމަޔަށް ތިޔަބައިމީހުން ދެމިތިބެއްޖެ ނަމަ، ތިޔަބައިމީހުންނަށް ދިންނެވުން ލިބޭނެ. 14އަދި މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދުވާ ހެޔޮޚަބަރުފުޅު މުޅި ދުނިޔެއަށް އިއްވެމުން ދާނެ. އެއީ ހުރިހާ ގައުމަކަށް މިބަސްފުޅު ފޯރުވުމަށްޓަކައި. ނިމުން އަންނާނީ އޭގެފަހުން.⁠“
އަޖައިބު ކުރުވަނިވި ބިރުވެރިކަން
15”⁠ވަގުތުޖެހުމުން ނަބީބޭކަލެއް ކަމުގައިވާ ދާނިޔާލް ވިދާޅުވެ ދެއްވާފައިވާ ފަދައިން ފަނާކުރުވަނިވި ނަޖިސް މުޑުދާރު އެތި މުޤައްދަސް މަޤާމުފުޅު ތެރޭގައި ފެނިގެންދާނެ.#ދާނިޔާލް 9‏:27؛ 11‏:31؛ 12‏:11 (ކިޔުންތެރިންނަށް މިބުނާ އެއްޗެއްގެ މާނަ ޔަޤީންކަމާއެކުގައި އެނގެންޖެހޭނެއެވެ!) 16އެ ހިނދު ޖުދެއާ ކަރައިގައި ދިރިއުޅެމުން ދާ ހުރިހާ އެންމެން ފަރުބަދަތަކާއި ދިމާއަށް ފިލަން ދުވާތި. 17ގޭގެ ފުރާޅުމަތީގައި ހުރި މީހަކުނަމަ ގޭތެރޭގައި ހުރި އެއްޗެއް ބަލާވެސް ތިރިއަށް ނުފައިބާތި. 18ދަނޑުމަތީ ހުރި މީހެއް ނަމަ ލާ ހެދުންގަނޑު ބަލާވެސް އެނބުރި ނާންނާތި. 19އެ ދުވަސްތަކުގައި މާބަނޑު އަންހެނުންނަށާއި ކިރުމައިންނަށް ހުރި ހިތާމައެއްގެ ބޮޑުކަން! 20ފިނި މޫސުމެއްގައި ނޫނީ ސަބަތުގެ ދުވަހެއްގައި ތިޔަބައިމީހުން ފިލަން ދުވަން ނުޖެހުމަށް އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވާ. 21ދުނިޔެ އުފެއްދެވީއްސުރެން މިފަދަ ބިރުވެރި ދުވަސްތަކެއް މި ވީހާތަނަށް ދެކެފައެއް ނުވާނެ. އަދި ނުވެސް ދެއްކޭނެ. 22އެ ދުވަސްތަކުގައި މާތްރަސްކަލާނގެ ވަގުތު ކުރު ނުކުރެއްވިނަމަ މުޅި އިންސާނީ ޙަޔާތް ނެތި ދާނެ. ނަމަވެސް އެކަލާނގެ މި ދުވަސްތަކުގެ މުއްދަތު ކުރު ކުރެއްވީ އެކަލާނގެ ޚިޔާރު ކުރައްވާފައިވާ އަޅުތަކުންނަށް ސަލާމަތްތެރިކަމެއް ލިބިދެއްވުމަށް. 23އޭރު ފަހަރެއްގައި މީހަކު ތިޔަބައިމީހުންނަށް ބުނާނެ. ’⁠މިހިރީ އަލްމަސީޙު!⁠‘ ނޫނީ ’⁠އެހެރީ އަލްމަސީޙު!⁠‘ ނަމަވެސް އެކަން ގަބޫލު ކޮށްގެން ނުވާނެ. 24ދޮގު މަސީޙުންނާއި ދޮގު ނަބީން ފެނިގެންދާނެ. އަދި އެމީހުން މަތިވެރި މުޢުޖިޒާތާއި އަލާމާތްތައް ދައްކައި މީސްތަކުން ޙައިރާންކުރުވައި އެމީހުންނަށް ވެގެންވަންޏާ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ މީހުން ވެސް މޮޔަހައްދަން އުޅޭނެ. 25ނަމަވެސް އެ ވަގުތުގެ ކުރީން އަހަރެން ތިޔަބައިމީހުންނަށް އިންޒާރު މިދެނީ އެހެންވެ. 26ތިޔަބައިމީހުންގެ ގާތު އަލްމަސީޙު ސަހަރާގެ ތެރޭގައި ހުންނެވި ކަމަށް މީހަކު ބުންޏަސް އެތަނަށް ތިޔަބައިމީހުން ގޮސްގެން ނުވާނެ! އަދި ސިއްރު ތަނެއްގައި އެކަލޭގެފާނު ހުންނެވި ކަމަށް ތިޔަބައިމީހުންގެ ގާތު ބުންޏަސް އެކަން ގަބޫލުކޮށްގެން ނުވާނެ! 27އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާނީ އިރުން ފެށިގެން ހުޅަނގަށް އުދަރެހުގައި ދިއްލިގެން އަންނަ ވިދުވަރެއް ފަދައިން. 28އެއީ ގަބުރެއްގެ ހަށިގަނޑު ތަނެއްގައިވާ ހިނދު އެތަނަކަށް ބާޒުތައް އެއްވާ ފަދައިން.⁠“
އިންސާނާގެ ދަރިކަލުން އެނބުރި ވަޑައިގަތުން
29”⁠އެ މުސީބާތުގެ ދުވަސްތަކަށް ފަހު ކުއްލިއަކަށް އިރުގެ އަލިކަން ފަނޑުވެގެން ދޭ. އަދި ހަނދުން ހަނދުވަރު ނުލިބޭނެ. އުޑުން ތަރިތައް ފައިބާނެ. އަދި އުޑުތަކުގެ ބާރުތަކަށް ގުޑުން އަރާނެ.#އިޝަޢުޔާ 13‏:10؛ 34‏:4
30އެ ހިނދު އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާކަމުގެ ނިޝާން އުޑުން ފެންނާނެ. އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަތިވެރި ނޫރުފުޅާއި ގަދަފަދަ ބާރަފުޅާ އެކު އުޑުން ވިލާގަނޑެއްގެ ތެރެއިން ވަޑައިގަންނަވާހިނދު ދުނިޔޭގެ އެންމެހާ ޤައުމުތަކުގެ މީހުން ހިތާމަ ކުރާނެ. 31އަދި އެކަލޭގެފާނުގެ މަލާއިކަތުން ތާޅަފިލި ފުމޭ ގަދަ އަޑެއް ފަދައިން ދުނިޔޭގެ ހަތަރުބިތަށް ފޮނުއްވާނެ. އަދި ދުނިޔޭގެ ހަތަރުބިތުންނާއި އުޑުގެ އެއްކޮޅުން އަނެއްކޮޅާހަމައަށް ވާ އެކަލޭގެފާނު ހޮއްވަވާފައިވާ މީހުން އެއްތަން ކުރައްވާނެ.⁠“
ވައްތީނި ގަހާއިމެދު ވިދާޅުވި މާނަފުން ބަސްފުޅު
32”⁠ވައްތީނި ގަހުން ފިލާވަޅެއް ލިބިގަނޭ. އެގަހުގެ އޮފިތައް ނުކުމެ ފެހިކަން އައިސް ފަތްތައް ނުކުންނަން ފެށުމުން ހޫނުމޫސުން ވަނީ ކައިރީގައިކަން ތިޔަބައިމީހުންނަށް އެނގޭނެ. 33މިގޮތުގެ މަތީން ބަޔާންވެ ދިޔަ ކަންތައްތައް ވާން ފެށުމުން އެކަލޭގެފާނު އެނބުރި ވަޑައިގަތުމަށް ދޮރާށި ކައިރީގައި ތައްޔާރަށް ހުންނަވާނެ ވަގުތު ވަރަށް ކައިރި ވެއްޖެކަން ތިޔަބައިމީހުންނަށް އެނގޭނެ. 34އަހަރެން މިބުނަނީ ތެދެއް. މި ޖީލު ނެތި ދިއުމުގެ ކުރިން މި ހުރިހާ ކަމެއް ހިނގާނެ. 35އުޑާއި ބިން ނެތިގެން ދާނެ. އެކަމަކު އަހަރެންގެ ބަސްތައް ނެތިގެނެއް ނުދާނެ.⁠“
އީސާގެފާނު އެނބުރި ވަޑައިގަންނަވާނީ ކޮންއިރަކުން؟
36”⁠އެހެންނަމަވެސް މި ޙާދިސާތައް ހިނގާނެ ވަގުތާއި ދުވަސް އެއީ އެއްވެސް ފަރާތަކަށް އެނގިގެންވާ ކަންތައްތަކެއް ނޫން. އެއީ އުޑުގައިވާ މަލާއިކަތުން ކަމުގައިވިއަސް ނޫނީ ދަރިކަލުން ކަމުގައިވިއަސް. ހަމައެކަނި މިކަންތައްތައް ދެނެވޮޑިގެންވަނީ މަތިވެރި ބައްޕާފުޅު. 37އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާއިރު ކަންތައްތައް ހިނގައިދާނީ ނޫޙުގެފާނުގެ ޒަމާނުގައި ކަންތައްތައް ހިނގައި ދިޔަ ފަދައިން. 38ނޫޙުގެފާނު ނައުކޮޅަށް އަރާ ވަޑައިގަންނަވާންދެން މީސްތަކުން ކައިބޮއި، މީހުންނާއި އިނދެ އަދި އެބައިމީހުންގެ ދަރިން ކައިވެނިކުރުވާ ހެދި. 39ފެނުގެ ތޫފާން ކުރިމަތިވެ އެބައިމީހުން ނެތި ދިއުމަށް ދާންދެން އެބައިމީހުންނަށް ހިނގައިދާނޭ ޙާދިސާ އާއި މެދު އެއްވެސް އެއްޗެއް އެނގިގެން ނުވި. އިންސާނާގެ ދަރިކަލުން ފައުޅުވާހިނދުގައި ވެސް ކަންތައްތައް ހިނގައިދާނީ މިފަދައިން. 40ދެ މީހަކު ދަނޑުގައި ތިބޭނެ. އޭގެތެރެއިން އެކަކު ބަހައްޓާފައި އަނެކަކު ގެންދާނެ. 41ދެ އަންހެނަކު ގޮވާން މުގުރަން ތިބޭނެ. އޭގެ ތެރެއިން އެކަކު ބަހައްޓާފައި އަނެކަކު ގެންދެވޭނެ.
42ވީމާ ހޭލާ ތިބޭ! އެހެނީ ތިޔަބައިމީހުންގެ މާތްސާހިބާ ވަޑައިގަންނަވާނީ ކޮން ވަގުތެއްގައިކަން ތިޔަބައިމީހުންނަށް އެނގިގެން ނުވޭ. 43ރޭގަނޑުގައި ވަގު އަންނާނޭ ވަގުތު ގޭގެ ވެރިފަރާތަށް އެނގޭނަމަ އޭނާ އެކަމަށް ސަމާލުކަން ދޭނެ. އަދި އެ ވަގު ގެއަށް ވަނަކަ ނުދޭނެ. 44ވީމާ ތިޔަބައިމީހުން ވެސް ތައްޔާރުގައި އަބަދުވެސް ތިބޭ. އެހެނީ އެކަލޭގެފާނު ވަޑައިގަންނަވާނީ ހިތަށް ވެސް ނުގެނެވޭ ފަދަ ވަގުތެއްގައި.⁠“
ވަފާތެރި ޚާދިމަކާއި ނުބައި ޚާދިމަކު
45”⁠ސާހިބުމީހާގެ އިތުބާރު ލިބި އަދި ގޭބިސީގައިވާ އެހެނިހެން ޚާދިމުންނަށް ކަނޑައެޅިފައިވާ ވަގުތު ތަކުގައި ކާންދިނުމުގެ ފުރިހަމަ ޒިންމާ އުފުލޭފަދަ ބުއްދިވެރި އަދި ތެދުވެރި ޚާދިމަކީ ކާކު؟ 46ސާހިބުމީހާ އެނބުރި އައި ހިނދު ޚާދިމު ފުރިހަމައަށް މަސައްކަތްތައް ކޮށްފައިވާނަމަ ހާދިމުމީހާ އަށް އުފާވެރިކަން ލިބޭނެއެވެ. 47އަހަރެން މިބުނަނީ ތެދެއް. ސާހިބު މީހާ، އޭނާގެ ހުރިހާ މުދަލެއްގެ މައްޗަށް މި ޚާދިމު އިސްކުރާނެ. 48ނަމަވެސް ނުބައި ޚާދިމަކު މިފަދައިން ވިސްނާނެ. ’⁠އަހަރެންގެ ސާހިބުމީހާ އަވަހަކަށް ނާންނާނެ.⁠‘ 49އަދި އެހެނިހެން ޚާދިމުންނަށް އަނިޔާކޮށް، މަޖާކޮށް ރާބޮއި މަސްތުވެ މިފަދަ އެންމެހާ ކަންތައްތައް ކުރާނެ. 50ނަމަވެސް އެ ޚާދިމުގެ ސާހިބުމީހާ އޭނާ ހީވެސް ނުކުރާފަދަ ވަގުތެއްގައި އެނބުރި އަންނާނެ. 51އެ ހިނދު އެ ޚާދިމުގެ ހަށިގަނޑު ކަނޑާ ފޮތިފޮތިކޮށްފަ ދެފުށް ދެގޮތް މީހުން އެއްލާލެވޭ ތަނަށް އެއްލާލެވޭނެ. އެއީ މީސްތަކުން ރޮއި ލިބޭ ވޭނުން ދަތް ކުނޑިވިކަމުން ދާ ތަނެއް.⁠“

Currently Selected:

މައްތާ 24: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in