މައްތާ 16
16
ފަރީސީންނާއި ސާދުސީނުން މުޢުޖިޒާތީ އަލާމާތަކަށް އެދުން
1ފަރީސީންނާއި ސާދުސީންގެ ބަޔަކު އީސާގެފާނު ދަންތުރައެއްގައި ޖެއްސުމުގެ މަގުސަދުގައި އެކަލޭގެފާނުގެ އަރިހަށް އައިސް އެބައިމީހުންނަށް މުޢުޖިޒާތީ ޢަލާމާތެއް ދައްކަވައި ދެއްވުމަށް އެދުނެވެ.
2އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”އިރު އޮއްސެމުން ދާ ހިނދު ރަތްވިލާ ދަޅަ ފެންނަން ހުރުމުގެ ސަބަބުން މޫސުމް ރަނގަޅު ކަމުގައި ތިޔަބައިމީހުން ބުނާނެ. 3އަދި ހެނދުނުގެ ވަގުތުގައި އުޑުމަތި ބަނަވެ ރަތްކޮށް އޮތްނަމަ ވާރޭ ވެހޭނޭ ކަމުގައި ތިޔަބައިމީހުން ބުނާނެ. އުޑުމަތިން މިފަދަ ނިޝާންތަކެއް ތިޔަބައިމީހުންނަށް ފެނުމުން މޫސުމާއި ބޭހޭ ގޮތުން ތިޔަބައިމީހުންނަށް އެނގިދޭ. ހަމަ އެހެންމެ އަހަރެން ކުރަމުން މިގެންދާ ކަންތައްތައް ތިޔަބައިމީހުންނަށް ފެނިގެންވޭ. އެހެނަސް އެކަންތައްތަކުގެ މާނައެއް ތިޔަބައިމީހުންނަށް އެނގިގެން ނުވޭ. 4ނުބައި އަދި ފާފަވެރި މީސްތަކުން ނިޝާނެއްގެ ގޮތުން މުޢުޖިޒާތަކަށް އެދެމުން ދާނެ. ނަމަވެސް އެފަދަ އެއްވެސް ނިޝާނެއް ނުދެއްކޭނެ. ދައްކައި ދިނުމަކަށް އަހަރެން ބޭނުމެއް ނުވޭ. ޔޫނުސްގެފާނާއި މެދު ހިނގައިދިޔަ ކަންތައްތަކަކީ ތިޔަބައިމީހުންނަށް ޓަކައި ދެއްކެވި ހަމައެކަނި މުޢުޖިޒާތީ އަލާމާތްތަކެއް ކަމަށް ފުދޭނެ.“#ޔޫނުސް 2:1؛ މައްތާ 12:38-39 މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އެމީހުން ދޫކުރައްވައި ވަޑައިގެންނެވިއެވެ.
ނުބައި ދަސްކޮށްދިނުންތަކަށް ސަމާލުވެ ތިބޭ
5އީސާގެފާނުގެ އަސްޙާބީން ކަނޑުގެ އަނެއްފަރާތަށް ހުރަސްކުރި ހިނދު އެބޭކަލުން ހަނދާންނެތިގެން ބޯރޮށި ނުގެންދެވުނެވެ. 6އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ފަރީސީންނާއި ސާދުސީންގެ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވެ ތިބޭ!“
7މިހެން ވިދާޅުވުމުން އެބޭކަލުންގެ މެދުގައި ބަހުސްކޮށް ވާހަކަދެކެވުނެވެ. ”އެކަލޭގެފާނު އެހެން ވިދާޅުވީ އަހަރެމެން އަތުގައި ކާނޭ އެއްޗެއް ނެތުމުގެ ސަބަބުން.“
8އީސާގެފާނަށް އެބޭކަލުން ދެއްކި ވާހަކަ އެނގިވަޑައިގެން އެބޭކަލުންނަށް ވިދާޅުވިއެވެ. ”އޭ އީމާންކަން ކުޑަ މީހުންނޭ! ތިޔަބައިމީހުންގެ އަތުގައި ކާނޭ އެއްޗެއް ނެތުމުން އެކަމާ ތިޔަ ބަހުސް ކުރަނީ ކީއްވެ؟ 9ތިޔަބައިމީހުންނަށް އަދިވެސް އެނގިގެން ނުވޭތަ؟ ފަސް ބޯރޮށިން ފަސްހާސް މީހުންނަށް އަހަރެން ކާންދިން ގޮތް ތިޔަބައިމީހުން ހަނދާނެއް ނެތްތަ؟ އަދި އެމީހުން ކައިނިމިގެން އެތަކެތިން އިތުރަށް ތިޔަބައިމީހުން ނެގީ ކިތައް ވަށިގަނޑު ކަން ތިޔަބައިމީހުން ހަނދާނެއް ނެތްތަ؟ 10ހަތް ބޯރޮށިން ހަތަރު ހާސް މީހުންނަށް އަހަރެން ކާން ދިން ގޮތާއި، އަދި އެމީހުން ކައިނިމިގެން އެތަކެތިން އިތުރުވި ވަށިގަނޑުތަކުގެ އަދަދު ތިޔަބައިމީހުން ހަނދާނެއް ނެތްތަ؟ 11އަހަރެން ވާހަކަ ދައްކަމުން މިގެންދަނީ ކާނޭ އެއްޗަކާއި މެދު ނޫންކަން ތިޔަބައިމީހުންނަކަށް ނޭނގޭތަ؟ އަނެއްކާވެސް އަހަރެން ބުނަން. ފަރީސީންނާއި ސާދުސީންގެ ކަމީރު ކުރުމާ ދުރުވެ ސަމާލުވެ ތިބޭ!“ 12އެއަށް ފަހު އީސާގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނު ވާހަކަފުޅު ދައްކަވަމުން ގެންދެވީ ބޯރޮއްޓަށް އަޅާ ކަމީރާއި މެދު ފަރުވާތެރިވެ ސަމާލުވުމަކަށް ނޫންކަން އެބޭކަލުންނަށް އެނގުނެވެ. ނަމަވެސް ފަރީސީންނާއި ސާދުސީންގެ ދަސްކޮށްދިނުންތަކުގެ މައްޗަށް ފަރުވާތެރިވެ ސަމާލުވުމަށް ކަމުގައި ވެސް އެބޭކަލުންނަށް އެނގުނެވެ.
އީސާގެފާނަކީ ކޮން ބޭކަލެއް؟
13އީސާގެފާނަށް ކައިސަރިއާ ފިލިއްޕީގެ ސަރަހައްދަށް ވަޑައިގެންނެވުނު ހިނދު އެކަލޭގެފާނު އެކަލޭގެފާނުގެ އަސްޙާބީން ކުރެން އެއްސެވިއެވެ. ”އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެންނާއި މެދު މީސްތަކުން ބުނަނީ ކީކޭ؟“
14އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”ބައެއްމީހުން ކަލޭގެފާނީ ޔަޙުޔާގެފާނު ކަމުގައި ބުނޭ. އަނެއް ބައިމީހުން އިލްޔާސްގެފާނު ކަމުގައި ބުނޭ. އަދި އަނެއް ބައިމީހުން ކަލޭގެފާނީ އިރްމިޔާ ކަމުގައި ނޫނީ ކޮންމެވެސް އެހެން ނަބީބޭކަލެއް ކަމުގައި ބުނެ އުޅޭ.“
15އެކަލޭގެފާނު އެމީހުން ކުރެން އެއްސެވިއެވެ. ”ތިޔަބައިމީހުންނަށް ފެންނަ ގޮތުގައި އަހަރެންނަކީ ކާކު؟“
16ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”ކަލޭގެފާނީ އަލްމަސީޙު. ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ދަރިކަލުން.“
17އީސާގެފާނު ވިދާޅުވިއެވެ. ”އޭ ޔޫނުސްގެ ދަރި ޝަމްއޫނު. ތިބާއަށް ބަރަކާތްހުރި. އެހެނީ އެއްވެސް މީހަކު އެކަން ތިބާއަށް ހާމަކޮށްދީފައި ނުވޭ. އަހަރެންނަކީ ކާކުކަން ތިބާއަށް އަންގައިދިނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު. 18އަހަރެން ތިބާއަށް ބުނަން. އަހަރެން ތިބާއާއި މުޚާތަބު ކުރާނީ ޕަތަރަސްގެ ނަމުން.#16:18 ”ޕަތަރަސް“ މިބަހުގެ މާނައަކީ ”ހިލަ“ އެވެ. އަހަރެންގެ ޖަމާޢަތް އަހަރެން ބިނާ ކުރާނީ ތިޔަ ހިލައިގެ މަތީގައި. މަރަކަށް ވެސް އަދި ޝައިތާނާއަކަށް ވެސް އެ ޖަމާޢަތުގެ މައްޗަށް ބާރެއް ނުފޯރުވޭނެ. 19މާތްރަސްކަލާނގެ ރަސްކަންފުޅުގެ ތަޅުދަނޑިތައް އަހަރެން ތިބާއަށް ދޭނަން. އަދި ތިބާ މި ދުނިޔޭގައި ހުއްދަ ކުރާ ކޮންމެ ކަމެއް އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު ހުއްދަ ކުރައްވާނެ. އަދި ތިބާ ހުއްދަ ނުކުރާ އެއްވެސް ކަމެއް އެކަލާނގެ ވެސް ހުއްދައެއް ނުކުރައްވާނެ.“
20ދެން އީސާގެފާނު އެކަލޭގެފާނީ އަލްމަސީޙު ކަން އެއްވެސް މީހެއްގެ ކައިރީ ނުބުނުމަށް އަސްހާބީންނަށް އިންޒާރުކުރެއްވިއެވެ.
21އެހިނދުން ފެށިގެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މި ވާހަކަތައް ކިޔައިދެއްވަން ފެއްޓެވިއެވެ. އެއީ އެކަލޭގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވަން ޖެހޭނޭ ކަމުގައްޔާއި، ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑުއިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އެތަނުގައި އެކަލޭގެފާނަށް ތަފާތު މުސީބާތްތަކާއި އުނދަގޫތައް ޖައްސަވާނެ ކަމުގެ ވާހަކަތަކެވެ. އަދި އެކަލޭގެފާނު އަވަހާރަ ކޮށްލެވޭނޭ ކަމުގައްޔާއި އަދި އޭގެ ތިންވަނަ ދުވަހު އަލުން ދިރުއްވޭނޭ ކަމުގައި ވެސް އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ.
22އީސާގެފާނު އެއްފަރާތަށް ގެންދަވާ އެ ވާހަކަތައް ހުއްޓުވުމަށް ޕަތަރަސް އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ. މާތްރަސްކަލާނގެ ކަލޭގެފާނު އެފަދަ ކޮންމެ ކަމަކުން ސަލާމަތްކޮށްދެއްވާނެ! އެފަދަ އެއްވެސް ކަމެއް ކަލޭގެފާނާއި ދިމަލެއް ނުވާނެ!“
23މިހެން ޕަތަރަސް ދެންނެވުމުން އެކަލޭގެފާނު އޭނާއާ ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. ”އަހަރެންގެ ކައިރިން އެއްކިބާވޭ، ޝައިތާނާ! ތިއުޅެނީ އަހަރެންގެ މަގަށް ހުރަސްއަޅަން. ތިބާގެ ތިޔަ ވިސްނުމަކީ މާތްރަސްކަލާނގެ ކިބަފުޅުގައިވާ ވިސްނުމެއް ނޫން. ތިއީ އިންސާނީ ވިސްނުމެއް.“
24ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އެއްވެސް މީހަކު އަހަރެންނަށް ތަބާވުމަށް ބޭނުން ނަމަ އޭނާގެ އަމިއްލަ އެދުންތަކުން އެއްކިބާވާން ޖެހޭނެ. އަދި އަހަރެން ފަދައިން އެމީހެއްގެ އަމިއްލަ ނަފްސު ދީ އަދި ސަލީބެއްގައި އޮވެ މަރުވާންޖެހުނު ކަމުގައި ވިޔަސް އެކަމަށް ވެސް ތައްޔާރުގައި ވާންޖެހޭނެ. 25އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް އެދޭ މީހުންނަށް އެބައިމީހުންގެ މުޅި ޙަޤީޤީ ދިރިއުޅުން ގެއްލޭނެ. އެހެނަސް އަހަރެންނަށްޓަކައި ފުރާނަ ދޭ މީހަކަށް ޙަޤީޤީ ދިރިއުޅުން ލިބޭނެ. 26މީހަކަށް އެމީހާގެ ފުރާނަ ގެއްލިފައިވީނަމަ މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެމީހަކަށް އޮތީ ކޮން ފައިދާއެއް؟ އެމީހަކު އަނބުރާ އެ ފުރާނަ ގަތުމަށް ދެވޭނެ އަގަކީ ކޮބާ؟ 27އިންސާނާގެ ދަރިކަލުން އަލުންއަނބުރާ އަންނާނީ މަތިވެރި ބައްޕާފުޅުގެ ޖަލާލަތުކަމާއެކު އެކަލޭގެފާނުގެ މަލާއިކަތުންނާއި އެކުގައި. އެވަގުތު އެބަޔަކު ކުރި މަސައްކަތެއްގެ އުޖޫރަ އެބަޔަކަށް އެކަލޭގެފާނު ދެއްވާނެ. 28އަހަރެން މިބުނަނީ ތެދެއް. މިތަނުގައި މިތިބަ މީސްތަކުންގެ ތެރެއިން ބަޔަކު އެބައިމީހުން މަރުވުމުގެ ކުރިން އިންސާނާގެ ދަރިކަލުންގެ ރަސްކަން ދެކެފައިމެ ނޫނީ މަރެއް ނުވާނެ!“
Currently Selected:
މައްތާ 16: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.