މައްތާ 15
15
ދީނީ ދަންނަބޭކަލުންގެ ނުބައި ގޮތް
1އެއަށް ފަހު ބައެއް ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ޖެރޫސަލަމުން އީސާގެފާނުގެ އަރިހަށް އައިސް އެއްސެވިއެވެ. 2”ކަލޭގެފާނުގެ އަސްޙާބީން އަޅުގަނޑުމެންގެ ކާބަފައިންގެ އުނގަންނައިދިނުންތަކަށް ތަބާ ނުވެ، ކެއުމުގެ ކުރިން އެމީހުންގެ އަތް ނުދޮންނަނީ ކީއްވެ؟“
3އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ކަލޭމެން މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންނުވެ ކަލޭމެން އަމިއްލައަށް އުފައްދާ ގަވާއިދުތަކަށް ތަބާވަނީ ކީއްވެ؟ 4މާތްރަސްކަލާނގެ ވަޙީކުރެއްވީ. ’ތިޔަބައިމީހުންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ.#ނެރުއްވުން 20:12؛ ދަތުރުނާމާ 5:16 އަދި އެކަކު ވެސް ބައްޕައާއި މަންމައާއި މެދު ބަދުދުޢާ ކޮށްފިނަމަ އެމީހަކު މަރާލަން ވާނޭ.‘#ނެރުއްވުން 21:17؛ ލާވީން 20:9 5ނަމަވެސް ކަލޭމެން ބުނާގޮތުގައި މީހުންނަށް އެބައިމީހުންގެ މައިންބަފައިން ގާތުގައި ބުނެވިދާނެ. ’އަހަރެންގެ އަތުގައި މައިންބަފައިންނަށް ދޭން ހުރި ތަކެތި މާތްރަސްކަލާނގެއަށް ވެދުން ކޮށްފީމޭ.‘ 6ކަލޭމެން މީސްތަކުންނަށް އުނގަންނައިދެނީ އެބައިމީހުންގެ މައިންބަފައިންނަށް ގަދަރު ނުކުރުމަށް. ކަލޭމެންގެ އަމިއްލަ އުސޫލުތަކުގެ ޙައްޤުގައި ކަލޭމެން މާތްރަސްކަލާނގެ ވަޙީބަސްފުޅު ބާތިލު ކޮށްލީމު. 7މުނާފިޤުންނޭ! ކަލޭމެންނާއި މެދު ނަބީ ޔަޝަޔާޙުގެފާނު އަންގަވައިދެއްވި އިލާހީ އަންގަވައިދެއްވުން ކިހާ ތެދު! މާތްރަސްކަލާނގެ ވަޙީ ބަސްފުޅު އެކަލޭގެފާނަށް ބާވައިލެއްވުމުން މިފަދައިން ބަޔާންކުރައްވާ ލިޔުއްވާފައިވޭ:
8’މިފަދަ މީހުން އެބައިމީހުންގެ ބަސްތަކުން ތިމަންކަލާނގެއަށް ޤަދަރުކުރާކަން ދައްކައޭ.
އެކަމަކު އެބައިމީހުންގެ ހިތްތައްވަނީ ތިމަންކަލާނގެ އާއި ވަރަށް ދުރުގައޭ.
9އެބައިމީހުން ތިމަންކަލާނގެ ކިބަފުޅަށް ކުރާ އަޅުކަމުގައި އެއްވެސް އަގެއްނެތޭ.
އެބައިމީހުން އުނގަންނައިދޭ ތަކެއްޗަކީ އެއްވެސް ތާކުންތާކު ޖެހޭ އެއްޗެއް ނޫނޭ.
އެއީ ހަމަ އެކަނި އިންސާނީ ގަވާޢިދުތަކެކޭ.‘“#އިޝަޢުޔާ 29:13
10އީސާގެފާނު އެތަނުގައި ވީ މީސްތަކުންނަށް އެއްވުމަށް އެންގެވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެން ބުނާ ބަސްތައް އަޑުއަހައި ދޭހަވޭތޯ ބަލާ! 11ތިޔަބައިމީހުންގެ އަނގަޔަށްލާ ކާނާ އަކީ ތިޔަބައިމީހުން ނުތާހިރު ކުރުވާނޭ އެއްޗެއް ނޫން. ތިޔަބައިމީހުން ނުތާހިރު ކުރުވަނީ ތިޔަބައިމީހުންގެ އަނގައިން ނުކުންނަ ނުބައިވެގެންވާ ބަސްތައް.“
12އެއަށް ފަހު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އެއްސެވިއެވެ. ”ކަލޭގެފާނު ތިޔަ ވިދާޅުވި އެއްޗެއްގެ ސަބަބުން ފަރީސީން ކަލޭގެފާނު ދެކެ ރުޅިއައިކަން ދެނަހުރިންތޯ؟“
13އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު އިންދަވާފައި ނުވާ ކޮންމެ ގަހެއް އެކަލާނގެ މުލުން ލުހެލައްވާނެ. 14ފަރީސީންނާއި ދުރުގައި ވޭ! އެބައިމީހުންނީ ލޯކަނު މަގުދައްކާދޭ މީހުން. އަދި ކަނަކު އަނެއް ކަނަކަށް މަގު ދައްކަން ވެއްޖެ ނަމަ އެ ދެމީހުން އެކުގައި ވަޅުގަނޑަކަށް ވެއްޓިދާނެ.“
15ޕަތަރަސް ދެންނެވިއެވެ. ”ތިޔަ ވިދާޅުވި މިސާލުބަސްފުޅު އަޅުގަނޑުމެންނަށް އޮޅުންފިލުވައި ދެއްވާ.“
16އީސާގެފާނު ވިދާޅުވިއެވެ. ”އަދިވެސް ތިޔަބައިމީހުންނަށް އެނގިގެންނުވޭތަ؟ 17އަނގައިގެ ތެރެއަށް އެތެރެކުރެވޭ ކޮންމެ ކާނާއެއް ދާނީ ބަނޑުގެ ތެރެއަށް ކަން ތިޔަބައިމީހުން ދަންނާނެކަން ޔަޤީން. އެއަށް ފަހު އެ ކާނާ ހަށިގަނޑުން ބޭރުވެދޭ. 18މީސްތަކުންގެ އަނގައިން ނުކުންނަނީ އެބައިމީހުންގެ ހިތުގައިވާ ކަންތައްތައް. މީސްތަކުން ނުތާހިރު ކުރުވާ ކަންތައްތަކަކީ އެފަދަ ކަންތައްތައް. 19އެއީ ތިމާގެ ވިސްނުމުގައިވާ ނުބައި ޚިޔާލުތަކާއި، މީހުން މެރުމާއި، ޒިނޭ ކުރުމާއި، ޖިންސީ ފާފަވެރިކަމާއި، ވައްކަންކުރުމާއި، ދޮގު ހެދުމާއި، އަދި ބަދުނާމުކުރުން. 20މިފަދަ ކަންތައްތަކަކީ އިންސާނާ ނުތާހިރު ކުރުވާ ކަންތައްތައް. އަތް ނުދޮވެ ކެއުމަކީ އެއްވެސް ގޮތަކުން މީހުން ނުތާހިރު ކުރުވާނެ ކަމެއް ނޫން.“
ބަނީއިސްރާއީލު ދަރިކޮޅު ނޫން އެހެން ދަރިކޮޅެއްގެ އަންހެނެއްގެ އީމާންތެރިކަން
21އީސާގެފާނު އެ ސަރައްޙައްދު ދޫކުރައްވާ ޞޫރު އާއި ޞައިދޫންގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ. 22އެ ސަރަހައްދުގައި ދިރިއުޅެމުން ދާ ކަންޢާނީންގެ އަންހެނަކު ހަރުއަޑުން އާދޭސް ދަންނަވަމުން އީސާގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ”އޭ މާތްސާހިބާ! ދާއޫދުގެފާނުގެ ދަރިކަލުންނޭ! އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ! ޖިންނިއެއް އަޅުގަނޑުގެ އަންހެން ދަރިފުޅާ އަވަލައިފި. އެކަމުގައި އޭނާ ނުހަނު ވޭން އުފުލަމުން ގެންދޭ.“
23ނަމަވެސް އެ އަންހެނާއަށް އީސާގެފާނު އެއްވެސް ޖަވާބެއް ނުދެއްވާ ހަމަހިމޭނުން ހުންނެވިއެވެ. ވީމާ އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް އާދޭސް ދެންނެވިއެވެ. ”އެ އަންހެނާއަށް މިތަނުން ދިއުމަށް ވިދާޅުވޭ. އެ އަންހެނާ އެއަންނަނީ އަޅުގަނޑުމެންގެ ފަސްފަހަތުން ނުނެއްޓި ހަޅޭއްލަވަމުން.“
24ދެން އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެން ފޮނުއްވުނީ ހަމައެކަނި އިސްރާއީލުގެ މީހުންގެ ގާތަށް. އެމީހުން ތިބީ ހުއިހައްޕާނެ މީހަކު ނެތި ތިބި ކަންބަޅިތަކެއް ފަދައިން.“
25ނަމަވެސް އެ އަންހެނާ އީސާގެފާނުގެ އަރިހަށް ގޮސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”މާތްސާހިބާ. އަޅުގަނޑަށް އެހީތެރިވެ ދެއްވާ!“
26އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ދަރިންނަށް ހުރި ކާނާ ގެންގޮސް ކުއްތާތަކަށް ކާންދިނުމަކީ ރަނގަޅު ކަމެއް ނޫން.“
27އެ އަންހެނާ ދެންނެވިއެވެ. ”އާދެ. މާތްސާހިބާ. ނަމަވެސް ކުއްތާތައް އެތަކެތީގެ ސާހިބުގެ ކާމޭޒުމަތީން ވެއްޓިގެންދާ ތަކެތި ކައިހަދާ.“
28އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ދައްތާ. ދައްތަގެ އީމާންތެރިކަން ވަރަށް ވެސް މަތިވެރި. ދައްތަ އެދިގެންވާ ކަމެއް އަހަރެން ދައްތައަށް ކޮށްދޭނަން.“ އަދި ހަމަ އެ ހިނދު އެ އަންހެނާގެ ދަރިފުޅު ބަލިން ފަސޭހަވެ ރަނގަޅުވިއެވެ.
އީސާގެފާނު އެތައްބައެއްގެ ބަލިހެޔޮ ކޮށްދެއްވުން
29އެތަން ދޫކުރެއްވުމަށް ފަހު އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށަށް ވަޑައިގެންނެވިއެވެ. އެތަނަށް ވަޑައިގެން ފަރުބަދައިގެ މައްޗަށް އަރާވަޑައިގެން އެކަލޭގެފާނު އިށީނދެވަޑައިގެންފިއެވެ. 30ގިނަ ޢަދަދެއްގެ ބަޔަކު އެބައިމީހުންގެ ތެރޭގައިވާ ކޮރުމީހުންނާއި ވާބަލީގެ މީހުންނާއި ލޯފަން މީހުންނާއި މަންމަނުންނާއި އަދި މިނޫން ވެސް އެހެނިހެން ބަލިތައް ޖެހިފައިވާ މީހުން އީސާގެފާނުގެ ފައިންޕުޅު ދޮށަށް ގެނައެވެ. އަދި އެކަލޭގެފާނު އެ ހުރިހާ އެންމެންގެ ބަލި ހެޔޮކޮށްދެއްވިއެވެ. 31އެތަނުގައި އެއްވެތިބި މީސްތަކުންނަށް މިތަންފެނުނު ހިނދު އެބައިމީހުން ޙައިރާންވިއެވެ. މަންމަނުންނަށް މިހާރު ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިގެންވިއެވެ. ކޮރު މީހުންނަށާއި އަދި ވާގިބަލީގައި ވީ މީސްތަކުންނަށް ހިނގެންފެށިއެވެ. ލޯފަން މީހުންނަށް ފެނިގެންވިއެވެ. އަދި މިކަންތައްތަކާއި މެދު އެ ހުރިހާ އެންމެން ބަނީއިސްރާއީލުންގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރިއެވެ.
ހަތަރުހާހަށް ވުރެން ގިނަ ޢަދަދެއްގެ ބަޔަކަށް ކާންދެއްވުން
32އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި ވިދާޅުވިއެވެ. ”އަހަރެން މިބައިމީހުންނާއި މެދު ހަމްދަރުދީވަން. މިބައިމީހުން އަހަރެންނާއި އެކުގައި މިހާރު ތިން ދުވަސް ހޭދަ ކޮށްފި. މިމީހުންގެ އަތުގައި މިހާރު ކާނޭ އެއްޗެއް ވެސް ނެތް. އެހެންވެ އެމީހުން ބަނޑުހައި ވެފާއިވާ ޙާލުގައި ފޮނުވާލުމަކަށް އަހަރެން ނޭދެމު. އެމީހުން ގެއަށް ދާ މަގުމަތީ ފަހަރެއްގައި ހޭނެތިދާނެ.“
33އަސްޙާބީން އެކަލޭގެފާނުގެ އަރިހުން އެއްސެވިއެވެ. ”މިއެންމެންނަށް ކާންދޭނޭ ބޯރޮށި އަޅުގަނޑުމެން ހޯދާނީ ކޮންތާނކުންތޯ؟ އަޅުގަނޑުމެން މިތިބީ މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑެއްގައި.“
34އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުންގެ އަތުގައި އޮތީ ކިތައް ބޯރޮށި ތަ؟“ އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”ހަތް ބޯ ރޮއްޓާއި، ދެތިން ކުޑަ މަހެއް.“
35މީސްތަކުންނަށް ބިންމަތީގައި އިށީނުމަށް އީސާގެފާނު އެންގެވިއެވެ. 36އަދި ހަތް ބޯރޮއްޓާއި، މަސްކޮޅު ނެންގެވުމަށް ފަހު އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ. ދެން އެ ކާނާ ބައިބައި ކުރައްވާ އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވިއެވެ. އަދި އަސްޙާބީން މީސްތަކުންނަށް އެތަކެތި ދެއްވިއެވެ. 37އެހުރިހާ އެންމެން ބަނޑުފުރެންދެން އެ ތަކެތި ކެއެވެ. އެމީހުން ކައި ނިމުމުން ބާކީހުރި ތަކެތިން ހަތް ވަށިގަނޑުގެ ކާނާ އަސްޙާބީން އެއްކުރިއެވެ. 38އަންހެނުންނާއި ކުޑަކުދިން ނުގުނާ ގާތްގަނޑަކަށް ހަތަރުހާސް ފިރިހެނުން އެތަނުގައި ކެއެވެ. 39ދެން އީސާގެފާނު އެ މީސްތަކުން ގެއަށް ފޮނުވާލެއްވިއެވެ. އަދި އެކަލޭގެފާނު ދޯންޏަށް އަރާވަޑައިގެން މަގަދާނުގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.
Currently Selected:
މައްތާ 15: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.