YouVersion Logo
Search Icon

މައްތާ 14

14
ޔަޙުޔާގެފާނު އަވަހާރަ ކޮށްލި ގޮތް
1އެދުވަސްވަރު ގަލީލީގެ ވެރިޔާ ހެރޮދުއަށް އީސާގެފާނުގެ މަޝްހޫރުކަމާއި ބެހޭ ގޮތުން ޚަބަރު ލިބުނެވެ. 2އޭނާގެ ޚާދިމުންނަށް އޭނާ ބުންޏެވެ. ”⁠އީސާގެފާނަކީ ޔަޙުޔާގެފާނު. އޭނާ މަރުވުމަށް ފަހު އަލުން ދިރިގެން އައީ. އެފަދަ މުޢުޖިޒާތްތައް އޭނާއަށް އެ ދެއްކެނީ އެހެން ވެގެން.⁠“
3‏-4މީގެ ދުވަސްތަކެއް ކުރީގައި ހެރޮދު ވަނީ ޔަޙުޔާގެފާނު ހައްޔަރުކޮށް ގެންގޮސް ޖަލަށްލާފައެވެ. މިފަދައިން ހެރޮދު ކަންތައް ކުރި ސަބަބަކީ ހެރޮދުގެ އަންހެނުން ހެރޯދިޔާސް އަކީ ހެރޮދުގެ ކޮއްކޮ ފިލިޕުގެ ކުރީގެ އަންހެނުން ކަމަށް ވާތީ އެކަމާ ދެކޮޅަށް ޔަޙުޔާގެފާނު ހެރޮދު އާއި ދިމާލަށް މިފަދައިން ވިދާޅުވެފައިވާތީއެވެ. ”⁠ތިބާގެ ކޮއްކޮގެ އަނބިމީހާ އާއި ތިބާ ކައިވެނި ކުރުމަކީ ޤާނޫނާއި ޚިލާފް ކަމެއް.⁠“ 5ހެރޮދު ބޭނުންވީ ޔަޙުޔާގެފާނު އަވަހާރަ ކޮށްލައްވާށެވެ. ނަމަވެސް އޭނާ މީސްތަކުން ދެކެ ބިރުން އެކަން އެ ގޮތަށް ކުރުމަށް ޖެހިލުން ވިއެވެ. އެއީ ޔަޙުޔާގެފާނަކީ ނަބީބޭކަލެއް ކަމުގައި މީސްތަކުން ގަބޫލު ކުރާތީއެވެ.
6ހެރޮދުގެ އުފަންދުވަހު ހެރޯދިޔާސްގެ އަންހެންދަރިފުޅު ހެރޮދަށް ޓަކައި އެންމެންގެ ކުރިމަތީގައި ނަށައި ދިނެވެ. މިކަމާއި ހެރޮދު ނުހަނު ހިތްހަމަޖެހި އުފާ ވިއެވެ. 7މި ގޮތަށް އެކުއްޖާ ކަންތައް ކުރުމުން އޭނާ ބޭނުން ކޮންމެ އެއްޗެއް ދިނުމަށް ހެރޮދު ވަޢުދު ވިއެވެ. 8އެކުއްޖާ އޭނާގެ މަންމަ ބުނުމުން ހެރޮދު ކައިރީން އެދުނެވެ. ”⁠އަހަރެން އެދެނީ ޔަޙުޔާގެ ބޯ ތަބަކަކަށް ލައިގެން މިތަނަށް ގެނެސް ދިނުން.⁠“ 9މިކަމާއި ހެރޮދު ރަސްގެފާނު ދެރަވިއެވެ. އެކަމަކު އޭނާ އެންމެހާ މެހުމާނުންގެ ކުރިމަތީގައި ކުރި ހުވައެއް ފުއްދަން ޖެހޭތީ އެ އަންހެންކުއްޖާ އެދުނުފަދައިން ކަންތައް ކޮށްދިނުމަށް އޭނާ އަމުރު ކުރިއެވެ. 10އަދި އޭނާގެ ސިފައިން ޖަލަށް ފޮނުވައި ޔަޙުޔާގެފާނުގެ ބޯ ކަނޑުއްވައިލެއްވިއެވެ. 11އަދި ތަބަކަށް ލައިގެން ގެނެސް އެ އަންހެންކުއްޖާއަށް ދިނެވެ. އަދި އެ އަންހެންކުއްޖާ އެ ތަބައް ހިފައިގެން ގޮސް އޭނާގެ މަންމައަށް ދިނެވެ. 12ދެން ޔަޙުޔާގެފާނުގެ އަސްޙާބީން ގޮސް އެކަލޭގެފާނުގެ ހަށިކޮޅު ގެންގޮސް ފަސްދާނު ލެއްވިއެވެ. އަދި އެބައިމީހުން އީސާގެފާނުގެ އަރިހަށް ގޮސް އެ ކަމުގެ ޚަބަރު ދިނެވެ.
ފަސްހާސް މީހުންނަށް ވުރެން ގިނަ މީހުންނަށް ކާންދެއްވުން
13ޔަޙުޔާގެފާނާއިމެދު ކަންތައްތައް ހިނގައިދިޔަ ގޮތުގެ ޚަބަރުފުޅު އީސާގެފާނަށް ލިބިވަޑައިގެންނެވުމުން ދޯންޏެއްގައި ފުރާ ވަޑައިގެން އެކަލޭގެފާނު ގިނިކަންޏާ އެކަހެރި ތަނަކަށް ވަޑައިގަތެވެ. ނަމަވެސް މީސްތަކުންނަށް އެކަލޭގެފާނު ވަޑައިގަންނަވާ ޚަބަރުފުޅު ލިބުމުން އެކިއެކި އަވަށްތަކުން ހިނގާފައި އެކަލޭގެފާނާއި ބައްދަލު ކުރެއްވުމަށް ޓަކައި އައެވެ. 14އީސާގެފާނު އެއްގަމަށް ފައިބައިވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އިންތިޒާރުގައި މީސްތަކުން ތިބިތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މިކަމާއި އެކަލޭގެފާނު ނުހަނު ހަމްދަރުދީވެ ވަޑައިގެން އެމީހުންގެ ބަލިތަކަށް ޝިފާދެއްވިއެވެ.
15އިރު އޮއްސުމަކާއި ކައިރިވެފައި ވަނިކޮށް އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠މިއީ މީހުން އުޅޭ ސަރަހައްދެއް ވެސް ނޫން. އަދި ވަރަށް ލަސްވެއްޖެ. މި މީސްތަކުން ފޮނުވާލައްވަން ވީނޫންތޯ؟ އޭރުން އެމީހުން ކައިރީގައިވާ އަވަށްތަކަށް ގޮސް ކާއެއްޗެއް ހޯދާފާނެ.⁠“
16ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠އެމީހުން ދިއުމުގެ ބޭނުމެއް ނެތް. ތިޔަބައިމީހުން އެމީހުންނަށް ކޮންމެސް ކާ އެއްޗެއް ދީ!⁠“
17އެމީހުން އީސާގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ އަތުގައި އޮތީ ހަމައެކަނި ބޯރޮށީގެ ފަސް ރޮއްޓާއި ދެ މަސް.⁠“
18އީސާގެފާނު ވިދާޅުވިއެވެ. ”⁠ބޯރޮއްޓާއި މަސް އަހަރެންގެ ކައިރިއަށް ގެނެސްދީ.⁠“ 19ދެން މީސްތަކުންނަށް ވިނަގަނޑު މަތީގައި އިށީނުމަށް އެކަލޭގެފާނު އެންގެވިއެވެ. އަދި ފަސް ބޯރޮއްޓާއި ދެ މަސް ނެންގެވުމަށް ފަހު، އުޑާއި ދިމާލަށް ބައްލަވައި މާތްރަސްކަލާނގެއަށް ޝުކުރު ކުރެއްވިއެވެ. އެއަށް ފަހު ބޯރޮށި ފަޅި ކުރައްވައި އެތަކެތި އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި އެތަނުގައި ތިބި މީސްތަކުންނަށް ބެއްސެވިއެވެ. 20ހުރިހާ އެންމެން ހިތްހަމަޖެހޭ މިންވަރަށް ކެއުމަށް ފަހު، ނުކެވި ބާކީ ހުރި ތަކެތިން ބާރަ ވަށިގަނޑުގެ ކާތަކެތި އެއްކުރިއެވެ. 21އަންހެނުންނާއި ކުޑަކުދިން ނުގުނާ ގާތްގަނޑަކަށް ފަސްހާސް ފިރިހެނުން އެތަނުގައި ކެއެވެ.
އީސާގެފާނު ފެންމަތީގައި ހިންގަވާފައި ވަޑައިގަތުން
22ހަމަ އެހިނދު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ދޯންޏަށް އަރައިގެން ކަނޑުގެ އަނެއްފަރާތަށް ދިއުމަށް އަމުރުކުރެއްވި އެވެ. މީސްތަކުން ފޮނުވާލުމަށް ޓަކައި އެކަލޭގެފާނު އެތަނުގައި މަޑުކުރެއްވިއެވެ. 23އެންމެހައި މީސްތަކުން އެތަނުން ދިއުމުން އެކަލޭގެފާނު ދުޢާކުރެއްވުމަށް ޓަކައި ފަރުބަދަ މައްޗަށް ވަޑައިގަތެވެ. އޭރު އިރުއޮއްސި އަނދިރިވެއްޖެއެވެ. އަދި އެތަނުގައި އީސާގެފާނު ހުންނެވީ އެކަންޏެވެ. 24އެ ހިނދު އަސްޙާބީން ދިޔަ ދޯނި ވަނީ އެއްގަމާއި ވަރަށް ދުރުގައެވެ. އަދި ދޯނި ރާޅާތަޅުވަމުން ވަޔާދެކޮޅަށް ދުއްވަމުން ދިޔައެވެ.
25ފަތިސް ވާން ކައިރިވެފައި ވަނިކޮށް އީސާގެފާނު ފެންމަތީގައި ހިންގަވާފައި އެކަލޭގެފާނުގެ އަސްޙާބީންގެ ކައިރިއަށް ވަޑައިގަތެވެ. 26އަސްޙާބީންނަށް އެކަލޭގެފާނު ފެންމަތީ ހިންގަވާފައި ވަޑައިގެންނެވިތަން ފެނުނު ހިނދު އެބޭކަލުން ނުހަނު ބިރުގަތެވެ. އަދި އެބޭކަލުން ބިރުން ތިބެ ގޮވިއެވެ. ”⁠އެހެރީ ފުރޭތައެއް!⁠“
27ކުއްލިއަކަށް އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ބިރު ނުގަނެ ހިތްވަރު ބަހައްޓާ! މިއީ އަހަރެން!⁠“
28އެ ހިނދު ޕަތަރަސް ބުންޏެވެ. ”⁠މާތްސާހިބާ! ޙަޤީޤަތުގައި ތިޔައީ ސާހިބާ ކަމުގައި ވާނަމަ ސާހިބާގެ އަރިހަށް ފެންމަތީގައި ހިނގާފައި އަޅުގަނޑު ދިއުމަށް އަމުރު ކުރައްވާ!⁠“
29އީސާގެފާނު ޕަތަރަސް އަށް ވިދާޅުވިއެވެ. ”⁠އާދޭ!⁠“ އެވަގުތު ޕަތަރަސް ދޯނިން ފައިބައި ފެންމަތީގައި ހިނގާފައި އީސާގެފާނުގެ އަރިހަށް ދިއުމަށް ހިނގައިގަތެވެ. 30ނަމަވެސް ނަގާފައި ހުރި ގަދަ ކޮޅިގަނޑާއި އަދި ކަނޑުގައިވާ ބިޔަ ރާޅުތައް ޕަތަރަސްއަށް ފެނުނު ހިނދު އޭނާ ބިރުގަތެވެ. އަދި އޭނާ ގެނބެން ފަށައިފިއެވެ. އެ ހިނދު އޭނާ މިހެން ގޮވާ ހަޅޭލެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑު ސަލާމަތް ކޮށްދެއްވާ!⁠“
31ކުއްލިއަކަށް އީސާގެފާނު ޕަތަރަސްގެ އަތުގައި ހިއްޕަވާ ނެންގެވުމަށް ފަހު ވިދާޅުވިއެވެ. ”⁠ތިބާގެ އީމާންތެރިކަމުގެ ކުޑަކަމާއޭ! ތިބާ ޝައްކު ކުރީ ކީއްވެ؟⁠“
32އީސާގެފާނާއި ޕަތަރަސް ދޯންޏަށް އަރާވަޑައިގަތުމަށް ފަހު، ވައި ހިނދި ކަނޑު މަޑުވިއެވެ. 33އެ ހިނދު ދޯނީގައި ތިބި އެންމެން އީސާގެފާނަށް އަޅުކަން ކުރިއެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނީ ޙަޤީޤަތުގައި ވެސް މާތްރަސްކަލާނގެ ދަރިކަލުން.⁠“
34އެބޭކަލުން ކަނޑު ހުރަސް ކުރައްވައި ޖެނެސަރަތު އަވަށުގެ ގޮނޑުދޮށަށް ދޯނި ކައިރި ކުރެއްވިއެވެ. 35އެ ހިނދު މީސްތަކުންނަށް އީސާގެފާނު ހުންނެވިކަން އެނގުމުން މުޅި އެ ހިސާބުގައި ތިބި އެންމެހައި މީސްތަކުންނަށް އީސާގެފާނު ވަޑައިގެން ހުންނެވި ޚަބަރު ދިނެވެ. އަދި އެބައިމީހުންގެ އެންމެހައި ބަލިމީހުން އެކަލޭގެފާނުގެ އަރިހަށް ގެނައެވެ. 36އީސާގެފާނު ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅުގެ ކައިރިފަށުގައި އަތްލުމަށް އެދި އާދޭސް އެބައިމީހުން ދެންނެވިއެވެ. އަދި އެކަލޭގެފާނުގެ ރިދާ ކޮޅުގައި އަތްލި ކޮންމެ މީހެއްގެ ބަލި ފަސޭހަވެ ދިޔައެވެ.

Currently Selected:

މައްތާ 14: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in