މައްތާ 11
11
އީސާގެފާނާއި ޔަޙުޔާގެފާނު
1އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނަށް އެފަދައިން އިރުޝާދު ދެއްވުމަށް ފަހު، އުނގަންނަވައި ދެއްވުމަށާއި ވަޢުޡު އިއްވެވުމަށް ޓަކައި އެކަލޭގެފާނު ގަލީލީ އަވަށުގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.
2އެ ހިނދު ޔަޙުޔާގެފާނު ޖަލުގައި ހުންނަވަނިކޮށް އަލްމަސީޙު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. އަދި ޔަޙުޔާގެފާނުގެ އަސްޙާބީން އީސާގެފާނުގެ އަރިހަށް ފޮނުވައި ސުވާލު ކުރެއްވިއެވެ. 3”އަޅުގަނޑުމެން އިންތިޒާރު ކުރަމުން ގެންދިޔަ އަލްމަސީޙަކީ ތިޔައީތޯއޭ؟ ނޫނީ އަޅުގަނޑުމެން އެހެން ފަރާތަކަށް އިންތިޒާރު ކުރުންމަތީގައި ތިބެންވީތޯއޭ؟“
4އީސާގެފާނު ޖަވާބުގައި އެބައިމީހުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް ފެނިފައިވާ ކަންތައްތަކާއި އަޑުއިވިފައިވާ ކަންތައްތަކުގެ ޚަބަރުތައް ތިޔަބައިމީހުން އެނބުރި ގޮސް ޔަޙުޔާގެފާނަށް ދެއްވާ. 5ލޯފަން މީހުންނަށް ފެނުން ދެއްވައި، ނުހިނގޭ މީހުންނަށް ހިނގާ ދެއްވައި، ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވައި، ބީރު މީހުންނަށް އިވުން ދެއްވައި، މަރުވެފައިވާ މީހުންނަށް ދިރުން ދެއްވައި، އަދި ނިކަމެތިންނަށް ހެޔޮޚަބަރު ބުނެދެއްވައި ކަމުގައި. 6އަދި އަހަރެން މިކުރާ ކަންތަކުގެ ސަބަބުން އަހަރެން ދެކެ ނުރުހުންތެރިކަމެއް ނުވާ މީހުންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާނެ.“
7ޔަޙުޔާގެފާނުގެ އަސްޙާބީން އެނބުރި ދިއުމުން އީސާގެފާނު އެއްވެފައި ތިބި މީސްތަކުންނާއި މުޚާތަބު ކުރައްވައި ޔަޙުޔާގެފާނާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ”ތިޔަބައިމީހުން އެކަހެރި މީހުން ނޫޅޭ ހިސާބަށް ދިޔައީ ކޯންޗެއް ދުށުމަށް؟#3:1؛ ލޫކާސް 1:80 ކޯރުތަކުގެ ކައިރީގައި ހެދޭ ކަހަލަ ވިނަގަސްތައް ވަޔާ ހޫރޭތަން ދުށުމަށް ތަ؟ 8ތިޔަބައިމީހުން ބަލަން ދިޔައީ ކޮންކަހަލަ މީހެއް؟ އަގުބޮޑު މޮޅު ހެދުމެއް ލައިގެން ހުރި މީހަކު ތަ؟ ނޫން. އަގުބޮޑު ހެދުންތައް އަޅައިގެންވާ މުއްސަނދިން ތިބޭނީ ގަނޑުވަރުތަކުގައި. 9ސަހަރާތެރެއަށް ތިޔަބައިމީހުން ދިޔައީ ކީއްވެ؟ ނަބީބޭކަލަކު ދުށުމަށްތަ؟ ތެދެއް. ޔަޙުޔާގެފާނަކީ ނަބީބޭކަލަކަށް ވުރެން މަތިވެރި ބޭކަލެއް ކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަން. 10މާތްވެގެންވާ ފަތްފުށްތަކުގައި ޔަޙުޔާގެފާނާއި މެދު ބަޔާންކޮށް ދެއްވާފައި ވަނީ އެކަލޭގެފާނަކީ ޚާއްސަ ނަބީބޭކަލެއް ކަން. އެކަލޭގެފާނާއި މެދު މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވޭ: ’ނިކަން ބައްލަވާ! ކަލޭގެފާނު#11:10 ކަލޭގެފާނު ކަލޭގެފާނު މިތާނގައި ނިސްބަތް ކޮށްފައި މިވަނީ އީސާގެފާނަށެވެ. ފޮނުއްވުމުގެ ކުރިން ތިމަންކަލާނގެ ނަބިއްޔާ ފޮނުއްވާނަމޭ. ކަލޭގެފާނަށް ޓަކައި މަގު އެ ނަބިއްޔާ ތައްޔާރު ކުރައްވާނޭ.‘#މަލާކީ 3:1
11އަހަރެން މިބުނަނީ ތެދެއް. ދުނިޔެއަށް އަންހެނެއްގެ ބަނޑުން އުފަންވި މީހުންގެ ތެރޭގައި ޔަޙުޔާގެފާނު ފަދަ މަތިވެރި އިންސާނަކު ނުވޭ. ނަމަވެސް މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހިމެނޭ އެންމެ ދަށް މީހާ ވެސް ޔަޙުޔާގެފާނަށް ވުރެން މަތިވެރިވެގެންވާނެ. 12ޔަޙުޔާގެފާނު މިރިސާލަތު އަންގަވާ ދެއްވަން ފެއްޓެވީއްސުރެން މިހާތަނަށް މާތްރަސްކަލާނގެ ރަސްކަންފުޅު ބާރަށް ކުރިއަށް ދިޔަ. 13އެހެނީ ޔަޙުޔާގެފާނު ވަޑައިގަތުމުގެ ކުރިން އެންމެހާ ނަބީބޭކަލުންގެ ފޮތްތަކާއި އަދި ތައުރާތުގައި މާތް ރަސްކަލާނގެ ރަސްކަންފުޅު އައުމާއި ބެހޭގޮތުން ޣައިބުގެ ބަސްތައް ވިދާޅުވެފައިވެއެވެ.
14އަދި ތިޔަބައިމީހުން އެ ފަތްފުށްތައް ގަބޫލުކުރާނަމަ ޔަޙުޔާގެފާނަކީ އިލްޔާސްގެފާނު ކަމުގައި ތިޔަބައިމީހުން ގަބޫލު ކުރާނެ. އެއީ އެބޭކަލުން އިލްޔާސްގެފާނު ވަޑައިގަންނަވާނޭ ކަމުގައި ބަޔާންކުރައްވާފައި ވާތީވެ. 15ތިޔަބައިމީހުންގެ ކަންފަތްތަކެއް ހުރިނަމަ، އަހަރެންގެ މި ބަސްތަކުގެ އަޑުއަހާ!
16މިޒަމާނުގެ މީހުންނާއި މެދު އަހަރެން ބުނާނީ ކީކޭ؟ އެބައިމީހުންނާ ވައްތަރީ ކޮންފަދަ ބަޔަކާ؟ އެބައިމީހުންނެކޭ ބާޒާރު މަތީގައި އިށީނދެ ތިބޭ ކުދިންނެކޭ އެއްގޮތް. އެކުދިން ކުޅެމުން ގެންދާހިނދު އެއްކުއްޖަކު އަނެއްކުއްޖަކަށް ބުނާނެ.
17’ކަލޭމެންނަށް ޓަކައި އަހަރެމެން މިޔުޒިކް ކުޅެދިނީމޭ. ނަމަވެސް ކަލޭމެން ނުނެށީމެއް ނޫންހޭ. އަހަރެމެން ހިތާމަވެރި ލަވަ ކިޔަދިނީމޭ. އެހެނަސް ކަލޭމެން ނުމެ ރުއީމެއް ނޫންހޭ!‘
18ޔަޙުޔާގެފާނު ވަޑައިގެން ރަލާއި އާދައިގެ ކާނާ ފަރީއެއް ނުކުޅައްވާ. އެހެން ވުމާއެކު، އެމީހުން ބުނޭ. ’އޭނާ އެވަނީ ޖިންނި އަވަލާފައޭ.‘ 19އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އައީ ރަލާއި އާދައިގެ ކާނާ ކައިގެން. ވީމާ އެމީހުން ބުނޭ. ’ނިކަން ދެކެބަލަ! އޭނާއަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ޓެކްސް ނަގާ މީހުންނާއި އެންމެ ނުބައި ފާފަވެރިންގެ ވެސް އެކުވެރިއެކޭ.‘ ނަމަވެސް، ނަތީޖާއެއްގެ ގޮތުން މާތްރަސްކަލާނގެ ޙިކުމަތްވަންތަކަން ދައްކަވައިދެއްވާނެ.“
އީމާންނުވާ މީހުންނަށް އިންޒާރު ކުރެއްވުން
20ދެން އީސާގެފާނު އެކަލޭގެފާނު އެންމެ ގިނަ މުޢުޖިޒާތްތައް ދެއްކެވި ސަހަރުތަކަށް ފާޑުވިދާޅުވިއެވެ. އެމީހުން ތައުބާ ނުވުމުގެ ސަބަބުން އެ ސަހަރުތައް ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
21އެކަލޭގެފާނު ވިދާޅުވިއެވެ. ”ކޮރާޒިންގެ އަހުލުވެރިންނޭ! ބެތުސައިދާގެ އަހުލުވެރިންނޭ! ތިޔަ ދެ ސަހަރަށް ބޮޑު ހިތާމައެއް ހުރި! ތިޔަ ދެ ސަހަރުގެ އަހުލުވެރިންނަށް ދެއްކެވި މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ދެއްކެވި ކަމުގައިވާނަމަ އެމީހުން މޮޅިވެރިކަމުގެ ހެދުންތައް ލައި ބޮލަށް އަޅި އަޅައި އެމީހުން ތައުބާވެއްޖެތާ ކިތަންމެ ދުވަހެއް. 22ޤިޔާމަތް ދުވަހުގައި ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ވުރެން ކަލޭމެންނަށް ލިބިދޭ ޢުޤޫބާތް ބޮޑުވެގެންވާނެ ކަމުގެ ޔަޤީންކަން އަހަރެން ކަލޭމެންނަށް ދެން.
23ކަޕަރުނައުމްގެ އަހުލުވެރިންނޭ! ކަލޭމެންނަށް ސުވަރުގެ ލިބިދޭނޭ ކަމުގައި ހީކުރަނީތަ؟ ނޫން. ކަލޭމެން ވެއްޓިގެން ދާނީ ނަރަކައިގެ އެންމެ ފުންމިނަށް. ކަލޭމެންގެ މެދުގައި އަހަރެން ދެއްކި މުޢުޖިޒާތްތައް ސަދޫމުގައި ދެއްކި ކަމުގައި ވީނަމަ މިއަދު ވެސް އެ ރަށް ފެންނަން އޮތީސް. 24ނަމަވެސް ސަދޫމުގެ އަހުލުވެރިންނަށް ދެވުނު ޢުޤޫބާތަށް ވުރެން ބޮޑު ޢުޤޫބާތް ކަލޭމެންނަށް ޤިޔާމަތް ދުވަހުގައި ލިބިދޭނޭ ކަމުގައި އަހަރެން ކަލޭމެންނަށް ބުނަން.“
25އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ. 26ލައްބަ ބައްޕާފުޅާ! މިއީ ބައްޕާފުޅު ރުހިވޮޑިގަންނަވާ ގޮތް.“
27”އަޅުގަނޑުގެ ބައްޕާފުޅު ވަނީ ހުރިހާ ކަމެއް އަޅުގަނޑާ ހަވާލު ކުރައްވާފައި. ބައްޕާފުޅު ފިޔަވާ އެހެން ފަރާތަކަށް ދަރިކަލުން ނޭނގޭނެ. އަދި ދަރިކަލުން ފިޔަވާ އެހެން މީހަކަށް ބައްޕާފުޅެއް ނޭނގޭނެ. ބައްޕާފުޅަކީ ކޮބައި ކަން އެނގޭނީ ހަމައެކަނި ދަރިކަލުން އެކަން ހާމަކޮށްދިނުމަށް ކަނޑައަޅާ ބަޔަކަށް.
28ތިޔަބައިމީހުންގެ ތެރެއިން ބުރަ އުފުލައި ވަރުބަލިވެފައިވާ މީހެއް ވާނަމަ އަހަރެންގެ ކައިރިއަށް އާދޭ. އަހަރެން އެފަދަ މީހަކަށް އަރާމު ދޭނަން. 29ތިޔަބައިމީހުންގެ ބަރުދަންތައް އަހަރެންގެ ތަންޑިޔަލުގައި ލައިގެން އުޅޭ. އަދި އަހަރެން ބުނާގޮތަށް ކަންތައް ކޮށް އަހަރެން ކުރެން ދަސްކުރޭ. އެހެނީ އަހަރެންނަކީ މަޑު މައިތިރި ހިތްތިރި މީހެއް. އެގޮތުން ތިޔަބައިމީހުންގެ ހިތްތަކަށް އަރާމު ލިބިގެން ދާނެ. 30އެހެނީ އަހަރެން ތިޔަބައިމީހުންގެ ކަނދުރާގައި އަޅުވާ ލަކުޑިބުރި ލުއިވެފައި އުފުލަން ފަސޭހަ ވާނެ.“
Currently Selected:
މައްތާ 11: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.