މައްތާ 12
12
ސަބަތުގެ ސާހިބާއަކީ އީސާގެފާނު
1އޭރު ސަބަތުގެ ދުވަހެއްގައި އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ގޮވާން ދަނޑެއްގެ ތެރޭގައި ހިންގަވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން ބަނޑުހައިވެފައި ވާތީ އެ ދަނޑުގެ ގޮވާން ގަސްތަކުގެ ކުރާގަނޑުތަކުން ގޮވާން ބިންދެގެން އެބޭކަލުން ކަމުން ގެންދިޔައެވެ. 2ފަރީސީނުގެ ބަޔަކަށް މިތަންފެނި އީސާގެފާނަށް ދެންނެވިއެވެ. ”ނިކަންދެކެބަލަ! ކަލޭގެ އަސްޙާބީން ކުރަމުން އެ ގެންދަނީ ސަބަތުގެ ދުވަހުގައި ކުރުން މަނާ ކަންތައްތައް.“#12:2 ފަރީސީން ދުށް ގޮތުގައި ގަސްތަކުން ގޮވާމުގެ ކުޑަ މިންވަރެއް ވެސް ބިނދެގެން ކައި ހެދުމަކީ ސަބަތުގެ ދުވަހުގައި ކޮށްގެންވާނެ ކަމެއް ނޫނެނެވެ.
3އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެގެން ކުރެއްވި ކަންތަކުގެ ވާހަކަ ނުކިޔަންތަ؟#1 ޞަމޫއީލް 21:1-6 4ދާއޫދުގެފާނު މާތްރަސްކަލާނގެ މުޤައްދަސް ފޭލިގެކޮޅަށް ވަދެ ވަޑައިގެންނެވި. އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ އެކުވެރިން މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހެޅުއްވުމަށްޓަކައި ބަހައްޓާފައި ހުރި މުޤައްދަސް ބޯރޮށި ފަރީއްކުޅުއްވި. މި ބޯރޮއްޓަކީ އިމާމުން ފިޔަވައި އެހެން މީހަކު ކެއުން މަނާ އެއްޗެއް.#ނެރުއްވުން 25:30 5ތިޔަބައިމީހުން ތައުރާތުން ނުކިޔަންތަ؟ އޭގައި ކޮންމެ ސަބަތުގެ ދުވަހެއްގައި އިމާމުން ބައިތުލް މަޤްދިސްގައި ކުރަން ޖެހޭ މަސައްކަތްތަކުގެ ވާހަކަ އަންގަވާފައި ވޭ. ނަމަވެސް އެމީހުން ކުށްވެރިއެއް ނުކުރޭ. 6އަހަރެން ތިޔަބައިމީހުންނަށް ބުނަން. މިތަނުގައި ބައިތުލް މަޤްދިސްއަށް ވުރެން މާ މަތިވެރި ފަރާތެއް ވޭ. 7ބާވައިލެއްވި ފަތްފުށްތަކުގައި ބަޔާންވެގެންވޭ. ’ތިމަންކަލާނގެ އެދިވޮޑިގަންނަވަނީ ޖަނަވާރުގެ ޤުރުބާނަކަށް ވުރެން އަނެކުންނަށް ތިޔަބައިމީހުން ރަޙުމު ކުރުމަށެވެ.‘#ހޫޝަޢު 6:6 މިބަހުގެ މާނަ ތިޔަބައިމީހުންނަށް އެނގޭނަމަ، ތިޔަބައިމީހުން ކުށެއް ނެތް މަޢުސޫމު މީހަކަށް ތުހުމަތެއް ނުކުރާނެ. 8އެހެނީ އިންސާނާގެ ދަރިކަލުންނަކީ ސަބަތުގެ ދުވަހުގެ ވެސް ވެރިސާހިބާ.“
ސަބަތުގެ ދުވަހުގައި އީސާގެފާނު މީހެއްގެ އަތް ރަނގަޅު ކުރެއްވުން
9އީސާގެފާނު އެތަނުން ވަޑައިގަތުމަށް ފަހު، އެބައިމީހުންގެ ދީނީ މަރުކަޒަށް ވަދެވަޑައިގެންނެވިއެވެ. 10އެތަނުގައި އެއް އަތް ވާވެފައި ހުރި ފިރިހެނަކު ހުއްޓެވެ. ފަރީސީން އީސާގެފާނުގެ ފަރާތްޕުޅުން ތުހުމަތު ކުރެވޭފަދަ ކަމެއް ފެނޭތޯ ބަލަމުން ދިޔައެވެ. ވީމާ އެބައިމީހުން އީސާގެފާނުގެ އަރިހުގައި މި ސުވާލު ކުރިއެވެ. ”ސަބަތުގެ ދުވަހުގައި މީހެއްގެ ބަލި ފަސޭހަ ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ތަ؟“
11އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ އަތުގައި އޮތް ކަންބަޅިއެއް ސަބަތުގެ ދުވަހުގައި ފުން ވަޅެއްގެ ތެރެއަށް ވެއްޓިއްޖެނަމަ، އެ ކަންބަޅި އެވަޅުން ނުނަގާނީ ކާކުތަ؟ 12ޔަޤީނުން ވެސް އެފަދަ ކަންބަޅިއަކަށް ވުރެން އިންސާނާ މުހިންމުވާނެ. ސަބަތުގެ ދުވަހުގައި ހެޔޮކަންތައް ކުރުމަކީ ހުއްދަވެގެންވާ ކަމެއް.“
13ދެން އެމީހާއަށް އީސާގެފާނު ވިދާޅުވިއެވެ. ”ތިބާގެ އަތް ދަމާލާ.“ އެމީހާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަނެއް އަތެކޭ އެއްފަދައިން އެ އަތް ރަނގަޅުވެއްޖެއެވެ. 14މި ފަރީސީން އެތަނުން ގޮސް އީސާގެފާނު އަވަހާރަކޮށްލާނޭ ގޮތާމެދު މަޝްވަރާކުރިއެވެ.
އީސާގެފާނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޚާދިމު
15ފަރީސީނުންގެ ބޭނުމަކީ ކޮބައިކަން އީސާގެފާނު ދެނެވަޑައިގެން އެތަން ދޫކުރައްވާ ވަޑައިގެންނެވިއެވެ. އަދި ގިނަ ޢަދަދެއްގެ މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ދިޔައެވެ. އެމީހުންގެ ތެރޭގައި ތިބި ހުރިހާ ބަލިމީހުންނަށް ޝިފާ ދެއްވިއެވެ. 16ނަމަވެސް އެކަލޭގެފާނަކީ ކޮންބޭފުޅެއްކަން އެހެން މީހުން ކައިރީގައި ނުބުނުމަށް މީސްތަކުންނަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ. 17މިކަން މިހެން ހިނގީ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތުގައި ލިޔެވިފައިވާ ކަންތައް އެ ފަދައިން ހިނގާ ޙަޤީޤަތަށް ވުމަށެވެ. ލިޔެވިގެން ވެއެވެ:
18”ތިމަންކަލާނގެ ޚިޔާރުކުރެއްވި ޚާދިމު މިހިރީ އެވެ.
އެކަލޭގެފާނުދެކެ ތިމަންކަލާނގެ ލޯބިވެ ވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވަމެވެ.
ތިމަންކަލާނގެ ރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ފޮނުއްވާނަމެވެ.
އަދި ތިމަންކަލާނގެ އިންސާފުވެރިކަން ޤައުމުތަކަށް އެކަލޭގެފާނު އަންގަވާދެއްވާނެ.
19އެކަލޭގެފާނު އެއްވެސް މީހަކާއި ދިމާލަށް އަޑުލައި ނަހައްދަވާނެއެވެ.
އަދި އެކަލޭގެފާނު މަގުތަކުގައި ހަޅޭފަޅޭ ނުލައްވާނެވެ.
20އެކަލޭގެފާނު ނިކަމެތިންގެ ހިތުގައިއެއް ނުޖައްސަވާނެއެވެ.
ބަލިކަށި ހޯލިކޮޅެއް ފަދަ މީހުންނާއި މެދު އެކަލޭގެފާނު މަޑުމޮޅިވެގެންވާނެއެވެ.
އަލިފާން ކަންޏެއް ހާ މިންވަރުގެ އީމާންތެރިކަން ވީ މީހަކަށް ވެސް އެކަލޭގެފާނު ހިތްވަރު ދެއްވާނެއެވެ.
އެކަލޭގެފާނު ކާމިޔާބު ކުރައްވައި އިންސާފު ގެނައުމަށް ދާންދެން އެކަލޭގެފާނު އެފަދައިން ކަންތައް ކުރައްވާނެއެވެ.
21އަދި އެންމެހާ ޤައުމުތަކުގެ މީސްތަކުން އެމީހުންގެ އުންމީދުތައް ބިނާކުރާނީ އެކަލޭގެފާނުގެ ނަންފުޅުގެ މައްޗަށެވެ.“#އިޝަޢުޔާ 42:1-4
އީސާގެފާނު ޝައިތާނާގެ ބާރުގެ ބޭނުން ކުރައްވާ ކަމުގައި ފަރީސީން ތުހުމަތު ކުރުން
22އެއަށް ފަހު ބަޔަކު ޖިންނި އަވަލާފައި ހުރުމުގެ ސަބަބުން ލޯފަންވެ ވާހަކަ ނުދެއްކޭ މީހަކު އީސާގެފާނުގެ އަރިހަށް ގެނެސްފިއެވެ. އީސާގެފާނު އެމީހާއަށް ޝިފާދެއްވުމުން އޭނާއަށް ވާހަކަ ދެއްކެވި އަދި ލޯ އަލިވިއެވެ. 23އެތާ ތިބި އެންމެން މިތަންފެނި ހައިރާންވެފައި ބުންޏެވެ. ”ފަހަރެއްގައި މިއީ ދާއޫދުގެފާނުގެ ދަރިކަލުން ކަމުގައި ވެދާނެ!“#12:23 މިތަނުގައި ”ދާއޫދުގެފާނުގެ ދަރިކަލުން“ މި ބަސް ލިޔެފައި އެވަނީ އަލްމަސީޙަށް ނިސްބަތް ކުރައްވައި ބޭނުން ކުރެވޭ ލަގަބުފުޅެއްގެ ގޮތުގައެވެ. އަލްމަސީޙަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ރަސްގެފާނެވެ.
24ފަރީސީންނަށް މިޚަބަރު ލިބުމުން އެބައިމީހުން ބުންޏެވެ. ”އޭނާ ޖިންނިތައް ފައްސާލަމުން ގެންދަނީ ޖިންނިތަކުގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން.“#12:24 ”ބަޢަލްޒެބޫލް“ މި ނަމަކީ ޝައިތާނާއަށް ބޭނުންކުރާ ނަމެކެވެ.
25އީސާގެފާނަށް ފަރީސީނުގެ ވިސްނުން ހުރި ގޮތް އެނގިވަޑައިގެން އެބައިމީހުންނަށް ވިދާޅުވިއެވެ. ”އެއްވެސް ރަސްކަމެއް ބައިބައި ވެއްޖެ ކަމަށްވާ ނަމަ އެ ރަސްކަން ރޫޅި ހިނގައިދާނެ. އަދި ރަށެއްގައި ވެސް އަދި އާއިލާއެއްގައި ވެސް އެބައެއްގެ ތެރޭގައި ދެކޮޅުވެރިކަން އުފެދި ބައިބައިވެއްޖެނަމަ އެބައެއް ނެތި ހިނގައިދާނެ. 26ހަމައެހެންމެ ޝައިތާނާ އޭނާގެ އަމިއްލަ ނަފްސާއި ދެކޮޅުވެރި ވެއްޖެނަމަ އޭނާ ބައިބައިވެ ހިނގައިދާނެ. އަދި އޭނާގެ ރަސްކަން ކުރިއަކަށް ނުގެންދެވޭނެ. 27އަހަރެން ބަޢަލްޒެބޫލުގެ ބާރުން ޖިންނިތައް ނެރޭ ނަމަ ކަލޭމެންނަށް ތަބާވާ މީހުން ޖިންނިތައް ނެރެނީ ކޮން ބައެއްގެ ބާރުން ތަ؟ ވީއިރު ކަލޭމެންނާއި މެދު އިންސާފު ކުރާނީ އެބަޔަކު. 28ނަމަވެސް އަހަރެން މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ޖިންނިތައް ފައްސާލާ ކަމުގައިވާނަމަ، މިކަންތަކުން ސާބިތުކޮށްދެނީ މާތްރަސްކަލާނގެ ރަސްކަންފުޅު ކަލޭމެންގެ ކައިރިއަށް ވަޑައިގެންފި ކަން.
29ބާރު ގަދަ މީހެއްގެ ގެއަށް ވަދެ އޭނާގެ މުދާތައް ގެންދިއުމަށް މީހަކު އެދޭނަމަ ފުރަތަމަ ޖެހޭނީ އެ ގަދަފަދަ މީހާ ބަންނަން. އޭގެފަހުން އޭނާގެ ގޭގައި ހުރި މުދަލާއި ތަކެތި ގެންދެވިދާނެ.#12:29 ގަދަފަދަ ވެގެންވީ މީހަކީ ޝައިތާނާއެވެ. އަދި ޝައިތާނާގެ މައްޗަށް ފަތަޙަ ހޯދާނޭ ފަރާތަކީ އީސާގެފާނެވެ.
30އަހަރެންނަށް ތާއީދު ނުކުރާ ކޮންމެ މީހަކީ އަހަރެންނާއި ދެކޮޅުވެރި މީހެއް. އަދި އަހަރެންނާއި އެކުގައި މަސައްކަތް ނުކުރާ ކޮންމެ މީހަކީ އަހަރެންނާއި ދެކޮޅަށް މަސައްކަތް ކުރާ މީހެއް. 31ވީމާ އަހަރެން ބުނަންތަ؟ މީސްތަކުން ކުރާ ފާފަތަކާއި ބުނާ މުރުތައްދު ބަސްތައް ވެސް ޢަފޫ ކުރައްވާނެ. އެކަމަކު މާތްރަސްކަލާނގެ މާތްރޫޙުފުޅާއި މެދު ދެކޮޅުވެރިވެ މުރުތައްދު ބަސްތައް ބުނެފި ކަމުގައިވާނަމަ އެކަން ޢަފޫއެއް ނުކުރައްވާނެ. 32އިންސާނާގެ ދަރިކަލުންނާއި ދެކޮޅަށް ބަސްބުނެހަދާ ފަރާތްތަކުގެ ފާފަތައް ޢަފޫކޮށްދެއްވާނެ. ނަމަވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅަށް ބަސްބުނެ ހަދާ ފަރާތްތަކުގެ ފާފަތައް މި ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް މައާފެއް ނުލިބޭނެ.“
ގަހާއި މޭވާ
33”ރަނގަޅު މޭވާ އަޅާނީ ރަނގަޅު ގަހެއްގައި. އަދި ނުބައި މޭވާ އަޅާނީ ނުބައި ގަހެއްގައި. އެހެނީ ގަހުގެ ބާވަތް އެނގޭނީ އޭގެ މޭވާއިން. 34ހަރުފަތަކުގެ ދަރިންނޭ! ނުބައިވެގެންވާ ބަޔަކަށް ރަނގަޅު ވާހަކައެއް ބުނެވޭނީ ކިހިނަކުން؟ ކަލޭމެންގެ ދުލުން ބުނާ ވާހަކަތަކުން ދައްކައިދޭނީ ކަލޭމެންގެ ހިތުގައިވާ ގޮތް. 35ރަނގަޅު މީހުންގެ ހިތުގައި ވާނީ ރަނގަޅު ޚިޔާލުތައް. އަދި އެބައިމީހުން ދައްކާނީ ރަނގަޅު ވާހަކަތައް. ނަމަވެސް ނުބައި ބައެއްގެ ހިތުގައި ވާނީ ނުބައި ޚިޔާލުތައް. އަދި އެބައިމީހުން ދައްކާނީ ނުބައި ވާހަކަތައް. 36އަހަރެން ކަލޭމެންނަށް ބުނަން. ކޮންމެ މީހަކު ކޮންމެ ވިޔާނުދާ ބަހެއް ބުނި ކަމުގައި ވިޔަސް ޤިޔާމަތް ދުވަހުގައި އެމީހަކު ބުނި ބަހާއި މެދު އެމީހަކު ޒިންމާވާން ޖެހޭނެ. 37ކަލޭމެންގެ ބަސްތަކުން ކަލޭމެންނާއި މެދު ފައިސަލާ ކުރެވޭނެ. ކަލޭމެންގެ ބަސްތަކުން ކަލޭމެން ރަނގަޅު ކަމުގައި ސާބިތުކުރެވިދޭ. އަދި ކަލޭމެންގެ ބަސްތަކުން ކަލޭމެން ކުށްވެރިވެދޭ.“
މުޢުޖިޒާތީ ޢަލާމާތެއް ދެއްކެވުމަށް އެދުން
38އެއަށް ފަހު ދީނުގެ ދަންނަބޭކަލުންނާއި ބައެއް ފަރީސީން އީސާގެފާނަށް ދެންނެވިއެވެ. ”އެދުރު ކަލޭގެފާނު، އަހަރެމެން ބޭނުންވަނީ ކަލޭގެފާނު އަހަރެމެންނަށް މުޢުޖިޒާތީ ޢަލާމާތެއް ދައްކަވައި ދެއްވުމަށް.“
39ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”ނުބައި އަދި ވަފާތެރިކަމެއް ނެތް މީހުން ނިޝާނެއްގެ ގޮތުން މުޢުޖިޒާތަކަށް އެދޭނެ. ނަމަވެސް ކަލޭމެންނަށް ލިބިދީފައިވާ ހަމައެކަނި މުޢުޖިޒާތީ ޢަލާމާތަކީ ނަބީ ޔޫނުސްގެފާނު ދެއްކެވި މުޢުޖިޒާތުގެ ޢަލާމާތް. 40ޔޫނުސްގެފާނު ބޮޑު މަހެއްގެ ބަނޑުގައި ތިން ރެއާއި ތިން ދުވަސް ވަންދެއް އޮންނެވި. ހަމައެފަދައިން އިންސާނާގެ ދަރިކަލުން ތިން ރެއާއި ތިން ދުވަސް ވަންދެން ބިންގަނޑުގެ ބަނޑުތެރޭގައި ވަޅުލެވިފައިވާނެ. 41ޤިޔާމަތް ދުވަހު ނީނަވާގެ އަހުލުވެރިން ކަލޭމެންނާއި ދެކޮޅަށް ތެދުވާނެ. އަދި އެބައިމީހުން ކަލޭމެން ކުށްވެރި ކުރާނެ. ޔޫނުސްގެފާނު#ޔޫނުސް 3 އެބައިމީހުންނަށް ވަޢުޡު އިއްވެވި ހިނދު އެބައިމީހުން މަޢާފަށް އެދި ތައުބާވެ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނު. އަހަރެން ކަލޭމެންނަށް ބުނަން. މިތަނުގައި މިހާރު މިވަނީ ޔޫނުސްގެފާނަށް ވުރެން މާމަތިވެރިވެގެންވާ ފަރާތެއް. 42ޤިޔާމަތް ދުވަހު ދެކުނުގެ ރާނީ މި ޖީލާއި ދެކޮޅަށް ތެދުވާނެ.#12:42 ”ދެކުނުގެ ރާނީ“ އަކީ ޝީބާގެ ރާނީއެވެ. އެއީ މިހާރު ޔަމަނުކަރައެވެ. ސުލައިމާނުގެފާނުގެ ޙިކުމަތްތެރިކަން ދެނެގަތުމަށް ޓަކައި އެކަމަނާ ދިގު ދަތުރެއްކޮށް އިސްރާއީލަށް ވަޑައިގަތެވެ. އެކަމަނާ ކަލޭމެންގެ ކުށްތައް ދައްކައިދޭނެ. ސަބަބަކީ ސުލައިމާނުގެފާނުގެ ޙިކުމަތްތެރިކަމުގެ ބަސްފުޅު އަޑުއެހުމަށް ޓަކައި އެކަމަނާ ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރު ކުރެއްވި.#1 ރަސްމަތިފުށް 10:1-13 ކަލޭމެންނަށް އަހަރެން ބުނަން. މިތަނުގައި މިހާރު މިވަނީ ސުލައިމާނުގެފާނަށް ވުރެން މާމަތިވެރި ބޭކަލެއް.“
ނުބައި ރޫޙެއް އެނބުރިއައުން
43-44”ނުބައި ރޫޙެއް މީހެއްގެ ހަށިގަނޑުން ބޭރުވެ އެމީހާ ދޫކޮށްދާ ހިނދު އޭތި ހަނަފަސް ސަހަރާ ތެރެއަށް ގޮސް އެހެން މަންޒިލެއް ފެނޭތޯ ހޯދާ ބަލާނެ. ނަމަވެސް އެ ނުބައި ރޫޙަށް އެހެން ތަނެއް ނުފެނުމުން އެ ނުބައި ރޫޙު ބުނާނެ. ’އަހަރެން އެނބުރި ދާނީ ނުކުމެގެން އައި ގެއަށޭ.‘ އެ ނުބައި ރޫޙު އެނބުރި އަންނަ ހިނދު އެ ގެ ހުހަށް، އެއްވެސް މީހަކު ނެތި ސާފުކޮށް ތަރުތީބު ކުރެވިފައިވާތަން އެ އެއްޗަށް ފެންނާނެ.
45ދެން އެ ނުބައި ރޫޙު ބޭރަށް ގޮސް އެ އެއްޗާއި އެކުގައި އެއަށް ވުރެން ނުބައި އިތުރު ހަތް ރޫޙު ގޮވައިގެން އައިސް އެ ގޭގައި ދިރިއުޅެން ފަށާނެ. އެ ފަދަ މީހާގެ ހާލު އަދި ކުރިޔަށް ވުރެން ނުބައިވާނެ. މި ޒަމާނުގައި ދިރިއުޅޭ ނުބައި މީސްތަކުންގެ މައްޗަށް ވެސް މި އުސޫލުން ކަންތައް ހިނގާނެ.“
އީސާގެފާނުގެ ޙަޤީޤީ ޢައިލާ
46އީސާގެފާނު މީސްތަކުންނާއި ވާހަކަ ދައްކަވަން ހުންނަވަނިކޮށް އެކަލޭގެފާނާއި ވާހަކަފުޅު ދެއްކެވުމަށް ޓަކައި އެކަލޭގެފާނުގެ މައިކަމަނާ އާއި އެކަލޭގެފާނުގެ ފިރިހެން ކޮއްކޮމެން އައިސް އެތަނުގެ ބޭރުގައި ތިއްބެވެ. 47ކޮންމެވެސް މީހަކު އީސާގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނުގެ މަންމާފުޅާއި ކޮއްކޮމެން ބޭރުގައި އެބަތިއްބެވި. އެބޭފުޅުން ކަލޭގެފާނާއި ވާހަކަފުޅު ދެއްކެވުމަށް އެދިވަޑައިގަންނަވާ.“
48އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އަހަރެންގެ މަންމަ އާއި އަހަރެންގެ ކޮއްކޮމެންނަކީ ކޮންބައެއް؟“
49-50އެކަލޭގެފާނުގެ އަސްޙާބީންނަށް އިޝާރާތް ކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެންގެ މަންމައާއި ކޮއްކޮމެން މިތިބީ! ޙަޤީޤަތުގައި އަހަރެންގެ ކޮއްކޮމެންނާއި އަދި އަހަރެންގެ މަންމައަކީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު އެދި ވޮޑިގަންނަވާ ފަދައިން އަމަލުކުރާ ކޮންމެ މީހެއް.“
Currently Selected:
މައްތާ 12: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.