ލޫކާސް 19
19
ޒައްކާޔުސް އީސާގެފާނު ދުށުމަށް އެދުނު
1އީސާގެފާނު ދަތުރުކުރައްވާ ދިޔަމަގުމަތީ ޖެރިކޯ ރަށުގެ ތެރެއިން ލާފައި ވަޑައިގެންނެވިއެވެ. 2އެރަށުގައި ޒައްކާޔުސް އޭ ނަމަކަށް ކިއުނު މުއްސަންޖަކު އުޅުނެވެ. މީނާއަކީ ޓެކްސް ނަގާ މީހުންގެ ވެރިޔާއެވެ. 3މީނާ އީސާގެފާނު ދުށުމަށް ވަރަށް ބޮޑަށް ބޭނުންވެ އެތަނަށް އައެވެ. ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުންނާއި އަދި އޭނާއަކީ އިސްކޮޅުން ވެސް ކުރު މީހެއް ކަމުން މީސްތަކުންގެ ބޯތަކުގެ މަތިން އޭނާއަކަށް އީސާގެފާނު ފެންނަ ގޮތެއް ނުވިއެވެ. 4އެހެންކަމުން މީނާ ދުވެފާ ގޮސް މީސްތަކުންގެ ކުރިއަށް އަރާ އީސާގެފާނު ވަޑައިގަންނަވާ މަގުގެ ކައިރީގައި ހުރި ވައްތީނި ގަހަކަށް އަރާ އެކަލޭގެފާނު ދުށުމަށްޓަކައި އޮތެވެ.
5އީސާގެފާނު އެގަހާ އަރާ ހަމަވެ ވަޑައިގެން ވަގުތު މައްޗަށް ބައްލަވާ ވިދާޅުވިއެވެ. ”އޭ ޒައްކާޔުސް. އަވަހަށް ގަހުން ފައިބާ. އަހަރެން މިއަދު ކަލޭގެ ގޭގައި ހުންނަން ޖެހިއްޖެ.“ 6އޭނާ ގަހުން ފައިބައި ވަރަށް އުފަލާއިއެކު އެކަލޭގެފާނަށް މަރުޙަބާ ކިޔާ އެކަލޭގެފާނު އޭނާގެ ގެއަށް ގެންދެވިއެވެ.
7އެއްވެފައިވާ މީސްތަކުން މިކަންތައް ދެކެ މިކަމާއި ނުރުހި ފާޑުކިޔުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”އޭނާ އެދިޔައީ ފާފަވެރިޔެއްގެ މެހުމާނަކު ކަމުގައި ވުމަށް!“
8އެދުވަހު ޒައްކާޔުސް އެގޭގައި ވީ އެންމެންގެ ކުރިމަތީގައި މާތްސާހިބާއަށް ދެންނެވިއެވެ. ”މާތްސާހިބާ! އަޅުގަނޑަށް ވާ ހުރިހާ މުދަލެއްގެ ދެބައިކުޅަ އެއްބައި މިރަށުގެ ހުރިހާ ފަގީރުންނަށް ހަމަ މިއަދު އަޅުގަނޑު ދޭނަން. އަދި އަޅުގަނޑު ހެދި މަކަރުތަކުގެ ސަބަބުން ގެއްލުމެއް ލިބުނު ކޮންމެ މީހަކަށް އެމީހެއްގެ އަތުން ނެގި ތަކެއްޗަށް ވުރެ ހަތަރު ގުނަ އިތުރަށް އެމީހަކަށް ދޭނަން.“
9އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”މިއަދު މާތްރަސްކަލާނގެ ކަލެއާއި ކަލޭގެ އާއިލާ ދިންނަވައިފި. އެއީ ކަލޭ ވެސް މިއަދު ތި ކަންކުރީ އިބްރާހީމްގެފާނު ވެސް ކަންތައްކުރެއްވި ފަދައިން އީމާންތެރިކަމާއި އެކު. 10އިންސާނާގެ ދަރިކަލުން މި ދުނިޔެއަށް އައީ މަގުއޮޅި ގެއްލިފައިވާ މީހުން ހޯދާ ސަލާމަތް ކުރުމަށްޓަކާ.“
ދިހަ ނޯކަރުންގެ ވާހަކަ
11މީސްތަކުން އެކަލޭގެފާނުގެ މިބަސްފުޅުތައް އަޑުއަހަމުން ގެންދިޔަ ވަގުތު އެކަލޭގެފާނު އެމީހުންނަށް މާނަފުން ވާހަކައެއް ވެސް ވިދާޅުވެ ދެއްވިއެވެ. އެއީ އެކަލޭގެފާނު އޭރު ވަނީ ޖެރޫސަލަމާއި ވަރަށް ކައިރިވެފައެވެ. އަދި މީސްތަކުން ހީކުރަމުން ދިޔައީ މާތްރަސްކަލާނގެ ރަސްކަންފުޅު ފާޅުވުމުގެ ވަގުތު ޖެހިއްޖެ ކަމުގައެވެ. 12އެކަލޭގެފާނު ވިދާޅުވިއެވެ. ”ރަސްމަތިފުޅު އާއިލާއެއްގެ ބޭފުޅަކު ދުރު ޤައުމަކަށް ރަސްކަމުގެ ލަޤަބު ލިބި ވަޑައިގަތުމަށްޓަކައި ވަޑައިގެންނެވި. އެއީ އެލަޤަބު ލިބިވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެން އޭނާގެ ޤައުމުގެ ރަސްކަމަށް އިސްވެ ވަޑައިގަތުމަށްޓަކާ. 13މިބޭފުޅާ މިދަތުރުފުޅުގައި ފުރާވަޑައިގެންނެވުމުގެ ކުރިން އޭނާގެ ދިހަ ނޯކަރުން އެއްކޮށް އޭގެން ކޮންމެ މީހަކަށް ރަނުގެ ލާރިއެއް ދެއްވާ ވިދާޅުވި. ’މި ފައިސާއިން ކަލޭމެން އަހަރެން އަންނަންދެން ވިޔަފާރި ކުރާށޭ.‘
14އޭނާގެ ރައްޔިތުން އޭނާއަށް ނަފްރަތު ކުރޭ. އަދި އެމީހުން އޭނާގެ ފަހަތުން ވަފުދެއް ފޮނުވާ އޭނާ އެމީހުންގެ މައްޗަށް ރަސްކަންކުރުމަށް ބޭނުން ނުވާ ކަމުގައި އެންގި.
15ނަމަވެސް ކޮންމެއަކަސް އޭނާ އެވަޑައިގެން ރަށުގައި އޭނާއަށް ރަސްކަމުގެ ލަޤަބު ލިބިވަޑައިގެން ރަސްކަމަށް އިސްކުރެވުނު. ދެން އެއަށް ފަހު އޭނާ އެނބުރި އޭނާގެ ރަށަށް ވަޑައިގެންނެވި. ރަށަށް ވަޑައިގެން އޭނާ ފައިސާ ހަވާލުކުރި ދިހަ ނޯކަރުން އެއްކުރެއްވި. އެއީ އެމީހުން އެލާރިން ކުރި ވިޔަފާރިން ލިބުނު ފައިދާއަކީ ކޮބައިތޯ ބެލުމަށް.
16ފުރަތަމަ މީހާ އައިސް ދެންނެވި. ’ސާހިބާ. މަނިކުފާނު އަޅުގަނޑުގެ އަތަށް ވިޔަފާރި ކުރުމަށް ދެއްވި ރަނުގެ ލާރިން ދިހަ ގުނަ އިތުރަށް ލިބިއްޖޭ.‘
17އެރަސްގެފާނު ވިދާޅުވި. ’މަގޭ ރަނގަޅު ނޯކަރާއޭ. ކަލެއަށް އަހަރެން ސާބަސްދެމޭ. ކަލޭ އާއި ހަވާލުކުރެވުނު ކުޑައެއްޗަކަށް ކަލޭ ތިޔަފަދައިން ތެދުވެރި ވެއްޖައީމުއޭ. ވީމާ ކަލޭ އަހަރެންގެ ރަށްތަކުގެ ތެރެއިން ދިހަ ރަށުގެ ވެރިކަން ހިންގުމާއި ހަވާލުވެދޭށޭ.‘
18ދެވަނަ މީހާ އައިސް ދެންނެވި. ’ސާހިބާ، މަނިކުފާނު ދެއްވި ރަނުގެ ލާރިން ކުރި ވިޔަފާރިން އެލާރިއަށް ފަސް ގުނަ އިތުރަށް ލިބިއްޖޭ.‘
19އޭނާގެ ވެރިމީހާ ބުނި. ’ކަލޭ ގޮސް އަހަރެންގެ ފަސް ރަށް ހިންގުމާއި ހަވާލުވާށޭ.‘
20ދެން އެރަސްގެފާނު ރަނުގެ ލާރިދެއްވި ދިހަ ނޯކަރުންގެ ތެރެއިން އެހެން ނޯކަރަކު އައިސް ދެންނެވި. ’ސާހިބާ އޭ. ތިޔަބޭފުޅާ ދެއްވި ރަންލާރި މިއޮތީއޭ. އަޅުގަނޑު ތިޔަބޭފުޅާ އެނބުރި އަންނަން ދެން މި ފޮރުވާފައި ބޭއްވީއޭ. 21އެއީ ތިޔަބޭފުޅާއަކީ ހަރުކަށި މީހަކަށް ވާކަން އަޅުގަނޑަށް އެނގޭތީއޭ. އަދި ތިޔަބޭފުޅާއަކީ ތިޔަބޭފުޅާއަށް ޙައްޤު ނޫން ތަކެތި މީހުން އަތުން އަތުލައްވާ އަދި ތިޔަބޭފުޅާ ގޮވާން ނުކުރައްވާ ގޮވާން ދަނޑުތަކުން ގޮވާން އަތުލައްވާ ހައްދަވާ މީހަކަށް ވާތީ އެކަމުގެ ބިރަށޭ.‘
22މި ރަސްގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ’ނުބައި ނުލަފާ ނޯކަރާއޭ. އަހަރެން ކަލެއާއި މެދު އިންސާފު ކުރާނީ ކަލޭގެ އަމިއްލަ ބަސްތަކާއި އެއްގޮތަށޭ. އަހަންނަކީ ހަރުކަށި މީހެއްކަމަށް ކަލޭ ގަބޫލު ކުރަން ދޯއޭ؟ އަދި އަހަރެންނަކީ އަހަރެންނަށް ޙައްޤު ނޫން ތަކެތި މީހުންގެ އަތުން އަތުލާ މީހެއްމަށް ވެސް ކަލޭ ދެކެން ދޯއޭ؟ އަދި އަހަންނަކީ އަހަރެން ގޮވާން ނުކުރާ ދަނޑުތަކުން ގޮވާން ވެސް ކަނޑާ މީހެއް ކަމުގައި ކަލޭ ގަބޫލު ކުރަން ދޯއޭ؟ 23ދެން އެހެންވީއިރު ކަލޭ އަހަރެން ދިން ލާރި ބޭންކަށް ނުލީ ކީއްވެހޭ؟ އޭރުން އަހަރެން އައިސް އެފައިސާއިން ކުރި ވިޔަފާރިން ލިބުނު ފައިދާ ނެގޭނެ ނޫން ހޭ؟‘
24ދެން އޭނާގެ ކައިރީގައި ތިބި މީހުންނަށް އެރަސްގެފާނު ވިދާޅުވި. ’މި ރަނުގެ ލާރި އޭނާ އަތުން އަތުލައިގެން ގެންގޮސް ދިހަ ރަނުގެ ލާރި ވާ މީހާއަށް ދޭށޭ.‘
25އެމީހުން ދެންނެވި. ’ސާހިބާ އޭ. އެކަމަކު މިހާރު ވެސް އޭނާގެ އަތުގައި ދިހަ ރަނުގެ ލާރި އެބަ ވޭ ނޫން ތޯއޭ؟‘
26އެރަސްގެފާނު ޖަވާބު ދެއްވި. ’އަހަރެން ބުނަމޭ. ގިނައިން ވާ މީހުންނަށް ގިނައިން ދެވޭނެއޭ. އެކަމަކު މަދުން ވާ މީހުން އަތުން އެމީހުންގެ އަތުގައި ވާ ބައި ވެސް އަތުލެވޭނެއޭ. 27އަހަރެން އެމީހުންގެ މައްޗަށް ރަސްކަން ކުރަން ބޭނުން ނުވި އަހަރެންގެ ދުޝްމިނުން ގެންނާށޭ. އަދި އަހަރެންގެ ކުރިމަތީގައި އެމީހުން ގަތުލު ކުރާށޭ.‘“
ޖެރޫސަލަމުގެ މީހުން އީސާގެފާނަށް ރަސްކަލަކާއި އެއްފަދައިން މަރުޙަބާ ދެންނެވި
28މިއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖެރޫސަލަމަށް އަރައިގެން ދާ މަގުމަތިން ދަތުރު ކުރައްވާ ކުރިޔަށް ވަޑައިގެންނެވިއެވެ. 29-30އެމީހުން ޒައިތޫނި ފަރުބަދަ މަތީގައި ވާ ބެތުފާގޭ އާއި ބެތާނިޔާ މި ދެރަށާއި ކައިރިވެ ވަޑައިގެންފައި ވަނިކޮށް އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ދެމީހަކަށް ވިދާޅުވިއެވެ. ”ކުރިމަތީގައި އެވާ ރަށުގެ ތެރެއަށް ދޭ. ކަލޭމެން ރަށުގެ ތެރެއަށް އަރައިގެން ދާ މަގުމަތީ އެތާނގައި ބަނދެފައިވާ ހިމާރެއް ފެންނާނެ. އެ ހިމާރަކީ މީގެ ކުރިން ދުވަހަކު ވެސް އޭގައި މީހަކު ދަތުރެއް ކޮށްފާ ވާނޭ ހިމާރެއް ނޫން. އޭތި މޮހާލައިގެން މިތަނަށް ގެނޭ. 31ކަލޭމެން އޭތި މޮހައިލީ ކީއްވެތޯ އެއްވެސް މީހަކު ކަލޭމެން ކުރެން ސުވާލު ކޮށްފި ނަމަ ބުނޭ. ’މާތްސާހިބާ އެއަށް ބޭނުން ވެއްޖޭ.‘“
32އެމީހުން އެރަށަށް އަރައިގެން ދިޔަ މަގުމަތީ އީސާގެފާނު ވިދާޅުވި ފަދައިން ބަނދެފައި އޮތް ޅަ ހިމާރެއް ފެނުނެވެ. 33އެބައިމީހުން އެމޮހަނިކޮށް އޭގެ ވެރިން އެމީހުންނާއި ސުވާލު ކުރިއެވެ. ”ކަލޭމެން ތިހިމާރު ތިޔަމޮހަނީ ކީއްކުރަން؟“
34އެމީހުން ޖަވާބުގައި ބުންޏެވެ. ”މާތްސާހިބާ އެއަށް ބޭނުންފުޅު ވެގެން.“
35އެމީހުން މި ހިމާރު އީސާގެފާނުގެ އަރިހަށް ގެނެސް އެމީހުންގެ ސާލުތައް އޭގެމަތީ ފަތުރާ އީސާގެފާނަށް އެއަށް އަރާ ވަޑައި ގަތުމަށް އެހީ ވިއެވެ. 36ދެން އީސާގެފާނު އޭގައި ދަތުރުފުޅު ކުރައްވާ ވަޑައިގެންނެވި މަގުމަތީ އެހެނިހެން މީސްތަކުން ވެސް އެކަލޭގެފާނަށް މަރުޙަބާ ކިޔުމުގެ ގޮތުން އެބައިމީހުންގެ ސާލުތައް އެކަލޭގެފާނުގެ ކުރިފުޅުމަތީ މަގުމަތީގައި ފަތުރާ ހެދިއެވެ.
37-38އީސާގެފާނު ޒައިތޫނި ފަރުބަދަ މަތިން ތިރިއަށް ދާ މަގުން ދަތުރު ކުރައްވާ ވަޑައިގެންނެވި ހިނދު އެތާ ތިބި އެތައް ހާސް އަސްޙާބީންނެއް ބާރު އަޑުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ކިޔަން ފެށިއެވެ. އެއީ އެބައިމީހުންނަށް އެކަލޭގެފާނުގެ ކިބައިން ފެނުނު ގިނަވެގެން ވީ ހައިރާން ކުރުވަނިވި ކަންތައްތަކުގެ ސަބަބުންނެވެ.
އެބައިމީހުން އުފަލާއިއެކު މިފަދައިން ގޮވަމުން ގެންދިޔައެވެ. ”މަތިވެރި ރަސްކަލާނގެ އިސްމުފުޅުގައި ވަޑައިގަންނަވާ ރަސްގެފާނަށް ބަރަކާތްތެރިކަން ލައްވާ ފާނދޭ! މާތްރަސްކަލާނގެ އާއި އިންސާނުންނާއި ދެމެދު ސުލްޙަވެރިކަން ދަމަހައްޓަވާ ގާއިމު ކުރައްވާ ފާނދޭ! މަތިވެރި ރަސްކަލާނގެއަށް ހަމްދާއި ސަނާ ދަންނަވަން!“
39މީސްތަކުންގެ ތެރޭގައި ވީ ބައެއް ފަރީސީނުގެ މީހުން އީސާގެފާނަށް ބުންޏެވެ. ”އެދުރުކަލޭގެފާނު. ކަލޭގެފާނުގެ އަސްޙާބީންނަށް އެފަދަ އެއްޗިހި ނުގޮވުމަށް އަންގާވާ.“
40އީސާގެފާނު ޖަވާބުދެއްވިއެވެ. ”އަހަރެން ބުނަން ތަ؟ އެމީހުން އަނގައިން ނުބުނެ ތިބި ކަމަށް ވަންޏާ ހިލަތައް ވެސް އެމީހުން އެބުނާ އެއްޗެތި އަޑުގައި ނެތް ތަނަށް ގޮވާނެ.“
އީސާގެފާނު ޖެރޫސަލަމުގެ މައްޗަށް ހިތާމަފާޅުކުރެއްވި
41އީސާގެފާނު ޖެރޫސަލަމާއި އަރާ ހަމަ ވެ އެރަށް ފެނިވަޑައިގަތުމުން އެކަލޭގެފާނު އެރަށާއި މެދު ހިތާމަ ކުރައްވާ ކީރިތި ކުރެއްވިއެވެ. 42އެކަލޭގެފާނު ވިދާޅުވިއެވެ. ”އަޅެ މިއަދު ވެސް ކަލޭމެންނަށް ސަލާމަތް ވާނެ މަގަކީ ކޮބައިކަން އެނގޭނެ ނަމައޭ. ނަމަވެސް އެމަގު މިހާރު ވަނީ ކަލޭމެންނަށްޓަކައި ފޮރުވިފަ. 43ކަލޭމެންގެ އަދާވަތްތެރިން ކަލޭމެންނާއި އިދިކޮޅަށް ވަށައިގެން ފާރެއް ރާނާ ކަލޭމެން ބައްދާލާނެ ދުވަހެއް އެބައާދޭ. 44އެމީހުން ކަލޭމެންނާއި ކަލޭމެންގެ ދަރިން މަރާ ނެތިކޮށްލާނެ. ކަލޭމެންގެ ދުޝްމިނުން ކަލޭމެންގެ ހުރިހާ އެއްޗެއް ބިމާއި ހަމަހަމަ ކޮށްލާނެ. އެއީ ކަލޭމެންގެ ކައިރީގައި މާތްރަސްކަލާނގެ ވޮޑިގެން ވީ އިރު ކަލޭމެން އެކަމުގެ މުހިންމު ކަން ދެނެ ނުގަތުމުގެ ސަބަބުން.“
ބައިތުލް މަޤްދިސް ސާފުކުރެއްވުން
45ދެން އީސާގެފާނު ބައިތުލް މަޤްދިސްގެ މެދުގޯތިތެރެއަށް ވަދެ ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައި އެކި ފާޑު ފާޑުގެ އެއްޗެތި ވިއްކަން ތިބި މީހުން އެތަނުން ނެރުއްވިއެވެ. 46އީސާގެފާނު ވިދާޅުވިއެވެ. ”ލިޔެވިގެން ވޭ. ’ތިމަންކަލާނގެ ގެފުޅަކީ އަޅުކަން ކުރުމަށް ޚާއްސަ ކުރެވިފައިވާ ތަނެކޭ.‘ އެކަމަކު ކަލޭމެން މިތަން ވަގުންގެ މަރުކަޒަކަށް ހަދައިފި.“
47ކޮންމެ ދުވަހަކު އެކަލޭގެފާނު ބައިތުލް މަޤްދިސްގައި ކިޔަވާދެއްވަމުން ގެންދެވިއެވެ. ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި އަދި ވެރިންގެ ބޮޑެތި މީހުން އެކަލޭގެފާނު މަރާލެވޭނެ ގޮތަކާއި މެދު ވިސްނަމުން ގެންދިޔައެވެ. 48ނަމަވެސް އެމީހުންނަށް އެކަން ކުރެވޭނެ އެއްވެސް ގޮތެއް ނުވިސްނުނެވެ. އެއީ މީސްތަކުން އެކަލޭގެފާނު ކިޔަވާ ދެއްވަމުން ގެންދެވި ބަސްފުޅުތައް އަޑުއަހާ އެބަސްފުޅުތައް ގަބޫލުކޮށް އެއަށް ފަރުވާ ބަހައްޓާލެއް ބޮޑު ކަމުންނެވެ.
Currently Selected:
ލޫކާސް 19: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.