YouVersion Logo
Search Icon

ޔޫޙަންނާ 21

21
މަހަށްދިޔަ ހަތް އަސްޙާބީއަކު އީސާގެފާނު ދެކުނު
1ފަހުން އަނެއްކާވެސް އީސާގެފާނު ގަލީލީ#21‏:1 މިއީ ތިބޭރިއަސްގެ އައްސޭރިއެވެ. ކަނޑުގެ އައްސޭރީގައި އެކަލޭގެފާނުގެ އަސްޙާބީންނަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަން ހިނގީ މިފަދައިންނެވެ. 2އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ބަޔަކު އެތާނގައި ތިއްބެވެ. އެއީ ޝަމްއޫނު ޕަތަރަސްއާއި، ވަނަމަކަށް ”⁠ދީދިމޫހު⁠“ އޭ ކިޔޭ ތޯމާސްއާއި، ގަލީލީގެ ޤާނާގެ ނަތާނިއެލްއާއި، ޒަބަދީގެ ދެފިރިހެން ދަރިންނާއި، އަދިވެސް އިތުރު ދެ އަސްޙާބީންނެވެ.
3ޝަމްއޫނު ޕަތަރަސް ބުންޏެވެ. ”⁠އަހަރެން މިދަނީ މަހަށްދާން.⁠“
ދެން އެމީހުން ބުންޏެވެ. ”⁠އަހަރެމެން ވެސް ދާނަން.⁠“ މިއެންމެން މަހަށް ގޮސް މުޅިރޭ އުޅެގެން ވެސް އެކައްޗެއް ވެސް ނުބޭނުނެވެ.
4އިރުއަރަނިކޮށް އީސާގެފާނު އެ އައްސޭރިއަށް ވަޑައިގަންނެވިއެވެ. ނަމަވެސް އަސްޙާބީންނަކަށް އެއީ އެކަލޭގެފާނު ކަމެއް ނޭނގުނެވެ. 5އެކަލޭގެފާނު ގޮވާލެއްވިއެވެ. ”⁠އެކުވެރިންނޭ! ކޮބާ އެކައްޗެއް ވެސް ނުބޭނުނު ދޯ؟⁠“
އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠އެކައްޗެއް ވެސް ނުބޭނޭ.⁠“
6އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ދޯނީގެ ކަނާއަތް ފަރާތަށް ދާއެއްލާ! އޭރުން މަސް ހިފޭނެ.⁠“ ދެން އެމީހުން ދާ އެއްލާފައި ނަގަން އުޅެ އުޅެ އެ ދާ އުފުލާ ވެސް ނުލެވުނެވެ. އެއީ ދަލަށް އަރާފައި ހުރި މަސްތައް ގިނަ ކަމުންނެވެ.
7އެ ހިނދު ޕަތަރަސް ގާތު އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ، ބުންޏެވެ. ”⁠އެއީ މާތް ސާހިބާ!⁠“ ޝަމްއޫނު ޕަތަރަސްއަށް މާތް ސާހިބާއޭ ބުނި އަޑު އިވުނުއިރު އޭނާ ހުރީ ހުސްގަޔާ ކަމަށް ވީތީ އަވަހަށް އެއްޗިހި ލައިގެން މޫދަށް ފުންމާލައި ފަތާފައި އެއްގަމަށް އައެވެ. 8އޭރު ދޯނި އޮތީ ގޮނޑުދޮށާ ގާތްގަނޑަކަށް ދުއިސައްތަ ގަޒު ދުރުމިނުގައެވެ. އޭގައި ތިބި އަސްޙާބީން މަސްތަކުން ފުރިފައި އޮތް ދާ ދަމަމުން ދޯނި ގޮނޑުދޮށަށް ކައިރި ކޮށްފިއެވެ.
9އެމީހުން ގޮނޑުދޮށަށް ފޭބިތަނުން ދެލި އަންދައިގެން އަލިފާން ރޯކުރެވި މަސް ފިހެވެމުން ދިޔަތަން އެމީހުންނަށް ފެނުނެވެ. އަދި އެތަނުގައި ބޯ ރޮށިތައް ވެސް ހުއްޓެވެ.
10ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހިފި ތަނުން މަސް ކޮޅެއް ވެސް ގެނޭ.⁠“ 11މިހެން ވިދާޅުވުމުން ޝަމްއޫނު ޕަތަރަސް ދޯންޏަށް ގޮސް ދާ އެއްގަމަށް ގެނައެވެ. އެ ދަލުގައި ވަރަށް ބޮޑެތި މަހުގެ ސަތޭކަ ފަންސާސް ތިން މަސް ޖެހިފައި އޮތެވެ. އެކަމަކު ދާ ވީދިފައެއް ވެސް ނެތެވެ.
12އީސާގެފާނު ވިދާޅުވިއެވެ ”⁠ކާން އާދޭ!⁠“ މީގެ އެއްވެސް އަސްޙާބީއަކަށް ”⁠ތިއީ ކާކުހޭ؟⁠“ އަހާލަން ވެސް ނުކެރުނެވެ. އެހެނީ އެއީ އެމީހުންގެ މާތް ސާހިބާކަން އެމީހުންނަށް ޔަޤީންވާތީއެވެ. 13އެހެންވެ އީސާގެފާނު ވަޑައިގެން ބޯ ރޮށި ނަންގަވައި އެމީހުންނަށް ދެއްވިއެވެ. އެ ގޮތަށް މަސް ނަންގަވައި ވެސް ކަންތައް ކުރެއްވިއެވެ. 14މިއީ އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިދުނިޔެއަށް ވަޑައިގެން އެކަލޭގެފާނުގެ އަސްޙާބީންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވި ތިންވަނަ ފަހަރެވެ.
އީސާގެފާނާއި ޕަތަރަސް
15އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ކައި ނިމުމުން އީސާގެފާނު ޝަމްއޫނު ޕަތަރަސް ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ޔޫޙަންނާގެ ދަރި ޝަމްއޫނު. މިމީހުން އަހަރެން ދެކެ ލޯބިވާވަރަށް ވުރެ ބޮޑަށް ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟⁠“
ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ ސާހިބާ! އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.⁠“
ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެންވިއްޔާ ހުއިހައްޕާ މީހަކު ޅަކަންބަޅިތަކެއް ބަލަހައްޓާ ފަދައިން އަހަރެންގެ މީސްތަކުން ބަލަހައްޓާ!⁠“
16އީސާގެފާނު އަނެއްކާ ތަކުރާރު ކުރައްވާ އެއްސެވިއެވެ. ”⁠ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟⁠“
ޕަތަރަސް ދެންނެވިއެވެ. ”⁠އާދެ ސާހިބާ! އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގިވަޑައިގަންނަވާނެ.⁠“
ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެންވިއްޔާ އަހަރެންގެ ކަންބަޅިތައް#21‏:16 ކަންބަޅިއޭ މިތަނުގައި މި ވިދާޅުވަނީ އެކަލޭގެފާނަށް ތަބާވާ މީހުންނަށެވެ. ގެންގުޅެ ބަލަހައްޓާ!⁠“
17އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!⁠“
ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”⁠އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.⁠“
ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!⁠“
18އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ބުނަންތަ! ކަލޭ ޒުވާން އިރު ކަލޭ ބޭނުން ގޮތަކަށް ކަންތައްކޮށް ބޭނުން ތާނކަށް ގޮސްއުޅުނު ނަމަވެސް މުސްކުޅި ވުމުން ކަލޭ ދެއަތް ދިއްކުރާނެ. އޭރުން އެހެން މީހުން ކަލޭ ދާން ބޭނުން ނެތްތާނކަށް ކަލޭ ބަނދެގެން ގެންދާނެ.⁠“ 19އެކަލޭގެފާނު މިހެން މި ވިދާޅުވީ ޕަތަރަސް މަރުވާނީ މާތްރަސްކަލާނގެ ނަންފުޅު މަތިވެރި ވާނެ ފަދަ ގޮތެއްގައި ކަމަށް އިޝާރާތް ކުރައްވައެވެ. ދެން އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެންނާ އެކު އާދޭ!⁠“
20ޕަތަރަސް އެނބުރި ބެލިތަނާ އޭނާއަށް ފެނުނީ އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ އެމީހުންގެ ފަހަތުން އަންނަ ތަނެވެ. އެ އަސްޙާބީއަކީ އެރޭގެ ކެއުމުގެ ވަގުތުގައި އީސާގެފާނުގެ ކަންފަތްޕުޅު ކައިރިއަށް ގުދުވެ ”⁠ސާހިބާ އަޅުގަނޑުމެންގެ ތެރެއިން ކަލޭގެފާނަށް ޚިޔާނާތްތެރިވާނީ ކާކުހޭ⁠“ މިހެން އެހި އަސްޙާބީއެވެ. 21ޕަތަރަސްއަށް އެ އަސްޙާބީ ފެނުމާއެކު އީސާގެފާނަށް ދެންނެވިއެވެ. ”⁠ސާހިބާ! މި މީހާއާމެދު ކަންތައް ހުރީ ކިހިނެއްތޯ؟⁠“
22އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭނާ އަހަރެން އެނބުރި އަންނަން ދެން ދުނިޔޭގައި ހުންނަން އަހަރެން އެދުނު ކަމުގައި ވިޔަސް އެކަމާ ނުބެހޭ. ކަލޭ އަހަރެންނާއި އެކުގައި އާދޭ.⁠“
23ދެން އީސާގެފާނަށް އީމާންވެ ތިބި މީހުންގެ މެދުގައި އެ އަސްޙާބީ ދުވަހަކު ވެސް މަރެއް ނުވާނެ ކަމުގައި ވާހަކަ ފެތުރުނެވެ. ނަމަވެސް އީސާގެފާނު އެވިދާޅުވީ އޭނާ މަރުނުވާނެއެކޭ އެއް ނޫނެވެ. އެކަލޭގެފާނު ވިދާޅުވީ ”⁠އޭނާ އަހަރެން އެނބުރި އަންނަން ދެން ދުނިޔޭގައި ހުންނަން އަހަރެން އެދުނު ކަމުގައި ވިޔަސް ކަލޭ އެކަމާ ނުބެހޭށޭ⁠“ މިހެންނެވެ.
ފޮތް ނިންމާލުން
24މިވާހަކަތަކަށް ހެކިދެއްވީ މި ވާހަކަތައް ލިޔުއްވި އަސްޙާބީވެސް މެއެވެ. އޭނާ ދައްކާފައި ހުރި ވާހަކަތަކީ ތެދެއްކަން އަހަރެމެންނަށް ޔަޤީނެވެ.#21‏:24 މިއަސްޙާބީ އަކީ އީސާގެފާނުގެ އަރިހުގައި އުޅުއްވި އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ޔޫޙަންނާ އެވެ.
25އީސާގެފާނު މިނޫނަސް އިތުރު އެތައް އެތައް ކަމެއް ކުރެއްވިއެވެ. އެކަމަކު އެހުރިހާ ކަމެއް އެއްކަމަކަށް ފަހު އަނެއްކަމެއް ލިޔަން ވެއްޖެނަމަ އަހަރެން ދެކޭ ގޮތުގައި މި ދުނިޔެއަށް ނުތަކާހާ ގިނަ ފޮތްތައް ލިޔެވިދާނެއެވެ.

Currently Selected:

ޔޫޙަންނާ 21: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in