ފެށުން 15
15
މާތްރަސްކަލާނގެ އަބްރާމްއާއެކު ކުރެއްވި ޢަހުދުނާމާ
1އޭގެފަހުގައި މާތްރަސްކަލާނގެ އަބްރާމަށް ނިދާ އިއްވެވިއެވެ. ”އަބްރާމް. ބިރު ނުގަނޭ. ތިބާ ރައްކާތެރިކުރާނެ އައްޑަނައަކީ ތިމަން ރަސްކަލާނގެ. ތިމަންކަލާނގެ ތިބާއަށް މަތިވެރި ވެގެންވާ އިނާމެއް ދެއްވާނަން.“ 2އެކަމަކު އަބްރާމް ދެންނެވިއެވެ. ”ސާހިބުވަންތަ މާތްރަސްކަލާނކޯ! މިއަޅާއަށް ތިޔަ ބަރަކާތްލެއްވުމުގެ އޮތީ ކޮން މޮޅެއްތޯ؟ މިއަޅާއަކަށް އެންމެ ކުޑަމިނުން ދަރިޔަކު ވެސް ލިބިފައެއް ނުވޭ. އިނބަރަސްކަލާނގެ މިއަޅާއަށް ދަރިޔަކު ދެއްވާފައި ނުވާ ހިނދު މިއަޅާގެ ހުރިހާ ތަނަވަސްކަމެއް ދާނީ ދިމިޝްޤުގެ އަލީޢާޒަރަށް. 3އިނބަރަސްކަލާނގެ މިއަޅާއަށް ދަރިއަކު ނުދެއްވާ. މިއަޅާގެ ހުރިހާ މިލްކިއްޔާތެއް ދާނީ މިއަޅާގެ ކޮންމެވެސް ޚާދިމެއްގެ އަތްމައްޗަށް.“
4އެ ހިނދު މާތްރަސްކަލާނގެ ވަޙީބަސްފުޅު އަބްރާމްއަށް އިވިގެންދިޔައެވެ. ”ތިބާގެ އަޅު އަލީޢާޒަރަށް އެތަކެއްޗެއް މިލްކެއް ނުވާނެ. އެހެނީ ތިބާއަށް އުފަން ދަރިއަކު ލިބޭނެ.“ 5އެއަށް ފަހު މާތްރަސްކަލާނގެ އަބްރާމް ބޭރަށް ނެރުއްވާ ވަޙީކުރެއްވިއެވެ. ”އުޑަށް ބަލާލަބަލަ. އުޑުގައިވާ ތަރިތައް ތިބާއަށް އަދަދު ކުރެވޭނެތަ؟ ތިބާގެ ދަރިފަސްކޮޅު ވެސް ތިމަންކަލާނގެ އެފަދައިން ގިނަކުރައްވާނަން.“ 6އަބްރާމް މާތްރަސްކަލާނގެ ބަސްފުޅު ގަބޫލުކުރެއްވިއެވެ. އަދި އެކަލާނގެ އަބްރާމްގެ އީމާންކަމުގެ ސަބަބުން އެކަލޭގެފާނު ޞާލިޙެއް ކަމުގައި ކަނޑައެޅުއްވިއެވެ.
7-8އަދިވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވިއެވެ. ”ތިމަންކަލާނގެއީ ކަލްދާނީންގެ ސަރަހައްދުގެ އޫރު އިން ތިބާއަށް މިރަށް ދެއްވުމަށްޓަކާ ގެންނެވި ކަލާނގެ.“ އެ ހިނދު އަބްރާމް ދެންނެވިއެވެ. ”ސާހިބުވަންތަ މާތްރަސްކަލާނކޯ، މިރަށް އިނބަރަސްކަލާނގެ އަޅާއަށް މިލްކު ކޮށްދެއްވާނެކަން އަޅާއަށް ޔަޤީންވާނެ ގޮތަކީ ކޮބައިތޯ؟“ 9އެ ހިނދު މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”ތިން އަހަރުގެ ގެރި އަކާއި، ތިން އަހަރުގެ އަންހެން ބަކަރިއަކާއި، ތިން އަހަރުގެ ފިރިހެން ކަންބަޅިއަކާއި، ބޮޑު ކޮތަރަކާއި ކުޑަ ކޮތަރެއް ތިމަންކަލާނގެ ކިބަފުޅަށް ގެނޭ.“
10-11އެކަލޭގެފާނު ކިޔަމަންތެރި ކަމާއިއެކު އެކަން އެ ގޮތަށް ކުރެއްވިއެވެ. އަދި އެއިން ކޮންމެ ޖަނަވާރެއް ދެފަޅި ކުރެއްވުމަށް ފަހު އެދެފަޅި އެއްފަޅި އަނެއް ފަޅިއާ ދިމާވާ ގޮތަށް ކައިރިކައިރީގައި ދެފަރާތުގައި އަތުރާލެއްވިއެވެ. ނަމަވެސް ކުޑަ ކޮތަރާއި ބޮޑު ކޮތަރު އަބްރާމް ފަޅިއެއް ނުކުރައްވައެވެ. ދެން އެޖަނަވާރުތައް ކެއުމަށް އަންނަ ބާޒުތައް އަބްރާމް ފައްސަވަމުން ގެންދެވިއެވެ.
12އިރު އޮއްސެމުން ދިޔަ ހިނދު އަބްރާމްއަށް ވަރަށް ފުން ނިންޖަކުން ނިދިކުރެއްވުނެވެ. އަދި ވަރަށް ބޮޑު ބިރުވެރިކަމެއް އެކަލޭގެފާނުގެ މައްޗަށް ވެރިވިއެވެ. އަދި ހުރިހާ ދިމާއަކަށް އަނދިރިކަން ފެތުރުނެވެ. 13-15އެ ހިނދު މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”އަބްރާމް. ތިބާގެ އުމުރު ދިގުވެގެންވާނެ. ތިބާ މި ދުނިޔެ ދޫކޮށް ދާނީ އަމާން ކަމާއެކު. ތިބާއަށް ތިމަންކަލާނގެ ވަރަށް މަތިވެރި ވަޢުދެއް ކުރައްވަމު. ތިބާގެ ދަރިފަސްކޮޅު އެމީހުންގެ އަމިއްލަ ޤައުމެއް ކަމުގައިނުވާ ޤައުމެއްގައި ބިދޭސީންގެ ގޮތުގައި އުޅެން ޖެހޭނެ. އެ އަޅުވެތިކަމުގެ ދަށުގައި ހަތަރުސަތޭކަ އަހަރު ވަންދެން އެމީހުން އެގޮތުގައި ތިބޭނެ. އެމީހުން އަޅުވެތިކަމުގެ ދަށުގައި ގެންގުޅުނު ޤައުމަކަށް ތިމަންކަލާނގެ ގަދަވެގެންވާ ޢަޒާބެއް ފޮނުއްވާނަން. ފަހުން އެމީހުން އެ ޤައުމުން އެނބުރި ދާނީ ގިނަ ޢަދަދެއްގެ މުދަލާއި މުއްސަނދިކަން ހިފައިގެން. 16އޭގެ ހަތަރު ދަރިފަސްކޮޅަށް ފަހު، ތިބާގެ އާއިލާގެ މީހުން މިރަށަށް އެނބުރި އަންނާނެ. އެއީ އަދި މިރަށުގައި އުޅޭ އަމޫރީން ފާފަކުރުމުގެ ހައްދުފަހަނަޅާއި ނުދާތީ.“
17އެދުވަހުގެ އިރުއޮއްސި އަނދިރިކަން ފެތުރިފައިވީ ވަގުތު، ދެފަޅި ކުރެވިފައިވާ ޖަނަވާރުތަކުގެ ދެމެދުން އަނގުރު އަލިފާން ތަވަޔަކުން ދުންއެޅެމުން ދާތަނާއި އަދި އަނދަމުން ދިޔަ ހުޅުގަނޑެއް އެ ދެމެދުން ދާތަން އަބްރާމްއަށް ފެނިވަޑައިގަތެވެ.
18-21 މާތްރަސްކަލާނގެ އެދުވަހު އަބްރާމް އާއިއެކު ޢަހުދުނާމާއެއް ކުރައްވާ މިފަދައިން ވަޙީކުރެއްވިއެވެ. ”މިޞްރުގެ ސަރަހައްދު ކައިރީގައި އޮންނަ ކޯރުން ފެށިގެން ފުރާތު ކޯރާއި ހަމަޔަށް ކަލޭގެފާނުގެ ދަރިފަސްކޮޅު އާބާދުވާނެ. އެއީ ޤައިނީންގެ ރަށާއި، ޤަނިއްޒީންގެ ރަށާއި، ޤަދްމޫނީންގެ ރަށާއި، ޙިއްޘީންގެ ރަށާއި، ފިރިއްޒީނުގެ ރަށާއި، ރަފާއީމުގެ މީހުންގެ ރަށާއި، އަމޫރީންގެ ރަށާއި، ކަންޢާނުގެ މީހުންގެ ރަށާއި، ޖިރްޖާޝީންގެ ރަށާއި، އަދި ޔަބޫސީންގެ ރަށާއި ހަމައަށް ތިބާގެ ދަރިފަސްކޮޅު ދެމިގެން ދާނެ.“
Currently Selected:
ފެށުން 15: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.