YouVersion Logo
Search Icon

މަންދޫބުންގެ މަސައްކަތް 28

28
ޕައުލް މަލްތާގައި
1އަހަރެމެންނަށް އެއްގަމަށް އާދެވުމުން މި ރަށަކީ މަލްތާ ކަން އަހަރެމެންނަށް އެނގުނެވެ. 2އެ ރަށުގެ މީހުން އަހަރެމެންނަށް ވަރަށް ހެޔޮކޮށް ހިތާ ކަން ކުރިއެވެ. އޭރު ވިއްސާރަވެ މޫސުން ވަނީ ވަރަށް ފިނިވެފައެވެ. އެހެން ކަމުން އަހަރެމެންނަށް ހޫނު ދިނުމަށްޓަކައި އެ ރަށުގެ މީހުން އަތިރިމަތީގައި ބޮޑު އަލިފާންގަނޑެއް ރޯކުރިއެވެ. 3ޕައުލް އެތަނުން ދަރުގަނޑުތަކެއް ނަގާ އަލިފާންގަނޑަށް ލަނިކޮށް އަލިފާނުގެ ސަބަބުން ހޫނުވުމުން އޭގެން ދަރުގަނޑެއްގައި ވީ ވިހަ ހަރުފައެއް ނުކުތެވެ. އަދި އެ ހަރުފަ ޕައުލްގެ އަތަށް ވިހަލިއެވެ. 4އެތާނގައި ތިބި އެ ރަށުގެ މީހުންނަށް އެ ހަރުފަ ޕައުލްގެ އަތުގައި އެލިފައި އޮތްތައް ފެނުމުން ބުންޏެވެ. ”⁠ޔަޤީންނޭ. މިމީހާއަކީ މީހަކު މަރާލުމުގެ ކުށުގައި ހައްޔަރު ކުރެވިފައިވާ މީހެކޭ. އޭނާ ކަނޑުވެ މަރުނުވި ކަމުގައި ވިޔަސް ހަމަ ޔަޤީނުން ވެސް އިންސާފުގައި އޭނާ އަކަށް ދިރިހުރުމެއް ނުވޭއޭ.⁠“
5ނަމަވެސް ޕައުލް އަތް ފޮޅާލާ އެ ހަރުފަ އަލިފާންގަނޑުގެ ތެރެއަށް އެއްލާލިއެވެ. އަދި އޭތި ލީ ވިހައިން އޭނާއަކަށް އެއްވެސް ކަމެއް ނުވިއެވެ. 6މީސްތަކުން ހީކުރީ ޕައުލް އެ ވިހައިގެ ސަބަބުން ދުޅަވާނެ ކަމުގައެވެ. ނޫނީ ކުއްލިއަކަށް މަރުވެގެން ވެއްޓޭނެ ކަމުގައެވެ. އެމީހުން ވާގޮތެއް ބަލަން އެތައް އިރަކު ތިބި އިރު ވެސް ޕައުލް އަށް އެއްވެސް ކަމެއް ނުވިތަން ފެނުމުން އެމީހުން އިސްދަށަށް ޖެހުނެވެ. އަދި ޚިޔާލު ބަދަލުކޮށް ބުންޏެވެ. ”⁠މީނާ އަކީ އިންސާނެއް ނޫނޭ. ކަލާނގެއެކޭ.⁠“
7މި ރަށުގެ އެންމެ އިސްމީހަކީ ޕޫބްލިޔުސް އެވެ. މިތާގެ ކައިރީގައި އޭނާގެ ދަނޑުބިންތަކެއް ވެއެވެ. އޭނާ އަހަރެމެން އެންމެން އޭނާގެ ގެއަށް ގެންގޮސް އަހަރެމެންނަށް ވަރަށް ހެޔޮކޮށް ހިތާ ކަންތައް ކުރިއެވެ. އެގޭގައި އަހަރެމެން ތިން ދުވަސް ވަންދެން ތިބީމެވެ. 8އޭރު ޕޫބްލިޔުސްގެ ބައްޕަ ވަނީ ވަރަށް ބޮޑަށް ހުންއައިސް ބޭރަށް ހިންގުމުގެ ރޯގާއެއްޖެހިފައެވެ. ޕައުލް ގޮސް އޭނާގެ ކޮނޑުގައި އަތްލާ އޭނާގެ މައްޗަށް ދުޢާ ކުރުމުން އޭނާގެ ބަލި ފިލާ ރަނގަޅުވިއެވެ. 9ދެން މިއަށް ފަހު އެ ރަށުގައިވާ ހާ ބަލި މީހުންނެއް ޕައުލްގެ ގާތަށް އައެވެ. އެ އެންމެންގެ މައްޗަށް ވެސް ޕައުލް ދުޢާ ކުރުމުން އެމީހުންގެ ބަލިތައް ވެސް ރަނގަޅުވިއެވެ. 10މި ކަމުގެ ސަބަބުން ރަށުގެ އެންމެން ވެސް އަހަރެމެންނަށް ވަރަށް އިޙުތިރާމު ކުރަންފެށިއެވެ. އަދި އެ ރަށުން ފުރުމުގެ ވަގުތުޖެހުމުން އަހަރެމެންނަށް ދަތުރަށް ބޭނުންވާނެ ހުރިހާ ވައްތަރެއްގެ އެއްޗިހި އެމީހުން އޮޑިއަށް ލާދިނެވެ.
މަލްތާއިން ރޯމުކަރައަށް
11އެ ރަށުގައި ތިން މަސްދުވަސް ވުމަށް ފަހު އަނެއްކާ ވެސް ރޯމަށް ދިއުމަށްޓަކައި އަހަރެމެން ދަތުރު ފެށީމެވެ. މި ފަހަރު އަހަރެމެން ދަތުރު ކުރީ އެ ރަށުގައި ފިނިމޫސުން ހޭދަކުރުމަށް މަޑު ކުރި އިސްކަންދަރިއްޔާގެ އޮޑިއެއްގައެވެ. އެއޮޑީގެ ދިރުނބާކޮޅުގައި ގުރީކު ކަލާނގެތަކުގެ ތެރެއިން އެންމާބަނޑު ދެ ކަލާނގެ ކަމުގައިވާ މިތުނަރާހީގެ ނިޝާން ވެސް ހަރު ކުރެވިފައި ވިއެވެ.
12މަލްތާއިން ފުރައިގެން އަހަރެމެން އެންމެ ފުރަތަމަ ދިޔައީ ސިރަކޫސަގެ ބަނދަރަށެވެ. އެ ރަށުގައި އަހަރެމެން ތިން ދުވަހު މަޑު ކުރީމެވެ. 13އެ ރަށުން ފުރައިގެން އަހަރެމެން ދިޔައީ ރޭގިޔުމް އަށެވެ. އޭގެ އަނެއްދުވަހު ދެކުނުން ވައިޖެހެން ފެށިއެވެ. އެހެން ކަމުން އަނެއް ދުވަހު ދަތުރުކޮށް އޮޑި ޕުތެޔޯލީއަށް ލެފިއެވެ. 14އެރަށުގައި އަހަރެމެން އެއްހަފްތާ މަޑުކުރި މަޑުކުރުމުގައި އެ ރަށުގެ އީސާގެފާނަށް އީމާންވެގެން ތިބި ބަޔަކާއި އަހަރެމެންނާއި ބައްދަލުވިއެވެ. އެމީހުން އެދުމުން އަހަރެމެން އެ ރަށުގައި އެމީހުންގެ ގާތުގައި ތިބީމެވެ. ދެން އެންމެފަހުން އަހަރެމެން ރޯމުކަރަޔަށް ދިޔައީމެވެ.
15ރޯމުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން އެ ރަށަށް އަންނަ ޚަބަރު ލިބުމުން އަހަރެމެންނާއި ބައްދަލު ކުރުމަށް އައްޕިއުސް ބާޒާރާއި ހަމައަށް އައެވެ. އަދި އަނެއްބަޔަކު ތިން މަންޒިލް އޭ ކިޔުނު ތަނުގައި އަހަރެމެންނާއި ބައްދަލުވިއެވެ. ޕައުލް އަށް އެމީހުން ފެނުމުން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރިއެވެ. އަދި އެމީހުން ފެނުމުން އޭނާއަށް ހިތްވަރު ވެސް ލިބުނެވެ.
ޕައުލް ރޯމުގައި
16ރޯމުގައި ޕައުލް އަށް އަމިއްލަ ތާކު ހުރުމުގެ ހުއްދަ އޭނާއަށް އޮތެވެ. ނަމަވެސް ސިފައިންގެ މީހަކު އޭނާގެ ގާތުގައި އަބަދުވެސް ފޯރިމަރަމުން ދިޔައެވެ. 17ތިންވަނައަށް ވީ ދުވަހު ޕައުލް އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ޖަލްސާއަކަށް އައުމަށް އެދުނެވެ. އެމީހުން އައުމުން ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޅުގަނޑު މިވަނީ ޖެރޫސަލަމުގައި ހައްޔަރު ކުރެވި އަދި ރޯމުގެ ސަރުކާރާއި ހަވާލު ކުރެވިފައޭ. ނަމަވެސް އަޅުގަނޑު އަޅުގަނޑުމެންގެ މީހުންނާ ނުވަތަ ގަވާއިދުތަކާ އިދިކޮޅަށް ވެސް އެއްވެސް ކަމެއް ނުކުރަމޭ. 18ރޯމުގެ ސަރުކާރުން ޝަރީއަތް ބަލާ އެމީހުންނަކަށް އަޅުގަނޑަށް މަރުގެ ޙުކުމް ކުރަންވީ ވަރުގެ ކުށެއް ނުފެނުނޭ. އެހެން ކަމުން އެމީހުން ގަސްތު ކުރީ އަޅުގަނޑު ދޫކޮށްލުމަށޭ. 19ނަމަވެސް ބަނީއިސްރާއީލުގެ ވެރިން މި ނިންމުމާއި ނުރުހުމުން އަޅުގަނޑު ނިންމީ ރޯމުގެ ރަސްގެފާނުގެ އަރިހަށް މި މައްސަލަ ހުށައަޅުމަށޭ. ނަމަވެސް އަޅުގަނޑު އަޅުގަނޑުގެ އަމިއްލަ މީހުންނާއި ދެކޮޅަށް މައްސަލަ ޖައްސާކަށެއް ނޫނޭ.
20އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުންގެ ކިބައިން މިއަދު މި ތަނަށް ވަޑައިގެން ދެއްވުމަށް މި އެދުނީ ތިޔަބޭފުޅުން މިކަންތައް އެނގި ދެނެގަތުމަށޭ. އަދި އަޅުގަނޑު މި ފަދައިން ހައްޔަރުވެ ހިލިހިލާގައި ޖެހިފައި މި ވަނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ބަނީއިސްރާއީލުގެ އުންމީދު ކަމުގައިވާ އަލްމަސީޙު މި ދުނިޔެއަށް ވަޑައިގެންފި ކަން ގަބޫލު ކުރުމުގެ ސަބަބުނޭ.⁠“ 21އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠އަހަރެމެންނަށް ކަލެއާއި މެދު އެއްވެސް ނުރަނގަޅު ވާހަކައެއް އިވިފައެއް ނުވޭ. އަދި ކަލެއާއި ބެހޭ ގޮތުން އަހަރެމެންނަށް ޖުދެއާ ކަރައިން އެއްވެސް ސިޓީއެއް ވެސް ލިބިފައެއް ނުވޭ. އަދި މި ރަށަށް އައި އެއްވެސް މީހަކު ތިކަމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ވެސް އަހަރެމެންނަކަށް ދީފައެއް ނުވޭ. 22ނަމަވެސް އަހަރެމެން ކަލޭ ބުނަން ބޭނުންވި އެއްޗެއްގެ އަޑު އެހުމަށް ބޭނުންވިއޭ. އަހަރެމެންނަށް އެނގޭހާ ވެސް އެއްޗަކީ ހުރިހާ ތަނެއްގައި ވެސް މީހުން ތިޔަ ބުނި ޖަމާޢަތުގެ މީހުންނާއި ދެކޮޅަށް ވާހަކަ ދައްކާ ކަމޭ.⁠“
23ދެން އެމީހުން ވަކި ދުވަހެއް ކަނޑައަޅާ ނިންމާ ޕައުލް ހުރިގެއަށް އައެވެ. އެދުވަހު އެގެއަށް އެތައް ބަޔަކު އެއްވިއެވެ. ހެނދުނުން ފެށިގެން އިރުއޮއްސެން ދެން ޕައުލް އެމީހުންނާއި ވާހަކަ ދެއްކިއެވެ. މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅާ އަދި އެހެނިހެން ރަސޫލުންނާއި ނަބީބޭކަލުންނެއް މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ބޭނުންކޮށްގެން ޕައުލް އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި އަދި އީސާގެފާނާއި ބެހޭ ގޮތުން އަންގައިދީ އެއީ ތެދުކަން ހާމަކޮށްދީ ހެދިއެވެ. 24ޕައުލްގެ ވާހަކަތައް އަހާ އެއްބަޔަކު ގަބޫލުކޮށް އީމާންވިއެވެ. އަދި އަނެއް ބަޔަކު އެ ވާހަކަތަކާ ދެކޮޅުހެދިއެވެ. 25ދެން އެމީހުންގެ މެދުގައި މި ކަމާއި ދެބަސްވުން އުފެދެން ފެށުމުން އެމީހުން އެތަނުން ދާން ފެށިއެވެ. ނަމަވެސް އޭގެ ކުރިން ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠މާތްރޫޙުފުޅު ނަބީ ޔަޝަޔާޙުގެފާނު މެދުވެރިކުރައްވާ ކަލޭމެންގެ ކާބަފައިންނަށް މި ފަދައިން އެންގެވީ އެއީ ހަމަ ތެދުފުޅެއް.
26’⁠ތިމަންކަލާނގެ މީސްތަކުންގެ ގާތަށް ގޮސް މި ފަދައިން ބުނާށޭ. ކަލޭމެންނަށް ތިމަންކަލާނގެ ބަސްފުޅުތައް އިވޭނެއޭ. އެކަމަކު ކަލޭމެންނަކަށް އެ ބަސްފުޅުތަކުގެ މާނައެއް ނުވިސްނޭނޭ. ތިމަންކަލާނގެ ކުރައްވާ ކަންތައްތައް ތިޔަބައިމީހުން ދެކޭނޭ. އެ ކަންތައްތައް ކަލޭމެންނަށް ފެނުނު ނަމަވެސް އިހުސާހެއް ނުކުރެވޭނެ. 27އެއީ އެމީހުންގެ ހިތްތަށް ވަނީ ގާވެ ހަރުވެފައޭ. އަދި އެމީހުންގެ ކަންފަތްތައް ވަނީ ބީރުވެފައޭ. އަދި އެމީހުންގެ ލޯތައް ވެސް ވަނީ މެރިފައޭ. އަދި އެމީހުންނަކަށް ތިމަންކަލާނގެ ކިބައަށް އެނބުރި ރަނގަޅު ވުމަށް އެދޭކަށް ވެސް ހިތަކަށް ނާންނާނެއޭ. އެހެންނަމަ ތިމަންކަލާނގެ އެމީހުން ރަނގަޅުކޮށް ދޭހުށީމޭ.⁠‘
28‏-29އަހަރެން ބުނަންތަ؟ މާތްރަސްކަލާނގެ މި ދިންނެވުން ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ދެއްވައިފި. އަދި އެމީހުން އެބަސްފުޅު ގަބޫލު ވެސް ކުރާނެ.⁠“ ޕައުލްގެ މި ބަސްތައް އިވުމުން އެތާނގައި ތިބި ބަނީއިސްރާއީލު މީހުންގެ މެދުގައި މި ބަސްތަކާއި މެދު ބަހުސް ކުރެވި ދެބަސްވުންތައް އުފެދި އެމީހުން އެތަނުން ދިޔައެވެ.
30ދެން ދެ އަހަރު ދުވަސް ވަންދެން ޕައުލް ގެއެއް ކުއްޔަށް ހިފައިގެން ހުއްޓެވެ.#28‏:30 ޕައުލް ރޯމުގައި ދެ އަހަރު ދުވަހު ހުރީ ގޭގެބަންދުގައެވެ. އޭނާގެ ގާތުގައި އަބަދުވެސް ސިފައިނގެ މީހަކު ވިއެވެ. ޕައުލް ހުރީ އޭނާ އަމިއްލަ ޚަރަދުގައި ކުއްޔަށް ހިފައިގެން ހުރި ގެއެއްގައި ވެސް މެއެވެ. އަދި އޭނާގެ ގެއަށް ޒިޔާރަތް ކުރި ކޮންމެ މީހަކަށް ވެސް އޭނާ އުފަލާއި އެކު މަރުހަބާ ކިޔެވެ. 31އޭނާ ބިރަކާއި ނުލާ ކެރިގެން މާތްރަސްކަލާނގެ ރަސްކަންފުޅާ މެދުއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް އަންގައި ދެމުން ދިޔައެވެ. އަދި އެއްވެސް މީހަކު އޭނާ މި ކަން ކުރުން މަނާކޮށް ހުއްޓުވުމަކަށް ވެސް މަސައްކަތެއް ނުކުރެއެވެ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in