މަންދޫބުންގެ މަސައްކަތް 22
22
1”އިއްޒަތްތެރި އެންމެހާ އަޚުންނޭ އަޑުއައްސަވާ، ތިޔަބައިމީހުންނަށް މި ކަންތައްތައް ވެގެން އުޅޭގޮތް އޮޅުންފިލުވާ ދިނުމަށް އަޅުގަނޑު މިބުނާ ބަސްތަކުގެ އަޑު އެއްސެވުން އެދެން.“ 2ބަނީއިސްރާއީލު މީހުންނަށް ޕައުލް އެމީހުންގެ އަމިއްލަ ބަހުން ވާހަކަދައްކާ އަޑު އިވުމުން އަދި އިހަށް ވުރެ ވެސް މައިތިރިވެ އަޑުމަޑުވެގެން ދިޔައެވެ.
3ޕައުލް ބުންޏެވެ. ”އަޅުގަނޑަކީ ސިލީސިޔާގެ ތަރުސުސްއަށް އުފަންވި ބަނީއިސްރާއީލު މީހަކީން. އަޅުގަނޑު އުޅެ ބޮޑު ވީ ޖެރޫސަލަމުގަ. އަޅުގަނޑު ކިޔެވީ ގަމަލީލުގެ އެދުރު ކަމުގެ ދަށުގަ. އެބޭފުޅާގެ އެދުރުކަމުގެ ދަށުގައި އަޅުގަނޑު ބަނީއިސްރާއީލުގެ ދީނީ ގަވާއިދާއި ޤާނޫނުތައް ވަރަށް ފުރިހަމައަށް ދަސް ކުރީން. އަދި ހަމަ ތިޔަބައިމީހުން މިއަދު ތިޔަ ދައްކާ ރޫޙާއި ޖޯޝާއި އެކު އަޅުގަނޑު ވެސް ދީނުގެ ހުރިހާ ކަމެއް ފަރުވާތެރިކަމާއި އެކު ކުރީން. 4ހަމަ އަޅުގަނޑު ވެސް އީސާގެފާނު ދެއްކެވި މަގުން އުޅުމަށް ގަސްތު ކުރި މީހުންނަށް އަނިޔާ ދިނީން. އަދި އޭގެ ތެރެއިން ބައެއް މީހުން މެރުމަށް ވެސް އެންގީން. އަދި އެމީހުންގެ ތެރެއިން އަންހެނުންނާ ފިރިހެނުން ދަމާ ބަނދެ ހައްޔަރުކޮށް ޖަލަށް ވެސް ލީން. 5އަޅުގަނޑު މިބުނަނީ ތެދުކަން އުއްތަމަ އިމާމަށާއި އަދި ބަނީއިސްރާއީލުގެ ދީނީކޯޓުގެ ހުރިހާ ވެރިންނަށް ވެސް އެނގޭނެ. އެއީ ދިމިޝްޤަށް ގޮސް އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހައްޔަރު ކޮށްގެން ޖެރޫސަލަމުގެ ޖަލުގައި އަދަބު ދިނުމަށް ގެނައުމަށް އަޅުގަނޑު އެ ރަށަށް ދިޔައީން. އެދިޔަ ދިއުމުގައި އަޅުގަނޑަށް އެ ކަންތައްތައް ކުރުމަށް ހުއްދަދިނުމަށް އެދި ދިމިޝްޤުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ދިނުމަށް އުއްތަމަ އިމާމާއި އަދި ބަނީއިސްރާއީލުގެ ދީނީކޯޓުގެ ބޮޑުން ސިޓީތައް ވެސް ލިޔެ އަޅުގަނޑުގެ އަތަށް ދެއްވި.
6އަޅުގަނޑު ދިމިޝްޤަށް ދިޔަމަގުމަތީ އެ ރަށާއި ވަރަށް ކައިރި ވެފައި ވަނިކޮށް އެއްދުވަހެއްގެ މެންދުރު ވަގުތު ވަރަށް ގަދަ އައްޔެއް އަޅުގަނޑުގެ ވަށައިގެން ވިދައިގެން ދިޔަ. 7އަދި އަޅުގަނޑު ބިންމައްޗަށް ވެއްޓުނު. އެވަގުތު އަޅުގަނޑަށް އިވުނީ މި ފަދައިން ބުނެވުނު އަޑު. ’އޭ ޝާއުލް، ޝާއުލް. ކަލޭ ތިމަންކަލޭގެފާނަށް އަނިޔާތައް ތިޔަ ދެނީ ކީއްވެ ހޭ؟‘ 8އަޅުގަނޑު އެހީން. ’ތިޔައީ ކޮން ބޭފުޅެއް ތޯއޭ؟‘ އެ އަޑު ޖަވާބުގައި ވިދާޅުވި. ’އަހަރެން މިއީ ކަލޭ ތިޔަ އަނިޔާދޭ ނާޒަރަތުގެ އީސާގެފާނޭ.‘ 9އަޅުގަނޑާއި އެކު ދަތުރު ކުރަމުން ދިޔަ އެހެން އެންމެންނަށް ވެސް މި ގަދަ އަލި ފެނުނު. އަދި އެމީހުންނަށް އަޑުފުޅެއް ވެސް އިވުނު. ނަމަވެސް އެމީހުންނަކަށް އެ ބަސްތަކުގެ މާނައެއް ނުވިސްނުނު. 10އަޅުގަނޑު ބުނީން. ’މާތް ސާހިބާއޭ، އަޅުގަނޑު ކުރަންވީ ކީއްތޯއޭ.‘ މާތް ސާހިބާ ވިދާޅުވި. ’ތެދުވާށޭ. ތެދުވެގެން ދިމިޝްޤަށް ދާށޭ. އެ ރަށުގައި ތިމަންކަލޭގެފާނު ކަލޭ ކުރުމަށް ހަމަޖައްސާފައިވާ ހުރިހާ ކަމެއް ކަލެއަށް އެނގޭނޭ.‘ 11އޭރު އަޅުގަނޑުގެ ލޮލަކަށް ނުފެނޭ. އެއީ އެ ގަދަ އަލީގެ ސަބަބުން އަޅުގަނޑުގެ ލޮލުގެ އަލިކަން ވަނީ ގެއްލިފަ. އެހެން ކަމުން އަޅުގަނޑާއި އެކު ދަތުރު ކުރަމުން ދިޔަ މީހުން އަޅުގަނޑު އެ ރަށަށް ގެންގޮސް ދިން.
12އެ ރަށުގައި އަނާނިޔާހު އޭ ކިޔުނު މީހަކު ވި. މީނާ އަކީ މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ ގަވާއިދުތަކަކަށް ފުރިހަމައަށް ކަންކޮށް އުޅުނު ބަނީއިސްރާއީލު މީހެއް. އަދި އެ ރަށުގެ އެންމެން ވެސް މީނާއަށް ވަރަށް އިޙުތިރާމު ކުރޭ. 13މި އަނާނިޔާހު އަޅުގަނޑުގެ ކައިރިއަށް އައިސް ބުނި. ’މަގޭ އަޚާ ޝާއުލް އޭ، ލޮލަށް އަލިވެ ދެކޭށޭ!‘ ހަމައެވަގުތު އަޅުގަނޑުގެ ލޮލަށް އަލިވެ އޭނާ ފެނުނު. 14ދެން އޭނާ އަޅުގަނޑަށް ބުނި. ’އަހަރެމެންގެ ކާބަފައިން އަޅުކަން ކުރި މަތިވެރި މާތްރަސްކަލާނގެ އެކަލާނގެ ރޭއްވުންފުޅުތައް ކަލެއަށް އަންގަވާ އަދި އެކަލާނގެ ފޮނުއްވި މާތް ރަނގަޅު ޞާލިޙު ކަލޭގެފާނު ކަލެއަށް ހާމަކުރައްވާ ދައްކަވާ އަދި އެކަލޭގެފާނުގެ އަޑުފުޅު ސީދާ އިވުމަށް ކަލޭ ހޮއްވަވައިފިއޭ. 15މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ކަލެއަށް ތިޔަ ފެނި އަދި އިވުނު ކަންތައްތަކުގެ ޚަބަރު މީސްތަކުންނަށް ކަލޭ އަންގައިދެން ޖެހޭނޭ. 16އެހެންވީމައި އިތުރަށް ދެން މަޑު ނުކުރާށޭ. ތެދުވެ އަވަހަށް ތައުބާގެ ހިނެވުމުން ހިނައިގަނެ މާތްސާހިބާގެ ނަންފުޅުގަނެ ދުޢާ ކޮށް ކަލޭގެ ފާފަތައް ފޮހެ ނައްތާލާށޭ.‘
17-18މިއަށް ފަހު އަހަރެން އެނބުރި ޖެރޫސަލަމަށް އައިސް ބައިތުލް މަޤްދިސްގައި ދުޢާ ކުރަން އިންދާ އަހަންނަށް ހޭލާ ހުއްޓާ ހުވަފެނެއް ފަދައިން ފެނުނީ މާތް ސާހިބާ މި ފަދައިން ބުނި އަޑު. ’އަވަސް ކުރާށޭ. ވިހާ ވެސް އަވަހަކަށް ޖެރޫސަލަމުން ދާށޭ. އެއީ ކަލޭ އަހަރެންނާއި މެދު ބުނާ އެއްވެސް ބަހެއް އަދި ހެއްކެއް ވިޔަސް މި ރަށުގެ މީހުން ގަބޫލެއް ނު ކުރާނޭ.‘ 19ނަމަވެސް އަޅުގަނޑު މާތް ސާހިބާއަށް ދެންނެވީން. ’އެތައް ދީނީ މަރުކަޒުތަކެއްގައި އަޅުގަނޑު މާތް ސާހިބާއަށް އީމާންވެގެން ތިބި މީހުންނަށް އަނިޔާކޮށް ހައްޔަރުކޮށް ހެދިކަން މި ރަށުގެ އެންމެންނަށް ވެސް އެނގޭނޭ. 20އަދި މާތް ސާހިބާ އާއި ބެހޭ ގޮތުން ވާހަކަދައްކާ މީސްތަކުންނަށް އަންގައިދީ އުޅުނު އިސްތިފާނު ގައިގައި ގަލުން ތަޅާ މަރާލިއިރު ވެސް އަޅުގަނޑު އެތާނގައި އެބައިމީހުންނާއި އެއްކޮޅުވެ އެމީހުންނަށް ތާއީދު ކުރަން ހުރީމޭ، އަދި އެ ގަލުން ތެޅި މީހުންގެ ކޮނޑުގައި ވީ ފޮށާތައް ވެސް ބެލެހެއްޓީ ވެސް ހަމަ އަޅުގަނޑޭ.‘ 21ނަމަވެސް މާތް ސާހިބާ ވިދާޅުވިއޭ. ’ޖެރޫސަލަމުން ދާށޭ. އަހަރެން ކަލޭ މި ފޮނުވަނީ މި ރަށުން ވަރަށް ދުރަށް ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށޭ.‘“
22ޕައުލްގެ ވާހަކަ މި ހިސާބަށް ދަންދެން އެއްވެފައިވާ މީހުންގަނޑު މަޑުވެ ތިބެ އަޑު އެހި ނަމަވެސް ދެން އަނެއްކާވެސް އެމީހުން ހަޅޭއްލަވަންފެށިއެވެ. ”މިމީހާ ނައްތަލާ. ތިޔަ ކަހަލަ މީހަކަށް ދިރިހުރުން ޙައްޤެއް ނޫން.“ 23އެމީހުން ހަޅޭއްލަވަމުން ދިޔައެވެ. އަދި އެމީހުން ގަމީސްތައް ބާލާ އެ ހޫރާ އަދި ވެލި އުކާ ހެދިއެވެ.#22:23 ބަނީއިސްރާއީލު މީހުން އެމީހުން ލައިގެން ތިބޭ ގަމީސް ބާލާ މި ގޮތަށް ހޫރަނީ ކުފުރުގެ ބަހެއް އިވިއްޖެނަމަ އެކަމާއި ބިރުގަނެ އެކަމާ އެމީހުން ކުރާ ނަފްރަތު ހާމަކުރުމަށެވެ. އަދި ވެލި އުކަނީ އެމީހުންގެ ރުޅިވެރިކަން ދައްކާ އެކަން ހާމަކުރުމަށެވެ.
24ސިފައިންގެ ކޮމާންޑަރު ޕައުލް ސިފައިންގެ ކޮށީގެ ތެރެއަށް ވައްދާ އޭނާ ގައިގައި ހަންމުށިން ތެޅުމަށް އެންގިއެވެ. އޭނާ މި ގޮތަށް ކަންތައް ކުރީ އޭރުން ޕައުލް އޭނާގެ ކުށަށް އިޢުތިރާފު ވޭތޯ ބެލުމަށެވެ. އެއީ މީހުން އޭނާ ދެކެ އެވަރަށް ރުޅިއައިސްގެން އެ އުޅޭ ސަބަބެއް އޭނާއަށް އޮޅުން ނުފިލައިގެންނެވެ.
25ސިފައިން ޕައުލް ގައިގައި ތެޅުމަށް އޭނާ ބަންނަމުން ދަނިކޮށް ޕައުލް އެތާނގައި ހުރި އޮފިސަރަށް ބުންޏެވެ. ”ރޯމުސަރުކާރުގެ ރައްޔިތަކާ ދޭތެރޭ ކޯޓުގައި ޝަރީއަތް ނުކުރެވޭހާ ހިނދަކު އެމީހެއްގެ ގައިގައި ތެޅުން އެއީ ހުއްދަ ކަމެއް ތޯ؟“ 26މި އޮފިސަރު ސިފައިންގެ ކޮމާންޑަރުގެ ގާތަށް ގޮސް ބުންޏެވެ. ”ތިޔަ ކުރައްވަން އުޅެނީ ކޮން ފަދަ ކަމެއް ތޯ؟ މިމީހާއަކީ ރޯމުސަރުކާރުގެ ރައްޔިތެއް.“ 27ކޮމާންޑަރު ޕައުލްގެ ގާތަށް ގޮސް އޭނާއާއި ސުވާލު ކުރިއެވެ. ”އެއީ ތެދެއް ތަ ކަލެއަކީ ރޯމުސަރުކާރުގެ ރައްޔިތެއްތަ؟“ ޕައުލް ޖަވާބުގައި އާޔެކޭ ބުންޏޭ. 28ކޮމާންޑަރު ބުންޏެވެ. ”އަހަރެން ވެސް މިއީ ރޯމުސަރުކާރުގެ ރައްޔިތެއް. އެކަމަކު އަހަރެންނަށް ރޯމުސަރުކާރުގެ ރައްޔިތަކަށް ވެވުނީ ވަރަށް ގިނަ އަދަދެއްގެ ފައިސާ ދައްކައިގެން.“
”އަހަރެން މިއީ އުފަން ރޯމުސަރުކާރުގެ ރައްޔިތެއް.“ ޕައުލް ޖަވާބުގައި ބުންޏެވެ. 29ދެން ޕައުލް ބަނދެ އޭނާ ގައިގައި ތަޅާ އޭނާއާއި ސުވާލުތައް ކުރުމަށް އުޅުނު ސިފައިން ޕައުލް އަކީ ރޯމުގެ ރައްޔިތެއްކަން ހަމަ އެނގުމާއި އެކު ވަގުތުން އެ ކަންތައް ހުއްޓާލާ ދުރަށް ޖެހުނެވެ. ސިފައިންގެ ކޮމާންޑަރު ވެސް ޕައުލް ބަނދެ އޭނާ ގައިގައި ތެޅުމަށް އެންގުނީތީ ބިރުގަތެވެ.
ޕައުލް ބަނީއިސްރާއީލުގެ ދީނީކޯޓަށް ގެނެވުން
30އަނެއް ދުވަހު ސިފައިންގެ ކޮމާންޑަރު ޕައުލްގެ އަތާއި ފައިގައި އެޅުވިފައިވީ ބިޑި ނައްޓާލުމަށް އެންގިއެވެ. އޭނާ ބޭނުންވީ ބަނީއިސްރާއީލުގެ ވެރިން ޕައުލް އާއި މެދު މި ހުށައަޅަނީ ކޮން މައްސަލައެއް ތޯ ރަނގަޅަށް ބަލާ ހޯދުމަށެވެ. އެހެން ކަމުން އޭނާ އެންގީ ބޮޑު އިމާމުންނާއި އަދި ބަނީއިސްރާއީލު މީހުންގެ ވެރިން އެއްވުމަށެވެ. ދެން ސިފައިންގެ ކޮމާންޑަރު ޕައުލް މަތީ އިމާމުންނާއި ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ކުރިމައްޗަށް ގެންދިޔައެވެ.
Currently Selected:
މަންދޫބުންގެ މަސައްކަތް 22: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.