ޔޫޙަންނާ 4
4
ސަމީރިއްޔާގެ އަންހެނަކާއި އީސާގެފާނު
1އީސާގެފާނު ޔަޙުޔާގެފާނަށް ވުރެވެސް ގިނަ މީހުން ތައުބާގެ ހިނެވުން ހިނަވަމުން ގެންދަވާ ކަމަށް ފަރީސީންނަށް އިވިއްޖެކަން އީސާގެފާނަށް އެނގިވަޑައިގެންފިއެވެ. 2ނަމަވެސް އީސާގެފާނު އެއްވެސް މީހަކު ހިނަވައެއް ނުދެއްވައެވެ. އެކަން ކުރަމުން ދިޔައީ އެކަލޭގެފާނުގެ އަސްޙާބީންނެވެ. 3ފަރީސީންނަށް އެކަލޭގެފާނާއި ބެހޭގޮތުން މިޚަބަރު ލިބިއްޖެކަން އެނގިވަޑައިގަތުމުން ޖުދެއާކަރަ ދޫކުރައްވައި އީސާގެފާނު ގަލީލީއާ ދިމާއަށް ވަޑައިގެންނެވިއެވެ.
4މިގޮތުން ދަތުރުކުރައްވަމުން ވަޑައިގެންނެވި މަގުމަތީ އެކަލޭގެފާނަށް ސަމީރިއްޔާގެ ތެރެއިން ދަތުރުކުރައްވަން ޖެހިވަޑައިގަތެވެ. 5ސަމީރިއްޔާގެ ތެރެއިން ދަތުރުކުރައްވައި އެރަށުގެ އަވަށެއް ކަމުގައިވާ ސުހާރު އަށް އީސާގެފާނު ވަޑައިގެންނެވިއެވެ. މިރަށް ވަނީ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނަށް ދެއްވި ބިމާއި ވަރަށް ކައިރީގައެވެ.#4:5 ޔަޢުޤޫބުގެފާނު މިބިން ބައްލަވާގެންފަ އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނަށް ދެއްވިއެވެ. އެއީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ގާތްގަނޑަކަށް ދެހާސް އަހަރު ކުރިންނެވެ. (ފެށުން 48:22) 6ޔަޢުޤޫބުގެފާނު ބެހެއްޓެވި ވަޅު ވެސް އެތާނގައިވިއެވެ. އީސާގެފާނު ދަތުރު ވަރުބަލިފުޅު ވެފައި ހުންނެވުމުގެ ސަބަބުން އެ ވަޅުގެ ކައިރީގައި އިށީނދެ ވަޑައިގެންނެވިއެވެ. އޭރު ގަޑިން ގާތްގަނޑަކަށް މެންދުރު ބާރަ ޖަހާފާނެއެވެ.
7-8އެކަލޭގެފާނު އިންނެވީ ގިނިކަންޏާއެވެ. އޭރު އެކަލޭގެފާނުގެ އަސްޙާބީން ވީ ކާނޭ އެއްޗެއް ގަތުމަށްޓަކައި ރަށުތެރެއަށް ގޮހެވެ. އިރުކޮޅެއް ވީތަނާ އެތަނަށް ސަމީރިއްޔާގެ އަންހެނަކު ފެން ބަލާ އައެވެ. އެކަލޭގެފާނު އެ އަންހެންމީހާއަށް ވިދާޅުވިއެވެ. ”އަހަރެންނަށް ފެންފޮދެއް ދީބަލަ.“ 9އެ އަންހެންމީހާ ވަރަށް ބޮޑަށް ހައިރާންވެފައި ބުންޏެވެ. ”އަހަރެން ގާތުން ކަލޭ ފެނަށް ތި އެދުނީ ކަލޭ ތިޔައީ ބަނީއިސްރާއީލު މީހެއް ނޫންތަ؟ އަހަރެން މިއީ ސަމީރިއްޔާގެ އަންހެނެއް.“ ސަމީރިއްޔާގެ މީހުންނާއި ބަނީއިސްރާއީލު މީހުންނާއި ދެމެދު ޒަމާނުއްސުރެ ވަރަށް ބޮޑު ދެކޮޅުވެރި ކަމެއް އޮވެއެވެ.
10އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ކަލެއަށް މާތްރަސްކަލާނގެ ދެއްވާނެ މަތިވެރި ހަދިޔާ އަކީ ކޮބައިކަން ކަލެއަށް އެނގޭނަމަ، އަދި ކަލޭގެ ކިބައިން ފެންފޮދަކަށް މިއެދެނީ ކާކުކަން ކަލެއަށް އެނގޭ ނަމަ، ކަލޭ އަހަރެންގެ ކިބައިން ފެނަށް އެދޭނެ. އޭރުން އަހަރެން ކަލެއަށް ދިރިހުރުމުގެ ފެން ދޭނަން.“ 11އެ އަންހެންމީހާ ބުންޏެވެ. ”ސާހިބާ އެކަމަކު މި ވަޅަކީ ވަރަށް ބޮޑު އަދި އެހާމެ ފުންވަޅެއް. އަދި ތިޔަބޭފުޅާގެ އަތުގައި ވަލެއް ނުވަތަ ބާލިދީއެއް ވެސް ނެތް. ވީއިރު ތިޔަބޭފުޅާ ފެން ނަންގަވާނީ ކިހިނެއް؟ 12އަޅުގަނޑުމެންނަށް މިވަޅު ދެއްވީ ޔަޢުޤޫބުގެފާނު. އަދި މިވަޅުން އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިދަރިކަލުންނާއި އަދި ޖަނަވާރުތައް ވެސް ފެންބޮއި އުޅުނު. ތިޔަބޭފުޅާއަކީ މި ވަޅު ދެއްވި އަޅުގަނޑުމެންގެ ކާބަފައިކަލުން ޔަޢުޤޫބުގެފާނަށް ވުރެ ވެސް މަތިވެރި ބޭކަލަކީތޯ؟“ 13އީސާގެފާނު ވިދާޅުވިއެވެ. ”މި ވަޅުން ފެންބޯ ކޮންމެ މީހަކު އަނެއްކާވެސް ފެންބޮވައިގަންނާނެ. 14އެކަމަކު އަހަރެން ދޭ ފެން ބޮއެފި މީހަކު އިތުރު ފެނަކަށް ބޭނުމެއް ނުވާނެ. އަހަރެން މި ދޭ ފެން ބޮއެފި މީހެއްގެ ހިތުތެރޭގައި ފައްވާރާއެއް ހެން ތާޒާފެން އާރެއް އުތުރި އަރައި ގަންނާނެ. އެ ފެނުގެ ސަބަބުން އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ.“
15އެ އަންހެންމީހާ އީސާގެފާނަށް ދެންނެވިއެވެ. ”ސާހިބާ އަޅުގަނޑަށް ވެސް ތިޔަ ވިދާޅުވި ފެނުން ފެންފޮދެއް ދެއްވާ. އޭރުން އަޅުގަނޑު ވެސް އަލަކުން ފެން ބޮވައެއް ނުގަންނާނެ. އަދި އޭރުން ކޮންމެ ދުވަހަކު ފެން ބަލާ މިވަޅު ދޮށަށް އަންނާކަށް ވެސް ނުޖެހޭނެ.“ 16އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ކަލޭ ގޮސް ކަލޭގެ ފިރިމީހާ ގޮވައިގެން އާދޭ.“
17އަންހެން މީހާ ބުންޏެވެ. ”އަހަރެންގެ ފިރިއަކު ނެތް.“ އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަ ބުނީ ރަނގަޅަށް. ކަލޭގެ ފިރިއަކު ނެތް. 18އެއީ ކަލޭ ތިޔަވަނީ ފަސް މީހުންނާ އިނދެ ވަރިކޮށްފަ. އަދި މީހާރު ކަލެއާއި އެކުގައި ތިޔަ އުޅޭ ފިރިހެންމީހާއާ ކަލޭ އުޅެނީ އިނދެގެނެއް ނޫން. އެހެންވެ ކަލޭގެ ފިރިއަކު ނެތޭ ތިޔަ ބުނީ ތެދު ވާހަކައެއް.“
19އެއަންހެންމީހާ ބުންޏެވެ. ”ސާހިބާ ތިޔައީ ރަސޫލުބޭކަލެއް ކަން އަޅުގަނޑަށް އެނގިއްޖެ. 20ވީއިރު ވިދާޅުވެ ބައްލަވާ. ކަލޭގެފާނުގެ މީހުން ކަމުގައިވާ ބަނީއިސްރާއީލު މީހުން ބުނާގޮތުގައި އަޅުކަން ކުރުމަށް އެކަށީގެންވާ ތަނަކީ ހަމަ އެކަނި ޖެރޫސަލަމް. އެކަމު އަޅުގަނޑުގެ މީހުން ކަމުގައިވާ ސަމީރިއްޔާގެ މީހުން ބުނާގޮތުގައި މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ޖެހޭނީ ކާބަފައިން އަޅުކަންކުރި ފަދައިން މި ރަށުގައިވާ ގެރިޒިމް ފަރުބަދައިގައި.#4:20 މިތާނގައި ގުރީކުބަކުން ލިޔެވިފައި ވަނީ ”މިފަރުބަދައިގަ“ މިފަދައިންނެވެ. އެއީ ކީއްވެތޯ؟“
21އީސާގެފާނު ވިދާޅުވިއެވެ. ”ބުނަންތަ؟ އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހުން އަޅުކަން ކުރަންޖެހޭނީ ޖެރޫސަލަމަކު ވެސް ނޫން އަދި މި ފަރުބަދައަކު ވެސް ނޫން. 22ކަލޭމެން ސަމީރިއްޔާގެ މީހުންނަށް މާތްރަސްކަލާނގެއާއި މެދު އެނގެނީ ވަރަށް ކުޑަ އެއްޗެއް. އެކަމަކު އަހަރެމެން ބަނީއިސްރާއީލު މީހުން މާތްރަސްކަލާނގެ ދަންނަން. އެއީ އިންސާނުން ދިންނަވާނެ ފަރާތް ފޮނުއްވޭނީ ބަނީއިސްރާއީލު މީހުންގެ ތެރޭން ކަމަށް ވާތީ. 23ނަމަވެސް އެދުވަހެއް އެބައާދޭ. އަދި ކީއް! އެދުވަސް މީހާރު ވެސް މި ވަނީ އައިސްފަ. އެދުވަހަކުން ތެދުވެރި އަޅުވެރިން، އުޑުގައިވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ ކިބައަށް އަޅުކަން ކުރާނީ މާތްރޫޙުފުޅު ދައްކަވާ ތެދުމަގުން. މާތްރަސްކަލާނގެ ހޯއްދަވަނީ އެފަދައިން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ މީހުން. 24އެއީ މާތްރަސްކަލާނގެއަކީ ރޫޙާނީ ފަރާތެއް. އެހެން ކަމުން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހުން ވެސް އަޅުކަން ކުރަންވާނީ ރޫޙުފުޅު ދައްކަވާ ތެދުމަގުން.“
25އެ އަންހެންމީހާ ބުންޏެވެ. ”އަލްމަސީޙު ވަޑައިގަންނަވާނެކަން އަޅުގަނޑަށް އެނގޭ. އަލްމަސީޙު (ގުރީކުބަހުން ކުރިސްޓޮސް) ވަޑައިގެން އަޅުގަނޑުމެންނަށް ހުރިހާ ކަމެއް އޮޅުންފިލުވާ ދެއްވާނެ.“ 26އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަ ބުނާ އަލްމަސީޙަކީ އަހަރެން.“
އަސްޙާބީން އީސާގެފާނުގެ އަރިހަށް އެނބުރި އައި
27ހަމަ އެ ވަގުތު އެކަލޭގެފާނުގެ އަސްޙާބީން ކާއެއްޗެތި ގަނެގެން އެނބުރި އައެވެ. އެކަލޭގެފާނު އަންހެނަކާއި ވާހަކަދައްކަވަނިކޮށް ފެނުމުން އެމީހުން ހައިރާންވިއެވެ. ނަމަވެސް އޭގެން އެކަކު ވެސް އެކަލޭގެފާނު އެ އަންހެންމީހާ އާއި ވާހަކަދެއްކެވީ ކީއްވެތޯ ނުވަތަ ކޮން ބޭނުމަކު ތޯ ސުވާލެއް ނުކުރެއެވެ.
28އެ އަންހެންމީހާ އޭނާ ފެން ބަލާ ގެނައި ބަނޑިޔާ ވެސް އެތާނ ބަހައްޓާފައި ދުވަމުން ރަށުތެރެއަށް ގޮސް ރަށުމީހުންގާތު ބުންޏެވެ. 29”އަހަރެން ކުރިއްޔާ ކުރި ހުރިހާކަމެއް އެނގޭ މީހަކާ ދިމާވެއްޖެ. އެމީހާ ދެކެން ނިކަން ހިނގާބަލަ. އަނެއްކާ އެމީހާ އެއީ އަލްމަސީޙަށް ވެސް ވެދާނެ ކަން ނޭނގެއެންނު.“ 30ދެން އެމީހުން އީސާގެފާނު ދުށުމަށް ރަށްބޭރަށް ދިޔައެވެ.
31އެވަގުތު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނު ގާތު ދެންނެވިއެވެ. ”އެދުރުކަލޭގެފާނު، ކޮންމެވެސް އެއްޗެއް ފަރީއްކުޅުއްވަން ވީ ނޫންތޯ؟“ 32ނަމަވެސް އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އަހަރެންގެ އަތުގައި ކަލޭމެންނަށް ނުވެސް އެނގޭ ކަހަލަ ކާތަކެތި އެބަހުރި.“
33ދެން އީސާގެފާނުގެ އަސްޙާބީން އެކަކު އަނެކަކަށް ބުންޏެވެ. ”އެކަމަކު އެހެން މީހަކު ހަމަ ގައިމު ވެސް އެކަލޭގެފާނަށް ކާއެއްޗެއް ދިން ހެނެއް ހިޔެއްނުވޭ.“
34އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން މިބުނާ ކާނާއަކީ އަހަރެން ފޮނުއްވި ފަރާތުގެ އެންގެވުންތަކަށް ކިޔަމަންވެ އަދި އެފަރާތުން އަހަރެންނާއި ހަވާލުކުރެއްވި މަސައްކަތް ކޮށް ނިންމުން. 35ކަލޭމެންގެ ތެރޭގައި ބުނެ އުޅޭ މިފަދަ ބަހެއް އޮވޭ. ’ގޮވާން ކަނޑާނީ ހަތަރުމަސް ފަހުންނޭ.‘ އެކަމަކު އަހަރެން ބުނަންތަ؟ ލޯ ހުޅުވާފަ ބަލާބަލަ. މިހާރު ވެސް ދަނޑުތައް އެވަނީ ގޮވާންކެނޑުމަށް ތައްޔާރުވެފަ. 36ގޮވާން ކަނޑާ މީހުންނަށް އެކަމުގެ މުސާރަ އެބަ ލިބޭ. އެމީހުން އެ އެއްކުރާ ގޮވާމަކީ ނިމުންނުވާ ޙަޔާތަށްޓަކައި އެއްކުރެވޭ މީސްތަކުން. އެހެން ކަމުން ގޮވާން އިންދި މީހުންނާއި އަދި ގޮވާން ކަނޑަން މަސައްކަތް ކުރާ މީހުންނާއި ދެބައިމީހުންމެ އެކުއެކީ އުފާފާޅުކުރާނެ. 37މީހުން ބުނެއުޅޭ މިބަހަކީ ތެދެއް. ’އެކަކު ގޮވާން އިންދައޭ އަދި އަނެކަކު އެގަސްތަކުން ގޮވާންކަނޑައޭ.‘ 38އަހަރެން ކަލޭމެން ފޮނުވީ އެހެން ބަޔަކު އިންދާ ހައްދާފައިވާ ދަނޑުތަކުން ގޮވާންކެނޑުމަށް. އެދަނޑުތަކުގެ މަސައްކަތް ކުރީ އެހެންބަޔެއް. އެކަމަކު އެމީހުން ކުރި މަސައްކަތުގެ ފައިދާ ކަލޭމެންނަށް ފެންނާނެ.“
ސަމީރިއްޔާގެ އެތައް ބަޔަކު އީސާގެފާނަށް އީމާންވި
39އެ އަންހެންމީހާ ބުނި ބަސްތަކުގެ ސަބަބުން ސަމީރިއްޔާގެ ވަރަށް ގިނަ ބަޔަކު އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ. އޭނާ ބުނެފައި ވަނީ މިހެންނެވެ. ”މިކަލޭގެފާނަށް އަހަރެން ކޮށްފައިވާ ހުރިހާކަމެއް އެނގޭ.“ 40އެހެންކަމުން ސަމީރިއްޔާގެ މީހުން އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރެން އެދުނީ އެމީހުން ގާތު މަޑުކޮށް ދެއްވުމަށެވެ. ދެން އީސާގެފާނު އެރަށުގައި ދެދުވަހު މަޑުކުރެއްވިއެވެ. 41އަދި އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއިވުމުން އިތުރު އެތައް ބަޔަކު ވެސް އެކަލޭގެފާނަށް އީމާންވިއެވެ. 42އެމީހުން އެ އަންހެންމީހާއަށް ބުންޏެވެ. ”ފުރަތަމަ އަހަރެމެން އެކަލޭގެފާނު ގަބޫލުކުރީ ކަލޭ ދެއްކި ވާހަކަތަކުގެ ސަބަބުން. ނަމަވެސް މިހާރު އަހަރެމެން އެކަލޭގެފާނު ގަބޫލުކޮށް އީމާން މިވީ އަހަރެމެންގެ އަމިއްލަ ކަންފަތަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން. މިހާރު އަހަރެމެންނަށް މުޅިން ޔަޤީންވެ އެނގިއްޖެ އެކަލޭގެފާނަކީ ދުނިޔޭގެ މީސްތަކުން ދިންނަވާނެ ކަލޭގެފާނުކަން.“
އީސާގެފާނު ވެރިއެއްގެ ދަރިފުޅު ފަސޭހަކޮށްދެއްވި
43ދެދުވަހަކު އެރަށުގައި ހުންނެވުމަށް ފަހު އީސާގެފާނު ދަތުރުކުރައްވައި ވަޑައިގެންނެވީ ގަލީލީއަށެވެ. 44އީސާގެފާނު ވިދާޅުވިއެވެ. ”އަމިއްލަ ރަށް ނޫން އެހެން ކޮންމެ ތަނެއްގައި ވެސް ރަސޫލުންނަށް އިޙުތިރާމު ކުރެވޭނެ.“ 45އީސާގެފާނު ގަލީލީއަށް ވަޑައިގަތުމުން އެރަށުގެ މީހުން އެކަލޭގެފާނަށް މަރުޙަބާ ދެންނެވިއެވެ. އެއީ އެކަލޭގެފާނު ފަހަނަޅައި ދިއުމުގެ ޢީދު ފާހަގަކުރާ ދުވަސްތަކުގައި ޖެރޫސަލަމުގައި ކުރެއްވި ކަންތައްތައް އެމީހުންނަށް އެނގިފައިވާތީއެވެ.
46ދެން އީސާގެފާނު ވަޑައިގެންނެވީ އެހިސާބުގެ ރަށެއް ކަމުގައިވާ ޤާނާ އަށެވެ. އެއީ އީސާގެފާނު ފެން، މޭބިސްކަދުރު ދިޔައަށް ހެއްދެވި ރަށެވެ. ކަޕަރުނައުމްގައި ސަރުކާރުގެ މަތީ އޮފިސަރަކު ހުއްޓެވެ. އޭނާގެ ފިރިހެން ދަރިފުޅު ވަނީ ވަރަށް ބޮޑަށް ބަލިވެފައެވެ. 47މި އޮފިސަރަށް އީސާގެފާނު ޖުދެއާކަރައިން ގަލީލީއަށް ވަޑައިގެންނެވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ އަރިހަށް އައިސް، އޭނާއާއިއެކު ކަޕަރުނައުމްއަށް ވަޑައިގެން، އޭނާގެ ދަރިފުޅު ފަސޭހަކޮށް ދެއްވުމަށް އެދި އާދޭސް ދެންނެވިއެވެ. އެއީ އޭރު އޭނާގެ ދަރިފުޅު ވަނީ މަރުވާން ކައިރިވެފައެވެ. 48އީސާގެފާނު ވިދާޅުވިއެވެ. ”މުޢުޖިޒާތްތަކާއި އަލާމާތްތައް ނުފެންނަނީސް ކަލޭމެން އަހަރެން ގަބޫލުކޮށް އީމާނެއް ނުވާނެ.“ 49އެ އޮފިސަރު މީހާ އީސާގެފާނަށް ދެންނެވިއެވެ. ”ސާހިބާ، އަޅުގަނޑުގެ ދަރިފުޅު މަރު ނުވަނީސް އަޅުގަނޑާއި އެކު ވަޑައިގަންނަވާ.“ 50އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭ ގެއަށްދޭ. ކަލޭގެ ދަރިފުޅު ގަދަވާނެ.“ އެއޮފިސަރު އީސާގެފާނުގެ ބަސްފުޅު ގަބޫލުކޮށް އެނބުރި އޭނާގެ ގެއަށް ދިޔައެވެ. 51އޭނާ ގެޔަށް ދިޔަ މަގުމަތީ އޭނާގެ ނޯކަރުންގެ ބަޔަކު އައިސް އޭނާގެ ދަރިފުޅުގެ ބަލި ފަސޭހަވި ޚަބަރު ދިނެވެ. 52އޭނާ އެމީހުންނާއި ސުވާލު ކުރިއެވެ. ”އަހަރެންގެ ދަރިފުޅުގެ ބަލި ރަނގަޅުވާން ފެށީ ކޮންއިރަކު؟“ އެމީހުން ބުންޏެވެ. ”އޭނާގެ ހުންމަޑުވީ އިއްޔެ އެކެއް ޖެހިއިރު.“ 53އެ ހިނދު އީސާގެފާނު ”ކަލޭގެ ދަރިފުޅު ގަދަވާނެ“ އޭ މިހެން ވިދާޅުވީ އިއްޔެގެ އެކެއްޖެހި އިރުކަން އެއޮފިސަރު ހަނދާން ވިއެވެ. ދެން އޭނާއާއި އޭނާގެ ގޭގައި އުޅޭ ހުރިހާ އެންމެން ވެސް އީސާގެފާނަށް އީމާންވިއެވެ. 54މިއީ އީސާގެފާނު ޖުދެއާކަރައިން ގަލީލީއަށް ވަޑައިގެން ދެއްކެވި ދެވަނަ ފުންމާނަ މުޢުޖިޒާތެވެ.
Okuqokiwe okwamanje:
ޔޫޙަންނާ 4: ކމ
Qhakambisa
Dlulisela
Kopisha
Ufuna ukuthi okuvelele kwakho kugcinwe kuwo wonke amadivayisi akho? Bhalisa noma ngena ngemvume
© (Active), Wycliffe Bible Translators, Inc. All rights reserved.