ފެށުން 29

29
ޔަޢުޤޫބުގެފާނު ލަބާންގެ ގެއަށް ވަޑައިގަތުން
1އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނު ކުރައްވަމުން ގެންދެވި ދަތުރުގައި ކުރިއަށް ވަޑައިގެންނެވިއެވެ. އަދި އިރުމަތީގައި މީސްތަކުން ދިރިއުޅެމުން ގެންދާ ރަށްތަކާއި ހަމައަށް ވަޑައިގެންނެވިއެވެ. 2އެތަނުގައި ވީ ބަކަރިގޮވިން އެބައިމީހުންގެ ކަންބަޅިތަކަށް ފެންދިނުމަށް އެ މައިދާނުގައި ހުރި ވަޅެއްގެ ކައިރިއަށް ގެންދަމުން ދިޔަތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އޭރު ތިން ކަންބަޅި އައިނު އެ ވަޅުގެ ވަށައިގެން ތިއްބެވެ. ނަމަވެސް އެވަޅުގެ އަނގަމަތިވަނީ ވަރަށް ބޮޑު ހިލައަކުން ފޮރުވާފައެވެ. 3ހުރިހާ ކަންބަޅިތައް އެތަނަށް ޖަމާވުމުން ވަޅުގެ އަނގަ މަތީގައިވާ ހިލަ ބަކަރިގޮވިން އެއްފަރާތްކޮށް ކަންބަޅިތަކަށް ފެންދެއެވެ. އަދި ހުރިހާ ކަންބަޅިތަކަށް ފެންދިނުމަށް ފަހު އިހުނެކޭ އެއްގޮތަށް ވަޅުގެ އަނގަމަތީގައި އެމީހުން އެހިލަ ބާއްވައެވެ.
4ޔަޢުޤޫބުގެފާނު އެ ބަކަރިގޮވިންގެ ގާތަށް ވަޑައިގެންނެވުމަށް ފަހު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނީ ކޮންތަނަކުން އައި ބައެއް؟⁠“
އެމީހުން މިފަދައިން ޖަވާބުދިނެވެ. ”⁠އަހަރެމެންނަކީ ޙާރާންގެ ބަޔަކީމު.⁠“ 5ދެން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ނާޙޫރުގެ ކާފަދަރި، ލަބާން ތިޔަބައިމީހުން ދަންނަމުތަ؟⁠“ އެބައިމީހުން ރައްދުގައި ޖަވާބު ދިނެވެ. ”⁠ލައްބަ، އަހަރެމެން އޭނާ ދަންނަމު.⁠“
6ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠އޭނާގެ ހާލު ކިހިނެއްތަ؟⁠“ އެބައިމީހުން ޖަވާބު ދިނެވެ. ”⁠އޭނާ ހެޔޮ ޙާލުގައި ފާގަތިކަމާއި އެކުގައިވޭ. ނިކަންބައްލަވާ! އޭނާގެ ކަންބަޅިތައް ގޮވައިގެން އެހަރަ އަންނަނީ އޭނާގެ އަންހެން ދަރިފުޅު ރާޙީލް.⁠“
7އެބައިމީހުންނަށް ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ބަލާބަލަ، މި ވަގުތަކީ ދުވާލުގެ މެންދުރުގެ ވަގުތު. މި ވަގުތަކީ ކަންބަޅިތައް ރޭގަނޑަށް އެއްތަން ކުރުމަށް ކަމުދާ ވަގުތެއް ނޫން. އެހެންވީމާ، އެތަކެއްޗަށް ފެންދީ. އަދި އެތަކެތި ވިނަކެއުމަށް ހުއިދަނޑުގެ ތެރެއަށް ދޫކޮށްލާ.⁠“
8ނަމަވެސް އެބައިމީހުން ބުންޏެވެ. ”⁠ދެންތިބި ބަކަރިގޮވިން އެބައިމީހުންގެ ކަންބަޅިތައް ގެނެސް ޖަމާކުރަންދެން އަހަރެމެން މަޑުކުރަންޖެހޭ. އެއީ ވަޅުމަތީގައިވާ ހިލަ ފުރޮޅާލެވުމުގެ ކުޅަދާނަކަމެއް ލިބެނީ އަހަރެމެން އެންމެން އެއްތަން ވުމުން. އޭގެ ފަހުން އަހަރެމެންގެ ޖަނަވާރުތަކަށް ފެންދެވޭނީ.⁠“
9ޔަޢުޤޫބުގެފާނު އެބައިމީހުންނާއި ވާހަކަ ދައްކަން ހުންނަވަނިކޮށް ރާޙީލް އޭނާގެ ބައްޕަގެ ކަންބަޅިތަކާއިގެން އެތަނަށް އައެވެ. އެހެނީ ކަންބަޅިތައް ބެލެހެއްޓުމަކީ އޭނާ އާއި ޙަވާލުވެފައިވާ މަސައްކަތެވެ. 10ޔަޢުޤޫބުގެފާނަށް ލަބާންގެ އަންހެން ދަރިފުޅު ރާޙީލް އާއި އެކަލޭގެފާނުގެ ބޮޑުބޭބެ، ލަބާންގެ ކަންބަޅިތައް ފެނިވަޑައިގެންނެވި ހިނދު، ވަޅުގެ ކައިރިއަށް އެކަލޭގެފާނު ވަޑައިގަންނަވައި ވަޅުގެ އަނގަމަތީގައިވާ ހިލަ އެއްފަރާތް ކުރައްވައި ލަބާންގެ ކަންބަޅިތަކަށް ފެންދެއްވިއެވެ. 11އެއަށް ފަހު ޔަޢުޤޫބުގެފާނު ރާޙީލްއަށް ސަލާމް ކުރެއްވުމުގެ ގޮތުން ބޮސް ދެއްވިއެވެ. އެ ހިނދު އެކަލޭގެފާނަށް އުފާފުޅު ވީވަރުން ދެލޯފުޅުން ކަރުނަފޫދި ކީރިތި ކުރެއްވުނެވެ. 12ރާޙީލްއަށް އެކަލޭގެފާނާއި މެދު އޮޅުން ފިލުވައި ދިނުމުގެގޮތުން އެކަލޭގެފާނަކީ އެ ކަނބުލޭގެ ބައްޕަގެ އާއިލާގެ ފަރާތުން އެކަނބުލޭގެ އާއި ދެބެއިންގެ ދެދަރި ބޭކަލެއް ކަމާއި އެކަނބުލޭގެ ބޮޑުދައިތަ، ރިފްޤާގެ ފިރިހެން ދަރިފުޅުކަމުގައި ވިދާޅުވިއެވެ. އެހެންވެ، ރާޙީލް ނުހަނު އަވަސްކަމާއެކު ދުވެގޮސް އެކަނބުލޭގެ ބައްޕަ ލަބާންއަށް މިޚަބަރު ދިނެވެ.
13މިޚަބަރު ލަބާންއަށް ލިބުމާއެކު، ދުވެގޮސް ޔަޢުޤޫބުގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި ސަލާންގަލާން ކުރައްވައި ލޯބިން އޮޅުލައި ބޮސްދީ ހެދުމަށް ފަހު ލަބާން އޭނާގެ ގެއަށް ވަޑައިގަތުމަށް ޔަޢުޤޫބުގެފާނަށް ދަޢުވަތު ދިނެވެ. އަދި ގެއަށް ދިޔަ މަގުމަތީގައި ޔަޢުޤޫބުގެފާނު އެކަލޭގެފާނާ މެދުގައި ހިނގާދިޔަ އެންމެހާ ޙާދިސާތަކުގެ ޚަބަރު ލަބާންއަށް ވިދާޅުވެދެއްވިއެވެ.
14އެއަށް ފަހު ލަބާން ބުންޏެވެ. ”⁠ތިބާ އަކީ އަހަރެންގެ އެއްލޭގެ ގުޅުމުގައިވާ އަންހެން ކޮއްކޮގެ ފިރިހެން ދަރިފުޅު. އަދި ތިބާއަކީ އަހަރެންގެ ޢާއިލީ މެމްބަރެއްމެ.⁠“
ޔަޢުޤޫބުގެފާނު ލައިއަތު އާއި ރާޙީލް އާއި ކައިވެނި ބައްލަވައިގަތުން
ޔަޢުޤޫބުގެފާނު ލަބާންގެ ކައިރީގައި ހުންނަވާތާ މަސްދުވަސް ފަހުން، 15ލަބާން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ތިބާއަކީ އަހަރެންގެ ގާތްތިމާގެ ކުއްޖެއް ކަމުގައިވިއަސް އުޖޫރައެއް ނުލިބޭ ގޮތަށް އަހަރެންނަށް މަސައްކަތް ކޮށްދިނުމަކީ އެދެވޭ ރަނގަޅު ގޮތެއް ނޫން. އުޖޫރައެއްގެ ގޮތުން ތިބާއަށް އަހަރެން ދިނުމަށް އެދެނީ ކޮންއެއްޗެއް؟⁠“
16ލަބާންއަށް ދެއަންހެން ދަރިން ލިބިފައިވެއެވެ. އެ ދެދަރިންގެ ތެރެއިން ދޮށީ ދަރިފުޅަކީ ލައިއަތުއެވެ. އަދި ހަގު ދަރިފުޅަކީ ރާޙީލްއެވެ. 17ލައިއަތުއަށް ރީތި ދެލޯ ލިބިފައިވެއެވެ.#29‏:17 ”⁠ރީތިދެލޯ⁠“ ޢިބްރާނީ ބަހުގެ މާނައިގައި ”⁠އަވަރު⁠“ ކަމުގައި ވެސް ބޭނުން ކުރެއެވެ. މި އަވަރު ސިފަކުރެވެނީ ”⁠ދެރަ⁠“ މިގޮތުގެ މަތިންނެވެ. ނަމަވެސް ހުރިހާ ގޮތަކުން ބަލާއިރު ރާޙީލް މާ ރީއްޗެވެ. އެކަނބުލޭގެ މޫނުގެ ފަރިކަމާއި ހަށިގަނޑުގެ ބައްޓަން ފުރިހަމައެވެ. 18ޔަޢުޤޫބުގެފާނު ރާޙީލްގެ ޖަޒުބާތުގައި ޖެހި ރާޙީލް ދެކެ ލޯބިވާތީވެ، އެކަލޭގެފާނު ލަބާންއަށް ވިދާޅުވިއެވެ. ”⁠ތިބާގެ ހަގު އަންހެން ދަރިފުޅު، ރާޙީލް އާއި އަހަރެން ކައިވެނި ކުރުމަށް ތިބާ އެއްބަސް ވެއްޖެނަމަ އަހަރެން ހަތް އަހަރު ތިބާއަށް މަސައްކަތް ކޮށްދޭނަން.⁠“
19ލަބާން ރައްދުގައި ބުންޏެވެ. ”⁠ރާޙީލް އެހެންމީހަކާއި ކައިވެނި ކުރުމަށް ވުރެން އެކަނބުލޭގެ ތިބާއާއި ކައިވެނި ކުރުން އަހަރެންނަށް މާއެދެވޭ.⁠“ 20އެގޮތުން ޔަޢުޤޫބުގެފާނު ހަތް އަހަރު ދުވަހު ލަބާންއަށް މަސައްކަތް ކޮށްދެއްވިއެވެ. ރާޙީލްގެ މައްޗަށް އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ފުން ލޯބީގެ ބޮޑުކަމުން އެ ހުރިހާ ދުވަސްތައް އެކަލޭގެފާނަށް ހީފުޅުވީ މަދު ދުވަސް ކޮޅެއް ކަމުގައެވެ.
21ހަތްއަހަރަށް ފަހު ޔަޢުޤޫބުގެފާނު ލަބާންއަށް ވިދާޅުވިއެވެ. ”⁠ތިބާ އެއްބަސްވި ގޮތުގެ މަތިން އަހަރެން ތިބާއަށް މަސައްކަތް ކޮށްދީފީމު. އެގޮތުން އަހަރެން ރާޙީލް އާއި ކައިވެނި ކުރުމަށް އެދޭ ވަގުތު މިވަނީ އައިސްފަ!⁠“ 22އެގޮތުން ޔަޢުޤޫބުގެފާނުގެ ކައިވެނީގެ މުނާސަބަތުގައި ވަރަށް ބޮޑު ޖާފަތެއް ތައްޔާރުކޮށް އެންމެހާ އަވަށްޓެރިންނަށް ލަބާން ދަޢުވަތު ދިނެވެ. 23ނަމަވެސް އެރޭގެ އަނދިރީގެ ތެރޭގައި ރާޙީލްގެ ބަދަލުގައި ޔަޢުޤޫބުގެފާނާއި ކައިވެނި ކުރެއްވުމަށްޓަކައި ލަބާން ގެންދިޔައީ ލައިއަތު އެވެ. އަދި އެކަލޭގެފާނު ލައިއަތު އާއި ކައިވެނި ކުރެއްވުމަށް ފަހު އެރޭ އެކަނބުލޭގެ ކައިރީގައި އެއްދާން ކުރެއްވިއެވެ. 24ލަބާންގެ އަޅު އަންހެން ނޯކަރުންގެ ތެރެއިން ޒިލްފަތު ލައިއަތުގެ ޚިދުމަތަށްޓަކައި ލަބާން ވަނީ ދީފައެވެ. 25އަނެއްދުވަހުގެ ހެނދުނު ޔަޢުޤޫބުގެފާނަށް ހޭފުޅުލެއްވުނު ހިނދު އެކަލޭގެފާނުގެ އަރިހުގައި ލައިއަތު އޮންނެވިތަން ފެނިވަޑައިގަންނަވާ އެކަލޭގެފާނަށް އެއްދާން ކުރެއްވުނީ ލައިއަތު އާ އެކުގައިކަން އެނގިވަޑައިގެންނެވިއެވެ. އެ ހިނދު ޔަޢުޤޫބުގެފާނު ކޯފާވެ ލަބާންގެ ގާތަށް ވަޑައިގެން މިފަދައިން ވިދާޅުވިއެވެ. ”⁠މިއީ ކޮންފަދަ މަކަރުވެރި ކަމެއް؟ ރާޙީލްގެ ކައިވެންޏަށްޓަކައި ހަތް އަހަރު ދުވަހު ތިބާއަށް އަހަރެން މަސައްކަތް ކޮށްދިނީމު. މިފަދަ ހިންތާއެއް ހެދުމުގެ ބޭނުމަކީ ކޮބާ؟⁠“
26ލަބާން ރައްދުގައި ބުންޏެވެ. ”⁠އަހަރެމެންގެ އާދަކާދައިގެ މަތިން ދޮށީ ދަރިފުޅަށް ވުރެން ކުރިން ހަގު ދަރިފުޅު މީހަކާއި ކައިވެނި ކުރުމުގެ އުސޫލެއް ނޯވޭ. 27ކައިވެނީގެ މުނާސަބުގެ ފުރަތަމަ ހަފްތާ ނިމެންދެން މަޑުކުރައްވާ. ތިބާއަށް ރާޙީލް އާއި ކައިވެނި ކުރެއްވޭނެ. ނަމަވެސް ތިބާ އިތުރު ހަތް އަހަރު ދުވަހު އަހަރެންނަށް ޚިދުމަތް ކޮށްދޭން ޖެހޭނެ.⁠“
28މި ގޮތަށް ޔަޢުޤޫބުގެފާނު ރުހިވަޑައިގެންނެވިއެވެ. އަދި ލައިއަތު އާއި ކައިވެނި ކުރެވުނު މުނާސަބު ހަފްތާ ފާހަގަކޮށް ނިމުމުން ލަބާންގެ ދެވަނަ އަންހެން ދަރިފުޅު ރާޙީލްގެ ކައިވެނި ޔަޢުޤޫބުގެފާނާއި ކުރެވުނެވެ. 29ލަބާންގެ އަޅު އަންހެން ނޯކަރުންގެ ތެރެއިން ބިލްހާ ވަނީ ރާޙީލްގެ ޚިދުމަތަށް ދީފައެވެ. 30އެއަށް ފަހު ޔަޢުޤޫބުގެފާނު ރާޙީލް އާއި އެކުގައި އެއްދާން ކުރެއްވިއެވެ. އެކަލޭގެފާނު ލައިއަތުއަށް ވުރެން ބޮޑަށް ރާޙީލްދެކެ ލޯބިފުޅު ވެ ވަޑައިގަތެވެ. އޭގެ ފަހުން އެކަލޭގެފާނު އިތުރު ހަތް އަހަރު ދުވަހު ލަބާންއަށް ޚިދުމަތް ކުރުމުގައި އެމީހުންގެ ގާތު މަޑުކުރެއްވިއެވެ.
ޔަޢުޤޫބުގެފާނަށް ގިނަ ދަރިން ދެއްވުން
31ޔަޢުޤޫބުގެފާނު ލައިއަތު ދެކެ ލޯބި ނުވާކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވިއެވެ. އެހެންކަމަށް ވުމާއެކު މާތްރަސްކަލާނގެ ލައިއަތުއަށް ދަރިން ލިބިދެއްވުމަށް އިރާދަކުރެއްވި އެވެ. އެ ހިނދު ރާޙީލް ވަނީ ދަރިމައިވުމުން މަޙުރޫމް ވެފައެވެ. 32އެއަށް ފަހު ލައިއަތު ބަލިވެ އިނދެ ފިރިހެން ދަރިއަކު ވިހެއެވެ. އަދި އެ ދަރިފުޅަށް ރައޫބައިން#29‏:32 ޢިބްރާނީ ބަހުން ”⁠ރައޫބައިން⁠“ މިބަސް އަޑުއިވެނީ ”⁠ފިރިހެންދަރިފުޅަށް ބަލާ!⁠“ މިކަހަލަ ގޮތަކަށެވެ. އޭ ކިޔައި ނަން ދިނެވެ. މިނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠މާތްރަސްކަލާނގެ އަހަރެންގެ އެންމެހާ މުސީބާތްތައް ބައްލަވާ ވޮޑިގަންނަވާ އެންމެހާ ހިތާމަތައް ފިއްލަވައި ދެއްވައިފި. ދެން އަހަރެންގެ ފިރިމީހާ އަހަރެން ދެކެ ލޯބިވެދާނެ.⁠“ 33އެކަނބުލޭގެ ދޭތެރެއަވަސްކޮށް ބަލިވެއިނެވެ. އަދި އެހެން ފިރިހެން ދަރިއަކު ލިބުނެވެ. މި ދަރީގެ ނަމަކަށް ޝިމްޢޫންގެ#29‏:33 ޢިބްރާނީ ބަހުން ”⁠ޝިމްޢޫން⁠“ މިބަސް އަޑުއިވެނީ ”⁠އަޑުއެހި ފަރާތް⁠“ މިކަހަލަ ގޮތަކަށެވެ. ނަމުން އެކަނބުލޭގެ ނަންދިނެވެ. މިނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠އަހަރެންގެ ފިރިކަލުން އަހަރެންދެކެ ލޯބިނުވާކަމުގެ ޚަބަރު މާތްރަސްކަލާނގެ އައްސަވާ ވޮޑިގެންފި.⁠“ 34އަދި ލައިއަތު ތިންވަނަ ދަރިފުޅަށް ބަލިވެއިނދެ ވިހެއެވެ. އަދި މި ދަރިފުޅަށް ލާވީ#29‏:34 ޢިބްރާނީ ބަހުން ”⁠ލާވީ⁠“ މިބަސް އަޑުއިވެނީ ”⁠ކުލުނާއިއެކުގުޅިފައި⁠“ މިކަހަލަ ގޮތަކަށެވެ. އޭ ކިޔާ އެކަނބުލޭގެ ނަން ދިނެވެ. މިނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠މި ތިން ދަރިންގެ ސަބަބުން މިހާރު އަހަރެންގެ ފިރިކަލުންނާއި އަހަރެންނާއި ދެމެދުގައިވާ ގުޅުން ބަދަހިވާނެ.⁠“ 35އެއަށް ފަހު އިތުރު ދަރިއަކަށް ލައިއަތު ބަލިވެއިނދެ ފިރިހެން ދަރިއަކު ވިހޭމެއެވެ. މި ދަރިފުޅުގެ ނަމަކަށް ޔަހޫޛާގެ#29‏:35 ޢިބްރާނީ ބަހުން ”⁠ޔަހޫޛާ⁠“ މި ބަސް އަޑުއިވެނީ ”⁠މަތިވެރިކަލާނގެ ކިބަފުޅަށް ޙަމްދާސަނާ⁠“ މިކަހަލަގޮތަކަށެވެ. ނަމުން އެކަނބުލޭގެ ނަން ދިނެވެ. މިނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެން ޙަމްދު ކުރަމު.⁠“ އޭގެ ފަހުން ލައިއަތުއަށް އިތުރު ދަރިއަކު ނުލިބެއެވެ.

ที่ได้เลือกล่าสุด:

ފެށުން 29: ކމ

เน้นข้อความ

แบ่งปัน

คัดลอก

None

ต้องการเน้นข้อความที่บันทึกไว้ตลอดทั้งอุปกรณ์ของคุณหรือไม่? ลงทะเบียน หรือลงชื่อเข้าใช้

วิดีโอสำหรับ ފެށުން 29