ފެށުން 24
24
އިސްޙާޤުގެފާނަށް އަނބިކަނބަލެއް
1އިބްރާހީމްގެފާނު ވަނީ މުސްކުޅިފުޅު ޢަޖޫޒު ވެފައެވެ. އަދި ކޮންމެ ކަމެއްގައިމެ މާތްރަސްކަލާނގެ ރަޙުމަތްފުޅު އެކަލޭގެފާނާއި އެކުގައި ވިއެވެ. 2-3އެއްދުވަހަކު އިބްރާހީމްގެފާނު އެކަލޭގެފާނުގެ ގޭގެ ކަންތައް ބަލަހައްޓާ އެންމެ ދުވަސްވީ ޚާދިމަށް ވިދާޅުވިއެވެ. ”އަހަރެންގެ ދަރިފުޅު އިސްޙާޤުގެ ކައިވެންޏަށް މި ކަންޢާނުގެ އަންހެން ކުދިންގެ ތެރެއިން އަންހެން ކުއްޖަކު ޚިޔާރު ނުކުރުމަށް އަހަރެންގެ ފަލަމަސްގަނޑުގެ ދަށުގައި އަތްޖައްސައި#24:2-3 ”ފަލަމަސްގަނޑުގެ ދަށުގައި“ މިއީ އެޒަމާނުގައި މީހަކު ކަމަށް ވަޢުދެއްވާނަމަ އެ ވަޢުދެއް ދެމެހެއްޓުމުގެ އިތުބާރަށްޓަކައި ކަންތައް ކުރާ ގޮތެވެ. އުޑުތަކާއި ބިންތަކުގެ ވެރި ރަސްކަލާނގެ، މާތްކަލާނގެ ގަންދީ ހުވާކުރޭ. 4އޭގެ ބަދަލުގައި އަހަރެންގެ ބަފައިކަލުންގެ ރަށަށް ގޮސް އަހަރެންގެ ގާތްތިމާގެ މީހުންގެ ތެރެއިން އަހަރެންގެ ދަރިފުޅު އިސްޙާޤަށް އަނތްބަކު ހޯދައިދީ.“ 5ނަމަވެސް އެ ޚާދިމު ދެންނެވިއެވެ. ”އަޅުގަނޑު ޚިޔާރު ކުރާ އަންހެންކުއްޖާ އެކަނބުލޭގެ ރަށާއި ގެދޮރު ދޫކޮށްލާފައި އަޅުގަނޑާއިއެކުގައި މިތަނަށް އައުމަށް ދެކޮޅު ހަދައިފިނަމަ އަޅުގަނޑު ހަދާނީ ކިހިނެއްތޯ؟ ކަލޭގެފާނުގެ ގާތްތިމާގެ މީހުންގެ ގާތަށް އަޅުގަނޑު ދާ ހިނދު ކަލޭގެފާނުގެ ދަރިކަލުން އިސްޙާޤު އަޅުގަނޑާއި އެކުގައި ގެންދަވަންތޯ؟“ 6އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”ނޫން، ކޮންމެ ޙާލަތެއްގައިވި ނަމަވެސް އަހަރެންގެ ދަރިފުޅު އިސްޙާޤު އެރަށަށް ގެންގޮސްގެން ނުވާނެ. 7އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ، މާތްކަލާނގެ އަހަރެންގެ އަމިއްލަ ޤައުމުންނާއި ބަފާކަލުންގެ ގެދޮރުން ނެރުއްވައި، މިރަށަށް އަހަރެން ގެނެސްދެއްވި ސަބަބަކީ މި ބިމަކީ އަހަރެންގެ ދަރިފަސްކޮޅަށް އަބަދަށްޓަކައި ދެއްވާނެ، ބިމެއް ކަމުގައި ވަޢުދުވެ ވޮޑިގެންފައިވާތީ. އަހަރެންގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތަށް އެހީތެރި ވުމަށްޓަކައި މާތްކަލާނގެ، އެކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ. 8ނަމަވެސް އަންހެންކުއްޖާ ތިބާ އާއިއެކުގައި އައުމަށް ޢުޒުރުވެރި ވެއްޖެނަމަ ތިބާ ކުރި ހުވާ ދަމަހައްޓާކަށް ނުޖެހޭނެ. ނަމަވެސް އަހަރެންގެ ދަރިފުޅު އިސްޙާޤު އެއްވެސް ޙާލަތެއްގައި އެރަށަށް ގެންގޮސްގެން ނުވާނެ.“ 9މިގޮތުގެ މަތިން އިބްރާހީމްގެފާނުގެ ޚާދިމު އެކަލޭގެފާނު ވިދާޅުވި ފަދައިން ކަންތައް ކުރުމަށްޓަކައި އެކަލޭގެފާނުގެ ފަލަމަސްގަނޑުގެ ދަށުގައި އަތްޖައްސައި ހުވާ ކޮށްފިއެވެ.
10އެއަށް ފަހު އިބްރާހީމްގެފާނުގެ ޖަމަލުތަކުގެ ތެރެއިން ދިހަ ޖަމަލަށް އަގުހުރި އެތަކެއް ހަދިޔާތަކެއް އަރުވާ ބަރާ ކުރުމަށް ފަހު، މި ޚާދިމުކަލޭގެ ދަތުރުކޮށް ގޮސް މެސޮޕޮޓޭމިއާގެ ހުޅަނގު އުތުރުގައިވާ ނާޙޫރުގެ ސަހަރަށް ދިޔައެވެ. 11އޭނާ އެތަކެއް ދުވަހު ދަތުރު ކުރަމުންގޮސް ހަވީރު ވަގުތެއްގައި އެ ސަހަރުގެ ރަށްބޭރުގައިވާ ވަޅުގެ ކައިރިއަށް ފޯރައިފިއެވެ. ދެން އޭނާގެ ޖަމަލުތައް ވަޅުގެ ކައިރީ އެއްފަރާތުގައި ބަނޑު ޖައްސުވައިގެން ހުއްޓެވެ. އެވަގުތަކީ ސަހަރުގެ ފުރާވަރުގެ އަންހެންކުދިންތައް އެ ވަޅުގެ ކައިރިއަށް ފެންބަލާ އަންނަ ވަގުތު ވެސް މެއެވެ. 12އެ ހިނދު އޭނާ މިފަދައިން ދުޢާ ދެންނެވިއެވެ. ”މާތްކަލާނގެ. އަޅުގެ ސާހިބާ އިބްރާހީމްގެފާނުގެ ރަސްކަލާކޮ! އަދު އަޅާގެ މުހުތާދު ފުއްދަވައި ދެއްވައި، އަޅުގެ ސާހިބު އިބްރާހީމްގެފާނާއި މެދު އޯގާތެރިވެ ވޮޑިގަންނަވާނދޭވެ. އަޅާގެ މި ދަތުރުގެ މަގުސަދު އެދެވޭ ގޮތުގައި ފުރިހަމަ ކޮށްދެއްވުމަށް އަޅާއަށް މަދަދު ދެއްވާނދޭވެ. 13މިތަނުގައިވާ ފެންއާރުގެ އެއްފަރާތުގައި އަޅާ ކޮއްޅުން ހުރިތަން ބައްލަވާ ވޮޑިގަންނަވާނދޭވެ. މިވަގުތަކީ ސަހަރުގެ ޅަނދޮޅު ޒުވާން އަންހެން ކުދިން ފެންބަލާ އަންނަ ވަގުތު. 14އަޅާގެ އެދުމަކީ އެ ކުދިންގެ ތެރެއިން އެއްކުއްޖެއްގެ ގާތު އަޅާ އެކުއްޖާގެ ބަނޑިޔަލުން ފެންފޮދަކަށް އެދި ބުނުމުން މިފަދައިން އެކުއްޖާ ރައްދު ދިނުން. ’އާނއެކޭ. ފެންފޮދެއްބޯށޭ. އަދި ތިބާގެ ޖަމަލުތަކަށް ވެސް އަހަރެން ފެންދޭނަމޭ.‘ މިގޮތުގެ މަތިން އަމަލު ކުރާނެ ކުއްޖަކީ އިސްޙާޤުގެ އަނތްބަކަށް އެކަށޭނަ ކުއްޖާ ކަމުގައި ލައްވައިފިނަމަ އެއީ އިނބަ ކަލާނގެ އޯގާވަންތަކަން އަޅުގެ ސާހިބު އިބްރާހީމްގެފާނާއި އެކުގައި ވޮޑިގެންވާކަން އަޅާއަށް ހާމަކޮށްދެއްވުން ކަމުގައި އަޅު ދެކޭނަމު.“
15ޚާދިމުކަލޭގެ ދުޢާކޮށް ނިމުމުގެ ކުރިން ބަތޫއީލްގެ އަންހެންދަރި ރިފްޤާ ބަނޑިޔަލެއް ކޮނޑަށްލައިގެން ސަހަރުގެ ރަށްބޭރަށް އައެވެ. (މި ރިފްޤާގެ ބައްޕަ ބަތޫއީލް އަކީ އިބްރާހީމްގެފާނުގެ ކޮއްކޮ ނާޙޫރު އާއި މަލްކަތުގެ ދަރިއެކެވެ.) 16-17ރިފްޤާ އަކީ ނުހަނު ރީތި ބިކުރުވެރި އަންހެންކުއްޖެކެވެ. މި ކަނބުލޭގެ ދުވަހަކު ވެސް ފިރިހެނަކާއެކު ރޭކޮށްފައި ނުވޭމެއެވެ. މި ކަނބުލޭގެ ފެންވަޅުގެ ކައިރިއަށް ގޮސް ބަނޑިޔަލަށް ފެން ފުރައިގެން ކުރިއަށް ހިނގައިގަތް ތަނާ އިބްރާހީމްގެފާނުގެ ޚާދިމު ދުވެފައި އައިސް އެ ކަނބުލޭގެއަށް ބުންޏެވެ. ”ކަނބުލޭގެ އަތުގައިވާ ތިޔަ ފެން ބަނޑިޔަލުން އަހަރެންނަށް ފެންފޮދެއް ދީފާނުތަ؟“
18”ފެން ބައްލަވާ ސާހިބާ!“ މިހެން ބުނެފައި އެކަނބުލޭގެ އަވަސްކަމާއެކު ބަނޑިޔާ ތިރިކޮށް ޚާދިމުކަލޭގެއަށް ފެން ބޯން ދިނެވެ. 19ޚާދިމުކަލޭގެ ފެންބޮއި އަވަދިވުމުން ރިފްޤާ ބުންޏެވެ. ”ސާހިބާގެ ޖަމަލުތަކަށް ވެސް އެތަކެތި އަލާކެނޑޭވަރަށް އަހަރެން ފެންދޭނަން.“ 20އެގޮތުން ޖަމަލުތައް ފެން ބުއިމަށްޓަކައި ބެހެއްޓިފައިވާ ފެންއޮޑީގެ ތެރެއަށް ބަނޑިޔަލުގައި ހުރި ފެން އޮއްސާލިއެވެ. އެއަށް ފަހު ވަޅު ދޮށަށް ގޮސް ބަނޑިޔަލަކަށް ފަހު ބަނޑިޔަލެއް ފުރާ ފެން ގެނެސް އެ ހުރިހާ ޖަމަލުތަކަށް ވެސް އެކަށީގެންވާ ވަރަށް ފެން ބޯންދީފިއެވެ. 21އިބްރާހީމްގެފާނުގެ ޚާދިމު ހަނުހިމޭނުން ހުރެ އެކަނބުލޭގެ ކުރަމުން ދިޔަ ކަންތައްތަކަށް ފަރުވާވެ ބަލަމުން ގެންދިޔައެވެ. ސަބަބަކީ މާތްރަސްކަލާނގެ އޭނާގެ މިދަތުރު ކާމިޔާބު ކޮށްދެއްވައި އެކަލާނގެ ޚިޔާރު ކުރެއްވި ކަނބުލޭގެއަކީ މިއީ ކަން ޔަޤީން ކުރުމަށްޓަކައެވެ.
22އެންމެހާ ޖަމަލުތައް ފެންބޮއި ނިމުމުން އެޚާދިމުކަލޭގެ ރިފްޤާގެ ނޭފަތުގައިލުމަށް ރަނުގެ މުއްޖަކާއި، އަތުގައި އެޅުމަށް ބޮޑެތި އުޅާގެ ރަން ދެ އުޅާ ދިނެއެވެ.#24:22 ޢިބްރާނީ ބަހުން ނޭފަތުގައިލާ މުދީގެ ބަރުދަން މިން ކޮށްފައި ވަނީ ބައި ޝެކެލްގެ ގޮތުގައެވެ. އެއީ ދެ އައުންސް ނުވަތަ ހަ ގުރާމެވެ. އަދި އަތުގައި އަޅަ އުޅަގެ ބަރުދަން މިން ކޮށްފައި ވަނީ ދިހަ ޝެކެލްގެ ގޮތުގައެވެ. އެއީ ހަތަރު އައުންސް ނުވަތަ ސަތޭކަ ސައުދަ ގްރާމެވެ. 23އެއަށް ފަހު ޚާދިމުކަލޭގެ ރިފްޤާއަށް ބުންޏެވެ. ”ކަނބުލޮގެ ބައްޕައަކީ ކޮންބޭކަލެއްކަން ބުނެދީފާނަންތަ؟ އަހަރެންނާއި އަދި އަހަރެންނާއި އެކުގައިވާ މީސްތަކުންނަށް އެ ބޭކަލެއްގެ ހިޔާވަހީގައި މިރޭ ވޭތު ކުރުމަށް ޖާގައެއް ލިބިދާނެތަ؟“
24-25ޖަވާބުގައި ރިފްޤާ ބުންޏެވެ. ”އަހަރެންގެ ބައްޕަ އަކީ ނާޙޫރާއި މަލްކަތުގެ ދަރި ބަތޫއީލް. އަހަރެމެންގެ ގޭގައި ތިބާގެ ޖަމަލުތަކަށް އެކަށީގެންވާ ވަރަށް ކާންދޭނޭ ވިނަވެސް ހުންނާނެ. އަދި އަހަރެމެންގެ ހިޔާވަހި ކަމުން ތިބާއާއި ތިބާގެ ބައިވެރިންނަށް ޖާގަ މިރޭ ލިބޭނެ.“ 26ދެން ޚާދިމުކަލޭގެ މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަކޮށް މިފަދައިން ދުޢާ ދެންނެވިއެވެ. 27”މާތްކަލާނގެ، އަޅާގެ ސާހިބު އިބްރާހީމްގެފާނުގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުސަނާ ދަންނަވަމު. މާތްރަސްކަލާނގެ އިބްރާހީމްގެފާނާއި މެދު އޯގާތެރިވެ ވޮޑިގަންނަވާ އަދި ތެދުވެރިވެ ވޮޑިގަންނަވާ. އަޅާގެ ސާހިބާގެ ގާތްތިމާގެ ފަރާތްތަކާއި އަޅާ ބައްދަލު ކުރުވައިފީމު.“
28ރިފްޤާ ދުވެފައި ސީދާ ދިޔައީ ގެޔަށެވެ. އަދި މިހިނގާ ދިޔަ ކަންތައްތަކުން އެ އާއިލާއަށް ޚަބަރު ދިނެވެ. 29-30އެކަނބުލޭގެ ގެއަށް އައިސް ޚާދިމުކަލޭގެ ދެއްކި ވާހަކަތައް ކިޔާދިން ހިނދު އޭނާގެ ބޭބެ ލަބާން އަޑުއަހަން ހުއްޓެވެ. އަދި އެކަނބުލޭގެ ނޭފަތުގައިއޮތް ރަނުގެ ނޭފަތު މުއްޖާއި އަތުގައި އަޅާފައިވީ ރަނުގެ އުޅާތައް އޭނާއަށް ފެނުނެވެ. ދެން ލަބާން ދުވެފައިގޮސް އިބްރާހީމްގެފާނުގެ ޚާދިމާއި ބައްދަލު ކުރިއެވެ. އޭރު ވެސް ޚާދިމުކަލޭގެ ހުރީ ސަހަރުގެ ބޭރުގައިވާ ވަޅުގެ ކައިރީގައެވެ. 31އަދި ލަބާން އޭނާއަށް ބުންޏެވެ. ”މާތްރަސްކަލާނގެ ތިބާ ރައްކާތެރިކަމާއެކު މިހިސާބަށް ގެނެސް ދެއްވައިފި. އަހަރެންނާއި އެކުގައި ގެއަށް ހިނގާ. މިތާ ބޭރުގައި ތިބާ ކޮޅަށް ހުންނާނެ ކަމެއްނެތް. އަހަރެމެންގެ ގެއިން ތިބާއަށާއި ޖަމަލުތަކަށް ހިޔާވަހިކަމާއި ޖާގަ ލިބޭނެ.“
32އެހެންވެ އިބްރާހީމްގެފާނުގެ ޚާދިމު ލަބާން އާއިއެކުގައި އެ ގެއަށް ދިޔައެވެ. އަދި ޖަމަލުތަކުގެ މަތީގައިވާ އެންމެހާ މުދާތައް ލަބާން ބާލައިދީ ޖަމަލުތަކަށް ވިނަ ކާންދީހެދުމަށް ފަހު ޚާދިމުކަލޭގެއަށް ފެން ގެނެސް ދިނެވެ. އެއީ އެކަލޭގެ އާއި އަދި އެކަލޭގެއާއި އެކުގައި ވީ މީސްތަކުންގެ ފައި ދޮވުމަށެވެ. 33އޭގެފަހުގައި ލަބާން ޚާދިމުކަލޭގެއަށް ކެއުން ގެނެސް ދިނެވެ. ނަމަވެސް ޚާދިމުކަލޭގެ މިފަދައިން ބުންޏެވެ. ”އަހަރެން މިތަނަށް އައިބޭނުން ތިބާއަށް ބުނެނުދެވޭހާ ހިނދަކު އަހަރެން ނުކާނަން.“ ލަބާން ބުންޏެވެ. ”އެހެންވީއިރު އަހަރެމެންނަށް އެ ވާހަކަ ބުނެދޭންވީނު.“
34ޚާދިމުކަލޭގެ އޭނާގެ ވާހަކަ ތަފުސީލުކޮށް ކިޔައިދެމުން ގެންދިޔައެވެ. ”އަހަރެންނަކީ އިބްރާހީމްގެފާނުގެ ޚާދިމެއް. 35ކޮންމެ ކަމެއްގައިމެ އަހަރެންގެ ސާހިބާއަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވައި އެކަލޭގެފާނަށް ތަނަވަސްކަން ދެއްވި. އެކަލޭގެފާނަށް ގިނަ ޢަދަދެއްގެ ކަންބަޅިބަކަރިތަކާއި، ނަޢަމްސޫތްޕާއި، ޖަމަލު އަދި ހިމާރުގެ އިތުރުން ރަނާއި ރިހި ދެއްވައި ގިނަ ޢަދަދެއްގެ އަޅުން އެކަލާނގެ ދެއްވި. 36އަހަރެންގެ ސާހިބާގެ އަނބިކަމަނާ، ސާރާ އުމުރުން ދުވަސްވެ މުސްކުޅިވެފައި ވަނިކޮށް އެކަމަނާ އާލާސްވެ އިނދެ ފިރިހެން ދަރިކަލަކާއިގެން ރައްކާވެ ވަޑައިގެންނެވި. އަދި އަހަރެންގެ ސާހިބާއަށް މިލްކުވެގެންވީ އެންމެހާ ތަކެތި އެ ދަރިކަލުންނަށް ހިބަކޮށް ދެއްވި. 37އަހަރެންގެ ސާހިބާ އަހަރެންގެ ފަރާތުން މިފަދައިން ހުވާ ކަށަވަރު ކުރުވި. ’މި ކަންޢާނުގެ ވަށައިގެން ދިރިއުޅެމުން ދާ އަންހެން ކުދިންގެ ތެރެއިން ތިމަން ކަލޭގެފާނުގެ ދަރިކަލުންނަށް އަނތްބަކު ހޯދައިދީގެން ނުވާނެ. 38އޭގެބަދަލުގައި ތިމަން ކަލޭގެފާނުގެ ބަފާކަލުންގެ ރަށަށް ގޮސް ތިމަން ކަލޭގެފާނުގެ ގާތްތިމާގެ މީހުންގެ ތެރެއިން ތިމަން ކަލޭގެފާނުގެ ދަރިފުޅު އިސްޙާޤަށް އަނތްބަކު ހޯދައިދީ.‘ 39އަހަރެން އެކަލޭގެފާނަށް މިފަދައިން ދެންނެވީމު. ’އަޅުގަނޑު ޚިޔާރު ކުރާ އަންހެން ކުއްޖާ އަޅުގަނޑާ އެކުގައި އައުމަށް ދެކޮޅު ހަދައިފިނަމަ އަޅުގަނޑު ހަދާނީ ކިހިނެއްތޯ؟‘ 40ނަމަވެސް އަހަރެންގެ ސާހިބާ މިފަދައިން ޖަވާބުދެއްވި. ’ތިމަންކަލޭގެފާނު ކިޔަމަންތެރިކަން އަދާކުރަނީ އަބަދުވެސް މާތްރަސްކަލާނގެއަށް. ތިމަންކަލޭގެފާނުގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތް ކާމިޔާބު ކޮށްދިނުމަށްޓަކައި މާތްރަސްކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ. 41ނަމަވެސް އެމީހުން އެ އަންހެންކުއްޖާ އާއިއެކުގައި އައުމަށް އިންކާރުކޮށްފިނަމަ ތިބާ ކުރި ހުވާ ދަމަހައްޓާކަށް ނުޖެހޭނެ.‘
42އަހަރެންނަށް ވަޅުގެ ކައިރިއަށް މިއަދު އާދެވުނު ހިނދު ހަނުހިމޭން ކަމާއިއެކު މިފަދައިން ދުޢާ ދެންނެވީމު. ’މާތްރަސްކަލާނގެ. އަޅުގެ ސާހިބާ އިބްރާހީމްގެފާނު އަޅުކަން ކުރައްވާ ރަސްކަލާކޮ! އަޅުގެ ސާހިބާގެ ދަރިކަލުންނަށް އަނތްބަކު ހޯދުމަށްޓަކައި އަޅާއަށް މަގުދައްކަވާނދޭވެ.‘ 43ދެން އަހަރެން ވަޅުގެ ކައިރީގައި ހުއްޓާ ފުރާވަރުގެ އަންހެން ކުދިންތައް ފެންބަލާ ވަޅު ކައިރިއަށް އަންނަންފެށި. ވަޅުކައިރިއަށް ފެންބަލާ އަންނަ ކުދިންގެ ތެރެއިން ކުއްޖެއްގެ ގާތުން ތިބާ ފެންފޮދެއް ދިނުމަށް އެދުމުން އެކުއްޖާ އޭގެ ޖަވާބުގައި 44’އާނއެކޭ. ފެންފޮދެއްބޯށޭ. އަދި ތިބާގެ ޖަމަލުތަކަށް ވެސް ތިމަން ފެންދޭނަމޭ. މިގޮތުގެ މަތިން އަމަލުތައް ހުންނާނެ ކުއްޖަކީ އަހަރެންގެ ސާހިބާގެ ދަރިކަލުންގެ އަނތްބަކަށް އިނބަރަސްކަލާނގެ ޚިޔާރު ކުރައްވާނެ ކުއްޖާ ކަމުގައި އަޅާ ދެކޭނަމުއޭ.‘
45އަހަރެން ހަނުހިމޭނުން ދުޢާކޮށް ނިމުމުގެ ކުރިން ރިފްޤާ އެކަނބުލޭގެ ފެންއުފުލާ ބަނޑިޔާ ކޮނޑަށްލައިގެން ސަހަރުގެ ރަށްބޭރަށް އައި. އަދި އެކަނބުލޭގެ ފެންވަޅުގެ ކައިރިއަށް ގޮސް ބަނޑިޔަލަށް ފެން ފުރައިގެން ކުރިއަށް ހިނގައިގަތް ހިނދު އަހަރެން އެކަނބުލޭގެ ކައިރިން ފެންފޮދަކަށް އެދުނީމު. 46އެ ހިނދު އެކަނބުލޭގެ ފެން ބަނޑިޔާ އަވަސްކަމާއެކު ތިރިކޮށް މިފަދައިން ބުނި. ’ފެން ބައްލަވާ. އެއަށް ފަހު ސާހިބާގެ ޖަމަލުތަކަށް ވެސް އެތަކެތި އަލާކެނޑެންދެން އަހަރެން ފެންދޭނަން.‘ ދެން އަހަރެން ފެންބުއީމު. އަދި އެއަށް ފަހު އެކަނބުލޭގެ ގޮސް އަހަރެންގެ ޖަމަލުތަކަށް ފެން ވެސް ދިންމެ. 47އަހަރެން އެކަނބުލޭގެއަށް ’ކަނބުލޮގެ ބައްޕައަކީ ކޮންބޭކަލެއްތޯ؟‘ އަހައި ސުވާލު ކުރީމާ އެކަނބުލޭގެ ޖަވާބުގައި މިފަދައިން ބުނި. ’ތިމަންގެ ބައްޕަ އަކީ ނާޙޫރާއި މަލްކަތުގެ ދަރި ބަތޫއީލްއޭ.‘ ދެން އަހަރެން އެކަނބުލޭގެ ނޭފަތުގައި ރަނުގެ ނޭފަތު މުއްޖެއް ލައިދީ އަދި އެކަނބުލޭގެ އަތުގައި ބޮޑެތި އުޅާގެ ރަން ދެ އުޅާ އަޅުވައިދިނީމު. 48ދެން އަހަރެން، އަހަރެންގެ ސާހިބާ އިބްރާހީމްގެފާނުގެ ކަލާނގެ މާތްރަސްކަލާނގެއަށް ކުރުނީސް ކޮށް ޝުކުރު ދެންނެވީމު. އަދި މާތްކަލާނގެ ކިބަފުޅަށް ޙަމްދާސަނާ ދެންނެވީމު. ސަބަބަކީ މާތްކަލާނގެ ސީދާ ގޮތެއްގައި އަހަރެންގެ ސާހިބާގެ ގާތްތިމާގެ މީހުންނާ ބައްދަލު ކުރުވައި އެބައިމީހުންގެ ތެރެއިން އެކަލޭގެފާނުގެ ދަރިކަލުންނަށް އަނތްބަކު ދެއްވުމުން. 49މި ހިނދު ތިޔަބައިމީހުން އަހަރެންނަށް ބުނެދީބަލަ، ތިޔަބައިމީހުން އަހަރެންގެ ސާހިބާއަށް އިޚުލާސްތެރިވެ ތެދުވެރި ވެދޭނަމުތޯ؟ އަދި ތިޔަބައިމީހުންގެ ނިންމުން ހުރިގޮތް އަހަރެންނަށް ބުނެދީ. އެއަށް ފަހު އަހަރެން އަމަލު ކުރަންވީ ގޮތެއް އަހަރެންނަށް އެނގިދާނެ.“
50ލަބާން އާއި ބަތޫއީލް ޖަވާބު ދިނެވެ. ”މިހުރިހާ ކަމަކީ މާތްރަސްކަލާނގެ ނިންމެވުން. އަދި މިހިނގާދިޔަ އެއްވެސް ކަމެއް ބަދަލު ކުރުމަކަށް އަހަރެމެން ނޭދެން. 51ތިބާއާ އެކުގައި ރިފްޤާ ގެންދޭ. މާތްރަސްކަލާނގެ އެދިވޮޑިގެންނެވި ފަދައިން ތިބާގެ ސާހިބާގެ ދަރިކަލުންނާއި އެކަނބުލޭގެއަށް ކައިވެނި ކުރެވޭނެ.“
52އިބްރާހީމްގެފާނުގެ ޚާދިމަށް މިބަސްތައް އިވިގެން ދިއުމުން އެކަލޭގެ މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަކޮށް ތިރިވިއެވެ. 53އެއަށް ފަހު އެކަލޭގެ ރިފްޤާއަށް ރަނާއި ރިހީގެ ގަހަނާއާއި އަންނައުނު ދިނެވެ. މީގެ އިތުރުން އަގުބޮޑެތި ހަދިޔާތައް އެކަނބުލޭގެ މަންމައަށާއި ބޭބެއަށް ވެސް ދިނެވެ. 54އިބްރާހީމްގެފާނުގެ ޚާދިމާއި އޭނާއާ އެކުގައި ވީ މީސްތަކުން ކައިބޮއި ހެދުމަށް ފަހު އެރޭ އެގޭގައި ހޭދަކުރިއެވެ. އޭގެ އަނެއްދުވަހުގެ ހެނދުނު އެބައިމީހުންނަށް ނިދިން ހޭލެވުމާއިއެކު ރިފްޤާގެ މަންމައަށާއި ބޭބެއަށް ޚާދިމުކަލޭގެ ބުންޏެވެ. ”މިހާރު އަހަރެން އެނބުރި އަހަރެންގެ ސާހިބާގެ އަރިހަށް ދިއުމަށް އެދެން.“ 55އެހެނަސް ރިފްޤާގެ މަންމައާއި ބޭބެ މިފަދައިން ޖަވާބުދިނެވެ. ”އަދި ހަފުތާއެއް ނޫނީ ދިހަ ދުވަސް ރިފްޤާ އަހަރެމެންގެ ގާތު މަޑުކުރުމަށް ފަހުގައި އޭނާ ހިނގައިދާނެ.“ 56ނަމަވެސް ޚާދިމު ކަލޭގެ އެބައިމީހުންނަށް ބުންޏެވެ. ”އަހަރެން މަޑުކުރުވުމަށް މަސައްކަތް ނުކުރޭ. ސަބަބަކީ މާތްރަސްކަލާނގެ އަހަރެންގެ މި ދަތުރުގެ މުހުތާދުތައް ފިއްލަވައި ދެއްވައި ކާމިޔާބު ކޮށްދެއްވައިފި. އަހަރެންގެ ސާހިބާގެ އަރިހަށް ދިޔަދީ.“ 57އެ ހިނދު ރިފްޤާގެ ބޭބެ އާއި މަންމަ ބުންޏެވެ. ”އަހަރެމެން ރިފްޤާ ގެނެސް އޭނާ އެދޭ ގޮތަކީ ކޮބައިތޯ އަހާނަން.“ 58ދެން އެބައިމީހުން ރިފްޤާ ގެނެސް އޭނާގެ ކައިރިން އެހިއެވެ. ”ކަނބުލޭގެ މި ފިރިހެނާ އާއިއެކުގައި މިހާރު ދިއުމަށް އެދެމުތަ؟“
ރިފްޤާ ޖަވާބުގައި ބުންޏެވެ. ”އާނ. އަހަރެން ބޭނުން.“
59އެހެންވެ ރިފްޤާ އާއި އޭނާގެ ބާނދީއާއި އިބްރާހީމްގެފާނުގެ ޚާދިމުކަލޭގެއާއި އަދި އެކަލޭގެ އާއި އެކުގައި ވީ މީސްތަކުންނާ އެކުގައި ދިއުމުގެ ހުއްދަ އެބައިމީހުން ދިނެވެ. 60ރިފްޤާގެ އާއިލާ އެކަނބުލޭގެއަށް ރަޙުމަތް ލެއްވުން އެދި މިފަދައިން ދުޢާކުރިމެއެވެ.
”އުޚުތާ، ތިބާއަކީ އެތައްހާސް ބައެއްގެ މަޔަކަށް ވާށި.
އަދި ތިބާގެ ދަރިފަސްކޮޅު، އެމީހުންގެ ޢަދާވާތްތެރިންގެ ޤައުމުތައް ޙިސާރު ކުރާށި.“
61އެއަށް ފަހު ރިފްޤާއާއި އެކަނބުލޭގެ ބާނދީން ދަތުރު އެރެހެއްޓުމުގެ ތައްޔާރީތައް ކޮށް ނިންމުމަށް ފަހު ޖަމަލުގެ މައްޗަށް ސަވާރުވިއެވެ. އަދި ޚާދިމުކަލޭގެއާއި އެކަލޭގެއާއި އެކުގައި ވީ މީސްތަކުންނާއި އެކުގައި ދިޔައެވެ.
62އެ ދުވަސްތަކުގައި އިސްޙާޤުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ބިއުރުލަޙައިރުއީ އަވަށާ ޖެހިގެން އޮންނަ ކަންޢާނުގެ ދެކުނު ސަރަހައްދުގައެވެ. 63އެއް ދުވަހެއްގެ ހަވީރުގެ ވަގުތުގައި އެކަލޭގެފާނު ދަނޑުބިންތަކުގެ ތެރޭގައި ހިންގަވަން ހުއްޓާ ޖަމަލުތަކެއް އަންނަތަން ފެނިވަޑައިގެންނެވިއެވެ. 64އެ ހިނދު ރިފްޤާއަށް ވެސް އިސްޙާޤުގެފާނު ފެނިއްޖެއެވެ. އެއާއެކު އެކަނބުލޭގެ ޖަމަލުގެ މަތިން ފުންމާލިއެވެ. 65އަދި ޚާދިމުކަލޭގެ ކައިރިން މިފަދައިން އެހިއެވެ. ”އެ ދަނޑުބިންތަކުގެ ތެރެއިން ހިނގާފައި އަހަރެމެންނާއި ދިމާއަށް އެއަންނަނީ ކާކު؟“ ޚާދިމުކަލޭގެ މިފަދައިން ޖަވާބު ދިނެވެ. ”އެއީ އަހަރެންގެ ސާހިބާ.“ އެ ހިނދު ރިފްޤާ އޭނާގެ ކޮޑުމަތީގައިވާ ބުރުގާއިން މޫނު ނިވާކުރިއެވެ.
66ދެން ޚާދިމުކަލޭގެ މިހިނގާދިޔަ ޙާދިސާތަކުން އިސްޙާޤުގެފާނަށް ޚަބަރު ދެއްވިއެވެ. 67ދެން އިސްޙާޤުގެފާނު، އެކަލޭގެފާނުގެ މައިކަމަނާ ސާރާ އަވަހާރަވެ ވަޑައިގެންނެވުމަށް ދާންދެން އުޅުއްވި ފޭލިގެކޮޅަށް ރިފްޤާ ގެންދިޔައެވެ. އަދި ރިފްޤާ އާއި ކައިވެނި ބައްލަވައިގަތެވެ. ރިފްޤާ ދެކެ އިސްޙާޤުގެފާނު ނިހާޔަތަށް ލޯބިފުޅުވިއެވެ. އަދި މި ކައިވެނީގެ ސަބަބުން އެކަލޭގެފާނުގެ މައިކަމަނާ ނެތުމުގެ އުނިކަން ފިލައި ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ.
ที่ได้เลือกล่าสุด:
ފެށުން 24: ކމ
เน้นข้อความ
แบ่งปัน
คัดลอก
ต้องการเน้นข้อความที่บันทึกไว้ตลอดทั้งอุปกรณ์ของคุณหรือไม่? ลงทะเบียน หรือลงชื่อเข้าใช้
© (Active), Wycliffe Bible Translators, Inc. All rights reserved.