ފެށުން 12
12
މާތްރަސްކަލާނގެ އަބްރާމް (އިބްރާހީމްގެފާނު) ޚާއްސަކުރެއްވުން
1އަބްރާމްއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ތިބާގެ ރަށާއި ތިމާގެމީހުންނާއި ތިބާގެ ބައްޕަގެ ގެ ދޫކޮށް ތިމަންކަލާނގެ ދައްކަވާ ރަށަކަށް ދަތުރު ކުރޭ.
2ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން.
ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.
3ތިބާއަށް ހެޔޮއެދޭ މީހުންނަށް ތިމަންކަލާނގެ ރަޙުމަތް ލައްވާނަން. ތިބާއަށް ނުބައިކޮށް ކަންތައްކުރި މީހަކަށް ތިމަންކަލާނގެ ކޯފާ ލައްވާނަން.
އަދި ތިމަންކަލާނގެ ދުނިޔޭގެ ކޮންމެ އާއިލާއަކަށް ތިބާ މެދުވެރިކޮށް ރަޙުމަތް ލައްވާނަން.“
4ދެން އަބްރާމް މާތްރަސްކަލާނގެ އެންގެވި ފަދައިން ޙާރާން ދޫކުރައްވާ ވަޑައިގެންނެވިއެވެ. އެކަލޭގެފާނާއި އެކު ލޫޠުގެފާނު ވެސް ވަޑައިގަތެވެ. އޭރު އަބްރާމްގެ އުމުރުފުޅަކީ ހަތްދިހަ ފަސް އަހަރުފުޅެވެ.
5އަބްރާމް އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާއީ އާއި އެކަލޭގެފާނުގެ ބޭބެގެ ދަރިފުޅު ލޫޠުގެފާނާއި އަދި އެ ދެބޭކަލުންގެ އަތްޕުޅުގައި ވާހާ މުދަލަކާއި އަދި އެބޭކަލުންގެ އަރިހުގައި މަސައްކަތު އުޅުނު އެންމެންނާއި އެކު ކަންޢާނުއަށް ވަޑައިގަތުމަށް ދަތުރުކުރައްވަން ފެއްޓެވިއެވެ. އަދި އެބޭކަލުން ދަތުރުކޮށް ކަންޢާނުއަށް ވަޑައިގެންނެވިއެވެ.#12:5 ކަންޢާނު އަކީ މިހާރުގެ އިސްރާއީލު އާއި ފަލަސްތީނު ސަރަހައްދެވެ. ހާރާން އަކީ މިހާރުގެ ސީރިއާއެވެ. އިބްރާހީމްގެފާނު ހާރާނުން ކަންޢާނަށް ވަޑައިގެންނެވުމަށް 300 މޭލު ކަޑައްތު ކުރެއްވިއެވެ.
6އަބްރާމް ދަތުރުކުރައްވާ ޝަކީމް ގައިވާ މޫރަތުގެ މަޝްހޫރު ބޮޑު ގަހާއި ހަމައަށް ވަޑައިގެންނެވިއެވެ. އޭރު ކަންޢާނުގެ މީހުން ވަނީ އެރަށުގައި ވަޒަންވެރިވެފައެވެ. 7ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.“
ދެން އަބްރާމް މާތްރަސްކަލާނގެއަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކައި އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި އެކަލާނގެ އަބްރާމަށް ފާޅުވެވޮޑިގެންނެވީތީ އެކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ.
8އެތަނުން އަބްރާމް ބައިތުއީލްގެ އިރުމަތީގައިވާ ފަރުބަދަތަކުގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި އެކަލޭގެފާނުގެ ފޭލިގެ ޖެއްސެވިއެވެ. އެފޭލިގެ ޖެއްސެވީ އެފޭލިގޭގެ ހުޅަނގަށް ބައިތުއީލް ވާ ގޮތަށް އަދި އިރުމައްޗަށް ޢާއްޔަ އޭކިޔުނު ރަށް ވާގޮތަށެވެ. އެތަނުގައި ވެސް އަބްރާމް ހިލަފުންޏެއް އެއްކުރައްވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދެންނެވިއެވެ. 9އެއަށް ފަހު އަބްރާމް ދަތުރު ކުރައްވަމުން ގެންދެވީ ކަންޢާނުގެ ދެކުނު ހިސާބާއި ދިމާލަށެވެ.
އަބްރާމް އާއި ސާރާއީ މިޞްރުގައި
10އެދުވަސްވަރު ކަންޢާނަށް ވަރަށްބޮޑު ތަދުމަޑުކަމަކާ ކުރިމަތިވެފައިވެއެވެ. އެހެންކަމުން އަބްރާމް ވަޑައިގެންނެވީ މިޞްރަށެވެ. އެކަލޭގެފާނު ގަސްތުކުރެއްވީ މިތަދުމަޑުކަން ލުއިވަންދެން ކުޑަދުވަސްކޮޅަކު މިޞްރުގައި ދިރިއުޅުއްވުމަށެވެ.
11އެބޭކަލުން މިޞްރާ ވަރަށް ކައިރިވެފައި ވަނިކޮށް އަބްރާމް އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ. ”ސާރާއީ. ތިބާއަކީ ވަރަށް ރީތި އަންހެނެއް. 12މިޞްރުގެ މީހުންނަށް ތިބާގެ ރީތިކަން ފެނުމުން ބުނާނެ. ’މިއީ މިމީހާގެ އަންހެނުން.‘ ދެން އެމީހުން ތިބާ ގެންގޮސްފާ އަހަރެން މަރާލާފާނެ. 13ތިބާ އެމީހުން ގާތު ތިބާ ތިޔައީ މަގޭ ކޮއްކޮއޭ ބުނޭ. އޭރުން ތިބާގެ ސަބަބުން އެމީހުން އަހަރެންނަށް ހެޔޮކޮށްހިތާނެ. އަދި އޭރުން އަހަރެންގެ ފުރާނަ ވެސް ސަލާމަތްވާނެ.“
14އަބްރާމް މިޞްރަށް ވަޑައިގަތުމުން އެރަށުގެ އެންމެންނަށް ވެސް ސާރާއީ ފެނި އެ ކަމަނާގެ ރީތިކަން ފާހަގަކުރެވުނެވެ. 15މިޞްރުގެ ރަސްގެފާނުގެ ވަޒީރުން ވެސް ސާރާއީގެ ރީތިކަން ފެނި އެރަސްގެފާނުގެ އަރިހުގައި އެކަމަނާގެ ރީތިކަމަށް ތައުރީފުކުރިއެވެ. ރަސްގެފާނަށް މިޚަބަރު ލިބިވަޑައިގަތުމުން ސާރާއީ އެރަސްގެފާނުގެ އަނބިކަނބަލަކަށް ހެއްދެވުމަށް ގަނޑުވަރަށް ގެންދަވައިފިވެ. 16ސާރާއީގެ ސަބަބުން މިޞްރުގެ ރަސްގެފާނު އަބްރާމަށް ވަރަށް ހެޔޮކޮށް ހިއްތެވިއެވެ. އެރަސްގެފާނު އަބްރާމަށް ވަރަށް ގިނަ ގެރި އާއި ކަންބަޅި އަދި ހިމާރާއި ޖަމަލުގެ އެތައް ބައިވަރެއް ދެއްވިއެވެ. އަދި އަބްރާމްއަށް އެތައް ފިރިހެން އަޅުންނާއި އަންހެން އަޅުންނެއް އެރަސްގެފާނު ދެއްވިއެވެ.
17ސާރާއީ އާއި ދޭތެރޭ މިޞްރުގެ ރަސްގެފާނު ކަންތައް ކުރެއްވި ގޮތުގެ ސަބަބުން މާތްރަސްކަލާނގެ މިޞްރުގެ ރަސްގެފާނަށާއި ގަނޑުވަރުގެ އެންމެންގެ މައްޗަށް އެތައް ނުރައްކާތެރި ބަލިތަކެއް ފޮނުއްވައިފިއެވެ. 18ދެން ރަސްގެފާނު އަބްރާމް ގަނޑުވަރަށް ގެނެސް އެކަލޭގެފާނަށް ވިދާޅުވިއެވެ. ”އަބްރާމް! ކަލޭ އަހަރެންނަށް އޮޅުވާލީ ކީއްވެ؟ އޭނާއަކީ ކަލޭގެ އަނބިމީހާ ކަމުގައި ކުރިން އަހަރެން ގާތު ނުބުނީ ކީއްވެ؟ 19ސާރާއީއަކީ ކަލޭގެ ކޮއްކޮ ކަމުގައި ބުނީ ކީއްވެ؟ އަހަރެންގެ އަނތްބަކަށް އޭނާ ހެދީ އެހެންވެގެން! ކަލޭގެ އަނބިމީހާ މިއިނީ. އަވަހަށް އޭނާ ގޮވައިގެން މިތަނުން ދޭ.“
20ދެން އެރަސްގެފާނު އޭނާގެ ސިފައިންނަށް އަމުރުކުރެއްވީ އަބްރާމްއާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އެކަލޭގެފާނުގެ އަތްޕުޅުގައިވާ ހުރިހާ ތަކެއްޗާއި އެކު މިޞްރުން ބޭރަށް ފޮނުވާލުމަށެވެ.
Айни замон обунашуда:
ފެށުން 12: ކމ
Лаҳзаҳои махсус
Паҳн кунед
Нусха
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.