މަންދޫބުންގެ މަސައްކަތް 1
1
އީސާގެފާނު އުޑަށް އުފުއްލެވުން
1-2ތިޔޯފިލުސް އަށް،
އަހަރެން ލިޔުނު ފުރަތަމަ ފޮތުގައި، އަހަރެން ލިޔުނީ އީސާގެފާނު އުޑަށް އުފުއްލެވުމުގެ ކުރިން ފެށުނީއްސުރެން ނިމެންދެން އެކަލޭގެފާނު ކުރެއްވި ހުރިހާ ކަމަކާއި ކިޔަވައިދެއްވި ހުރިހާ ބަސްފުޅުތަކަކާއި ބެހޭ ގޮތުންނެވެ. އީސާގެފާނު އުޑަށް އުފުއްލެވުމުގެ ކުރިން، އެކަލޭގެފާނު މާތްރޫޙުފުޅުގެ ދަށުން ހޮއްވަވާ ކަނޑައެޅުއްވި މަންދޫބުންނަށް އެމީހުން ކަންތައްތައް ކުރަންވީ ގޮތް އެންގެވިއެވެ. 3އީސާގެފާނު އަނިޔާ ލިބިވަޑައިގެން އަވަހާރަވުމަށް ފަހު، އެކަލޭގެފާނުގެ މަންދޫބުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެން، އެމީހުންނަށް އެކަލޭގެފާނު ދިރިވަޑައިގެންވާ ކަން އެކި ތަފާތު ގޮތްތަކުގެ މަތިން ހާމަކޮށްދެއްވިއެވެ. އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެން އެކަލޭގެފާނުގެ މަންދޫބުންނަށް ފާޅުވެވަޑައިގެން ސާޅީސް ދުވަހުގެ ތެރޭ، މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ގޮތުން އެކަލޭގެފާނު އެމީހުންނާއި ވާހަކަ ދެއްކެވިއެވެ.
4މީގެތެރެއިން އެއްފަހަރަކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ކޭންބައްލަވަން އިންނަވާފައި އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ޖެރޫސަލަމުން ބޭރަށް ނުގޮސް މަޑު ކުރޭ. ބައްޕާފުޅު ދެއްވުމަށް ވަޢުދުފުޅު ވެފައިވާ ކަމުގައި ތިމަންކަލޭގެފާނު ކަލޭމެން ކާރީ ބުނި ހަދިޔާ ދެއްވަންދެން، ކަލޭމެން ޖެރޫސަލަމުގައި މަޑު ކުރޭ. 5ޔަޙުޔާގެފާނު މީހުން ތައުބާގެ ހިނެވުމުން ހިނެވީ ފެނުން. ނަމަވެސް ދެތިން ދުވަހެއްގެ ތެރޭގައި މާތްރޫޙުފުޅުން ކަލޭމެން ހިނެވޭނެ.“
6އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންގެ އަރިހުގައި ވީ ސާޅީސް ދުވަސް ނިމެން ގާތްވެފައި ވަނިކޮށް އެމަންދޫބުން މި ސުވާލު އީސާގެފާނަށް ދެންނެވިއެވެ. ”މަތިވެރި ސާހިބާ. ކަލޭގެފާނު ތިޔަ އުޅުއްވަނީ ބަނީއިސްރާއީލު މިނިވަންކޮށް އެމީހުންގެ ރަސްކަން އަނބުރާ ދެއްވަން ތޯ؟“
7އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަންތައްތަކަށް ވަގުތުތަކާއި ދުވަސްތައް ކަނޑައެޅުއްވުމުގެ ބާރުލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ ބައްޕާފުޅު. އެއީކީ ކަލޭމެންނަށް އެނގެން ޖެހޭ ކަންތައްތަކެއް ނޫން. 8ނަމަވެސް މާތްރޫޙުފުޅު ކަލޭމެންގެ މައްޗަށް ވޮޑިގެންވުމުން ކަލޭމެންނަށް މާތްރޫޙުފުޅުގެ ބާރުލިބޭނެ. އަދި އޭރުން މުޅި ޖެރޫސަލަމުގައާއި، ޖުދެއާކަރައިގެ ތެރޭގައާއި، ސަމީރިއްޔާގައާއި، އަދި ދުނިޔޭގެ ހުރިހާ ޤައުމެއްގަ ވެސް ކަލޭމެން ތިމަންކަލޭގެފާނާއި ބެހޭ ގޮތުން އެންމެންނަށް އަންގައިދީ ފާޅުކޮށް ދޭނެ.“
9އެކަލޭގެފާނު އެހެން ވިދާޅުވި ތާ ގިނައިރެއް ނުވެ އެމީހުން އެންމެން ބަލަބަލާ ތިއްބާ އެކަލޭގެފާނު މައްޗަށް އުފުއްލެވުނެވެ. އަދި ވިލާގަނޑަކުން އެކަލޭގެފާނު ފޮރުވިގެންދިޔައެވެ. 10އެމީހުން އެކަލޭގެފާނު އުފުއްލެވުނު ދިމާ މައްޗަށް ބަލަނިކޮށް ކުއްލިއަކަށް އެމީހުންގެ ކައިރީގައި ހުދު ހެދުމެއްގައިވާ ދެ ފިރިހެނަކު ވާތަން ފެނުނެވެ. 11އެދެމީހުން މަންދޫބުންނަށް ބުންޏެވެ. ”އޭ ގަލީލީގެ މީހުން. ކަލޭމެން މިތާ އުޑަށް ބަލަހައްޓައިގެން ތިޔަ ތިބީ ކީވެފަ؟ އީސާގެފާނު ސުވަރުގެ ގެންދަވައިފި. އަދި ހަމަ އެކަލޭގެފާނު ގެންދެވިތަން ކަލޭމެން ތިޔަ ދުށް ފަދައިން އެއް ދުވަހަކުން ހަމަ އެފަދައިން އެކަލޭގެފާނު އެނބުރި ވަޑައިގަންނަވާނެ.“
ޔުދާސްގެ މަޤާމަށް މަތިއަސް ހޮވުން
12-13މި ކަންތައް މި ފަދައިން ހިނގިއިރު މަންދޫބުން ތިބީ ޒައިތޫނި ފަރުބަދަ މަތީގައެވެ. މި ފަރުބަދަ ވަނީ ޖެރޫސަލަމާއި ބައިމޭލު ދުރުގައެވެ.#1:12-13 މި އާޔަތުގައި ބައިމޭލުގެ ބަދަލުގައި މިފޮތް ލިޔެވިފައިވާ އަސްލު ބަސް ކަމުގައިވާ ގުރީކު ބަހުން ލިޔެވިފައި ވަނީ: ”ސަބަތުގެ ދުވަހު ހިނގަން ހުއްދަ އޮންނަ ދުރުމިނުގެ އަދަދެވެ.“ އެތަނުގައި ތިބި މަންދޫބުންނަކީ ޕަތަރަސް، ޔޫޙަންނާ، ޔާމިޒު، އަންދުރާއި، ފިލިޕު، ތޯމާސް، ބަރުތުލޫމު، މައްތާ، ހަލްފާހުގެ ދަރި ޔާމިޒު، އަދި ދީނާއި ސިޔާސީ ކަންތަކުގައި ހަރުދަނާ މީހެއް ކަމުގައިވާ މަޝްހޫރު ސިމުއާން އާއި ޔާމިޒުގެ ދަރި ޔުދާސް އެވެ. މި މަންދޫބުން އެނބުރި ޖެރޫސަލަމަށް އައިސް އެމީހުން ތިބި ގެއަށް ގޮސް އެ ގޭގެ މަތީ ބުރީގައިވާ އެމީހުން ތިބި ކޮޓަރިއަށް ދިޔައެވެ. 14މަންދޫބުން ކެނޑިނޭޅި ކޮންމެ ދުވަހަކު ވެސް ޖަމާވެ އެކުގައި ދުޢާ ކުރަމުން ގެންދިޔައެވެ. އެމީހުންނާއި އެކު ދުޢާ ކުރުމަށް އެއްވި މީހުންގެ ތެރޭގައި އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނާއި ބައެއް އެހެން އަންހެނުންނާއި އަދި އީސާގެފާނުގެ އެއްބަނޑު ފިރިހެން ކޮއްކޮއިން ވެސް ހިމެނުނެވެ.
15އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.
16-17”އަޚުންނާއި އުޚުތުންނޭ. އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި ބައިތުލް މަޤްދިސްގެ ސިފައިންނަށް އެހީވެދިން ޔުދާސް އާއި މެދު ބާވައިލެއްވިގެންވީ ފޮތްތަކުގައި ލިޔެވިގެންވީ ފަދައިން ކަންތައް ހިނގާ ނިމިއްޖެ. މި ކަންތައް ވާނެ ގޮތް މާތްރޫޙުފުޅު ދާއޫދުގެފާނު މެދުވެރިކޮށް ވަނީ އަންގަވާފަ. ޔުދާސް އަކީ އަހަރެމެންގެ ތެރެއިން ހިމެނުނު އަހަރެމެންނާއި އެކު ހުރިހާ ކަމެއްގައި އުޅުނު އެކަކު. ނަމަވެސް އޭނާ އީސާގެފާނު ހައްޔަރު ކުރުމަށް އައި މީހުންނަށް މަގުދެއްކި.“
18(ޔުދާސް މި ކުރި ނުބައިކަންތަކުގެ އަގެއްގެ ގޮތުން ލިބުނު ފައިސާއިން އޭނާ ބިމެއްގަތެވެ. އޭނާ އެ ބިމުގެ ތެރެއަށް ވެއްޓި ހަށިގަނޑު ފަޅަފަޅައިގެން ގޮސް ގޮހޮރު ބޭރަށް ނުކުމެ ވަގުތުން މަރުވިއެވެ. 19އޭނާގެ މަރުގެ ޚަބަރު މުޅި ޖެރޫސަލަމުގެ ތެރެއަށް ފެތުރުނެވެ. އެމީހުން މި ބިމަށް އަކެލްދެމާ އޭ ކިޔާ ނަންދިނެވެ. އެމީހުންގެ ބަހުން އަކެލްދެމާގެ މާނައަކީ ލޭގެ ބިމެވެ.)
20ޕަތަރަސް ބުންޏެވެ. ”މި ކަންތައްތައް ވެ އެ ދިޔައީ ޒަބޫރުގައި ލިޔެވިގެންވީ ފަދައިން. ލިޔެވިގެންވޭ. ’އޭނާގެ ގެއެއީ އެއްވެސް މީހަކު ނޫޅޭނެ ފަޅުތަނަކަށް ވާ ހުއްޓޭ.‘ އަދި ވެސް ޒަބޫރުގައި މި ފަދައިން ވެސް ލިޔެވިގެންވޭ. ’އޭނާގެ ބަދަލުގައި އެހެން މީހަކު އޭނާގެ މަޤާމަށް ހޮވާށޭ.‘
21އެހެން ކަމުން އޭނާގެ ބަދަލުގައި އޭނާގެ މަޤާމަށް އެހެން މީހަކު ހޮވަން އަހަރެމެން އެބަޖެހޭ. އެމީހަކީ މާތްސާހިބާ އީސާގެފާނާއި އެކު އަހަރެމެން ހޭދަކުރި ހުރިހާ ދުވަހަކު އަހަރެމެންނާއި އެކުގައި ވީ މީހަކު ކަމުގައި ވާން ވާނެ. 22އެއީ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވި ދުވަސްވަރުން ފެށިގެން އީސާގެފާނު ސުވަރުގެ ގެންދެވުނު ދުވަހާއި ޖެހެން ދެން އަހަރެމެންނާއި އެކު ވީ މީހަކު ކަމުގައި އެމީހަކު ވާން ޖެހޭނެ. އެއީ އެމީހަކު ވެސް އަހަރެމެންނާއި އެކު މީސްތަކުންނަށް އީސާގެފާނު އަލުން ދިރިވަޑައިގެންނެވި ކަމުގެ ހެކިދީ އެކަންތައްތައް އަންގައިދޭން ޖެހޭނެ.“
23ދެން އެމީހުން މިބުނެވިދިޔަ ޝަރުތުތައް ހަމަވާ ދެމީހަކު ހޮވިއެވެ. އެ ދެމީހުންނަކީ މައްތިޔާސް އާއި ޔޫސުފު ބަރުސައްބާސް އެވެ. މި ޔޫސުފު ބަރުސަބާސްގެ ނަމަކަށް ޖުސްތުސް އޭ ވެސް ކިޔެއެވެ. 24ދެން އެމީހުން މި ފަދައިން ދުޢާ ކުރިއެވެ. ”މާތް ސާހިބާ! ތިޔައީ އެންމެންގެ ހިތުގެ އަޑި ދެނެވޮޑިގެންވާ ފަރާތް. މި ދެމީހުންގެ ތެރެއިން މާތް ސާހިބާ ހޮއްވެވި މީހާ އަޅަމެންނަށް ހާމަކޮށް އަންގަވާފާނދޭވެ. 25ޔުދާސް ޚިޔާނާތްތެރި ވި. އޭނާއާ މެދު ކަންތައް ވާންވީ ފަދައިންވެ ނިމި ހިނގައްޖެ. ޔުދާސްގެ ބަދަލުގައި މަންދޫބެއްގެ ގޮތުން މާތް ސާހިބާ އެންގެވި ކަންތައްތައް ކުރުމަށް، މި ދެމީހުންގެ ތެރެއިން ޢައްޔަން ކުރެއްވި މީހާ އަޅަމެންނަށް ހާމަކޮށް އަންގަވާފާނދޭވެ.“ 26ދެން އެމީހުން މި ދެމީހުންގެ ތެރެއިން ހޮވޭނެ މީހަކު ބެލުމަށް ގުރުއަތުލިއެވެ. އެ ގުރުއަތުން ޔުދާސްގެ މަޤާމަށް ހޮވުނީ މައްތިޔާސް އެވެ. ދެން މައްތިޔާސް އަނެއް އެގާރަ މަންދޫބުންގެ ތެރެއަށް ބާރަވަނަ މަންދޫބެއްގެ ގޮތުން އިތުރު ކުރެވުނެވެ.
Markert nå:
މަންދޫބުންގެ މަސައްކަތް 1: ކމ
Marker
Del
Kopier
Vil du ha høydepunktene lagret på alle enhetene dine? Registrer deg eller logg på
© (Active), Wycliffe Bible Translators, Inc. All rights reserved.