ލޫކާސް 20
20
އީސާގެފާނުގެ ދަރަޖަ އާއި މަޤާމާއި މެދު ދީނުގެ ދަންނަބޭކަލުން އަހާ ސުވާލު ކުރި
1އެއްދުވަހަކު އީސާގެފާނު ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ ގޯތިތެރޭ ކިޔަވާ ދެއްވަމުން މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އަންގަވާދެއްވަމުން ގެންދަވަނިކޮށް ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންގެ ބަޔަކު ބަނީއިސްރާއީލުގެ ބޮޑުންގެ ބަޔަކާއި އެކު އެކަލޭގެފާނުގެ އަރިހަށް އައެވެ. 2އެމީހުން އެކަލޭގެފާނާއި ސުވާލު ކުރިއެވެ. ”ކަލޭ ތިޔަ ކިޔަވައި ދޭ އެއްޗެތި ތިޔަ ކިޔަވައި ދެނީ ކޮންތާނކުން ކާކު ދިން ހުއްދައަކުން؟ ކަލެއަށް ތިޔަކަންތައްތައް ކުރުމަށް ބާރު ދިނީ ކާކު؟“
3އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އަހަރެން ވެސް ކަލޭމެންނާއި ސުވާލެއް ކުރާނަން. 4ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން ހިނަވައި އުޅުއްވީ އުޑުން އައި މާތްރަސްކަލާނގެ އަމުރުފުޅަކަށް ތަ؟ ނުވަތަ ކޮންމެވެސް މީހަކު ދިން އަމުރަކަށްތަ؟“
5އެމީހުން އެމީހުންގެ މެދުގައި މިކަމާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ފަހު އެއެންމެން އެއްބަސްވެ ބުންޏެވެ. ”އަހަރެމެން އެ އަމުރުފުޅަކީ އުޑުން އައި އަމުރުފުޅެކޭ ބުނެފި ނަމަ ޔަޙުޔާގެފާނު ބުނި ބަސްތައް އަހަރެމެން ގަބޫލު ނުކުރީ ކީއްވެތޯ މީނާ ސުވާލު ކުރާނެއޭ. 6އަދި އޭނާ އެކަންކުރީ މީހަކު ކުރި އަމުރަކަށޭ ބުނެފި ނަމަ މީސްތަކުން އަހަރެމެން ގައިގައި އޮށްގަލުން ތަޅާނެ. އެއީ ޔަޙުޔާގެފާނަކީ ރަސޫލުބޭކަލެއް ކަން އެމީހުންނަށް ޔަޤީންވޭ.“
7ދެން އެމީހުން އެކަލޭގެފާނަށް ޖަވާބު ދިނެވެ. ”އެ އަމުރެއް އޭނާއަށް ލިބުނީ ކޮންތާނކުން ކަމެއް އަހަރެމެންނަކަށް ނޭނގެ.“
8އީސާގެފާނު ވިދާޅުވިއެވެ. ”އެހެންވެއްޖިއްޔާ އަހަރެން މިކުރާ ކަންތައްތައް ކުރަން އަހަރެންނަށް އަމުރު ލިބުނީ ކޮންފަރާތަކުން ކަމެއް އަހަރެން ވެސް ކަލޭމެން ގާތު ބުނާކަށް ނުޖެހޭނެ.“
މޭބިސްކަދުރު ދަނޑުގެ ވެރިޔާ
9ދެން އެކަލޭގެފާނު މި މާނަފުން ވާހަކަ ވިދާޅުވެ މީސްތަކުންނަށް ކިޔަވައި ދެއްވަން ފެއްޓެވިއެވެ. ”މީހަކު މޭބިސްކަދުރު ދަނޑެއް ހެއްދި. ދެން އެ ދަނޑު މީހަކަށް ކުއްޔަށް ދިން. ދެން އެއަށް ފަހު އޭނާ ވަރަށް ދިގު ދަތުރެއްގައި ދިޔަ.#20:9 އެޒަމާނުގައި މީހުން ގޮވާން ދަނޑުތައް ކުއްޔަށް ދީ އުޅުނު ޤަވައިދަކީ އެދަނޑަކުން ލިބޭ ގޮވާމަކުން ކޮންމެވެސް ވަރެއްގެ ބަޔެއް ދަނޑުގެ ވެރިމީހާއަށް ލިބޭގޮތަށެވެ. އެއީ އެދަނޑުގެ ކުލިވެސް މެއެވެ. 10ދެން މޭބިސްކަދުރު ކަނޑާ ދުވަސްވަރު އޭނާ އޭނާގެ ނޯކަރަކު އެމީހުންގެ ކައިރިއަށް ފޮނުވި. އެއީ އޭނާއަށް އެދަނޑުން ލިބެންވާ މޭބިސްކަދުރުގެ ބައި ހޯދުމަށް. ނަމަވެސް އެދަނޑު ކުއްޔަށް ހިފި މީހުން މި ނޯކަރު މީހާ ގައިގައި ތަޅާ އަނިޔާ ކޮށްފައި ހުސް އަތާ ފޮނުވާލި. 11ދެން އޭނާ އެހެން ނޯކަރަކު އެމީހުންގެ ގާތަށް ފޮނުވި. އެމީހާއާއި މެދު ވެސް އެމީހުން ވަރަށް ނުބައިކޮށް ކަންތައްތައް ކޮށް ލަދުގަންނަވާ ފޮނުވާލި. 12ދެން އޭނާ ތިންވަނަ މީހަކު ވެސް ފޮނުވި. މިމީހުން އެމީހާ ގައިގައި ވެސް ތަޅާ އަނިޔާ ކޮށްފައި އެ ދަނޑުން ބޭރުކޮށްލި.
13މޭބިސްކަދުރު ދަނޑުގެ ވެރިމީހާ ހިތަށް އެރި. ’ދެން އަހަރެން ހަދާނީ ކިހިނެއް ބާވައޭ؟ އަހަރެންގެ ފިރިހެން ދަރިފުޅު ފޮނުވަންވެއްޖޭ. އޭނާއަކީ އަހަރެންގެ ލޯބިވާ ދަރިފުޅޭ. އެހެންވީމާ އެމީހުން ފަހަރެއްގައި އޭނާއަށް ޤަދަރު ކޮށްފާނެ ކަން ނޭނގެ ނޫންހޭ؟‘
14ނަމަވެސް އެދަނޑު ކުއްޔަށް ހިފައިގެން އުޅުނު މީހުންނަށް އޭނާގެ ދަރިފުޅު އަންނަތަން ފެނުމުން އެމީހުންގެ މެދުގައި މަޝްވަރާ ކޮށްފައި ބުނި. ’މިއީ މިދަނޑުގެ ވާރުތަވެރިޔާ އޭ. މީނާ މަރާލަމާ ހިނގާށޭ. އޭރުން މި ބިން މިލްކުވާނީ އަހަރެމެންނަށޭ.‘ 15ދެން މިމީހުން އޭނާ އެދަނޑުން ކޮއްޕާ ބޭރުކޮށް މަރާލި. ދެން ވީއިރު މި ބިމުގެ ވެރިޔާ އެމީހުންނާއި ދޭތެރޭ ކަންތައް ކުރާނީ ކިހިނެއް؟ 16އޭނާ އައިސް އެ މޭބިސްކަދުރު ދަނޑު ކުއްޔަށް ހިފި މީހުން މަރާލާނެ. އަދި އެ ދަނޑު އެހެން ބަޔަކަށް ކުއްޔަށް ދޭނެ.“
މީހުން މިއަޑު އަހާ ބުންޏެވެ. ”އިރާދަކުރެއްވިޔާ ދުވަހަކު ވެސް އެފަދައިން މާތްރަސްކަލާނގެ ކަންތައް ހިންމަވައި ނުދެއްވާށި.“
17ދެން އީސާގެފާނު ސީދާ އެމީހުންނާ ދިމާލަށް ބައްލަވާ ވިދާޅުވިއެވެ. ”ދެން ވީއިރު މިހެން ލިޔެވިގެން ވުމުގެ މާނައަކީ ކޮބައި ހޭ؟
’ރާނާ މީހުން ބަލައިނުގެން އެއްލާލި ގާ
ބިންގަލުގެ އެންމެ މުހިންމު ބައި ކަމުގައި ވެއްޖޭ.‘
18އެގަލުގައި އަޅައިގެންފައި އޭގެ މައްޗަށް ވެއްޓިއްޖެ މީހަކު ކުދިކުދި ވާނެ. އަދި އެ ގާ އެމީހެއްގެ މައްޗަށް ވެއްޓިއްޖެ ނަމަ އެމީހަކު ހިމުންވާނެ.“
19ދެން ދީނުގެ ދަންނަބޭކަލުންނާއި ބޮޑު އިމާމުން އެކަލޭގެފާނު ވަގުތުން ހައްޔަރު ކުރެވޭނެ ގޮތެއް ވޭތޯ ބެލިއެވެ. އެއީ އެކަލޭގެފާނު އެ ވިދާޅުވި މާނަފުން ވާހަކައަކީ އެމީހުންނާއި ބެހޭގޮތުން ވިދާޅުވި ވާހަކައެއް ކަން އެމީހުންނަށް އެނގުމުންނެވެ. ނަމަވެސް މީހުންނަށް ބިރުން އެމީހުންނަކަށް އެކަލޭގެފާނު ހައްޔަރު ކުރާކަށް ނުކެރުނެވެ.
ދީނުގެ ދަންނަބޭކަލުން އީސާގެފާނުގެ ކިބައިން ސަރުކާރާއި އިދިކޮޅު ބަހެއް ހޯދުމަށް މަސައްކަތް ކުރި
20ދެން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނުގެ އަރިހަށް ބަޔަކު ޖާސޫސް ކުރުމަށް ފޮނުވިއެވެ. އެމީހުން އީސާގެފާނުގެ އަރިހަށް ދިޔައީ ރަނގަޅު ޞާލިޙު ދީންވެރި ބަޔަކު ކަމުގައި ހެދިގެންނެވެ. އަދި މީސްތަކުންގެ ކުރިމަތީގައި އީސާގެފާނުގެ ކިބައިން ކުށެއް ކުރުވޭތޯ ބަލަންވެގެން އެމީހުން އެކަލޭގެފާނާއި މި ސުވާލު ކުރިއެވެ. އެއީ އެމީހުންގެ ބޭނުމަކީ އެކަލޭގެފާނުގެ ކިބައިން ސަރުކާރާއި އިދިކޮޅު ބަހެއް ހޯދުމެވެ. އެއީ އޭރުން އެމީހުންނަށް އެކަލޭގެފާނު ސަރުކާރާއި އިދިކޮޅުވީ ކަމުގެ ކުށުގައި ހައްޔަރު ކުރެވޭނެތީއެވެ. 21އެމީހުން ބުންޏެވެ. ”އީސާގެފާނު. ކަލޭގެފާނަކީ ވަކިކޮޅަކަށް ނުޖެހޭ ބޭކަލެއް. އަދި ކަލޭގެފާނަކީ މީސްތަކުންނަށް މާތްރަސްކަލާނގެއާއި މެދު ތެދު މަގު ދަސްކޮށްދެއްވާ ބޭކަލެއް. 22ވީއިރު ވިދާޅުވެ ބައްލަވާ. އަހަރެމެން ސަރުކާރުން އަންގާ ގޮތަށް އަހަރެމެންގެ ދީނުގެ މީހެއް ކަމުގައި ނުވާ ކައިސަރު ރަސްގެފާނަށް ޓެކްސް ދެއްކުން އެއީ ރަނގަޅު ކަމެއްތަ؟ ސަރުކާރުގެ އެ އެންގެވުމަށް އަހަރެމެން ކިޔަމަން ވާން ޖެހޭނެ ތަ؟“
23އީސާގެފާނަށް އެމީހުން މި ސުވާލު ކުރީ މަކަރުވެރި ބޭނުމަކުކަން އެނގިވަޑައިގެން ޖަވާބުގައި ވިދާޅުވިއެވެ. 24”ކަލޭމެން ޓެކްސް ދައްކަން ބޭނުންކުރާ ލާރި އަހަންނަށް ދައްކަބަލަ. މީގައި މި ވަނީ ކާކުގެ ތަސްވީރެއްތަ؟“
އެމީހުން ބުނި. ”ތިޔައީ ކައިސަރު ރަސްގެފާނުގެ ތަސްވީރުފުޅު.“
25އީސާގެފާނު ވިދާޅުވި. ”ވީއިރު ކައިސަރު ރަސްގެފާނުގެ އެއްޗެތި އެރަސްގެފާނަށް ދީ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ވާ ތަކެތި އެކަލާނގެ ކިބަފުޅަށް ދީ.“
26މިމީހުންނަށް އެމީހުންގެ މަކަރުގެ ދަލުގައި އެކަލޭގެފާނު ނުޖެއްސޭނެކަން އެނގި އަދި އެކަލޭގެފާނު ދެއްވި ޖަވާބުފުޅުގެ ފުރިހަމަ ކަމުން ބުނާނެ އިތުރު އެއްޗެއް ނޭނގިގެން އެތަނުން ދިޔައެވެ.
މާތްރަސްކަލާނގެ އެންގެވި މަގުން އުޅޭ މީހުން އަބަދުގެ އަބަދަށް ދިރިތިބޭނެ
27ބައެއް ސާދުސީނުގެ ބަޔަކު އީސާގެފާނުގެ އަރިހަށް ސުވާލަކާއިގެން އައެވެ. މިބައިމީހުންނަކީ މަރުވުމަށް ފަހު ވާ އެހެން ދުނިޔެއެއް ވާކަން ގަބޫލު ކުރާ ބައެއް ވެސް ނޫނެވެ. 28އެމީހުން ބުންޏެވެ. ”އެދުރުކަލޭގެފާނު. މޫސާގެފާނު އަޅުގަނޑުމެންނަށް އަންގަވައި ދެއްވި ގޮތުގައި ފިރިހެނަކު މަރުވާއިރު އޭނާގެ އަނތްބަކު އިން ނަމަ އަދި އޭނާގެ ކުއްޖަކު ނެތް ނަމަ އެ ފިރިހެން މީހާގެ ބޭބެ ނުވަތަ ކޮއްކޮ އެ އަންހެންމީހާ އާއި ކައިވެނިކޮށް ކުދިން ހޯދަން ޖެހޭނެ. އެކުދިން ހިމެނޭނީ މަރުވި ފިރިހެން މީހާގެ ކުދިން ކަމުގަ. 29މިސާލަކަށް ހަތް ފިރިހެން ބެއިން ވި. ފުރަތަމަ ފިރިހެން މީހާ، މީހަކާއި އިނދެ ކުއްޖަކު ނުލިބެނީސް މަރުވި. 30ދެން އެއަށް ފަހު ދެވަނައަށް ވީ މީހާ އެއަންހެންމީހާ އާއި ކައިވެނި ކުރި. ނަމަވެސް އޭނާ ވެސް ކުއްޖަކު ނުލިބެނީސް މަރުވި. 31އަދި އެއަށް ފަހު ތިންވަނައަށް ވީ މީހާ ވެސް އޭނާއާއި ކައިވެނި ކުރި. ނަމަވެސް އޭނާ ވެސް ކުއްޖަކު ނުލިބެނީސް މަރުވި. މި ގޮތަށް ގޮސް މި ހަތް ބެއިން ވެސް އެއަންހެން މީހާއާއި ކައިވެނި ކުރި. ނަމަވެސް ކުއްޖަކު ނުލިބެނީސް އެ އެންމެން ވެސް މަރުވި. 32އެންމެފަހުން އެއަންހެންމީހާ ވެސް މަރުވީ. 33ވީއިރު ޤިޔާމަތް ދުވަހު މި އަންހެންމީހާ ވާނީ ކާކުގެ އަތްބެއްގެ ގޮތުގައި ތޯ؟“
34އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”މި ދުނިޔޭގެ މީހުން މީހުންނާއި އިނދެ ހަދާ. 35ނަމަވެސް އެދުނިޔޭގައި ހިމެނުމަށް އެކަށީގެންވާ މަރުވުމަށް ފަހު އަލުން ދިރޭނެ މީހުން އެދުނިޔޭގައި މީހުންނަކާއި ނުއިންނާނެ. 36އަދި އެމީހުން ދެން ދުވަހަކު ވެސް މަރެއް ވެސް ނުވާނެ. އެއީ އެމީހުން މަލާއިކަތުންނެކޭ އެއްފަދަ ވާނެ. އެއީ އެމީހުންނަކީ މަރުވުމަށް ފަހު އަލުން ދިރުއްވުނު މާތްރަސްކަލާނގެ ދަރިން. 37މޫސާގެފާނު ވެސް މަރުވުމަށް ފަހު މީހުން ދިރުއްވޭނެ ކަން އެންގެވި. އެއީ އެކަލޭގެފާނު ހުޅުހިފާފާ ވީ ނަމަވެސް އެގަހެއް އަނދައިގެން ނުދިޔަ ގަހުގެ ވާހަކަ ވިދާޅުވެ ދެއްވި އިރު މަތިވެރި މާތްރަސްކަލާނގެއަށް އިބްރާހީމްގެފާނުގެ ކަލާނގެއޭ، އިސްޙާޤުގެފާނުގެ ކަލާނގެއޭ އަދި ޔަޢުޤޫބުގެފާނުގެ ކަލާނގެއޭ މުޚާޠަބު ކުރެއްވި. 38މާތްރަސްކަލާނގެ އަކީ މަރުވެފައިވާ މީހުންގެ ކަލާނގެއެއް ނޫން ނަމަވެސް ދިރިތިބި މީހުންގެ ކަލާނގެ. އެއީ އެކަލާނގެއަށް އީމާންވެ އެކަލާނގެ އެންގެވިމަގުން އުޅެފި އެންމެންނަކީ ވެސް އަބަދުގެ އަބަދަށް ނިމުންނުވާ ޙަޔާތް ލިބި ދިރި ތިބޭނެ މީހުން.“
39އެތާ ތިބި ބައެއް ދީނުގެ ދަންނަބޭކަލުން ބުންޏެވެ. ”އެދުރުކަލޭގެފާނު. ތިޔަ ވިދާޅުވީ ވަރަށް ވެސް ފުރިހަމަ ބަސްފުޅުތަކެއް.“ 40ދެން އެތާ ތިބި އެކަކަށް ވެސް އެކަލޭގެފާނާއި އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ.
ދީނުގެ ދަންނަބޭކަލުންގެ މަޅީގައި ނުޖެހޭށޭ
41ދެން އީސާގެފާނު ވިދާޅުވިއެވެ. ”މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙު އަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ ދަރިދަރިކަލެކޭ އެމީހުން އެބުނަނީ ކީއްވެ؟ 42ޚުދު ދާއޫދުގެފާނު ވެސް ޒަބޫރުގައި މިފަދައިން ލިޔުއްވި.
’މާތްސާހިބުވަންތަ ރަސްކަލާނގެ މަގޭ މާތްސާހިބާއަށް ވިދާޅުވިއޭ: 43ތިމަންކަލާނގެ ކަލޭގެ ދުޝްމިނުން ކަލޭގެ ފައި ދަށުގައިވާ ވަކަރުގަނޑެއް ފަދައިން ދެރަކޮށް ނިކަމެތި ކުރާންދެން ކަލޭ ތިމަންކަލާނގެ ކަނާއަތްފަރާތްޕުޅުގައި އިށީނދެ އިންނާށޭ.‘
44 ދާއޫދުގެފާނު އެކަލޭގެފާނަށް އެ މުޚާޠަބު ކުރައްވަނީ މާތްސާހިބާ އޭ. ވީއިރު އެކަލޭގެފާނު އެއީ ދާއޫދުގެފާނުގެ ދަރިކަލަކަށް ވާނީ ކިހިނެއް؟“
45އެންމެން އަޑުއަހަން ތިއްބާ އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. 46”ދީނުގެ ދަންނަބޭކަލުންނާއި މެދު ފަރުވާވެ ބަލައިގެން އުޅޭ. އެމީހުން ކުރާހިތްވާ ކަންތަކަކީ އަގުބޮޑު ޖުއްބާތައް ލައިގެން ހިނގުން. އަދި އެމީހުންނަށް މަގުމަތީގައި މީހުންގެ ފަރާތުން ލިބޭ އަދަބުގެ ސަލާންތަކަށް ވެސް އެމީހުން ވަރަށް ލޯބިކުރޭ. އަދި ދީނީ މަރުކަޒުތަކުގައި އާއި ބޮޑެތި ކެއުންތަކުގައި އެންމެ ޚާއްސަ ގޮނޑިތައް ލިބުމަކީ ވެސް އެމީހުން ވަރަށް ލޯބިކުރާ ކަމެއް. 47އެމީހުން ފިރިމަރުވެފައިވާ އަންހެނުންގެ އަތުން އެމީހުންގެ ގޭގެ ފޭރިގަނޭ. އަދި މީހުންނަށް ދައްކަން ވެގެން ވަރަށް ދިގު ދުޢާތައް ކިޔާހަދާ. އެންމެ ބޮޑަށް ކުށްވެރި ކުރެވޭނީ މިފަދަ މީހުން.“
Одоогоор Сонгогдсон:
ލޫކާސް 20: ކމ
Тодруулга
Хуваалцах
Хувилах
Тодруулсан зүйлсээ бүх төхөөрөмждөө хадгалмаар байна уу? Бүртгүүлэх эсвэл нэвтэрнэ үү
© (Active), Wycliffe Bible Translators, Inc. All rights reserved.