ޔޫޙަންނާ 13
13
އީސާގެފާނު އަސްޙާބީންގެ ފައި ދޮވެދެއްވުން
1 ފަހަނަޅައި ދިއުމުގެ ޢީދު އައުމުގެ ކުރިން އީސާގެފާނަށް އެކަލޭގެފާނު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގެންފިއެވެ. އީސާގެފާނު އެކަލޭގެފާނަށް އީމާންވެގެންވީ މީހުންދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. އަދި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް އީސާގެފާނު ދުނިޔޭގައިވާ އެކަލޭގެފާނުގެ މީސްތަކުންދެކެ ލޯބިފުޅުވިއެވެ. 2އެރޭ ފަރިއްކޮޅު ފެށުނު ވަގުތު ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސް ލައްވައި އީސާގެފާނަށް ޚިޔާނާތްތެރި ވުމަށް ލަޢުނަތްލެއްވި އިބިލީސް ވަނީ ވަސްވާސް ކޮށްފައެވެ.
3އީސާގެފާނަށް އެކަލޭގެފާނު ވަޑައިގަތީ ވެސް އަދި އެނބުރި ވަޑައިގަންނަވާނީ ވެސް މާތްރަސްކަލާނގެ ޙަޟްރަތަށް ކަން އެނގިވަޑައިގެން ވެއެވެ. އަދި ބައްޕާފުޅު ވަނީ ހުރިހާ ކަމެއްގެ ބާރާއި ހުއްދަ އެކަލޭގެފާނަށް ދެއްވާފައިކަން ވެސް އެކަލޭގެފާނަށް އެނގިވަޑައިގެން ވެއެވެ. 4އީސާގެފާނު ފަރީއްކުޅުއްވުމުގެ ތެރޭގައި ތެދުވެ ވަޑައިގެން އެކަލޭގެފާނު ރިދާކޮޅު ބާލުއްވައި އެތާ އޮތް ތުވާއްޔެއް ނަންގަވައި އުނަގަނޑުގައި ބަނދެލެއްވިއެވެ. 5ދެން ބޮޑު ލޯތައްޓަކަށް ފެން އަޅުއްވައިގެން އެކަލޭގެފާނުގެ އަސްޙާބީންގެ ފައިތިލަ ދޮވެދެއްވަން ފެއްޓެވިއެވެ. އަދި އެކަލޭގެފާނުގެ އެ ތުވާލިން އެމީހުންގެ ފައި ހިއްކަވައި ދެއްވިއެވެ.#13:5 އަސްޙާބީންދެކެ އީސާގެފާނު ލޯބިފުޅުވާ ބޮޑުކަން ދެއްކެވުމަށް އެކަލޭގެފާނު އެބޭކަލުންގެ ފައިތިލަ ދޮވެ ދެއްވާފައިވެއެވެ. އެއަކީ އެބޭކަލުންގެ ހިތްހަލާލު ހޯއްދެވުމަށް ކުރެއްވި ކަންތަކެއް ނޫންމެއެވެ.
6އަސްޙާބީއެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފައި ދޮވެދެއްވުމަށް އީސާގެފާނު އުޅުއްވި ހިނދު އޭނާ ދެންނެވިއެވެ. ”މާތް ސާހިބާ، ކަލޭގެފާނު އަޅުގަނޑުގެ ފައި ދޮވެ ދެއްވަންވީ ކީއްވެތޯ؟“#13:6 އެހެނީ އަނެކެއްގެ ފައި ދޮވެ ހެދުމަކީ އަޅުން ކޮށް އުޅޭ ކަމެކެވެ.
7އީސާގެފާނު ވިދާޅުވިއެވެ. ”މިހާރު ކަލެއަށް އަހަރެން މިކުރާ ކަމެއްގެ މާނަ ނުވިސްނުނަސް އެކަން ކަލެއަށް ވެސް ވިސްނޭނެ ދުވަހެއް އަންނާނެ.“ 8ޕަތަރަސް ދެންނެވިއެވެ. ”ނޫން. ސާހިބާ އެއްގޮތަކަށް ވެސް ކަލޭގެފާނު އަޅުގަނޑުގެ ފައިދޮވެ ދެއްވައިގެން ނުވާނެ.“
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން ކަލޭގެ ފައި ނުދޮވެފި ނަމަ ކަލޭ ތިޔައީ އަހަރެންގެ މީހަކަށް ނުވާނެ.“
9ދެން ޝަމްއޫނު ޕަތަރަސް ދެންނެވިއެވެ. ”ސާހިބާ އެހެން ވިއްޔާ އަޅުގަނޑުގެ ފައި އެކައްޏެއް ނޫން އަޅުގަނޑުގެ އަތްތިލައާއި ބޯ ވެސް ދޮވެދެއްވާ.“
10އީސާގެފާނު ވިދާޅުވިއެވެ. ”ރަނގަޅަށް ފެންވަރައިގެން ހުރި މީހަކު ސާފުވުމަށް ފައިތިލަ ފިޔަވާ އެހެން ތަނެއް ދޮންނާކަށް ނުޖެހޭ. ކަލޭމެން ތިޔަވަނީ އެފަދައިން ސާފުވެފައި. ނަމަވެސް ކަލޭމެން އެންމެން ވަނީ އެފަދައަކުންނެއް ނޫން.“ 11އީސާގެފާނަށް އެކަލޭގެފާނަށް ޚިޔާނާތްތެރި ވާނެ މީހާއަކީ ކާކުކަން އެނގިވަޑައިގަންނަވައެވެ. އެކަލޭގެފާނު ”ކަލޭމެން އެންމެން ވަނީ އެފަދައަކުން ނޫނޭ“ ވިދާޅުވީ އެހެން ވެގެންނެވެ.
12އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ފައި ދޮންނަވައި ނިމިވަޑައިގަތުމަށް ފަހު ރިދާކޮޅު އަޅުއްވައިގެން އަނެއްކާވެސް އިށީނދެ ވަޑައިގަތެވެ. އަދި އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”އަހަރެން މިކުރި ކަންތަކުގެ މާނަ ކަލޭމެންނަށް އެނގިއްޖެތަ؟ 13ކަލޭމެން އަހަރެންނަށް މާތް ސާހިބާއޭ އެދުރުކަލޭގެފާނުއޭ ބުނެ މުޚާތަބު ކުރޭ. ކަލޭމެން އަހަރެންނަށް އެފަދައިން މުޚާތަބު ކުރިޔަސް އެންމެ ރަނގަޅު، އެއީ ތެދެއްމެ. 14ވީއިރު ކަލޭމެންގެ މާތް ސާހިބާ، އަދި އެދުރުކަލޭގެފާނު ކަލޭމެންގެ ފައި ދޮވެދީ ހަދާއިރު، ކަލޭމެން ވެސް އެކަކު އަނެކަކާ ދޭތެރޭ އެފަދައިން ކަންތައް ކުރަން ޖެހޭނެ. 15އަހަރެން ކަލޭމެންނަށް މިސާލު ދައްކައިފިން. ވީއިރު ކަލޭމެން ވެސް އަހަރެން ދެއްކި ގޮތަށް ކަންތައް ކުރޭ. 16ބުނަންތަ؟ ނޯކަރަކު އެމީހާގެ ވެރިމީހާއަށް ވުރެ މަތިވެރިއެއް ނުވާނެ. އަދި ޚަބަރު ހިފައިގެން އަންނަ މީހާ އެ ޚަބަރު ދީފައި ފޮނުވި މީހާއަށް ވުރެ މަތިވެރިއެއް ވެސް ނުވާނެ. 17ކަލޭމެންނަށް މިހާރު މިކަންތައްތައް އެނގިއްޖެ. ވީއިރު އެފަދައިން ކަންތައްކުރޭ. އޭރުން މާތްރަސްކަލާނގެ ކަލޭމެންނަށް ރަޙުމަތް ލައްވާނެ.“
އީސާގެފާނު އެކަލޭގެފާނަށް އަސްޙާބީއަކު ޚިޔާނާތްތެރި ވާނެ ކަމުގައި ވިދާޅުވި
18”އަހަރެން މި ބަސްތައް މިބުނަނީ ކަލޭމެން އެންމެންނާ ބެހޭގޮތަކުންނެއް ނޫން. ކަލޭމެން އެންމެންނަކީ ވެސް ހަމަ އަހަރެން އަމިއްލައަށް ހޮވި މީހުން. އަހަރެން ކަލޭމެން ރަނގަޅަށް ދަންނަން. ނަމަވެސް ބާވައިލެއްވިގެންވީ ފޮތުގައިވާ ފަދައިން ކަންތައް ވާނެ. އެއީ ލިޔެވިގެންވޭ. ’އަހަރެންނާއި އެކުގައި ކާން އިން މީހާ އަހަރެންނާއި އިދިކޮޅު ވެއްޖެއޭ.‘#13:18 މިހެން ކަންތައް ވާނެކަމަށް އޭގެ ގާތްގަނޑަކަށް 1,000 އަހަރު ކުރީގައި ދާއޫދުގެފާނުގެ ޒަބޫރުގެ 41:9 ގައި ވަނީ ވިދާޅުވެފައެވެ. އެލިޔެވިގެންވީ ފަދައިން ކަންތައް ވެ ނިމޭނެ. 19އަހަރެން ކުރީބައިގައި މި ވާހަކަތައް މިކިޔާދެނީ އޭރުން އެކަން އެ ގޮތަށް ވުމުން އަހަރެން މިއީ ކާކުކަމާއި މެދު އަހަރެން ބުނިބަސްތައް ކަލޭމެންނަށް އެނގި އެކަން ރަނގަޅަށް ގަބޫލު ކުރެވޭނެ. 20ޔަޤީނުން ވެސް އަހަރެންގެ ފަރާތުން ޚަބަރު ހިފައިގެން އައި މީހާއަށް މަރުޙަބާ ކިޔައިފި ކޮންމެ މީހަކީ އަހަރެންނަށް މަރުޙަބާ ކީ މީހެއް. އަދި އަހަރެންނަށް މަރުޙަބާކީ ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތަށް މަރުޙަބާކީ މީހެއް.“
21އީސާގެފާނު ވަރަށްބޮޑު ހިތާމަފުޅެއް ލިބިވަޑައިގެން ދެރަފުޅު ވެފައި ހުންނަވާ ހާލުކޮޅުގައި އެމީހުންނަށް މިފަދައިން އެންގެވިއެވެ. ”އަހަރެން ތެދަށް ބުނަންތަ؟ ކަލޭމެންގެ ތެރެއިން އެކަކު އަހަރެންނާއި ދެކޮޅުވެރިވެ ޚިޔާނާތްތެރިވާނެ.“
22އެކަލޭގެފާނު މި ވިދާޅުވި ބަސްފުޅު އިވުމުން އެއީ ކާކު ބާ އޭ ހީކޮށް އެމީހުން އެކަކު އަނެކަކާއި ދިމާލަށް ބަލަން ތިބެވުނެވެ. 23އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން އީސާގެފާނު ޚާއްސަކޮށް ލޯބިފުޅުވާ އަސްޙާބީ އެކަލޭގެފާނާއި ވަރަށް ކާރީގައި އިނެވެ.#13:23 މިއަސްޙާބީ އަކީ ޔޫޙަންނާ ކަމަށް ވުމަކީ ވަރަށް ގާތްކަމެކެވެ. 24ޝަމްއޫނު ޕަތަރަސް އެ އަސްޙާބީއަށް އިޝާރާތް ކޮށް، އެފަދަ ނުބައިކަމެއް، އެކަލޭގެފާނަށް ކުރާނީ ކާކުތޯ އެކަލޭގެފާނުގެ ކުރެން އަހައި އޮޅުންފިލުވުމަށް ބުންޏެވެ.
25ދެން އެ އަސްޙާބީ އީސާގެފާނުގެ ކަންފަތްޕުޅު ދޮށަށް ގުދުވެ ދެންނެވިއެވެ. ”މާތް ސާހިބާ، ތިޔަފަދަ ކަމެއް ކުރާނީ ކާކުތޯ؟“
26އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން މި ބޯ ރޮށިކޮޅު ރިހައިގައި ޖައްސާފައި މި ދެނީ އެމީހާއަށް.“ ދެން އީސާގެފާނު ބޯރޮށިކޮޅެއް ރިހައިގައި ޖައްސަވާފައި ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސްއަށް ދެއްވިއެވެ. 27ހަމަ އެވަގުތު ޝައިތާނާ ޔުދާސްގެ މައްޗަށް ވެރިވިއެވެ. އީސާގެފާނު ވިދާޅުވިއެވެ. ”ޔުދާސް ކަލޭ ކުރަން ތިޔަ އުޅޭ ކަންތައް ކުރަން އަވަހަށް ދޭ.“
28އެތާނގައި އީސާގެފާނާއި އެކު ކެއުމުގައި ބައިވެރިވެ ތިބި އެކަކަށް ވެސް އެކަލޭގެފާނުގެ މިބަސްފުޅުގެ މާނައެއް ނުވިސްނުނެވެ. 29އެއްބަޔަކު ހީކުރީ ޔުދާސް އަކީ ފައިސާގެ ކަންތައްތަކާއި ހަވާލުވެގެން ހުންނަ މީހާ ކަމުން އެ ޢީދުގެ ކަންތައްތަކަށް ބޭނުންވާ އެއްޗެއް ގަތުމަށް އޭނާ ގާތު އީސާގެފާނު ވިދާޅުވީ ކަމުގައެވެ. އަދި އަނެއް ބަޔަކު ހީކުރީ އީސާގެފާނު ޔުދާސް ގާތު ފަގީރުންނަށް ކޮންމެވެސް ވަރަކަށް ލާރިދިނުމަށް ވިދާޅުވީ ކަމުގައެވެ. 30ޔުދާސް އެ ބޯ ރޮށިކޮޅު ކާލުމާއި އެކު އެތަނުން ނިކުމެގެން ހިނގައްޖެއެވެ. އޭރު ވަނީ ރޭގަނޑުވެ އަނދިރިވެފައެވެ.
ޕަތަރަސް އެކަލޭގެފާނު ނުދަންނަ ކަމަށް ހަދާނެ ކަމުގައި އީސާގެފާނު ވިދާޅުވި
31ޔުދާސް ހަމަ ދިއުމާއިއެކު އީސާގެފާނު ވިދާޅުވިއެވެ. ”މިހާރު އިންސާނާގެ ދަރިކަލުންނަށް ޖަލާލަތުކަން ލިބުމުގެ ވަގުތު ޖެހިއްޖެ. އަދި އިންސާނާގެ ދަރިކަލުންގެ ސަބަބުން މާތްރަސްކަލާނގެ ޖަލާލުވަންތަކަން މަތިވެރިވާނެ. 32އަދި ދަރިކަލުންގެ ސަބަބުން މާތްރަސްކަލާނގެ ނަންފުޅު މަތިވެރިވެ ޖަލާލުވަންތަ ވެގެންދާނެތީ ދާދި އަވަހަށް އެކަލާނގެ އެ ދަރިކަލުންނަށް ޖަލާލުވަންތަ ކަމުގެ މަތިވެރިކަން ދެއްވާފާނެ.
33ހަމަ އަހަރެން ބަނީއިސްރާއީލުގެ ވެރިންނަށް ބުނާ ފަދައިން ކަލޭމެންނަށް ވެސް ބުނަން، މަގޭ ދަރިންނޭ! އަހަރެން ދެން މާކަ ގިނަވަގުތަކު ކަލޭމެންނާއި އެއްކަކު ނުވާނެ. ކަލޭމެން އަހަރެން ހޯދާނެ ވެސްމެ. އެކަމަކު އަހަންނެއް ނުފެންނާނެ އަދި އަހަރެން މި ދާތަނަކަށް ކަލޭމެންނަކަށް ނުވެސް އާދެވޭނެ. 34ނަމަވެސް އަހަރެން ކަލޭމެންނަށް އާ އަމުރެއް ކުރަން. އެ އަމުރަކީ ކަލޭމެން އެކަކު އަނެކަކު ދެކެ ލޯބިވޭ. ހަމަ އަހަރެން ކަލޭމެން ދެކެ ލޯބިވީ ފަދައިން ކަލޭމެން ވެސް އެކަކު އަނެކަކު ދެކެ ލޯބިވާތި. 35ކަލޭމެން އެކަކު އަނެކަކު ދެކެ ލޯބިވަނީ ނަމަ ކަލޭމެން ތިޔައީ އަހަރެންގެ އަސްޙާބީން ކަން އެންމެންނަށް ވެސް އެނގި ހާމަ ވާނެ.“
36ޝަމްއޫނު ޕަތަރަސް ސުވާލު ކުރެއްވިއެވެ. ”މާތް ސާހިބާ، ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ ކޮންތާނކަށްތޯ؟“
ޖަވާބުގައި އީސާގެފާނު ވިދާޅުވިއެވެ. ”މިހާރަކު ކަލެއަކަށް އަހަރެންނާއި އެކު އެތާނކަށް ނާދެވޭނެ. ނަމަވެސް ފަހުން ކަލޭ އަންނާނެ.“
37ޕަތަރަސް ދެންނެވިއެވެ. ”މާތް ސާހިބާ! މިހާރު އަޅުގަނޑަށް ކަލޭގެފާނާއި އެކު ނުދެވެން ވީ ކީއްވެތޯ؟ އަޅުގަނޑު މިހިރީ ކަލޭގެފާނަށްޓަކައި މަރުވުމަށް ވެސް ތައްޔާރަށް.“
38އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭ އަހަރެންނަށްޓަކައި މަރުވަން ވެސް ތިހިރީ ތައްޔާރަށް ކަން ހަމަ ޔަޤީންތަ؟ އަހަރެން ބުނަންތަ؟ މިރޭ ފަތިހު ހާ ގޮވުމުގެ ކުރިން ތިން ފަހަރު މަތިން އަހަރެން މިއީ ކަލޭ ދަންނަވެސް މީހެއް ނޫން ކަމުގައި ކަލޭ ބުނާނެ.“
Pašlaik izvēlēts:
ޔޫޙަންނާ 13: ކމ
Izceltais
Dalīties
Kopēt
Vai vēlies, lai tevis izceltie teksti tiktu saglabāti visās tavās ierīcēs? Reģistrējieties vai pierakstieties
© (Active), Wycliffe Bible Translators, Inc. All rights reserved.